މުސްލިމުންގެ ބަޔަކު އީދު ނަމާދުގައި: ވަކި މަސްއޫލިއްޔަތުތަކެއް އެކަން އަދާކުރެވޭނެ ގާބިލް މީހުންނަށް ދޭން އިސްމާލް ދީން ބާރުއަޅައި
04 ޖެނުއަރީ 2019 - 15:10
އިސްލާމީ މުޖުތަމައަކީ ފުރިހަމަ ޝާމިލު މުޖުތަމައެއްގެ ގޮތުގައި ވުމަށްޓަކައި އެ މުޖުތަމައުގެ ކޮންމެ މީހަކު ވެސް އެމީހަކު އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ޖެހެ އެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރައްވާފައި ވަނީ "ތިޔަބައި މީހުން ކުރެ ކޮންމެ މީހަކީ ވެސް (ކޮންމެވެސް ބައެއްގެ ނުވަތަ ކަމެއްގެ) ބެލެހެއްޓުންތެރި (ރާޢީ) އެކެވެ. އަދި އެމީހަކު ބަލަހައްޓަން ޖެހިފައިވާ ބަޔަކާ ނުވަތަ ކަމަކާ މެދު މަސްއޫލުވާން ޖެހޭނެ މީހެކެވެ." އެހެންކަމުން އިސްލާމް ދީން މި އަޚްލާގަށް ބާރުއަޅާ މިންވަރާއި މިކަމުގެ މަންފާ އާއި މި ކަމަށް މީހާ އާދަވުމަށް ކަންކުރަން ޖެހޭ ގޮތްތަކަށް ނަޒަރު ހިންގާލަން ޖެހެ އެވެ.
މަސްއޫލިއްޔަތު އުފުލުމުގެ ސިފަ މުސްލިމުންގެ ކިބައިގައި އަށަގެންނެވުމަށް ކީރިތި ރަސޫލާ ދެއްވި އިރުޝާދުގައި އެންމެ ފުރަތަމަ އެކަލޭގެފާނު ބަޔާން ކުރައްވާފައި އެ ވަނީ ވަކި މީހަކު ނުވަތަ ވަކި ބަޔަކު ހާއްސަ ނުކުރައްވައި އާންމުކޮށް އެންމެން ޝާމިލުވާ ގޮތަށެވެ. އެހެންކަމުން އޭގައި ވެރިންނާއި ރައްޔިތުން، ހާކިމުންނާއި މަހްކޫމުން، އަންހެނުންނާއި ފިރިހެނުން، ސާހިބުންނާއި އަޅުން މިހެން ގޮސް މުޅި މުޖުތަމައުގެ އެންމެން ޝާމިލުވާނެ އެވެ. ވީމާ ދީނީ ގޮތުން ނުވަތަ ދުނިޔަވީ ގޮތުން ވެސް އެއްވެސް ކަމެއް ބަލަހައްޓަން ޖެހިއްޖެ ކޮންމެ މީހަކީ ރާޢީއެކެވެ. އަދި އެމީހެއްގެ މަސްއޫލިއްޔަތުގެ ދަށުގައިވާ ކަމެއް އަދުލުވެރިކަމާއި އަމާނާތްތެރިކަމާ އެކު ހުރިހާ ފަރާތަކަށް އެންމެ މަސްލަހަތު ހުރި ގޮތުގައި ކުރުން ލާޒިމުވާނެ ކަން ހަދީސްގެ މި ފުރަތަމަ ބައިން އެކަނި ވެސް އެނގެ އެވެ. ނަމަވެސް މި ޝާމިލު އަމުރާ ވިދިގެން ޚާއްޞަ އަމުރެއްގެ ގޮތުގައި އާއިލާ އަށް އަމުރު އައިސްފައި ވެއެވެ. މީގެ ހިކުމަތަކީ މަސްއޫލިއްޔަތު އުފުލުމުގެ ތަމްރީނު ހޯދަން އެންމެ އެކަށޭނަ މާހައުލަކީ އާއިލާ ކަމަށް ވުން އެކަށީގެންވެ އެވެ.
އާއިލާގައި މަންމަ އާއި ބައްޕަ އާއި އަނބިމީހާ އާއި ފިރިމީހާ އާއި ދަރި އާއި ބޭބެ ނުވަތަ ދައްތަ އާއި ކޮއްކޮ އާއި ހާދިމާއި ސާހިބު ހިމެނެ އެވެ. ކޮންމެ މުޖުތަމައެއް ވެސް އެކުލެވެނީ މިފަދަ އާއިލާތަކަކުންނެވެ. މުޖުތަމައުގެ ކޮންމެ ފަރުދަކީ ވެސް މިފަދަ އާއިލާއަކަށް އުފަންވެ އެތަނުގައި ދިރިއުޅެ އެތަނުގެ އަހުލާގުން އަހުލާގު ދަސްކޮށް އެތަނުގެ އަޅާލުމާއި ރިއާޔަތުން ރިއާޔަތު ލިބި އެތަނުން އަމަން އަމާންކަން ހޯދައިގެން މުޖުތަމައަށް ނުކުންނަ މީހެކެވެ. މިގޮތަށް ނުކުންނަ އިރު މަސްއޫލިއްޔަތު އުފުލުމުގެ ސިފަ ވެސް އަށަގަންނުވަން އެންމެ ފަސޭހަ ވާނެ ކަމަށް ބެލެވެނީ ހަމަ އެ މާހައުލުންނެވެ. އެހެންވެ ހަދީސްފުޅުގައި ވަކި ބަޔަކު ހާއްސަ ކުރައްވައި ބަޔާން ކުރައްވާފައިވަނީ "ފިރިހެނާ އަކީ އޭނާގެ އާއިލާ ބަލަހައްޓަން ޖެހޭ މީހެކެވެ. އަދި އޭނާ ބަލަހައްޓަން ޖެހިފައިވާ ބަޔަކާ ނުވަތަ ކަމަކާ މެދު މަސްއޫލުވާން ޖެހޭ މީހެކެވެ. އަދި އަންހެނާ އަކީ އޭނާގެ ފިރިމީހާގެ ގޭތެރޭގައިވާ ކަންކަމާއި ފަރާތްތައް ބަލަހައްޓަން ޖެހޭ މީހެކެވެ. އަދި އޭނާ ބަލަހައްޓަން ޖެހިފައިވާ ކަންކަން ނުވަތަ ފަރާތްތަކާ މެދު މަސްއޫލުވާން ޖެހޭ މީހެކެވެ. އަދި ޚާދިމަކީ އޭނާގެ ސާހިބުގެ މުދަލާ މެދު މަސްއޫލުވާން ޖެހޭ މީހެކެވެ. އަދި އޭނާ ބަލަހައްޓަން ޖެހިފައިވާ ކަންކަމާ މެދު މަސްއޫލުވާން ޖެހޭ މީހެކެވެ." މި ހަދީސް ނިންމާ ލައްވަނީ ފެއްޓެވި އިރު ބަޔާން ކުރެއްވި އާންމު ޝާމިލު މުހާތަބު ކުރެއްވުން ދެވަނަ ފަހަރަށް ތަކުރާރު ކުރައްވަމުންނެވެ.
މަސްއޫލިއްޔަތު އުފުލުމުގެ އާންމު ޝާމިލު އަމުރު ދެ ފަހަރަށް ހަދީސްފުޅުގައި ތަކުރާރު ކުރެއްވުމުން ދޭހަވަނީ އިސްލާމީ މުޖުތަމައެއްގައި ކިތަންމެ ކުޑަކުޑަ ނަމަވެސް ކަމެއް ބަލަހައްޓަން ޖެހިއްޖެ މީހަކަށް އެމީހެއްގެ މަސްއޫލިއްޔަތުން ރެކެވެން ނޯންނާނެ ކަމެވެ. މިކަމަށްޓަކައި ދައްކާނެ އުޒުރެއް ނޯންނާނެ ކަމެވެ. މަސްއޫލިއްޔަތު އުފުލުގައި ކިތަންމެ ބުރައެއް ހުރި ނަމަވެސް މެއެވެ. ސަބަބަކީ މުސްލިމުން އެ ބުރަ އުފުލަން ޖެހޭތީ އެވެ. އެއީ ﷲ ގެ އަމުރުފުޅެއް ކަމަށް ވާތީ އެވެ. އަދި ތިމާ މަސްއޫލިއްޔަތު އުފުލަން ހުރި ނަމަ އެކަމުގައި ﷲ މަގުފަހި ކޮށްދެއްވައި ލުއި ގޮތްތައް ދެއްވާނެ ކަން ގަބޫލުކުރަން ޖެހޭތީ އެވެ. އެކަލާނގެ ވަހީ ބަސްފުޅުގެ މާނައިގައި ވަނީ، "ފަހެ މުދަލުން ހޭދަކޮށް ﷲ އަށް ތަޤުވާވެރިވެ އަދި އެންމެ ހެޔޮ ބަސް ތެދު ކުރި މީހާ ދަންނާށެވެ! ފަހެ، ތިމަން ރަސްކަލާނގެ ފަސޭހަކަން ހުރި މަގަށް އެމީހަކަށް މަގުފަހި ކޮށްދެއްވާ ހުށީމެވެ." (އައްލައިލް 5-7).
ކީރިތި ރަސޫލާ ހަދީސް ކުރައްވަނީ އަމަލު ކުރުމަށެވެ. ﷲ އެމީހެއްގެ އަމަލުގައި ކުރިއަށް ދިއުމަށް މަގުފަހި ކުރައްވާނެ ކަމަށެވެ.
މަސްއޫލިއްޔަތު އުފުލުމަކީ މިހާ މުހިންމު ކަމެއް ކަމުގައި ވާއިރު މިކަން މުސްލިމުންގެ ކިބައިގައި އަށަގަންނުވާނީ ކިހިނަކުންކަން ވެސް އިސްލާމް ދީން ބަޔާން ކޮށްދެ އެވެ. މިކަމަށްޓަކައި ބޭނުންވާ އެންމެ މުހިންމު ކަމަކީ، ކުރާ ކޮންމެ ކަމެއް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމެވެ. ކީރިތި ރަސޫލާ ހަދީސް ކުރައްވަނީ ކަންކަން ފުރިހަމަކޮށް ކުރުމަކީ ﷲ ގެ ރުހިވޮޑިގަތުން ލިބޭނެ ކަމެއް ކަމަށެވެ. އަދި ރަނގަޅަށް އަމަލު ކުރާ އެއްވެސް މީހެއްގެ އުޖޫރަ ﷲ ގެއްލެނި ނުކުރައްވާނެ ކަން ކަހްފު ސޫރަތުގެ 30 ވަނަ އާޔަތުގައި އަންގަވާފައިވެ އެވެ.
މަސްއޫލިއްޔަތު އުފުލުމަށް އެހީވެދޭނެ ދެވަނަ ކަމަކީ، އެމީހަކު ކުރާ ކަމެއް އެމީހަކު އަމިއްލަ އަށް މުރާޤަބާ (މޮނީޓަ) ކުރުމެވެ. މިކަމަށް އިސްލާމް ދީނުގައި ބާރު އެޅުމުގެ ގޮތުން އިންސާނާގެ އަމަލުތައް މުރާޤަބާ ކުރެވޭ ކަން މީސްތަކުންނަށް އަންގަވަ އެވެ. އައްތައުބާ ސޫރަތުގެ 105 ވަނަ އާޔަތުގައި މީސްތަކުން އަމަލު ކުރާށޭ ވިދާޅު ވުމަށް ކީރިތި ރަސޫލާ އަށް އަންގަވަ އެވެ. އަދި އެ އަމަލުތައް ﷲ ދެކެވޮޑިގެންވާނެ ކަމާއި ކީރިތި ރަސޫލާ އާއި މުއުމިނުތަކުން ވެސް އެކަމުގައި ބައިވެރިވާނެކަން ބަޔާން ކުރައްވަ އެވެ. އަދި ނުފެންނަ ކަންތަކާއި ފެންނަ ކަންތައް ދެނެވޮޑިގެންވާ ކަލާނގެ ހަޒްރަތަށް ރައްދު ކުރެވި އަމަލުތަކުގެ ޚަބަރު ދެއްވޭނެ ކަންވެސް ބަޔާން ކުރައްވަ އެވެ.
މި އާޔަތުން މުސްލިމުން ލިބިގަންނަން ޖެހޭ ފިލާވަޅަކީ ތިމާ މަސްއޫލިއްޔަތު އުފުލާ އިރު އެ މަސްއޫލިއްޔަތު އުފުލަނީ ކިހިނަކުން ކަން ﷲ ބައްލަވާވޮޑިގަންނަވާނެ ކަމެވެ. ﷲ ގެ މުރާޤަބާ އަށް ފަހު ކީރިތި ރަސޫލާ އާއި މުއުމިނުތަކުންގެ މުރާޤަބާ ވެސް އޭގައި އެކުލެވޭ ކަމެވެ. އެހެންކަމަށްވާ ނަމަ މިއީ އާދައިގެ މުރާޤަބާއެއް ނޫން ކަމެވެ. އެންމެ ކުދިކުދި ތަފްސީލުތަކަށް ދާންދެން ފެންނާނެ މުރާޤަބާއެއް ކަމެވެ. އާޔަތުގައި ވެސް އެކަމަށް އިޝާރާތް ކުރެވިފައި އެބަ ވެ އެވެ. ވީމާ ތިމާ އަމިއްލަ އަށް އެންމެ ފުރަތަމަ އަމިއްލަ ނަފްސު މުރާޤަބާ ކުރަން އެބަ ޖެހެ އެވެ. މިކަމުގައި އެއްވެސް ފަރާތަކުން އިހުމާލު ވެއްޖެ ނަމަ މުއުމިނުން އެކަކު އަނެކަކަށް (އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން) ކުރަން ޖެހޭ މުރާޤަބާ އިން މަސްއޫލިއްޔަތު އުފުލުމަށް ބާރު ލިބެން ޖެހެ އެވެ.
މަސްއޫލިއްޔަތު އުފުލުމުގެ އަހުލާގު ދެމެހެއްޓުމަށް ބޭނުންވާ ތިން ވަނަ ކަމަކީ، ކޮންމެ މަސްއޫލިއްޔަތެއް ވެސް އެކަމަކަށް އެކަށީގެންވާ މީހާ އަށް ހަވާލުކުރުމެވެ. ކީރިތި ރަސޫލާ އެކިއެކި ކަންކަން އެކި ބޭފުޅުންނަށް ހަވާލު ކުރައްވާ އިރު މަސްއޫލިއްޔަތު އުފުލޭނެތޯ ބައްލަވަ އެވެ. މިގޮތުން ގަވަރުނަރު ކަމަކީ ވަރުގަދަ މަސްއޫލިއްޔަތެއް ކަމަށް ވާތީ ކިތަންމެ ދީންވެރިވިއަސް އަބޫޛައްރު ފަދަ ހިތްބަލި ބޭފުޅަކަށް އެ މަސްއޫލިއްޔަތު އަދާނުކުރެއްވޭނެތީވެ އަބޫޛައްރުގެ އެދިވަޑައިގަތުމަށް ރަސޫލު، ޞައްލަﷲ ޢަލައިހި ވަސައްލަމް، އިޖާބަ ނުދެއްވި ކަން ތާރީޚުން އެނގެ އެވެ. އެކަލޭގެފާނު ހަދީސްކުރެއްވީ އެއީ ބޮޑު އަމާނަތެއް ކަމަށެވެ. އަދި އެއީ އާޚިރަތުގައި ދެރަވެ ހިތާމަ ކުރަން ވެސް ޖެހިދާނެ ކަމެއް ކަމަށެވެ. އަދި ހަދީސްތަކުން އެނގޭ ގޮތުގައި ކަންކަމަށް އެކަށީގެން ނުވާ މީހުންނަށް ކަންކަން ހަވާލު ކުރެވުމަކީ ގިޔާމަތްވާން ކައިރި ވެއްޖެ ކަމުގެ ނިޝާނެކެވެ.
މި ބަޔާން ކުރެި ކަންކަމުގެ އަލީގައި އިހުގެ މުސްލިމުން ވަނީ މަސްއޫލިއްޔަތު އުފުލުމުގެ ރިވެތި އަހުލާގުގެ ނަމޫނާތައް ދައްކަވައި ދެއްވައިފަ އެވެ. އަބޫބަކުރުގެފާނާއި އުމަރުގެފާނާއި ދެ ބޭފުޅުން ވެރިކަމަށް އިސްވެ ވަޑައިގަތުމަށް ފަހު އެބޭފުޅުން މަސްއޫލިއްޔަތު އުފުއްލަވަން ޖެހޭ ކަން ރިވެތި އިބާރާތްތަކުން ބަޔާން ކުރެއްވި އެވެ. އަދި އެކަމުގައި ފަރުވާ ކުޑަވެއްޖެ ނަމަ އެބޭފުޅުން ހަމަ މަގަށް އެޅުއްވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރެއްވި އެވެ. ޢުމަރު ބުނު ޢަބްދުލް ޢަޒީޒަކީ މީގެ އަނެއް ރިވެތި މިސާލެވެ. މި ބޭބޭފުޅުންގެ ސީރަތުން އިބްރަތް ހޯދައި މަސްއޫލިއްޔަތު އުފުލުމުގެ ރިވެތި އަހުލާގު ދެމެހެއްޓުމަށްޓަކައި ކުރަން ޖެހޭ ކަންކަމުގެ ގޮތުގައި މި ލިޔުމުގައި ފާހަގަކުރި ކަންކަން ކޮށްގެން މި ސިފަ އެންމެންގެ ކިބައިގައި އަށަގަންނުވަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy