ޕީޕީއެމްގެ އިސް ބޭފުޅުން ޖަލްސާއެއްގައި: ރަނގަޅު ބަދަލުތަކެއް އަންނަން އެބަޖެހޭ -- ފައިލް ފޮޓޯ: މިހާރު
10 މެއި 2017 - 08:16
ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބު ވަރަށް ފުރިހަމަ ނަތީޖާއަކުން ކާމިޔާބު ކުރީ ސަރުކާރާ ދެކޮޅު ފަރާތްތަކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރަން ބަލާއިރު ވެސް، މިހާރު ފެންނަން އޮތް ނަތީޖާ އަކީ އެއްވެސް ފޯމިއުލާއަކުން ސަރުކާރަށް އެއްވެސް ވަރެއްގެ އުންމީދެއް އޮތް ނަތީޖާއެއް ނޫނެވެ. ހަގީގަތަކީ މި ސަރުކާރު ވަރަށް ލަދުވެތި ގޮތަކަށް ބަލިވި ކަމެވެ. ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީނުން ފެށިގެން ސަރުކާރުގެ ބާރުގަދަ ފަރާތްތައް ނިސްބަތްވާ ދާއިރާތަކުން ނުކުތް ނަތީޖާ ވެގެން ދާނީ އެ ބޭފުޅުންްގެ ހިތްޕުޅުގައި ވެސް ލީ ވަރަށް ބޮޑު ލަކުނަކަށް ކަން ޔަގީނެވެ.
ކައުންސިލް އިންތިހާބަކީ، ތެދެކެވެ؛ ކައުންސިލްގެ ގޮނޑިތަކުގެ ޖުމްލަ އަދަދުން ކާމިޔާބު ފާހަގަކުރާ އިންތިހާބެކެވެ. އެގޮތަށް ބެލިޔަސް ރައީސް ޔާމީނަށް ކާމިޔާބެއް ނުލިބެ އެވެ. ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ހޮވޭނެތޯ، ނުވަތަ ނޫންތޯ މި ނަތީޖާ އިން ބަލާނެ ދެ ވަނަ ގޮތަކީ ޖުމްލަ ވޯޓެވެ. އެ ގޮތުން ވެސް ކާމިޔާބާ ހަމައަށް ދެވޭނެ ހަމަ އެއްވެސް ރާސްތާއެއް، ހަމަ އެއްވެސް ހިސާބެއް އަދި ފެންނާކަށް ނެތެވެ. އެހެންވެ، މީގައި އޮތް އެންމެ ރަނގަޅު ގޮތަކީ ސަރުކާރުގެ ބަލި ފައިތައް ގަބޫލުކޮށް، އެ ބައްޔަށް ފަރުވާ ކުރުމެވެ. ހިތްހަމަޖެހޭ ވަރުގެ ކާމިޔާބެއް ލިބިއްޖެއޭ ބުނެ ކިތަންމެ ވަރަކަށް އަޑުގަދަ ކުރިޔަކަސް ރައްޔިތުންގެ ވޯޓެއް ނުލިބޭނެ އެވެ.
އެކަމަކު މި ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ސަރުކާރު ބަލިވެއްޖެ ކަން ކަށަވަރު ވުމާ އެކު، ސަރުކާރަށް ތާއީދުކުރާ މީހުން މުޅިން އެހެން ވާހަކަތަކެއް ފަތުރަން ފަށައިފި އެވެ. ސަރުކާރަށް ތާއީދުކުރާ މީޑިއާތައް ވެސް މުޅިން އެހެން ވާހަކަތަކެއް ފަތުރަން ފަށައިފި އެވެ. ހަގީގަތް އޮޅުވާލަން ފަށައިފި އެވެ. ބަލިވެއްޖެ ކަމާއި އެ ބަލި ގަބޫލުކުރައްވައި ކަންކަން އިސްލާހު ކުރައްވަން ބޭނުންކަން މެޖޯރިޓީ މެމްބަރު އަހުމަދު ނިހާން ނޫން ބޭފުޅަކު އަދި ވިދާޅެއް ނުވެ އެވެ. މިއީ ބައްޔެއް ކަމަކަށް ގިނަ ބޭފުޅުންނަކަށް ގަބޫލެއް ނުކުރެއްވުނެވެ. ރައީސް ވެސް، ނައިބު ރައީސް ވެސް އަދި ޕީޕީއެމްގެ އިސް ބޭފުޅުން ވެސް އިންތިހާބުގެ ފަހުން އަދި ލޮލަކަށް ނުފެނެ އެވެ. އޭގެ ބަދަލުގައި އޮތީ ބަހުގެ ހަނގުރާމައެއް ފެށިފަ އެވެ.
ޕީޕީއެމުން މާލޭ ސިޓީ ކައުންސިލަށް ނެރުނު ކެންޑިޑޭޓުންނާ އެކު ރައީސް ޔާމީން: ހުރިހަ ކެނޑިޑޭޓުން ވީ ފެއިލް --ފޮޓޯ: ޕީޕީއެމް
ސަރުކާރަށް ތާއީދުކުރާ ބައެއް މީހުން ބުނާ ގޮތުގައި ރައީސް ޔާމީން ގިނިކަންޏާ ހަތަރު ލީޑަރުން ބަލި ކުރައްވައިފި އެވެ. އަޅުގަނޑު ވަރަށް ހައިރާން ވެއްޖެ އެވެ. އެ ހަތަރު ލީޑަރުން އެއްކޮޅަށް އަރުއްވައި، އެންމެ ކެމްޕޭނެއް ވެސް މި އިންތިހާބަކަށް ނުކުރައްވަ އެވެ. އެ ބޭފުޅުން ކުރެއްވިހާ ވެސް ކަމަކީ ވަކިވަކިން ޓްވީޓް ކުރެއްވުމާއި ވަކިވަކިން ބަޔާންތަކެއް ނެރުއްވުމެވެ. ބައެއް ބޭފުޅުން ޖަލުގައި ތިއްބަވައިގެންނެވެ. ބައެއް ބޭފުޅުން އިނގިރޭސިވިލާތުގައި، އިންޑިއާގައި ނުވަތަ ލަންކާގައި ތިއްބަވައިގެންނެވެ. މިއީ ހަތަރު ލީޑަރުން އެކުގައި ކުރެއްވި މަސައްކަތްޕުޅެއް ނަމަ، އެ ބޭފުޅުން އެއް ސްޓޭޖަކަށް ނޭރުއްވިކަން އެއީ ޕީޕީއެމްގެ ނަސީބެކެވެ. އެހެން ނަމަ ޕީޕީއެމަށް އެންމެ ވޯޓެއް ވެސް އަތެއް ނުޖެހުނީހެވެ. ދައުލަތުގެ މުޅި މީޑިއާ ބަނދެލައި، ޖަލްސާއެއް ބާއްވާލާނެ ގޮތެއް ނެތި، މަގުމަތީގެ އެއްވެސް ހަރަކާތެއް ވެސް ބޭއްވިޔަ ނުދީ އެހެނިހެން ފިއްތުންތަކާއި މުއައްސަސާތައް ވެސް ކޮންޓްރޯލްކޮށްގެން ބޭއްވި މި އިންތިހާބުގައި، ހަގީގަތަކީ އިދިކޮޅު ފަރާތްތަކަށް 10 ޕަސެންޓް ލިބުނަސް އެއީ ކާމިޔާބަކަށް ވުމެވެ. ރައީސް ޔާމީންގެ އަތްޕުޅުގައި ހުރިހާ ބާރެއް އޮވެމެ، 30 ޕަސެންޓް ކޮންޓްރޯލް ނުކުރެވުނު ކަން އެއީ ހަގީގަތުގައި މި ސަރުކާރު ވަރަށް ބޮޑު ދިރާސާއަކަށް ގޮސް ކަންކަން ރަނގަޅު ކުރުމަށް ހިތްވަރު ހޯދަން ޖެހޭ ކަމެކެވެ. މިއިން އަންގައިދެނީ ސަރުކާރު ކަމުނުދާ ކަމެވެ. ގޯސްތަކެއްގެ މައްޗަށް ބޮޑެތި ގޯސްތަކެއް ހަދައިފި ކަމެވެ. މި ނަތީޖާ އިން އެނގެނީ ސަރުކާރުގައި ވަރަށް ގިނަ މީހުން ނުރުހޭ ސިފަތަކެއް އެބަހުރި ކަމެވެ. އެންމެ އާބާދީ ބޮޑު، އަދި އެންމެ ބޮޑު ތަރައްގީއެއް ގެންނަމުން އަންނަ މާލޭގެ އިތުރުން އައްޑު އަތޮޅުން ޕީޕީއެމަށް އެންމެ ގޮނޑިއެއް ވެސް ނުލިބުނީ ކީއްވެގެންކަން މިއީ ދެނެގަންނަން ޖެހޭ ކަމެކެވެ.
ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތް ކޮށްދޭން އޮތް މުއައްސަސާއެކެވެ. ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ކަމަކަށް ނޫނެކޭ ބުނެފި ނަމަ، އެކަން ރަނގަޅު ކޮށްދޭން ޖެހޭނެ އެވެ. ސަރުކާރުން ވަރަށް ބޮޑު ތަރައްގީއެއް އެބަ ގެންނަ ކަމަށް ރައީސް ޔާމީން ވެސް އެތަކެއް ފަހަރު ވިދާޅުވެފައިވާ އިރު، އެ ތަރައްގީ އަށް ރައްޔިތުން ހިތްހަމަނުޖެހުނީ ކީއްވެތޯ ރައީސް ޔާމީން ބައްލަވަން އެބަ ޖެހިވަޑައިގަންނަވަ އެވެ. ރައީސް އުޅުއްވަނީ 24 ގަޑިއިރު ވަރަށް ބުރަކޮށް ރައްޔިތުންގެ ޚިދުމަތުގައި ކަމަށް އަރިސް ބޭފުޅުން ވިދާޅުވާ އިރު، ތިން އަހަރު ވަންދެން އެމަނިކުފާނު ދަމަށް ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅަށް ރައްޔިތުން މިހެން ރައްދު ދިން ސަބަބެއް ރައީސް ޔާމީން ހޯއްދެވުންް މުހިންމެވެ. ސަބަބަކީ، އެމަނިކުފާނަށް އިތުރު ދައުރަކަށް ފުރުސަތު އޮތުމާއި އެ އިންތިހާބަށް މި ވަރުގެ ހުތުރު ނަތީޖާއަކާ އެކު ކުރިމަތިލައްވަން އެމަނިކުފާނު ވެސް ފަހަރެއްގައި ބޭނުންފުޅު ނުވެދާނެތީ އެވެ.
އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ހަގީގަތުގައި ތަރައްގީ އަށް ރައްޔިތުން ނޫނެކޭ ބުނީއެއް ނޫނެވެ. ތަރައްގީ ބޭނުން ނުވާނެ އެއްވެސް ރައްޔިތަކު ނުހުންނާނެ އެވެ. އެކަމަކު އެ ތަރައްގީ އަށް ވުރެ ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންކަން ބޮއްސުން ލައިފައި އެބަ ހުއްޓެވެ. ރައްޔިތުންގެ ޝަކުވާތައް އެބަ ހުއްޓެވެ. އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން އެ ޝަކުވާތައް ނުކުރައްވައި ޚުޝާމަދު ކުރައްވަމުން ގެންދެވިޔަސް، ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތިބީ ކެކިކެކި އެވެ. ވަކި ބަޔަކަށް ފަރުދީ މިނިވަންކަން އޮތީ ނިގުޅައިގެންފަ އެވެ. ރައްޔިތު މީހާގެ އަމިއްލަ އިހުސާސްތަކާއި އުދާސްތައް ބޭރުކޮށްލެވޭނެ ގާނޫނީ ނިޒާމު މިއޮތީ ކިޑްނެޕް ކޮށްފަ އެވެ. ދިރިއުޅުމުގެ ހަރަދުތައް މިއޮތީ ދިރިއުޅުމަކީ "ބަލާވެރި ކަމަކަށް" ބަދަލުވެފަ އެވެ. ޓެކްސްތައް މިއޮތީ އިންތިހާގަ އެވެ. ކޮރަޕްޝަނާއި ފަސާދަ އާއި ތަފާތު ކުރުން މިއޮތީ ހައްދުން ނެއްޓިފަ އެވެ. -- މިއީ އަދި މަދު މިންވަރެކެވެ.
އެ ތަރައްގީ އަށް ވުރެ ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންކަން ބޮއްސުން ލައިފައި އެބަހުއްޓެވެ. ރައްޔިތުންގެ ޝަކުވާތައް އެބަހުއްޓެވެ. އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން އެ ޝަކުވާތައް ނުކުރައްވައި ޚުޝާމަދު ކުރައްވަމުން ގެންދެވިޔަސް، ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތިބީ ކެކިކެކި އެވެ.
މި ހުރިހާ ކަމަކަށް ކެތްކޮށްގެން ރައްޔިތުން ތިން އަހަރު ވަންދެން އެއްޗެކޭ ނުބުނެ ހިމޭނުން ތިބީ ރައީސް ޔާމީނަށް ތާއީދުކުރާތީ ނޫން ކަން ހޮނިހިރު ދުވަހުގެ ވޯޓުން މި ފަޅާއެރީ އެވެ. އަދި އެހެން ތިބީ އެ ނޫން ގޮތެއް ނެތިގެން ކަން ވެސް މިހާރު ސަރުކާރުން ގަބޫލުކުރަން ވެއްޖެ އެވެ. ހަގީގަތް ގަބޫލު ނުކޮށް، ޖަދަލުކޮށް އަނެއްކާވެސް އަނިޔާވެރިކަމާއި މަލާމާތާއި ފުރައްސާރަ ކުރުން ބޮޑުވެއްޖެ ނަމަ މިއަށް ވުރެ ވެސް ލަދުވެތި ގޮތަކަށް ކަންތައްތައް ދިއުން އެއީ ދުރުގައި އޮތް ކަމެއް ނޫނެވެ.
އަޅުގަނޑަށް ސިފަވީ، ރައީސް ޔާމީންގެ އަރިހުގައި އުޅުއްވި ފަރާތްތައް މި ނަތީޖާއާ އެކު ގޮތް ދޫނުކޮށް ހިފަހައްޓަމުން ގެންދާ ތަނެވެ. ވަރުގަދަ ބަސްތައް ބުނަމުން ދާ ތަނެވެ. ރައީސް ޔާމީނަށް އަދިވެސް ހުޝާމަދުކޮށް އެމަނިކުފާނަށް ވެސް ކަންކަން އޮޅުވާލަމުން ގެންދާ ތަނެވެ. މި ނަތީޖާ އަކީ ގޯސްކޮށް ކުރެވިފައި ހުރި ކަންކަން ބަދަލު ކުރުމުގެ ފެށުމެއް ކަމެއް އެއިން އެކަކަށް ވެސް ގަބޫލު ކުރެވުނުހެނެއް ހިޔެއް ނުވެ އެވެ.
ހުރިހާ ބާރެއް އޮވެމެ، ސަރުކާރު ހިންގާ ޕާޓީ މިވަރުގެ ބޮޑު ލަދެއްގައި ބެދުނީ ކީއްވެގެންކަން ރައީސް ކަހަލަ ސިޔާސީ ތަޖުރިބާކާރަކަށް ވަރަށް ރަނގަޅަށް ވިސްނިވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. އެމަނިކުފާނު އެކަމަށް ވިސްނާ ވަޑައިގަންނަވާނެ ކަން ވެސް ކަށަވަރެވެ. އަޅުގަނޑަށް ވެސް ރަނގަޅީ އެގޮތެވެ. ބަދަލުތަކެއް އައުމަކީ އަޅުގަނޑު ވެސް އެދޭ ގޮތެވެ. ގައުމުގައި ގޯސްކޮށް ހިނގާ ވަރަށް ގިނަ ކަންތައްތަކަށް އޭރުން އިސްލާހު އައުން ގާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮޅިދާން
13 May 2017
މާލޭ ސަރަހައްދުން ގޮނޑި އެއް ނުލިބުމަކީ ސިޔާސީ އުނބަށް ޖެހުން
މަންތިރި
11 May 2017
ކަލޭމެން ދެން ތީ ސަރުކާރަަ އިދިކޮޅު ބައެއްދޯ
ކުރަފިސަމީމާ
10 May 2017
6 އަހަރުފަހުން ތިއޮތީ އިންތިހާބެއް ލިބިފަ އެހެންތާވާނީ ކިރުދޫންޏެއް ނުލިބިގެން އުޅޭމީހަކަށް ކާޅެއްލިބުނަސް ހީވާނެ ހީވާނެ ކިރުދޫންޏެކެ
ސަމީމާ
10 May 2017
ޝައިނީއެވެ. ޙަގީގަތް ގަބޫލްކުރަން ބޭނުންނުވަނީހެއްޔެވެ. ހަގީގަތް ގަބޫލު ނުކޮށް، ޖަދަލުކޮށް އަނެއްކާވެސް ރައްޔިތުންނަށް އަނިޔާވެރިކަމާއި މަލާމާތާއި ފުރައްސާރަ ކުރުން ބޮޑުވެއްޖެ ނަމަ މިއަށް ވުރެ ވެސް ލަދުވެތި ގޮތަކަށް ކަންތައްތައް ދިއުން އެއީ ދުރުގައި އޮތް ކަމެއް ނޫނެވެ.
ބަނދަރު ކާޅު
10 May 2017
މަށަށް ފެންނަނީ 2018 އިގަ ޝައިނީ ރައީސްކަމަށް ކުރިމަތިލާން، ސަބަބަކީ، ޔާމީނަށް އިތުރު ދައުރަކަށް ފުރުސަތު އޮތުމާއި އެކުވެސް މިވަރުގެ ހުތުރު ނަތީޖާއަކާ އެކު ކުރިމަތިލައްވަން އެމަނިކުފާނު ވެސް ފަހަރެއްގައި ބޭނުންފުޅު ނުވެދާނެތީ އެވެ.
އަލީޝާކިރު
10 May 2017
ހުރިހާ މިނިސްޓަރުން މީޑިޔާތަކަށް އަރައިގެން ރައްޔިތުންނަށް ފުރައްސާރަކުރަންވީއެއްނޫން، ރައީސް އުޅުއްވަނީ 24 ގަޑިއިރު ވަރަށް ބުރަކޮށް ރައްޔިތުންގެ ޚިދުމަތުގައި ކަމަށް އަރިސް ބޭފުޅުން ވިދާޅުވާ އިރު، ތިން އަހަރު ވަންދެން އެމަނިކުފާނު ދަމަށް ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅަށް ރައްޔިތުން މިހެން ރައްދު ދިން ސަބަބެއް ރައީސް ޔާމީން ހޯއްދެވުންް މުހިންމެވެ. މިގޮތައް މިނިސްޓަރުންނާ މަޖިލިސް މެމްބަރުން ދައްކާ ވާހަކއިން ރައްޔިތުން އިތުރަށް ރުޅިއައުންނޫންކަމެއްނުވާނެ.
ލާ މަސީލު
10 May 2017
މީގަ ސަޅި ތަންކޮޅަކީ އެމް ޑީ ޕީ މީހުން ކާމިޔާބާ ނާކާމިޔާބުގައި ވެސް ނިކަން ކެއްތެރިވާ ނެ.. މިހާރު މިތިބަ މީހުން ވެރިކަމާ އާރާ ބާރާ ޖާހު އޮވެގެން މިއުޅޭ އިރު ވެސް މޫނު ހީވަނީ ހަތަރު އުދަރެސް ބައްދާލާ ފައިވާ ކަޅު ވިލާގަނޑެއް ހެން ..
ޖަހާލަންކެރޭނެބާ
10 May 2017
އިސްމާއީލެވެ. ނަޝީދަށް ތާއީދުކުރިއަސް ކޮންމެހެން ހުރިހާ ހަގީގަތެއް ފޮރުވަން ނޫޅޭށެވެ. މުޅި ލިޔުން އޮތީ އަރިއަޅާލައިގެންގޮސް ދުވަހަކުވެސް ތެދުނުކުރެވޭވަރު ވެފައެވެ. ބައެއް ވާހަކަތައް ރަނގަޅެވެ. ޕީޕީއެމް ބަލިވެއްޖެއެވެ. އިދިކޮޅު އިއްތިހާދު މޮޅުވެއްޖެއެވެ. އެކަމަކު އެއީ މުޅިން އެމްޑީޕީގެ ކާމިޔާބަކަށް ހެދެން އޮތްކަމެއް ނޫނެވެ. ގާސިމާއި، މައުމޫނާއި، އިމްރާނުގެ ޓްވީޓްތަކާއި އެދުންތަކާއި ބަޔާންތައް ޔާމީނުއަށް ތާއީދުކުރިނަމަ ވާނީ ކިހިނެއް ހެއްޔެވެ. 2013 ހަނދާންކޮށްލާށެވެ. އޭގެފަހުން އައި މަޖުލީހާއި، ކައުންސިލާއި، ބައި އިލެކްޝަންތަކަށްވީގޮތް ކުރިން 'ހަވީރު' ކިޔާ ނޫހަކުން ލިބެން ހުންނާނެ އެވެ. އެހެންކަމުން 2088 އިން ފެށިގެން ތާރީޚް ދައްކަނީ ބޮޑު ކޯލިޝަން އޮތީ ކޮންކޮޅެއްގައިތޯ އެވެ. ކާމިޔާބު ވަނީ ބޮޑު ކޯލިޝަނަށެވެ. ތިޔަ ބޮޑު ކޯލިޝަނުގެ އަޖަލު ހަމަވާނީ 2018 ގައި ވެރިކަމާހެދި އެންމެން ހިފައިގަތީމައެވެ. އެހެންކަމުން އާކުކުޅަކަށް ގާބިސް އެޅިގެން ނޫޅޭށެވެ. 6 އިންތިހާބުން 1 އިންތިހާބަށް ކިޔަނީ ހަބައިކުޅަ އެއްބައެވެ.
ގާޒީހަސަނު
10 May 2017
ރާއްޖޭގެ ގައި މިހާތަނަށް ކާމިޔާބު ހޯދާފައިވަނީ މުޅިންވެސް އިއްތިހާދުން .. އެއް ޕާޓީއަކަށް އެންމެ ގިނަ ވޯޓް އަބަދުވެސް ލިބެނީ އެމް . ޑީ ޕީ އަށް މީ ހަގީގަތް...
މުހައްމަދު
10 May 2017
އެކިވަރުގެ 6 އިންތިހާބުން 1 އިންތިހާބަށް 6 ބައިކުޅަ އެއްބައި ކިޔޭ ގޮތެއް ނޭނގުނު.
ބޮޑު ހުސޭނު
10 May 2017
މިމީހުނަސް ހީވަނީ ޖެއްސުމަށް އެއްޗެއް ބުނެލީމަ އެ ތިމަންމެން މޮޅުވީއޭ، މިފެންނީ އެމަންޒަރު. މި މީހުނަކަށް ނޭގޭ އެމީހުންބުނާ އެއްޗެއްސަސް ނޫސްތަކުގަ ރައްޔިތުންދޭ ރައްދެއް. މިކަހަލަ ކަނޑުކޮސް ވާހަކަ ދެއްކިވަރަކަށް ވަނީ ބޭޒާރު. ވެއްޓެނީ މިމީހުންގެ އަގު. އެކަން ނިމިގެނދިޔަ އިންތިޚާބުން ފެނިގެންހިގައްޖެ.
ފިކުރު
10 May 2017
މިކަމާ އެކަމާ ތަފާތުވާނެ...ފެންނަ މަންޒަރުވެސް ވަރައް ބޮޑުތަނުން ތަފާތުވާނެ...ގޭމީހަ ތިމާގެމީހަ ފާހަގަވާ ވޯޓެށް މިއީ....