ޚިޔާލު / ކޮލަމް

ވިސްނާ! ގައުމު އޮތީ މި 58 ޕަސެންޓުގެ އަތްމަތީގައި

މިދިޔަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލާން ގޮސް ތިބި ބަޔަކު މަރުކަޒުގެ ބޭރުގައި މަޑުކޮށްލައިގެން: ސިޔާސީ މީހުންނާއި ޕާޓީތައް އިސްލާހުކޮށްގެން ނޫނީ ރައްޔިތުންގެ ހަގީގީ ބާރެއް ނޯންނާނެ -- ފައިލް ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރާއްޖޭގައި ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވެފައި ތިބީ ޖުމްލަ 107،000 މީހުންނެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މިދިޔަ އަހަރު ބޭއްވި އިރު ވޯޓުލުމުގެ ހައްގު އޮތް މީހުންގެ އަދަދު 256،000އާ ގާތްކުރެ އެވެ. އެހެންވީމާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވަނީ ވޯޓުލާ އާބާދީގެ 42 ޕަސެންޓެވެ. އަނެއް 58 ޕަސެންޓަކީ އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީވެފައި ނެތް މީހުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ދިވެހި ރައްޔިތުންގެ އަޣުލަބިއްޔަތަކީ އެއްވެސް ޕާޓީއެއްގައި އުޅެން ބޭނުން ނުވާ މީހުންނެވެ.

މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ މި 58 ޕަސެންޓަކީ ސިޔާސީ ކަންކަމަށް ޝައުގުވެރިކަން ނެތް މީހުން ކަމަށް ބެލިދާނެ އެވެ. އެކަމަކު ޕާޓީތަކުގައި ރަޖިސްޓްރީވެގެން ތިބި 42 ޕަސެންޓަށް ވުރެ މާ ގިނަ މީހުން އިންތިޚާބުތަކުގައި ވޯޓު ލާން ނުކުމެ އެވެ. ސިޔާސީ ޕާޓީތައް ތައާރަފްކުރި ފަހުން 2008 އިން ފެށިގެން މިހާތަނަށް ބޭއްވި ހަތް އިންތިޚާބުގައި، ވޯޓު ލީ މީހުންގެ އެވްރެޖް ނިސްބަތް 77 ޕަސެންޓަށް އަރަ އެވެ. އެހެންވީމާ ޕާޓީއެއްގައި އުޅެން ބޭނުން ނުވާ މީހުން ވެސް ޑިމޮކްރެސީގައި ބައިވެރިވާކަން ސާފެވެ. މާނައަކީ ޕާޓީތަކުގައި ނޫޅޭ 58 ޕަސެންޓާ މެދު އުއްމީދު އެބަ އޮތެވެ.

ރާއްޖޭގައި ޑިމޮކްރެސީ ފައްކާވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ރައްޔިތުންގެ ބާރަށް ވުރެ ބޮޑުންގެ ބާރު ގަދަވުމެވެ. ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި ލީޑަރުންނަށް ބެލިޔަސް މެ އެވެ. ޕާޓީތަކަކީ ވަކި މީހެއް ނުވަތަ ބައެއްގެ ވަށައިގެން އެނބުރޭ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެދާނެ ކަމުގެ އަލާމާތެއް ވެސް ނުފެނެ އެވެ. މީގެ ސަބަބަކީ ކޮބާ ހެއްޔެވެ؟ ވަކި ފިކުރެއް ނުވަތަ އުސޫލެއްގައި ހިފެހެއްޓުމަށް ވުރެ ބޮޑަށް ވަކިވަކި ލީޑަރުންނަށާއި އެ ލީޑަރަކު އެ ވަގުތަކު އަރާ ސިޔާސީ ފަޅިއަކަށް ކަނު ލޯތްބެއް ދީ އެ މީހުން ކިޔާހާ އެއްޗަކަށް އަތް ޖަހަން ޕާޓީތަކުގެ އާއްމު މެމްބަރުން ތިބޭ ކަމެވެ. އޭގެ އާޚިރު ނަތީޖާއަކީ ދައުލަތުގެ ހިންގުމުން ރައްޔިތުންގެ ސީދާ އަޑު ކެނޑި ޕާޓީތަކާއި ލީޑަރުން ކުޅެން ގެންގުޅޭ ބޯޅައަކަށް މުޅި ނިޒާމު ވެގެން ދިޔުމެވެ.

ދައުލަތުގެ މުއައްސަސާތަކާއި ވެރިކަންކުރާ ޕާޓީ އާއި ސަރުކާރާއި އިދިކޮޅަށް ބެލިޔަސް ހުރިހާ ކަމެއް، މަތިން ތިރިއަށެވެ. ރައްޔިތުންގެ މަސްލަހަތު އިސްކުރާ ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކުރެވޭނީ މި ނޫން ދުވަހެއް ގެނެސްގެނެވެ. އަދި އެ ދުވަސް ގެނެވޭނީ އެއްކަލަ 58 ޕަސެންޓަށެވެ.

ހައްގާއި ބާތިލާއި ހެވާއި ނުބަޔަކީ ސިޔާސީ ފިކުރާ އެއްގޮތަށް އެނބުރެމުންދާނެ އެއްޗެއް ނޫނެވެ. ކޮންމެ މީހަކު ކުރިޔަސް ގޯހެއް ވާނީ ގޯހަކަށެވެ. ވަކި މީހަކު އެއީ ރަނގަޅެކޭ ބުނާތީ އެ ކަމެއް ރަނގަޅުވާނެ ގޮތެއް ވެސް ނޯންނާނެ އެވެ. އެކަމަކު ޕާޓީތަކުގެ މެމްބަރުންނަށް މި ކަން ވިސްނެނީ ކިހާ ވަރަކަށް ހެއްޔެވެ؟ އެތައް ކަމެއް ގޯސްވެގެން ދިޔުމުގެ އެންމެ އަސާސީ ސަބަބަކީ މި ހަގީގަތް އޮޅިފައި އޮތް ކަމެވެ. ތާއަބަދު ބޯޖަހާލަޖަހާލާ ތިބުމުގެ ބަދަލުގައި އަމިއްލަ ޕާޓީ އާއި ތިމާ ތާއީދުކުރާ ލީޑަރުން ޖަވާބުދާރީކުރުވައި ޒިންމާދާރުކުރުވައި ހަމަ މަގަށް އެޅުވުމުގެ ގާބިލްކަން ޕާޓީތަކުގެ އާއްމު މެމްބަރުންގެ ކިބައިގައި އޮތް ކަމަކަށް ނުފެނެ އެވެ. އޭގެ ސަބަބުތައް ދެނެގަނެ ހަގީގީ ޑިމޮކްރެޓިކް ވެއްޓެއް އަށަގަންނުވަން ކުރަން ޖެހޭ މަސައްކަތްތަކަށް ވަރަށް ގިނަ ވަގުތު ނަގާނެ އެވެ. އެކަމަކު މިހާރުގެ ހާލަތުން ދެން ކުރިއަށް އަޅަންވީ ފިޔަވަޅަކީ ކޮބައިތޯ ވެސް ވިސްނަން އެބަ ޖެހެ އެވެ.

ސިޔާސީ ކަންކަން ކޮންމެ ގޮތަކަށް ހިނގިޔަސް ތިމަންނާގެ ދިރިއުޅުމަށް އަސަރެއް ނުކުރެއޭ ހީވަންޏާ ތިއީ އަދި މުޅިއަކުން ރަނގަޅު ވިސްނުމެއް ނޫނެވެ. ކޮންމެ ކަމަކީ ވެސް ސިޔާސީ މީހުންގެ ނިންމުންތަކާއި އެ މީހުން ކަނޑައަޅާ ސިޔާސަތުތަކެވެ. އެ ކަންކަމާ މެދު ޚިޔާލުފާޅުކޮށް ބަސް ބުނެ އަޑުއުފުލުމަކީ ސިޔާސީވުން ކަމަށް ވަންޏާ އެންމެން ވެސް ސިޔާސީވާން އެބަ ޖެހެ އެވެ. ޚާއްސަކޮށް، މިހާތަނަށް ސިޔާސީ ނުވެ ތިބި 58 ޕަސެންޓެވެ.

ފުރަތަމަ ގަބޫލުކުރަންވީ ކަމަކީ އަހަރެމެންނަށް ހައްގު މިންވަރު އެއީ ސިޔާސީ މީހުން ބުނެދީ ކަނޑައަޅަން ޖެހޭ އެއްޗެއް ނޫން ކަމެވެ. އެއީ އަހަރެމެން އަމިއްލަ އަށް އިޚްތިޔާރުކޮށް ޑިމާންޑުކޮށްގެން އަހަރެމެން އެންމެ އެދޭ ސިފައިގައި ލިބިގަންނަން ޖެހޭ އެއްޗެކެވެ. އެހެން ނޫނީ، ޑިމޮކްރެސީއެކޭ ކިޔުމުގެ މާނައެއް އެބަ އޮތް ހެއްޔެވެ؟ ދެވަނަ ކަމަކީ، ބޭރުން ބަޔަކު އައިސް އަހަރެމެން ސަލާމަތްކޮށްދޭނެ ކަމަށް ދެކެންޏާ އެ ވިސްނުން ދޫކޮށްލަން ޖެހެ އެވެ. އެއީ މިހާތަނަށް ވެފައި އޮތް ކަމެއް ނޫނެވެ. އަމިއްލަ އެދުމެއް ނެތި ހެޔޮ ނިޔަތެއްގައި ބޭރު ބަޔަކު އެހީތެރިވެދާނެ ކަމަކަށް ގަބޫލެއް ވެސް ނުކުރެވެ އެވެ. އަދި އެ ގޮތަށް އަތްބޭނުމުގެ ހިތި ނަތީޖާ ދުނިޔޭގެ އެތައް ގައުމަކުން އެ ދަނީ ފެންނަމުންނެވެ. އަހަރެމެންގެ ކަންކަން ހައްލުކުރާނީ އަހަރެމެން އަމިއްލައަށޭ އެ ބުނަނީ ކޮންމެ މީހަކު ކަމަށް ވިޔަސް އެއީ ރަނގަޅު ވާހަކައެކެވެ.

ސިޔާސީ މީހުން ލައްވައި ގައުމުގެ ބޮޑެތި މައްސަލަތައް ހައްލުކުރުވައި އެ މީހުންނަކީ ތެދުވެރި، ނަޒާހާތްތެރި، އަމާނާތްތެރި، ރައްޔިތުންނަށް ކިޔަމަންތެރި އަދި ޖަވާބުދާރީވާ ބަޔަކަށް ހަދަން އަހަރެމެން އެންމެން މި ތިބީ ނުކުޅެދިފަ އެވެ. ޚާއްސަކޮށް، ހުރިހާ ކަމެއް ހިނގަނީ ސިޔާސީ ޕާޓީތަކުގެ ނިޒާމެއްގެ ތެރެއިން ކަމަށް ވާއިރު، ޕާޓީތަކާއި ލީޑަރުން ފެއިލްވުމުގެ ޒިންމާ ޕާޓީތަކުގެ މެމްބަރުންގެ ކިބައިގައި އެބަ އޮތެވެ. އެހެންވީމާ މިއީ ދެން ތިބި މީހުން ތެދުވެ އެ މަސްއޫލިއްޔަތާ ހަވާލުވުމުގެ ވަގުތެވެ.

އަދަދަށް ބެލިޔަސް، އަދި ކަނު ވަފާތެރިކަމެއްގައި ނުޖެހި ހަމަ ގަބޫލުކުރުމުގެ ފުރުސަތަށް ބެލިޔަސް، 58 ޕަސެންޓުގެ މުހިއްމުކަން ބޮޑެވެ. ތަޣައްޔަރުވެ ގަޑުބަޑުވެފައި މި އޮތް ނިޒާމް އިސްލާހުކުރަން އެ އަޣުލަބިއްޔަތަށް ވަރަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ އެވެ. އެއީ ވަރަށް ބޮޑު ބާރެކެވެ. ސުވާލަކީ އެ ބާރުގެ ބޭނުން ހިފާނެ ހެއްޔެވެ؟ އަދި ކޮން ގޮތަކަށް ހެއްޔެވެ؟

"މަށަކީ ސިޔާސީ މީހެއް ނޫނޭ" ބުނެލާފައި ރެކިގަނެވޭ ވަރަށް ވުރެ 58 ޕަސެންޓުގެ ޒިންމާ މާ ބޮޑެވެ. ހުރިހާ ބޭނުންތަކެއް ފުދިގެން ތަނަވަސްކަމާއި އިމްތިޔާޒުގައި ދިރިއުޅޭ މީހަކު މި ކަމަށް ފަރުވާލެއް ނުބަހައްޓަފާނެ އެވެ. އެކަމަކު އަޣުލަބިއްޔަތު އޮތީ އެފަދަ މީހުންނަށް ނޫންކަން ފާހަގަކުރަން ޖެހެ އެވެ.

ސިޔާސީ ކަންކަން ކޮންމެ ގޮތަކަށް ހިނގިޔަސް ތިމަންނާގެ ދިރިއުޅުމަށް އަސަރެއް ނުކުރެއޭ ހީވަންޏާ ތިއީ އަދި މުޅިއަކުން ރަނގަޅު ވިސްނުމެއް ނޫނެވެ. ކޮންމެ ކަމަކީ ވެސް ސިޔާސީ މީހުންގެ ނިންމުންތަކާއި އެ މީހުން ކަނޑައަޅާ ސިޔާސަތުތަކެވެ. އެ ކަންކަމާ މެދު ޚިޔާލުފާޅުކޮށް ބަސް ބުނެ އަޑުއުފުލުމަކީ ސިޔާސީވުން ކަމަށް ވަންޏާ އެންމެން ވެސް ސިޔާސީވާން އެބަ ޖެހެ އެވެ. ޚާއްސަކޮށް، މިހާތަނަށް ސިޔާސީ ނުވެ ތިބި 58 ޕަސެންޓެވެ. އެއީ ގައުމަށްޓަކައި ތި އެންމެން އަދާކޮށްދޭން ޖެހޭ މަދަނީ މަސްއޫލިއްޔަތެކެވެ.

ރާއްޖޭގެ ކަންކަން އިސްލާހުކުރަންވީ ގޮތް އެންމެ ރަނގަޅަށް އެނގޭ މީހުން 58 ޕަސެންޓުގެ ތެރޭގައި ހިމެނޭނެކަން ޔަގީނެވެ. އެ އެންމެން ކޮބާ ހެއްޔެވެ؟ ތައުލީމާއި ތަޖުރިބާތައް އެއްތަންކުރާށެވެ. ވަކި ކޮޅަކަށް ނުޖެހި އުފެއްދުންތެރި ވާހަކަތައް ދައްކައި ފާޑުކިޔައި ބަހުސްކުރުމުގެ ގާބިލްކަން ހުރި އެންމެން އެކަން ފަށާށެވެ. އާއްމުން ހޭލުންތެރިކޮށް މަގު ދައްކައިދޭށެވެ.

ބޭނުންވަނީ އެންމެ ކަމެކެވެ. އެންމެންގެ އަޑު އެއްފަހަރާ އިއްވުމެވެ.

ސިޔާސީ މީހުންގެ އަމަލުތަކާ ހެދި ރުޅިގަދަވެ މާޔޫސްވެފައި ތިބި މީހުން އިސްނަގާށެވެ.

24 ކޮމެންޓް, 80 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 4%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

58% ގެ މީހެއް

07 April 2018

ނޫނޭ..... ރާއްޖޭގެ މެޖޯރިޓީ އަކީ އެމް ޑީ ޕީ.

The name is already taken The name is available. Register?

ނަޒަރު

06 April 2018

58% ތިޔަހެން އޮތުމަކީ ވަރަށް އުފާވެރިކަމެއް. އެއީ މިގައުމުގެ ސިޔާސީ މަސްރަހު ވޯޓާ ހަމައިން ލަނބާލާނެ ގޮތް ނޭގޭނެ އެއް ސަބަބަކީ އެއީ. އެގޮތަށް އެކަން އޮތުން ރަގަޅީ.

The name is already taken The name is available. Register?

ބީފާނު

06 April 2018

މައްސަލައަކީ ވޯޓެއް ލާން ބަލައިލާއިރު ގިނަ މީހުންނަކީ ވަކި ވަރަކަށް ފައިސާ ދިނީމާ ވޯޓު ވިއްކާލާ ބަޔަކަށް ވާތީ.. ޤަޢުމުގެ މަސްލަހަތަށް ވުރެ އަމިއްލަ ޖީބު ފުރާލުން މުހިންމު ވީމާ.! މިކަމަށް ބަދަލެއް ނައިސް ޤައުމު ރަގަނޅެއް ނުވާނެ! އިގިރޭއްސި ބަހުން ބުނަންޏާ "އެޓް ދި އެންޑް އޮފް ދަ ޑޭ، އެވްރިވަން ހޭސް އަ ޕްރައިސް" .. ދެން މަ ކޭލެ!!

The name is already taken The name is available. Register?

ޔޫސުފް ޔޯޝަޢު

05 April 2018

ރިޔާސީ ނިޒާމަށް އޮންނަ ވެރިކަމުގެ ނިޒާމެއްގައި ހުރިހާ އެންމެން ޕާޓީއަށް ވަދެތިބުމަކީ އެއްވެސް ހާލެއްގައި މުހިއްމު ކަމަށް ނުވެއެވެ. މިގޮތުން ޕާޓީތަކަށް ނުވަދެތިބޭ އެންމެނަކީ ސިޔާސީ ވިސްނުމެއް ފިކުރެއް ނެތް ބައެއް ކަމަކަށް ނުބެލެވެއެވެ، އެހެނީ ޕާޓީއަކަށް ނުވަންނަ މީހުންގެ ޕާޓީ އަކީވެސް ޑިމޮކްރަސީ ގައި ޕާޓީއެކެވެ. އެއީ މޮޑަރޭޓަރސް ވޯޓާސް ގެ ޕާޓީ އެވެ.

The name is already taken The name is available. Register?

58 ޕަސެންޓު މުހިއްމު

05 April 2018

އަންނި އަކަށް ޔާމީނަކަށް ގާސިމަކަށްވެސް ވޯޓެއް ނުލާނަން! މިމީހުންގެ ކިބައިންވެސް ގައުމު ސަލާމަތް ކުރަންޖެހޭ. ބޭނުމީ އާ ފްރެޝް މޫނުތަކެއް. ވޯޓު ކަރުދާހުގައި އޮތީ އަންނި ނޫނީ ޔާމީން ނޫނީ ގާސިމަކަށްވެސް ނަމަ ވޯޓެއް ނުލާ %58 މީހުން Protest vote މިސާލު ނަގާ ރާއްޖޭގެ ކަންކަން އިސްލާހުކުރަންވީ. ވޯޓު ކަރުދާހުގައި ބަސް ބުނެ އަޑުއުފުލާ. SAY NOT TO ALL

The name is already taken The name is available. Register?

ދިވެހިއަމާނާތޯތްލޮލް

05 April 2018

އަހަރެން ބުނާނީ ދިވެހި ރައްޔިތުން އެމީހުންގެ މައްޗަށް ގާނޫނު ހަދަން ލާމީހުންގައި ހުންނަން ޖެހޭ ފެންވާރު ހޮވާގޮތް 2009 ވަނަ އަހަރު މާލޭގެ މަައްޗަަަންގޮޅިން މަޖިލީހަށް ކުރިމަތިލީމީހުންނާ ހޮވި މީހުންނަށް ބަލައިލީމާ އެނގޭނެއެވެ. އަމިއްލަ އަށް ބޮނޑިބޮައިފައި ދެން ވާހަކަދައްކާނެކަމެއް ނެތެވެ.

The name is already taken The name is available. Register?

ކޮމެންޓޭ1

05 April 2018

ތިޔަ ބުނާ %58 އަކީ ވެސް މުޅިން ހިޔާލު އެއްގޮތް ބަޔެއް ނޫން. އަޅުގަނޑަކަށް މި ޑިމޮކްރަސީ ކަމަކު ނުދޭ. އެތައް ބައިވަރު ފައިސާއަކާ ވަގުތެއް ބޭކާރުވާ ނިޒާމެއް މިއީ. ސިންގަޕޫރުން މިސާލު ނަގާނަމަ މިހާރު މިއޮތް ޑިމޮކްރަސީ އަށްވުރެ ކުދި ގައަމުތަކަށް ކަމުދާ ނިޒާމެއް އެއީ. ހުޅަނގުގެ ޑިމޮކްރަސީ ސިންގަޕޫރު ގަ ނެތަސް ނިސްބަތުން ކޮރަޕްޝަން އެންމެ ދަށް ގައުމު ތަކުގެ ތެރޭ ހިމެނޭ، އަހަރުމެންނަށް އައިސްސަ މިއޮތީ އިންޑިއާގަ އޮންނަ ކަހަލަ ކޮރަޕްޝަން އެންމެ ބޮޑު ނިޒާމު.

The name is already taken The name is available. Register?

އޯ ޕްލީސް

05 April 2018

އަނެއްހެން މުޅިންގޯހެއްނޫން ތިޔަ ވިދާލުވާއެއްޗެއް.... ނަމަވެސް ސިންގަޕޫރުގައި ކޮރަޕްޝަން ދަށްވެފައިވަނީ ޑިމޮކްރަސީ ނެތިގެންނެއް ނޫން! އެތާގެ ޝަރުއީނިޒާމް ވަރުގަދަވެފައި ސަރުކާރުން ކޮރަޕްޝަންއާއި ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅަންކެރޭތީ! ދުނިޔޭގައި އެންމެ ކޮރަޕްޝަން ދަށް ގައުމުތަކުގައި ލިސްޓްގެ މަތީވަނަތަކުގައި މުޅިންހެންވެސް އުޅޭނީ ތިޔަވިދާޅުވާ ހުޅަނގުގެ ޑިމޮކްރަސީ ގައުމުތައް! ރާއްޖޭގައި ޖެހިގެން މިއުޅޭމައްސަލައަކީ ކޮރަޕްޝަން މިއޮތީ މަތިން ތިރިއަށް މޫލާފައި! ޑިމޮކްރަސީ އޮތީ ހަމަ ނަމަކަށް އެކަނި!

The name is already taken The name is available. Register?

ހާހާ

05 April 2018

މީ ކޮންކަހަލަ ދިރާސާ އެއްތަ. 107000 ޕާރޓީ ތަކުގަ، އޯކޭ. ނަށީދު 105000 އެންމެ ފަހުން ހޯދި. އެހެންވީމަ %58 މީހުންގެ މެޖޯރިތީ ފިކުރު އެބަފެނޭ. މަވެސް، މަގޭ އާއިލާވެސް އެއްވެސް ޕާޓީ އެއްނޫން. އެކަމަކު އެންމެންވެސް ނަށީދު ލަައިކުވޭ. އިނގިއްޖެ. ދިރާސާ އޯކޭ، ކޮންކުލޫށަން ކަޑަ. އަންޑަސްޓޭންޑިން ކަޑަ. ލިހުން އޯކޭ.

The name is already taken The name is available. Register?

ފުރެންޑު

05 April 2018

ބިރުން އިސްތިއުފާ ދީފަ ފިލާ މީހުންނަކީ ލީޑަރުންނަކަށް ނުވާނެ. ކެރިގެން ކަންކަމާކުރިމަތިލާ ކަންތައްތައް ރަނގަޅުކޮށް ވެރިކަން ސްޓޭބަލް ކޮށް ބެހެއްޓޭ މީހަކު ހޮވަން ޖެހޭނީ.

The name is already taken The name is available. Register?

‫ލޮލް

05 April 2018

ބައެއް ސިފައިންނާއި ޕޮލިހުން ބަގާވާތްކޮއްގެން އަންނިބޭލީ. މިހާރު ކޮންމެހެނެ ތިހެންކިޔައިގެން އަހަރުމެން ނުހެއަލޭނެ. އެންމެންގެ ލޯމަތީ ހިގާދިޔައީ

The name is already taken The name is available. Register?

ފައިސާ ފައިސާ

05 April 2018

ޢިސްތިއުފާ ދިނީމަވެސް ކަލޭމެންނަކަށް ކަމަކު ނުދިޔަ. ޢެކަމަކު އިސްތިއުފާ ދެންދެން ސިފައިންނާއި ފުލުހުން ނެރެގެން ކަލޭމެން ގަތްގަނޑުވެސް އެހެރީ ފެންނަން ޔޫޓިއުބުގައި އާއި ނޫސްތަކުގައި. ޢެދުވަހު އިސްތިއުފާ ނުދިން ނަމަވެސް ނަޝީދުއަށް ވުރެން ނުލަފާ މީހަކު ނުހުންނާނެ.

The name is already taken The name is available. Register?

ނޯ ޕާޓީ

05 April 2018

ވީމާ ޕާޓީ ބަދަލު ކޮށްފިއޭ ކިޔާފައި ޕީޕީއެމުން ވަކި ވުމުން ގޮޑި ގެއްލުވާލި 12 މެމްބަރުން ނަކީ ވެސް އަހަރެމެންގެ އަޣްލަބިއްޔަތުން ހޮވި 12 މެމްބަރުން ތާއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454