އެންޓި ޑިފެކްޝަން ގާނޫނުން އެކަނި ކޮރަޕްޝަން ނުހުއްޓުވޭނެ

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް އިއްޔެ މިވަނީ ގާނޫނަކަށް ވެފަ އެވެ. ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވިދާޅުވާ ގޮތުން އެ ބިލްގެ މައިގަނޑު މަގްސަދަކީ ގައުމަށް ދިމާވެފައިވާ ސިޔާސީ ހަލަބޮލި ކަމަށް ހައްލެއް ގެނައުމުގައި ރައްޔިތުންގެ މަޖިލީހަކީ ކޮރަޕްޝަނާއި ފަސާދަ އާއި ރިޝްވަތުން މިނިވަން ވެފައިވާ ތަނަކަށް ހެދުމެވެ. އަދި އެންޓި ޑިފެކްޝަން ބިލަށް ތާއީދު ހޯދުމަށްޓަކައި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ދިރާސާތަކުގެ ބައިތައް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ގެންދަވަނީ އެކި ގޮތްގޮތަށް ބޭނުން ކުރައްވަމުންނެވެ.


އެންޓި ޑިފެކްޝަން ގާނޫނެއް އަތުވެއްޖެ ނަމަ މަޖިލީހުގައި ހިނގާ ކޮރަޕްޝަންގެ ކަންކަން ދަށްކުރެވޭނެ ކަމަށް ޕީޕީއެމްގެ މެމްބަރުން ވިދާޅުވިކަމުގައި ވިޔަސް، މި ގާނޫން އެކަނި މަޖިލީހުގެ ކޮރަޕްޝަން ކުޑަކުރެވޭނެ ކަމަކަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއަކުން ނުދެކެ އެވެ. މި ލިއުން ލިއުމުގެ ބޭނުމަކީ މި މައްސަލައާ ގުޅޭ މުހިންމު ބައެއް ކަންކަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ބައިނަލްއަގްވާމީ ފަރާތްތަކުން ކޮށްފައިވާ ދިރާސާތަކުގެ އަލީގައި ތިލަކޮށްދިނުމެވެ.

ޑިފެކްޝަން، އެހެން ގައުމުތަކުގައި އޮންނަނީ ކިހިނެއް؟

ފްލޯ ކްރޮސިން ނުވަތަ ޑިފެކްޝަނަކީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބު ވެފައިވާ މެމްބަރެއް، ޕާޓީގެ ވިސްނުމާ ދެކޮޅަށް ވޯޓުދިނުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމެވެ. އެހެންކަމުން، ޑިފެކްޓް ކުރުމަކީ ވަގުތީ (ވަކި ވޯޓަކަށް) ނުވަތަ ދާއިމީ (ޕާޓީ ބަދަލުކުރުން) ކަމަށް ވެސް ވެދާނެ އެވެ. އެހެން ގައުމުތަކުގައި ތަފާތު އެންޓި ޑިފެކްޝަން ނިޒާމްތަކަށް އަމަލު ކުރެވެ އެވެ. އަދި ޕާޓީ ބަދަލުކުރުމާއި އިންތިހާބުވި ޕާޓީއާ ދެކޮޅަށް ވޯޓުލުމާ މެދު ތަފާތުކޮށް ދެކެ އެވެ. މިސާލަކަށް، ތަރައްގީ ވެފައިވާ ހިންގުމުގެ ނިޒާމުތަކުގައި، ޑިފެކްޓް ކުރުމުގެ މިނިވަންކަން އޮންނަނީ މަޖިލީހުގެ މެމްބަރުންނަށް ލިބޭ މިނިވަން ކަމެއްގެ ގޮތުގަ އެވެ. މިއާ ތަފާތުކޮށް، ތަރައްގީވަމުން އަންނަ، ނުވަތަ ހަލަބޮލި ގައުމުތަކުގައި، ޑިފެކްޓް ކުރުން ހުއްޓުވުމަށް ގާނޫނީ އަދި ޕާޓީ ނިޒާމް މެދުވެރިކޮށް އިތުރަށް މަސައްކަތް ކުރެ އެވެ.

ތަރައްގީ ވެފައިވާ ސިޔާސީ ނިޒާމްތަކާއި ތަރައްގީ ވަމުން އަންނަ ސިޔާސީ ނިޒާމްތަކުން ޑިފެކްޝަނާ މެދު ތަފާތުކޮށް ވިސްނުމުގެ ފަހަތުގައި ހުރި ބައެއް ކަންކަން ތިރީގައި ފާހަގަކޮށްލާނަމެވެ. ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ނުވަތަ ހަލަބޮލި ސިޔާސީ ނިޒާމްތަކާ ތަރައްގީ ވެފައިވާ ސިޔާސީ ނިޒާމްތަކާ އަޅާ ބަލާއިރު:

- ތަރައްގީ ވެފައިވާ ގައުމުތަކުގައި (ވަކިން ހާއްސަކޮށް ރިޔާސީ ނިޒާމުތަކުގައި) ޑިފެކްޓް ކުރުމަކީ މެމްބަރަށް ލިބިގެންވާ މިނިވަން ކަމެއްގެ ގޮތުގައި ދުށުން.

- ތަރައްގީ ވެފައިވާ ގައުމުތަކުގައި ސިޔާސީ ޕާޓީތަކާއި ދައުލަތުގެ މުއައްސަސާތައް ހަރުދަނާވުން.

- ތަރައްގީ ވެފައިވާ ގައުމުތަކުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަރުދަނާ އިޖުރާއަތްތަކާއި ނިޒާމްތައް އުފެދިފައިވުން.

މިގޮތުން، ތަރައްގީ ވެފައިވާ ސިޔާސީ ނިޒާމުތަކުން ދަސްވާ އެންމެ މުހިންމު ފިލާވަޅަކީ، މަޖިލީހުގައި ކޮރަޕްޝަން ހުއްޓުވަން އެންޓި ޑިފެކްޝަން ބިލަކުން އެކެނި އެ މަގްސަދު ހާސިލް ނުވާނެ ކަމެވެ. މިގޮތަށް ނިންމަނީ ތަރައްގީ ވެފައިވާ ސިޔާސީ ނިޒާމުތަކަކީ ތަރައްގީ ވަމުން އަންނަ ސިޔާސީ ނިޒާމުތަކަށް ވުރެ ކޮރަޕްޝަން މަދު ނިޒާމްތަކެއް ކަމަށް ދިރާސާތަކުން ހެކިވާތީ އެވެ. އެހެންކަމުން، އެންޓި ޑިފެކްޝަނުން އެކަނި ،ޕީޕީއެމުން އެ ބުނާ ކޮރަޕްޝަން ހުއްޓުވުމުގެ މަގްސަދު ހާސިލުވާނެ ކަމާ މެދު ސުވާލު އުފެދެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނުން އެކަނި މަޖިލީހުގެ ނަޒާހަތްތެރިކަން ދެމެހެއްޓިދާނެތަ؟

މި ލިޔުމުގެ ފުރަތަމަ ބައިގައި އަލިއަޅުވާލި ފަދައިން، އެންޓި ޑިފެކްޝަން ބިލަކުން އެކަނި ޕީޕީއެމުން އެ ބޭނުންވާ މަގްސަދު ހާސިލް ވާނެ ކަމަށް ނުބެލެވެ އެވެ. ހަމަ އެހެންމެ، ތަރައްގީ ވެފައިވާ ސިޔާސީ ނިޒާމްތަކަށް ބަލާއިރު، ރާއްޖެ ފަދަ އެންޓި ޑިފެކްޝަން ނިޒާމްތައް ނެތިމެ، މަޖިލީހެއްގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރެވިދާނެކަން އެނގެ އެވެ. ދެން ސުވާލު އުފެދެނީ އެންޓި ޑިފެކްޝަން ގާނޫނެއް ނެތި، މަޖިލީހުގެ ނަޒާހަތްތެރިކަން ދަމަހައްޓާނެ ގޮތަކާ މެދު އެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ޖަމިއްޔާތަކާއި ބައިނަލްއަގްވާމީ އެތައް ފަރާތަކުން ކޮރަޕްޝަންގެ ދާއިރާއިން ކޮށްފައިވާ ދިރާސާތަކުން އެނގެނީ، އިންތިހާބުން މަގާމްތަކަށް އަންނަ ފަރާތްތަކާއި، އާންމު އޮފިޝަލުންގެ ނަޒާހަތްތެރިކަން ދަމަހައްޓައި، ކޮރަޕްޝަނަށް ހުޅުވޭ ދޮރުތައް ބަންދު ކުރުމަށް އެންމެ މުހިންމީ ތިރީގައި މިވާ ކަންކަންކަމެވެ.

ނުހައްގު މުއްސަނދިކަން ހުއްޓުވޭނެ ހަރުދަނާ ނިޒާމެއް

އިލިސިޓް އެންރިޗްމެންޓް ނުވަތަ ނުހައްގު މުއްސަނދިކަން އދގެ ކޮރަޕްޝަން ހުއްޓުވުމުގެ މުއާހަދާގައި މާނަ ކޮށްފައިވަނީ "ދައުލަތުގެ މުވައްޒަފުންނަށް އެފަރާތްތަކުގެ ގާނޫނީ އާމްދަނީއާ އަޅާބަލާއިރު، ޖަވާބުދާރީ ނުވެވޭ ފަދަ ގޮތަކަށް ލިބިފައިވާ މުއްސަނދިކަމާއި މުދާވެރިކަމެވެ". މަޖިލީހުގެ މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވުމުގައި، އަދި ސިޔާސީ ހަމަނުޖެހުމުގެ ދުވަސްތަކުގައި، ފަނޑިޔާރުންނާއި، އިންތިހާބު ކުރެވިފައިވާ ފަރާތްތަކާ މެދު ރިޝްވަތުގެ ތުހުމަތުކުރެވޭ ހިނދު، ނުހައްގު މުއްސަނދިކަން ދެނެގަނެވޭނެ، އަދި އެކަން ކުށްވެރިކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް ނުހަނު މުހިންމެވެ.

ސިޔާސީ ފައިސާގެ ހާމަކަމުގެ ހަރުދަނާ ނިޒާމެއް

ސިޔާސީ ފައިސާގެ ހާމަކަމުގެ ނިޒާމެއްގައި ގާނޫނީ ގޮތުން ސިޔާސީ ޕާޓީތަކާއި، އިންތިހާބުތަކަށް ފައިސާ ހޭދަ ކުރާނެ ގޮތުގެ ތަފްސީލް ހިމެނެން ވާނެ އެވެ. ސިޔާސީ ފައިސާގެ ހާމަކަމުގެ ނިޒާމެއްގެ ބޭނުމަކީ އެކި ފަރާތްތަކުން ސިޔާސީ ބޭނުމަށް ހޭދަކުރާ ފައިސާގެ މިިންވަރު ހިފެހެއްޓުމާއި، ހަރަދު ކުރި ފަރާތްތައް ދެނެގަތުމެވެ. އަދި މިކަމުގެ ސަބަބުން ނުފޫޒުތަކާއި، މަސްލަހަތުތަކުން ގައުމުގެ ނިޒާމްތައް ހައިޖެކް ކުރުން ހުއްޓުވުމެވެ.

މާލީ ބަޔާން އާންމުކުރުމުގެ ހަރުދަނާ ނިޒާމެއް

މާލީ ބަޔާން ހާމަކުރުމުގެ ނިޒާމަކީ ހަރުދަނާ ސިޔާސީ ފައިސާގެ ނިޒާމެއްގެ އެއް އަސާސެވެ. މިގޮތުން، މާލީ ބަޔާން ހާމަކޮށް އޮޑިޓް ކުރެވޭ ނިޒާމެއްގައި، ރިޝްވަތާއި، ނުފޫޒާއި، ނުހައްގު މުއްސަނދިކަމާއި ރައްޔިތުންގެ މަސްލަހަތު ނޫން އެހެން މަސްލަހަތުތަކަށް، ރައްޔިތުންގެ ނަމުގައި ހިންގާ މުއައްސަސާތަކަށް ބާރު ފޯރުވުމުގެ ފުރުސަތު ކުޑަވެ އެވެ. މާލީ ބަޔާން އޮޑިޓް ކުރުމުގައި، ސީދާ އާއިލާއަށް ލިބޭ މުއްސަނދިކަމަށް ވެސް ބެލުން މުހިންމެވެ.

މައުލޫމާތުގެ ހާމަކަމުގެ ހަރުދަނާ ނިޒާމެއް

މައުލޫމާތުގެ މިނިވަންކަމަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި އަސާސީ މިނިވަންކަމާއި ހައްގުތަކުގެ ތެރޭގައި ހިމެނޭ މިނިވަންކަމެކެވެ. ހަރުދަނާ މައުލޫމާތުގެ މިނިވަންކަމުގެ ނިޒާމެއް ނެތި ސިއްރިއްޔާތުގައި ހިނގާ ދައުލަތެއްގައި، ނުހައްގު މުއްސަނދިކަމާއި ސިޔާސީ ފައިސާ ބޭނުންކޮށް ދައުލަތުގެ މުއައްސަސާތައް ހައިޖެކް ކުރުމުގެ ފުރުސަތު ނިކަން ބޮޑެވެ.

ޓެކްސްގެ ހަރުދަނާ ނިޒާމެއް

ޓެކްސްގެ ހަރުދަނާ ނިޒާމެއްގެ ތެރެއިން އާމްދަނީގެ ޓެކްސް ނެގުމަކީ މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރުމުގެ އިތުރުން، ކޮރަޕްޝަން ހުއްޓުވުމަށް އެންމެ މުހިންމު އެއް ކަމެވެ. އާމްދަނީގެ ޓެކްސްގެ ހަރުދަނާ ނިޒާމަކާ ނުލައި ނުހައްގު މުއްސަނދިކަމާއި، ކޮރަޕްޝަން ދެނެގަންނަން ވަރަށް ދަތިވާނެ އެވެ. ނުހައްގު މުއްސަނދިކަން ހުއްޓުވުމާއި، ސިޔާސީ ފައިސާގެ ހާމަކަމާއި، މާލީ ބަޔާން އާންމު ކުރުމާއި، މައުލޫމާތުގެ ހާމަކަމާއި، ޓެކްސްގެ ހަރުދަނާ ނިޒާމެއް ނެތި، އެންޓި ޑިފެކްޝަން ގާނޫނުން މަޖިލީހުގައި ކޮރަޕްޝަން ހުއްޓުވޭނެ ކަމަށް ނުބެލެވެ އެވެ.

އެންޓި ޑިފެކްޝަން ގާނޫން ސިޔާސީ މައިދާނަށް ވާނީ ކިހިނެއް؟

އެންޓި ޑިފެކްޝަން ގާނޫނު މި އައީ ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުންތަކެއް ގެއްލިދާނެ ކަމުގެ ބިރު އޮތް ވަގުތެއްގަ އެވެ. ހަމަ އެހެންމެ، ސުޕްރީމް ކޯޓުގެ އަމުރެއް މެދުވެރިކޮށް، އިލެކްޝަންސް ކޮމިޝަނާއި މަޖިލިސް މެދުވެރިކޮށް ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން މިވަނީ ބާރުގެ ބޭނުންކޮށް، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މަސައްކަތަށް ހުރަސްއަޅާފަ އެވެ. މަޖިލީހުގައި ބިލް ދިރާސާކުރި ކޮމިޓީން އެ 12 މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ގެނައުމަކީ މި ބިލުން ޕީޕީއެމުން ހާސިލްކުރަން ބޭނުންވާ އެންމެ ބޮޑު މަގްސަދު ހާމަކޮށްދޭ ކަމެކެވެ. އެހެންކަމުން، އެންޓި ޑިފެކްޝަން ގާނޫނަކީ ކޮރަޕްޝަން ހުއްޓުވުމަށް ވުރެ ސަރުކާރަށް މަޖިލީހުގެ ބާރު ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާތީ، މަޖިލީހުގެ ބާރު އަނބުރާ ހޯދަން ހެދި ގާނޫނެއް ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ. ކޮރަޕްޝަން ނައްތާލަން އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރަނީ ނަމަ އެންޓި ޑިފެކްޝަންގެ ނިޒާމަކަށް ވުރެ ބޮޑަށް، ނުހައްގު މުއްސަނދިކަމާ،އި ސިޔާސީ ފައިސާގެ ހާމަކަމާއި މާލީ ބަޔާން އާންމު ކުރުމާއި ޓެކްސްގެ ހަރުދަނާ ނިޒާމްތައް ގާއިމްކުރަން މަސައްކަތް ކުރުން މުހިންމެވެ. މި ނިޒާމްތައް ނެތި، ޕީޕީއެމުން މި ބުނާ ކޮރަޕްޝަން ހުއްޓުވުމުގެ މަގްސަދު އެންޓި ޑިފެކްޝަން ގާނޫނުން ހާސިލުވާނެ ކަމަށެއް ނުފެނެ އެވެ.

އެޑިޓަރުގެ ނޯޓު

އައިމަން ރަޝީދަކީ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް އެންޑް އެޑްވޮކަސީ މެނޭޖަރެވެ. އޮސްޓްރޭލިއާގައި އޭނާ މަތީ ތައުލީމު ހާސިލްކުރީ ނަފްސާނީ އިލްމާއި ސިޔާސީ އިލްމުގެ ދާއިރާއިންނެވެ. އޭނާ ޓްރާންސްޕޭރެންސީ މޯލްޑިވްސްގައި މަސައްކަތް ކުރާތާ މިހާރު ނުވަ އަހަރު ވެއްޖެ އެވެ. މި ލިޔުން ބިނާވެފައިވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފްލޯ ކްރޮސިން ދިރާސާ އާއި ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމްސް އެސެސްމަންޓާއި މައުލޫމާތުގެ މިނިވަންކަމުގެ ދިރާސާ ކަރުދާސް އަދި ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމުގެ މުހިންމުކަމާ ގުޅޭ ދިރާސާ ކަރުދާހުގެ މައްޗަށެވެ.