ޚިޔާލު / ދީން

އިސްލާމީ އަޅުކަމުގެ ނިޒާމުން ތަރުބިޔަތަށް ލިބޭ މަންފާތައް

މިދިޔަ އީދު ނަމާދުގެ ބޮޑު ޖަމާއަތުގެ ތެރެއިން: އިސްލާމީ އަޅުކަމުގެ ނިޒާމުން ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް އިންތިޒާމު ކޮށްދޭ.

އިސްލާމް ދީނުގައިވާ އަޅުކަންތަކަށް ނަޒަރު ހިންގައިލާ އިރު އެތައް ކަމެއް ފާހަގަވެ އެވެ. މިގޮތުން އެއީ ހެއްދެވި ފަރާތަށް ވެވޭ އަޅުވެތިވުމެކެވެ. ރޫހާނީ ތަމްރީނުތަކެކެވެ. މަތިވެރި މައުނަވީ ކަންކަމާ ގުޅިފައިވާ ކަންކަމެވެ. އިންސާނީ ފިތުރަތާ ގުޅުން ހުރި ކަންކަމެވެ. ތާރީޚުގައި ފާހަގަ ކޮށްލެވޭ އީމާންތެރިންގެ ހަނދާންތައް އައު ކުރުވާ ކަންކަމެވެ. މުސްލިމުންގެ ކޮންމެ ދުވަހެއްގެ ހަޔާތް އިންތިޒާމު ކުރުވާ ކަންކަމެވެ. އިސްލާމީ ތަކާފުލު ހިމެނިގެންދާ އިޖުތިމާއީ ހަޔާތް އިންތިޒާމު ކުރުވާ ކަމެކެވެ. އިސްލާމީ ވަހުދަތު ދަމަހައްޓާ ކަމެކެވެ. އުޚުއްވަތްތެރި ކަމުގެ ގުޅުންތައް އިންތިޒާމު ކުރުވާ ކަމެކެވެ.

އިސްލާމީ އަޅުކަމުގެ ނިޒާމުން މިކަންކަން ފާހަގަވެގެން ދިއުމުގެ އެންމެ ބޮޑު ސިއްރަކީ މިއީ އެއްކައުވަންތަ ﷲ އަށް އަޅުވެތިވެ އެފަރާތާ އިންސާނާ އާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކޮށްދޭ ކަމަކަށް ވުމެވެ. އަދި މީގެ ސަބަބުން ﷲ ގެ އަމުރުފުޅުތަކަށް ބޯލަނބައި ނަހީތަކުން ދުރުހެލިވާން އާދަ ކޮށްދޭ ކަމަކަށް ވުމެވެ. އެހެންކަމުން މިފަދަ އަޅުކަމުގެ ނިޒާމަކުން އިންސާނާގެ ތަރުބިޔަތަށް މުހިންމު މަންފާތަކެއް ކުރާނެކަން ކަށަވަރެވެ.

މިގޮތުން ފާހަގަ ކޮށްލެވޭ ފުރަތަމަ ކަމަކީ ވިސްނުންތެރިކަމާއި ހޭލުންތެރިކަމުގެ މަތީގައި އަބަދުވެސް އިންސާނާ ހުރުމަށް ބާރު ލިބުމެވެ. އެހެނީ ކޮންމެ އަޅުކަމެއް ވެސް ފުރިހަމަ ވުމަށްޓަކައި އޭގައި އެންމެ ފުރަތަމަ ބޭނުންވާ ޝަރުތަކީ އިހުލާސްތެރިކަން އޮތުމެވެ. ދެވަނަ ޝަރުތަކީ ކޮންމެ އަޅުކަމެއް ވެސް ކީރިތި ޤުރުއާނާއި ސުންނަތުގައި ވާ ގޮތަށް ކުރުމެވެ. މި ދެޝަރުތު ފުރިހަމަ ވެއްޖެ ނަމަ ﷲ ގެ މަތިވެރިކަން ހަނދުމަ ކުރުމާއި އެފަރާތަށް ބޯލަނބައި ކިޔަމަންގަތުމާއި އިސްލާމީ ޝަރީއަތާ އެއްގޮތަށް ދިރިއުޅުމުގެ ހަމަ ކޮންމެ ކަމެއް ވެސް ގެންދިއުމަށް ތަމްރީނު ލިބިގެންދާނެ އެވެ. ނަތީޖާއަކަށް ވާނީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ވިސްނުންތެރިކަމާއި ހޭލުންތެރިކަން ގެންގުޅެން ދަސްވުމެވެ. ކުރާ ކޮންމެ ކަމެއްވެސް ރޭވުންތެރި ކަމާއެކު އެކަމެއް ކުރަން އޮންނަ އެންމެ ރަނގަޅު ގޮތުގައި އެކަމެއްގައި ތަބާވާން ޖެހޭ ހުރިހާ އިރުޝާދުތަކަށް ތަބާވެގެން ކުރަން ދަސްވުމެވެ.

ދެ ވަނަ ކަމަކީ، ތިމާއާއި އެހެން މުސްލިމުންނާ ވަރުގަދަ ގުޅުމަކުން ގުޅާލެވިގެން ދިއުމެވެ. އިސްލާމީ އަޅުކަންތައް އަދާ ކުރަނީ އެހެން މުސްލިމުންނާ އެކުގައި ނުވަތަ އެހެން މީހުންނާ ގުޅިގެންނެވެ. އެހެންކަމުން އިސްލާމީ ޖަމާއަތުގެ ވަރުގަދަ ކަން ތަސައްވުރުވެ އިސްލާމީ އުޚުއްވަތްތެރިކަން ހަރުދަނާ ވެ އެވެ. ބައެއް ހާލަތްތަކުގައި އެކަހެރިވެގެން ހުރެ އަޅުކަން އަދާ ކުރަން ޖެހުނަސް އޭގެ ސަބަބުން އަމިއްލަ ޒާތަށް ވަރުގަދަކަން ލިބިގެން ދާތީވެ އެއީ ޖަމާއަތުގެ ގުޅުމަށް ލިބޭ ބާރެއް ކަމުގައި ވެ އެވެ. އެހެނީ ޖަމާއަތްތަކަށް ވަރުގަދަކަން ލިބޭނީ އެ ޖަމާއަތުގެ އަފްރާދުންނަށް ވަރުގަދަކަން ލިބިގެން ކަމަށް ވާތީ އެވެ. އަނެއްކޮޅުން ޖަމާއަތާ އެކުގައި އަޅުކަން ކުރަން އާދަ ކުރާ މީހަކަށް އެކަހެރި ހާލަތުގައި އަޅުކަން ކުރުމުން ބައެއް އުނިވާ ކަމުގެ އިހުސާސް ލިބިދޭތީ ޖަމާއަތާ ގުޅެން ބޭނުންވެ އެވެ. ނަތީޖާއެއްގެ ގޮތުން ޖަމާއަތުގެ ގުޅުން ވަރުގަދަވެ އެވެ.

މިދިޔަ އީދު ނަމާދުގެ ބޮޑު ޖަމާއަތުގެ ތެރެއިން: އިސްލާމީ އަޅުކަމުގެ ނިޒާމުން ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް އިންތިޒާމު ކޮށްދޭ.

ތިން ވަނަ ކަމަކީ، އިއްޒަތާއި ކަރާމާތުގެ މައްޗަށް ނަފްސުތައް ތަރުބިޔަތުވެ ނިކަމެތިކަމުގެ އިހުސާސް ނެތި ދިއުމެވެ. ސަބަބަކީ ކޮންމެ އަޅުކަމެއްގައި ވެސް ﷲ ގެ މަތިވެރިކަމާއި ކުޅަދުންވަންތަކަމާއި ހުރިހާ ކަމެއްގެ ބާރުވެރިކަން އެފަރާތަށް ލިބިގެންވާ ކަން އެތައް ގޮތަކުން ހަނދާން ކޮށްދޭތީ އެވެ. ތަކުބީރުގެ ލަފްޒު ތަކުރާރުވުމުން ﷲގެ މަތިވެރިކަން ހަނދާނަށް އަންނާތީ އެވެ. އަދި މިފަދަ މަތިވެރި ޢަޒީޒުވަންތަ ފަރާތަކާ ގުޅުން ބަދަހިވުމުން ތިމާ އަށް ވެސް އިއްޒަތް ލިބިގެންވާކަމުގެ އިހުސާސް ވާތީ އެވެ. އަނެއްކޮޅުން ﷲ ގެ އެ މަތިވެރިކަމާއި ބާރާ އެކު ވެސް އެކަލާނގެ އަދުލުވެރިކަމާއި އޯގާވަންތަކަން ވެސް ދެމިއޮތުމުން ތިމާގެ ކިބައިގައި ވެސް އަދުލުވެރިކަމާއި އޯގާތެރިކަމުގެ ސިފަ ހުންނަން ޖެހޭނެ ކަމުގެ އިހުސާސް ލިބިގެން ދާތީ އެވެ. ނަތީޖާއެއްގެ ގޮތުން މީސްތަކުންނާ އޮންނަ ގުޅުންތަކުގައި ހައްދުތައް ފަހަނައަޅައި ނުދާނެ އެވެ. އަނިޔާވެރިކަމާއި ބޮޑާވުމާއި ނާޖާއިޒު ފައިދާތައް ނެގުން ފަދަ ކަންކަމުން ދުރުހެލިވާނެ އެވެ.

ހަތަރު ވަނަ ކަމަކީ، މަޝްވަރާ ކުރުމާއި އެކަކު އަނެކަކަށް އެހީތެރިވުމާއި ނަސޭހަތްތެރިވުން ފަދަ ކަންކަން އާންމު ވެގެން ދިއުމެވެ. އެހެނީ އަޅުކަންތަކާ އެކުގައި އުފެދިގެން އެ އަންނަ އެކުވެރިކަމާއި އަޚުވަންތަ ގުޅުމުގެ ސަބަބުން އެކަކު އަނެކަކަށް ތައާރުފުވެ ވަރަށް ގާތް ގުޅުމެއް އުފެދިގެންދާތީ ތިމާގެ އަމިއްލަ ނަފްސަށް އެދޭ ހެޔޮކަން ތިމާގެ އަޚާ އަށް ވެސް އެދޭތީ އެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމް އަޚާގެ އެއްވެސް ހައްގަކަށް އަރައި ނުގަނެ އަނިޔާވެރިކަމުން ދުރުހެލިވެ ހެޔޮކަންތަކަށް އަމުރު ކޮށް ނުބައިކަންތައް ނަހީ ކުރަން އާދަ ވެއެވެ.

ފަސް ވަނަ ކަމަކީ، ސާބިތު އަދި މުތުލަގު މާތް ސިފަތަކެއް މުސްލިމުންގެ ކިބައިގައި ހަރުލުމެވެ. މިތަނުގައި ސާބިތޭ ބުނާ ބަހުގެ މުރާދަކީ ގިނަ ދުވަހަށް ދެމިހުރުމެވެ. މުތުލަގޭ ބުނާ ބަހުގެ މުރާދަކީ ވަކި ބަޔަކަށް ނުވަތަ ތަނަކަށް ހާއްސަ ނުވެ ހުރިހާ ތަނެއްގައި ވެސް އަދި ހުރިހާ ބައެއްގެ ގާތުގައި ވެސް އެ ރީތި ސިފަތައް ދެމެހެއްޓުމެވެ. ވީމާ މާތް ސިފަތަކުގެ އަސަރު ފެނިގެން ދާނީ ހަމައެކަނި ތިމާ އުޅޭ މުޖުތަމައު ނުވަތަ ތިމާ އުޅޭ ގައުމުގެ މީހުންގެ ގާތުގައެއް ނޫނެވެ. ހުރިހާ ހާލަތެއްގައި ވެސް ހުރިހާ ތަނެއްގައި ވެސް އެ މާތް ސިފަތައް ދަމަހައްޓާނެ އެވެ.

ހަވަނަ ކަމަކީ، ދިރިއުޅުމުގެ ހަޔާތަށް ބޭނުންވާ ވަރަށް މުހިންމު ހަކަތަ ތަކެއް އަޅުކަމުގެ ތެރެއިން ލިބިގެން ދިއުމެވެ. މިގޮތުން އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި މުސްތަގުބަލާ މެދު އުންމީދު އޮތުމާއި ކަންކަމުގައި ހޭލުންތެރިކަން ލިބިގެން ދިއުން ފަދަ ކަންކަން ހިމެނެ އެވެ. މި ހަކަތަ ލިއްބައިދެނީ ﷲ އަށް އަޅުވެތިކަން އަދާ ކުރުމުގައި އެކަލާނގެ އަށް އިންސާނާ ކުރާ އިތުބާރުގެ ސަބަބުންނެވެ. އެކަލާނގެ ހަޒްރަތުން ނަސްރާއި ކާމިޔާބު ލިބޭނެ ކަމުގެ އުންމީދު ބޮޑު ކަމުންނެވެ. ﷲ އާއި ރަސޫލާގެ އިރުޝާދު ތަކުން އިރުޝާދު ލިބިގެންނެވެ. މިފަދަ ހަކަތަ އިންސާނާ އަށް ލިބިފައި ވާނަމަ ގަދައަޅައި މަސައްކަތް ކުރުމާއި އަބަދުވެސް ކުރިއަށް ދިއުމުގެ އަޒުމް ވަރުގަދަ ވާނެ އެވެ.

އިސްލާމީ އަޅުކަމުން ތަރުބިޔަތަށް ކުރާ އަސަރު ފެނިގެންދާ ހަތްވަނަ ކަމަކީ، ނަފްސު އާވެ އާލާވުން މަތީ އަބަދުވެސް ހުރުމެވެ. ތަރުބިޔަތުގެ މައިދާނުގައި ނަފްސަށް އާލާކަމާއި އާރޯކަން ލިބިލިބި ހުރުން މިއީ ވަރަށް މުހިންމު ކަމެކެވެ. މި ކަން އަޅުކަމުގެ ތެރެއިން ހާސިލު ވަނީ އަޅުކަމާ ގުޅިފައިވާ ނަފްސު ތާހިރު ކުރުމާއި ތައުބާވުމުގެ ތެރެއިންނެވެ. އަޅުކަންތައް އޭގެ ޒާތުގައި ވެސް އެއީ ފާފަތައް ފުހެވޭ ކަމަކަށް ވާތީ އެވެ. އަދި ފާފަތައް ކުރެވުމަކީ އިންސާނާ ހައްގު މަގުން އެއްކިބާވާ ކަމަކަށް ވާހިނދު ހައްގަށް އެނބުރި ރުޖޫއަ ވުމަށް އޮންނަނީ ތައުބާވުން ކަމަށް ވާތީ އެވެ.

ތައުބާވުމާއި އިސްތިޣުފާރު ކުރުން އެއީ އިސްލާމީ އަޅުކަމުގެ ނިޒާމުގައި ހިމެނޭ ވަރަށް މުހިންމު ދެ ކަމެވެ. ނަފްސާނީ ނަޒަރަކުން ބަލާއިރު ތައުބާ ވުމަކީ ނަފްސާނީ ސިއްހަތަށް ވަރަށް މުހިންމު ކަމެކެވެ. އެހެނީ ނަފްސަށް ލިބޭ ކިލަނބުކަމާއި އެއަށް އަންނަ ގަޑުބަޑުތައް ފިލުވާލައި އަލުން ހަމައަކަށް އަޅުވައިދޭ ކަމެއް ކަމުގައި ތައުބާވުން ވެގެން ދާތީ އެވެ.

މި އިޝާރާތް ކުރެވުނު ކަންކަމަށް ބަލާއިރު ފުރިހަމަ އިންސާނަކު ތަރުބިޔަތު ކުރުމުގައި ވަރަށް މުހިންމު ވާނެ ކަންކަން އިސްލާމީ އަޅުކަމުގެ ނިޒާމުގެ ތެރެއިން ހާސިލު ވެގެންދާ ކަން އެބަ ހާމަ ވެއެވެ. އެހެންކަމުން ހެޔޮލަފާ ތަރުބިޔަތެއް ލިބުމަށްޓަކައި އަޅުކަންތައް ކުރުން މަތީ ދެމިހުންނަން ކޮންމެ މުސްލިމަކު ވެސް އާދަ ކުރަން ޖެހެ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލާމުު

30 September 2016

ނަފްސު ތާހިރު ކުރުމަށް ވުރެން މިހާރު ފާހަނާ ސަޅިކޮށް ބެހެއްޓުން މާމުހިއްމު ވެއްޖެ. މިސްކިތްތަކުގަ ޒިކުރު ކުރުމެއް ނެތް، އެކަމަކު ކާޕެޓަށް ވަރުގަދަ ކެމިކަލް ޖަހާފަ ސާފުކޮށްފަ.އަރަތެއް.

The name is already taken The name is available. Register?

ނަފްސް

30 September 2016

"ތައުބާވުމާއި އިސްތިޣުފާރު ކުރުން އެއީ އިސްލާމީ އަޅުކަމުގެ ނިޒާމުގައި ހިމެނޭ ވަރަށް މުހިންމު ދެ ކަމެވެ. ނަފްސާނީ ނަޒަރަކުން ބަލާއިރު ތައުބާ ވުމަކީ ނަފްސާނީ ސިއްހަތަށް ވަރަށް މުހިންމު ކަމެކެވެ. އެހެނީ ނަފްސަށް ލިބޭ ކިލަނބުކަމާއި އެއަށް އަންނަ ގަޑުބަޑުތައް ފިލުވާލައި އަލުން ހަމައަކަށް އަޅުވައިދޭ ކަމެއް ކަމުގައި ތައުބާވުން ވެގެން ދާތީ އެވެ"...އިސްތިޢްފާރު ކުރުމާ އެކު ރަސޫލާ(ސައްލައްލާހު އަލައިހި ވަސައްލަމް) އަށް ގިނަގިނައިން ސަލަވާތް ކިޔަވަން ޖެހޭނެ. އެއީ ނަފްސު ތަރައްގީ ކުރުމަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454