މިދިޔަ އަހަރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ލީ ކަމުގެ ނިޝާން މީހަކު ދައްކާލަނީ: ރާއްޖޭގައި ވޯޓު ގަނެވިއްކުން އާއްމު. ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
31 މެއި 2018 - 08:43
ރިޔާސީ އިންތިޚާބު ބޯމަތިވެ، އަންނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވެސް ބާއްވަން އުޅޭ މި ދަނޑިވަޅުގައި އިސާހިތަކު ވޯޓު ގަނެވިއްކުމުގެ ފޯރި ހިއްޕާލާފާނެ އެވެ. މާޒީގެ ހުރިހާ ކަމަކަށް ބަލާ އިރު ކުރިއަށް ލަފާކުރެވެނީ އެ ގޮތަށެވެ.
ވޯޓު ގަނެވިއްކުމަކީ ރާއްޖެ ފަދަ ހަގު ޑިމޮކްރެސީތަކުގައި އިންތިޚާބުތަކަށް ކުރިމަތިވެފައި އޮންނަ ވަރަށް ބޮޑު މައްސަލައެކެވެ. އެކަން ހައްލުކުރުމުގެ ގޮތުން އެކި ކަންކަން އެކި ގައުމުތަކުގައި ކުރެ އެވެ. އޭގެ ތެރޭގައި، ފައިސާ ނުވަތަ ތަކެތި ދީގެން ވޯޓު ހޯދުން ހުއްޓުވަން މަސައްކަތްކުރުން ހިމެނެ އެވެ. އެކަމަކު ރަނގަޅަށް ތަންފީޒު ނުކުރެވުމާއި ފިޔަވަޅު ނޭޅުމުގެ ސަބަބުން އެކަން މާ ބޮޑަކަށް ކާމިޔާބު ވަމުންނެއް ނުދެ އެވެ. އެހެންކަމުން، ވޯޓު ގަނެވިއްކުން ހުއްޓުވުމުގެ މަސައްކަތްތައް، ވޯޓު ލާ މީހުން ނުވަތަ އާއްމުންނަށް ބޮޑަށް އަމާޒުކުރުން ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އޭގެ ތެރޭގައި، ސިޔާސީ މީހުން ދޭ އެއްޗެހީގައި ނުހިފަން އަހުދުކުރުވުން ހިމެނެ އެވެ. އަދި މިއީ ކޮންމެވެސް މިންވަރެއްގެ އެދެވޭ ނަތީޖާއެއް ނުކުންނަ ކަމެއްކަން ފިލިޕީންސްގައި ހެދި ދިރާސާއަކުން އެނގިފައިވެ އެވެ.
އިންތިޚާބުތަކުގައި ވޯޓު ލާން ތިބޭ އާއްމުންނަށް ސިޔާސީ މީހުން އެއްޗެހި ދީ، ޒާތީ ބޭނުންތައް ފުއްދައިދިނުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ. ރައްޔިތުންގެ މަޖުބޫރީ ހާލަތްތަކާއި ފަގީރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، ކެމްޕެއިންތަކުގައި އެންމެ ފޯރީގައި ކުރާ އެއް ކަމަކީ އެއީ އެވެ. "ދިއްކޮށްލާ ހަދިޔާއެއް"ގެ ގޮތުގައި ނަގުދު ފައިސާ އިން ފެށިގެން ގޮސް ދޮންނަ މެޝިނާއި އެއާކޯނަށް ދަންދެން ބަހާފައި އެބަ ހުއްޓެވެ. ބައެއް ފަހަރު ސިއްރަކުން ވެސް ނޫނެވެ. އެކަމަކު ފާޅުގައި އަދި އާދަވެގެން ކުރާ ކަމަކަށް ވާތީ އެއީ މައްސަލައެއް ނޫން ކަމަށް ހެދޭކަށް ނެތެވެ. އެއީ ހަދިޔާ ނުވަތަ ސޮދަގާތެއް ނޫނެވެ. ވޯޓަށް ނުފޫޒު ފޯރުވަން ދޭ ރިޝްވަތެވެ.
ވޯޓު ގަތުމާއި ވިއްކުމަކީ ކޮރަޕްޝަންގެ އަމަލެވެ. އެއީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް އެޅޭ ބޮޑު ހުރަހެކެވެ. އޭގެ ސަބަބުން މަދު ބަޔަކަށް މަންފާތަކެއް ލިބުނަސް، ދެން ތިބޭ އެންމެންނަށް ލިބެނީ ބޮޑު ކެއްސެކެވެ؛ ބާރުވެރި މަގާމްތަކަށް އަންނަނީ އެ މަގާމެއްގެ ޒިންމާތަކާއި ރައްޔިތުންގެ އުއްމީދުތަކަށް ހަރާންކޯރުވާ މީހުންނެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގެ ކުރިން 2013ގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ރިޕޯޓެއްގައި، ވޯޓު ގަތުމުގެ މައްސަލަ ދެނެގަންނަން ހެދި ކުޑަ ދިރާސާއެއްގެ މައުލޫމާތު ބަޔާންކޮށްފައިވެ އެވެ. އެ ދިރާސާގައި ތިން ރަށެއްގެ މީހުންގެ ވާހަކައިން އެނގުނު ގޮތުގައި ފައިސާ އާއި ތަކެތި ދީގެން ވޯޓަށް ނުފޫޒު ފޯރުވުމުގެ އެތައް ގޮތެއް ރާއްޖެ އިން ފާހަގަކުރެވެ އެވެ. ބައެއް ކެމްޕެއިންތަކުގައި، "ނީލަމެއް ހެން"، ބުނި ކޮންމެ އެއްޗެއް ދޭ އިރު ބައެއް ފަހަރު ކެމްޕެއިނެއް ކުރަން ވެސް ނުޖެހި، ވޯޓުލުމުގެ ހަފްތާއެއްހާ ދުވަސް ކުރިން އެ ރަށަކަށް ފައިސާކޮޅެއް ބަހާލައިގެން ކެންޑިޑޭޓް ފަރުޖައްސާލާކަން ވެސް ފާހަގަކޮށްފައިވެ އެވެ. ކެމްޕެއިން މެނޭޖަރުންނާއި ޕާޓީތަކުގެ އެކްޓިވިސްޓުންނާއި އޭޖެންޓުން އަދި ބައެއް ފަހަރު ކެންޑިޑޭޓުން އަމިއްލަ އަށް ވެސް ވޯޓު ގަތުމުގެ މަގްސަދުގައި ފައިސާ އާއި ތަކެތި ބަހައިއުޅޭކަން ދިރާސާ އިން ވަނީ އެނގިފަ އެވެ. މިފަދަ އެތައް ކަމެއް ވޭތުވެދިޔަ އިންތިޚާބުތަކުގައި ހިނގި އިރު ހުއްޓުވިފައެއް ނެތެވެ. ފިޔަވަޅެއް އެޅިފައެއް ނެތެވެ.
އެހެންވެ ޓްރާންސްޕޭރެންސީން އެއް ކަމަކަށް އޭރު ލަފާދިނީ ޓާސްކްފޯސްއެއް އުފައްދައިގެން، ވޯޓު ގަތުމުގެ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރަން އަހައްމިއްޔަތުކަން ދިނުމަށެވެ. އަދި ވޯޓު ގަތުން ހުއްޓުވަން ހަރުދަނާ ގާނޫނީ ފިޔަވަޅު އެޅުމުގެ ގޮތުން އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހު ގެންނަން ވެސް ލަފާދީފައިވެ އެވެ. މިއިން ކަމެއް ކޮށްފައެއް ނުވެ އެވެ. ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ނުވަތަ ވޯޓުގެ ސިއްރުކަން ގެއްލޭނެ ނިޝާނެއް ކަހަލަ އެއްޗެއް ޖަހައިފިއްޔާ ވޯޓު ބާތިލްވާ ގޮތަށް ގާނޫނަށް އިސްލާހެއް ގެންނަން ޕީޕީއެމުން ހުށަހަޅާފައި ވެސް އަނބުރާ ގެންދިޔައީ އެވެ. އެ ގޮތަށް ފާސްކުރާކަށް އެމްޑީޕީން ވެސް ބޭނުމެއް ނުވި އެވެ.
ވޯޓު ގަތުމަކީ މިހާރު ވެސް ކުށެކެވެ. ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި، "ގާނޫނީ ގޮތުން ހުއްދަކޮށްފައި ނުވާ މަންފާއެއް ދިނުމަށް ހުށަހެޅުން ނުވަތަ ދިނުން" އެއީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައިވެ އެވެ. އެކަމަކު ވޯޓު ގަނެވިއްކުމަކީ ކުށެއް ކަމަށް ކުރީގެ ގާނޫނުލް އުގޫބާތުގައި އޮތުމަކުން ވެސް ހައްލެއް ލިބިފައި ނެތްކަން ފާހަގަކުރަން ޖެހެ އެވެ.
މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ގުނަނީ.-- ފައިލް ފޮޓޯ: ހުސެން ވަހީދު /މިހާރު
ވޯޓު ލަނީ ސިއްރުންނެވެ. ފައިސާ ނުވަތަ އެ ނޫން ވެސް މަންފާއެއްގައި ހިިފިޔަސް، އެ މީހަކު ބޭނުން ގޮތަކަށް ވޯޓު ލުމުގެ އިޚްތިޔާރު އޮންނާނެ އެވެ. އެކަމަކު މާޒީގެ ތަޖުރިބާ އަށް ބަލާ އިރު، ވޯޓު ގަންނަ މީހުން ވަރަށް ހުޝިޔާރެވެ. ހެއްކެއްގެ ގޮތުގައި ފޯނުން ވަގަށް ވޯޓު ކަރުދާސްކޮޅުގެ ފޮޓޯ ނަގަން، ކެންޑިޑޭޓުގެ ފަރާތުން ވޯޓު ލާ މަރުކަޒުގައި ހުންނަ މީހަކަށް ވޯޓު ކަރުދާސްކޮޅު ދައްކަން، ނުވަތަ ވޯޓު ގުނާ ވަގުތު ކެންޑިޑޭޓްގެ މަންދޫބަށް ފެންނާނެ ގޮތަށް ކަރުދާސްކޮޅުގައި ވަކި ކަހަލަ ފާހަގައެއް ޖަހާފައި ބަހައްޓަން ޝަރުތުކޮށްފައި އެބަ ހުއްޓެވެ. އޭގެ އިތުރުން، ޓްރާންސްޕޭރެންސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، އައިޑީ ކާޑު އަތުލައި ވޯޓު ލުމުގެ ހައްގު ނިގުޅައިގަތުމަކީ ވެސް ވޯޓު ގަންނަ މީހުން ބޭނުންކުރާ އުކުޅެކެވެ. އެހެންކަމުން، މިފަދަ ހާލަތްތަކުގައި، ފައިސާގައި ހިފައިފައި ބޭނުންވާ ގޮތަކަށް ވޯޓުލާން އުޅުނަސް އެކަން ވާކަށް ނޯންނާނެ އެވެ. ކުރިއަށް ހުރި އިންތިޚާބުތަކުން އާ ކަންތައްތަކެއް ފެނުމަކީ ވެސް ދުރު ކަމެއް ނޫނެވެ.
ފިލިޕީންސްގައި ހިންގާ ވޯޓު ވިއްކުން ހުއްޓުވުމުގެ ކެމްޕެއިންތަކުން ނަތީޖާ ނުކުންނަނީ ކިހާ ވަރަކަށްތޯ ބަލަން ދިރާސާއެއް ހެދި އިރު ވެސް ފާހަގަކުރެވުނީ ވޯޓު ގަންނަން ބޭނުންވާ މީހާ ދޭ އެއްޗެއްގައި ހިފުމަށް ފަހު ވޯޓު ލާނެ ކެންޑިޑޭޓަކު އަމިއްލަ އަށް އިޚްތިޔާރުކުރަން ހިތްވަރު ދިނުމަކީ ވޯޓު ވިއްކުން ހުއްޓުވޭ ކަމެއް ނޫން ކަމެވެ. އެއާޚިލާފަށް، ވޯޓު ނުވިއްކަން ވައުދުވުމަކީ ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލެއް އަންނަ ކަމެއްކަން އެނގުނެވެ. އެގޮތުން ސިޓީ ކައުންސިލްތަކުގެ އިންތިޚާބުގައި އެ ގޮތަށް ވައުދުވި އާއްމުންގެ ތެރޭގައި ވޯޓު ވިއްކުން 11 ޕަސެންޓް ދަށަށް ދިޔަ އެވެ. އެކަމަކު، ސިޓީ ކައުންސިލް އިންތިޚާބާ އަޅާބަލާ އިރު ވޯޓު ހޯދަން ފައިސާ ބަހާ އަދަދު ގިނަ މޭޔަރުންގެ އިންތިޚާބުގައި، ވޯޓު ވިއްކި މިންވަރަށް އެއްވެސް ބަދަލެއް ނާދެ އެވެ. މީގެ މާނައަކީ ވޯޓު ނުވިއްކަން އާއްމުން ލައްވައި އަހުދުކުރުވުމަކީ މަދުން ފައިސާ ދައުރުވާ އިންތިޚާބުތަކުގައި ވޯޓު ވިއްކުން މަދުކުރެވިދާނެ ގޮތެއް ކަމެވެ. އެކަމަކު ބޮޑެތި އެއާކޯނު ކަހަލަ އެއްޗެހި ބަހާ އިންތިޚާބެއްގައި އެ ކަމުން ނަތީޖާއެއް ނުކުމެދާނެ ކަމަށް ބަލައިގެނެއް ނުވާނެ އެވެ.
ވޯޓު ގަނެވިއްކުމުގެ މައްސަލަ ހައްލުކުރުމުގައި ރާއްޖޭގައި ހުރިހާ ކަމެއް ވެސް އޮތީ ހަރުދަނާކުރަން ޖެހިފަ އެވެ. ގާނޫނީ އޮނިގަނޑާއި ފިޔަވަޅު އެޅުމާއި އާއްމުން ހޭލުންތެރިކުރުން ވެސް މެ އެވެ. މި ކަންކަން ކުރަން ސިޔާސީ މީހުންގެ ޝައުގުވެރިކަމެއް އަދި ނިޔަތެއް ނެތް އިރު، ފާހަގަކުރަން ޖެހެނީ ހުރިހާ ކަމެއް ވެސް ގޮސް ނިމެނީ ވޯޓު ލާ މީހާއާ ހިސާބުން ކަމެވެ. ވޯޓު ގަންނަން ދާ މީހާ އަށް ނޫނެކޭ ބުނާނެ ހިތްވަރު އެބަހުރި ހެއްޔެވެ؟
ކެންޑިޑޭޓުން ދިއްކޮށްލާ "ހަދިޔާތަކު"ގައި ހިފުމާއި އެ މީހުން މެދުވެރިކޮށް ޒާތީ ފައިދާތައް ހޯދުމުގެ ބަދަލުގައި، ރަށަށް، އަތޮޅަށް ނުވަތަ ގައުމަށް އެ މީހުން ކޮށްދޭނެ ކަންކަމުގެ އަހުދުތައް ކުރުވިދާނެ އެވެ. އަދި އިންތިޚާބަށް ފަހު އެ މީހުން އެ ވައުދުތައް ފުއްދާތޯ ބަލައި ޒިންމާދާރުކުރެވިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
31 May 2018
މިފަހަރު ވޯޓު ފޭރޭނީ. ގަންނާނީކީ ނޫން. ވޯޓް ގްރޭބިންގ
ރިޝްވަތު
31 May 2018
ދިއްކޮށްލާ ހަދިޔާގަ ހިފާފަ ހިތާ ސިކުނޑި ބޭނުން ކޮށްގެން ވޯޓް ލާންވީ. ދޭމީހާ ހެޔޮއެދިގެން އެ ދެނީވެސް އަހަރުމެން ނިކަމެތި ރައްޔަތުން އަތުން ނަގާ ޓެކްސް ފައިސާ، ވެނުމަސް ވެނަށް ކާންދޭ އުޞޫލުން. ވަރަށް ވިސްނާފަނޫނީ ނަމަނަމަ ވޯޓެއް ނުދޭތި.
ކީން
31 May 2018
މިފަހަރު އޮތީ ޤައުމީ ރޫހެއް.... މުޅި ޤައުމުގެ ހަމަޖެހުމަށް މިފަހަރު ބޭނުމީ ބަދަލެއް. 5 އަހަރު މިހާރު ނިމެން ވަރަށް މަދުދުވަސް ކޮޅަކަށް ވެއްޖެ....ވައުދުވެފަ ވައުދު ނުފުއްދާ ބަޔަކަށް ދޭނެ ވޯޓެއް އޮންނާނެ ބާ؟؟؟؟؟؟