ޚިޔާލު / ޤުރުއާން

ކޮލަމް ކޯދު: ފާތިޙާ ސޫރަތުން މުއުމިނުންނަށް ލިބޭ ބައެއް ފިލާވަޅު

ކުރީގެ އަހަރުތަކުގައި ޗާޕުކޮށްފައިވާ މުސްހަފެއްގެ ފެށޭ ދެ ޞަފްޙާ

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

07 ސެޕްޓެމްބަރ 2016 - 06:49

4 comments

(ސެޕްޓެމްބަރ 1، 2016 ދުވަހުގެ އަދަދާ ގުޅޭ)

މިއިން އަޅުގަނޑުމެންނަށް އެނގެނީ، ތެދުމަގު ލިބިގަނެ އެ މަގުގައި ދެމިހުރުމަކީ މުއުމިނާގެ އެންމެ ބޮޑު އެދުން ކަމަށް ވިޔަސް، މުއުމިނާއާ ވެސް، އޭނާގެ އީމާންކަން އިމްތިހާނު ކޮށްލެވޭ، ކަންތައްތަކާ ދިމާވެދާނޭ ކަމެވެ. އަދި ތެދުމަގުގައި ދެމިހުރުމުގައި ތަފާތު ގޮންޖެހުންތަކާ އޭނާއާ ކުރިމަތިވެދާނޭ ކަމެވެ. އަމިއްލަ ނަފްސުގެ ކުރިމައްޗަށް ހުށަހެޅޭ ތަފާތު ކަންތައްތަކުގެ ސަބަބުން، ހަވާނަފްސުގެ ކޮޅަށް ނުވަތަ ނުބައި ކަންތައް ކުރުމަށް އަމުރު ކުރާ ނަފްސުގެ ކޮޅަށް، ތިމާގެ ނަފްސު އެނބުރި ހިނގައިދާނޭ ކަމެވެ.

މިކަމުގެ ސަބަބުން ދީނީ ވާޖިބުތައް އަދާކޮށް ރަނގަޅު ގޮތުގައި ހުރުމުގެ އަޒުމަށް ހީނަރުކަން އާދެ އެވެ. ހުރިހާ ހާލަތެއްގައި ވެސް ތެދުވެރިވެ، އަދުލް އިންސާފަށް މަސައްކަތްކޮށް ހެޔޮ ގޮތުގައި ހުރުމަށް ނުކުޅެދިވެ ގަނެވެ އެވެ. އާދެ، ކުރު ގޮތަކަށް ދަންނަވަނީނަމަ، އިންސާނީ ނަފްސުގެ ބަލިކަށިކަމުގެ ސަބަބުން، އިލާހީ ތެދުމަގުން ކައްސާލުން އޮންނަނީ ދާދި ކައިރީގަ އެވެ. އެހެންވެ، މުއުމިނާ އަބަދުމެ ތެދުމަގު ހޯދުމަށް މަސައްކަތް ކުރަންޖެހެ އެވެ.

މި ކަމުގެ އެދުމަށް، ބަލިމަޑުކަން އައިސް އެ އެދުން މަރުވެދިޔަ ނުދިނުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހެ އެވެ. އަމިއްލަ ނަފްސުގައި އެކަމުގެ އެދުން ދިރުވައި ދަމަހައްޓަން ޖެހެ އެވެ. ތިމާގެ އަމިއްލަ ނަފްސުގެ ކުރިމައްޗަށް އެ ނަފްސު އިމްތިހާނު ކޮށްލެވޭ ކަންތައްތައް ކުރިމަތިވާ ވަގުތުގައި އީމާންކަން މަތީ ދެމިހުރުމަށްޓަކަ އެވެ. އެފަދަ ވަގުތުތަގުގައި ތެދުމަގުން އެއްކިބާ ނުވެ، އެމަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރުމަށްޓަކަ އެވެ. އަދި އެފަދަ ހާލަތެއް ކުރިމަތިވެ، ފައިތިލަ ކައްސާލި ކަމުގައި ވިޔަސް، އަވަހަށް، އީމާންކަން އާކޮށް، ތެދުމަގަށް އެނބުރި އައުމަށްޓަކާ ވެސް މެއެވެ.

އަލްފާތިހާ ސޫރަތް ތަކުރާރުކޮށް ކިޔަވާ اهْدِنَا الصِّرَاطَ الْمُسْتَقِيمَ 'އަޅަމެންނަށް ތެދުމަގު ދައްކަވާނދޭވެ!' މިދުއާ މާތްﷲގެ ހަޟްރަތުގައި ދެންނެވުމުގެ ބޭނުމަކީ، އެކަމުން ލިބޭ ދަރުސަކީ، ފިލާވަޅަކީ، ތެދު މަގުގައި ދެމިހުރުމުގެ ސާބިތުކަން ދެއްވުމަށް އެދި އަބަދުމެ ދެންނެވުމެވެ. އަދި، ތެދުމަގުން، ފައިތިލަ ކައްސާނުލައި، ތިމާގެ ނަފްސު ތާހިރުކަންމަތީ ލަހައްޓައި ރޫހާނީ ގޮތުން، ތިމާ ކުރިއަށް ދިޔުމަށް މަގުފަހިކޮށް ދެއްވުމަށް އެދި ދެންނެވުމެވެ.

މިކަން އިތުރަށް ސާފުކޮށްލުމުގެ ގޮތުން އިސްލާމީ ތާރީޚަށް ނަޒަރު ހިންގާލަމާތޯ އެވެ. އިސްލާމީ ދައުވަތުގެ މަސައްކަތް ފެށިގެން އައި އިރު، ކީރިތި ރަސޫލާ އެ މަސައްކަތް އެންމެ ފުރަތަމަ ކުރެއްވީ ސިއްރިޔާތުގައި ޚުސޫސީ (ޕްރައިވެޓް) ސިފައެއްގަ އެވެ. އާއިލީ ބޭފުޅުންނަށާއި އަދި ގާތް އެކުވެރި ރަހުމަތްތެރިންނަށް އަމާޒު ކުރައްވައިގެންނެވެ. "وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ"، 'ކަލޭގެފާނުގެ އަހުލުބައިތުންނާއި ގާތްތިމާގެ މީހުންނަށް (އިސްލާމް ދީނަށް ދައުވަތުދެއްވައި) އިންޒާރު ދެއްވާށެވެ' (އައްޝުޢަރާއު ސޫރަތް 214)

ސޫރަތުލް ފާތިޙާ: ައެއް މުފައްސިރުން ވިދާޅުވާގޮތުގައި މިސޫރަތަށް 'އަލްފާތިޙާ' އޭ ކިއެނީ އެއީ ނަމާދު 'ހުޅުވައިލަދޭ'، އާދެ، ނަމާދުގައި ފުރަތަމަ ކިޔެވޭ ސޫރަތްކަމަށް ވުމުން.

މި އާޔަތުގައި އިރުޝާދު ދެވިފައިވާ ގޮތުގެ މަތީންނެވެ. އިސްލާމީ ދައުވަތުގެ މަސައްކަތް މިފަދަ ވަންހަނާ ގޮތެއްގައި ވަކި ބަޔަކަށް އަމާޒު ކުރެވިގެން ތިން އަހަރެއްހާ ދުވަސް ވަންދެން ކުރިއަށް ގެންދެވުނެވެ. فَاصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ الْمُشْرِكِينَ 'ކަލޭގެފާނަށް އަމުރުކުރެއްވޭ ކަންތަކާއިގެން (އިސްލާމީ ދައުވަތުގެ މަސައްކަތާއިގެން) ފާޅުގައި ކުރިއަށް ވަޑައިގަންނަވާށެވެ. އަދި، މުޝްރިކުން (ގެ އުނދަގޫ ކުރުމާ މެދު) އަޅާނުލައްވާށެވެ،' (އަލް ޙިޖްރު ސޫރަތުގެ 94) މިއާޔަތް ބާވާލެވެންދެނެވެ. އިލާހީ މި އަމުރުފުޅު އައުމުން، ދެން، އިސްލާމީ ދައުވަތް އެންމެންގެ ތެރޭގައި ފާޅުކޮށްލެވި، އާއްމު ކޮށްލެވުނެވެ. ކީރިތި ރަސޫލާ، މައްކާގެ އެންމެން އެއްކުރައްވައި، އެންމެންގެ ކުރިމަތީ، އެކަލޭގެފާނުގެ ދައުވަތު އިއުލާނު ކުރެއްވިއެވެ.

އިސްލާމީ ދައުވަތު އާއްމު ކުރެވުމާ ވިދިގެން މައްކާގެ އަހުލުވެރިން، އާއްމު ގޮތެއްގައި، ކީރިތި ރަސޫލާއާ ދެބަސްވެ އިސްލާމީ ދައުވަތާ އިދިކޮޅު ހެއްޖެވެ. އަދި ދުވަސްކޮޅަކަށް ފަހު، މި އިދިކޮޅުވުން ދެކޮޅުވެރި ކަމަށް ބަދަލުވި އެވެ. ދެން، މި ދެ ކޮޅުވެރިކަން ހަތުރުވެރިކަމަށް ބަދަލުވި އެވެ. އަދި މި ހަތުރުވެރިކަން އެކިއެކި ސިފައިގައި ފާޅުކުރެވުނެވެ. އެންމެ ފުރަތަމަ އަނގަ ބަހުންނެވެ. ކީރިތި ރަސޫލާ އާއި އެކަލޭގެފާނަށް ތަބާވީ މީހުންނަށް މަލާމާތްކޮށް ހަޑިހުތުރު އެއްޗެހި ކިޔައި ފުރައްސާރަ ކޮށެވެ.

އެކަލޭގެފާނަކީ މޮޔައެއްކަމާއި ސިހުރުވެރިއެއް ކަމާއި ޖިންނި އަވަލަވާފައި ހުންނެވި ބޭފުޅެއްކަމާއި އަދި މި ނޫން ވެސް މިފަދަ އެހެން އިބާރާތްތައް ބޭނުން ކޮށްގެންނެވެ. އަދި މީގެ އިތުރުން، މައްކާގެ އަހުލުވެރިން، އެމީހުންގެ ހިތްތަކުގައި، ކީރިތި ރަސޫލާ އާއި މުސްލިމުންނާ ދޭތެރޭ އޮތް ހަތުރުވެރިކަން އަމަލީ ގޮތެއްގައި ވެސް ފާޅު ކުރި އެވެ. ކީރިތި ރަސޫލާއަށާއި މުސްލިމުންނަށް ދަތިތަކާއި އުނދަގޫތައް މެދުވެރިކޮށް ގެންނެވެ. އަނިޔާ އާއި ހާނިއްކަ ވެސް ކޮށްގެންނެވެ.

ޚާއްސަ ގޮތެއްގައި، މައްކާގެ އިޖުތިމާއީ-އިގްތިސާދީ ހަރުގަނޑުގެ ތިރީ ހަރުފަތްތަކުގައި ހިމެނުނު، ބިލާލު ބިން ރަބާޙު އާއި ސުމައްޔާ ފަދަ އަޅުންނާއި ދެރަ ނިކަމެތި ފަގީރުންނަށް ހާނީއްކަކޮށް އަނިޔާ ކޮށްގެންނެވެ. ބިލާލުގެފާނު މައްކާގެ މަގު މައްޗަށް ނެރެ، ބިންމަތީ ބާއްވައި ގައިކޮޅަށް ހޫނު ބޮޑެތި ހިލަ އަރުވައި އަނިޔާ ކުރެވުނެވެ. އަދި ސުމައްޔާ އަށް އަނިޔާކޮށް އެކަމަނާ އަވަހާރަކޮށްލެވުނެވެ. އާދެ، އިސްލާމީ ދައުވަތް އާއްމު ކޮށްލެވުމާ ވިދިގެން މުއުމިނުންނަށް މި ދެންނެވި ފަދަ ވަރުގަދަ އިމްތިހާނުތަކާ ކުރިމަތިލާން ޖެހުނެވެ. އެމީހުންގެ އަގީދާ އަށް ލޮޅުން އަރުވާލައި، އެ އަގީދާ އަށް ފުރަގަސް ދޭން މަޖުބޫރު ކުރުވާފަދަ ވަރުގަދަ އިމްތިހާނުތަކާއެވެ.

މިފަދަ ދަނޑިވަޅެއްގައި، ކީރިތި ޤުރުއާނުގައި، ކިރިތި ރަސޫލާއަށާއި މުސްލިމުންނަށް އިރުޝާދު ދެވިފައިވަނީ ނަމާދު ކުރުމަށާއި އަދި ކީރިތި ޤުރުއާން ކިޔެވުމަށެވެ. އަދި މިކަމުން ބާރާއި ހިތްވަރު ލިބިގަނެ، އުނދަގޫތަކަށް ކެތްކުރުމަށެވެ. މައްކީ ދައުރުގެ ވަރަށް ކުރީކޮޅު ބާވާލެއްވުނު އަލްމުއްޒައްމިލު ސޫރަތުގެ މިއާޔަތްކޮޅަށް ބަލައިލުމުން މިކަން ދޭހަވެއެވެ. اأَيُّهَا الْمُزَّمِّلُ * قُمِ اللَّيْلَ إِلَّا قَلِيلًا * نِّصْفَهُ أَوِ انقُصْ مِنْهُ قَلِيلًا * أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا * إِنَّا سَنُلْقِي عَلَيْكَ قَوْلًا ثَقِيلًا 'އޭ ރަޖާކޮޅު އަޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ! (މިތަނުގައި މުޚާތަބު ކުރެވެނީ ކީރިތި ރަސޫލާއަށެވެ، އަދި 'ރަޖާކޮޅު އަޅުއްވައިގެން އޮތުން' އިޝާރަތް ކުރެވެނީ އެކަލޭގެފާނު ހިރާ ފަރުބަދައިގައި އިންނަވަނިކޮށް ޖިބްރިލުގެފާނު ވަޑައިގެން، ފުރަތަމަ ވަހީގެ ތަޖުރިބާ ކުރެއްވުމަށް ފަހު، ބިރުފުޅުގެން ވަޑައިގެން، ގެކޮޅަށް އެނބުރިވަޑައިގަނެ، 'ޒައްމިލޫނީ ޒައްމިލޫނީ' [ތިމަން ގައިކޮޅުގައި ރަޖާއަޅުއްވާށެވެ! ތިމަންގައިކޮޅުގައި ރަޖާއަޅުއްވާށެވެ!) މިހެން ވިދާޅުވި ވިދާޅުވުމާ އެވެ.

މިކަމުން ރަމްޒުކޮށްދެނީ ނަފްސާނީ ގޮތުން އެކަލޭގެފާނު އިސްލާމި ދައުވަތުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ތައްޔާރުވެ ވަޑައިގަންނަވަން ޖެހޭ ކަމެވެ. މިސޫރަތުގައި އެކަމާ ގުޅޭ ގޮތުން ނަމާދު ކުރުމަށާއި ކީރިތި ޤުރްއާން ކިޔެވުމަށް އިރުޝާދު ދެވިފައިވެ އެވެ.) ރޭގަނޑުގައި ކުޑަ ހިނދުކޮޅެއް ފިޔަވައި (ނަމާދު ކުރެއްވުމުގައި) ކަލޭގެފާނު ހުންނަވާށެވެ. ރޭގަނޑުގެ ދެ ބައިކުޅަ އެއްބައިގައި (ނަމާދު ކުރައްވާށެވެ). ނުވަތަ (ދެ ބައިކުޅަ އެއް ބަޔަށްވުރެ) ކުޑަ ކޮށްލައްވައި (އެ ވަގުތުގައި ނަމާދު ކުރައްވާށެވެ.) ނުވަތަ (އެވަގުތު ކޮޅަށް އަދި) ކުޑަ އިރުކޮޅެއް އިތުރުކޮށްލެއްވައި (ނަމާދު ކުރައްވާށެވެ.)

ކީރިތި ޤުރްއާނުގެ ސޫރަތުލް ފާތިޙާ.

އަދި ލަސްލަހުން (ވިސްނިވަޑައިގަންނަވާ ގޮތެއްގައި) ކަލޭގެފާނު (ކީރިތި) ޤުރްއާން ކިޔަވާ ވިދާޅުވާށެވެ. ކަލޭގެފާނުގެ މައްޗަށް (ބުރަ މަސައްކަތެއްގެ) ވާހަކަ (އިސްލާމީ ދައުވަތުގެ މަސައްކަތުގެ ވާހަކަ) ތިމަންﷲ ބާވާލައްވާ ހުރީމުއެވެ' (އަލްމުއްޒައްމިލު ސޫރަތް 5-1). މިގޮތުގައި ކީރިތި ރަސޫލާއާއި އަދި މުސްލިމުންވެސް ނަމާދު ކުރެއްވުން މަތީ ދެމިތިއްބެވިކަން، ދެންމެ މިނަންގަތް އާޔަތްތަކުގެ ތަންކޮޅެއްފަހުން ބާވާލެއްވުނު، ހަމަ މިސޫރަތުގެ 20 ވަނަ އާޔަތުން އެނގެއެވެ. إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَيِ اللَّيْلِ وَنِصْفَهُ وَثُلُثَهُ وَطَائِفَةٌ مِّنَ الَّذِينَ مَعَكَ ހަމަ ކަށަވަރުން ކަލޭގެފާނުގެ ސާހިބުވަންތަ ރަސްކަލާނގެ، ކަލޭގެފާނު (ދަމު ނަމާދު) ގާއިމު ކުރައްވާކަން ދެނެވޮޑިގެން ވެ އެވެ. ރޭގަނޑުގެ ތިން ބައިކުޅަ ދެބަޔެއްހާ އިރު އެވެ. ނުވަތަ ދެބައި ކުޅަ އެއް ބައިގަ އެވެ. ނުވަތަ ތިން ބައިކުޅަ އެއް ބައިގަ އެވެ. އަދި (މި އަޅުކަމުގައި) ކަލޭގެފާނާ އެކު ވާ މީހުންގެ ތެރެއިން ބަޔަކު ވެސް (އެބަހީ އަސްހާބު ބޭކަލުންގެ ބަޔަކުވެސް ދެމި ތިއްބަވާ) މެއެވެ...' މިއާޔަތުގަ އެވެ.

ކުރިންވެސް ނަންގަނެވި ދިޔަފަދައިން، އަލްފާތިޙާ ސޫރަތް ބާވާލެއްވުނީ އިސްލާމީ ދަޢުވަތުގެ އެންމެ ކުރީކޮޅުގަ އެވެ. ދަޢުވަތް އާއްމު ކުރުމުގެ ވެސް ކުރީގަ އެވެ. ޝައިޚު ރަޝީދު ރިޟާގެ ތަފްސީރުލް މަނާރުގައި ބަޔާން ކުރެވިފައިވާ ގޮތުގައި، މީހަކު އިސްލާމް ވުމުން، އެންމެ ފުރަތަމަ، އެ މީހަކަށް، ދަސްކޮށްދެވޭ ސޫރަތެއް ކަމުގައި އަލްފާތިޙާ ސޫރަތް ވިއެވެ. (ތަފްސީރުލްމަނާރު 84/1) މިއިން ދޭހަވަނީ، އެންމެ އިހުގައި ވެސް، މުސްލިމުން، އެންމެ ކުރިން ދަސްކުރާ ސޫރަތެއް ކަމުގައި މިސޫރަތްވީ ކަމެވެ.

ފަރުޟު ފަސް ނަމާދު ކުރުމުގެ ހުކުމް ބާވާލެއްވުނީ މައްކީ ދައުރުގެ ފަހުކޮޅު ކަމުގައިވިޔަސް، މަތީގައި ބަޔާން ކުރެވުނު އާޔަތްތަކުންނާއި އަދި ކީރިތި ރަސޫލާގެ ސީރަތުނާއި އަދި، ތިރީގައި ނަންގެނެވިފައިވާ ފަދަ، ނަމާދާއި ބެހޭ އެހެން ބައެއް ދިރާސާތުތަކުން ވެސް އެނގޭން އޮތް ފަދައިން، އިސްލާމީ ދައުވަތުގެ އެންމެ ކުރީކޮޅުއް ސުރެން ފެށިގެންވެސް، ނަމާދު ކުރެވުނެވެ. ހެނދު މާއިރާ އާއި އަދި ހަވީރުގެ ވަގުތުގައި ކުރެވުނު ދެ ރަކުޢަތުގެ ނަމާދެކެވެ.

ކީރިތި ރަސޫލާ، ނަމާދުގައި، އަލްފާތިޙާ ސޫރަތް ކިޔެވުމަށް، އިރުޝާދު ދެއްވައިފައި ވުމާއިއެކު، ނަމާދުގައި އަބަދުވެސް މިސޫރަތް ކިޔެވުނު ކަމަށް، މިކަމުން، ދަލީލު ލިބެއެވެ. މިގޮތުގެ މަތިން ހުރިހާ ހާލަތެއްގައިވެސް މާތްﷲގެ ކިބަފުޅަށް ހަމްދުކޮށް، އެކަލާނގެ އަށް ތައުޡީމު އަދާ ކުރުންމަތީ ކީރިތި ރަސޫލާއާއި މުސްލިމުން ދެމިތިއްބެވެ. 'ތެދުމަގު' ލިބުން އެދި ދަންނަވާލަ ދަންނަވާލައެވެ. އެމަގުގައި ނުގުޑާގޮތެއްގައި ފައިތިލަ ސާބިތުކޮށް ގެންތިބުމަށްޓަކައެވެ. (ސިޔަރަތު އިބްނު ހިޝާމް 1/2ވަނަ ޖިލްދުގެ243 އަދި 263ވަނަ ސަފްހާ އަދި ޖަވާދު ޢަލީގެ އިސްލާމް ދީނުގައި ނަމާދުގެ ތާރީޚްގެ 23 ވަނަ ސަފުހާ.)

ނަމާދުކޮށް ތެދުމަގު ލިބުމަށް އެދި ދުއާ ކުރުމުގެ ތައުސީރާއި މައުނަވީ ބާރު، ބިލާލުގެފާނުގެ ކިބައިން އަޅުގަނޑުމެންނަށް ފެނިގެންދެ އެވެ. އެކަލާގެފާނުގެ މޭފުޅު މައްޗަށް ހޫނު ބަރު ހިލަ އަރުވައި ފިއްސަމުން، އެކަލޭގެފާނަށް އަނިޔާކުރި މީހުން، އެ މީހުންގެ ދީނަށް އެނބުރި އައުމަށް އެކަލޭގެފާނަށް އަމުރު ކުރަމުން ދިޔައިރު، އެކަލޭގެފާނު ވިދާޅުވަމުން ގެންދެވި 'އަޙަދް، އަޙަދް' 'ހަމަ އެންމެ، އެއްކައުވަންތަ އިލާހެކެވެ، ހަމަ އެންމެ އެއްކައުވަންތަ އިލާހެކެވެ' މިބަސްފުޅުންނެވެ.

ހަމަ އެހެންމެ ސުމައްޔަތުގެފާނަށް އަނިޔާކޮށް އެކަމަނާ އަވަހާރަކޮށްލެވުނު އިރު ވެސް އީމާންކަންމަތީ ދެމިހުންނެވި ދެމިހުންނެވުމުންނެވެ. (މުސްލިމުންނަށް މައްކާގައި ކުރެވިދިޔަ އަނިޔާތަކުގެ ވާހަކައިން ކޮންމެވެސް މިންވަރެއް އިބްނު ހިޝާމު އޭނާގެ އައްސީރާ އައްނަބަވިއްޔާގައި ލިޔުއްވާފައިވެ އެވެ. އޭނާގެ ސީރަތުގެ 1/2ޖިލްދުގެ 321-317.) އަދި މީގެ އިތުރުން، ކުށް ކުރެވޭ ހިނދު، އަސްހާބު ބޭކަލުން އަމިއްލަ އަށް ކީރިތި ރަސޫލާގެ އަރިއަހަށް ވަޑައިގެން ކުށަށް އިއުތިރާފުވެ ތައުބާވުމަށް އަވަސްވެގަތުމުން ވެސް ނަމާދުގެ އަޅުކަމާއި އަލްފާތިޙާ ސޫރަތް ކިޔަވައި ތެދުމަގު ލިބިގަތުމަށް އެދި ކުރެވޭ ދުއާގެ އަސަރު ފެނެ އެވެ.

ކީރިތި ރަސޫލާގެ ދުވަސް ވަރު، ޒިނޭކުރުމަށްފަހު ތައުބާވި ޣާމިދީ ވަންހައިގެ އަންހެނާގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އޭނާގެ ތައުބާއާ ބެހޭ ގޮތުން، އިމާމު މުސްލިމު، އޭނާގެ ސަޙީޙު ހަދީސް ފޮތުގައި ރިވާކުރައްވައިފައި ވެއެވެ. މި ހަދީސްގައިވަނީ، އެކަނބުލޭގެ އަމިއްލަ އެދުމުގެ މަތިން، އެކަނބުލޭގެ، ރަޖަމު ކުރެވި އަދަބު ދެވުނު ހިނދު، ޚާލިދު ބިން ވަލީދު އެކަނބުލޭގެ އަށް ނިސްބަތްކޮށް ބަދުބަހެއް ވިދާޅުވުމުން، ޚާލިދުގެފާނާއި މުޚާތަބުކޮށް ކީރިތި ރަސޫލާ ވިދާޅުވި ބަސްފުޅެކެވެ. އެކަލޭގެފާނު، ޚާލިދުގެފާނާއި މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. "އެކަނބުލޭގެ ތައުބާވުން މަދީނާގެ ހަތްދިހަ މީހުންގެ މައްޗަށް ބަހާލެވުނަސް ފުދުނީހެވެ! ތިމާގެ އަމިއްލަ ނަފްސު، ގަދަ ކީރިތިވަންތަ މާތްﷲއަށްޓަކައި އެހާ ދީލަތި ގޮތެއްގައި ހޭދަކޮށްލި، އޭނާ އަށް ވުރެ ވަކީން އިތުރު އެހެން މާތް މީހަކު ކަލޭގެފާނަށް ފެނިވަޑައިގެންފައި ވޭތޯ އެވެ؟"

އާދެ، މިދެންނެވި ކަންކަމުން ދަލީލު ލިބިގަންނަން މަސައްކަތްކުރެވެނީ އަލްފާތިޙާ ސޫރަތަކީ މުއުމިނުންނަށް ތެދުމަގުގައި ދެމިތިބުމަށް އެހީވެދޭ ސޫރަތެއް ކަމުގައެވެ. ޝައްކެއްނެތް ގޮތުގައި، ހޭލުންތެރިކަމާ އެކު ނަމާދުގައި، އެސޫރަތް ކިޔަވައި، އެނގިހުރެ، މާތްﷲގެ ހަޟްރަތުގައި ތެދުމަގު އަދައިދަންނަވާ މީހަކަށް، އެގޮތުގައި ހުރުމުގެ ހިތްވަރާއި ބާރު ލިބިދޭކަން، މިދެންނެވި ކަންކަމުން އެނގި ސާފުވެއެވެ. ބިލާލު ބިން ރަބާހުއާއި އަދި ސުމައްޔާ އަދި ޣާމިދީ އަންހެންނާގެ އީމާންކަން ފަދައިން ތިމާގެ އީމާންކަން ވަރުގަދަވެ، އިލާހީ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރުމަށް، އަލްފާތިޙާ ސޫރަތް އެހީވެދެއެވެ. އަދި އެމަގުން ފައިތިލަ ކައްސާލައިގެންދާ ވަގުތުގައި މާތްﷲއަށް ތައުބާވެ، އެމަގަށް އަވަހަށް ރުޖޫއަވެދިޔުމަށް ވެސް މެއެވެ.

އާދެ، މިހިސާބުން އަލްފާތިޙާ ސޫރަތުގެ ތަރުޖަމާ އާއި ތަފްސީރުގެ ވާހަކަ ނިމުނީ އެވެ. މިހިސާބަށް މަސައްކަތް ކުރިއަށް ގެންދިޔުމުގެ ތައުފީގު ދެއްވިކަމަށްޓަކައި މާތްﷲ ޙަޟްރަތަށް ޙަމްދު ކުރަމެވެ. ދެން ބަލާލެވޭތޯ މަސައްކަތް ކުރާނީ އަލް ބަޤަރާ ސޫރަތުގެ މާނައިގެ މައްޗަށެވެ. އަލްބަޤަރާ ސޫރަތަކީ، ކުރިންވެސް ނަންގަނެވުނު ދިޔަހެން، އަލްފާތިޙާ ސޫރަތުގައި ކުރެވުނު ދުޢާގެ އިޖާބައެވެ. ތެދު މަގު ހޯދަން މާތްﷲގެ ޙަޟުރަތުގައި ދެންނެވި ދެންނެވުމުގެ ޖަވާބެވެ. މާތްﷲ މުއުމިނުންނަށް ދައްކަވައިފައިވާ ތެދުމަގު ބަޔާން ކުރެއްވުމުގެ ފެށުމެވެ. އެހެންވެ، އަލްބަޤަރާ ސޫރަތުގެ މައިގަނޑު މައުޟޫއުއަކީ ހިދާޔަތުގެ ވާހަކައެވެ. 286 އާޔަތުގެ މައްޗަށް އެކުލެވޭ، މިސޫރަތުގެ މައިގަނޑު މައުޟޫއުއާ ގުޅޭ ސާނަވީ މައުޟޫތަކަށް ރިއާޔަތްކޮށް ހަތަރު ފަސް ބަޔަކަށް، އަލްބަޤަރާ ސޫރަތް ބަހާލެވިދާނެއެވެ. މިބައިތަކުގެ ތަފްސީލު ދެން އަންނަ ހަލަގާއެއްގައި ގެނެސް ދެވޭތޯ އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަމެވެ.

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.

4 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 11%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަޝީދު

07 September 2016

މާ ޝާﷲ.! މިކަހަލަ ސާދާ ބަހަކުން، ފަހުމް ވާނޭހެން، މިޒާތުގެ ވާހަކަތަކެއް ގެނެވިފައި ހުއްޓައި، އަޅެ ދުށިންތަ؟ ލޮލުން ކަރުނަ ހިލިގެންދިޔަ، އެތައް ފަހަރަކު. މަގޭ މިތުރު ޣަފޫރު! ނުހުއްޓައި، ކުރިއަށް ދާތި!

The name is already taken The name is available. Register?

އިބުނި ޢަލީ!

25 September 2016

ރަޝީދު! ތިބާއަށް ﷲ ރަޙްމަތް ލައްވާށި! އާމީން! ތިބާ ތިބުނުއްވި ފަދައިން މިފަދަ ބަލާޣާތްތެރި ގަލަންކޮޅުތަކެއް މިއަދަކު ނެތެވެ. އަހަރެން ޢަބްދުލްޣަފޫރުގެ ލިޔުއްވުމެއް ފެނޭތޯ ވަރަށް މަސައްކަތް ކުރިފަހުން މި ފެންނަށްފެށީ އުންމީދު ކެނޑިފައި ހުއްޓައެވެ. އަހަރެންނަކީ އެ ޢިލްމުވެރިޔާގެ ލޮބުވެތި ބައްޕާފުޅުގެ ލިޔުވުންތައް ފޫހިކަމެއްނެތި ކިޔަމުން އައި މީހަކީމެވެ. އަހަރެން ޢަބުދުލްޣަފޫރުގެ ލިޔުއްވުން ހޯދަން އަތްފުނައިއެޅީ ޢަބުދުލްޣަފޫރުގެ ލޮބުވެތި ބައްޕާފުޅުގެ ހުރި ޢިލްމުވެރިކަމާއި، ބަލާޣާތްތެރިކަން އެ ޢިލްމުވެރިޔާގެ ދަރިކަލުންގެ ކިބާގައި ހުންނާނެކަން ޔަޤީންކޮށްގެނެވެ. މިރާއްޖޭގެ އިސްވެދިޔަ އެތަށް ޢިލުމުވެރިންގެ ގަލަން ކޮޅުތަކުގެ އަސަރު ޑރ ޢަބްދުލްޣަފޫރު ޢަބުދުއްރަޙީމުގެ ގަލަންކޮޅުގައި ހުރިކަން މިހާރު ޔަޤީން އެބަވެއެވެ. ޝުކުރިއްޔާ!!!

The name is already taken The name is available. Register?

އުސްތާޛް ޢިރުފާން ބިން ޢަބުދުﷲ

07 September 2016

ﷲ، ޑރ. ޢަބުދުލް ޢަފޫރު ޢަބުދުއްރަޙީމަށް ހެޔޮ ރަޙުމަތްލައްވާށި. އާމީން.

The name is already taken The name is available. Register?

ނިރު

07 September 2016

ﷲތިބާތިމަސައްކަތުގައި ދެމިހުރުމަށް ބަރަކާތް ލައްވާށި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454