އޮޅުންބޮޅުން: ބިދޭސީން ރަށަށް ފޮނުވާ ފައިސާއިން ޓެކްސް ނެގުން

ކޮންމެ ދިމާލަކަށް ބަލައިލިއަސް ފެންނަނީ މީހުންނެވެ. މީހުންނެވެ. ހުރިހާ ތަނެއްގައި ވެސް މީހުންނެވެ. އެހެންނަމަވެސް މަސައްކަތެއް ކުރާނެ ދިވެއްސަކު ނުލިބެ އެވެ. ދިވެހިންގެ އާބާދީ ހަތަރު ލައްކައާ ކައިރިކުރާ ކަމަށްވެ އެވެ. މި އާބާދީގެ ތެރެއިން މަސައްކަތުފުރާގެ އާބާދީގެ ގިނަ މީހުން ބޭނުންވަނީ ވަކި ވައްތަރެއްގެ ވަޒީފާ އެވެ. ސަރުކާރުގެ ވަޒީފާ އެވެ. އޭރުން ލިބޭ ފައިދާތަކެއް ވެސް އޮންނަނީ އެވެ. ރީތި ހެދުން ލައިގެން އޮފީހަށް ދިއުމެވެ. އޮފީހަށް ވަނުމާ އެކު ގަޑީ ފޮތުގައި ސޮއިކުރުމަށް ފަހު ނުވަތަ ގަޑިޖެއްސުމަށް ފަހު ސަޔަށް ދިއުމެވެ. އެއަށް ފަހު ދަރިފުޅު ސްކޫލަށް ލާން ދިއުމެވެ. އަނބުރާ ބަލާދާން ދިއުމެވެ. އަނެއްކާވެސް ރައްޓެހިންނާ އެކު ސަޔަކަށެވެ. ސަރުކާރުގެ އޮފީސްތަކުން ޚިދުމަތް ހޯދަން ދިއުމުން އެއްވެސް ޖެހިލުމެއް ނެތި ޚިދުމަތް ދޭ އޮފިސަރު ސަޔަށް ދިޔައީ ކަމަށް ބުނެ މަޑުކުރަން ބުނާ ފަހަރު މަދެއް ނޫނެވެ. ޚިދުމަތް ހޯދަން ދާ މީހާ ދިގު އިންތިޒާރެއްގައި މަޑުކުރަން ޖެހެ އެވެ. ޙަޤީޤަތަކީ ސަޔަށް ދިޔަ މީހާގެ މުސާރަ ދެނީ ޚިދުމަތު ހޯދަން ދާ މީހާ ކޮންމެ ދުވަހަކު ތަފާތު ނަންނަމުގައި ދޭ ޓެކްސްގެ ފައިސާއިން ކަމަށް ވުމެވެ.


ދަނޑުގޮވާންކުރާނެ ދިވެހިންނެއް ނުލިބެ އެވެ. ރާނާވަޑާންކުރާނެ ދިވެހިންނެއް ނުލިބެ އެވެ. އިންޖީނުލީ އުޅަނދު ދުއްވާނެ ދިވެހިންނެއް ނުލިބެ އެވެ. ފެކްޓުރީގައި މަސައްކަތްކުރާނެ ދިވެހިންނެއް ނުލިބެ އެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތަށް ބޭނުންވާ ވަރަށް ދިވެހިންނެއް ނުލިބެ އެވެ. ރާއްޖޭގެ އުފެއްދުންތެރިކަން ކަނޑައެޅިފައި އޮންނަ ލަނޑުދަނޑިއާ ހަމައަށް ކުރިއަށް ގެންދަން ބޭނުން ނަމަ މަސައްކަތްކުރަން ކޮންމެވެސް ތަނަކުން މީހުން ހޯދަން ޖެހެ އެވެ. މިކަން ފާއިތުވި އަހަރުތަކުގައި އަޅުގަނޑުމެންނަށް ހައްލުކޮށްދެމުން އައީ ބައި ބޮޑު، ވަޒީފާ މަދު، އާދައިގެ މީހުންގެ ދިރިއުޅުމުގެ ފެންވަރު ދަށް އަވަށްޓެރި ގައުމުތަކުންނެވެ. އަވަށްޓެރި ގައުމުތަކުން ރާއްޖެއަށް މަސައްކަތަށް މީހުން އަންނަނީ އަޅުގަނޑުމެންގެ ބޭނުމަށެވެ. އަޅުގަނޑުމެންގެ ދަޢުވަތަށެވެ. ބައިވަރު ހުއްދަތައް ތަފާތު ފަރާތްތަކުން ނަގައިގެންނެވެ. އެކިއެކި ނަންނަމުގައި ސަރުކާރަށް ޓެކްސް ދައްކައިގެންނެވެ. އެމީހުން ރާއްޖެ އަންނަނީ އަޅުގަނޑުމެންނަށް ލިބޭ ބޭރު ފައިސާކޮޅު ޤާނޫނާއި ގަވައިދާ ޚިލާފަށް އެމީހުންގެ ރަަށަށް ގެންދާކަށެއް ނޫނެވެ. އެމީހުންގެ އަނބިދަރިން ދޫކޮށްލާފައި ރާއްޖެ އަންނަނީ އެމީހުންގެ ދިރިއުޅުން ތަނަވަސްކުރުމަށް އަޅުގަނޑުމެންގެ އަތުން އެކަށީގެންވާ މުސާރައެއް ލިބޭނެކަމުގެ ޔަޤީންކަން ލިބިގެންނެވެ.

ގޭގައި ކައްކާނެ ދިވެއްސަކު ނުލިބެ އެވެ. ދަރިފުޅު ބަލާނެ ދިވެއްސަކު ނުލިބެ އެވެެ. ކުނިއުކާލާނެ ދިވެއްސަކު ނުލިބެ އެވެ. ބައެއް އަވަށްޓެރި ގައުމުތަކުން ރާއްޖެ އައިސް އުޅޭ ބައެއް މީހުން ބައެއް ދިވެހިންގެ ކާރު ފޮހެދީތީވެ ވެސް ބައެއް މީހުންނަށް މައްސަލައަކަށްވެ އެވެ. އެކަމަކު ކާރު ފޮހެދިނުމަށް އެދޭ ދިވެހިންގެ މައްސަލައެއް ނެތެވެ. އެމީހުން އެހެން މީހުންގެ ކައިރިން ކާރު ފޮހެދޭން އެދެނީ އަމިއްލައަށް އެކަން ކުރަން ބޭނުން ނުވާތީވެ އެވެ. އެކަން ދިވެހިން ކޮށްދޭން ބޭނުންނުވާކަމަށް ވަންޏާ ޚިދުމަތް ހޯދަން ބޭނުންވާ މީހާ އެމަސައްކަތެއް ކޮށްދޭން ބޭނުންވާ މީހާގެ ކައިރިން އެ ޚިދުމަތެއް ހޯދާނެ އެވެ.

ސަރުކާރުގެ ބައެއް އިދާރާތަކުންނާއި، ރައްޔިތުންގެ ފަރާތުން ވަކާލާތުކުރަން ރައްޔިތުން ހޮވާފައި ތިބި ބައެއް މީހުން ފަޚުރުވެރިކަމާ އެކު ބުނަމުން އަންނަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަތުން އެމީހުން ރަށަށް ފޮނުވާ ފައިސާ އިން ޓެކްސް ނެގުމުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު މަދުވާނެ ކަމަށެވެ. އެފަދަ ނިންމުމަކާ ހަމައަށް އައި ގޮތެއް ހާމައެއް ނުކުރެ އެވެ. އެއްބަސްވަމެވެ. ސަރުކާރުގެ އާމްދަނީއަށް އެތައް މިލިއަން ރުފިޔާއެއް އިތުރުވާނެ އެވެ. އެ ފައިސާ ކޮންމެ ހަޅައެއްގައި ހަލާކުކޮށްލާ ރަސްފަންނު މަރާމާތު ކުރުމަށާއި ކޮންމެ ވިއްސާރަ މޫސުމެއްގައި ހަލާކުކޮށްލާ ދުވާ ޓުރެކް ހަދަން ވެސް ޚަރަދު ކުރެވިދާނެ އެވެ. ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭ މިންވަރަށް ވުރެ އިތުރަށް ކުރާ ހޭދަ ފޫބެއްދުމަށް އިތުރު ގޮތްތައް ހޯދަން ޖެހެ އެވެ. ކާޑުގެ ފުއްދާއެހީ (ސަބްސިޑީސް) ކަނޑާލުމުގައި ހާމަވެގެން ދިޔަ ކަންތައްތަކުގެ ތެރޭގައި، ފުއްދާއެހީގެ ބޮޑު ބައެއް ބިދޭސީންނަށް ކާންބޯންދިނުމަށް ޚަރަދުކުރެވޭ ކަމުގައިވެ އެވެ. ކަރަންޓުގެ އަގު، ތެލުގެ އަގަށް ހަތަރު ލާރި އިތުރުކުރުމުގައި ވެސް ރާއްޖޭގައި މަސައްކަތްކުރާ ލައްކައެއްހާ ބިދޭސީންގެ އަތެއް އޮންނާނެ އެވެ. އެމީހުން ރޭގަނޑުގައި އެމީހުން އުޅޭ ތަނެއްގައި ބޮކި ދިއްލައިގެން ކަރަންޓުގެ ބޭނުން އިތުރަށް ކޮށްގެންނެވެ. ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސް ނެގުމުގައި ނުސީދާކޮށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ އެވެ. ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ނާޤާބިލުކަމުން ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ އާމްދަނީ އެމީހުންނަށް ރާއްޖެއިން ބޭރުނުކުރެވޭނެތީވެ އެވެ.

މިހާރު ޤާނޫނު ބުނާ ގޮތުން މި މަހުން ފެށިގެން ބިދޭސީން ގެންގުޅޭ ދިވެހިން އެމީހަކު ގެންގުޅޭ ބިދޭސީއެއްގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވަން ވާނެ އެވެ. އެމީހަކަށް ދޭ މުސާރަ ޖަމާކުރަން ޖެހޭނީ އެ އެކައުންޓަކަށެވެ. ނޫން ނަމަ އެމީހަކު ކުށްވެރިވާނެ އެވެ. ބިދޭސީ ނޯކަރުން ގެންގުޅޭ ހުރިހާ މީހުންނަކީ މިފަދަ ކަންތައްތައް ކުރަން މާ ފަސޭހަ ބަޔަކަށް ވެސް ނުވެދާނެ އެވެ. ބޭންކުން އެކައުންޓު ހުޅުވަން އެޕޮއިންޓްމެންޓުގެ އިންތިޒާރުގައި އެތައް ހަފްތާއެއް ހޭދަކުރަން ޖެހިދާނެ އެވެ. އެކައުންޓް ހުޅުވެނީ 30 ޑޮލަރަށެވެ. އަދި ކޮންމެ މަހަކު އެކައުންޓުގެ ވެރިފަރާތުން ބޭންކަށް ފަސް ޑޮލަރު ކެނޑޭނެ އެވެ. ސަރުކާރުން ނަގަނީ ކޮންމެ ސަތޭއަކުން ތިން ޑޮލަރެވެ. ފައިސާ ބޭރަށް ފޮނުވައިދޭ ބައެއް ފަރާތްތަކުން ނަގާ އަގަށް ބަލާއިރު 500 ޑޮލަރުން ދަށުގެ އަދަދަކަށް ހަތަރު ޑޮލަރު ނަގާކަމަށްވެ އެވެ. ސަތޭކަ ޑޮލަރު މުސާރައަށް ލިބޭ ބިދޭސީއަކު ރަށަށް ފައިސާ ފޮނުވަން ބޭނުން ނަމަ އޭނާގެ ފައިސާއިން ކޮންމެ މަހަކު މަދުވެގެން ތަފާތު ނަންނަމުގައި 13 ޑޮލަރު ކެނޑޭނެ އެވެ. އެއީ އަވަށްޓެރި އެއް ގައުމެއްގެ ފައިސާއަށް ބަލައިލާއިރު ގާތްގަނޑަކަށް އެގައުމުގެ 1378 ފައިސާ އެވެ. އެހެން ގައުމަކަށް ބަލައިލާއިރު ގާތްގަނޑަކަށް އެ ގައުމުގެ 975 ފައިސާ އެވެ. މިއީ ނިކަމެތިންނަށް ވަރަށް ބޮޑު އަދަދެކެވެ. ތެދުފުޅެކެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ރެމިޓެންސް ޓެކްސް ނަގާ ކަމަށް ވެދާނެ އެވެ. އެކަމަކު އަޅުގަނޑުމެންގެ ހާލަތު ތަފާތެވެ. ބިދޭސީންނަށް އެމީހުންގެ އެކައުންޓުން ބޭންކުން ފައިސާ ނެގުމުގައި ވެސް މައްސަލަތަކެއް ކުރިމަތިވެދާނެ އެވެ. ވަރަށް ގިނަ ބިދޭސީ މަސައްކަތްތެރިންނަކީ ލިޔަންކިޔަން އެނގޭ މީހުންނަށް ނުވާތީވެ އެވެ.

އަޅުގަނޑުގެ ހިތަށްއަރަނީ އަހުމަދުގެ މަތިންނެވެ. ކިތަންމެ ވިއްސާރަ ވިޔަސް، ކިތަންމެ ބޯކޮށް ވާރޭވެހުނަސް، ކިތަންމެ ހޫނު ގަދަވިޔަސް، އަޅުގަނޑުމެންގެ ގެއިން ކުނި އުކާލަން އަޙްމަދު އާދެ އެވެ. ގަވައިދުންނެވެ. އެއީ އޭނާ އަޅުގަނޑަށް ކޮށްދޭ ވަރަށް ބޮޑު ޚިދުމަތެކެވެ. އޭނާއަކީ ހުއްދަ އޮވެގެން މަސައްކަތްކުރާ މީހެކެވެ. އޭނާގެ މަސައްކަތަށް އަޅުގަނޑު ކުޑަ ލާރިކޮޅެއް ވެސް ދެމެވެ. އަޅުގަނޑު ދޭ ލާރިކޮޅު އޭނާ ބޭނުންވެއްޖެ ހިނދެއްގައި ރަށަށް ފޮނުވޭނެ ކަމެއް ވެސް ނޭނގެ އެވެ. އޭނާ އިތުރު މަސައްކަތުން ހޯދާ ފައިސާއަށް ވާނެތީވެ އެވެ. އަޙްމަދު ކަހަލަ ނިކަމެތިންގެ އަތުން ފާޑުފާޑުގެ ނަމުގައި ނަގާ ޓެކްސް އަނެއްކާ ނުސީދާކޮށް އަޅުގަނޑަށް ކެވޭ ބާވައޭ އަޅުގަނޑުގެ ހިތަށްއަރާ ކޮންމެ ފަހަރަކު ދަނީ ގައިން ހީބިހި ނަގައިގެންނެވެ.