އިންކަމް ޓެކުހާ އެކު ކުލި ބޮޑުކުރާކަށް ނުޖެހޭ

ޖަނުވަރީ 1، 2020 އިން ފެށިގެން އާމްދަނީން ޓެކްސް ނަގަން ފަށާފައިވާއިރު، މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކަ އަކީ އިންކަމް ޓެކްސްއާ އެކު، ގޯތިގެދޮރުގެ ކުލި ބޮޑުކުރަން ފެށި ވާހަކަ އެވެ. ނޫސްތަކުންނާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ރައްޔިތުންގެ ގިނަ ބަޔަކު މި ވާހަކަ ދަނީ ދައްކަމުންނެވެ. ދައްކާ ވާހަކަތަކުގައި ހަގީގަތެއް އެބަ އޮތްތޯ ބެލުމުގެ ކުރިން، އިންކަމް ޓެކްސް ގާނޫނުގައި މި ކަމާ ބެހޭ ގޮތުން އޮތީ ކީކޭތޯ ބަލައިލަމާ ހިނގާށެވެ.


ކުލީގެ އާމްދަނީން ބީޕީޓީ ދެއްކުން

ގޯތިގެދޮރުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީން ޓެކްސް ނެގުމަކީ އައު ކަމެއް ނޫނެވެ. އެގޮތުން 2011 ގައި ބީޕީޓީ ނަގަން ފެށުމާ އެކު، ގެދޮރު ކުއްޔަށް ދިނުމަކީ ވިޔަފާރިއެއް ކަމަށް ބަލައި، އެ ކަމުން ލިބޭ ފައިދާ އިން ވެސް އައީ ޓެކްސް ނަގަމުންނެވެ. ބީޕީޓީ ގާނޫނުގެ ދަށުން ޓެކްސް ދައްކަން ޖެހެނީ އަހަރެއްގެ މައްޗަށް 500,000 ރުފިޔާ އަށް ވުރެ ބޮޑު ފައިދާއެއް ވެއްޖެ ނަމަ އެ އިތުރުވާ މިންވަރެއްގެ 15 ޕަސެންޓެވެ. އެހެން ގޮތަކަށް ބުނާ ނަމަ ބީޕީޓީ ދައްކަން ޖެހެނީ މަހަކަށް ބަލާއިރު އެވްރެޖްކޮށް 41,666 ރުފިޔާ އަށް ވުރެ ބޮޑު ފައިދާއެއް ވާ ނަމަ އެވެ.

ކުލީގެ އާމްދަނީން ލިބޭ ފައިދާ ކަމަށް ބަލަނީ، އާމްދަނީގެ އަދަދުން އެ އާމްދަނީ ހޯދުމަށް ހިނގި ހަރަދު އުނިކުރި ކުރުމުން އޮންނަ އަދަދެވެ. މި ގޮތަށް ފައިދާގެ މިންވަރު ހިސާބު ކުރުމުގައި ބީޕީޓީ ގާނޫނުން ދެ އިހުތިޔާރެއް، ގެދޮރު ކުއްޔަށް ދީގެން އާމްދަނީ ހޯދާ ފަރާތްތަކަށް ދީފައި އޮތެވެ. އެއް ގޮތަކީ ހަރަދުވާ ވަރަށް ބެލުމެއް ނެތި ލިބޭ އެއްޗެއްގެ 20 ޕަސެންޓު ހަރަދުގެ ގޮތުގައި އުނިކުރުމެވެ. ހިސާބުކިތާބު ބެލެހެއްޓުމަށް ދަތި ފަރާތްތަކަށާއި ކުއްޔަށް ދޫކޮށްފައި ހުންނަ ތަނަށް މާ ބޮޑު ހަރަދެއް ނުކުރާ ފަރާތްތަކަށް މިއީ ވަރަށް ފަސޭހަ ގޮތެކެވެ. އެއްވެސް ހަރަދެއް ނުކުރިޔަސް އާމްދަނީގެ 20 ޕަސެންޓަކީ ހަރަދު ކަމަށް ބަލައި އެ ބައި އުނިކުރެވެ އެވެ. މި އުސޫލުން ހަރަދު އުނިކުރުމަށް ލިބިދީފައި އޮތް އިހްތިޔާރަކީ އެހެން އެއްވެސް ޒާތެއްގެ ވިޔަފާރި ނުވަތަ އާމްދަނީއާ ގުޅިގެން ދީފައި އޮތް އިހްތިޔާރެއް ނޫނެވެ. ބެލެވޭ ގޮތުގައި މިއީ، ގެދޮރު ކުއްޔަށް ދިނުމުގެ މާކެޓަށް ބީޕީޓީގެ ސަބަބުން ކުރާނެ އަސަރު ވީހާ ވެސް ކުޑަކުރުމަށް ގެންގުޅެފައި އޮތް ސިޔާސަތެކެވެ.

ދެވަނަ ގޮތަކީ ކުއްޔަށް ދޫކޮށްފައި ހުންނަ ތަނަށް ހިނގާ ހަރަދުގެ އަސްލު އަދަދު އުނިކުރުމެވެ. ލޯނަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުންނާއި އިމާރާތުގެ މެއިންޓެނަންސް ނުވަތަ އެހެނިހެން ކަންކަމަށް ހަރަދުކުރާ ފަރާތްތަކުން އާންމުކޮށް އިހްތިޔާރު ކުރަނީ މި ގޮތެވެ. އާމްދަނީގެ 20 ޕަސެންޓަށް ވުރެ ހަރަދު ބޮޑުވިޔަސް މި އޮޕްޝަންގެ ދަށުން އެ ހަރަދުތައް އުނިކުރެވެ އެވެ. ކޮންމެ ގޮތަކަށް އިހްތިޔާރު ކުރި ނަމަވެސް ހަރަދު ކަނޑައި، ބާކީވާ އެއްޗެއް 500,000 ރުފިޔާއަށް ވުރެ ބޮޑު ނަމަ ޓެކްސް ދައްކަން ޖެހެ އެވެ.

ބީޕީޓީއާ ގުޅިގެން މައިގަނޑު ޝަކުވާއަކަށް ވެފައި އޮތީ ބޭންކު ލޯނަށް ދައްކަން ޖެހޭ އަދަދު ކިތަންމެ ބޮޑު ނަމަވެސް، އިމާރާތް ކުރުމަށް ހިނގި ހަރަދު އުނިކުރެވެނީ ގަވާއިދުގައި ބަޔާން ކޮށްފައިވާ ރޭޓެއްގައި ނުވަތަ މުއްދަތަކަށް ބަހާލައިގެން ކަމަށް ވާތީ ލޯނަށް ފައިސާ ދައްކައި ނިމޭއިރު ޓެކްސް ދައްކާނެ ފައިސާއެއް އަތުގައި ނުހުންނަ ކަމުގެ ޝަކުވާ އެވެ (ބީޕީޓީ ގަވާއިދުގައި އޮތީ އިމާރާތް ކުރުމަށް ހިނގި ހަރަދު އުނިކުރެވޭނީ 25 އަހަރަށް ބަހައިގެން ކަމަށެވެ).

އިންކަމް ޓެކްސް ނަގަން ފެށުމުން އައި ބަދަލަކީ ކޮބާ؟

އިންކަމް ޓެކްސް ގާނޫނުގައި ވެސް އޮތީ ގެދޮރު ކުއްޔަށް ދީގެން ލިބޭ އާމްދަނީން ޓެކްސް ދައްކަން ޖެހޭ ގޮތަށެވެ. އެކަމަކު ބީޕީޓީ ގާނޫނާ އަޅާބަލާއިރު އިންކަމް ޓެކްސް ގާނޫނުގައި ގެދޮރުގެ ކުއްޔާ ގުޅިގެން ދައްކަން ޖެހޭ ޓެކްސްގެ މިންވަރު ހިސާބުކުރުމުގައި ކުރީގައި ނެތް އުސޫލުތަކެއް ނުވަތަ ހަމަތަކެއް ވަނީ ތައާރަފުކޮށްފަ އެވެ.

ފަރުދުން ޓެކްސް ދައްކަންޖެހޭ ރޭޓު ކުޑަވުން

ފުރަތަމަ ކަމަކީ އިންކަމް ޓެކްސް ދައްކަން ޖެހޭ ރޭޓު ބޮޑު ތަނުން ކުޑަވުމެވެ. ކުރީގައި ކުއްޔާ ގުޅިގެން 500,000 ރުފިޔާ އަށް ވުރެ އިތުރަށް ލިބޭ ފައިދާ އިން 15 ޕަސެންޓުގައި ޓެކްސް ނެގުނު ނަމަވެސް އިންކަމް ޓެކްސް ގާނޫނުގައި ފަރުދުންގެ ޓެކްސް ރޭޓުތައް ހުރި ގޮތުން އަހަރެއްގެ މައްޗަށް ލިބޭ ފައިދާ 720,000 ރުފިޔާ އަށް އެރުމުން ނޫނީ އެއްވެސް ޓެކްސްއެއް ދައްކާކަށް ނުޖެހެ އެވެ. އަދި 15 ޕަސެންޓުގެ ރޭޓުގައި ޓެކްސް ދައްކަން ޖެހޭނީ އަހަރެއްގެ މައްޗަށް 2.4 މިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ފައިދާއެއް ލިބުމުންނެވެ. މި ބަދަލު ދެނެގަންނަން ތަންކޮޅެއް ފަސޭހަވާނެ ގޮތަކަށް ތިރީގައިވާ ތާވަލުގައި ހިމަނައިފައި މި ވަނީ މަހެއްގެ މައްޗަށް 80,000 ރުފިޔާގެ ކުލި ލިބޭ މީހަކު ބީ.ޕީ.ޓީ ދައްކަމުން އައި ގޮތާއި ހަމަ އޭނާ (އެއީ ފަރުދެއްގެ ގޮތަށް ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ނަމަ) އިންކަމް ޓެކްސް ދައްކަންޖެހޭނެ ގޮތުގެ މިސާލެކެވެ.

މިސާލެއްގެ ގޮތުން ކުލީގެ ގޮތުގައި މަހެއްގެ މައްޗަށް 80,000 ރުފިޔާ ލިބޭ މީހަކަށް ބަލައިލަމާ ހިނގާށެވެ. އަހަރެއްގެ ތެރޭގައި އޭނާއަށް ލިބޭނީ 960,000 ރުފިޔާ އެވެ. އޭނާގެ ޓެކްސް ހިސާބުކުރުމުގެ އާމްދަނީގެ 20 ޕަސެންޓް (192,000 ރުފިޔާ) އުނިކުރުމަށް އިހްތިޔާރުކުރާ ނަމަ ބީޕީޓީ ގާނޫނުގެ ދަށުން އޭނާގެ ޓެކްސް ބިނާކުރެވޭ ފައިދާއަކަށް ވާނީ 768,000 ރުފިޔާ އެވެ. މި އަދަދުން ޓެކްސް-ފްރީކޮށް ލިބޭ 500,000 ރުފިޔާ އުނިކުރުމަށް ފަހު ބާކީވާ 268,000 ރުފިޔާއިން އޭނާ ބީޕީޓީގެ ގޮތުގައި ދައްކަން ޖެހޭނީ 40,200 ރުފިޔާ (268,000 x 15%) އެވެ.

ނަމަވެސް އިންކަމް ޓެކްސް ގާނޫނާ އެކު މި އަދަދަށް ބޮޑު ބަދަލެއް އާދެ އެވެ. ޓެކްސް ރޭޓުތައް ހުރި ގޮތުން އޭނާގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ކަމަށް ވާ 768,000 ރުފިޔާގެ ތެރެއިން ފުރަތަމަ 720,000 ރުފިޔާއަކީ ޓެކްސް-ފްރީ އަދަދެކެވެ. އެހެންކަމުން ޓެކްސް ދައްކަން ޖެހެނީ ބާކީވާ 48,000 ރުފިޔާއިންނެވެ. އެއީ އިންކަމް ޓެކުހުގެ ގޮތުގެ ފުރަތަމަ ބްރެކެޓުން ދައްކަން ޖެހޭ 5.5 ޕަސެންޓްގެ ރޭޓުގައި 2,640 ރުފިޔާ އެވެ.

ކުލީގެ ގޮތުގައި އަހަރަކު 960,000 ރުފިޔާ ލިބިގެން ބީޕީޓީގެ ގޮތުގައި 40,200 ރުފިޔާ ދައްކަން ޖެހުނު މީހާ އިންކަމް ޓެކުހުގެ ގޮތުގައި ހަމަ އެ އާމްދަނީން މިހާރު ދައްކަން މި ޖެހެނީ 2,640 ރުފިޔާ އެވެ. އޭނާގެ އިފެކްޓިވް ޓެކްސް ރޭޓް 5.23 ޕަސެންޓުން 0.34 ޕަސެންޓަށް ކުޑަވީ އެވެ.

ލޯނަށް ދައްކަން ޖެހޭ ފައިސާ

ލޯނު ނަގައިގެން ގެދޮރު އިމާރާތްކުރުމަށް ފަހު އެ ލޯނު އަނބުރައި ދައްކަނީ ގިނަ ފަހަރު އެ ތަނެއް ކުއްޔަށް ދީގެންނެވެ. ނަމަވެސް ކުރިން ބުނި ފަދައިން އިމާރާތްކުރުމުގެ ހަރަދު 25 އަހަރަށް ބަހައިގެން އުނިކުރި ނަމަވެސް ގިނަ ފަހަރު ލޯނު ދައްކަން ޖެހޭ މުއްދަތު އެއަށް ވުރެ ކުޑަ އެވެ. އެހެންކަމުން ކޭޝް ފްލޯ މެނޭޖްކުރުމުގެ ދައްޗަކީ ގެދޮރުވެރިންގެ ބޮޑު ޝަކުވާއެކެވެ. އިންކަމް ޓެކްސް ބިލުގެ ދެލިކޮޕީ އެކުލަވައިލުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުންތަކުގައި މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ އެތައް މަޝްވަރާތަކެއް ވަނީ ކޮށްފަ އެވެ. ނަތީޖާއަކަށް ވެގެން ދިޔައީ، ލޯނު ނަގައިގެން ގެދޮރު އިމާރާތްކުރާ ފަރާތަށް ހަރަދު (ކެޕިޓަލް އެލަވަންސް) އުނިކުރުމުގައި ލޯނު އަނބުރައި ދައްކަން ޖެހޭ މުއްދަތަށް ބަލައިގެން އެ ހުރިހައި ހަރަދެއް އުނިކުރެވޭ ގޮތަށް އިންކަމް ޓެކްސް ގާނޫނުގައި ހިމެނުމެވެ. މާނައަކީ ކުރިން ދިމާވަމުން އައި [ލޯނަށް ދައްކާ ފައިސާ އުނިނުކުރެވުމުގެ މައްސަލަ] އަށް ވެސް ގާނޫނުން ހައްލެއް ލިބުމެވެ.

އިންކަމް ޓެކްސް ގާނޫނުގެ ދަށުން ވަޒީފާގެ އުޖޫރައިން ވެސް ޓެކްސް ދައްކަން ޖެހޭ

ބީޕީޓީ ގާނޫނުގެ ދަށުން ޓެކްސް ދައްކަން ނުޖެހޭ އާމްދަނީއަކަށް އިންކަމް ޓެކްސް ގާނޫނުގައި ހިމަނައިފައިވާ އެއް ބާވަތުގެ އާމްދަނީ އަކީ މުވައްޒަފަކަށް ލިބޭ އުޖޫރަ އެވެ. އިންކަމް ޓެކްސް ގާނޫނުގައި ބަޔާންކޮށްފައިވަނީ އެޕްރީލް 1، 2020 އިން ފެށިގެން އުޖޫރައިން ޓެކްސް ދައްކަން ޖެހޭ ގޮތަށެވެ. އެހެންކަމުން ގޯތިގެދޮރު ކުއްޔަށް ދޫކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކުން ވެސް، އެ ފަރާތުގެ ޖުމްލަ އާމްދަނީ ތެރޭގައި އެޕްރީލް 1، 2020 އިން ފެށިގެން ލިބޭ އުޖޫރަ ހިމަނަން ޖެހެ އެވެ. މި ދެންނެވި ތާރީޚުން ފެށިގެން ބައެއް ފަރާތްތަކުން ބީޕީޓީ ގާނޫނުގެ ދަށުން ހިމަނަން ނުޖެހޭ އާމްދަނީއެއް އެ ފަރާތުގެ ޓެކްސް ނެގޭ އާމްދަނީ ހިސާބުކުރުމުގައި ހިމަނަން ޖެހޭތީ، އެ ފަރާތަކުން ދައްކަން ޖެހޭ ޓެކުހަށް ކޮންމެވެސް ބަދަލުތަކެއް އަންނާނެ އެވެ. މި ބަދަލުތަކާ އެކު ވެސް ގިނަ ފަރާތްތަކުން އިންކަމް ޓެކްސް ގާނޫނުގެ ދަށުން ދައްކަން ޖެހޭ ޓެކުހުގެ މިންވަރު ކުރިއަށް ވުރެ އިތުރުވެގެންދާނެ ކަމަކަށް ނުބެލެވެ އެވެ.

އެހެންކަމުން އިންކަމް ޓެކްސް ނަގަން ފެށުމާ އެކު ކުލި ބޮޑުކުރުމަކަށް އިންކަމް ޓެކްސް ގާނޫނު އޭގެ ޒާތުގައި ތަނެއް ނުދެ އެވެ. ގެދޮރު ކުއްޔަށް ދޭ ފަރާތަކީ ފަރުދެއް ނަމަ އަދި އެ ފަރާތަށް ވަޒީފާއަކުން އިތުރު އުޖޫރައެއް ނުލިބޭ ނަމަ، އިންކަމް ޓެކްސް ގާނޫނަކީ ބީޕީޓީ ގާނޫނާ އަޅައިބަލާއިރު އެފަދަ ފަރާތްތަކަށް މާ ބޮޑަށް ވެސް ފަހިކޮށް އުސޫލުތައް ކަނޑައަޅައިފައި އޮތް ގާނޫނެކޭ ބުނެވިދާނެ އެވެ.

އެޑިޓަރުގެ ނޯޓު

ހުސާމް ޝަރީފަކީ ޓެކްހާއި ގާނޫނީ އެހެން ލަފާދޭ ލޯ ފާމެއް ކަމަށްވާ ސީޓީއެލް ސްޓްރެޓީސްގެ ސީނިއަ ޓެކްސް އެޑްވައިޒަރެކެވެ. ޓެކްސް ޕޮލިސީތައް މުރާޖައާކުރުމަށް ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރެއްވުމުގެ އިތުރުން އިންކަމް ޓެކްސް ބިލުގެ ދެލިކޮޕީ ތައްޔާރުކުރެއްވުމުގައި ވެސް ހުސާމު ބައިވެރިވެވަޑައިގަތެވެ.