ޚިޔާލު / ދީން

އީމާންކަން ވަރުގަދަ ކޮށްގެން ދިރިއުޅުމުގައި އުންމީދުތައް އާލާ ކުރުން

އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ. އީމާންތެރިކަން ވަރުގަދަ ކުރުމަށްޓަކައި ނަމާދާއި ކެތްތެރިކަމުން ވާގިވެރިކަން ހޯދުން މުހިންމު. -- ފޮޓޯ: ހުސެން ޝަޔާހް/މިހާރު

ޑރ. ސަޢުދުﷲ ޢަލީ

09 ފެބުރުއަރީ 2017 - 06:29

2 comments

އިންސާނާގެ ދިރިއުޅުމުގައި ހަމަޖެހުމާއި އަމާންކަން ލިބި ދިރިއުޅުން ބާއްޖަވެރި ކުރުމަށްޓަކައި އުންމީދަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެނީ އުންމީދަކީ މީހާގެ ކަންނެއްކަން ފިލުވާލައި ހީވާގިކަމާ އެކު މަސައްކަތް ކުރަން ލިބޭ ބާރެކެވެ. ނާކާމިޔާބުވުމުގެ ފިކުރުތައް ސިކުނޑިން ދުރުކޮށް ނަފްސަށް ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ.

މިކަން މިހެން އޮތް ނަމަވެސް ބައެއް މީހުން ދިރިއުޅުމުގައި މާޔޫސްވެ މި އިހުސާސްތަކުން ދުރުހެލިވާން އުނދަގޫވެ އެވެ. މިފަދަ މީހުންނަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ އީމާންކަން ވަރުގަދަ ކުރުމެވެ. ސަބަބަކީ އީމާންކަން ވަރުގަދަ ވެއްޖެ ނަމަ މާޔޫސްކަން ދުރުކޮށްދީ އުއްމީދުތައް އުފަންކޮށް އާލާކޮށްދޭތީ އެވެ.

މާޔޫސްވުމަކީ އިސްލާމްދީން އެކަމަށް ނަފުރަތު ކުރާ ކަމެކެވެ. ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި މާތްﷲގެ ރަހުމަތާ މެދު މާޔޫސް ވަނީ މަގު ގެއްލިފައިވާ މީހުންނެވެ. އަދި ﷲގެ ރަހުމަތުން އުންމީދު ކަނޑާލާ މީހުންނަކީ ކާފިރުވީ މީހުންނެވެ (ޔޫސުފް 87). ދިރިއުޅުމުގެ ހަޔާތުގައި ދިމާވާ ބޮޑެތި މުސީބާތްތަކުގެ ވަގުތުތަކުގައި މާޔޫސްވާ މީހުންގެ އެ އަމަލު ކީރިތިޤުރުއާނުގައި ކުށްވެރި ކުރެއެވެ. ވީމާ އީމާންކަން ފުރިހަމަކުރަން ބޭނުންނަމަ އަދި ތެދުމަގުގައި ހުންނަން ބޭނުންނަމަ ނުވަތަ ޝައްކު ބަލީގެ ސަބަބުން ދިރިއުޅުމުގެ ހަޔާތަކީ ކަޅު އަނދިރި ޖަންގައްޔެއް ކަމުގައި ދެކެން ބޭނުން ނުވާނަމަ މާޔޫސްވުމުން ދުރުހެލިވާން ޖެހެ އެވެ.

މާޔޫސްވުމަކީ އީމާންކަން އުނިކުރާ ކަމެއް ކަމުގައިވާ ހިނދު އަނެއްކޮޅުން އީމާންކަމަކީ އުންމީދު އުފަންކޮށް އާލާކުރުވާ ކަމެކެވެ. މިކަން މިހެން ވަނީ އީމާންވާ މީހަކު ގަބޫލުކުރާ ގޮތުގައި މިކައުނުގައި ހިނގާ ހުރިހާ ކަމެއް ތަދުބީރު ކުރައްވަނީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ މާތްﷲ އެވެ. އެކަލާނގެ އެއްވެސް ކަމަކަށް ނުކުޅެދުންތެރިވެވޮޑިގެން ނުވެ އެވެ. އެކަލާނގެ ރަހުމަތަކީ އޭގެ މިންވަރެއް ނެތް ރަހުމަތެކެވެ.

މި ގޮތުން ދަތި ހާލުގައި ޖެހިފައިވާ މީހުންގެ ދައުވަތު އިޖާބަ ކުރައްވައި ނުބައި ކަންކަމުން އިންސާނާ މިންޖު ކުރައްވަނީ އެކަލާނގެ އެވެ. ފާފަ ފުއްސަވައި ތައުބާ ގަބޫލު ކުރައްވަނީ އެކަލާނގެ އެވެ. އެއްޗެއް ގެއްލިފައިވާ މީހަކަށް އެއެތި ފެނުމުން ލިބޭ އުފަލަށް ވުރެ ކުށްކުރާ މީހަކު ތައުބާވުމުން އެކަލާނގެ އުފާވެވޮޑިގަންނަވާ މިންވަރު ބޮޑެވެ.

އިންސާނާ ކުރާ ކޮންމެ ހެޔޮކަމަކަށް ދިހައަކުން ފެށިގެން ހަތް ސަތޭކަ ގުނައާ ހަމައަށް އެކަލާނގެ ޖަޒާ ދެއްވަ އެވެ. އެކަމަކު ނުބައި ކަމަކަށް އެކަމެއްގެ މިންވަރުން މެނުވީ ޖަޒާ ނުދެއްވަ އެވެ. އަދި ކިއެއްތަ އެއްގޮތަކަށް ވެސް ޖަޒާ ނުދެއްވައި އަފޫ ކުރައްވަ އެވެ. އިންސާނަކު އެކަލާނގެއާ ގާތްވާން މަސައްކަތް ކުރާނަމަ އިންސާނާ ގާތްވާ މިންވަރަށް ވުރެ ބޮޑަށް އެކަލާނގެ އިންސާނާއާ ކުއްތަންވެ ވޮޑިގަންނަވަ އެވެ.

މިހުރިހާ ކަމެއް މިހެން އޮތް ނަމަވެސް އެކަލާނގެއީ މީސްތަކުންގެ މެދުގައި ދުވަސްތައް ބަދަލުކުރައްވަމުން ގެންދަވާ ކަލާނގެ އެވެ. މިގޮތުން ބިރުވެރިކަމަށް ފަހު އަމާންކަން މެދުވެރި ކުރައްވަ އެވެ. ނިކަމެތިކަމަށް ފަހު ބާރުވެރި ކުރައްވަ އެވެ. ދަތިކަމަށް ފަހު ފަސޭހަކުރައްވަ އެވެ. ކަންބޮޑުވުމަށް ފަހު ހިތްހަމަޖެހުން މެދުވެރި ކުރައްވަ އެވެ. މުސީބާތަށް ފަހު ސަލާމަތްކަން ދެއްވަ އެވެ.

މިއީ ކައުނުގައިވާ އިލާހީ ގާނޫނެވެ. މީގެ ބޭނުމަކީ އިންސާނުން މި ދުނިޔޭގައި އަދާކުރަން ޖެހޭ ދައުރު އަދާކުރާ މިންވަރު އިމްތިހާނު ކުރުމެވެ. މި ހަގީގަތްތައް ދަންނަ މުއުމިނަކު ދިރިއުޅޭނީ އަބަދުވެސް އުންމީދާ އެކުއެވެ. ހަޔާތާ ކުރިމަތިލާނީ ހިނިތުންވެފައިވާ މޫނަކައިގެންނެވެ. ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކަށް ކުރިމަތިލާނީ ކެތްތެރިކަމާއެކު އެވެ.

މިފަދަ މީހަކު ﷲގެ މަގުގައި ޖިހާދު ކުރާނީ ނަސްރު ލިބޭނެކަމުގެ އުއްމީދާ އެކު އެވެ. ސަބަބަކީ ގަދަވާނެ ބަޔަކީ މާތްﷲގެ ލަޝްކަރުގެ މީހުންކަން އޭނާ ގަބޫލުކުރާތީ އެވެ. މިފަދަ މީހަކު ބަލިވެއްޖެ ނަމަ ފަރުވާ ކުރާނީ އާފިޔަތު ލިބޭނެކަމުގެ އުއްމީދު އޮވެގެންނެވެ. އެހެނީ ބަލިވާ ހިނދު ޝިފާ ދެއްވާ ފަރާތަކީ ﷲކަން އޭނާ އަށް ކަށަވަރުވާތީ އެވެ.

ކުށެއް ކުރެއްވިއްޖެ ނަމަ ﷲއަށް ރުޖޫއަވެ ތައުބާވާނީ ތައުބާ ގަބޫލު ކުރެވި ފާފަ ފުއްސެވުމަށް އުއްމީދުކުރާ ހާލު އެވެ. ސަބަބަކީ ކުށްކުރުމުގައި އިސްރާފުގެ ދަރަޖަ އަށް ދިޔަސް ﷲގެ ރަހުމަތުން އުންމީދު ކަނޑާލައިގެން ނުވާނެ ކަމާއި ﷲއީ ހުރިހާ ފާފައެއް ފުއްސަވާ އޯގާވަންތަ ރަސްކަލާނގެކަން އޭނާއަށް ޔަގީންވާތީ އެވެ.

މިފަދަ މީހަކު ދިރިއުޅުމުގައި ދަތިކަމަކާ ކުރިމަތި ލައިފި ނަމަ ފަސޭހަކަން އަދި އަންނާނެކަމާ މެދު ޝައްކެއް ނުކުރާނެ އެވެ. އެހެނީ އުނދަގޫ ކަމާ އެކު ފަސޭހަކަން ވާނެކަން އޭނާ އަށް ކަށަވަރުވާތީ އެވެ. މުސީބާތެއް ނުވަތަ ކާރިސާއެއް މެދުވެރިވެއްޖެ ނަމަ އޭނާގެ އުންމީދަކަށް ވާނީ އޭގެ ސަބަބުން ހެޔޮ ދަރުމައެއް ލިބުން ނުވަތަ އޭގެ ފަހުގައި އެއަށްވުރެ ހެޔޮ އެހެން ގޮތެއް ވުމެވެ.

އެހެނީ މުސީބާތެއް ކުރިމަތިވާ ހިނދު "ހަމަކަށަވަރުން ތިމަންމެންނީ ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ އެކަލާނގެ ހަޟްރަތަށް އެނބުރިދާނޭ ބައެކޭ" ބުނާ މީހުންނަށް ﷲގެ ހަޟްރަތުން ފާފަފުއްސެވުމާއި ރަހުމަތް ލިބޭނެކަމާއި އަދި ތެދުމަގު ލިބިގެންވާ ބަޔަކީ އެފަދަ މީހުންކަން އޭނާއަށް ޔަގީން ވާތީ އެވެ.

މީހަކާ ނުވަތަ ބަޔަކާ މެދު ނުރުހުންވެ ދެކޮޅުވެރި ވެއްޖެނަމަ އެ ދެމެދު ސުލްހަވާނެ ކަމުގެ އުންމީދު އޭނާ ކުރާނެ އެވެ. އެހެނީ ހިތްތައް ބަދަލު ކުރައްވައި އަދާވާތްތެރިކަން ލޯތްބަށް ހައްދަވާ ކަލާނގެއަކީ ﷲ ކަން އޭނާއަށް ޝައްކެއް ނެތި އެނގޭތީ އެވެ.

އަދި މިފަދަ މީހަކަށް އަނިޔާއެއް ލިބޭނަމަ ނުވަތަ ހައްގުގެ މައްޗަށް ބާތިލު ގަދަވެފައިވާ ނަމަ މިކަމުންވެސް މިންޖުވެ ހައްގަށް ނަސްރު ލިބޭނެ ކަމުގެ އުންމީދު އޮންނާނެ އެވެ. އެހެނީ ބާތިލުގެ މައްޗަށް މާތްﷲ ހައްގު ފޮނުއްވައި އެބާތިލު ހަލާކުކޮށް ނައްތާލާ ކަމާއި، ފޮނު ނުވަތަ ދަގުއި ފަދައިން ބާތިލު ވެސް ނެތިގެންދާނެ ކަން އޭނާ ދަންނާތީ އެވެ.

މިފަދަ މީހަކު މުސްކުޅިވެ ގައިބާރު ނެތި އިސްތަށިތައް ނުރަ އަށް ވިއަސް ދެން އޮތް ހަޔާތުގައި މުސްކުޅިވުމެއް ނެތް ޒުވާން ކަމުގައި ދެމިހުރުގެ އުއްމީދު ކުރާނެ އެވެ. އެހެނީ ނިއުމަތްތަކުން ފުރިގެންވާ އަރާމާއި އުފަލުގައި އަބަދަށް ދެމި ތިބެވޭނެ ސުވަރުގެތައް ވާކަމުގެ ވައުދު މާތްﷲ ކުރައްވާފައިވާ ކަމާއި، އެކަލާނގެ ވައުދަކީ ޝައްކެއްނެތް ކަމެއްކަން އޭނާއަށް ޔަގީންވާތީ އެވެ.

އަދި މިފަދަ މީހާއަށް ދަތިކަމެއް މެދުވެރިވިއަސް އެއިން ސަލާމަތްވާން ﷲގެ ހަޒްރަތުން އުންމީދާ އެކު އެދޭނެ އެވެ. ހާސްކަމާއި ކަންބޮޑުވުމެއް ދިމާވިއަސް ކެތްތެރިކަމާއި ރުހުން މިންވަރު ކުރެއްވުމަށް އުންމީދާއެކު އެދޭނެ އެވެ. ދަރިން ނުލިބޭ ގޮތް މެދުވެރިވިއަސް އެކަމުން ސަލާމަތްވާން އެދި އިބްރާހީމްގެފާނާއި، ޒަކަރިއްޔާގެފާނު ފަދައިން ވަރުގަދަ އުންމީދުގެ މަތީ ހުރެ ދުޢާ ކުރާނެ އެވެ.

ތިމާ ލޯބިވާ މީހަކު ނުވަތަ އެއްޗެއް ގެއްލިގެން ދިޔަސް އެނބުރި އެލިބޭނެ ކަމުގެ އުންމީދުގައި، ޔަޢުޤޫބުގެފާނު ފަދައިން، ދުޢާ ކުރާނެ އެވެ. ކުރެވުނު ކުށެއްގެ ސަބަބުން މުސީބާތަކާ ކުރިމަތި ވިއަސް، ޔޫނުސްގެފާނު ފަދައިން، އުއްމީދާ އެކު ﷲއަށް ތަސްބީޙަ ކިޔައި އިސްތިޣުފާރު ކުރާނެ އެވެ. އަދުއްވުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތަކުގައި އުދަރެސްތައް އެކީ ބެދުނަސް، މޫސާގެފާނު ވިދާޅުވި ފަދައިން އަދި އޭގެފަހުން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވިދާޅުވި ފަދައިން، އުއްމީދާ އެކު އޭނާވެސް ބުނާނީ ތިމަންނާއާ އެކު ﷲވޮޑިގެންވާ ކަމަށެވެ.

ވީމާ ދިރިއުޅުމުގެ ހަޔާތުގައި ނާއުންމީދުވެ މާޔޫސް ވުމުގެ ފުރުސަތު އަންނަ ކޮންމެ ހާލަތެއްގައި މުސްލިމަކު ނަމަ އުންމީދުތައް އާލާވާން ޖެހޭނެ އެވެ. ސަބަބަކީ އޭނާގެ އީމާންތެރި ކަމުގެ ތެރެއިން ގަބޫލު ކުރަން ޖެހޭ އެތައް ކަމެއް އެއީ އިސްވެ ބަޔާން ކުރި ފަދައިން އުންމީދު އާލާ ކުރުވާ ކަންކަމަށް ވާތީ އެވެ. އަދި މި އުންމީދު އޮންނަހާ ހިނދަކު ދިރިއުޅުމުގައި ގަދައަޅައި މަސައްކަތް ކުރަން ހިތްވަރު ލިބޭތީ އެވެ. މިގޮތަށް އުންމީދު އާލާވެ ހިތްވަރު ލިބޭ ނަމަ ނަފްސަށް ހަމަޖެހުން ލިބޭނެއެވެ. އަދި ދިރިއުޅުމުގެ ހަޔާތް ބާއްޖަވެރި ވެސް ވާނެ އެވެ.

2 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙައްމަދު

09 February 2017

ޑރ ސައުދުގެ މިލިޔުމަށް ވަރަށް ބޮޑަށް ޝުކުރިއްްޔާ! އަޅުގަނޑަކީ ވެސް ވަރަށް ދަތި އުނދަގޫ ހިތްނުތަނަވަސް ދަނޑިވަޅެއް ގުނަމުންދާ މީހެއް...އަޅުގަނޑު މި މަސައްކަތް ކުރަނީ ވީވަރަކުން މި ލިޔުމުގައި ވާގޮތަށް ކަންތައްތައް ބައްޓަންކުރަން...މި ލިޔުން ކިޔާލިމަށްފަހު އުއްމީދު އާ ވެއްޖެ. ޔާ ﷲ، ވޭނާއި ހިތްދަތިކަން ތަހައްމަލް ކުރަމުންދާ އެންމެންނަށް ކެތްތެރިކަން ދެއްވާ އެންމެގެ ކަންތައްތއް ލުއި ފަސޭގަކޮށްދެއްވާ ދަތި އުނދަގޫ ހާލަތުން ނަޖާކުރައްްވާފާނދޭ އާމީން

The name is already taken The name is available. Register?

މަރީ

09 February 2017

މުހައްމަދު އަށް ދަންނަވާލަން އޮތީ ހުރިހާ ކަމެއްގައިވެސް ހަމައެކަނި ﷲ އަށް ބަރޯސާ ވާށެވެ. ހުރިހާ ކަމެއް އެކަލާނގެ އަށް ވަކީލު ކުރާށޭ. ސަބަބު ތަކުގައި ހިފުމާއެކު އެކަލާނގެ އަށް އަބަދުމެ ދުޢާ ދަންނަވާށޭ. ކަމެއް ދިމާވިއަސް މާބޮޑު ކަމެއްކަމުގައި ނުދެކި މިންވަރު ފުޅަށް އީމާންވެ، ސައުދުﷲ ގެ މިލިޔުމުގައިވާ ފަދައިން އީމާންކަން ވަރުގަދަ ކުރުން އެންމެ ރަގަޅީ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454