ޚިޔާލު

އޮޅުންބޮޅުން: ފަތުރުވެރިކަމުގެ ކުދި ވިޔަފާރި

ރާއްޖޭގެ ގެސްޓް ހައުސެއްގެ ކޮޓަރިއެއް: ކުދި އަދި މެންދު ފަންތީގެ ޓޫރިޒަމް ކުރިއެރުވޭނީ ބޮޑެތި މަހުޖަނުންނަށް ނުވަދެވޭ ގޮތަށް އޮވެގެން

އަހުމަދު އަބްދުﷲ

20 ފެބުރުއަރީ 2017

8 comments
happy icon 67%

ފަތުރުވެރިކަމުގެ ކުދި ވިޔަފާރިއޭ އަޅުގަނޑު މިދަންނަވަނީ ފަތުރުވެރިކަމުގެ ބޮޑު ޞިނާޢަތަށް ބަލާއިރު ނިސްބަތުން ކުދި ވިޔަފާރީގެ ވާހަކަ އެވެ. މިޒަމާނުގައި ފަތުރުވެރިކަމަށް ރަށެއް ތައްޔާރުކުރުމަށް ޚަރަދުކުރާ ނަމަ ޑޮލަރު މިލިއަނަރަކަށް ވާން ޖެހެ އެވެ. ނުވަތަ ޑޮލަރު މިލިއަނަރުން ފަހަތުގައި އެހީވެދޭން ތައްޔާރަށް ތިބެން ޖެހެ އެވެ. ބޭންކުގެ އެހީ ލިބެނީ ވެސް ވަކި ވަރަކަށް އަމިއްލައަށް ޚަރަދުކުރަން ތައްޔާރަށް ތިބި ބަޔަކަށެވެ. މިހެންވުމާ އެކު އާދައިގެ މީހަކަށް ނުވަތަ މެދު ފަންތީގެ ވިޔަފާރިވެރިއަކަށް ފަތުރުވެރިކަމުގެ ޞިނާޢަތުގެ ތެރެއަށް ވަނުމަކީ އުނދަގޫ ކަމެކެވެ. ނާމުމްކިންކަމެކޭ ދެންނެވުމަކީ ވެސް ޙަޤީޤަތާ ޚިލާފް ވާހަކައަކަށް ނުވާނެ އެވެ. މިހެންވުމާ އެކު ފަތުރުވެރިކަން ރާއްޖޭގައި ފެށިގެން އެކަމުގެ ފައިދާ ރައްޔިތުންނަށް ފެންނަން ފެށުމާ އެކު އެ ވިޔަފާރީގެ ތެރެއަށް ވަނުމަށް، ތަފާތު ގޮތްގޮތަށް އާދައިގެ ރައްޔިތުން މަސައްކަތްކުރި އެވެ. ގެސްޓްހައުސްގެ ވިޔަފާރިކޮށްގެންނާއި ޔޮޓް ދުއްވުމުގެ ވިޔަފާރީގެ ތެރެއަށް ވަދެގެންނެވެ.

ޔޮޓް ދުއްވުމުގެ ވިޔަފާރި ފަށައިގަތުމުގައި، އެންމެ ފުރަތަމަ ރާއްޖޭގައި ޔޮޓް ގެންގުޅެން، އެހެން ގޮތަކަށް ދަންނަވާ ނަމަ ދޯނިފަހަރުގައި ނުވަތަ އުޅަނދުގައި ފަތުރުވެރިންނަށް ނިދައި ކައިބޮއި ހެދޭނެ ގޮތަށް ވިޔަފާރި ފެށުނުއިރު، ހުއްދަ ދޫކުރެވުނީ ހަމައެކަނި ދިވެހިންނަށެވެ. ނަތީޖާއަކަށް ވީ ބައެއް ބިދޭސިން ދިވެހިންނާ ގުޅިގެން އެވިޔަފާރި ފެށުމެވެ. ޔޮޓްގައި ދަތުރުކުރަން ބޭނުންވާ ފަތުރުވެރިން ގިނަވުމާއި އެމީހުންގެ ބޭނުންތަކުގެ ފެންވަރު މަތިވުމާއި، އެމީހުންގެ ބޭނުންތައް ގިނަވުމުން ސަރުކާރުގެ ކަމާ ބެހޭ ފަރާތުން ނިންމީ ވަކި އަދަދަކަށް ވުރެ ބޮޑެތި އުޅަނދު ނުވަތަ ވަކި އަދަދަކަށް ވުރެ އެނދު ގިނަ އުޅަނދު ގެނައުމުގެ ހުއްދަ ބިދޭސީ އިންވެސްޓަރުންނަށް ދިނުމަށެވެ. އަދި ވަކިވަރަކަށް ވުރެ ކުދި އުޅަނދު ނުވަތަ އެނދުގެ އަދަދު މަދު އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ހަމައެކަނި ދިވެހިންނަށް ދިނުމަށެވެ. ދިވެހިންނަށް ހުއްދަ ދޭ ބާވަތުގެ އުޅަނދެއް ރާއްޖޭގައި ވިޔަފާރިއަށް ދުއްވާ ނަމަ އެއީ ބިދޭސީއެއްގެ އުޅަނދަކަށް ވިޔަސް ދިވެއްސެއްގެ ނަމުގައި ރަޖިސްޓްރީ ބަދަލުނުވާ ހިނދަކު ނުވަތަ ކުއްޔަށް ދިނުމުގެ ކަރުދާސްތައް ދިވެއްސެއްގެ ނަމުގައި ނެތްހާ ހިނދެއްގައި ޔޮޓް ވިޔަފާރީ ހިންގުމުގެ ހުއްދައެއް ނުލިބެ އެވެ.

މިޒަމާނުގައި ފަތުރުވެރިކަމުގެ ޞިނާޢަތް ފުޅާވެގެން ގޮސް ދުނިޔޭގެ މުއްސަނދިން ރާއްޖެއަށް ގެނައުމަށް އެތައް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްކުރަން ޖެހުމާ އެކު ފަތުރުވެރިކަމުގެ ވިޔަފާރި މަޑުމަޑުން ދިވެހިންގެ އަތުން ބީވަމުން ގޮސް މައިގަނޑު ގޮތެއްގައި އިންވެސްޓްކުރުމާއި ހިންގުން ބިދޭސީންގެ އަތަށް ހިނގައްޖެ އެވެ. ފަތުރުވެރިކަމުގެ ކޭކުން ދިވެހިން ކާލަން ލިބެނީ ވަރަށް ކުޑަ އެތިކޮޅެކެވެ. ސަރުކާރުން ތަފާތު ނަން ނަމުގައި ނަގާ ގިނަ ޓެކްސްތައް އެކަހެރިކޮށްފަ އެވެ.

ހުޅުމާލޭ ފަޅުގައި އަޅާފައި ހުރި ބައެއް ސަފާރީ ޔޮޓްތައް. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ބިދޭސީން ރާއްޖޭގައި އިންވެސްޓްކުރުމަށް ފުރުޞަތު ދެވެންވާނީ ދިވެހިންނަށް ނުކުރެވޭ ބޮޑެތި އިންވެސްޓްމެންޓަށެވެ. ސަރުކާރުން ވެސް ދައްކަނީ ބިޔަ އިންވެސްޓުމަންޓުގެ ވާހަކަ އެވެ. އެހެންނަމަވެސް އަމަލީ ގޮތުން ބައެއް ކަންތައްތައް ތަންފީޒްކުރެވޭ އިރު ދިވެހިންނާ މެދު ވިސްނާފައި އޮންނަ ކަމަކަށް ނުދައްކަ އެވެ. އަޅުގަނޑު މިދަންނަވާ ވާހަކަ އޮޅުވާ ނުލައްވާށެވެ. އަޅުގަނޑު އެއްބަސްވަމެވެ. ސަރުކާރުން ފަޅު ފުންކޮށްދެއްވައިފި އެވެ. ޖެޓީ ހައްދަވައިދެއްވައިފި އެވެ. ކަރަންޓުގެ ކަންތައްތައް ރަނގަޅުކޮށްދެއްވަމުން އެބަ ގެންދަވަ އެވެ. ފެނުގެ މައްސަލަތައް ހައްލުކޮށްދޭން މަސައްކަތްތަކެއް އެބަ ކުރެވެ އެވެ. ހަމައެފަދައިން ކުނީގެ ކަންތައް ހަމަޖެހޭ އުޞޫލެއްގެ ދަށުން ހަމަޖައްސަން ފިޔަވަޅުތަކެއް އެޅެ އެވެ.

ކޮންމެ ތަނަކުން ފައިސާ ހޯދައިގެން ކަމުގައިވިޔަސް އެއީ ރައްޔިތުންނަށް މައްސަލައަކަށް ނުވެ އެވެ. މިނޫން ސަރުކާރެއް ދުވަހަކު ވެސް އަތުވެއްޖިއްޔާ ދަރަންޏާ ހުރެ އިނދަޖެހުނަސް އާދައިގެ މީހާ އަށް އެއީ މައްސަލައެއް ނޫނެވެ. އޭނާގެ އަސާސީ ބޭނުންތައް ނުވަތަ ލާޒިމީ ބޭނުންތައް ރަނގަޅުކުރުމަށް ޚަރަދު ކުރެވޭތީވެ އެވެ. ކޮންމެ ތަނަކުން ފައިސާ ނަގައިގެން ވެސް ރައްޔިތުންނަށް މި ޚިދުމަތްތައް ދެވޭތީވެ އެވެ. އެކަމަކު އަޅުގަނޑުގެ ނަޒަރުގައި މި ޚިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާ ކުރިއަސް މިއީ އިންތިޚާބުތަކުގައި ވޯޓު ހޯދަންކުރެވޭ އިންވެސްޓުމެންޓްތަކެކެވެ. މިހާރު މިއޮތީ ރުއްސަވާ މެންބަރުންގެ ސަރަހައްދުތަކަށް އެއާޕޯޓް ހެދުމުގެ ރޯގާ ވެސް ޖެހިފަ އެވެ. ފަނަރަ ވަރަކަށް ހާސް މީހުންގެ އާބާދީއަކަށް ދެ އެއާޕޯޓް، ވިއްސަކަށް ހާސް މީހުންގެ އާބާދީއަކަށް ތިން އެއާޕޯޓް، ހިންގައިގެން ދުވަހަކު ވެސް ފައިދާވާނެތޯ އެވެ؟ މި ބޭކާރު ޚަރަދުގެ ހޭދަ ހޯދާނީ ކޮން ތާކުންތޯ އެވެ؟ މީރާ އަށް އަޅުގަނޑުމެން ދައްކާ ޓެކްސް އިންތޯ އެވެ؟ ކަމާ ބެހޭ ބޭފުޅަކު މި ކޮލަމް ވިދާޅުވާ ކަމަށްވާ ނަމަ މީގެ ޖަވާބު ދެއްވަ ބައްލަވާށެވެ. ކަމާ ބެހޭ ބައެއް ބޭފުޅުން ބައެއް ފަހަރު މި ކޮލަމް ވިދާޅުވާކަން އަޅުގަނޑަށް މިހާރު ޔަޤީންވެއްޖެއެވެ. ބައެއް ފަހަރު މި ކޮލަމް ނޫހުން ނުފެންނާތީވެ އެވެ.

ދާދި ފަހުން ފަތުރުވެރިކަމުގެ ދާއިރާއިން ބިދޭސީ އިންވެސްޓަރުންނަށް ޔޮޓް އޮޕަރޭޓް ކުރުމުގައި ވަނީ ލުޔެއް ދީފަ އެވެ. ކުރިން ޤަވައިދު އޮންނަ ގޮތުން ބިދޭސީ ކުންފުންޏަކަށް ޔޮޓް އޮަޕަރޭޝަނެއް ރާއްޖޭގައި ރަޖިސްޓުރީ ކުރެވޭނީ މަދުވެގެން ވިހި ކޮޓަރިހުރުމާ އެކު ސާޅީސް އެނދު ހުރި ނަމަ އެވެ. މިހާރު ލުއި ދީފައިވަނީ ދިހަ ކޮޓަރިއާ އެކު ތިރީސް އެނދު ހުރުމަށެވެ. އަޅުގަނޑުގެ ސުވާލަކީ މި ގޮތަށް ލުއި ދެއްވީ ކީއްވެތޯ އެވެ؟ ވަކި ދިވެއްސަކަށް ބިދޭސީ އިންވެސްޓުމެންޓަކާ އެކު ކުރިއަށް ދިއުމުގެ ފުރުޞަތު ތަނަވަސްކޮށްދޭންވެގެންތޯ އެވެ؟ ހޯހޯ! އަޅުގަނޑު އެހެނެއް ނުދަންނަވަމެވެ. އަޅުގަނޑު ހަމައެކަނި ކޮއްލީ ސުވާލެކެވެ. މި ސަރުކާރުން އަބަދުވެސް ބުނަމުން އަންނަނީ ރާއްޖެއަށް ބޭރުން ބިޔަ އިންވެސްޓުމެންޓު ގެންނަ ވާހަކަ އެވެ. އަޅުގަނޑުމެން އެފަދަ އިންވެސްޓުމެންޓަށް މަރުޙަބާ ކިޔަމެވެ. އަޅުގަނޑުމެންގެ ޤައުމުގެ ބައެއް ވިއްކާނުލާ ކަމަށްވާ ނަމަ އެވެ. އަޅުގަނޑުމެންގެ ސަޔާދަތު ވިއްކާނުލާ ނަމަ އެވެ. އަޅުގަނޑުމެންގެ މިނިވަންކަން ވިއްކާނުލާ ނަމަ އެވެ. އަޅުގަނޑުމެން ޤަބޫލުކުރާ ދީނަށް ތަބަޢަވާ ބަޔަކަށް ވިޔަސް މިކަމަކަށް އެއްބަހެއް ނުވެވޭނެ އެވެ.

ގެސްޓުހައުސް ވިޔަފާރިއަކީ ކުޑަ ތަނަވަސްކަމެއްގައި އުޅޭ ދިވެހިން އަމިއްލަ ފައިސާއިން ތަރައްޤީކޮށްގެން ފުޅާކުރަމުން ގެންދިޔަ ވިޔަފާރިއެކެވެ. ފުރަތަމަކޮޅު ސަރުކާރުން ގެންގުޅުނު ސިޔާސަތަކީ ގަވައިދުގެ ތެރެއިން އެތަނުގެ ފެންވަރު ހިފެހެއްޓުމުގެ ސިޔާސަތެވެ. އަދި ފަތުރުވެރިން މަގުފުރައްދައިގެން ނާޖާއިޒް ފައިދާއެއް ނެގުނަ ނުދިނުމުގެ ސިޔާސަތެވެ. ގެސްޓުހައުސް ވިޔަފާރި ތަރައްޤީކުރުމުގެ ނަމުގައި މިހާރު ސަރުކާރުން ހަދާފައިވާ ޤާނޫނާއި ޤަވައިދުން އެ ވިޔަފާރި މިހާރު ދަނީ އެހެން ފައްތަރަކަށެވެ. އަނެއްކާވެސް ފައިސާ ހުރި ބޮޑެތި މުއްސަދިންނަށް ފުރުޞަތު ފުޅާކުރެވޭ ކަހަލަ ގޮތަކަށެވެ. ބިމުގެ އަގު ބޮޑުކަމުންނެވެ. އެ، ކުޑަކަމަށް ބެލެވޭ ވިޔަފާރިން ނެގޭ ޓެކްސްތައް ގިނަކަމުން އެތަންތަނުގެ އަގު ބޮޑުވެގެން ދާނެ އެވެ. ނަތީޖާއަކަށް ވާނީ ކުރިން ހޯދުނުހާ ފަސޭހައިން މާރުކޭޓު ނުލިބުމެވެ. ސަރުކާރުން މިކަހަލަ ވިޔަފާރިތައް ކަންޓުރޯލްކުރުމުގެ ސިޔާސަތު ދޫކޮށްލަންވީ އެވެ. ސަރުކާރުން ގެންގުޅެންވީ މަގު ދެއްކުމުގެ ސިޔާސަތެވެ. އާރުކާޓީއަކަށް ވުމުގެ ސިޔާސަތެވެ. ރައްކާތެރިކަން ހޯދައިދިނުމުގެ ސިޔާސަތެވެ. ޙިމާޔަތްކޮށްދިނުމުގެ ސިޔާސަތެވެ. މިކަހަލަ ކަންތައްތައް ހިނގާނީ ޑެމޮކްރަސީ އަށް މަގުދައްކައިދޭ، ޑެމޮކްރަސީ އަށް ތަބަޢަވާ ތަންތާގައި ކަމަށް އަޅުގަނޑު ވެސް އެއްބަސްވަމެވެ.

އަޅުގަނޑުމެން ވަނީ އަޅުގަނޑުމެންގެ ރާއްޖޭގެ ޑެމޮކްރަސީ ކަފުންކޮށްގެން ވަޅުލާފަ އެވެ. މުސްތަޤިއްލު މުއައްސަސާތަކުގެ މިނިވަންކަން ވެސް ވަނީ ކަފުންކޮށްގެން ވަޅުލާފަ އެވެ. މުސްތަޤިއްލު ޝަރުޢީ ދާއިރާގެ މިނިވަންކަން ކަފުންކޮށްގެން ވަޅުލެވޭކަށް ވެސް ނެތެވެ. ހިނަވައިދޭނެ މީހަކު ވެސް ނުވުމުންނެވެ. ޑެމޮކްރަސީގެ ޖަނާޒާގައި ބައިވެރިނުވެވުނަސް ފާތިޙާ ކިޔަވަފާނެކަމަށް ބެލެވޭ ބަޔަކު ވެސް އެބަ އުޅެ އެވެ. އެކަމަކު އެމީހުން ދިރިއުޅެނީ އިނގިރޭސި ވިލާތުގަ އެވެ. މިޒަމާނުގައި ފާތިޙާ ކިޔެވުން ޤަބޫލުކުރާނެކަމެއް ވެސް ނޭނގެ އެވެ.

8 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 5%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބޫ

21 February 2017

މިހާރު މިއޮތީ ކަމިޝަން ބޮޑުކޮސްދޭ ބަަޔަކަށް ނިންމާ ދުވަސްކޮޅެއް މަގޭ މެމްބަރަށް ބައިއެޅިފައި މަތިމަތިްނ ކަން ނިންމާލާ ދުވަސްވަރު މިގައުމެއް މިހަރު ނެތް އޮތީ ދަރަނި. ދަރިްނގެ ދަރިްނގެ ދަރިންގެ ދރީންނާއި ހަމައަށްވެސް އޮތީ ދަރަނި

The name is already taken The name is available. Register?

ތުލުސްދޫ އީސަ

20 February 2017

މިރަށުގައި ގެސްޓްހައުސް ވިޔަފާރި އުފެދިގެން ބިޔަވަމުން އަންނަނިކޮށް މިހާރު މިވަނީ މަރުބަލި ޖެހިފަ. ފާޑެއްގެ ސިޓީ ހޮޓަލެއްކަހަލަ ތަނެއްއަޅާފަ، މުވައްޒަފުންގެ 99% ބޭރު މީހުންނަށް ވަޒީފާދިނީ. އަނެއްކޮޅުން ރަށުގެ ތަރައްޤީއަށް ބައިރުފިޔާއެއްވެސް ދިއްކޮށްނުލާ. މިރަށުގައިވެސް އެބައުޅޭ ދިވެހިންގެ ގެސްޓްހައުސްތަކެއްކަމަށް ބޭރުފުށުން ދައްކައިގެންއުޅޭ ބިދޭސީ މީހުންގެ ގެސްޓްހައުސް. އޭގެން އެއްވެސް ތަނަކުން ދިވެއްސަކަށް ވަޒީފާއެއްވެސް ނުދޭ. މިއަށްވުރެ ހަރުދަނާ ގަވައިދުތަކެއް ހަދާ ތަންފީޒުކުރަން ސަރުކާރަށް ގޮވާލަން.

The name is already taken The name is available. Register?

އަސްލުވެސް

20 February 2017

ރިސޯޓް އޯނަރެއް ވިއްޔާ ބަލަނީ މުޅި ރިސޯޓްގެ ހުރިހާ ކަމެއް އަމިއްލައަށް ކުރަން. މިސާލަކަށް ބުނާނަމަ ސްވެނިއާ ޝޮޕް، ޑައިވިން، ވޯޓާ ސްޕޯޓްސް، ފޮޓޯ ޝޮޕް ފަދަ ތަންތަން ހިންގާނީ އަމިއްލައަށް ނުނީ ދެން ކޮންމެވެސް ބޭރު މީހަކަށް. ކީއްތަވާނީ ކުދި ވިޔަފާރިވެރިންނަށް އައުޓްސޯސް ކުރިއްޔާ ގައިމު މާރަނގަޅަށް ހިންގާނެ.

The name is already taken The name is available. Register?

ބައިލޮޖިސްޓް

20 February 2017

ރާއްޖޭގައި މިހާރު ހުރި އެންމެ ބޮޑު އިކޮނޮމިސްޓު އުޅެނީ މިރަށުގަ. އޭނައަކީ ބޯކޮށާ ތަނެއް ހިންގަމުން ފާނައިގެ މަސްވެރިކަން ކުރާ އިކޮނޮނިސްޓެއް. ސްކޫލުގަ ކިޔެވީވެސް ކޮމާސް. އިކޮނޮމިސްޓަކަށްވާން ޝަރުތު ހަމަކުރަން އިހައްދުވަހު އެއައީ ސިންގަޕޫރުގަ ޓުރާންސިޓު ވެސް ވެފަ.

The name is already taken The name is available. Register?

ތަކުރު

20 February 2017

ދިވެހިނގެ ސަގާފަތް ބަލައިގަންނަނީ ހުރިހާ ނުބައެއް އެނގި ތިބެ އަގައިން ނުބުނެ އޭގެ ނާޖާއިޒް ފައިދާ ނަގާމީހުން. ކްރިޓިކަލް ތިންކިންނާއި ކަންކަން ރަގަޅުކުރަން ފާޑުކިއުން ނުވަތަ ކަމެއް ނުބައި މަގުން ދާނަމަ އެއީ ނުބައެކޭ ބުނާ މީހުން ވަރަށް ގޯސްވާނެ. ކޯޓާއި ސޫޓުގައި މަޑުމަޑުން ތިބެ ނުބައި ހަދާ މީހުންނަށް ރަގަޅު ޤައުމެއް މީ. ނަމަވެސް ދެއްކުންތެރިކަމެއް ނެތި ތެދުވެރިކަމާއެކު ކަންކުރަން އުޅޭ މީހާއަކަށް އެކަންކުރަން ވަރަށް އުނދަގޫވާނެ.

The name is already taken The name is available. Register?

ވާގޮތް

20 February 2017

ދިވެހިން ބޭރު މީހުންނާއި ގުޅިގެން ސަަފާރީ ޔޮޓެއް ހަދައިފިނަމަ ބޭރު މީހާ އަށް ދެނީ ލަނޑެވެ. މަކަރާއި ހީލަތުން ބޭރު މީހާ ކަޓުވާލުމަށް ފަހުޔޮޓް އާއި ފައިސާ ގަނޑު އަމިއްލަ ކޮށްލަނީ އެވެ. ނޫނު އަތޮޅު ގެ ވަރަށް މަޝްހޫރު ރަށެެއް އެއީ މިކަމުގައި އެންމެ އަރާހުރި ބަޔަކީ. މިއަދު އެރަށުގެ މީހަކާއި ގުޅިގެން ޔޮޓެއް ބަނދެލާނެ ބޭރުގެ އިންވެސްޓަރަކު ވެސް ނުވެއެވެ. ކަން މިހެން ހުރުމުން ރާއްޖޭގައި ސަފާރީ ޔޮޓް ތަކުގެ ވިޔަފާރި ކުރަން ޑައިރެކްޓް ކޮށް ފޮރިންގް އިންވެސްޓަރުންނަށް ދިނުން އެއީ އެއްވެސް މައްސަލަ އެއް ނޫނެވެ.

The name is already taken The name is available. Register?

މުންކޮ

20 February 2017

މޮޅު އިކޮނޮމިސްޓް.. ކީތް ކުރާނީ...؟ ދެން ފަށާ އަވަހަށް "މަމެން ޕީންކީން ގެ ސަރުކާރޭ..." ހަތަރެކޭ ފަހެކޭ ކިޔާފަ.. މި އޮތީ މިޤައުމަށް ވެރިޔަކު އައިސްފަ. ކަމާ ބެހޭ މީހަކު ހެޔޮ މިޔަށް ރިޕްލައި ކުރިޔަސް ނުކުރިޔަސް.. ތީ ހަމަ ފެއިލްވެފަ އޮތް ކޮރަޕްޓު ސަރުކާރެއް..

The name is already taken The name is available. Register?

އުދުހޭ

20 February 2017

ވަޒީފާވެސް ދިވެހިންނަށް ދޭވާހަކަ ދައްކަނީ އެކަމަކު ރިސޯޓުގަކުގެ މެނޭޖްމަންޓްގައި ގިނަވާނީ ބިދޭސީން. ދެން އެމީހުންގެ ދަށަށްވެސް އެމީހުން ބޭނުންވާނީ ބިދޭސީން. އޭރުން އެމީހުންގެ ބާރު ރާއްޖޭގާ ގަދަވާނީ. ދެން ޓްރީޓޮޕް ހޮސްޕިޓަލުން 500 ވަޒީފާ ނެތް ވާހަކައެއްނޫން އެހެންނަމަވެސް ސިއްހީ ދާއިރާއަކީ އެހާ ގިނަ ދިވެހިން ލިބޭ ދާއިރާއެއްނޫން އެކަމަކު ޓޫރިޒަމް ދާއިރާގައި ވަޒީފާ ނުލިބި އެތައް ބައިވަރު ދިވެހިން އެބައުޅޭ. ރިސޯޓްތަކުން ދިވެހިންނަށް ދެން ބޭނުންވަނީ ރޫމްބޯއީކަމާ ވެރިޓަރުކަމާ ރިސެޕްޝަނިސްޓްކަން އެކަނި. މިކަން އެނގޭނެ ޖޮބްމޯލްޑިވްސް ވެބްސައިޓުގަ ހުންނަ ޖޮބްއެޑް ތަށް ބަލާލީމާވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!