އޮޅުންބޮޅުން: ރާއްޖޭގެ އިގުތިސާދީ ކުރިއެރުން

ރާއްޖޭގައި އިޤްތިޞާދީ ކުރިއެރުމެއް ނެތް ކަމަށް ބުނަނީ ކާކުތޯ އެވެ؟ ދިވެއްސަކު އެހެން ބުނާ ނަމަ އެ މީހަކީ އިޤްތިޞާދީ ކަންކަން ދެނެގަތުމުގައި ދުރާއި ކައިރި ނުފެންނަ މީހެކެވެ. އިޤްތިޞާދީ ގޮތުން ކުރިނުއަރާ ނަމަ އަޅުގަނޑުމެން މި ކުރާ ބޮޑެތި ޚަރަދުތައް ކުރަން ފައިސާ ހޯދާނީ ކޮން ތާކުންތޯ އެވެ؟ ރާއްޖޭގެ ގައުމީ ނައުގެ ހުންގާނުގައި ހުންނެވި ބޮޑު މާލިމީ އަކީ އިޤްތިޞާދީ ކަންތައްތައް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.


ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ނޫނީ ގައުމުގެ އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫނެވެ. ގައުމީ ނައުގެ ކުޑަ މާލިމީ އަކީ މުޅި ރާއްޖެ އަށް ބެލިކަމުގައި ވިޔަސް، އެންމެ ގިނަ ދުވަހު ރާއްޖޭގެ އިޤްތިޞާދާ ބެހޭ ތަފާތު މުއައްސަސާތަކުގައި އެންމެ އިސް މަޤާމުތަކުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ފަރާތެވެ. ރާއްޖޭގެ މާލީ ސިޔާސަތުގައި އޭނާ އަށް ފެނިވަޑައިނުގަންނަވާނެ ކަމެއް ފޮރުވިފައި ވެސް އޮވެދާނެ ކަަމަށް ޤަބޫލުކުރަން އުނދަގުލެވެ. ފާއިތުވި ގިނަ އަހަރުތަކުގައި ފައިސާއާ ބެހޭ މުއައްސަސާތަކުގައި އޭނާ ހޯއްދަވާފައިވާ ތަޖުރިބާ އަށް ބަލާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ، ޕީޕީއެމްގެ ނުފޫޒުގަދަ، ފުންނާބު އުސް މެންބަރަކު މީގެ ދުވަސްތަކެއް ކުރިން ވިދާޅުވެފައިވާ ވިދާޅުވުމަކަށް އަޅުގަނޑަށް ވަރަށް ތާއީދު ކުރެވެ އެވެ. އޭނާ ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖޭގެ އިޤްތިޞާދާ ބެހޭގޮތުން ފާޑުކިޔަނީ އަޅުގަނޑުމެންގެ ރާއްޖެ ކުރިޔަށް ދާ މިންްވަރު ހަލުއިކަމުން އެކަމާ މެދު ހަސަދަވެރިވެގެންނެވެ.

އެއީ ރަނގަޅު ވާހަކައަކަށް ވެދާނެ އެވެ. މަޖިލީހުގެ ޖަލްސާ ހިގަމުންދާއިރު، އެބޭފުޅުން ދައްކަވާނީ އަދި އެބޭފުޅުންނަށް ދެއްކެވޭނީ ރަގަޅު ވާހަކަ އެވެ. އަޅުގަނޑުމެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ހޮވާފައި ވަނީ ވަރަށް ޤާބިލު ބޭފުޅުން ކޮޅެކެވެ. ޚާއްޞަކޮށް ވެރިކަން ކުރާ ޕާޓީ ތަމްސީލު ކުރައްވާ ބޭފުޅުންނެވެ. އޭގެ ތެރޭގައި ތިއްބެވި ޔުނިވަރސިޓީ ތަޢުލީމް ޙާޞިލް ކުރައްވާފައި ތިއްބެވި، ކުރިން ސަރުކާރުގެ މުހިމު މުއައްސަސާތަކުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާފައި ތިއްބެވި ބޭފުޅުން، އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާފައިވާ ޢިލްމާއި ތަޖުރިބާގެ ބޭނުން ކުރައްވާކަން މަޖިލީހުގެ ޔައުމިއްޔާ ކިޔާލުމުން ސާފުވާނެ އެވެ. ފާއިތުވި ހަތަރު ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ރައްޔިތުންގެ ލާބައަށް ޓަކައި އެއްވެސް އަމިއްލަ އެދުމެއް ނެތި، ސަރުކާރުގެ އެއްވެސް ނުފޫޒެއް ބޭނުން ނުކުރައްވާ ރައްޔިތުންނަށްޓަކައި، އެބޭފުޅުން ކޮށްދެއްވަމުން ގެންދަވަނީ ތަޢުރީފް ކުރުން ޙައްޤު ޚިދުމަތެކެވެ. އެބޭފުޅުންނަށް މަޖިލީހުގައި ހަލުއިކޮށް މަސައްކަތް ކުރުމުގެ ތަމްރީނު ވެސް ވަނީ ވަރަށް އެކަށީގެންވާ ވަރަށް ލިބިވަޑައިގެންފަ އެވެ. މަސައްކަތުގައި އުޅުއްވައިގެންނެވެ.

އަވަސްކިއުމަށް (ސްޕީޑްރީޑިންގް) އަށް ތަމްރީނު ލިބިގެންނެވެ. ސީނުކަރައިގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ކުރެވުނު އެތަކެއް ސަތޭކަ ސަފްހާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން ވެސް ކޮމިޓީ އިން ދިރާސާ ކޮށްފައި ވަނީ ބައި ގަޑިއެއްހާއިރުގެ ތެރޭގައި ކަމުގައި ނޫސްތަކުން ރިޕޯޓްކުރެ އެވެ.

މަޖިލީހަށް އެފަދަ މުހިއްމު އެއްބަސްވުމެއް ފޮނުވާނީ ސަރުކާރުގެ މާލީ އިދާރާތަކުންނާއި އަދި އިޤްތިޞާދީ އިދާރާތަކުން ވަރަށް ބޮޑަށް ބެލުމަށް ފަހު ބަދަލެއް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި އެ ބަދަލެއް ގެނައުމަށް ފަހުގަ އެވެ. ނުވަތަ އެ ބަދަލަކާ ބެހޭ ގޮތުން ކަންބޮޑުން ފާޅުކޮށްފަ އެވެ. މަޖިލީހަށް ފޮނުވެނީ ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ ފަޅިން އެ އެއްބަސްވުން ބެލުމަށް ފަހު ބަދަލެއް ގެންނަން ބޭނުންވާ ނަމަ އެކަމަށް ފުރުޞަަތު ދޭށެވެ. ނުވަތަ ކުރިމަތިވެދާނެ އުދަގުލާއި ދަތިތަކާ ބެހޭގޮތުން ޚިޔާލު ފާޅުކުރާށެވެ. ނުވަތަ އެފަދަ ކަމެއްގެ ސަބަބުން ރައްޔިތުންނަށް ކުރާނެ ފައިދާ އާއި މަންފާ އޮޅުން ފިލުވައިދޭށެވެ.

ސަރުކާރުގެ "ތަރައްޤީ" ގެ ދުވެއްޔަކަށް ހުއްޓުމެއް ނާދެ އެވެ. މާލޭ ސަރަހައްދުގައި ފުލެޓްތައް އިމާރާތް ކުރެވެނީ އެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުން މި ސަރަހައްދަށް ޖަމާކުރާށެވެ. އެގޮތަށް ހިނގައްޖެ ނަމަ، ރާއްޖޭގައި ބަނދަރު ހެދިފައި އޮތް، އެއާޕޯޓު އޮތް، މީހުން ނޫޅޭ، ނުވަތަ މަދު މީސްކޮޅެއް ދިރިއުޅޭ ބައިވަރު ރަށްތައް ހުންނާނެ އެވެ.

މި ބާވަތުގެ މަސައްކަތްތަކުގައި މަޖިލީހުގެ މެންބަރުންނަށް ކަންތައް އޮންނަގޮތް ސާފުކޮށްދެއްވާ، ކަމުގެ ދެކޮޅު ދައްކަވާ ދެއްވާ އެހީތެރިވެ ދެއްވަން ތިއްބަވާ ބޭފުޅުންނަކީ މަޖިލީހުގައި މުއައްޒަފުންގެ ގޮތުގައި މަސައްކަތް ކުރައްވާ ޤާނޫނީ ޓީމާއި އެހެނިހެން ތަޖުރިބާކާރުންނެވެ. މަޖިލީހުން ބޭނުންވާ މިފަދަ ތަޖުރިބާކާރުން، މަޖިލީހުގެ ތެރެއިން ލިބެން ނެތްނަމަ އެފަދަ ކަންތައް ކުރެވެނީ މަޖިލީހުގެ ބޭރުން އެހީ ހޯދައިގެންނެވެ. ގިނަ ފަހަރަށް އެ ގެނެވޭ ބޮޑު ބަދަލުން އެންމެ ބޮޑަށް އަސަރު ކުރާނެ ފަރާތްތަކާ ވާހަކަ ދައްކާ އެ ފަރާތްތަކުގެ ޚިޔާލުވެސް ހޯދުމަށް ފަހުގަ އެވެ. ރާއްޖޭގައި ނަމަ ޗެންބަ އޮފް ކޮމާސް، މަސީ، އާއި މަޓީ ފަދަ ޖަމާޢަތްތަކުން ދެކޭ ގޮތް ބެލުމަށް ފަހުގަ އެވެ. ނުވަތަ އެ ފަރާތްތަކުގެ ވާހަކަތައް ވެސް އަޑު އެހުމަށް ފަހުގަ އެވެ. މަޖިލީހުގައި އެ އެއްބަސްވުން އެހާ އަވަހަށް ބައްލަވާ، އަދި އެ އެ އެއްބަސްވުމާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އަންނާނެ ބަދަލުތަކަށް ވިސްނަވައި އެހާ އަވަހަށް ފާސްކުރައްވާނީ ވަރަށް ބޮޑަށް އެކަމުގެ ތެރެއަށް ވަދެވަޑައިގަންނަވާފައި ތިއްބެވުމުންނެވެ. އަދި ކުރީއްސުރެ މިނިވަން ވިޔަފާރީގެ ލިއުންތައް، ނުވަތަ ނިންމުންތައް ނުވަތަ އެއްބަސްވުންތައް ވަރަށް ބޮޑަށް ދިރާސާ ކުރެވިފައި އޮތުމުންނެވެ.

ދުނިޔޭގެ މަރުކަޒީ ބޭންކުން އަނެއްކާވެސް އަޅުގަނޑުމެންގެ އިޤްތިޞާދީ ދުވެލި ދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފި އެވެ. މި ފަހަރު މި ކަންބޮޑުވުން ފާޅުކުރީ، އަޅުގަނޑުމެންގެ ރާއްޖޭގައި އިމާރާތް ކުރެވޭ ގިނަ އަދަދެއްގެ އެޕާޓުމެންޓްތަކާއި، ރަށްރަށުގައި ހަދާ ބަނދަރުތަކާއި، ވިހި މިނިޓަށް ވުރެ ދުރަށް ކަނޑު ދަތުރު ކުރަން ޖެހޭ ރަށްރަށުގައި އަޅާ އެއާޕޯޓާއި، މާލޭގެ، ބޮޑުކުރެވޭ ވައިގެ ބަނދަރާއި، މޫދުން ހިއްކައިގެން އުފައްދާ ރަށްރަށާއި ހުޅުމާލެ އާއި މާލެއާ ގުޅާލެވޭ ފާލަމާއި، ހުޅުމާލެ އާއި މާލޭގައި މިހަދާ "ކޮންކުރީޓު ޖަންގަލިތަކަށް" ބެލެވިގެން ބާވަ އެވެ؟ މިއީ ފާއިތުވި އަހަރުތަކުގައި ދުވަހަކު ވެސް އަޅުގަނޑުމެން ތަޖުރިބާކޮށްފައިވާ ކުރިއެރުމެއް ނޫނެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކުން ބުނަނީ ބޭންކުގައި ހުންނަ ބޭރު ފައިސާގެ ރިޒާވް ދަށްވެއްޖެ ކަމަށެވެ. ބަޖެޓްގައި މި އަހަރު އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި ވަރާ ގާތްކޮށް ވެސް އާމްދަނީ އިތުރުވެފައި ނުވާ ކަމަށް ވެ އެވެ. ފަތުރުވެރިކަމުން ލިބޭ އާމްދަނީ ކުރިއަށް ވުރެ ދަށަށް ހިނގައްޖެ ކަމަށް ވެ އެވެ. ޓެކްސް އަށް ލިބޭ އާމްދަނީ ވެސް ކުރިޔަށް ވުރެ ދަށްވެއްޖެ ކަމަށް ވެ އެވެ. އިންޕޯޓު ޑިއުޓީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދު ވެސް ވަރަށް ބޮޑަށް ދަށް ވެގެންދާނެ އެވެ. ސަރުކާރުގެ ދަރަނި ދަނީ އިތުރުވަމުންނެވެ. ބޭރުންނާއި އެތެރެއިންނެވެ. ބޭރުން ނަގާ ގިނަ ދަރަނިތަކަށް ފައިސާ ލިބިފައި ވަނީ ދިގު މުއްދަތަކަށް ވަރަށް ކުޑަ އިންޓަރެސްޓް ރޭޓަކަށެވެ. މި ސަރުކާރުން ކިތަންމެ ގިނަ އަދަދަކަށް ތަފާތު ތަންތަނުން ދަރަންޏަށް ފައިސާ ނެގިޔަސް، ޙަޤީޤަތުގައި ސަރުކާރުން ދަރަންޏަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ބޮޑުވަނީ ކުރީގެ ސަރުކާރުތަކުގެ ދަރަންޏާ ހުރެ ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު ދަރަނި ވާނީ ދަރަންޏަށެވެ. ކޮންމެ ބަޔަކު ނެގި ކަމުގައި ވިޔަސް އެވެ.

ސަރުކާރުގެ "ތަރައްޤީ" ގެ ދުވެއްޔަކަށް ހުއްޓުމެއް ނާދެ އެވެ. މާލޭ ސަރަހައްދުގައި ފުލެޓްތައް އިމާރާތް ކުރެވެނީ އެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުން މި ސަރަހައްދަށް ޖަމާކުރާށެވެ. އެގޮތަށް ހިނގައްޖެ ނަމަ، ރާއްޖޭގައި ބަނދަރު ހެދިފައި އޮތް، އެއާޕޯޓު އޮތް، މީހުން ނޫޅޭ، ނުވަތަ މަދު މީސްކޮޅެއް ދިރިއުޅޭ ބައިވަރު ރަށްތައް ހުންނާނެ އެވެ. ގްރީސްގައި ހެދި ގޮތަށް ރަށްތައް ވިއްކާލެވިދާނެ އެވެ. އެ އަށް ވުރެ މާ ބޮޑު އަގުގަ އެވެ. ގްރީސްގެ ރަށްތަކާ ޚިލާފަށް ރަށްތައް ފުދޭވަރަކަށް ތަރައްޤީ ވެފައި އޮތުމުންނެވެ.

އަޅުގަނޑުމެންގެ ގައުމީ ނައުގެ ހުންގާނުގައި ތިއްބެވީ ރާއްޖޭގެ އިޤްތިޞާދީ ކަނޑުފަޅު ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުންނެވެ. އަޅުގަނޑު އެބޭފުޅުންނަށް އިތުބާރުކުރަމެވެ. ތިޔަ ބޭފުޅާ ކިހިނެއްތޯ އެވެ؟