ވިސްނާ! އަހާލުމެއް ކަހާލުމެއް ނެތް!

ބުރާސްފަތިދުވަހަކު ސަރުކާރުގެ ގެޒެޓުގައި ޖެހި އިއުލާނެކެވެ؛ މާލޭގެ މަގުތައް ތޮއްޖެހި، އުޅެން އުނދަގޫކަމުން ދުވާލު ވަގުތު ރަށު ތެރޭގައި މުދާ އުފުލުން އަންނަ އާދީއްތަދުވަހުން ފެށިގެން މަނާވާނެ އެވެ! ދޮޅު ލައްކަ މީހުންގެ ދިރިއުޅުމާ ގުޅިފައި އޮތް އަދި މާލޭގެ ބާޒާރާއި ވިޔަފާރިތަކަށް ބޮޑެތި އަސަރު ފޯރާ ނިންމުމެއް އައީ ހަފްތާ ބަންދެއްގެ މުއްދަތު ދީފައި، ހަމަ ކުއްލިއަކަށެވެ. މި އޮތީ ސަރުކާރުގެ އަމުރެވެ؛ ކަލޭމެން ތަބާވާށެވެ!


މި ޝުއޫރު ހިތުގައި އުފެދުނު އިރު އަހަރެން އިނީ އެހެން ގައުމެއްގެ އެހެން ސިޓީއެއްގެ މުނިސިޕަލް ސަރުކާރުން ކަމަކާ މެދު އާއްމުންގެ ޚިޔާލު ހޯދަމުން ގެންދިޔަ ބައްދަލުވުމެއްގަ އެވެ.

މާލޭގެ ޓްރެފިކް މައްސަލަ އަށް ދާއިމީ ހައްލެއް ލިބިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރާ އަދި އިތުރު އެހެން މައްސަލަތަކަކަށް މަގުފަހިވި ސިޔާސަތެއް، އާއްމުންގެ ޚިޔާލު ހޯދުމެއް ނެތި ތަންފީޒުކުރަން ފެށި އިރު، އެފަދަ ބަދަލެއް ގެންނަން އުޅޭ ކަމުގެ އިޝާރާތެއް ވެސް ކޮށްލާފައި ނެތްކަން ގަބޫލުކުރަން ވެސް ދައްޗެވެ. އެކަމަކު މިއީ ރާއްޖޭގައި ކަން ހިނގާ އާއްމު އުސޫލު ކަމަށްވާ އިރު ހައިރާންވާކަށް ނުޖެހެ އެވެ. ތަރައްގީގެ މަޝްރޫއުތަކާއި ޕްލޭންތައް ހަދައި ތަންފީޒުކޮށް ބަދަލުތައް ގެނެސް އެ ގޮތް މި ގޮތް ހަދަނީ، އާއްމުން ގާތު އެއްޗެކޭ އަހައި، ދެކޭ ގޮތް ބަލައިފައެއް ނޫނެވެ. އެހެންވީމާ ހަމައެކަނި ބުނެލަން އޮތީ، ރާއްޖެ ނުވަތަ މާލެ ސިންގަޕޫރަށް، ނުވަތަ ޓޯކިޔޯ އަށް ނުވަތަ ސްވިޓްޒަލެންޑަށް ބަދަލުކޮށްލާ އިރު ރައްޔިތުންގެ ޚިޔާލު ވެސް ހޯދާލިއްޔާ ރަނގަޅުވާނެ އެވެ.

ކެނެޑާގެ ނިސްބަތުން ކުޑަ ސިޓީއެއް ކަމަށްވާ ހެލިފެކްސްގެ މެދުގައި އާއްމުން ހިތްހަމަޖައްސާލައި ކުޅިވަރު ކުޅެލަން އޮންނަ ބިޔަ ސަރަހައްދު ނުވަތަ ހެލިފެކްސް ކޮމަން އިތުރަށް ތަރައްގީކޮށް ބަދަލުކޮށްލަން ސަރުކާރުން ބޭނުންވެ އެވެ. އަދި އެ މަޝްރޫއުގެ އެންމެ ފުރަތަމަ ބަޔަކީ އެކަން ކުރަންވީ ގޮތް ކިޔައިދިނުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލުމެވެ.

އެއީ ކަމާ ބެހޭ މާހިރުންނާ ހަވާލުކޮށްގެން މި ވަގުތު ކުރިއަށް ގެންދާ ހަ މަސް ދުވަހުގެ ބޮޑު މަޝްރޫއުއެކެވެ. މާސްޓަޕްލޭނެއް ހެދުމުގެ ކުރިން، އާއްމުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތަކާއި ވޯކްޝޮޕްތައް ބޭއްވުމާއި ސާވޭއަކާއި ވަކިން ޚާއްސަކޮށް ޒުވާނުންގެ ވިސްނުން ހުރި ގޮތް ބެލުމާއި ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރުން އޭގެ ތެރޭގައި ހިމެނެ އެވެ. ފުރަތަމަ ތިން މަސް ދުވަހުގެ މަޝްވަރާތަކަށް ބިނާކޮށް ޑްރާފްޓެއް އެކުލަވާލުމަށް ފަހު އެ އަށް ފާޑުކިޔައި ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ދޭނެ އެވެ. އެ އަށް ފަހު ތައްޔާރުކުރާ ދެވަނަ ޑްރާފްޓް ވެސް ހިއްސާކޮށް، ހެލިފެކްސް ކޮމަންގެ މާސްޓަޕްލޭން ފައިނަލްކުރާ އިރު، އެކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި އާއްމުންގެ ބައިވެރިވުން އޮންނާނީ ކަށަވަރުވެފަ އެވެ.

"... ވެރިކަމުގައި އޮންނަ ސިޔާސީ ޕާޓީއަކުން ބޮޑެތި ނިންމުންތައް ނިންމާ މުޖުތަމައުއަކީ އެ މުޖުތަމައުއެއްގެ އަމިއްލަ ރައްޔިތުންގެ އިލްމާއި ވިސްނުމާއި ހުނަރުގެ ބޮޑު ބައެއް ނަގައި އެއްލާލާފައިވާ މުޖުތަމައުއެކެވެ... މުޖުތަމައު ގެންދަންވީ މަންޒިލް ކަނޑައެޅުމަށްޓަކައި، ހޮވާލެވިފައިވާ މަދު ބައެއްގެ ހުނަރުތައް އެކަނި ބޭނުންކުރާ މުޖުތަމައުތަކަށް ވުރެ ބޮޑަށް ކުރިއަރައިދިޔުމުގެ ފުރުސަތު އޮތީ އާބާދީގެ ހުރިހާ ބައިތަކަކުން ހުރިހާ ބާވަތެއްގެ ހުނަރު ހޯދައި އޭގެ ބޭނުން ހިފައިފި މުޖުތަމައުއަކަށެވެ."

ތަރައްގީގެ ޕްލޭނެއް ހެދުމުގެ ކުރިން އެ ކަމާ މެދު ބަސް އިއްވައި ގޮތް ކަނޑައެޅުމުގެ ފުރިހަމަ ބާރު ރައްޔިތުންނަށް އޮތް އިރު ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ފަހިކޮށްދިނުމުގެ ޒިންމާ ވެސް ހެލިފެކްސްގެ ސަރުކާރުން އުފުލަ އެވެ. އެއީ މި ސިޓީގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް އޮތް ފުރުސަތެކެވެ. ލައިބްރަރީ ޕްރޮގްރާމެއްގައި ބައިވެރިވެގެން އުޅޭތީ އަހަންނަށް އިއްތިފާގުން އެ ފުރުސަތު ލިބުނު އިރު، ބައްދަލުވުމެއްގައި ނޫނަސް، އީމެއިލުން ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ޚިޔާލު ހުށަހެޅިދާނެ އެވެ. މަޝްރޫއު އަށް ޚާއްސަ ވެބްސައިޓުގައި ކޮށްފައި އޮންނަ މުހިއްމު ސުވާލަކީ، "ހެލިފެކްސް ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ބޭނުންތައް އެންމެ ރަނގަޅަށް ފުއްދައިދޭ ތަނަކަށް ކޮމަން ހަދާނީ ކިހިނެއް" ހެއްޔެވެ؟

ރާއްޖޭގައި ލޯކަލް ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައި އޮތް އިރު ހުރިހާ މަޝްރޫއުތަކެއް ސަރުކާރުން ރާވައި ހިންގުމުގައި އާއްމުންގެ ބައިވެރިވުމެއް ނެތެވެ. މިސާލަކަށް، މާލެ އަށް މިހާތަނަށް ގެނެސްފައިވާ އެއްވެސް ބަދަލެއްގައި މާލޭގައި ދިރިއުޅޭ މީހުންގެ ޚިޔާލު ދުރާލާ ހޯދައިފައެއް ނުވެ އެވެ. ހުރިހާ ކަމެއް ނިންމައި އިއުލާންކުރާ ހިސާބުން ފާޑުކިޔުންތަކާއި ޝަކުވާތައް އައިމާ، ބައެއް ފަހަރު އެ ކަމެއް ފަސްކޮށްގެން ކޮންމެވެސް ކަމެއް ބަދަލުކޮށްފައި ނުވަތަ ޝަކުވާ ކުރާ ބަޔަކު ދައްކާ ވާހަކައެއް އަޑުއަހަން ވަގުތު ދީފައި އެބަ ހުއްޓެވެ. މިސާލަކަށް، ދުވާލު މުދާ އުފުލުން މަނާކުރި ނިންމުމެވެ. އެ ގޮތަށް ނިންމިކަން އިއުލާންކުރީމާ ކަންބޮޑުވުން ފާޅުކުރި ވިޔަފާރިވެރިންނާ ސަރުކާރުން ބައްދަލުކުރިޔަސް، އޭގެ ކުރިން ވިޔަފާރިވެރިންނާ ވެސް މަޝްވަރާކުރި ކަމެއް އެނގިފައެއް ނުވެ އެވެ.

މުދާ އުފުލުން ރޭގަނޑަށް، ޚާއްސަކޮށް ވިޔަފާރި ބަނދަރު ހިންގުމުގެ ސިޔާސަތާއި ފެރީތަކުން މުދާ އުފުލާ ގަޑިތައް ވެސް އެ ނިންމުމާ ގުޅުވައިލުމަށް ފަހު ހަމަ އެ ނޭވާގައި ކެފޭ/ ރެސްޓޯރެންޓްތަކާއި ޕެޓްރޯލް ޝެޑްތައް ބަންދުކުރާ ގަޑި ވެސް ބަދަލުކުރީ އެވެ. ދެން އިވުނީ 24 ގަޑި އިރު ޚިދުމަތް ދޭ ސިޓީއަކަށް މާލެ ބަދަލުކޮށްލަން ނިންމާފައި އޮތް ވާހަކަ އެވެ. އެކަމާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެފަދަ ޕްލޭނެއް އެކުލަވާލާނީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް ޚިޔާލު ހޯދައިގެން ކަމަށް ސަރުކާރުން ބުންޏަސް، އޭގެ މާނައެއް އަދި ނޭނގެ އެވެ. ގައިމު ވެސް ޚިޔާލު ހޯދަން އާއްމުން ރައްޔިތުން ގާތަށް ދިޔަ ކަމެއް އެނގިފައެއް ނުވެ އެވެ.

މާލޭގައި ފުނިޖެހިފައިވާ މައްސަލަތައް ހައްލުކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކާއި ގެންނަ ބަދަލުތަކުގެ ހުރިހާ ކަމެއް ގޯސްކުރަނީއެއް ނޫނެވެ. އެ ކަންކަމުން އެދެވޭ ނަތީޖާތައް ވެސް ފެނެ އެވެ. އެކަމަކު އެފަދަ ނިންމުންތަކާ އެކު އެތައް ބައެއްގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮހިގެންދާން މަގުފަހިވާ ސަބަބުތައް ވެސް ހުރެ އެވެ. ބޮޑަށް މިހެން ދިމާވަނީ ވެސް ހާމަކަމާއި އާއްމުންނާ މަޝްވަރާކުރުމުގެ ރޫހު ސަރުކާރުގައި ނެތީމަ އެވެ.

ތަރައްގީގެ މަޝްރޫއުތަކާއި ދިރިއުޅުމަށް ބަދަލު އަންނަ ނުވަތަ އަސަރު ފޯރާ ގޮތަށް ރަށު ތެރެއަށް ގެންނަ ބަދަލުތަކާ މެދު ދުރާލާ އާއްމުންގެ ޚިޔާލު ހޯދަން ޖެހޭނެ އެވެ. ސަރުކާރުގެ ވެރިން ފަހަރުގައި ބުނެފާނެ އެވެ؛ "މިކަން މި ކުރަނީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށެވެ. ރައްޔިތުންނަށް ފަސޭހަކޮށްދޭށެވެ. މިއީ މި ކަން ކުރަން އޮތް އެންމެ ރަނގަޅު ގޮތެވެ." އެކަމަކު އެކަން އެނގެނީ ހެއްޔެވެ؟ ވަޒީރަކު ނުވަތަ އޭނާގެ މަދު މުވައްޒަފުންކޮޅެއް، އެހެން ހުރިހާ ރައްޔިތުންނަށް ވުރެ މާ މޮޅުވާނެއޭ ބުނެވިދާނެ ހެއްޔެވެ؟ އަދި ރައްޔިތުންގެ ބަހެއް ނުހޯދައި، "މިއީ ރައްޔިތުން ބޭނުންވާ ގޮތޭ" ކިޔައިގެން ވާހަކަދެއްކޭނެ ހެއްޔެވެ؟

ހެލިފެކްސް ކޮމަންއާ ބެހޭ ބައްދަލުވުމަށް ފަހު މި ޝުއޫރުތައް ސިކުނޑީގައި އެނބުރެމުން ދިޔަ ދުވަހު އަހަންނަށް އިއްތިފާގުން ކިޔައިލެވުނީ އިލްމުވެރިއެއްގެ ވަރަށް މުނާސަބު ބަސްކޮޅެވެ. މަޝްހޫރު އިކޮނޮމިސްޓް ތޯމަސް ސޮވެލް ލިޔުއްވާފައިވެ އެވެ؛

"... ވެރިކަމުގައި އޮންނަ ސިޔާސީ ޕާޓީއަކުން ބޮޑެތި ނިންމުންތައް ނިންމާ މުޖުތަމައުއަކީ އެ މުޖުތަމައުއެއްގެ އަމިއްލަ ރައްޔިތުންގެ އިލްމާއި ވިސްނުމާއި ހުނަރުގެ ބޮޑު ބައެއް ނަގައި އެއްލާލާފައިވާ މުޖުތަމައުއެކެވެ... މުޖުތަމައު ގެންދަންވީ މަންޒިލް ކަނޑައެޅުމަށްޓަކައި، ހޮވާލެވިފައިވާ މަދު ބައެއްގެ ހުނަރުތައް އެކަނި ބޭނުންކުރާ މުޖުތަމައުތަކަށް ވުރެ ބޮޑަށް ކުރިއަރައިދިޔުމުގެ ފުރުސަތު އޮތީ އާބާދީގެ ހުރިހާ ބައިތަކަކުން ހުރިހާ ބާވަތެއްގެ ހުނަރު ހޯދައި އޭގެ ބޭނުން ހިފައިފި މުޖުތަމައުއަކަށެވެ."