ޚިޔާލު

އޮޅުންބޮޅުން: މެމްބަރަކަށް ވާން ބޭނުންވަނީ ކީއްކުރަން؟

ރައްޔިތުންގެ މަޖިލިސް: މެމްބަރަކު މާޒީގައި ކުރި މަސައްކަތަކީ މަޖިލިހަށް އަންނަން އޮތް ހުރަހެއް ނޫން

26 މާޗް 2019 - 08:20

25 comments

މި އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަވެރިންގެ ބަހުސްގައި، ބައެއް ބައިވެރިން އަޅުގަނޑުމެން އިތުރަށް ވިސްނާލަން ޖެހޭ ކަހަލަ މައްސަލަތަކެއް ނަންގަވާފައި ވެއެވެ. ބައެއް ކެންޑިޑޭޓުން ވިދާޅުވެފައި ވަނީ، އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އާދައިގެ މަސައްކަތެއް ކުރާ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމަށް ކުފޫ ހަމަނުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވާން ޖެހޭނީ ފުދިގެން އުޅޭ މީހުން ކަމަށެވެ. މުއްސަނދިން ކަމަށެވެ. އެއިރުން އެފަދަ މީހުން އެއްވެސް ފަރާތަކުން ނުގަނެވޭނެތީ ވެ އެވެ. ނާ ހަމަ ތެދުފުޅެއްތޯ އެވެ!

އެކަމަކު ތާރީޚް ބުނަނީ އެހެނެއް ނޫނެވެ. އަޅުގަނޑުމެންނަށް ފެންނަން ހުންނަ މަންޒަރު ދައްކަނީ އެ ގޮތަކަށް ނޫނެވެ! ގަނެ ވިއްކުމުގެ މާރުކޭޓުގައި އެފަދަ މީހުންގެ އަގު ބޮޑުވަނީ އެވެ. އެއީ ގަންނަނީ ކަމަށް ބަލަންޏާ އެވެ. އެފަދަ މީހުންގެ ވޯޓު ބޭނުންވާ ފަރާތުން ކޮށްދޭން ޖެހޭ ކަންތައްތައް ގިނަވާނެ އެވެ. ކޮށްދޭން ޖެހޭ ކަންތައްތައް ބޮޑުވާނެ އެވެ. ބައެއް ފަހަރު އެއްގޮތަކަށް ވެސް ފައިސާ ބަދަލު ކުރެވޭތަން ނުފެނިދާނެ އެވެ. ބޮޑު ލޯނެއް ހޯދުމަށް، ސަރުކާރުން ބޭންކާ ގުޅާފައި ރަނގަޅު މީހެއް ކަމުގައި ލަފާ ދިނުމަށް އެދިފާނެ އެވެ. ބޭރުގެ މާލީ އިދާރާއަކުން ބޮޑު ލޯނެއް ހޯދުމަށް، ފައިސާ އަނބުރާ ދެއްކޭނެ ކަމުގެ ޔަޤީން ކަމެއް ހޯދުމުގެ ލިއުމަކަށް ސަރުކާރުން އެދިފާނެ އެވެ. ނުވަތަ ސަރުކާރުގެ ގެރެންޓީއަކަށް އެދިފާނެ އެވެ. ނުވަތަ ސަރުކާރުގެ ކުންފުންޏަކުން ތަކެތި ދޫކުރުމުގެ ކުރެޑިޓް ލައިނަކަށް އެދިފާނެ އެވެ. ފަތުރުވެރިކަމުގެ ވިޔަފާރީގައި ރަށްތައް ހުރި މީހަކަށް ވާ ނަމަ އިތުރު ރަށް ލިބޭނެ މަގު ފަހިކުރުމަށް އެދިފާނެ އެވެ. ހަރުދަނާ މަސައްކަތެއް ނުކުރެވި، އެތަކެއް ސަތޭކަ ފަޅުރަށެއް، ރާއްޖޭގައި އޮތް އިރު، ފަޅެއް ހިއްކުމުގެ ހުއްދައަކަށް އެދިފާނެ އެވެ. ފިހާރައެއް ހެދުމަށް ބޮޑު ބިމަކަށް އެދިފާނެ އެވެ. ރާއްޖެ އަށް އަންނަ އިންވެސްޓަރަކާ އެކު އިސް ވެރިން ހިމެނޭ ފޮޓޯއެއް ނެގުމަށް އެދިފާނެ އެވެ. ނުވަތަ ފަސްވަރަކަށް މިނިޓުގެ ބައްދަލުވުމަކަށް އެދިފާނެ އެވެ. ނުވަތަ ތިމާ އަމިއްލަ އަށް އިސް ވެރިޔަކާ އެކު ފޮޓޯއެއް ނަގާފާނެ އެވެ.

މިކަމުގައި އުޅުއްވާ ފަރާތްތަކަށް މިކަމުގެ ފައިދާ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. މުއްސަނދިންނާއި ވިޔަފާރިވެރިން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ބޭނުންވަނީ އެމީހުންގެ ވިޔަފާރި ހިޔާމަތް ކުރުމަށެވެ. ކުރީގައި ރައީސްކަމާއި، ނައިބް ރައީސް ކަމާއި، މިނިސްޓަރު ކަމާއި، ކުންފުނިތަކުގެ ޗެއަރމަންކަމާއި، މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލައްވަނީ އެބޭފުޅުންގެ އަތްޕުޅުން ބީވެގެން ގޮސްފައި އޮތް ބާރު ހޯއްދެވުމަށެވެ. ބާރު އަތުލައި ގަތުމަށެވެ. ރައްޔިތުންނަށް ހެވަކަށް ނޫނެވެ. ހަމަ އެއާ އެކު ބައެއް ބޮޑެތި ވިޔަފާރި ކުންފުނިތަކުން އެތަންތަނުގެ ވިޔަފާރި ޙިމާޔަތްކުރުމަށް ކުންފުނިން ޚަރަދު ކޮށްގެން އިންތިޚާބުގައި މީހުން ބައިވެރި ކުރެ އެވެ. އެފަދަ މީހުންނަށް އިންތިޚާބުގައި ކާމިޔާބު ވެއްޖެ ނަމަ އެ މީހުންނަށް ޚަަރަދު ކުރި ކުންފުނީގެ ވިޔަފާރި ޙިމާޔަތް ކުރެވޭ ގޮތަށް ވޯޓު ދޭ ފިތައް ފިތާލާނެ އެވެ. އޮޅިގެން ނަމަވެސް ފިތާލެވޭނީ ކުންފުންޏަށް ފައިދާވާ ގޮތަށެވެ. ޤަބޫލު ކުރެއްވިޔަސް ނުވަތަ ނުކުރެއްވިޔަސް، "ކޯޕަރޭޓް އިންޓަރަސްޓު" މިއޮތީ ރައްޔިތުންގެ މަޖިލީސް ހިފައިފަ އެވެ. ރާއްޖޭގައި މިއޮތީ ވަރަށް މުޑުދާރު "ޕޮލިޓިކްސް" އެކެވެ. ދެން ސުވާލު ކުރައްވާނީ މުޑުދާރު ނޫން ޕޮލިޓިކްސްއެއް އޮތީ ކޮން ތާކުތޯ އެވެ؟ ތެދުފުޅެކެވެ. ޕޮލިޓިކްސްގައި މުޑުދާރު ބައެއް އޮންނާނެ އެވެ. އެހެންނަމަވެސް މުޅި ތަން މުޑުދާރު ވެގެން ދިއުމަކީ މައްސަލައެކެވެ.

ގަދަ އަށް މަސައްކަތް ކޮށްގެން އަމިއްލަ ހިތްވަރާއި މިންނަތުން ކުރިއަށް ދާ މީހުންނާ މެދު ބައެއް ކެންޑިޑޭޓުން ދަށު ދަރަޖައިގެ ވިސްނުމެއް ގެންގުޅެނީ ކީއްވެ ބާވަ އެވެ؟ ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް ކޮންމެވެސް ޒަމާނެއްގައި ރޫމް ބޯއި ކަން ނުވަތަ ވެއިޓަރުކަން ކުރެއްވި ބޭފުޅުން އެބަތިއްބެވި އެވެ. އަދި ކުރިން މަސްވެރިކަން ކުރައްވާފައި އަމިއްލަ ހިތްވަރުން ކިޔަވައި ވިދާޅުވެގެން މަޖިލީހުގެ މެމްބަރުކަން ހޯއްދަވާފައި ތިއްބެވި ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ. އެ ބޭފުޅުންގެ މާޒީއާ މެދު އެ ބޭފުޅުން ފަޚުރުވެރި ވެވަޑައިގަންނަވަ އެވެ. އެބޭފުޅުންގެ ކުޅަދާނަކަމަށް އަޅުގަނޑުމެން ވެސް ފަޚުރުވެރި ވަމެވެ. މަޖިލީހުގެ މެމްބަރުކަން އެބޭފުޅުންނަށް ލިބިވަޑައިގަތީ ރައްޔިތުންގެ ތާއީދުންނެވެ. އެ ބޭފުޅުން ހޮވީ ރައްޔިތުންނެވެ. ރައްޔިތުން އެބޭފުޅުންނަކީ ލީޑަރުން ކަމަށް ބަލައިގެންނެވެ.

ފައިސާވެރިއަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ހޮވައިގެން އޭނާ ހޮވި ދާއިރާއަކަށް ކުރަނީ ކޮން ފައިދާއެއްތޯ އެވެ؟ އޭނާގެ އަމިއްލަ ފައިސާ އިން އޭނާ އަށް އެއްވެސް ފައިދާއެއް ނުވާނެ ގޮތަކަށް އެއްވެސް މަޝްރޫޢުއެއް އޭނާ ހިންގާނެތޯ އެވެ؟ ހިންގިދާނެތޯ އެވެ؟ ވިޔަފާރިވެރިން ކުރާ މަސައްކަތުން އެމީހުންނަށް ފައިދާ ނުވާނެ ގޮތަކަށް މަސައްކަތް ކުރާނެ ކަމަށް ޤަބޫލުކުރަން އުނދަގުލެވެ. ބައެއް ފަހަރަށް އެމީހުންނަށް ކުރާ ފައިދާ ކުރިިމަތިން ސީދާކޮށް ނުފެނިދާނެ އެވެ. އެހެންނަމަވެސް ރަނގަޅަށް ތަޙުލީލު ކުރުމުން ފޮރުވިފައި އޮންނަ ފައިދާ ފެނިގެން ދާނެ އެވެ.

ދީނީ ކަންކަމުގައި ރާއްޖޭގައި ޙަރަކާތްތެރިވުން ވަރަށް ކުޑަކޮށް އޮތް ދުވަސްވަރެއްގައި ދީނީ ކަންކަން ކުރިއެރުވުމަށް އެންމެ ޙަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅަކީ ސަރުކާރުގެ އޮފީހެއްގައި ވަރަށް އާދައިގެ ވަޒީފާއެއްގައި އުޅުއްވި ބޭފުޅެކެވެ. އޭނާ އަށް ޔުނިވަސިޓީގެ ތަޢުލީމު ނުވަތަ އެ ފެންވަރަށް އުނގެނިވަޑައިގަތުމުގެ ނަސީބު ލިބިވަޑައިގެންފައެއްނުވެ އެވެ. އެހެންނަމަވެސް އޭނާގެ މަސައްކަތްޕުޅުގައި ރާއްޖޭގައި އެއިރު ތިއްބެވި ހުރިހާ ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ދީނީ ހޭލުންތެރިކަން ފެތުރުމަށް އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ އޭނާ އެވެ. ދީނީ ތަޤްރީރު ދެއްވަނީ ޢިލްމުވެރިންނެވެ. އޭނާ އަކީ ހުރިހާ ކަމެއް ހަމަޖައްސާ ލީޑަރެވެ. އެބޭފުޅުންގެ ގަދަރާއި އިޙްތިރާމް ލިބިވަޑައިގެން ފައިވާ ބޭފުޅެކެވެ. ސަރުކާރުގެ އޮފީހުގައި އޭނާ އަށް އިށީދެވަޑައިގެންނެވޭ ވަރު ވަނީ ވެސް ދިގު ގޮނޑިއެއްގަ އެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ ބެންޗުގަ އެެވެ. އެހެންނަމަވެސް އޭނާ އަކީ މުޖުތަމަޢުގައި ޤަދަރާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ކުރައްވާ މަސައްކަތަށާއި، އޭނާ ކޮށްދެއްވާ އިޖްތިމާޢީ ޚިދުމަތަށް މުޅި މާލޭގެ ތައުރީފާއި ސާބަހާއި އައްސަރިބަސް ލިބިވަޑައިގެންނެވި އެވެ.

ކެރިގެން އާމްދަނީ ހޯދުމަށް ކުރާ ކޮންމެ މަސައްކަތަކީ ރީތި މަސައްކަތެެކެވެ. ހުތުރު ކަމަކީ އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި ހުރުމެވެ. އިނގިރޭސި ވިލާތުގެ ޕުރިމިއަ ލީގުގެ ޓީމަކަށް ކުޅޭ ފުޓްބޯޅަ ކުޅުންތެރިއަކު އޭނާގެ ތަމްރީނުތަކާއި، މެޗް ނުއޮންނަ ދުވަސް ދުވަހު ކުރާ މަސައްކަތަކީ ކުނި އުކުމެވެ. އޭނާ ކުނި ނަގާ ތަނުގެ ފޮޓޯ ވެސް ނޫހުގައި ހުއްޓެވެ. އޭނާގެ އެ މަސައްކަތުގެ ވާހަކަ ކިޔައިދެނީ ވެސް އޭނާ އަމިއްލަ އަށެވެ. ޕުރިމިއަ ލީގްގައި ކުޅޭ ޓީމެއްގެ ކުޅުންތެރިއަކަށް ކުޑަ މުސާރަ ދޭ ޓީމަކުން ވެސް ހަފްތާއަކު އެތައް ހާސް ޕައުންޑެއް ލިބޭނެ ކަމަށް ޤަބޫލުކުރެވެ އެވެ. މަތީ ފަންތީގެ ކުޅުންތެރިންގެ މުސާރަ އޮންނަނީ ހަފުތާއަކު ލައްކަ އިންނެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ތަފާތު ފެންވަރުގައި މަސައްކަތް ކޮށްގެންނެވެ. ވެއިޓަރުކަން ވެސް ކޮށްގެންނެވެ. ޖަނަރަލް މެނޭޖަރު ކަމުގެ މަޤާމާ ހަމައަށް ދެވޭ އިރު އެމީހުން އެހާ ކުޅަދާނައީ އެހެން ވެގެންނެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މިހާރު ވެސް ވަރަށް ޢިލްމުވެރި އަދި މަސައްކަތުގެ ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން އެބަ ތިއްބެވި އެވެ. އެހެެންނަމަވެސް ގިނަ ފަހަރަށް އެބޭފުޅުން މަޖިލީހުގެ ބަޙުސްތަކުގައި ދައްކަވާ ވާހަކަ އާއި އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ޢިލްމާއި ތަޖުރިބާ އާއި ދިމައެއް ނުވެ އެވެ. ވަރަށް ގިނަ ފަހަރު އެ ބޭފުޅުން ދެކެވަޑައިގަންނަވަނީ ނާޒުކު މައްސަލަތަކުގެ ބަހުސްތަކުގައި ހިމޭނުން ތިއްބަވާފައި، ޕާޓީން ފިތާލަން އަންގާ ފިތަކަށް ފިތާލުމަކީ އެންމެ ރައްކާތެރި ގޮތް ކަމުގަ އެވެ. ކުރީގައި ވެއިޓަރުކަން ކޮށްފައި ހުރި މީހަކު މަޖިލީހުގެ މެމްބަރަކަށް ވެއްޖެ ނަމަ ޔަޤީނުން ވެސް އޭނާ ނުކުރާނެ ކަންތައްތަކެއް އެބަހުއްޓެވެ. އޭނާ މަޖިލީހުގެ ރައީސްގެ މޭޒުކޮޅު ދޮށަށް ގޮސް ހަޅ ނުލަވާނެ އެވެ. އޭނާ އަށް މީހުންނަށް އިޙްތިރާމް ކުރަން ދަސްކޮށްދީފައި އޮތުމުންނެވެ. އޭނާ ކޯ ދޮވެފައި މެމްބަރެއްގެ މޫނަށް ފެން ބުރުއްސައެއް ނުލާނެ އެވެ. އެއީ ގޯސް އަދަބު ކަމަށް އޭނާ އަށް ދަސްކޮށް ދީފައި އޮންނާނެތީ ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް މަންދޫބުން ހޮވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ މައްސަލަތަކުގައި ރައްޔިތުންގެ ޚިޔާލު ދިނުމަށެވެ. ބަހުސް ކުރުމުގެ މަރުޙަލާގަ އެވެ. ނުވަތަ ވޯޓުންނެވެ. މެމްބަރުންނަށް ފަރުދީ ގޮތުން ރަށުގެ ނުވަތަ އަވަށުގެ ތަރައްޤީ އަށް އެއްވެސް ކަމެއް ކޮށްނުދެއްވޭނެ އެވެ. ކަންކަން ކޮށްދެވޭނީ ވެރިކަމަށް އަންނަ ޕާޓީއަކުންނެވެ. ޕާޓީގެ މެނިފެސްޓޯގެ ތެރެއިން ނުވަތަ ޕާޓީގެ ސިޔާސަތުގެ ތެރެއިންނެވެ. މަޖިލީހުގެ ގޮނޑިއެއްގެ އުއްމީދުވާރަކު، އޭނާ ކުރިމަތިލާ ދާއިރާގެ ކެންޑިޑޭޓުންނާ އެކު، ދާދި ފަހުން ކުރި ބަހުސެއްގައި ވާހަކަ ދައްކަމުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނުހެދި ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ. އޭނާ މެމްބަރަކަށް ހޮވައިފި ނަމަ އެމަސައްކަތް އަވަހަށް ނިންމުމަށް މަސައްކަތް ކޮށްދޭނެ ކަމަށެވެ. ވާހް! ވާހް!!

ކުރިމަތިވެފައި މިއޮތް ޢާއްމު އިންތިޚާބުގައި އެންމެ ކަންބޮޑުވާ އެއް ކަމަކީ ވެރިކަމުގައި ތިއްބެވި ބައެއް ލީޑަރުންނާއި، ބައެއް އަޑު ގަދަ ލީޑަރުން ބަޣާވާތެއް ކުރާނެ ވާހަކަ ދެއްކެވުމެވެ. ރައްޔިތުންގެ މަޖިލީހުގައި ބޭނުންވާ އަޣްލަބިއްޔަތު ނުދީފި ނަމަ އެވެ. އަމިއްލަ އަށް ވެރިކަމުގައި ތިއްބަވައިގެން ބަޣާވަތް ކުރަނީ ކޮން ބަޔަކާތޯ އެވެ؟ އަމިއްލައަށްތޯ އެވެ؟ ނުވަތަ ރައްޔިތުންނާތޯ އެވެ؟ އަޖުމަ ބަލައިލަން މިފަހަރު އެއްވެސް ޕާޓީީއަކަށް އަޣްލަބިއްޔަތު ނުދެމާތޯ އެވެ؟ ޕީޕީއެމް އަށް ފުރިހަމަ އަޣްލަބިއްޔަތު ދިނުމުން ކަން ކުރި ގޮތް ބައެއް މީހުން ހަނދާން ނެތުނަސް އަޅުގަނޑުމެން ހަނދާނެއް ނުނެތެ އެވެ!

25 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 10%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަނީ

27 March 2019

ފައިސާ ފައިސާ ފައިސާ ފައިސާ!!!

The name is already taken The name is available. Register?

ހަމަހޭ

27 March 2019

ތެދުވެރި ނިޔަތެއްގަ ކުރިމަތިލާ ހަމައެކަކުނެތް، އަބަދުވެސް ހިޔާލުގަ އޮންނާނީ ހޮވިއްޖެއްޔާ ކިހާވަރެއްދެންޏާ ކޮންޕާޓީއަކައްބާއޭ މަވިކެންވީ. އެހެންނޫންނަމަ 5 އަހަރުގެ ދައުރަކައް ކެމްޕޭނައް 10 މިލިއަން ހަރަދުކުރާނެބާ؟. ގިނަވެގެން 5 އަހަރުން މުސާރަޔާ އެލަވަންސާ އެއްކޮއްލިޔަސް 5 މިލިއަނައްވުރެ ގިނަނުވާނެ.

The name is already taken The name is available. Register?

ޙަގީގީ

26 March 2019

ޙަގީގަތް ބުނަން. ޢެވެސް ރައޔިތަކަ ކޮދޭ ކަމެއް ނޫން. ޢަމިއްލަ ފައިދާއަށް ހަމަ...ހުސް ލާރި ކާ މީހުން ... ސުކުރިއްޔާ

The name is already taken The name is available. Register?

ސުނިލް

26 March 2019

ސީދާ ވައްކަންކުރަން. ނަހަލާލު ގޮތުގައި ގައުމުގެ މުންސަދިކަން ފޭރި ގަތުމަށް.

The name is already taken The name is available. Register?

ޙަގީގަތުގަވެސް

26 March 2019

ވަރަށް ރަނގަޅު ވާހަކައެއް..... ސޯޓްރޫ....

The name is already taken The name is available. Register?

ޖެހިފައި

26 March 2019

ހަމައެކަނި ޕީޕީއެމަށް މަޖްލިސް މެޖޯރިޓީ ލިބިގެން ވީ ގޮތުގެ ވާހަކަ އެކަނި މީގައި ގެނެވުނީ ކީއްވެ؟ އެހާ ހަމަހަމަކަމާއެކު ލިއެފައި އޮތް ލިއުމެއްނަމަ އެމްޑީޕީއަށް މެޖޯރިޓީ އޮތްއިރު ކަންކުރި ގޮތްވެސް ލިއެވެންވާނެ. އެމީހުން ކަންތައް ކުރީ އެހާ ރަގަޅަށްނަމަ އެވާހަކަވެސް ލިއަންވާނެ.

The name is already taken The name is available. Register?

އޭބީ

27 March 2019

އެމްޑީޕީއަށް މިހާތަނަށް އައިއިރު މެޖޯރިޓީ އެއް ލިބިފައެއް ނުވޭ

The name is already taken The name is available. Register?

ޖީލް

26 March 2019

ދަންނަވާލަން ޖެހެނީ މިހާތަނަށް މަޖްލީސްގަ އެންމެ ކޮރަޕްޝަން ބޮޑުވެފަ އޮތީ ވެރިކަންކުރާ ބަޔަކަށް ހިންދެމިލައިގެން ސަރުކާރު ހިންގަން ފުރުސަތު ލިބޭ ވަރަށްވެސް މަޖްލިސް އަގްލަބިއްޔަތު ނުލިބުމުން. ދެވަނަ ޕެރެގްރާފްގަ ތިހިރަ ހުރިހާކަމެއް ކޮށްދެވޭނީ އޭރެއްގަ އޮންނަ ސަރުކާރަކަށް. މާނައަކީ އަގްލަބިއްޔަތު ހޯދަން އަނެއްކޮޅުން މެމްބަރުން ރުއްސަން ތިޔަ ހުރިހާ ކަމެއް ކޮށްދޭންޖެހުން! އަގްލަބިއްޔަތު ލިބުން ނުލިބުމެއް ނޫން، މުހިންމީ ރަނގަޅު މީހުން ހޮވުން.

The name is already taken The name is available. Register?

ސާބަހޭ

26 March 2019

މިއީ އެއްވަނައިގެ ލިޔުމެއް. ސާބަސް.

The name is already taken The name is available. Register?

Dhaadhey

26 March 2019

ގާސިމު ވިދާޅުވީ މެންބަރުންނަށް ލިބޭ މުސާރައިގެ ދެގުނަ އެމީހުން އެދާއިރާގެ ރައްޔިތުންނަށް ޚަރަދުކުރާ ކަމަށް. އެހެންކަމުން މަޖިލީހަށް ވަންނަނީ އަތުގައި ގިނަވެފައިވާ ފައިސާ ވަކިބަޔަކަށް ބަހަން. އެއީ މިލިޔަނަރުން ނޫނީ ބިލިއަނަރުން. ޒަކާތަށް ފައިސާ ނެރެންޖެހުނީމާ ލޯން ނަގާނަގާ ދަރާފައި އޮންނާތީ ޒަކާތް ވާޖިބެއްނުވޭ. އެކަމަކުވެސް ރިޝްވަތުގެ ގޮތުގައި ބަހާނެ ފައިސާ ހުރެގެން ކަމަށް މިވަނީ މަޖިލީހަށް ކުރިމަތިލަނީ. އަޅުކަމެއްގެގޮތުގައިމެންބަރުކަން ކުރަނީ.

The name is already taken The name is available. Register?

ސަކީނާ

26 March 2019

މަޖްލީހަކީ ސަރުކާރުގެ ބޮޑެތި މުހިންމު މަޝްރޫއު ހިންގަން ބާރުއަޅަން އޮތްތަނެއް. ސަރުކާރާ ދެކޮޅުމީހުން ހޮވީމަ ވާނޭގޮތް ފެނިފަ މިތިބީ. މިހާރުވެސް ސޯލިހް އުފައްދަވާ ކޮމިޝަނަށް ބާރެއް ނުލިބޭ!!

The name is already taken The name is available. Register?

ވަކީނާ

26 March 2019

ކޯލިޝަނެއްގެ މާނައަކީ އެޅިހާ ބަތަކަށް ރިހަވެގެން ތިބުމެއްވެސް ނޫން. ކޯލިޝަންގައި އެތިބޭ އެހެން މީހުންނަށް ފެންނަ ގޮތުގައި ގާނޫނީ ބޮޑެތި ބްލަންޑަރހެދޭނެހެން ހީވާކަމެއްގައި އެއްބައިވާކަށްނުޖެހޭ. ރައީސަކީ ހުރިހާ ބަޔަކާ ވާހަކަދެއްކޭނެ މީހެކޭ ތަފާތު ޚިޔާލުތަކާއެކު މަސައްކަތްކުރެވޭނެ މީހެއްކަމަށް މާކެޓްކުރަމުން ދާއިރު އަމަލުން އެކަންކޮށްފަ ދައްކަން އުޅޭތަނެއް ނުފެނޭ. ކޯލިޝަނެއް ހެދިއެއް ކަމަކު ހެދުނީ ކޮންކަހަލަ ބަޔަކާކަން ނޭގި ތިބެން އެއީ ކުޑަކުދިންތަ

The name is already taken The name is available. Register?

ޗޮޗީ

26 March 2019

މަ ބޭނުން ލައްކައެއްހާ ލައިކް ދޭން މި ލިޔުމަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454