ލޯކަލް މާރުކޭޓުގައި ބަޔަކު ވިޔަފާރި ކުރަނީ: ފަގީރުކަން އޮތީ އިންތިހާގައި --. ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
11 ފެބުރުއަރީ 2019 - 09:12
ފަގީރުން ސަލާން ޖަހަނީ ކީއްވެގެންތޯ ބަލަން ދާދިފަހުން ހުކުރު ދުވަހެއްގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މާރުކޭޓު ސަރަހައްދަށް ވަޑައިގެންނެވި އިރު، ސަލާން ޖަހާ މީހުންގެ އަދަދު އެހެން ދުވަސްތަކަށް ވުރެ ވެސް ގިނަހެން ހީވި އެވެ. އެހެން އެވީ، ޝިދާތާ ވެސް ފައިސާ ބަހާނެ ކަމަށް ހީކޮށް ކަމަށް ވެދާނެ އެވެ. އެކަމަކު ކަންވީ އެހެނެއް ނޫނެވެ. ޝިދާތާ އައްސަވަމުން ގެންދެވީ އެ މީހުން ސަލާން ޖަހަނީ ކީއްވެގެންތޯ އާއި އެކަން ކުރަނީ ކޮން ބޭނުމެއް ނުފުދިގެންތޯއޭ އެވެ؟ މި ސުވާލުގެ ޖަވާބު އޭގެ ތެރެއިން އެކި މީހުން ދިނީ އެކި ގޮތަށެވެ. އޭގައި އޮތީ އެކި ބޭނުންތަކެވެ.
މާލޭގައި ސަލާން ޖަހާ މީހުން މިއޮތީ ހެސް ކިޔައިފަ އެވެ. އެކި ގޮތްގޮތަށް ސަލާން ޖަހަމުން އެބަ ދެ އެވެ. އޭގެ ތެރެއިން އެއްގޮތަކީ، ރެސްޓޯރަންޓްތަކަށް ވަދެ މީހުންގެ އަތުން ފައިސާ ހޯދުމެވެ. އަނެއް ގޮތަކީ ތަންތަނުގައި ތިބެގެން ސަލާން ޖެހުމެވެ. އަނެއްކޮޅުން ވައްކަމާއި ފޭރުމާއި ހަށި ވިއްކުން ވެސް މި ވަނީ އިތުރުވެފަ އެވެ. ދެން މިއޮތީ ފަގީރު ކަމުގެ އަނެއް ވައްތަރެވެ. ލިބޭ އެއްޗަކުން ނުފުދުމެވެ. ޚަރަދުތައް ނުހިފޭއްޓޭ ވަރަށް މައްޗަށް ގޮސް، ލިބޭ މުސާރަކޮޅު މި އޮތީ ކުއްޔަށާއި ބިލްތަކަށް ގޮސް ހުސްވާ ޒަމާން އައިސްފަ އެވެ. މީސްމީހުން ޖޯކަކަށް ހަދައިގެން ނަމަވެސް، މިހާރު ވެސް އެ ވާހަކަތައް އެކި ސިފަސިފައިގައި ފޭސްބުކަށް ލައިގެން ސަރުކާރަށް ބަވަނީ އެވެ.
ޖެންޑާ މިނިސްޓަރު ފަގީރުންނާ ބައްދަލު ކުރައްވަނީ: މައްސަލަތައް ސާފުކުރެއްވި -- ފޮޓޯ: ޖެންޑާ މިނިސްޓްރީ
ހުރިހާ ކަމެއް ވެސް ގުޅިފައި މި އޮތީ ފަގީރު ކަމާ އެވެ. ސުވާލަކީ، ރައްޔިތުންް މިހާ ފަގީރުވާން މި ޖެހެނީ ކޮން ސަބަބަކާ ހެއްޔެވެ؟ ޚަރަދުތައް އިންތިހާ އަށް މައްޗަށް ގޮސް، ކިތަންމެ ވަރަކަށް މަސައްކަތްކޮށްގެން އާމްދަނީ ހޯދިޔަސް ނުކަތައިގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ ދެން އޮތް ބޮޑު ސުވާލަކީ މި އެވެ؛ ރާއްޖެ އަށް އެވަރަށް ފައިސާ ނުވަންނަނީ ހެއްޔެވެ؟
ނޫނެކެވެ؛ ކަން އޮތީ މުޅިން އެހެނެއް ނޫނެވެ؛ އުފެއްދުންތެރި ކަމުގެ ނިސްބަތުން ގައުމު މުއްސަނދިވަމުން ދާ ވާހަކަ ކޮންމެ ރައީސަކު ވެސް އެބަ ދައްކަވަ އެވެ. ތަފާސްހިސާބު ފޮތްތަކުން އެ ނަންބަރުތައް ފެންނަން ވެސް އެބަ ހުއްޓެވެ. މިދިޔަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތުގައި (އެކަމަކު މި ވާހަކަ ތަފާސް ހިސާބަކުން ފެންނާކަށް ނެތް) އާމްދަނީގެ ނިސްބަތުން ރައްޔިތެއްގެ ބޮލަށް ޖެހޭ މިންވަރު، އެމަނިކުފާނުގެ ވެރިކަމުގައި 10 ޕަސެންޓް އޮތީ މައްޗަށް ޖެހިފަ އެވެ. އެއީ ބޮލަކަށް 8000 ޑޮލަރެވެ.
ދެން އޮތީ އަސްލު ފެންނަން އޮތް ހިސާބުތަކެވެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ޕަސެންޓެއް (އެއް ދާއިރާއަކަށް ބަލާއިރު) ހިއްސާކުރާ ޓޫރިޒަމް ދާއިރާއިން ވޭތުވެދިޔަ 10 އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރާ ހަމައަށް އެތައް ގުނައެއް އާމްދަނީ ވަނީ މައްޗަށް ޖެހިފަ އެވެ. ދެހާސް ހަ ވަނަ އަހަރު 2.5 ބިލިއަން ރުފިޔާ ލިބުނު އިރު، އޭގެ 10 އަހަރު ފަހުން 2016 ގައި ވަނީ 6.5 ބިލިއަނަށް މައްޗަށް ޖެހިފަ އެވެ. ރިސޯޓުތަކުގެ އަދަދު އިތުރުވެ، މި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ އަގުބޮޑު ރިސޯޓްތައް ހަދައިފި އެވެ. މިދިޔަ އަހަރު މުޅި ގައުމުގައި ޖުމްލަ 58 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައި ވެ އެވެ. އެކި ނަމުގައި ނެގުނު ޓެކްސްތަކާ އެކު ހަމައެކަނި ސަރުކާރަށް ޖުމްލަ ލިބުނު ވަރު 22 ބިލިއަން ރުފިޔާ އަރައިފި އެވެ. އެހެން ކަމަށް ވާނަމަ، ހަތަރު ލައްކައެއްހާ ދިވެހިން މި ހާލުގައި މި އުޅެން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟
ތަޖުރިބާކާރު ބައެއް ބޭފުޅުންނާއި ސިޔާސީ ވަރަށް އިސް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، އަދި ހަމަ ބޭރުގެ އެހީ ދޭ ޖަމާއަތްތަކުގެ އެކި ރިޕޯޓްތަކަށް ރިއާޔަތްކޮށް، އާބާދީގެ ނިސްބަތުން ރާއްޖެ އަށް ލިބޭ އާމްދަނީއަކީ ހަމަ ހެޔޮވަރުގެ އަދަދެކެވެ. އެހެން ނަމަވެސް، ރާއްޖޭގައި ފައިސާ މެނޭޖްކުރުމާއި ފައިސާ ދައުރުވާގޮތާއި ހަރަދު ބޮޑުވުމާއި އިންކަމް ޓެކްސް ނުނެގުމާއި ކޮރަޕްޝަން އިންތިހާ އަށް އޮތުމަކީ އެންމެ އާދައިގެ ރައްޔިތު މީހާއާ ހަމައަށް އެ ފައިސާ ނުފޯރާ މައިގަނޑު ސަބަބުތަކެވެ. ބައެއް ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުގައި ގައުމު ކިތަންމެ މުއްސަންޖަސް އެ ފައިސާ އާންމު ރައްޔިތު މީހާ އާ ހަމައަށް ފޯރާ ހިސާބަށް ވުރެ ރައްޔިތުން ތިބީ މާ ދުރުގަ އެވެ. އެހެންވެ، އޭގެ ސަބަބުން ރާއްޖެއިން ފެންނަ މަންޒަރަކީ، މުއްސަނދި މީހާ މުއްސަނދިވެ، ބާރުގަދަ މީހާ އިތުރަށް ބާރުގަދަވެ، ފަގީރުން އިތުރަށް ފަގީރުވުމެވެ. -- މިއީ ވަރަށް ދިގު ވާހަކައަކަށް ވާތީ، މި ވާހަކަ މި ހިސާބަށް ބޭއްވީ އެވެ.
"ހިޔާ މަޝްރޫއު" ދަށުން ފްލެޓް ލިބުނު ކަމުގެ ލިޔުން ހޯދުމަށް މިދިޔަ ނޮވެމްބަރު މަހު ހައުސިން މިނިސްޓްރީގެ ބޮޑު ގޭޓު ކުރިމަތީގައި ބަޔަކު މަޑުކޮށްލައިގެން: ގެދޮރުގެ މައްސަލަ ބޮޑު -- ފައިލް ފޮޓޯ: މިހާރު
ގައުމުގެ އަށް ބައިކުޅަ އެއްބައި ނުވަތަ ބައި ލައްކައެއްހާ މީހުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކުރަން މިދިޔަ އަހަރު ހުށަހެޅިއިރު މިއީ އާބާދީގެ ގޮތުން ބަލާއިރު ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ. ބޮލަކަށް 8000 ޑޮލަރު ޖެހޭ ގައުމަކަށް ބަލާއިރު، މީގެ މާނައަކީ އާންމުންނާ ހަމައަށް ގައުމުގެ މުއްސަނދިކަން ތިލަ ނުވާ ކަމެވެ. މިކަން މިވާ ގޮތެއް ދެނެގަނެ މިކަމަށް އަވަސް ހައްލެއް ކޮންމެހެން ބޭނުން އެބަވެ އެވެ.
މި ސަރުކާރު ވެރިކަމަށް އައީ ވަރަށް ގިނަ ވައުދުތަކާ އެކު އެވެ. އޭގެތެރެއިން އެންމެ ބޮޑު އެއް ވައުދަކީ ވެސް ފަގީރުކަން ނައްތާލުމެވެ. ސީދާ ޕޮއިންޓަށް ދާ ނަމަ، ފަގީރު ކަން ކުރިމަތިވާ އެންމެ ބޮޑު ވަބާ ކަމަށްވާ، ގެދޮރުގެ މައްސަލަ އަށް ލުއި ގޮތެއް ހޯދައިދޭނެ ވައުދު އޮތީ ވެފަ އެވެ. އާންމުންގެ ބޭނުންތައް ދެނެގަނެ، އެކަން ކަމަށް ފަރުވާ ދޭނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ. އެކަމަކު އެއީ ވައުދެކެވެ. ސިޔާސީ ގިނަ ވައުދުތަކަކީ ގިނަފަހަރު ފުއްދޭ އެއްޗެއް ނޫނެވެ. ފުއްދިއްޖިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.
ގައުމުގެ މުއްސަނދިކަން އަހަރުން އަހަރަށް އިތުރުވެ، އިގްތިސާދީ ދުވެލި ހަލުއިވަމުން ދާއިރު، ގައުމުގެ ބޮޑުބައެއް ފަގީރުކަމުގެ ހާސްކަމުގައި ތިބެން ޖެހުމަކީ އިގްތިސާދީ ކުރިއެރުމެއް ނޫނެވެ. އިންފްލޭޝަން މަތިވެ، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ސަލާމަތް ނުވާ ހިސާބަށް އެންމެން ދިއުމަކީ ގައުމުގެ ތަރައްގީ ދައްކައިދޭ ކަމެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ
12 February 2019
ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބިކަވެފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ސިންގާ ސަނާގައި ތިބޭމީހުން ރަްޔިތުންގެ އިޖްތިމާއީ ފޭރާން ވީދާ ކުދިކޮށް އުކާލާމުން ގެންދާތީ ދުވަހަކުވެސް މިނޫން ދުވަހެއް ނިކަމެތިން ދެކުނަކު ނުދޭނެ އެއީ އެމީހުންގެ އެމީހުންނަށް ވެފައިވާ ވަޢްދެއް ގިނަރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ލިބިގެން ރައްޔިތުންނަށް ހަމަނޭވާއެއްލެވޭނި އެކަމެއްނުކުރާނެ ކޮންމެ ވޯޓަކަށް ރައްޔިތުން ގުބޯހައްދާނެ އެއީ ރޭވިގެން ހިންގާ މާސްޓަރ ޕްލޭނެއް
މަގޭ ޚިޔާލު
11 February 2019
އިންކަމް ޓެކްސް ނުނެގިގެންނެއްނޫން ފަގީރުން ގިނަވަނީ. އެހެންނަމަ އެމެރިކާގަ ފަގީރުން ދުވަހެއް ދުވަހަކަށް އިތުރެއްނުވާނެ. ތި ޓެކްސްތަކާ ނޫޅެ މުދަލުގެ ޒަކާތް ނަގާ އޭގެ ޙައްޤުވެރީންނަށް ބަހާބަލަ މިހާރުވެސް. އިސާހިތަކު ބަދަލު ފެންނާނެ.
ވިން
11 February 2019
މާލޭގެ ކުލި ކޮންޓްރޯލެއް ނެތް. 8*8 ކޮޓަރިއެއްވެސް 10 ހާސް 12 ހާަސް ރުފިޔާއަށް. ﷲގެ މިލްކެއް ބިމަކީ އޭގެ ބޭނުން ނާޖައިޒުގޮތުގައި މާލޭގެ ރައްޔިތުން ހިފަނީ. ދެން ބަންގާޅީން ގިނަވުމަީވެސް އޮތް ނުރައްކަލެއް
މާމޫން
11 February 2019
ތަޢުލީމީ މީހުން ގިނަ ރާއްޖޭގެ އިސް މަގާމުތަކުގައި ނުކިޔަވައިތިބި މީހުން ނިސްބަތުން ގިނަވީމާ މުއްސަދި ގައުމުގައި ރައްޔިތުން ފަގީރު ވުމަކީ މައްސަލައެއްތޯ؟
ދދދދދ
11 February 2019
ކެރިދާނެތަ ޓުއަރިޒަމުން ޚިދުމަތް ވިއްކައިގެނ ލިބޭ ޑޮލަރު ބޮޑު ރާއްޖޭގެ އިގްތިސާދަށްވެސް ނުވަންނަ ގޮތަށް ބޭރުގައި ކުރުން ހުއްދަ ކޮށްފައި އޮންނަކަން. އެއީ މިޒަމާނުގެ ފޭރުމަކީ. އެފޭރުން ހުއްޓުވަން ބުނަން ކެރޭނެ މަޖިލީހެއް ހޯދާށޭ ކަލޯމެން ބުނެބަލަ. އެވަރު ވެދާނެތަ؟ މަށަށް ޝައްކު.
ކަންއޮތްގޮތް
11 February 2019
"ޢަރަބީންހައްދައި" އަހަރުންމިތިބީ ކަންނެތްކޮށްލާފައެވެ. މިއީ ބައެއްގެ ރޭވުމެއްގެދަށުން ހިންގާފައިވާ ޖަރީމާއެކެވެ. ދިވެހިމަޖޫރީން ގޯސްކޮށް ފުރަތަމަ ބަނދަރުމަސައްކަތަށް ދެންގެނައީ ބަންގާޅީންނެވެ. މިމީހުން ދެންވީއްލައިލީ މާލެތެރެއަށެވެ. ދައްތަމެނަށާއި ބޭބެމެނަށް އެމީހުންގެ ބަރާބަރުވެ ރަނގަޅުވީ ތިފަދަގޮތަކަށްނޫނެވެ! ރާއްޖެތެރޭންމީހުންގެނެސް ތޮއްޖައްސަމުންދިޔަމާލޭމީހުން ވެގެންދިޔައީ ކަންނެތެވެ. މިކަން މިވަނީ ބައްޔަކަށްވެ، މުޅިރާއްޖެއަށް ފެތުރިފައެވެ.
މާލެ، ހަލީލް
11 February 2019
އެންމެ ރަނގަޅީ ރައްޔިތުން ހޭލުންތެރިކުރުވުން. ބޮލަކަށް ޖެހެނީ 8000 ޑޮލަރު ނުވަތަ އެއްލައްކައަށްވުރެ ގިނަ ރުފިޔާކަމަށް ބުނިނަމަވެސް އެބުނާ އެއްޗެއް ދޭހަވަނީ ގައުމުގެ މަދު ޕަސެންޓަކަށް.
ހަސަނު
11 February 2019
ކުރު މުއްދަތެއް ތެރޭގާ ސަރުކާރަކުން ބިލިއަނެއްހާ ޑޮލަރަށް ހިޔާނާތްތެރިވެވޭނީ ލައްކަ ލާރި ހުރީމަ.. މި ބުނަނި އެންމެ ހިޔާނާތެއްގެ ވާހަކަ.. ބޮޑެތި ހިޔާނާތް ވަނީ ސިލްސިލާކޮށް އެތަށް އެޕިސޯޑަކަށް އެތައް ކަމަކުން ހިޔާނާތް ވެފަ.. މި ހުރިހާ ލާރި އާންމު މީހާއާ ހަމަ އަށް އައިނަމަ މިރާޢްޖޭގެ ކޮންމެ މީހަކީ ބޮޑޫ މުއްސަންޖަކަށް ވިސް...
ވާލުސޮރު
11 February 2019
ރިސޯޓް ތަކާ ގެސްޓް ހައުސްތަކަށް ވަންނަ ފައިސާ ބަހައްޓާފަ މާލެއާ އަތޮޅުތަކުގަހުރި ފިހާރަ ހޮޓާ ކެފޭ ރެސްޓޯރަންޓް ތަކަށް ވަންނަ ވިކުރާ ފައިސާ ގެ އަދަދު ބަލައިލިޔަސް މީހަކު ހައިރާންވެ އަންތަރީސްވާނެ. ބާޒާރުމަތީ ބޮޑު ދެ ފިހާރައެއްގެ ވިޔަފާރި ބެލެހެއްޓުމުގަ އިސްކޮށް އުޅުނުއިރު ކޮންމެ ހަފްތާއަކު ފައިސާ މާރުކުރަން (ބޮޑުކުރަން) އަންނަ ސަލާންޖަހާ މީހަކު ކޮންމެ ހަފްތާއަކު ބާރަހާސް ތޭރަހާސް ވަރަލަށް ރުފިޔާ މާރުކުރޭ. އެއީ އަދި ފަގީރުންގެ ފެންވަރު.
މުހައްމާ
11 February 2019
ރައްޔިތުންނާ ހިސާބަށް ފައިސާ އަންނާނީ ޓޫރިޒަމްގެ ހިއްސާ ވިއްކަން ފެށިގެން. އެކަން އެއްވެސް ސަރުކާރަކަށް އަދި މިހާތަނަށް ކުރެވިފައެއް ނެތް. އަމިއްލަ ފަރާތްތަކުން ރިޒޯޓު ހަދައިގެން އެތައް ބިލިއަނެއްގެ ފައިދާ ހޯދާއިރު ރައްޔިތުންނަށް ހިއްސާ ވިއްކި ކުންފުނިން ރައްޔިތަކަށް ލޯލާރިއެއްވެސް ނުލިބި 10 އަހަރުވެއްޖެ. ހައްތާވަނީ ދަރަނި.