ކޮލަމް 7: ތިން ލައްކަ ރުފިޔާގެ އަނެއް ފަރާތް!

ބީއެމްއެލް އިން ދޫކުރި 15،000ރ.ގެ ލޯނު އާންމުން ނެގީ ކީއްކުރަން ހެއްޔެވެ؟ ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމަށެވެ. ދެން ދޫކުރި 50،000ރ. ގެ ލޯނު ނެގީ ވެސް ހަމަ އާމްދަނީން ނުފުދިގެންނެވެ. އޭގެ ފަހުން ދޫކުރި އެއް ލައްކަ ރުފިޔާގެ ލޯނު ވެސް ނެގީ ހަމަ ނުފުދިގެންނެވެ. ދެން ތައާރަފުވި ތިން ލައްކަ ރުފިޔާގެ ލޯނު ވެސް ނަގާނީ، ހަމަ ނުފުދިގެންނެވެ. އެ އަދަދު ބޭންކުން މައްޗަށް ޖައްސަމުން އެ ދަނީ އާންމުން ދަރަންޏަށް ފައިސާ ބޭނުންވާ މިންވަރަށް ބަލައިފަ އެވެ. މާނައަކީ، ދިރިއުޅުމުގެ ދަރަންޏާއި، ނުފުދިގެން އުޅޭ ވަރު މިދަނީ ދުވަހުން ދުވަހަށް އަދި އަހަރުން އަހަރަށް މައްޗަށް ކަމެވެ.


ބީއެމްއެލް އިން ތިން ލައްކަ ރުފިޔާގެ "ލުއި ލޯނު" ބޮޑު އިންޓަރެސްޓަކާ އެކު، އަދި ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އެކަނި ދޫކުރަން ނިންމުމާ އެކު އާންމުން ހަޅޭއްފަޅޭއް ޖަހަމުން ދަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު އެމްއެމްޕީއާރުސީގެ ރިޕޯޓް ނެރުނެވެ. އެއާއެކު މޫނަށް ރަތް ކުލަ އަރާފައި ތިބި މީހުންްގެ ރުޅިގަނޑު އިތުރަށް ފަޅައިގެން ދިޔަ އެވެ. މިއީ، އާންމުންގެ ފުދުންތެރިކަމާ ގުޅިފައި އޮތް ދެ މައްސަލައެކެވެ. އެއްކޮޅުން އެ ލޯނަކީ އާންމުންގެ ފުދުންތެރިކަމަށް ކުޑަ ނަމަވެސް ހައްލެއް ލިބިގެންދާނެ އެއްޗެކެވެ. އެ އުންމީދުގައި ތިއްބާ އޭގައި އަތްލެވޭ ވަރެއް ނުވި އެވެ. ދެވަނަ ކަމަކީ، ރައްޔިތުން އެހާ ފަގީރު ހާލުގައި އުޅެމުން ދާއިރު، ބާރުގަދަ ބަޔަކު އެ ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއެއް "ފެންފޮދަކާ ވެސް ނުލައި" ކާލި މައްސަލަ އެވެ.

ތިން ލައްކަ ރުފިޔާގެ ލޯނާ ހަމައަށް ބީއެމްއެލް އިން ދިޔައީ ވަރަށް ބޮޑަށް ވިސްނައިފައި ކަން ޔަގީނެވެ. އެވަރުގެ ލޯނެއް، އެހާ ބޮޑު އިންޓަރެސްޓެއްގައި ދޫކުރާނީ ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. އޭގެ ކުރިން ބީއެމްއެލުން ދޫކުރި 15،000 ރުފިޔާގެ ލޯނު ފަތު އަޑު ކިޔާފައި ހިނގި ކަމަށް ވެ އެވެ. އަދި 50،000 ރުފިޔާގެ ލޯނާއި އޭގެ ފަހުން އެއް ލައްކަ ރުފިޔާ ވެސް ހަމަ އެހާމެ ކާމިޔާބެވެ. ދެން މިއައީ، އެ ސިލްސިލާގެ ތެރެއިން އައި ތިން ލައްކަ ރުފިޔާގެ ލޯނެވެ. މި ލޯނަށް ދަހިވެތިވެފައި އެތައް ހާސް ބަޔަކު ތިބިކަން އާންމުން އެކި ތަންތާނގައި ފާޅުކޮށްފައި ހުރި ހިޔާލުތަކުން އެނގެ އެވެ.

ހަގީގަތަށް ވިސްނާލަމާ ހިނގާށެވެ! ގައުމުގެ އެންމެން މިތިބީ މަޖުބޫރީ ހާލަތެއްގަ އެވެ. ހުރިހާ ކޮޅަކުން މިއޮތީ ސަލާމަތް ނުވާ ހިސާބަށް ގޮސްފަ އެވެ. އިއުލާންކޮށްލާ އެންމެ އާދައިގެ ވަޒީފާއަކަށް އެތައް ސަތޭކަ ބަޔަކު ކުރިމަތިލާ އިރު، ވަޒީފާ ނުލިބިގެން އެތައް ހާސް ބަޔަކު ދެކޮޅަށް ދުވެ ނަގަނީ އެވެ. އަނެއްކޮޅުން އަތްމަތި ދަތިވެގެން، ބޭންކުން ނެގި ލޯނުތައް ނުދެއްކިގެން މީސްމީހުން ކޮޅުކޮޅަށް ދުވަނީ އެވެ. އިންސްޓޯލްމެންޓަށް ނަގާފައިވާ ތަކެތީގެ ދަރަނިތައް ފުނިޖެހި، އެ ނުދެއްކިގެން ތެޅިފޮޅެނީ އެވެ. ފައިސާ ލިބޭނެ އިތުރު ދޮރެއް ނެތެވެ. ސައުވީސް ގަޑިއިރު ބުރަ މަސައްކަތް ކުރިޔަސް، ލިބެނީ ދިރިއުޅުމުގެ ހަރަދާ ނުބައްދަލު އާމްދަނީއެކެވެ. ހަލާލު ގޮތުގައި ފައިސާ ހޯދަން ކިތަންމެ މަސައްކަތެއް ކުރިޔަސް ކުރަން ހުރި ހަރަދުތައް މާ ބޮޑެވެ. ދައްކަން ޖެހޭ ބިލްތަކާއި އާންމު ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ ތަކެތީގެ އަގު ދުވަހުން ދުވަހަށް މައްޗަށް ދަނީ އެވެ.

ރައްޔިތުން ވަނީ ހަގީގަތުގައި ނިކަމެތިވެފަ އެވެ. ގަބޫލުކުރަން ބޭނުންވިޔަސް ނުވިޔަސް، އަޅުގަނޑު މި ހަދަނީ ވަރަށް ބޮޑު ތެދެކެވެ؛ ސަރުކާރުގެ އެއްވެސް މުވައްޒަފަކަށް މިހާރު އެހެން ކޮންމެވެސް ގޮތަކުން ފައިސާ ނުލިބި މި މާލެއަކު ދިރިއެއް ނޫޅެވޭނެ އެވެ. އަޅުގަނޑަށް ވިސްނޭ އެކައްޗަކީ ރައްޔިތުންގެ ފަގީރުކަން އިންތިހާ އަށް މައްޗަށް ގޮސްފައިވާ ވަރެވެ.

އެކަމަކު އެ ނިކަމެތިކަމާއި ފަގީރުކަން ރައްޔިތުން ލިބިގަތީ އެ މީހުން އަމިއްލައަކަށް ނޫނެވެ. ރައްޔިތުން މަގުމައްޗަށް ނުކުމެ "ސަލާން" ޖަހަން މި މަޖުބޫރުވީ ވެސް ހަމަ ސަރުކާރުތަކުގެ ނުކުޅެދުންތެރިކަމުންނެވެ. ޚަރަދުތައް ބޮޑު ވަނީ ސަރުކާރުން ރައްޔިތުންގެ ބޭނުންތައް ފުއްދައިނުދޭތީ އެވެ. ބޯހިޔާވަހިކަން ނުލިބިގެން މި އުޅެނީ ބޯހިޔާވަހިކަން ގަސްތުގައި ފޯރުކޮށްނުދޭތީ އެވެ. ކަރަންޓް ބިލާއި ފެން ބިލް ބޮޑުވެ، ދެން ހުރި ހުރިހާ އެއްޗެހީގެ އަގު މައްޗަށް އަރައި، ޓެކްސްތައް ގިނަ ވަނީ ސަރުކާރަށް ގޮތްހުސްވެގެންނެއް ނޫނެވެ. އެއްގޮތަކީ، އަޅުގަނޑު ގަބޫލު ކުރަނީ ސަރުކާރުތަކުން ރައްޔިތުންނަށް އަޅާނުލަނީ އެވެ! އިހުސާސް ނުދަންނަނީ އެވެ!

ބޮޑު އިންޓަރެސްޓެއް އެރިޔަސް، އެއްކަލަ ތިން ލައްކަ ރުފިޔާގެ ލޯނު ނަގަން ޖެހެނީ މި ދެންނެވި ސަބަބުތަކާ ހެދި އެވެ. މީހުންނަށް ދަރާފައިވާ އެ މީހުންގެ ދިރިއުޅުން ސަލާމަތް ކުރަން އެބަ ޖެހެ އެވެ. ހަގީގަތަކީ، އެ ލޯނު ނަގަން ދައުލަތުން ރައްޔިތުންނަށް މަޖުބޫރު ކޮށްފައިވާ ކަމެވެ. ލޯނާ ނުލައި ރައްޔިތުންްނަށް ނޫޅެވޭ ވަރު ވޭތުވެދިޔަ ސަރުކާރުތަކުން މި ވަނީ ކޮށްފަ އެވެ. އެހެން ނޫނީ، ވިޔަފާރީގެ ބޭނުންތަކަށް ދޫކުރާ ލޯނުތައް ނަގައިގެން ދިރިއުޅުމުގެ ހަރަދުތަކެއް ހަމައެއް ނުޖައްސާނެ އެވެ.

އަޅުގަނޑަށް މައްސަލައަކީ ލޯނެއް ނޫނެވެ. އަދި ލޯނުގެ އިންޓަރެސްޓް ބޮޑުވުމެއް ވެސް ނޫނެވެ. ނުވަތަ ބީއެމްއެލްގެ މައްސަލައެއް ވެސް ނޫނެވެ. އަޅުގަނޑުގެ މައްސަލައަކީ ދިވެހި ރައްޔިތުންނަށް ޖައްސަމުންދާ ތަކުލީފުތަކެވެ. މި ގައުމަކީ ރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔަކު (އެނގިފައިވާ ގޮތުގައި ހަމައެކަނި ބީއެމްއެލްގެ ލުއި ލޯނުތަކާއި އިންސްޓޯލްމަންޓްތަކަށް ބަލާއިރު) މިހާ ހާލުގައި އުޅެން ޖެހޭ ގައުމެއް ނޫނެވެ. މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށް ވަންޏާ ރާއްޖޭގެ ތިން ލައްކައެއްހާ މީހުންނަށް ހުޅުމާލޭގައި ގެދޮރު އަޅައިދިނުމަކީ (ރާއްޖެ އަށް ލިބޭ އާމްދަނީ އަށް ބަލާއިރު) ނުވާ ވަރުގެ ކަމެއް ނޫނެވެ. ފެނާއި ކަރަންޓާއި ތަކެތީގެ އަގުހެޔޮ ކުރުމަކީ ނުވާނެ ކަމެއް ވެސް ނޫނެވެ. އެކަމަކު ސިޔާސީ ބޭނުންތަކަށް ޓަކައި، ކޮންމެ ސަރުކާރަކުން ވެސް އެކަން ނުކުރެވޭނެހާ ވާހަކަތަކެއް ދެއްކުމަށް ފަހު އެކަން ނުކޮށް ތިބެނީ އެވެ. އަނެއްކޮޅުން ސަރުކާރުތަކަށް އައިސްފައި (އެމްއެމްޕީއާރުސީގެ ޚިޔާނާތް ގޮތަށް) އެ މީހުން "ކައިފައި" ރައްޔިތުންނަށް ކާން ދޭނެ އެއްޗެއް ބާކީ ނުވަނީ އެވެ! -- އަޅުގަނޑު ގަބޫލުކުރާނީ އެހެންނެވެ.

ވައުދުތައް ވުމަށް ފަހު އެތައް ސަރުކާރެއް އައިސް ހިނގައްޖެ އެވެ. މެނިފެސްޓޯތައް ބަލާއިރު ދައުރު ނިމޭއިރު ރައްޔިތުން ތިބޭނީ އަތްމަތި ތަނަވަސް ވެފަ އެވެ. އެކަމަކު އާޚިރު ނަތީޖާ އަކީ ފަސް އަހަރު، 10 އަހަރު އަދި 30 އަހަރު ހޭދަކޮށްފައި ވެރިމީހާ ފައިބައިގެން ދާއިރު ވެސް، ރައްޔިތު މީހާ އަށް މާ ބޮޑު އެނގުމެއް ނުވުމެވެ. ދިރިއުޅުމަށް ހެޔޮ ބަދަލެއް ނާންނަތާ ހައްތާ ވެސް ދަނީ ދަށަށެވެ.

ބީއެމްއެލްގެ ތިން ލައްކަ ރުފިޔާގެ މައްސަލާގައި ރައްޔިތުންގެ ފާޑުކިޔުން އިންތިހާ އަށް ދިޔައީ މިދެންނެވި ސަބަބުތަކާ ހެދި އެވެ. އެ ނެގޭކަށް ނެތެވެ! ނުނަގައި ވާކަށް ވެސް ނެތެވެ!