ޚިޔާލު / ދައުލަތުގެ ބަޖެޓް

ބަޖެޓް ސައްލާ: އިންކަމްޓެކްސަށް ތައްޔާރު ވަމާތޯ؟

އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ކޮމިޓީގައި މަޝްވަރާކުރަނީ: އިތުރަށް ހަރަދުކުރެވޭނީ އިތުރަށް އާމްދަނީ ވެސް ލިބިގެން---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިބްރާހިމް އާތިފް ޝުކޫރު

19 ނޮވެމްބަރ 2018 - 11:10

15 comments

މަޖިލިހަށް މިހާރު ހުށަހަޅާފައިވާ 2019 ވަނަ އަހަރުގެ ބަޖެޓަކީ ޒިންމާ ނަގާނޭ ފަރާތެއް ނެތް، އެކަނިވެރި، ޔަތީމު ބަޖެޓަކަށް ވެއްޖެ އެވެ. ނިމިދިޔަ ސަރުކާރުގެ ފައިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވަނީ ބަޖެޓު ހުށަހެޅުއްވީ އެއްވެސް އަކުރަކަށް، ފިއްޔަކަށް ބަދަލެއް ނައިސް، ސަރުކާރާ ހަވާލުވާން ތައްޔާރުވި ޓީމުން ފޮނުވި ގޮތަށް ކަމަށެވެ. ނަމަވެސް ޓްރާންސިޝަން ޓީމުގެ އިސް ފަރާތްތަކުން ތަކުރާރުކޮށް ވިދާޅުވެފައިވަނީ ސަރުކާރުގެ މެނިފެސްޓޯގެ ދަށުން ކުރަން ބޭނުން ވަރަށް ގިނަ ކަންތައް އެ ބަޖެޓުގައި ހިމަނާފައި ނުވާކަމެވެ.

ކޮންމެއަކަސް މަޖިލިހަށް ބަޖެޓު ހުށަހެޅިއިރު، ބަޖެޓު އޮތް ހާލަތާ މެދު ޒިންމާ ނަގާނޭ ފަރާތެއް ނެތް ނަމަވެސް، އިލެކްޝަން ނިމުމުގެ ފަހުން މަޖިލިހުގެ ރޫޙަށް އައިސްފައިވާ ބަދަލަށް ބަލާއިރު، އާ ސަރުކާރު ބޭނުންވާނޭ ގޮތަށް ބަޖެޓު ބައްޓަން ކުރުމުގައި މުޅި މަޖިލިސްގެ ރުހުން ލިބޭނޭ ކަމާ މެދަކު މިއަދަކު ޝައްކެއް ނެތެވެ. އެހެންކަމުން އާ ސަރުކާރުން ބޭނުންވާނެ ގޮތަށް ބަޖެޓް ފާސްކުރުމުން މެނުވީ 2019 ރަސްމީ ބަޖެޓު އޮންނާނޭ ގޮތާ މެދު އެއްޗެއް ބުނަން އަދި މާ އަވަހެވެ. އެހެނަސް މިހާރު ފެންނަން އޮތް ބަޖެޓާއި، މި ބަޖެޓަށް ވެދާނެ ގޮތާ މެދު ދެތިން އެއްޗެއް ބުނެލުމަށް "ބަޖެޓް ސައްލާ 1" ގައި މަސައްކަތް ކުރާނަމެވެ.

ބަޖެޓުގެ ބޮޑު މަންޒަރު

ކުރިޔަށް އޮތް 2019 އަށް ހުށަހަޅާފައިވާ 29.6 ބިލިއަން ރުފިޔާގެ ބެޖެޓަކީ 2018 އަށް މަޖިލިހަށް ހުށަހެޅި ބަޖެޓަށް ވުރެ 1.6 ބިލިއަން ރުފިޔާ ޚަރަދު ބޮޑު ބަޖެޓެކެވެ. މި ހިނގާ އަހަރަށް ވުރެ އާމްދަނީ އިތުރުވާނޭ ކަމަށް އަންދާޒާ ކޮށްފައިވާއިރު ވެސް ލަފާކުރާ ބަޖެޓަކީ 3.6 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެކެވެ. މި ބަޖެޓުގެ ދަރަންޏާ އެކު، އުފެއްދުންތެރިކަމުގެ ނިސްބަތުން ގައުމީ ދަރަނި، 59 ޕަސެންޓާ ކައިރި ކުރެ އެވެ.

ބެލެނިވެރިއެއް ނެތް މި ބަޖެޓް ހުށަހަޅާފައިވަނީ އާމްދަނީ އިތުރުކުރުމަށް ކުރާނޭ އެއްވެސް އާ ކަމެއް ނުހިމަނަ އެވެ. މި އަހަރުގެ ރިވައިޒްޑް ޢަދަދަށް ވުރެ 1.7 ބިލިއަން ރުފިޔާ އިތުރަށް ލިބޭނޭ ކަމަށް ހުށަހަޅާފައި ވަނީ މިހާރު ވެސް ނަގަމުންދާ ޓެކްސްތަކުންނެވެ. އިތުރަށް ނަގާނޭ ޓެކްސެއް، އަދި ނަގާ މިންވަރު ބޮޑުކުރާނޭ ޓެކްސެއްގެ ވާހަކައެއް ނެތެވެ. މިއީ ބަޖެޓުން ފެންނަން ހުރި ޙަޤީޤީ އަކުރުތަކެވެ. ބަލެނިވެރިއެއް ނުވި ގައުމީ ބަޖެޓުގެ ބޮޑު މަންޒަރެވެ.

އާ ސަރުކާރުގެ މެނިފެސްޓޯ ވަޢުދުތައް ބަޖެޓުން ފެންނަން ނެތުމުން، ދެން ހެދޭނެ އޮތީ މައިގަނޑު ދެތިން ގޮތެކެވެ.

ބަޖެޓު ހަރަދު ބޮޑުކުރުން

ގުޅިފައިވާ ޕާޓީތަކުން ރައްޔިތުންނަށް ވަނީ ބޮޑެތި ވަޢުދުތަކެއް ވެފަ އެވެ. ބޮޑެތި ވަޢުދުތަކާ އެކު ފުރަތަމަ 100 ދުވަހުގެ އެޖެންޑާ ރަސްމީކޮށް ހާމަކޮށްފަ އެވެ. އެ ވަޢުދުތައް ފުއްދަން ބޭނުން ކަމަށާއި އެކަންކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނަން ބޭނުން ކަމަށް ސަރުކާރާ ޙަވާލު ވެފައިވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ފްލެޓް ދިނުމާއި، ބިން ހިއްކުމާއި، ހޮސްޕިޓަލް އެޅުމާއި، މުސާރު ބޮޑުކުރުމާއި، ކަރަންޓްގެ އަގުހެޔޮ ކުރުމާއި، ސަބްސިޑީ އިތުރުކުރުމަށް ވަނީ ވަޢުދުވެފަ އެވެ. ފުރަތަމަ 100 ދުވަހުގެ އެޖެންޑާގެ ގިނަ އައިޓަމްތައް ވަނީ ބަޖެޓު ނުކޮށެވެ. ރައްޔިތުންނަށް ބޭނުންވާ ޚިދްމަތް ގާތުން ދިނުމަށް ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި އެކަނި ވެސް އިތުރު މުއައްޒަފުން ހޯދައި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް، އައިޓީ ވިޔުގަޔަކާއި ހަރުމުދާ ހޯދަން ޖެހޭނެ އެވެ. މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި މިކަމަށް ވިސްނައިފައެއް ވެސް ނެތެވެ. ނަމަވެސް މިއީ ވެސް ދިވެހިން ބޭނުންވި ގޮތެވެ.

ޚަރަދު އިތުރު ކުރުމާ ބެހޭ ގޮތުން ކޮމިޓީ މަރުޙަލާގައި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަރަށް ސާފު ބަހުން، ބަޖެޓު ހުށަހެޅުއްވި، އޭރުގެ ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވެފައިވަނީ ޚަރަދު އިތުރު ކުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ. އެހެން ހަދައިފި ނަމަ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނި 60 ޕަސެންޓަށް ވުރެ މައްޗަށް ހިނގައިދާނޭ ކަމަށާއި އެއީ ނުރައްކާތެރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޚަރަދު ކުޑަކުރުން

ލިބޭ މިންވަރެއްގެ މައްޗަށް ޚަރަދުތައް ބައްޓަން ކުރުމަކީ އިޤްތިޞާދީ އަސާސެކެވެ. ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ގާތަށް ވަޢުދާ ހިނގި ދުވަސް ވަރުގައި އިންތިޚާބެއް ކައިރުވުމަކުން އިޤްތިޞާދީ އަސާސްތަކެއް ބަދަލެއް ނުވާނެ ކަމަށް އަޅުގަނޑު ނޫނަސް، އެހެން ފަރާތްތަކުން ވެސް، މަދުން ނަމަވެސް އަޑު އުފުލަމުން ގެންދިޔައީމެވެ. ޚަރަދު އިތުރު ކުރެވޭނީ އާމްދަނީ އިތުރުކޮށްގެންނެވެ. ނުވަތަ މިހާރު ކުރަމުންދާ ބައެއް ޚަރަދުތައް ކުޑަކޮށްގެންނެވެ.

ބަޖެޓަށް ހުށަހަޅާފައިވާ ޚަރަދުތަކުގެ ތެރެއިން ކަނޑަންވީ ޚަރަދެއްގެ ވާހަކައެއް ނީވެ އެވެ. އިވެނީ އިތުރަށް ކުރަން ޖެހޭ ޚަރަދާއި ޕްރޮޖެކްޓްތަކުގެ ވާހަކަ އެވެ. މަތީ ތަޢުލީމު ހިލޭ ކުރުމާއި، ސަބްސިޑީ އިތުރުކޮށްގެން އިތުރަށް ޚަރަދުކުރާ ވާހަކަ އެވެ. ދައުލަތް ހިންގުމުގެ ނިޒާމަށް ބަދަލުގެނައުމުގެ ސަބަބުން ވެސް ޚަރަދު އިތުރު ވާނޭ ވާހަކަ އެވެ. ކުޅިވަރު ކުޅުމުގެ ފުރުސަތު އިތުރުކުރުމާއި ގައުމީ ޓީމުގެ މުސާރަ ރަނގަޅު ކޮށްދިނުމާއި، އެލަވަންސްތަކާއި ޕެންޝަންގެ އަދަދުތައް ވެސް އިތުރު ކުރަން ޖެހޭ ވާހަކަ އެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައަި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން: ވައުދުތައް ފުއްދަން ބަޖެޓް ބޭނުންވޭ --ނިޝާން އަލީ /މިހާރު

ޚަރަދު އިތުރު ކުރުމުގެ އަޑާ އެކު އިވިގެން ދިޔައީ ދައުލަތަށް މިވަގުތު ލިބެމުން ދާ ބައެއް އާމްދަނީ މަދުކުރުމުގެ ވާހަކަ އެވެ. ކަރަންޓުގެ އަގު ހެޔޮ ކުރުމާއި، މިހާރު ނަގަމުންދާ ބައެއް އިމްޕޯޓް ޑިޔުޓީ ކަނޑާލުމުގެ ވާހަކަ އެވެ. ގްރީން ޓެކްސް ބޭނުންކުރާނީ ހަމައެކަނި ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތަށް ކަމަށް ވީ އަހުދެވެ.

ދައުލަތުގެ ޚަރަދުތައް ފޫބެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ ދައުލަތުގެ ކުންފުނިތަކުގެ ޑިވިޑެންޑަށް އެއްވެސް މިންވަރަކަށް ބަރޯސާ ކުރެވޭކަށް ނެތެވެ. މިސާލަކަށް 2017 ގައި ފައިދާގެ ގޮތުގައި 44 މިލިއަން ރުފިޔަ ދެއްކި އެޗްޑީސީން، މި އަހަރު 20 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓް ކުރި ނަމަވެސް، 2018 ނިމެން ކައިރިވި އިރު އެ ކުންފުނީގެ ފައިދާއިން އެއްވެސް އެއްޗެއް ލިބުމުގެ ބަދަލުގައި ދައުލަތުން އެކުންފުނި ހިންގަން ފައިސާ ދޭން ޖެހިފައި އޮތް ވާހަކަ މިދަނީ އަޑުއަހަމުންނެވެ. އިންތިޚާބާ ދިމާކޮށް ހިންގާފައިވާ ވަރަށް ގިނަ ޚަރަދު ސަރުކާރުގެ މާލިއްޔާއިން ކުރުމުގެ ބަދަލުގައި އެ ޚަރަދުތައް ކޮށްފައިވަނީ ދައުލަތުގެ ކުންފުނިތަކުންކަން މިދަނީ ހާމަވަމުންނެވެ. އެހެންކަމުން ދައުލަތުގެ ކުންފުނިތަކުން ވައުދުތައް ފުއްދުމަށް ބޭނުންވާ ފައިސާ ލިބޭނޭ ކަމަށް ދުށުމަކީ މޮޔަކަމެކެވެ. ބަދަލުގައި ފެންނަނީ އެފަދަ ކުންފުނިތައް އަނބުރާ ފައިމައްޗަށް ނެގުމަށްޓަކައި، އައިސީޔޫ އަށް އެޑިމިޓްކޮށްގެން ކައިރީގައި ހޭލާ ތިބެން ޖެހޭ މަންޒަަރެވެ.

ނަމަވެސް އާމްދަނީ އިތުރުނުކޮށް، ޚަރަދު އިތުރު ކުރެވޭނީ ގައުމު އިތުރަށް ދަރައިގެންނެވެ. މިނިސްޓަރު މުނައްވަރު ވިދާޅުވި ފަދައިން މިއީ ރާއްޖޭގެ އިޤްތިޞާދަށް ވިސްނާ އިރު ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ދަރިންނާއި ކާފަ ދަރިންގެ ބޮލުގައި އަޅުވަން ރަނގަޅު ޒިންމާއެއް ނޫނެވެ.

އާމްދަނީ އިތުރުކުރަން އިތުރު ޓެކްސް ތައާރަފުކުރުން

ގައުމު އިތުރަށް ނުދަރުވާ، ސަބްސިޑީ އިތުރުކޮށް، ޚަރަދުތައް ބޮޑުކުރެވޭނީ އިތުރަށް އާމްދަނީ ހޯދައިގެންނެވެ. މިއީ އަޅުގަނޑުމެންގެ އަމިއްލަ ދިރުއުޅުމުގެ ވެސް ޙަޤީޤަތެވެ. މަތީ ބުރިއަށް އަރައި ފައިބަން އުނދަގޫ ވުމުން، ގޯތީގައި އޮތް ހުސް ބިންކޮޅުގައި ކާފައަށް ވަކި ކޮޓަރިއެއް އަޅައިދެވޭނީ ދެތިން ގޮތަކުންނެވެ. ރައްކާކޮށްފައި ހުރި ފައިސާ އިންނެވެ. ނުވަތަ އިތުރު ގަޑީގައި އިތުރު މަސައްކަތްކޮށް އިތުރު އާމްދަނީ ހޯދައިގެންނެވެ. ނުވަތަ ރައްޓެއްސެއް ނުވަތަ ބޭންކަކުން ލޯނަށް ފައިސާ ނަގައިގެންނެވެ. ކިޔަވައި ނިމެން ކައިރިވެފައި ހުރި ދަރިފުޅު ބޭރު ޔުނިވަސިޓީއަކަށް ފޮނުވޭނީ، ގޭ ފުރާޅު ޓިނު ބަދަލުކުރެވޭނީ ވެސް އިތުރަށް ފައިސާ ހޯދައިގެންނެވެ.

ދެ ރައްޓެހިންނާ އެކު ރަށު އަތިރިމަތީގައި ހިންގާ ކުޑަ ސައި ހޮޓަލުގެ ޚިދްމަތް ފުޅާކޮށް، ކުޑަ ރެސްޓޯރަންޓަކަށް ބަދަލުކުރެވޭނީ ވެސް ކޮންމެވެސް ގޮތަކުން އެކަމަށް ބޭނުންވާ ފައިސާ ލިބިގެންނެވެ. ގޭދޮށުގައި ކުޑަ ގަރާޖެއް ހުޅުވޭނީ، ނުވަތަ ފަރުމަހުގެ މަސްވެރިކަމަށް ވަނުމަށްޓަކައި، އައުޓްބޯޑު އެޅި ކުޑަ ޑިންގީއެއް ގަނެވޭނީ ވެސް އިތުރަށް ފައިސާ ލިބިގެންނެވެ. މިއީ އިޤްތިޞާދީ އަސާސްތަކެވެ. އިންތިޚާބެއް ބޯމަތިވުމަކުން ނުވަތަ އާ ސަރުކަރެއް ދައުލަތް ހިންގަން ޙަވާލުވުމަކުން، މިފަދަ އަސާސްތަކަކަށް ބަދަލެއް ނާންނާނެ އެވެ. އެހެންކަމުން، ސަރުކާރުން އިތުރު ޚިދްމަތް ދެވޭނީ، ނުވަތަ ޚިދުމަތް ފުޅާކުރެވޭނީ ވެސް އިތުރަށް އާމްދަނީ ހޯދައިގެންކަން އަހަރެމެން އެންމެން ވެސް ދަނެ އެވެ.

ހަވާލުވާނެ މީހަކު ނެތި ރަށްމެދުވެގެން އުޅޭ 2019 ގެ ބަޖެޓުގައި އިތުރު އާމްދަނީ ހޯދާނެ ވާހަކަ ނެތް ނަމަވެސް، ރައީސުލް ޖުމްހޫރިއްޔާ ވަނީ ކެމްޕޭންގެ ތެރޭގައި އިންކަމް ޓެކްސް ތަޢާރުފުކުރައްވާނޭ ކަމަށް ވިދާޅުވެފަ އެވެ. މިއީ ވެސް ހަމަ މި ސަރުކާރުގެ ވަޢުދެކެވެ.

މިހާރު ތަޢާރުފްކޮށްފައި ހުރި ޓެކްސްތަކުގެ މިންވަރު އިތުރުކުރުމަށް ވުރެ ހުރިހާ ގޮތަކުން ރަނގަޅީ އިންކަމްޓެކްސް ތަޢާރުފް ކުރުމެވެ. ޓެކްސް ނިޒާމަކީ ވަށައި ޖެހޭ ނިޒާމަކަށް ހެދުމަށާއި، ރައްޔިތުންގެ މުއްސަނދިކަމުގެ ތަފާތުކަން ކުޑަކުރުމަށާއި، ނުފެންނަ ގޮތަށް ހިޔަނީގައި ހިނގާ މުޢާމަލާތްތައް ހާމަކުރުމަށްޓަކައި ވެސް މި ވަގުތަށް ރަނގަޅީ އަވަހަށް އިންކަމް ޓެކްސް ތަޢާރުފް ކުރުމެވެ.

އެންމެ ލަވައަކުން ދިވެހިންގެ ހިތްތައް މިލްކުކުރި ލަވަކިޔުންތެރިޔަކު ކިޔައިފައި ވަނީ މިހެންނެވެ:

ވަޢުދާ ހުވާ ކުރޭނެޔޭ، އެހަނދާން ނެތޭނެޔޭ،

ނޫނީ އެހެން ގޮތެއްގައި މަޖްބޫރު ވާނެޔޭ،

ވަޢުދަށް ކަމޭ ހިތާނަމޭ، ބުނެފައި ނުވޭހޭ؟

އާ ސަރުކާރުން ވަނީ ރައްޔިތުންނަށް ވަޢުދާ ހުވާކޮށް ހަދައިފަ އެވެ. އެހެން ގޮތެެއްގައި މަޖްބޫރު ވެއްޖެޔޭ، ބަޖެޓުގައި ޖާގައެއް ނެތޭ ކިޔާފައި ވަޢުދާއި ހުވާތައް ހަނދާން ނެތިކޮށްގެން ނުވާނެ އެވެ. ސިޔާސީ ގޮތުން ކުރިމަތީގައި އޮތީ މަޖިލިސްގެ އިންތިޚާބެވެ. އެހެންކަމުން ކުރިހާ ހުވާ ހަނދާން ނައްތާލެވޭކަށް ސިޔާސީ ގޮތުން ވެސް ޖާގައެއް ނެތެވެ. ޚަރަދު ބޮޑުކޮށް، ގައުމު އިތުރަށް ދަރުވާލުމަކީ ޒިންމާދާރު ގޮތެއް ނޫނެވެ. އެންމެ ހެޔޮ، އިގުތިސާދީ ގޮތުން ރަނގަޅު ގޮތަކީ، ވަޢުދަށް ކަމޭހިތުމުގެ ގޮތުން ވީ އެންމެ އަވަހަށް އިންކަމް ޓެކްސް ތަޢާރުފު ކުރުމެވެ. ފަހެ، "ވައުދަށް ކަމޭ ހިތާނަމޭ، ބުނެފައި ނުވޭހޭ؟"

އެޑިޓަރުގެ ނޯޓު

އާތިފަކީ އިގުތިސާދީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރައްވައި، އަދި ސަރުކާރުގެ ބައެއް ކުންފުނިތައް ހިންގަވާފައިވާ ބޭފުޅެކެވެ. އޭނާ ގެންދަވަނީ އިގުތިސާދީ ގޮތުންނާއި އެހެން މައުލޫއުތަކަށް ވެސް "މިހާރު" ގައި ކޮލަމް ލިއުއްވަމުންނެވެ.

15 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 5%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒަކާތް

26 November 2018

އިންކަމް ޓެކްސް ނެގުން އެއީ ފަސޭހަ ގޮތް. ގަދައަށް ލީކުވާތަނެއްގަ ކުޑަ ޕެޗެއް ޖެހުންކަހަލަ ކަމެއް. ލިބޭއާމްދަނީން ބޭކާރުވާ އަދި ކޮރަޕްޝަނަށް ގެއްލިގެންދާ ބައި ކުޑަ ކުރީމަވަސް ފައިސާ އިތުރުވެގެންދިއައީ. އެކަމު ސަރުކާރެއްގެންނަން ބަޔަކު މިއުޅެނީ ސަރުކާރު އައުމުން އެމީހުންގެ ޖީބުތަކަށް ވަންނަބައި ބޮޑުކުރުމުގެ ބޭނުމުގަ. ގަދަކަމުން އިންކަމް ޓެކްސް ނެގުމުގެ ބދަލުގަ ޒަކާތް ގަދަކަމުން ނެގުން މަ ބުއްދިވެރި. ޒަކާތަކީ މުސްލިމުންނަސް އޭގަ ބަރަކާތްވާ އެއްޗެއް

The name is already taken The name is available. Register?

މެސީ

20 November 2018

އަދިވެސް ތާކުން މީހަކު ފެންނަ އިރަށް ހޮވާ. ބޯނެ ބޮނޑި މި އޮތީ ބޮއެފަ. މަށަށް ޔަޤީން މިހާރު 15 ރ އަށް ލިބޭ ޑޮލަރ ވެސް 20 ރ 25 ރ އަށް އަރާނެ ކަން. ދުވަހަކު އޮޑިއެއް ނުދުއްވާ މީހަކަށް ހުންގާނުދިނީމަ ވާގޮތް ބަލަން ތިބެމާ.

The name is already taken The name is available. Register?

1234

19 November 2018

އިންކަމްޓެކްސް ނަގާއިރު ރާއްޖޭން ބޭރުގައި ދިރިއުޅޭ “މަހުޖަނު” އާއިލާތަކުގެ އަތުންވެސް ޓެކްސް ނަގަން ޖެހޭނެކަމަށް ފެނޭ. މާލޭގަ ގެދޮރު ކުއްޔައް ދީފަގޮސް ޓެކްސް ނުދައްކާ ލަންކާ އިންޑިޔާ މެލޭޝިޔާގަ ފިލާ ނުތިބެވޭނެހެން ހަދަން ފެނޭ!

The name is already taken The name is available. Register?

ޢަލި

19 November 2018

އިންކަމް ޓެކުހެކޭ ކިޔާނެކަމެއްނެތް. ގެސްޓްހައުސް ތަކުންނަގާ ޓީގީއެސްޓީ %3 އަށް ކުޑަކުރޭ އަދި ގްރީންޓެކްސް ގެސްޓްހައުސްތަކުން ކަނޑާލާ.

The name is already taken The name is available. Register?

ޟހނފ

19 November 2018

ރައްޔިތުން ފެލަން އިންކަމް ޓެކްސޭ ކިޔަން މި އާ ސަރުކާރުގެ މީހުން ލަދެއް ނުގަނޭތަ؟؟؟ މުސާރަ ބޮޑުކުރާނަމޭ ކިޔާފަ ތިއެއް ނެގީމަ ވަކި ވާނެ މޮޅެއް ނެތް! މުސާރައިން ބައި އަޅާފަ ލިބޭ ލާރިއަށް އެނގޭ ވާނެ ގޮތް. "ގެއްލޭނެ". އަހަރެމެން ނިކަމެތި ރައްޔިތުންނަށް ދޭ އަނިޔާއެއް ތި އިންކަމް ޓެކްސް އަކީ!

The name is already taken The name is available. Register?

ހޮޓްކިންގ

19 November 2018

އިންކަމް ޓެކްސްގެ ވާހަކަ ދެއްކީމާ މަޖިލިސް މެންބަރުންނާއި މާލޭގެ ގޭގެ ކުއްޔަށް ދީގެން އުޅޭ މަހުޖަހުންނާއި، ރިސޯޓް އޯނަރުން އަނބުރައިގެންފާނެ.

The name is already taken The name is available. Register?

ދީދީ

19 November 2018

ކަލޯ.. އިންކަމް ޓެކްސް ނަގަން ފެށީމައި އަނބުރައިގަންނާނީ އެންމެ ފުރަތަމަ ކަލޯ... ރިސޯޓު އޯނަރުންނަށް އެއޗެކޭވެސް ހީނުވާނެ.

The name is already taken The name is available. Register?

އަހުމަދު އިބްރާހިމް

19 November 2018

އޮބިނުއޮންނަ ވަރަށް ވައުދު ވެއްޖެ... އާމްދަނީ އިތުރު ވާނެ ގޮތެއް ، ކަމެއް ކަނޑައަޅާފައެއް ނެތް.. އޮތީ ރައްޔިތުން އިތުރަށް ކަންނެތް ކުރުވުމަށް ބޮޑެތި ސަބްސިޑީތަކެވެ.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

19 November 2018

ޤައުމެއް ޤައުމެއްގެ ގޮތުގައި ތަރައްޤީ ކުރަން ބޭނުން ނަމަ އިންކަމް ޓެކްސް ނެގިގެން ނޫނީ ޤައުމެއް ތަރައްޤީ އެއް ނުކުރެވޭނެއެވެ. ޓެކްސް ނުނެގޭނެނަމަ ރައްޔިތުންގެ މެދުގައި ތަފާތު ކުރުން ތަކާއި މުއްސަނދިން މުއްސަނދިވެ ފަޤީރުން ފަޤީރުވެ މިހުރިހާ ކަމެއް ޤައުމުގެ ތެރޭގައި އެނބުރޭނެއެވެ. ބޮޑެތި މަޙުޖަނުންގެ ވިޔަފާރި ތަކުން ބޮޑެތި އަދަދު ތަކުން އިންކަމް ޓެކްސް ނެގުމާއި މަޖުލިހުގެ މެމްބަރުން ނާއި ވަޒީފާ އަދާ ކުރާ ފަރާތް ތަކުންވެސް ޓެކްސް ނެގެން ޖެހޭނެއެވެ.

The name is already taken The name is available. Register?

ދީދީ

19 November 2018

ކޮރަޕްޝަނާއި ވައްކަމާއި ބޭކާރު ޚަރަދުތައް ހުއްޓުވާފަ ނޫނީ ރައްޔިތުން ފެލައިގެން އިންކަމް ޓެކްސް ނަގާނެކަމެއް ނެތް.

The name is already taken The name is available. Register?

ބޭބެ

19 November 2018

ގިނަ ބަޔަކު ދެކޭގޮތުގައި ފަށައިގަތީވެސް ބޮޑު ޚަރަދަކުން! ހުވާކުރުމުގެ ރަސްމިއްޔާތުގެ ބޮޑު ޚަރަދު! ކުރީ ސަރުކާރަށްވުރެން 6 މިނިސްޓަރުން އިތުރު! ކުރީސަރުކާރަށްވުރެން ރައިސް އޮފީހުގައި 2 ސްޓޭޓް މިނިސްޓަރުން އިތުރު! އިތުރުވި މިނިސްޓްރީތަކަށް އިތުރު 6 ޕާމަނަންޓް ސެކަރަޓަރީން! ކުރީ ސަރުކާރަށްވުރެން އެތައް މިލިއަން ރުފިޔާއެއް އިތުރުވީ މީހުންގެ މުސާރައަށް އަހަރަކު އެބަ ހިނގާ!! ހިސާބު ހަދާލީމަ އެނގޭނެ! މަތިބަރުކޮށް ދާތަން އަދި ފެންނަނީ! ކިހިނެތްދާނެބާ؟

The name is already taken The name is available. Register?

ހުސެންއަލީ

19 November 2018

އިންކަމް ޓެކްސްއާ މެދު ކޯލިޝަނުންނާ ޕީޕީއެމުން ދެކޭގޮތް މިހާރުނޫހުން ވަރަށް އަވަހަށް ގެނަސް ދިނުން އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454