މަރުވުން، ނިޔާވުން، އަވަހާރަވުން: ބޭނުންކުރާނީ ކޮން ބަހެއް؟

"ކީއްވެގެންތަ މަރުވިއްޔޭ ތިޔަ ލިޔަނީ؟"


މިއީ ފަހަކަށް އައިސް ކިޔުންތެރިންގެ ފަރާތުންނާއި ސޯޝަލް މީޑިއާ އިން ނޫސްވެރިންނަށް ކުރިމަތިވާ ސުވާލެކެވެ. ބައެއް މީހުން އެ ސުވާލުކުރަނީ ރުޅިއައިސްގެންނެވެ. އަނެއް ބަޔަކަށް އެއީ މަރުވި މީހާއަށް، އޭނާގެ އާއިލާއަށް އިހުތިރާމް ކުޑަކުރުމެވެ. އަނެއް ބަޔަކަށް އެއީ ދަރަޖަ ތަފާތުކުރުމެކެވެ.

އެކަމަކު ހަބަރުތަކުގައި ވަކި ބަޔަކަށް ނިސްބަތްކޮށް "މަރުވުން" ބޭނުންކުރަނީ އެއްވެސް ގޮތަކުން ގަދަރު ކުޑަކުރަން، ނުވަތަ ދަށްކޮށްލުމުގެ ނިޔަތުގައެއް ނޫނެވެ. އޭގައި ދިވެހި ބަހުގެ ހަމަތަކާއި، އާންމު ބަހުރުވައިގެ އަސަރުތައް ވެސް ހިމެނެ އެވެ. ފުރަތަމަ ދިވެހި ބަހުގައި އޮންނަ އަދަބުގެ ހަމަތަކަށް ބަލައިލުން ރަނގަޅުވާނެ އެވެ.

އަޅުގަނޑުމެން ކުޑައިރު، 1970- 1980 ގެ އަހަރުތަކުގައި ދިވެހި ބަހުގެ ތިން ދަރަޖައެއްގެ ނުފޫޒު އޮތެވެ. ވާހަކަ ދެއްކުމުގައި އާންމުކޮށް އެ ދަރަޖަތައް ބޭނުން ވެސް ކުރި އެވެ. މިސާލަކަށް "އައުން" ނަގަމާ ހިނގާށެވެ. އެއީ އެންމެ އާދައިގެ ބަހުރުވަ އެވެ. އޭގެ ދެ ވަނަ ދަރަޖައަކީ "ދުރުވުމެ"ވެ. އެންމެ މަތީ ދަރަޖައަކީ "ވަޑައިގަތުމެ"ވެ.

ދެވަނަ ދަރަޖަ ބޭނުންކުރަނީ، ނުވަތަ ނިސްބަތްކުރަނީ، ކަތީބުންނާއި މުދިމުންނާއި ސަރުކާރު އޮފީސްތަކުގެ މެދު ފަންތީގެ ވެރިންނަށެވެ. އަދި މާލޭގެ މަތީ ފަންތީގެ އާއިލާތަކުގެ މެމްބަރުން ފިޔަވައި، މުޖުތަމައުގައި ގަދަރު ހުރި އެހެން މީހުންނާ މުހާތަބުކުރާ އިރު ވެސް ދެ ވަނަ ދަރަޖަ ބޭނުންކުރެ އެވެ.

އެންމެ މަތީ ދަރަޖަ އުފެދިގެން އައީ މާލޭގެ އެންމެ މަތީ އިއްޒަތްތެރިންނާއި އެ އާއިލާތައް، އާންމު އެހެން މީހުންނާ ތަފާތުކުރުމުގެ ގޮތުން ކަމަށް ބެލެވެ އެވެ. އެހެންކަމުން "ވަޑައިގަތުން" ނިސްބަތްވާނީ ރަސްކަލުންނާއި ވަޒީރުންނާއި ޝާހީ އާއިލާ އާއި މާލޭގެ އެންމެ ގަދަރުވެރި މީހުންނަށެވެ. އެއީ އެތައް ގަރުނެއް ވަންދެން ރާއްޖޭގެ އެހެން ރައްޔިތުން ދެ ވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައި ގެންގުޅުނު އާއިލާތަކެވެ.

ބަހުގެ އަދަބަށް ބަލާ ނަމަ ދެ ވަނަ ދަރަޖަ އާންމު ބަހުރުވައިން މިހާރު ވަނީ ގާތްގަނޑަކަށް ފޮހެވިފަ އެވެ. އެހެންކަމުން މިހާރު އުމުރުން 25 އަހަރުގެ ޒުވާނުންނަށް، "ދުރުވުން،" "ލައްބަ"، "ނިދިކުރެއްވުން،" "ކޭންބެއްލެވުން،" ފަދަ ބަސްތަކަކީ ދެވަނަ ދަރަޖައިގެ ހަމައެއްކަމެއް ނޭނގޭނެ އެވެ.

އާންމު މުއާމަލާތުން އެ ދަރަޖަ ގެއްލެން ފެށީ 1980 ގެ އަހަރުތަކުގެ ފަހުކޮޅު އެވެ. ރަށްފުށާއި "މާލޭފުށު"ގެ ތަފާތު ކުޑަވުމުގެ އިންގިލާބީ ބަދަލު، މާލޭގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަތީ އެ ދުވަސްވަރު އެވެ. މާލޭގެ އިއްޒަތްތެރި އާއިލާތަކުގެ ނަން ފަނޑުވެ، ބާރު ކެނޑުނީ އެވެ. އިގުތިސާދީ މަސައްކަތުގައި އެހެން ރަށްރަށުގެ މީހުން ކުރީ ސަފަށް ނުކުތީ އެވެ. މިހާރު އާއިލާ ތެރޭގައި ވެސް އެއް ބަޔަކު އަނެއް ބަޔަކަށް "އާދެ، ވަޑައިގަތުން" ބޭނުންކުރާނީ މާލޭގެ "އިއްޒަތްތެރި" މަދު ބައެއް ކަމަށް ފެނެ އެވެ.

މިހާރު ދިވެހި އަދަބުގެ ބަހުރުވަ ބިނާވެފައި އޮތީ އެންމެ އާދައިގެ ބަސްތަކާއި އެންމެ މަތީ ދަރަޖައިގެ ބަސްތަކަށެވެ. ރަށްރަށުގެ ވެރިންނާއި އިއްޒަތްތެރިން ވެސް މިހާރު "ވަޑައިގަންނަވާނީ" އެވެ. އަދި މާލޭގައި ވެސް އެންމެ މަތީ ދަރަޖަ ބޭނުންކުރުމުގެ ޝަރުތަކަށް ވެފައި މި އޮތީ، ވަކި އާއިލާތަކަށް ނިސްބަތްވުމެއް ނޫނެވެ. އެ މީހަކު އަދާކުރާ ވަޒީފާ އާއި ތައުލީމީ ފެންވަރާއި، މުޖުތަމައުގައި އޭނާގެ މަގާމެވެ.

މި ބޮޑު ބަދަލު ދިވެހިންގެ ދިރިއުޅުމާ ގުޅިފައި ވާތީ، މިހާރު "ވިދާޅުވުމު"ގެ ދެ ވަނަ ދަރަޖަ ކަމަށް ވާ "ބުނުއްވި"އޭ ވަރަށް ނުކިޔާނެ އެވެ. އަދި ލިއުންތެރިންގެ ލިއުންތަކުން ވެސް ފެނުން ދުރެވެ. އާންމު ގޮތެއްގައި ވާހަކަ ދައްކާ ހަދާއިރު ވެސް އެ ބަސް ބޭނުމެއްނުކުރެ އެވެ. ދެ ވަނަ ދަރަޖައިގެ "ލައްބަ" ވެސް މިހާރު ބޭނުންކުރާނީ ވަރަށް މަދުންނެވެ. އެ ލަފުޒު މިހާރު ބޭނުންކުރާ ބަޔަކު އެ ބޭނުންކުރަނީ އެއްގޮތަކަށް ވެސް އެއީ ދެ ވަނަ ދަރަޖަ ކަމަށް ބަލައިގެންނެއް ނޫނެވެ. އެންމެ މަތީ ދަރަޖަ ކަމަށް ހީކޮށެވެ.

"މަރުވުން" މިއީ އެންމެ އާދައިގެ ބަހުރުވަ އެވެ. އަބަދުވެސް އެންމެ އާދައިގެ ބަހުރުވަ ހިތްގައިމުވެފައި، ފަސޭހަ އެވެ.

"ނިޔާވުން" މިއީ ދެވަނަ ދަރަޖަ އެވެ. އެކަމަކު ކުރިން ބުނިހެން ދެ ވަނަ ދަރަޖަ އަޅުގަނޑުމެންގެ ވާހަކަ ދެއްކުމާއި ލިއުމުގެ އާންމު ބަހުރުވައިގެ ތެރެއިން މިހާރު ވަނީ ބީވެގެން ގޮސްފަ އެވެ. އެހެންކަމުން ކުރިންސުރެ ނޫސްވެރިކަމުގައި އުޅެމުން އަންނަ ލިއުންތެރިން ބޭނުންކުރަނީ "މަރުވުން"، ނުވަތަ "އަވަހާރަވުން" ، މި ދެ ލަފުޒުން ކުރެ ލަފުޒެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް: މި ދެ މީހުން ހިނގާފައި ދަނިއްޔޭ ލިއެ، ބުނެފިއްޔާ އެ ވާނީ ގަދަރުކުޑަކުރުމަކަށް ބާ؟

ނޫސްވެރިކަމުގެ ތަފާތު ސްޓައިލް ލިއުންތަކުގެ ތެރެއިން ވެސް އަޅުގަނޑު އަބަދުވެސް ހިތްހަމަޖެހެނީ އެންމެ އާދައިގެ ބަހުރުވައަށެވެ. އެކަމަކު ކޮންމެ ކޮންމެ މީހަކަށް ނިސްބަތްކޮށް އެގޮތަށް ލިއުމުން އާންމު މުޖުތަމައު ބަލައެއް ނުގަންނާނެ އެވެ. މިސާލަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ބުނި ގޮތުގައި،"، ރައީސް "އަތުވެއްޖެ،" "ހިނގައްޖެ،" މި ބަސްތައް ބޭނުންކޮށްފި ނަމަ ވަރަށް ގިނަ މީހުން ދެކޭނީ އެންމެ މަތީ ވެރިޔާއަށް ގަދަރު ކުޑަކުރުން ކަމަށެވެ. ސޯޝަލް މީޑިއާގައި އުޅޭ މަދު ބަޔަކަށް އެގޮތް ކަމުދިއުން އެކަށީގެންވެ އެވެ.

ބަހުގެ އަދަބުގައި ހުރި ދަރަޖަތައް ބޭނުންކުރާނީތޯ ނުވަތަ ދޫކޮށްލާނީތޯ މިއީ ބަހުސްކުރެވިދާނެ މައުލޫއެކެވެ. މި ބަހުސްގައި، ކޮންމެ މީހަކަށް ނިސްބަތްކޮށް ވެސް "އަވަހާރަވުން" ބޭނުންކުރެވިދާނެއޭ، އެއް ބަޔަކު ބުނެފާނެ އެވެ. އެކަމަކު އާންމު ބަހުރުވައާ ހިލާފަށް އެންމެ މަތީ ދަރަޖަ ބޭނުންކުރަން ހަމައެކަނި އުނދަގުލީކީ ވެސް ނޫނެވެ. ދެ މީހެއްގެ މެދުގައި އޮންނަ ގާތްކަން ވެސް އެ ބަސްތަކުން ކެނޑޭކަން އިހުސާސްކުރެވޭނެ އެވެ.

މިސާލަކަށް އައިމިނަތު އާއި އައިޝަތަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އޭގެ ތެރެއިން އައިމިނަތު މަރުވީ އެވެ. އެ ވާހަކަ އެހެން މީހުން ކައިރީގައި އައިޝަތު ބުނާނީ "އައިންތު އަވަހާރަވެއްޖެ"، މި ގޮތަށް ހެއްޔެވެ؟ ނޫނެކެވެ. "އައިންތު މަރުވެއްޖެ"، މި ގޮތަށެވެ. ސަބަބަކީ ވާހަކަ ދެއްކުމުގައި ފުރަތަމަ ވެސް ބޭނުންކުރާނީ އެންމެ އާދައިގެ، އެންމެ ފަސޭހަ ބަސްތައް ކަމަށް ވާތީ އެވެ.

ދިވެހި ބަހުގެ އަދަބުތައް އުފެދުނުތާ އެތައް ގަރުނެކެވެ. އޭގެ ތެރެއިން ދެ ވަނަ ދަރަޖަ ނެތި ދިޔައީ މުޖުތަމައުގައި ގަދަރުވެރި މީހަކަށް ވުމަކީ ވަކި އާއިލާއަކަށް، ވަކި ރަށަކަށް ނިސްބަތްވެގެން ލިބޭ އެއްޗެއް ނޫންކަން ދިވެހިން ގަބޫލުކުރުމާ އެކު އެވެ. އެއީ އެއްގޮތަކުން ބަލަންޏާ ވަރަށް ބޮޑު ބަދަލެކެވެ.

ނޫސްވެރިކަމުގައި އެންމެ ރަނގަޅީ އާންމު ބަހުރުވައިން ހަބަރުތައް ލިއުމެވެ. އެކަމަކު މީހަކު މަރުވި ހަބަރެއްގައި "މަރުވެއްޖެ" ޖެހުމުން، މިހާރު އެކަން ވަނީ، އެއް ބަޔަކަށް ވަރަށް ގޯސް ގޮތަކަށެވެ. ދެން އޮތީ މިކަމުގައި އެހެން ހައްލެކެވެ. އެއީ "މަރުވުން" މިއީ ހުތުރު ލަފުޒެއްގެ ގޮތުގައި ހެދުމެވެ. ނުވަތަ ގަދަރު ކުޑަކުރެވޭ ބަހެއް ކަމަށް ބެލުމެވެ. އެކަމަކު އޭރުން ވެސް ހުރިހާ ކަމެއް ހައްލެއް ނުވާނެ އެވެ. ސަބަބަކީ "ނިޔާވުން" އެއީ އަދިވެސް އެންމެން ވާހަކަ ދައްކާ އާންމު ބަހުރުވައިގައި ބޭނުންކުރާ ލަފުޒަކަށް ނުވާތީ އެވެ.

އަޅުގަނޑަށް ޔަގީންކަމާ އެކު ބުނެވެން އޮތީ ހަބަރުތަކުގައި "މަރުވެއްޖެ" ޖަހަނީ އެއްގޮތަކަށް ވެސް ވަކި މީހަކު ދެރަކޮށްލަން، އޭނާގެ އަގުވަޒަންނުކުރުމުގެ ނިޔަތް އޮވެގެން ނޫން ކަމެވެ. މަރުވުމަކީ ދުނިޔޭގައި ކުރިމަތިވާނެ އެންމެ ހިތާމަވެރި ނިމުމެވެ. އެހެންކަމުން އެވާހަކަ ޖަހާއިރު ހިތާމަ ލިބުނު މީހުންނަށް އިތުރު ދެރައެއް، "މަރުވެއްޖެ"، މި ލަފުޒުން އިހުސާސްކުރެވޭ ނަމަ، "ނިޔާވުން" ބޭނުންކުރުން ގޯހެއް ނޫނެވެ. އެކަމަކު ސުވާލަކީ، "މަރުވުން" ކަހަލަ، ދިވެހި ބަހުގެ އެހާ ސާދާ، އާންމު ލަފުޒެއްގައި ނެތް މާނައެއް، ނަގަންވީ ކީއްކުރަން ހެއްޔެވެ؟ މި ބުނީ "މަރުވުން" އެއީ ނުލާހިކު ރީތި ބަހެކޭ އެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ