ހުޅުމާލޭގައި ފްލެޓް އިމާރާތެއްގެ މަސައްކަތް ކުރިއަށް ދަނީ: ދައުލަތުގެ ވެރިންނަށް ހާއްސަކޮށްގެން ފްލެޓްތަކެއް ހެދިދާނެ
08 ޖެނުއަރީ 2019 - 11:38
ފާއިތުވި އަހަރު ކަރަޕްޝަން ހުއްޓުވުމަށް ރާއްޖޭގައި ކަމާ ބެހޭ ފަރާތްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. ވަރަށް ގިނަ ތަންތަނުން ނަޒާހަތްތެރިކަމުގެ ސޮއި ހޯދި އެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުންނަ ދޮރުތައް ބަންދުކުރާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ގެންދިޔަ އެވެ. އަދި ކޮބައިތޯ އެވެ. ތިމާ ކުރާ މަސައްކަތުން ލިބޭ އާމްދަނީ އަށް ވުރެ މުއްސަނދި ދިރިއުޅުމެއް އުޅޭ މީހުންނަށް އާމްދަނީ ލިބުނު ގޮތެއް ސާފުކުރުމަށް ޤާނޫނެއް ފާސްކުރުމަށް ބިލެއް ހުށައަޅަން ވެސް ވަރަށް މަސައްކަތްކުރި ކަމަށް ވެއެވެ. ކޮން ތާކަށްތޯ އެވެ؟ ރައްޔިތުންގެ މަޖިލީހަށެވެ. ރައްޔިތުންގެ މަޖިލީހަށެވެ! ސުބްޙާނަﷲ! މި ދެންނެވީ ކޮރަޕްޝަނު ހުއްޓުވުމަށް ކުރި ބުރަ މަސައްކަތްތަކުގެ ވާހަކަ އެވެ. އެހެންނަމަވެސް ކުރި މަސައްކަތުން އާދައިގެ ރައްޔިތުން ބޭނުންވެގެން އުޅޭ ފެންވަރުގެ ނަތީޖާއެއް ނެރެވުނު ކަމަކަށް ނުވެ އެވެ.
ސަރުކާރު ބަދަލުވުމާ އެކު މިހާރު މިއޮތީ ހަޑި ފޮތިތައް ދޮންނަ މޫސުން އައިސްފަ އެވެ. ކިތަންމެ ގިނަ ލައްތަކެއް ޖެހިފައި އޮތް ފޮތިގަނޑަކަށް ވިޔަސް އަދި ކިތަންމެ ގިނަ ދުވަހެއް ވާންދެން ލައްޖެހި ފައި އޮތް ފޮތިގަނޑަކަށް ވިޔަސް އަދި ކިތަންމެ ގިނަ ދުވަހެއް ވާންދެން ލައް ފިލުވަން މަސައްކަތް ކޮށްގެން ލައް ނުފިލުވިފައި އޮތް ފޮތިގަނޑަކަށް ވިޔަސް، މި މޫސުމުގައި ދޮންނަ މެޝިނަށް ފޮތިގަނޑެއް ވައްޓާލުމާ އެކު މެޝިނުން، ދޮވެވިގެން އެ ފޮތިގަނޑު މިހާރު ނުކުންނަނީ ހުރިހާ ލައްތަކެއް ފިލުވައިގެންނެވެ. ހުދު ފޮތިގަނޑެއް ނަމަ ހުދު ކަފަކޮޅެއް ހެންނެވެ. ލައްގަނޑެއް ހުރިކަމުގެ ކުޑަ ވެސް ނިޝާނެއް ނުހުރެ އެވެ.
މި އާދަޔާ ޚިލާފް ދޮވުމުގައި އެންމެ ހައިރާންވާން ޖެހޭ ކަމަކީ ހަޑި ފޮތި ދޮންނަން މެޝިނަށް އަޅާ އިރު ކުރިން ލައް ފިލުވުމަށް ޓަކައި ނާޅާ އެއްވެސް ވައްތަރެއްގެ ކެމިކަލެއް، ލައްފިލުވާ ބޭހެއް ނުއަޅާ ކަމެވެ. ހަޑި ފޮތިތައް ދޮންނަނީ ކުރިން ވެސް ފޮތި ދޮވުނު ގޮތަށެވެ. އިތުރު އެއްޗެއް ނުއަޅަ އެވެ. ދޮންނަން އެއްޗެހި އަޅަނީ ވެސް ކުރިން ވެސް އެ އެއްޗެތި ދޮންނަން އެޅި މެޝިނަށެވެ. މެޝިން ބަދަލެއް ވެސް ނުކުރެ އެވެ. އަލެއް ވެސް ނުކުރެ އެވެ. މެޝިން ހިންގަން ތިބެނީ ވެސް އެއް ބައެކެވެ. މެޝިން ހިންގަނީ ވެސް އެއްގޮތަށެވެ. ދެ މެޝިނެއްގައި ދޮވުމުގެ މައްސަލަތަކެއް ހުރި ކަމަށް ބޮޑު މެކޭނިކަށް ފެނިގެން، ގޮނޑަށް ފޮނުވާލި ދެ މެޝިނެއް ވެސް ވަރަށް ރަނގަޅު ވާނެ ކަމަށް އަލަށް އައި ބައެއް މެކޭނިކުން ބުނާ ކަމަށް ވެއެވެ. އެ މީހުން ބޭނުން ވަނީ އެ މެޝިންތަކުގެ ބޭނުން ކުރެވޭނެ ގޮތް ހެދުމަށޭ ބުނާތީވެ އަޑު އިވެ އެވެ.
ހަޑި ފޮތި ދޮވުމުގައި މިހާރު މި އައި ބަދަލަކީ ކޮބައި ބާވަ އެވެ؟ މޫސުމީ ބަދަލަކަށް ވެދާނެ އެވެ. މި މޫސުން ވެސް ބަދަލުވުމާ އެކު ދޮވުމުގެ ވައްޓަފާޅި ބަދަލު ވުމަކީ ދުރު ކަމަކަށް ވުރެ ކައިރި ކަމެކެވެ. އެކަމަކު މިއީ ކަންވެފައި އޮތް ގޮތް ނުވަތަ ކަން ވަމުންދާ ގޮތް ސާފުނުކޮށް ދޫކޮށްލާ ވަރުގެ ކަމެއް ނޫނެވެ.
ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް ސީރިއަސްކޮށް މަސައްކަތް ކުރުމަށް، އަޅުގަނޑުގެ ނަޒަރުގައި މިއީ ރަނގަޅު ދުވަސްވަރެކެވެ. އެއްބައިވަންތަކަމުގެ ސަރުކާރެއް ވެރިކަމުގައި އޮތުމުންނެވެ. އަޅުގަނޑު ވެސް އެއްބަސްވަމެވެ. ވަރަށް މަތި ބަރެވެ. މަތި ބަރުވިޔަސް، ނުވަތަ ތިރި ބަރުވިޔަސް އެއީ ނުބައި ކަންތައްތައް ނުހުއްޓުވެންވީ ސަބަބެއް ނޫނެވެ. އެއްބައިވަންތަކަމުގެ ސަރުކާރެކޭ ދެންނެވުމުން ވެސް ބައެއް ބޭފުޅުން ސުވާލު އުފައްދަވާފާނެ އެވެ. މި ސަރުކާރުގައި ހިމެނޭ ބައެއް ފަރާތްތަކުން ދައްކާ ވާހަކަ އިންނެވެ. މިފަދަ ސަރުކާރެއްގައި ބާރާއި ނުފޫޒުގެ ހައިހޫނުކަމުގައި އުޅޭ މީހުން ވެސް ތިބޭނެ އެވެ. އެފަދަ މީހުންގެ ބައްޔަށް އޮންނާނީ އެންމެ ޝިފާއެކެވެ. ބާރާއި ނުފޫޒު ލިބުމެވެ.
ކުރިން ވެރިކަމުގައި އޮތް ސަރުކާރުން، މިނިވަންކަމާއި ޑިމޮކްރަސީ އާއި އިންޞާފާއި ފަރުދީ ހައްގުތަކަށް އިޙްތިރާމް ނުކުުރުމުން، މިފަދަ ކަންކަމަށް ލޯބިކުރާ، ބަލައިގަންނަ ދިވެހި ރައްޔިތުން ވަނީ ވެރިކަމުގައި އޮތް ޕާޓީ އަށް ރަތް ކާޑު ދައްކައި، ސިޔާސީ ދަނޑުން ބާލައިފަ އެވެ. މިހާރު މަސައްކަތް ކުރަނީ އާ ޓީމެއް، އާ ނަމަކާ އެކު އެހެން މޫނުމައްޗެއް ދައްކައިގެން ސިޔާސީ ދަނޑަށް އަރުވާށެވެ. މީގައި އެންމެ ޤަބޫލު ކުރަން އުނދަގޫ ކަމަކީ މިގޮތަށް ނުކުންނަ ބައެއް ޓީމުތަކުގެ ފަހަތުގައި، ވަންހަނާވެ ތިބެ، ޚަރަދު ކުރެވޭ ކަމަށް ވަނީ ދިވެހި ރައްޔިތުންނަށް ޚިޔާނަތްތެރި ވެގެން ހޯދާފައިވާ ރައްޔިތުންގެ ފައިސާ އިން މަހުޖަނުކަން ހޯދާފައިވާ "ސިޔާސީ ސޭޓުން" ކަމަށް ވުމެވެ. މިގޮތަށް ކަންކަން ބަދަލުވުމުގެ މައިގަނޑު ސަބަބަކީ ބޮޑެތި ފައިސާގެ ޚިޔާނާތަށް ތުހުމަތުކުރެވޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންދިއުން ލަސްވުމެވެ. އިންސާފު ހޯދައިދިނުމުގެ ދަތުރު ފިނިހަކައިގެ ދުވެލީގައި ކުރުމެވެ. މިހެންވުމުގެ ސަބަބުން ކޮރަޕްޝަނުގެ ފަހަތުގައި ތިބޭ މީހުންނަށް އިތުރު ހިތްވަރެއް ލިބެ އެވެ.
ދާދި ފަހުން ސަރުކާރުގެ މުހިއްމު މުއައްސަސާއަކުން ހާމަކުރި ގޮތުގައި، އެތަނުން ބަލަމުން ގެންދިޔަ ރިޝްވަތު ދިނުމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝާމިލުވާ މީހާގެ އެކައުންޓުން ފައިސާ ނަގާފައި ހުރިތޯ ބެލި އިރު އެ އެކައުންޓުގައި ފައިސާ ހުރި ކަމަކަށް ނުދައްކަ އެވެ. ރިޝްވަތަށް ދޭންވާ ފައިސާ އެކައުންޓުގައި ޖަމާކޮށްފައި ބަހައްޓާނީ މޮޔައިން ނޫންތޯ އެވެ؟ ގާނޫނު ހަދާ މަޖިލީހުގައި ހެދި "ދޮގާ"، އެ ދުވަސްވަރު އެކި ކަންކަމަށް ސަރުކާރުގެ އިސް ފަރާތަކުން ފައިސާ ދޫކުރާ ގޮތް ކަމުގައި ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދިޔަ ގޮތާ ވަރަށް އެއްގޮތެވެ. ނަގުދު ފައިސާ ދެނީ ކޮތަޅުގައި ނުވަތަ ބޮޑެތި ސިޓީއުރައިގަ އެވެ. ލައްކައިންނެވެ.
ރިޝްވަތު ކަމަށް ބެލެވޭ ގޮތާއި ނުފޫޒު ލިބިގަތުމަށް ދޭ އެއްޗެއްސާ މެދު ދެކޭ ގޮތް ތިމާއާ ޖެހުމުން ތަފާތު މިންގަނޑަކުން ބަލައިލެވޭ ތަން ފެނެ އެވެ. އެޕާޓުމެންޓެއް ހޯދުމުގެ ބޭނުމުގައި އެތައް ހާސް ބަޔަކު ފޯމު ފުރާފައި ކަމާ ބެހޭ އޮފީހަށް ފޯމު ލާފައި އޮއްވާ ވަކި ތަނެއްގައި މަސައްކަތްކުރާ މީހަކަށް އެތަނުގައި މަސައްކަތް ކުރާތީވެ، ކިޔޫ ކަޓުވާލާފައި އެޕާޓުމަންޓެއް ދިނުމަކީ ރަނގަޅު ގޮތެއް ބާވަ އެވެ؟ އެ އެޕާޓުމެންޓަކަށް ދައްކަން ޖެހޭ އަގު ދިން ކަމަށް ވިޔަސް އެވެ. ސަބަބަކީ އެޕާޓުމެންޓެއް ލިބިއްޖެ ނަމަ، ފޯމު ފުރައިގެން އިންތިޒާރުގައި ކިޔޫގައި ތިބި އެންމެން ވެސް ފައިސާ ދައްކަން ތައްޔާރަށް ތިބޭނެތީވެ އެވެ. އަމިއްލަ ފަރާތަކުން މިފަދަ ކަމެއް ކޮށްފި ނަމަ އެއަށް ކިޔާނީ ކީކޭތޯ އެވެ؟ ނުފޫޒު ފޯރުވަން ކުރި ކަމެކެވެ. ސަރުކާރުން ކުރުމުން އެ އަށް ކިޔާނީ ކީކޭތޯ އެވެ؟ ރަސްމީކޮށް ގައުމުގެ ކަމާ ބެހޭ ފަރާތަށް ހުށަނުއަޅާ، ފޮރިން އިންވެސްޓަރަކު، ރައްޓެހިކަމުގައި، ގައުމުގެ އެންމެ އިސް ފަރާތަކަށް ޗުއްޓީ ހޭދަކުރާ ރަށުގައި، ރީތި ގެއެއް އަޅައިދިނުމުން އެއަށް ކިޔާނީ ކީކޭތޯ އެވެ؟
ރައްޔިތުން ވޯޓުގެ ޒަރީއާ އިން ވެރިކަމުން ދުރުކުރި ސަރުކާރުން ތަފާތު މަސައްކަތުގައި އުޅޭ ފަރާތްތަކަށާއި ތަފާތު ގިންތީގައި އުޅޭ ފަރާތްތަކަށް ޚާއްޞަ ކޮށްގެން އެޕާޓުމެންޓް ދިނުމަށް އިމާރާތްތަކެއްގެ ބިންގާ އެޅި ކަމަށް ވެ އެވެ. އަދި މިފަދަ ބައެއް ތަންތަން އިމާރާތް ކުރަމުން ވެސް އެބަ ދެ އެވެ. އެހެންނަމަވެސް ގައުމުގެ އެންމެ މުހިއްމު މުއައްސަސާތަކުގެ އިސް ފަރާތްތަކަށް ހާއްސަކޮށްގެން މިފަދަ މަސައްކަތެއް ކުރެވިފައެއް ނެތެވެ. ކީއްވެގެންތޯ އެވެ؟ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ދިރިއުޅުމަށް އެޕާޓުމެންޓު ދޫކުރުން ބޭނުން ކުރެވިފައި އޮތީ، ސަރުކާރުން ތަފާތު ބޭނުންތަކަށް ނުފޫޒު ފޯރުވުމަށް ބޭނުންކުރާ މައި ހަތިޔާރުގެ ގޮތުގަ އެވެ. ފަރުދީ ހައްގުތައް ރައްކާތެރި ކުރުމަށޭ ބުނެ އެޕާޓުމެންޓުތައް ދޫކުރި މިންގަނޑު ވެސް އާއްމެއް ނުކުރެ އެވެ. މިހެންވުމާ އެކު މާލެ އަށް ފޭބިތާ އެއް މަސް ނުވާ މީހާ އަށް އެޕާޓުމެންޓެއް ލިބިފައި މާލޭގައި މުޅި ހަޔާތް ހޭދަކުރި މީހާ އަށް އެޕާޓުމެންޓެއް ނުލިބުނީ ކިހިނެއް ވެގެން ކަމެއް ސާފެއް ނުވެ އެވެ. މިކަމަށް ދެއްވާނީ ކޮން ނަމެއްތޯ އެވެ؟
ކުރީގެ ރައީސް އަބްދުﷲ ޔާމިން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިސްތަށިފުޅުގައި ކޮރަޕްޝަނުގެ ހުރިހާ ކަމެއް އަޅުވާފައި ހުއްޓާލެވިދާނެތޯ އެވެ؟ އަޅުގަނޑުމެންގެ އަމިއްލަ އެކައުންޓުން ހަރު މުދަލެއް ގަތުމަށް 50،000ރ ނަގަން ދިއުމުން ވެސް އެ ފައިސާ ނަގަނީ ކޮން ބޭނުމަކުތޯ ބޭންކުން ސުވާލު ކުރެ އެވެ. ފައިސާ ނެގުމުގެ ބޭނުން ނުބުނިއްޔާ ފައިސާ ނުނެގޭނެ ކަމަށް އަންގަ އެވެ. އަދި އެ ފައިސާ ނެގެނީ ވެސް މެނޭޖަރު ހުއްދަ ދިނުމުންނެވެ. ދިހަ ހާސް ރުފިޔާ އަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ އަޅުގަނޑުމެންގެ އެކައުންޓަށް ޖަމާ ކުރެވިއްޖެ ނަމަ އެ ފައިސާ ލިބުނީ ކިހިނެއްތޯ އޮޅުން ފިލުވަން ބޭންކުން ފޯނު ކުރެ އެވެ. އެ މައުލޫމާތު މަރުކަޒީ ބޭންކަށް ބޭނުންވާތީ ވެ ކަމުގައި ވެއެވެ. މިހާ ވަރުގަދަ އަށް މިފަދަ ކަންތައްތައް މާލީ އިދާރާތަކުން ބަލަހައްޓަމުން ދާ ޒަމާނެއްގައި، ޔާމީން އާއި އަދީބު ގާނޫނާ ޚިލާފް ފައިސާގެ މުއާމަލާތެއް ކުރެއްވި ކަމުގައި ވާ ނަމަ ރާއްޖޭގެ މާލީ އިދާރާއަކަށް ނޭނގި، މާލީ އިދާރާއެއްގެ އެއްވެސް އެހީތެރިކަމެއް ނެތި، އެފަދަ ކަމެއް ކުރެވިދާނެ ބާވަ އެެވެ؟
ސަރުކާރުގެ ބައެއް އިދާރާތަކުން ބައެއް މީހުން ވަޒީފާ އިން ވަކިކުރެވިފައި އޮތީ ގާނޫނާއި ގަވައިދާ ޚިލާފަށް ކަމަށް މިހާރު ނިންމަމުން އެބަ ގެންދެ އެވެ. އެކަމުގެ ސަބަބުން ސަރުކާރުން ކުއްލިއަކަށް އެއްފަހަރާ ބޮޑު އަދަދެއްގެ ފައިސާ އެމީހުންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހެ އެވެ. މި ދެންނެވި ގޮތަށް ކަންތައް ކޮށްފައި ހުރި އޮފީސްތަކުގެ ވެރިން އެ ނިންމުންތައް ނިންމާފައި އޮތީ ނުފޫޒާއި ކޮރަޕްޝަނުގެ ތެރޭގައިތޯ ވެސް ބަލަން ޖެހެ އެވެ. ހަމަ އެގޮތަށް ގިނަ އަދަދެއްގެ މުހިއްމު މައްސަލަތަކެއް ބަލަންވާ ވަރަށް ނުބަލައި ނިންމާފައި ހުރި ކަން މިހާރު އެނގެ އެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ މީހުންނަށް ނުޙައްގު އަދަބު ލިބި ބޮޑެތި މާލީ ގެއްލުން ވެސް ލިބިފައިވެ އެވެ. އެފަދަ ކަންތައް ތަކުރާރު ވިޔަ ނުދިނުމަށް އެއީ ކިހިނެއް ވެގެން ކުރި ކަމެއްތޯ ވެސް ބަލަން ޖެހެ އެވެ. މީހާގެ މަގާމަށް، ހައިބަތަށް، މޫނަށް ބެލުމެއް ނެތި، ހަމައެކަނި ގާނޫނަށް ބަލައިގެން ފިޔަވަޅު އެޅުމަށް ބޭނުން ވެއެވެ.
މި ފެށިފައި ވާ އާ އަހަރުގައި ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން މުހިއްމު ފިޔަވަޅެއް އެޅިދާނެ އެވެ. މުސްތަޤިއްލު މުއައްސަސާތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެންމެ އިސް ވަޒީފާގައި އުޅޭ މީހުންނަށް އެމީހަކު މަގާމުގައި ހުންނަ ދުވަސްވަރުގައި އުޅޭނެ ގެއެއް، ނުވަތަ އެޕާޓުމެންޓެއް އެ އޮފީހަކަށް ދިނުމެވެ. އެ މަގާމުގައި ހުންނަ މީހަކު މަގާމުން ވަކިވުމާ އެކު އެ ތަނަކުން ނުކުންނަން ޖެހޭ ގޮތަށެވެ. ހުޅުމާލޭގައި އެޕާޓުމެންޓް އެޅުމަށް ހުސްކޮށްފައި އޮތް ބިމެއްގައި މިފަދަ މަޝްރޫޢުއެއް ފެށިދާނެ އެވެ.
ރާއްޖޭގައި މުހިއްމު ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކަށް މިލްކު ކުރެވޭ ގޮތަށް ގެދޮރު ދޭނީ ކިހިނެއްތޯ އެވެ؟ ބިން އޮންނަ ގައުމުތަކުގައި ވެސް މިގޮތަށް ކަންތަކެއް ނުކުރެ އެވެ. މިސާލަކަށް ދަންނަވާ ނަމަ ފަނޑިޔާރުންގެ ކޮލޮނީއެއް ނުވަތަ އިސް ވަޒީފާތަކުގައި އުޅުއްވާ ބޭފުޅުންނަށް ޚާއްސަ ކޮލަނީއެއް ހެދިއްޖެ ނަމަ އެފަދަ މީހުންގެ ސިކިއުރިޓީ ބަލަހައްޓަން ވެސް ސަރުކާރަށް ފަސޭހަވާނެ އެވެ. އެއިރުން އެފަދަ މީހުންނަށް ނުފޫޒު ފޯރުވުމަށް ކިޔޫ ކަޓުވާފައި އެޕާޓުމެންޓް ދިނުމުގެ ފުރުސަތެއް ވެސް ނުއޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނުބޭ
09 January 2019
ކޮރަޕްޗަން ހުއްޓުވޭނީ މައިނަބައިންނާ ބެލެނިވެރިންނާއި ހަމައިން. ދަރިން ތަރުބިއްޔަތުކުރުމުގައި އިސްލާމީ ރިވެތި އުސޫލތައް އެދަރިންގެ ކިބައިގައި އަށަގަންުނުވައިގެން. ކޮރަޕްޝަން ޙުއްޓުވުމަށްޝަރުއީ ނިޒާމު ރަނގަޅުކޮށް އިތުބާރު ހޯދަންޖެހޭ. އަދުލްވެރި ފަނޑިޔާރުގެ އެއް ބޭނުންވޭ. މާތްﷲ އަށް ބިރުވެތިވާ ބަޔަކަށް ވެގެން. ދުނިޔޭގައި އުފަލުގައި އުޅުމުން ނުނިމޭކަން ގަބޫލުކޮށް އަމަލުުކުރެވިގެން. އާހިރަތަށްޓކައި ބިރުވެތިވާ މުޖުތަމައު ބިނާކުރެވިގެން.
އަލީގ
08 January 2019
ކޮރަޕްޝަންދޯ. އެއްވެސް ބަޔަކައް އޭގެ ފައިދާއެއްނުވާގޮތައް ދައުލަތުން ނަގަން ޖެހޭ ތަފާތު ހުއްދަތަކަކީ އެހުއްދަދޭންތިބޭ މީހުންނައް ނާޖާއިޒު ފައިދާއެއްހޯދުމައް މަގުފަހިވާގޮތައް ހުރިކަންކަން އަދި ހުއްދަތައް ހޯދުމުގަ މަގުދިގުކޮއް އުދަނގޫވާނެހާގޮތަކައް ބާއްވަނީވެސް އެހުއްދަދޭންތިބާބަޔަކައް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގަ. މިހެން ހުރިކަންކަމުގަ އެންމެ އުދަގޫކަންކަންވެސް ބަޔަކައް ފައިސާކޮޅެއްދެނިކޮއް ފަސޭހަވޭ އަދިގިނަ ފަހަރު އެހެންގޮތެއްނޯވެ
އައްލާބެއްޔާ
08 January 2019
މިއީ ވަރަށް ފަސޭހަ ކަމެއް! އޮފީސް ތަކުގެ ޕްރޮކިއުމަންޓް އިން ނިންމާ ނިންމުން ދެވަނަފަހަރަށް ފިނޭންސްއިން ޗެކްކޮށް! އޭގެ ކޮޕީއެއް ރަޢީސް އޮފީހުގައި އެކަންބަލަން ހަދާފައިވާ ޑެސްކްއަށް އީމެއިލް ކުރެވޭނެ އިންތިޒާމް ހަމަމިހާރުން މިހާރަށް ހަމަޖައްސަންވީ. %85 ކޮރޮޕްޝަން ހުއްޓުވޭނެ!
އަލްޖިބްރާ
08 January 2019
ތިކަމެއް ނުވާނެ !
ލުކްލުކް
08 January 2019
ކޮރަޕްޝަން ރާއްޖޭގައި ހުއްޓުވަންނާ ހުއްޓުވަންވީ އެއީ އިމިގްރޭޝަން އިން އެއިރުން ދެން ރާއްޖޭން ކޮރަޕްޝަން ނައްތާލެވޭނީ އިމިގްރޭޝަން އަކީ އެއީ ރާއްޖޭގައި ކޮރަޕްޓް ކިއްލާ އަކީ..
ސައިމާ
08 January 2019
"މުސްތަޤިއްލު މުއައްސަސާތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެންމެ އިސް ވަޒީފާގައި އުޅޭ މީހުންނަށް އެމީހަކު މަގާމުގައި ހުންނަ ދުވަސްވަރުގައި އުޅޭނެ ގެއެއް، ނުވަތަ އެޕާޓުމެންޓެއް އެ އޮފީހަކަށް ދިނުމެވެ." މީ ލިޔުންތެރިޔާގެ ދުރުވިސްނުން ބާ؟ ކާކުތަ ވަގުތީގޮތަށް އެޕާޓުމަންޓު ހޯދަން އުޅެނީ؟ މަވެސް، އޭނަވެސް، އެބޭޅާވެސް ހަމަ ދާއިމީ ގޮވައްޗެއް ހޯދަން ދޯ މަސައްކަތްކުރާނީ. އަނެއްކާ މުއައްސަސާތަކުގެ ވެރިންނަކީ މަޖިލީހުގެ ރުހުމުގަނޫނީ ނޫޅެވޭ ބައެއް!
ކޮރަޕްޝަން
08 January 2019
ކޮރަޕްޝަނަކީ ކޮބައިކަމެއް ދިވެހިން ނުދަންނާނެ. ދަންނާނީ ސަޔެއް. ބޭރުގެ ގައުމުތަކުގެ އެމްބަސީތަކަށް ބައެއް ނޫސްވެރިން ވަދެގެން އެ ހޯދަނީ ކޮން އެހީއެއްތަ؟ އެއަށް ކިޔާނީ ކޮން ނަމެއްބާ؟
ދަރީންނޭ
08 January 2019
"ކޮރަޕްޝަން ހުއްޓުވުން: ވެދާނެ ކަމެއްތަ؟" އާނ.. މޮޔަވެދާނެ!
މަރޭމިތުރާ
08 January 2019
[ކޮރަޕްޝަނާއި ގުޅިފައިފައިވާ އެތަކެއް ބަޔަކު މަށަށްފެނޭ! ކޮރަޕްޝަނާއި ގުޅިފައިވާ ފުލެޓްތަކެއް ލޮލަށްފެނޭ!]............. އަޅުގަނޑުމެން މިކިޔަނީ އެންމެބޮޑުހިޔާނާތަކީ އެދެމީހުން ގުޅިގެން ހިންގި ހިޔާނާތެކޭ! އަދި މިހާރުގެ ސަރުކާރުތެރޭވެސް ކޮރަޕްޝަނާއިގުޅޭ އެތައްބަޔަކު އެބަތިއްބޭ! އަޅުގަނދުމެން މިގޮވަނީ ކޮންމެ ދުވަހަކު އެވާހަކަ! ދައުލަތުގެ ތެރެއަށް އެމީހުން ނުލުމަށް ވެރިންނަށް އެދުނީން. އެކަން ކުައްވެރިވެސްކުރަން.
ފާރަގެމަ
08 January 2019
މިގައުމުން ކޮރަޕްޝަން ނުހުއްޓްވޭނެ ސަބަބަކީ ހުއްޓުވަން ތިބީ ކަރަޕްޓްވެ ރައްޔިތުން އިތުބާރު ގެއްލިފަ ތިބި ވެރިންނާ މުއައްސަސާތައް . ސަރުކާރު ހިންގުމުގެ އޮނިގަޑު އަދި ކުންފުނި ތަކުގެ މާލީ އޮނިގަޑު އޮތީ ކަރަޕްޝަން ސީދާ ހިންގޭ ގޮތައް ތައްޔާރު ކޮއްފަ.