ތޮއްޖެއްސުމަކީ ތަރައްގީއެއް ނޫން، އަނިޔާ!

ވޭތުވެދިޔަ ކޮންމެ ސަރުކާރަކުން ވެސް ރަށްރަށުގެ ތަރައްގީގެ ނަމުގައި އެތައް ވާހަކަތަކެއް ދައްކައި އެތަކެއް މަންޒަރުތަކާއި ޕްލޭންތައް ކުރަހާ ހަދަ އެވެ. އަނެއް ދިވެހިރާއްޖެ، އާ އުސްމިންތަކަކަށް، ތަރައްގީ ޔަގީން، ޖަޒީރާ ރާއްޖެ އަދި އެޖެންޑާ ނަވާރަ، މިކަހަލަ އެތައް ނަމެއް ކިޔައި ރައްޔިތުން ވާވެއްދުމަށް ފަހު ވެރިކަމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު ހޯދަނީ ހަމަ އެއްކަހަލަ ސިޔާސީ ފަލްސަފާ އާއި ފިކުރުތަކެއް ގެންގުޅޭ ސިޔާސީ ޕާޓީތަކާއި ސިޔާސީ ފަރާތްތަކުންނެވެ. ކަން ނިމޭއިރު ރަށްރަށަށް ދެމެހެއްޓެނިވި ހަގީގީ ތަރައްގީއެއް ނުގެނެވެ އެވެ. ތަރައްގީވަނީ ހަމައެކަނި ބޮޑެތި ފައިސާވެރިންގެ އެކައުންޓުތަކާއި ބޮޑެތި ސިޔާސީ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކާއި ގާތް ރަހުމަތްތެރިންގެ އެކައުންޓުތަކެވެ. މި ލިޔުމުގައި ބަލައިލާނީ ރާއްޖޭގެ ރަށްތަކުގައި ދެމެހެއްޓެނިވި ތަރައްގީ ނުގެނެސް މާލެ ސަރަހައްދު ތަރައްގީކޮށް، އެއްފަސްކޮށް މާލެ ސަރަހައްދަށް ހިޖުރަކުރަން މަޖްބޫރުކުރުވާ ތޮއްޖެއްސުމުގެ ސިޔާސަތުތަކަށެވެ.


ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި ތިން އަހަރުގެ މާސްޓަ ޕްލޭން 1950-1952 އަށް މުހައްމަދު އަމީން އެކުލަވާލައި އޭރުގެ ރައްޔިތުންގެ މަޖުލީހާ ހިއްސާކުރެވި، މަޖިލިސް މެމްބަރުންގެ ލަފަ އާއި ހިޔާލާއި ފިކުރުތަކަށް ހުޅުވާލި އެވެ. ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް އޭރު ހިންގަން އޮތް މަޝްރޫއުތަކަށް ތާއިދުކުރި އެވެ. މާލޭގައި ބައިސްކަލް ދުއްވުމުގެ އަމުރު ސަރުކާރުން ވަކި ބަޔަކަށް ދިނުމާއި، މާލެއަށް ކަރަންޓުލުމާއި، މަސްވެރިކަން ކުރިއެރުވުން، ދިވެހި މަހާއި މޭވާ، ދަޅުގައި ބަންދުކުރުމާއި، ގަނޑު ފެން އަދި ތެޔޮހާނާނެ މެޝިނެއް ހޯދުމާއި ދީނީ އިލްމު އުނގެނުމަށް މިސްރަށް ކިޔަވަން ކުދިން ފޮނުވުމާއި، ނަވެއްގައި އިންޖީނުލުމާއި އޭރު ރާއްޖޭގައި ވިޔަފާރި ކުރަމުން ދިޔަ ވޯރާވިޔަފާރިވެރިންނާ ބައިވެރިވެގެން ގައުމީ އެކުވެރިކަމުގެ ކުންފުނިން ބޭރު ދަތުރުކުރާނެ އާގުބޯޓެއް ހޯދުމެވެ. އޭގެ އިތުރުން މާލޭގައި ހޮސްޕިޓަލެއް އެޅުމާއި، ފިރިހެން ކުދިންގެ މަދަރުސާއެއް ބިނާކުރުމާއި ބޭންކެއް ހެދުން ވެސް ޕްލޭންގައި އޮތެވެ.

ރައީސް މައުމޫން އަަބްދުލްގައްޔޫމުގެ ދިގު 30 އަހަރުގައި ރައްޔިތުންގެ ފައިސާއިން މާލެ އާއި މާލެ ކައިރީގައި އެތައް ޕްރޮޖެކްޓެއް ހިންގި އެވެ. މާލޭގެ ދެކުނު ފަރާތް ހިއްކުން، ފްލެޓް އެޅުން، ނަރުދަމާ އާއި ބޯފެން، މާލޭގެ މަގުތައް ހެދުން، ސްކޫލްތައް އިމާރާތްކުރުން، އައިޖީއެމްއެޗު އަދި ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭ އެޅުން، ވިލިނގިލި ތަރައްގީކުރުން، ހުޅުމާލެ ހިއްކުން، ތިލަފުށި ހިއްކުން، މިހެންގޮސް ގުނާ އަދަދު ނުކުރެވޭނެ އެތައް ކަމެކެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހި ހިއްކުމަށް އެކަނި ވެސް 500 މިލިއަން ރުފިޔާ، ރައްޔިތުންގެ ބަޖެޓުން ހަރަދުކުރި އެވެ. ވިސްނުންތެރިކަމާއި ރޭވުންތެރިކަމާ އެކު ރާއްޖޭގެ ރައްޔިތުން މާލެއަށް ބަރޯސާވާނެ އެތައް ސިޔާސަތުތަކަކާއި ތަރައްގީގެ އެތައް ޕްލޭންތަކެއް ހިންގި އެވެ. މި ހުރިހާ ސިޔާސަތުތަކެއް ވެސް އަމާޒު ކޮށްފައި ހުރީ މާލެ ތަރައްގީކޮށް މާލެއަށް ރަށްރަށުގެ ރައްޔިތުން ތޮއްޖެއްސުމަށެވެ. ކުލި ދައްކާ އަޅުންގެ ގޮތުގައި މާލެއަށް އަސާސީ ހިދްމަތް ހޯދަން މަޖުބޫރުކުރުވުމެވެ. ދިގު 30 އަހަރުގެ ވެރިކަން ނިންމާލީ ރަށްރަށުގެ އަސާސީ ހިދްމަތް ނުދެވެނީ ދެކޮޅުނުޖެހޭތީ ކަމަށް އުޒުރު ދައްކަމުންނެވެ.

ރާއްޖޭގެ ހިންގުން ލާމަރުކަޒީކޮށް ބާރުތައް ރަށްރަށުގެ ކައުންސިލްތަކަށް ލިބޭނެ ކަމަށް އެމްޑީޕީ ސަރުކާރުން "އަނެއް ދިވެހިރާއްޖޭ"ގެ ނަމުގައި އެތައް ހުވަފެނެއް ދެއްކި އެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެސް ތަރައްގީގެ ގިނަ މަޝްރޫއުތައް އަމާޒުކުރީ މާލެ ސަރަހައްދުގަ އެވެ. މިގޮތުން ހިޔާވަހިކަމުގެ ގިނަ މަޝްރޫއުތައް މާލެ އާއި ހުޅުމާލޭގައި ވިޔަފާރި އުސޫލުން ހިންގި އެވެ. އާއްމު ރައްޔިތުންނަށް އަތްނުފޯރާ، ބޮޑެތި ފައިސާވެރިންނަށް އަމާޒުކޮށް އެތައް ފުލެޓްތަކެއް މާލޭގެ ދެކުނު ފަރާތުގައި "ރެހެންދި ފުލެޓް" ނަމުގައި ތަރައްގީކުރަން ބިން ދޫކުރި އެވެ. ހުޅުމާލޭގައި ސޯޝަލް ހައުންސިން ނަމުގައި މަހަކު 7000 ރުފިޔާ ދައްކާ ގޮތަށް 20 އަހަރަށް ބަހާލައިގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް އެކުލަވާލި އެވެ. މި މަޝްރޫއުތަކުން ވެސް ހިޔާވަހިކަން ނެތް، ވަޒީފާ ނެތް އެންމެ ދަށު ފަންތީގެ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތެއް ނުވި އެވެ. ހައުސިން މިނިސްޓްރީގެ ޕޮއިންޓް ސިސްޓަމުން މި ފަރާތްތަކަށް ފުލެޓް ލިބޭ މިންވަރަށް ޕޮއިންޓް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ.

އެތައް ބިންތަކެއް ހުޅުމާލެއިން ވިޔަފާރި އުސޫލުން ފައިސާވެރިންނަށް ބަހާ ހުސްކުރި އެވެ. އަދި އަސާސީ ބައެއް ހައްގުތައް ޕްރައިވެޓައިޒް ކުރި އެވެ. މިގޮތުން ސްކޫލްތަކާއި ދަތުރުފަތުރުގެ ނިޒާމް ވިޔަފާރި އުސޫލުން ހިންގަން ހުޅުވާލި އެވެ. މި ހުރިހާ ތަރައްގީގެ ޕްލޭންތަކުން ވެސް މާލެ ސަރަހައްދު އިތުރަށް ތޮއްޖެހި އާއްމު ރައްޔިތުން އިތުރަށް ބިކަވެ، ހާލުގައި ޖެހި ފަރަގު ބޮޑުވި އެވެ. މި ޕުލޭންތަކުން ފައިދާ ލިބުނީ ބޮޑެތި ފައިސާވެރިން އިތުރަށް މުއްސަނދިވުމަށެވެ.

ކާރޫބާރުބޮޑުވެ މާލޭ ތޮއްޖެއްސުމުން އޭގެ ނޭދެވޭ އަސަރު މާލޭގެ އާއްމު ރައްޔިތުން ވެސް ދަނީ އިންތިހާއަށް ތަހައްމަލު ކުރަމުންނެވެ. އެކަމަކު 1950 ގައި ވެސް އޭރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ލާމަރުކަޒީ ކުރާ ވާހަކަ ދެއްކި އެވެ. އެ އަތޮޅަކުން ލިބޭ އެއްޗެއް އެ އަތޮޅަކަށް ހަރަދު ކުރުމުގެ މުހިއްމުކަމާއި އެއްމެ ދަށް ފަންތީގެ ފަރާތްތަކަށް އިތުރަށް ދައުލަތުން އަޅާލަން ޖެހޭނެ ކަމަށް ވާހަކަދެކެވުނެވެ.

އެމްޑީޕީގެ ސަރުކާރުގެ މަޝްރޫއުތަކާއި ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ މަޝްރޫއުތަކާ މާ ބޮޑު ތަފާތެއް ނެތެވެ. ރައީސް ޔާމީން ވެސް ބެއްލެވީ މާލެ ސަރަހައްދު ތަރައްގީކޮށް މާލެ ސަރަހައްދު އިތުރަށް ތޮއްޖެއްސުމަށެވެ. ބިޔަ ބޮޑެތި ޕްރޮޖެކްޓުތައް ކަމަށް ވާ 3.2 ބިލިއަން ރުފިޔާގެ ހުޅުމާލެ ބުރިޖް، 2.1 ބިލިއަން ރުފިޔާގެ ދަރުމަވަންތަ ހޮސްޕިޓަލް، 8.6 ބިލިއަން ރުފިޔާގެ ހިޔާ މަޝްރޫއު، އަދި 12.3 ބިލިއަން ރުފިޔާގެ ހުޅުލޭ އެއާޕޯޓު ޕްރޮޖެކްޓް ހިމެނެ އެވެ. ސަރުކާރުގެ ސިޔާސަތުތައް ހުރީ ކުރީގެ ސަރުކާރުތަކާ ދާދި އެއްގޮތަކަށެވެ. ރައްޔިތުންގެ ނަމުގައި، ރައްޔިތުންގެ ފައިސާއިން މާލެ ސަރަހައްދު އިތުރަށް ތޮއްޖެއްސުމަށެވެ. ތައުލީމު އުނގެނުމަށް، ބޭސްފަރުވާ ކުރުމަށް އަދި ވަޒީފާ ހޯދުމަށް މާލެ އައުން ނޫން ގޮތެއް ފަހިކޮށްދެވިފައި ނެތެވެ. ރެ އާއި ދުވާލު ބުރަ މަސައްކަތްކޮށް، ދިރިއުޅެން އެކަށީގެންނުވާ ކުދިކުދި ކޮޓަރިތަކުގައި، ގަދަ ހޫނުގައި، ކުލި ދައްކާ އަޅުންގެ ގޮތުގައި ބޮޑެތި ފައިސާވެރިން އިތުރަށް މުއްސަނދި ކުރުމުގައި މުޅި އުމުރު ހޭދަކޮށް ނިމިދަނީ އެވެ. އަރާމުކުރުމާއި އުފާކުރުމަކީ އަސާސީ ހައްގެއް ކަމުގައި ވިޔަސް ނިމިދަނީ ވޭނާއި ކެކުޅުމާއި ހާސްކަމާއި އަނިޔާވެރިކަމުގެ ތެރޭގަ އެވެ.

މިދިއަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އަދި މަޖިލިސް އަޣުލަބިއްޔަތު އެމްޑީޕީ ހޯދައިފި އެވެ. ޖަޒީރާ ރާއްޖެ އަދި އެޖެންޑާ 19ގެ ކެމްޕޭން ސިޔާސަތުތައް ކުރިން ވެރިކަން ކުރި ސަރުކާރުތަކާ މާ ބޮޑު ތަފާތެއް ނެތެވެ. މާލެ ސަރަހައްދު އިތުރަށް ތަރައްގީކޮށް، ބޮޑެތި ޕޮރޮޖެކްޓުތައް މާލެ ސަރަހައްދުގައި ހިންގަން ނިންމާފައިވެ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކުގެ ތެރޭގައި، މާލެ-ވިލިނގިލި-ގުޅީފަޅު-ތިލަފުށި ބުރިޖް ޕްރޮޖެކްޓަށް (އާ ވިޔަފާރި ބަނދަރު ވެސް ހިމެނޭ ގޮތަށް) 7.5 ބިލިއަން ރުފިޔާ، ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓް، މާލޭގެ މަގުތަކުގައި ތާރު އެޅުން، އަދި އިތުރު އަށް އެއާޕޯޓް އަޅަން ޕްލޭން ކޮށްފައިވެ އެވެ. ވޭތުވެ ދިޔަ ހުރިހާ ސަރުކާރަކުން ވެސް ތަރައްގީގެ ބަޖެޓުގެ ބޮޑު ބައެއް ހަރަދު ކުރަނީ މާލެ ސަރަހައްދު ތަރައްގީ ކުރުމަށެވެ. މަސައްކަތްތެރިންގެ ބުރަ މަސައްކަތުން ހޯދާ ފައިސާ މާލެ ސަރަހައްދަށް ހުސްކުރުމަށެވެ. ރަށްރަށުގައި ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގެ ބަދަލުގައި މާލެއަށް ބަރޯސާވާ ކޮންކުރީޓް ތަރައްގީގެ ޕްލޭންތަކެވެ. ރާއްޖޭގެ ކޮންމެ ރަށަކުން 20 މިނިޓް ތެރޭގައި ދެވޭނެ އެއާޕޯޓުތައް ތަރައްގީކޮށް މާލެއަށް ރައްޔިތުން ތޮއްޖެއްސުމުގެ ސިޔާސަތުތަކެވެ.

ކާރޫބާރުބޮޑުވެ މާލޭ ތޮއްޖެއްސުމުން އޭގެ ނޭދެވޭ އަސަރު މާލޭގެ އާއްމު ރައްޔިތުން ވެސް ދަނީ އިންތިހާއަށް ތަހައްމަލު ކުރަމުންނެވެ. އެކަމަކު 1950 ގައި ވެސް އޭރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ލާމަރުކަޒީ ކުރާ ވާހަކަ ދެއްކި އެވެ. އެ އަތޮޅަކުން ލިބޭ އެއްޗެއް އެ އަތޮޅަކަށް ހަރަދު ކުރުމުގެ މުހިއްމުކަމާއި އެއްމެ ދަށް ފަންތީގެ ފަރާތްތަކަށް އިތުރަށް ދައުލަތުން އަޅާލަން ޖެހޭނެ ކަމަށް ވާހަކަދެކެވުނެވެ. ހުރިހާ ސަރުކާރަކުން ވެސް ލާމަރުކަޒީ ކުރާ ވާހަކަ އަބަދުމެ ދައްކަ އެވެ. އިތުރު ބާރުތައް ރަށްރަށުގެ ރައްޔިތުންނަށް ދީ ބާރުވެރިކުރުވާނެ ކަމަށް ވައުދުވެ އެވެ. ނަމަވެސް ދެރަކަމަކީ މިކަން ހަގީގަތަކަށް ނުވެ މާލެ ސަރަހައްދު ތޮއްޖެހޭނެ ގޮތަށް ޕްލޭން ކުރުމާއި ރައްޔިތުން މާލެއަށް ބަރޯސާވާނެ ގޮތަށް ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަމުން ދާކަމެވެ. ގިނަ ރަށްރަށުގައި އަސާސީ ހިދްމަތްތައް ގާއިމްކުރެވިފައެއް ނެތެވެ. ދަރިންނަށް ތައުލީމު ދިނުމަށް، ބޭސްފަރުވާކުރުމަށް، ވަޒީފާ ހޯދުމަށް އަދި މިނޫން ވެސް އަސާސީ ހިދްމަތްތައް ހޯދުމަށް މާލެ ނޫން ގޮތެއް ވެރިންނަށް ހޯދައިދެވިފައި ނެތެވެ. އަހަރެން ދެކޭ ގޮތުގައި މިއީ ރާއްޖޭގެ ރައްޔިތުންނަށް ދޭ ބޮޑު އަނިޔާއެކެވެ.

މި ނޫން ގޮތެއް ހޯދޭނީ މިހާރު ހުރި ކަނާތު ފިޔައިގެ ސެންޓްރަލައިޒް (ތޮއްޖެއްސުމުގެ) ސިޔާސީ ފިކުރުތަކަށް ނޫނެކޭ ބުނެ، ރައްޔިތުންގެ ފަރާތުން އުފެދޭ ވައަތު ފިޔައިގެ ސިޔާސީ ފިކުރެއް އުފައްދައިގެނެވެ. ރަށްރަށުގައި ތަރައްގީގެ ޕްލޭންތައް ހަގީގަތަކަށް ހަދާނެ އިތުބާރު އުފައްދާ އައު ބަޔަކު ސިޔާސީ ގޮތުން ކުރިއަށް ނެރެން މަސައްކަތް ކޮށްގެނެވެ. ސިޔާސީ ބާރުތައް ބޮޑެތި ފައިސާވެރިންނާއި މާލޭގެ ބޮޑެތި އާއިލާތަކުން އަތުލައި އާއްމު ރައްޔިތުންގެ އަތަށް ބާރުތައް ގެނެސްގެނެވެ. ޒަމާނުން ސުރެ ރާއްޖޭގައި ސިޔާސީ ކަންކަން ރޭވިފައި އޮތް މަތިފަޑި ބަދުލުކޮށްގެނެވެ. ކައުންސިލާއި މަޖިލިސް އަދި ވެރިކަން ވެސް ބަދަލުކޮށްގެނެވެ. މަދު ބަޔަކަށް ނޫނެވެ. އެންމެންނަށެވެ.

އެޑިޓަރުގެ ނޯޓު

މަޝްހޫރު ނަމުން ނަމަ ފޯމީ އަކީ އޮސްޓްރޭލިޔާގެ ކާޓިން ޔުނިވަސިޓީގައި އިންސާނީ ހައްގުތަކުގެ ދާއިރާ އިން މާސްޓާޒް ހައްދަވާފައިވާ ބޭފުޅެކެވެ. އޭނާ ގެންދަވަނީ ދިވެހިންގެ އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމުގައި އަޑުއުފުއްލަވައި، އެ ދާއިރާ އިން މަސައްކަތް ކުރައްވަމުންނެވެ.