އޮޅުން ބޮޅުން: ފަތުރުވެރިކަމުގެ ވާހަކަ އިވުނު ގޮތުން ކުޑަކޮށް ކޮށިއަރާ ގޮތްވި!

ރާއްޖޭގެ ފަތުރުވެރިކަން ކުރިޔަށް ގެންދިއުމަށް ރާވާ މާސްޓަ ޕުލޭން ކުރިޔަށް ގެންދާނެ ގޮތް އަޑުއެހި އިރު ކުޑަކޮށް ކޮށިއަރާ ގޮތްވި އެވެ. ފަތުރުވެރިކަމަށް މާސްޓަ ޕުލޭނެއް ބޭނުން ވެއެވެ. އަވަހަށެވެ. ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް މާސްޓަރ ޕުލޭނެއް ބޭނުންވަނީ ކޮންމެހެން މާސްޓަ ޕުލޭނުގައި އޮތް ގޮތަށް ހުރިހާ ކަމެއް ކުރިއަށް ގެންދާކަށް ނޫނެވެ. ހުރިހާ ގައުމެއްގައި ވެސް މިބާވަތުގެ ކަންތައްތަކުގައި މާސްޓަ ޕުލޭނެއް ގެންގުޅޭ ތީވެ އެވެ. އެފަދަ ޕުލޭނެއް އޮތުމަކީ ބޭރުގެ މާލީ އިދާރާތަކާއި، އެކިއެކި ބޭނުމުގައި މުއާމަލާތް ކުރާ އިރު، ބައެއް ކަންކަމަށް އާނބަސް ހޯދަން ފަސޭހަ ކަމަކަށް ވެދާނެ ތީވެ އެވެ. ނުވަތަ ބައެއް މަސައްކަތަށް ތަފާތު މާލީ އެހީ ހޯދުމުގެ މަގު ތަނަވަސް ކުރުމަށް ފަސޭހަ ވެދާނެތީ ވެއެވެ.


ފާއިތުވި ވެރިކަމުގައި ވެސް ފަތުރުވެރިކަމުގެ މާސްޓަ ޕުލޭނެއް ގެންގުޅުނެވެ. މާސްޓަ ޕުލޭނާއި އެއްގޮތަށް ގެންދެވުނީ ކިތައް ކަންތައްތޯ ބައްލަވާށެވެ. ގިނަ ކަންތައްތައް ކުރިއަށް ގެންދެވުނީ، އަވަހަށް ފައިސާކޮޅެއް ކޮންމެވެސް ގޮތަކުން އަތުލެވޭނެ ޕުލޭނަކަށްތޯ ބައްލަވާށެވެ. ނުވަތަ އިންތިޚާބެއްގައި ގިނަ ވޯޓު ހޯދޭނޭ ޕުލޭނަކަށްތޯ ބައްލަވާށެވެ. ނުވަތަ ރައްޔިތުންގެ މަޖިލީހުގައި އެއިރު ތިއްބެވި ބައެއް މެމްބަރުންގެ ހިތްޕުޅު ހަމަޖެހޭ ގޮތަކަށްތޯ ބައްލަވާ ލައްވާށެވެ. ނުވަތަ ވެރިކަމުގައި އެއިރު ތިއްބެވި ބާރު ގަދަ ބޭފުޅުންގެ ސިކުނޑީގައި ފަތުރުވެރިކަން ތަރައްޤީކުރަން އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގެންނެވި ގޮތަށްތޯ ބައްލަވާލައްވާށެވެ. ކުރު ގޮތަކަށް ދަންނަވާ ނަމަ މާސްޓަ ޕުލޭނަކީ މާސްޓަ ޕުލޭނެއް ނެތި ކުރިއަށް ދިއުމެވެ.

އެއް ނަޒަރަކުން ބަލާ އިރު އެއީ ވަރަށް ފަސޭހަ ގޮތެކެވެ. ސަރުކާރުން ބޭނުންވާ ސަރަހައްދެއްގައި ވައިގެ ބަނދަރެއް ހަދައިދޭން ބުނެފި ނަމަ އެ ފަރާތަކަށް ރަށެއް ނުވަތަ ދެތިން ރަށެއް ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށް ފުރުސަތު ދީގެން ބަނދަރެއް ހަދާލަނީ އެވެ. ބަނދަރު ހެދުމަށް ފަހު، އެ ސަރަހައްދެއްގެ ބަޔަކު އެ ބަނދަރަކީ ބައިނަލްއަގުވާމީ ބަނދަރަކަށް ހެދުމަށް ސަރުކާރަށް ފިއްތަން ފެށުމުން އެ ބަނދަރެއް ބައިނަލްއަގުވާމީ ބަނދަރަކަށް ހަދަނީ އެވެ. ބައިނަލްއަގުވާމީ ބަނދަރަކަށް ހެދުމުން ގިނަ މީހުންނަށް އެއްފަހަރާ އާދެވޭ ވަރުގެ ބޮޑެތި މަތިންދާ ބޯޓު ޖައްސަން ބޭނުންވާނެ އެވެ. އެ ބޯޓުފަހަރުން އަންނަ މީހުން ތިބުމަށް އިތުރު ރަށްތައް ތަރައްޤީ ކުރުމަށް ބޭނުން ވާނެ އެވެ. އަނެއްކާވެސް ފަތުރުވެރިކަމަށް ރަށްތައް ތަރައްޤީ ކުރުމަށް އިތުރު ފުރުސަތު ދެވެނީ އެވެ.

މީހުން ދިރިއުޅޭ ރަށެއްގައި ނަރުދަމާގެ ނިޒާމް ގައިމުކޮށްދޭ ފަރާތަކަށް ވެސް، އެ މަސައްކަތުގެ އަގެއްގެ ގޮތުގައި ފަތުރުވެރިކަމަށް ދޫކޮށްލަނީ އެވެ. ރަނގަޅު ވާހަކައެކެވެ. ފަތުރުވެރިކަމާ އެކު ތަރައްގީ އަންނާނެ އެވެ. އެކަމަކު ވަކި ސަރަހައްދެއްގައި ފަތުރުވެރިކަން ތަރައްގީކުރާ ނަމަ އެ ތަރައްގީއާ އެކު އެ ސަރަހައްދެއްގައި ސަރުކާރުން ގާއިމްކުރަން ޖެހޭ ޒަރޫރީ ކަންތައްތަަކެއް އެބަ ހުއްޓެވެ. އެފަދަ ކަންތައްތައް ސީދާ ސަރުކާރުން ޚަރަދު ނުކޮށް ވެސް ކުރެވިދާނެ ގޮތަށް ރޭވިދާނެ އެވެ. މިސާލަކަށް ދަންނަވާ ނަމަ ކައިރިން ފަސޭހައިން ތެޔޮ ލިބޭނެ ގޮތެއް ހެދުމާއި ފަތުރުވެރިކަމަށް ބޭނުންވާ ބައެއް ތަކެތި ކައިރިން ފަސޭހައިން ހޯދޭނެ އިންތިޒާމްތައް ހަމަޖެއްސުން ފަދަ ކަންކަމެވެ.

އަށްޑިހައިގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހިނގަން ޖެހޭނީ ފަތުރުވެރިކަމުގެ މާސްޓަ ޕުލޭނާ އެއްގޮތަށެވެ. އެހެންނަމަވެސް އެ ދުވަސްވަރުން ފެށިގެން ވެސް ފަތުރުވެރިކަން ހިނގަމުން ގެންގޮސްފައި އޮތީ އެ އިރެއްގައި ވެރިކަމުގައި ތިބި ބަޔަކަށް ފެންނަ ގޮތަކަށެވެ. ކޮންމެހެން އިލްމީ ނުވަތަ ފަންނީ ނުވަތަ އިގުތިސާދީ ހޯދުންތަކުގެ މައްޗަށް ބިނާކޮށްފައެއް ނޫނެވެ. ފުރަތަމަ މާސްޓަ ޕުލޭންގައި ފަތުރުވެރިކަމުގެ ދެވަނަ ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކަނޑައަޅައިފައި އޮތީ ހުވަދު އަތޮޅެވެ. ތަރައްގީކުރެވުނީ އަރި އަތޮޅެވެ.

މިފަހަރު މާސްޓަ ޕުލޭން ތައްޔާރު ކުުރަނީ ބޭރުގެ އެއްވެސް އެހީއެއް ނުހޯދާ ކަމަށް ވެއެވެ. މާސްޓަ ޕުލޭން ތައްޔާރުކުރާނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ރާއްޖޭގައި ތިބި އެ ފަންނުގެ މީހުން ކަމަށް ވެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އަހަރުތަކެއް ވަންދެން ބޭރު ގައުމުތަކުގައި މަސައްކަތް ކޮށްފައި ތިބީ ކިތައް ދިވެހި ތަޖުރިބާކާރުން ކަމަށް ދަންނަވާކަށް ނޭނގެ އެވެ. އެފަދަ މީހުން މީގެ ކުރިން އެކަހަލަ މަސައްކަތެއް ކޮށްފައި ވާކަމެއް ވެސް ދަންނަވާކަށް ނޭނގެ އެވެ. އަޅުގަނޑުގެ މައިގަނޑު ކަންބޮޑުވުމަކީ މާސްޓަ ޕުލޭނުގެ މިސްރާބު ސިޔާސީ ވެދާނެތީވެ އެވެ. މާސްޓަ ޕުލޭނުގެ ވާހަކަ ދެކެވުނު ޙަފްލާގައި ވެސް އެކަމުގެ ކުލަވަރު ފެނިގެން ދިޔަ އެވެ. މާޒީގެ ތަޖުރިބާތަކަށް ބަލާއިރު ދިވެހި ތަޖުރިބާކާރުންގެ ތެރެއިން ގިނަ މީހުން އެއިރެއްގައި އެމީހެއްގެ ސިޔާސީ ވެރިއަކަށް ހުންނަ މީހެއް އަންގާ ގޮތަށް ނުވަތަ އެދޭ ގޮތަށް ކަންތައް ކުރުމަކީ ކައިރި ކަމެކެވެ. އެ މީހަކަށް ހެޔޮ ނުބައި ނޭނގިގެނެއް ނޫނެވެ. ގޯހެއް ކަން އެނގި ހުރެ ވެސް މަގާމުގައި ދެމި ހުރުމަށް އެކަހަލަ ކަންތައް ކުރަމުން ދާކަން، އަޅުގަނޑުމެންނަށް ކައިރި މާޒީންނާއި މިހާރު ހިނގާ ޝަރީޢަތްތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން މުއައްސަސާތަކުގެ ވެރިންނާ އެކު ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކުން ވެސް ސާފުވެ އެވެ.

ތެދުފުޅެކެވެ. ފަތުރުވެރިކަމުގެ ސިނާއަތަކީ އެންމެންގެ ސިނާއަތެކެވެ. އެކަމަކު ފަތުރުވެރިކަމުގެ ސީދާ ފައިދާ ލިބެންވާނީ އާބާދީގެ އެންމެ މުއްސަނދި ސަތޭކައަކުން އެކެއް ޕަސަންޓަށް ވުރެ ދަށުގެ އާބާދީއަކަށްތޯ އެވެ؟ އެގޮތަށް އޮވެގެން ނުވާނެ އެވެ. ބަދަލެއް ބޭނުމެވެ. ބަދަލެއް ގެންނަވާށެވެ. ރައްޔިތުންގެ ބައިވެރިވުން އޮތް ފަތުރުވެރިކަމުގެ ކުންފުނި ކޮޅަށް ޖަހަންވީ އެވެ. އެ ކުންފުނީގައި އިތުރު ރައްޔިތުން ބައިވެރިކުރެވޭ ގޮތަށް ހިއްސާ ވެސް ވިއްކަންވީ އެވެ. އެ ކުންފުނީގައި ޕެންޝަން ފަންޑު ފަދަ ފަންޑުތަކުން އިންވެސްޓު ކުރުމުގެ ފުރުސަތު ވެސް ފުޅާކުރެވެންވީ އެވެ. ފައިސާ ހުރި އަތޮޅު ކައުންސިލުތަކުންނާއި ރަށު ކައުންސިލުތަކުން ވެސް ހިއްސާ ގަނެގެން ފަތުރުވެރިކަމުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާކުރެވެންވީ އެވެ. ފަތުރުވެރިކަމަށް ތަރައްގީކުރެވޭ ރަށްތަކުގައި އެ ކުންފުނީގެ ހިއްސާއެއް ނުވަތަ ބައިވެރިވުމެއް އޮންނަ ގޮތަށް ނިޒާމެއް ހަމަޖެހެންވީ އެވެ.

އަމިއްލަ ވިޔަފާރިވެރިންނަށް ސަވަރިން ގަރަންޓީ ދެވޭ ކަމަށް ވާ ނަމަ ފަތުރުވެރިކަމަށް އިންވެސްޓުކުރުމަށް އުފައްދާފައި އޮތް ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުންޏަށް ބޭނުންވެއްޖެ ހިނދެއްގައި އެފަދަ ގަރެންޓީއަކާ އެކު ވެސް ކުރިޔަށް ދިއުމުގެ މަގު ތަނަވަސް ނުކުރެވެންވީ ކީއްވެތޯ އެވެ؟ ރާއްޖޭގެ ގިނަ އިންވެސްޓަރުން މަސައްކަތުގެ ބައިވެރިން ހޯދަނީ ރާއްޖެ އިން ބޭރުންނެވެ. އެ މީހުންގެ ހިއްސާ ވެސް ކުރިއަށް ގެންދާ މަޝްރޫއުގައި އޮންނަ ގޮތަށެވެ. ރައްޔިތުންގެ ހިއްސާ އޮންނަ ފަތުރުވެރިކަމުގެ ކުންފުންޏަށް އެ ގޮތަށް ކުރިއަށް ނުދެވޭނެ ގޮތެއް ނޭނގެ އެވެ. އެ ކުންފުނި ކުރިއަށް ދިޔަ ނުދިނުމަށް ބަނދެގެން ފަހަތަށް ދަމަމުން ގެންދަނީ ކޮންފަދަ ބާރު ގަދަ ބަޔަކުތޯ އެވެ! އެ ކުންފުނި ކުރިއަރާފާނެ ތީވެ ތަފާތު ހުރަސްތައް ކުރިމަތި ކުރުވަނީ ކޮން ބަޔަކު ބާވަ އެވެ؟ ބޭނުންވެއްޖެ ހިނދެއްގައި ހުރަސްތައް ކުރިމަތި ކުރެވޭނެ ބައިވަރު ގޮތްތައް އެބަ ހުއްޓެވެ. ރާއްޖޭގައި ހިންގާ ބޮޑެތި ވިޔަފާރިތަކުގައި ރައްްޔިތުންގެ ބައިވެރިވުން އޮންނަން ބޭނުންވެގެން އެ ތަން ތަނުން ހިިއްސާ ވިއްކައިގެން ރައްޔިތުން ބައިވެރިކުރަމުން ގެންދަނީ އެވެ. އެކަމަކު ފަތުރުވެރިކަމުގެ ސިނާއަތުގައި އެކަމެއް ނުފެނެ އެވެ. ސަރުކާރުން މިއިން ފިލާވަޅެއް ލިބިގަނެ ފަތުރުވެރިކަމުގެ ސިނާއަތުގައި އޮތް ސަރުކާރުގެ ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭން ވެއްޖެ އެވެ. ވަގުތު ދަނީ އެވެ. މާ ލަސްވެއްޖެ ނަމަ އިންވެސްޓު ކުރާނެ ރަށެއް ވެސް ނުއޮންނާނެ އެވެ. ފަތުރުވެރިކަމުގެ އާ ޕުލޭނުގައި ފަތުރުވެރިކަމުގެ ސީދާ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަކާ މެދު ވިސްނާ އެކަމަށް މަގެއް ކޮށަން ވާނެ އެވެ.

އަންހެނުންގެ އާބާދީގެ ހަމައެކަނި ހަތް ޕަސެންޓް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތުގައި ޝާމިލު ވުމަށް ވުރެ ބޮޑު މައްސަލަ އަކީ މަސައްކަތުގެ އާބާދީގެ ފިރިހެނުން ވެސް ބޭނުންވާ ވަރަށް ފަތުރުވެރިކަމުގެ މަސައްކަތަށް ނުލިބުމެވެ. މީސް މީޑިއާގައި އަވައްޓެރި ގައުމުތަކުގެ މީހުން ވަޒީފާ ގެންދަނީ ކަމަށް ލިއަން ފަސޭހަ ވާނެ އެވެ. އެހެންނަމަވެސް ތިމާ އަމިއްލަ އަށް ވެސް ވަޒީފާއެއް އަދާކުރަން ބޭނުމެއް ނުވެ އެވެ. އާއިލާގެ އެކަކު ނުވަތަ ދެ މީހަކު ދާއިމީ ގޮތަށް މަސައްކަތެއް ކުރާ ނަމަ އާއިލާގައި ބާކީ ތިބި މަސައްކަތެއް ނުކުރާ ހުރިހާ މީހުން ދިރިއުޅެނީ އާއިލާގައި މަސައްކަތް ކުރާ ދެ މީހުންނަށް ލިބޭ އާމްދަނީންނެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މައްސަލަތައް ބައިވަރެވެ. ހައްލުކުރަން އުނދަގޫ މައްސަލަތަކެވެ. އެކަމަކު އަޅުގަނޑުގެ ނަޒަރުގައި، ސިޔާސީ ކުލަ ނުޖައްސައި ހަމައެކަނި ގައުމުގެ ފައިދާ އަށް ބަލައިގެން މަސައްކަތް ކޮށްފި ނަމަ އެކަށީގެންވާ ނަތީޖާއެއް ނެރެވިދާނެ އެވެ. އާބާދީގެ ދެބައި ކުޅަ އެއްބައި ކަމުގައި ވާ އަންހެނުންގެ ބޮޑު އަދަދެއް ފަތުރުވެރިކަމުގެ މައިދާނަށް ނެރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ދިވެހިންގެ ބައެއް ސަގާފީ އާދަކާދަތަކާއި މިފަދަ ކަންކަމާ މެދު ބައެއް މީހުން ގެންގުޅޭ ބޯދާ ވިސްނުމާ ހުރެ އެވެ. އަދި މީގެ އިތުރަށް ދީން ހަތިޔާރަކަށް ހަދައިގެން އަންހެނުން ބަދިގެއަށް ވައްދަން އުޅޭ ބައެއް މީހުންގެ އުނދަގޫ ވެސް ކުޑައެއް ނުވާނެ އެވެ. ޚާއްސަކޮށް މީސް މީޑިއާގަ އެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރުމުން ނުކުންނަ މައްސަލަތަކަށް ތައްޔާރުވާން ޖެހެ އެވެ. އެ ރަށެއްގައި ދިރިއުޅޭ ބަޔަކަށް ވަރަށް ބޮޑު އިގުތިސާދީ ފައިދާއެއް ވާނެ އެވެ. ހަމަ އެއާ އެކު އަންނާނެ ސަގާފީ ގުރުބާނީ އަށް ވެސް ތައްޔާރަށް ތިބެން ވާނެ އެވެ. ގަބޫލުކުރަން ވާނެ އެވެ.