ރ.ފައިނު: ޖުލައި 7، 2017: ފަރު މަސްވެރިކަން ކުރުމަށް ޑިންގީއެއްގައި ނުކުމެ ތިބި ދެ މީހަކު، ފައިނުގެ ރަށްބޭރުގައި މަޑުކޮށްލައިގެން: ބައެއް މީހުންނަށް ހަގީގީ ތަރައްގީއަކީ މި ދިރިއުޅުން އެކަމަކު އަނެއް ބަޔަކު މަރުހަބާ ކިޔަނީ އިންފްރާސްޓްރަކްޗަ ތަރައްގީ އަށް--މިހާރު ފޮޓޯ: ހުސައިން ވަހީދު
28 ޖޫން 2018 - 07:38
މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ބޮޑު މައުލޫއުއެއް ކަމަށް ބައެއް މީހުން މިހާރު ވެސް ލަފާކޮށްފާނެ އެވެ؛ ފުރުސަތު ބަންދުކޮށްފައި އޮތަސް، ވަގުތު ޖެހޭ އިރު އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ "ޖަޒީރާ ރާއްޖެ"އެއްގެ "ޖަޒީރާ ރައީސް" އަށް ވެވަޑައިގަތުމަށެވެ. އޭގެ އަނެއްކޮޅުން، ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅަކީ އާބަން ދިރިއުޅުމެވެ. ރާއްޖޭގެ އެންމެން ހުޅުމާލެ އަށް ބަދަލުވާން އެ މަނިކުފާނު ދެއްވާފައި އޮތް ދައުވަތު އޭގެ ހެއްކަކަށް ފުދެ އެވެ. ކެމްޕެއިންގައި އެ މަނިކުފާނު ކުރިއަށް ނެރުއްވަނީ ވެސް އިންފްރާސްޓްރަކްޗަ ބިނާކުރުން، ނުވަތަ ފާޑުކިޔާމީހުންގެ ބަހުން ނަމަ، "ކޮންކްރީޓް ތަރައްގީ" އެވެ.
އިންތިޚާބުގައި ނަޝީދު، އެ މަނިކުފާނުގެ އެމްޑީޕީ ނުވަތަ އިދިކޮޅު ޕާޓީތައް ގުޅިގެން ނެރޭ ކެންޑިޑޭޓަކާއި ރައީސް ޔާމީންގެ މެނިފެސްޓޯ އިން ފެންނާނެ އެއް ފަރަގަކީ މިއީ ކަމަށް ކަނޑައަޅަން އަދި ފަހަރުގައި އަވަހެވެ. އެކަމަކު ރައީސް ޔާމީންގެ ކޭމްޕުން މިހާރު ވެސް މި އަޅާކިޔުން ގެނެސްފި އެވެ. ނަޝީދަށް ދެއްވި ރައްދެއްގައި ރީކޯ މޫސާ މަނިކު ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވިދާޅުވި ގޮތުން ނަމަ "ރާއްޖެއަކީ ޖަޒީރާ އަށް ވެގެންދާ ތަނެއް ނޫނެ"ވެ؛ "ޖަޒީރާ އިން ނުކުމެ ސިޓީއަކަށް" ވާން ޖެހޭ ތަނެކެވެ؛ "ޖަޒީރާ ރާއްޖެ" ޕޯސްޓަރަށް ނިސްބަތްކުރައްވައި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ވިދާޅުވީ "އަރުވައިޖަހައިގެން ފަން ރިޔަލުގައި ތަންތަނަށް ދަތުރުކުރާކަށް ބޭނުމެއް ނޫން" ކަމަށެވެ.
މޫސައާ އެއްބަސްވާނެ މީހުންނާއި ދެބަސްވާނެ މީހުން އުޅޭނެ އެވެ. މިއީ ދިވެހިންގެ ތެރޭގައި ހިނގަމުންދާ ބަހުސެކެވެ. ސަރުކާރުން ހިންގާ އެކި މަޝްރޫއުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އެނބުރޭ ފާޑުކިޔުމާއި ތާއީދުގެ އެއް ނާރެހަކީ މި މައުލޫއު އެވެ. ބައެއް މީހުންނަށް، ފްލެޓް އިމާރާތްތައް އަޅައި ބިން ހިއްކައި ވީހާ ވެސް ގިނަ އެއާޕޯޓްތަކާއި ބަނދަރުތައް ހަދައި ޓޫރިޒަމްގެ ބޮޑެތި މަޝްރޫއުތައް ހިންގުމަކީ ތަރައްގީގެ އެންމެ ސާފު، ސީދާ މާނަ އެވެ. އަނެއް ބަޔަކަށް، ހަގީގީ ތަރައްގީއަކީ ރާއްޖޭގެ ގުދުރަތީ ނިޒާމު އެ އޮތް ގޮތަށް ބޭއްވުމެވެ. ޖަޒީރާވަންތަކަމެވެ. ރަށްފުށުއުޅުމެވެ.
Aharemen maaleygai miulhenee kuli dhahkaigen varah dhathi haaluga. Ekamaku hulhumaaley ge alhuvethikamuge flatah laakah beynumeh noon! Beynunvanee aharemennaai dharinge musthagubalahtakai atholhugai, rashugai sarahahdhee tharahgeege therein ulheveyney goiy hadhan!
— Thiladhunmathee Party (@thiladhunmathee) June 20, 2018
"ރިޔާސީ އިންތިޚާބުގައި ވޯޓު ލާ އިރު ދިވެހިން ވިސްނާނެ އެއް ކަމަކީ މިއީ ކަމަށް ވެދާނެ އެވެ. ނުވަތަ މި އިންތިޚާބުގެ އެޖެންޑާ ކަނޑައަޅާނެ މި އަށް ވުރެ ސީރިއަސް މައްސަލަތަކާއި މާ މުހިއްމު ހަގީގަތްތައް އެބަ ހުއްޓެވެ."
"#ސޭވްފައިނު" ހަރަކާތުގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވެ އެވެ؛ "ތަރައްގީއަކީ ތާރެއް ނޫނެވެ. ތަރައްގީއަކީ ނަރުދަލާއި ސިމެންތިއެއް ވެސް ނޫނެވެ. ތަރައްގީއަކީ ރީތި ހިތްގައިމު ގުދުރަތީ ފެހި ވެއްޓެކެވެ. ތަރައްގީއަކީ އުފާވެރި ދިރިއުޅުމެއް އުޅޭން ވައިފެން ހެޔޮ ތަނަވަސް މާހައުލެއް ލިބުމެވެ." ބޯ ޖަންގައްޔެއް އޮތް ފައިނުގެ ބިމުގެ ތިންބައިކުޅަ ދެބައިގައި އެއާޕޯޓަކާއި ދެ ސިޓީ ހޮޓަލާއި އެހެނިހެން ތަންތަން ތަރައްގީކުރަން ހިންގާ މަޝްރޫއު ފަދަ "މެގަ ޕްރޮޖެކްޓްތައް" ބައެއް މީހުންނަށް ނުބަޔަކަށް ވާ އެއް ސަބަބަކީ މި އެވެ. އެކަމަކު އަނެއް ބަޔަކަށް ފެންނަނީ މި މަޝްރޫއުތަކާ އެކު ދިރިއުޅުމަށް އަންނާނެ ހެޔޮ ބަދަލާއި ލިބޭނެ ލުއިފަސޭހަތަކެވެ. އެކަހެރި ރަށްރަށުގައި ދަތިހާލުގައި އުޅެމުންދާ މީހުންގެ އުއްމީދުތައް މި ގޮތަށް ހުރުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.
ރިސޯޓްތަކާއި އިންފްރަސްޓްރަކްޗަ މަޝްރޫއުތަކަށް ޖާގަ ހޯދަން ގުދުރަތީ ނިޒާމާ ކުޅުމަކީ ދެމެހެއްޓެނިވި ތަރައްގީ ނޫން ކަމާއި ރާއްޖެ ތަރައްގީކުރަންވީ ގޮތަކީ އެއީ ނޫން ކަމުގެ އަޑު އުފުލާ މީހުން މަދެއް ނޫނެވެ. އެފަދަ މީހުން ދޭ އިންޒާރަކީ މިހާރަށް ވުރެ ބޮޑަށް ހިތާމަކުރަން ޖެހޭނީ ފަހުން ކަމެވެ. އަހަރެމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް އުޅޭނެ ބިންކޮޅެއް، ހިޔާވާނެ ގަހެއް، ކާނެ މަހެއް ނުލިބޭނެ ކަމެވެ. އެކަމަކު މިއީ ތަރައްގީ އަށް ނޫނެކޭ ބުނުން ކަމަށް ގަބޫލުކުރާ މީހުން އެބަ ތިއްބެވެ. އެ މީހުންނަށް، ކުޅިއެއް ނުވަތަ ބޯ ޖަންގައްޔަކަށް ވުރެ ހިތްގައިމީ އެއާޕޯޓުގެ ރަންވޭގައި މަތިންދާބޯޓު ޖައްސާ މަންޒަރެވެ. "ޖަޒީރާވަންތަކަމަ"ށް ވުރެ "ސިޓީވަންތަކަން" މާ ރަނގަޅު ކަމަށް ބައެއް މީހުން ދެކޭ ބީދައިންނެވެ. ޚިދުމަތެއް، ފުރުސަތެއް ނެތް އަމިއްލަ ރަށަށް ވުރެ ހުޅުމާލޭގެ ފްލެޓް ދިރިއުޅުން ވެސް މާ ރަނގަޅު ކަމަށް ބައެއް މީހުން ގަބޫލުކުރާ ބީދައިންނެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓު ލާ އިރު ދިވެހިން ވިސްނާނެ އެއް ކަމަކީ މިއީ ކަމަށް ވެދާނެ އެވެ. ނުވަތަ މި އިންތިޚާބުގެ އެޖެންޑާ ކަނޑައަޅާނެ މި އަށް ވުރެ ސީރިއަސް މައްސަލަތަކާއި މާ މުހިއްމު ހަގީގަތްތައް އެބަ ހުއްޓެވެ.
މި ވަގުތަށް، ޕްރޮޖެކްޓްތަކަށް މަޑުޖެހުމެއް ނެތެވެ. ފްލެޓާއި އެއާޕޯޓާއި ބަނދަރާއި ސިޓީ ހޮޓަލާއި ބްރިޖާއި ރިސޯޓްތަކެވެ. ރާއްޖޭގެ މުޅި އާބާދީ މާލެ-ހުޅުމާލެ ސަރަހައްދުގައި ވަޒަންވެރިކުރުވައި "ސިޓީވަންތަ"ކުރުވުމެވެ. ރީކޯ މޫސަ ވިދާޅުވި ފަދައިންނެވެ.
ރައީސް ޔާމީންގެ "ތަރައްގީ" ކެމްޕެއިނަށް ނަޝީދާއި އެމްޑީޕީގެ "ޖަޒީރާ ރާއްޖެ" ވިސްނުމުން ގޮންޖަހާލެވިދާނެތޯ އެއީ ފަހަރުގައި މި ދަނޑިވަޅުގައި ކޮންމެހެން ވިސްނަން ޖެހިފައި އޮތް ކަމެއް ނޫނެވެ. ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެތޯ ނުވަތަ ބަދަލުގައި ވާދަކުރާނީ އެ މަނިކުފާނުގެ "ޕްރޮކްސީ" ކެންޑިޑޭޓެއްތޯ ނުވަތަ ތަފާތު އެހެން ކެންޑިޑޭޓެއްތޯ އަދި އެހެން މީހަކު ނަމަ އޭނާ ވެސް ނުކުންނާނީ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯ ހިފައިގެންތޯ މިއީ ހައްތަހާ ވެސް ނޭނގި ހުރި ކަންކަމެވެ. ދިވެހިން ބޭނުންވަނީ ޖަޒީރާ ދިރިއުޅުންތޯ ނުވަތަ ސިޓީ ދިރިއުޅުންތޯ ނޭނގޭ ފަދައިންނެވެ. އަދި މިއީ، ރިޔާސީ އިންތިޚާބެއްގެ ނަތީޖާ ކަނޑައެޅޭ ވަރުގެ ފަންވަރެއް ހުރި މައުލޫއުއެއްތޯ ވެސް ނޭނގޭ ފަދައިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮރެންޖްބެރީ
28 June 2018
ޖަޒީރާ ނަމުގައި ކެމްޕެއިންކުރުމުގެ ހައްގެއް ރައީސް ނަޝީދަށް ލިބިފަިއވާކަމަކަށް އަޅުގަނޑު ނުދެކެން. ނަޝީދަށް ވޯޓުދިނުމަށްފަހު އަޅުގަނޑު މާޔޫސްވި ސަބަބުތައް: (1) އައްޑު އަތޮޅުގެ ޖަޒީރާ އަތޮޅުވަންތަ ނަން ދޫކޮށްލާފަ ސިޓީކިޔަން ފެށުން.(2) ސޭވްފައިނުގެ ވާހަކަ މިހާރު ދެއްކިއަސް ނ. މާފަރުގެ ގުދުރަތީ ވަސީލަތްތަކާމެދު އެއްވެސް ވަރަަކަށް ކަންބޮޑުވުމެއްނެތި އެރަށުގައި އެއަރޕޯޓެއް އަޅަން އެންމެ ފުރަތަމަ ހުށަހެޅީ ރައީސް ނަޝީދުގެ ސަރުކާރުން. ބައްލަވާ އިީއައިއޭ. (3) އެންވަރަޔަރަމަންޓް ރިސާރޗް ސެންޓަރު އުވާލުމުގެ ސަބަބުން ދާއިމީ ގޮތެއްގައި ތިމާވެއްޓާ ގުޅޭ މައުލޫމާތު އެއްކުރާ މުއައްސަސާއެއް އަދި އަދަށްދާންވެސް ނެތްކަން. (4) އެންވަޔަރަމަންޓްގެ ރިސާރޗް ވެސަލް 20 އަހަރު ބޭނުންކުރުމަށްފަހު ވިއްކާލީ ރައީސް ނަޝީދުގެ ސަރުކާރުން. (5) ކަތީބު މި ނަމަކީ ރަޢްޖޭގެ ތާރިހާ ސަގާފަތާ ގުޅިފައޮތްނަމެއް. އިގިރޭސިން ކައުންސިލަރ ކިޔަސް ދިވެހިން އެނަން ކިޔުން ހުއްޓުވާކަށް ނުޖެހޭ.
އަލީއަކްބަރު
28 June 2018
އަލިފުތާބެއްޔާ ތީ ބޮޑު މޮޔައެއް
ބަޑިއެދުރު
28 June 2018
ބޭނުމީ މާލޭ ސަރުކާރުތަ ނޫނީ ރާއްޖޭގެ ސަރުކާރެއްތަ؟ މިހެން ކިޔާބަލަ@!
ޖޭމުސް ބޮންޑު
28 June 2018
ޝައިނީމެން ހޯދި ތެޔޮވަޅު ދައުރު ނިމޭއިރުވެސް ނުފެނޭ..
ޒޫނާ
28 June 2018
އެންމެން މާލެ ބަދަލުވެފައި ދެން ކިހިނެއް ކުދި ރަށްތަކަށް ހަދަނީ..ފަޅުކުރަން ބަހައްޓަނީތަ؟ޖިންނި ޖިނާގެ މުޅި އާއިލާއަށް އެތަންތަން ދީފައި..މާލެދޫކޮށް އަހަރެމެން ދާން ޖެހިއްޖެ ދުވަހެއް އަތުވެއްޖެނަމަ ކޮންތާކަށް ގޮސް ވަންނަނީ؟ކިހިނެއްތަ އެންމެނަަަށް އައިސް ހުޅުމާލޭގައި އުޅެވެނީ؟އޭގެ ބަދަލުގައި ކޮންމެ އަތޮޅެއްގެވެސް ބޮޑުއެއް ރަށުގެ ފަޅުހިއްކައިގެން،ހުޅުމާލެ ގޮތަށް ތަރައްގީ ކުރުން މާބުއްދިވެރި..ޖަޒީރާ ރައީސްއަށް މަ ތާއީދު
މުގުރާން
28 June 2018
ހަގީގީ ތެދެއް
މުގުރޭ
28 June 2018
މިތަނުގައި ކޮމެންޓް މި ކުރާ ގިނަ މީހުންނަކީވެސް ކިރިޔަ ކިރިޔާ ފަންގިފިލާގައި ބޯނުޖެހޭ ތަންތަން ކޮޅުގައި ކުއްޔަށް އުޅޭ މީހުން އަހުރެން ފަދައިން..މަހު މުސާރައަށް މި ލިބެނީ 10000 ރުފިޔާ ގަނޑު..ފަހެއް ޖަހާއިރު އޮފީސް ނިމިގެން އައިސް މިދަނީ ފޮތި ފިހާރައަކަށް ޕާޓްޓައިމް ވަޒީފާއަކަށް..ހިތުން ރުހުމަކުން ނޫން..ދަރިންގެ މުސްތަގުބަލަށް..މާލޭގައި އުޅެނީ ކޮންމެހެން ބޭނުންވެގެނެއް ނޫނޭ..މަށަށް ސިފަ ކުރެވޭގޮތުގައި ޖަޒީރާ އެނަން ބޭނުން ކޮށްފައި އެއޮތީ ދިވެހިރާއްޖެ ޖިއޮލިޖިކަލް ގޮތުން އުފެދިފައި އޮތް ގޮތް ބަޔާން ކޮށްދޭން..މީކީއެއް އެއްފަސްގަނޑަކަށް އޮންނަ ތަނެއް ނޫން.އެއް ރަށުން އަނެއް ރަށަށް ރޭލުގަ ދަތުރު ކުރާކަށް.ވަށައިގެން މި އޮންނަނީ ކަނޑު..މާލެ އަންނަން މިޖެހެނީ ކަނޑު ދަތުރުކޮށްފަި ހަރަދު ދެކޮޅު ޖައްސަންޏާ..ނަޝީދުގެ ވިސްނުން ކުރިންވެސް އޮތީ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅުވާލަން..މިފަހަރު އޮތީ ތާހިރު ދިރިއުޅުން އަދި އުފާވެރި އާއިލާ..މެނިފެސްޓޯ އެއޮތީ މިކަހަލަ ކަންތަކަށް ނިމުން ގެންނަން
އަލިފުތާބެއްޔާ
28 June 2018
ރައީސް ޔާމީން 5އަހަރުން ގެނައި ތަރައްގީއާ 35އަހަރުން ނުގެނެވުނު ބަޔަކަށް ރައީސް ޔާމީންއާ ވާދަކުރަން ދައްކާނެ އެއްޗެއް ނެތްބަޔަކަށް އަދި އެމީހުން އަޅަންބޭނުންވި އެކަމަކު އަޅާނެގޮތުގެ އިންޖިނޭރިންވެސް ނޭގި ބުރިޖެއް ނޭޅޭނޭ ކިޔަކިޔަ އޮއްވާ ނޭޅޭނެކަމަށް ބުނި ބުރިޖް ރައީސް ޔާމީން ހަގީގަތަކަށް ހަދައިދިނީމަ ދެން ކުރެވޭނެ ކަަމަކީ އެކަންކަމަކީ ބޭނުން ކަމެއްނޫން ކަމާ މީގެ 800އަހަރު ކުރިން ރާއްޖޭގެ މީހުން އުޅުގޮތައް އުޅުމޭ އެއްމެ ދިވިންނަށް ހައްގު މިންވަރަކީ ކިޔައިގެން އުޅުން.
ރުޝްދީ
28 June 2018
މާލޭގައި ލިބޭ އެއްޗެއް ކުއްޔަށް ދައްކައިގެން ކުޑަ ކުޑަ ކޮޓަރި ގަނޑެއްގައި 10 މީހުން ނިދައި ކައްކައި ކައިގެން އުޅުންތޯ ބޭނުންވަނީ؟ ނޫނީ ހިތް ފަސޭހަ ރަށުގައި ހުރެ ދަރިންނަށް ކިޔަވައިދީ އާމްދަނީ ލިބުންތޯ ބޭނުންވަނީ؟ ރަށުން ނުފުދޭ ބޭނުން (ސިއްޙީ ފަރުވާ / ތައުލީމް) ވެސް އަތޮޅުގެ ރަށަކުން ލިބުންތޯ ބޭނުންވަނީ؟ މާލޭގެ މުޑުދާރު ތޮއްޖެހިފައިވާ މާހައުލުތޯ ބޭނުންވަނީ؟ ތޮއްޖެހިފައިވާ މާލޭގައި ބަލިމަޑު ކަމުގެ ތެރޭ ކިތައް ދިވެހިންތޯ ހިތްހަމަޖެހިގެން އުޅެނީ މިހާރު؟ ކުޑަ ފްލެޓެއް ލިބިދާނެ އުމުރު ދުވަހު ނުދެއްކޭވަރު ލޯނެއްގައި މާލެއިން. ފްލެޓް ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެއްޖެޔާ ކިހިނެއްތޯ ހަދާނީ؟ ނޫނީ އާއިލާ ބޮޑުވެ އިތުރު ކޮޓަރި ބޭނުންވީމާ ދެވަނަ ފްލެޓް އެއް ހޯދަން އަދި އެއް އުމުރު ލިބޭނެތޯ؟؟
އަލިފުތާބެއްޔާ
28 June 2018
ސިއްހީ ފަރުވާދީގެން ރަނގަޅުވާން އޮތް ބަލިމީހާ މަރުވާންދެން މަރިޔަމްމާ ފެންތައްޓައްލައިގެން ފަންޑިތަ ކިޔަވާލަކިޔަވާލަ އިނުންތޯ ރަނގަޅީ
އޭޝް
28 June 2018
ވާރައްސަޅި ކޮމެންޓެށް.
އަލީގ
28 June 2018
ޖަޒީރާ، ސިޓީ ތިބަހުން މިވަގުތަކައް މުހިއްމެއްނޫން ލިއުމުގަ އޮތްހެން އެއައްވުރެ މާމުހިންމު ކަންކަން މިވަގުތު އެބަހުރި އެކަންކަން ހައްލުކުރުމައްފަހު ދެން އިތުރު އެހެން ބަހުސަކާމެދު ވިސްނަންވެސްވާނީ.