ޖަލުތަކާއި އަމަން ބަލަހައްޓާ މުއައްސަސާތަކާ މެދު ތަފާތު ފިކުރެއް

އެމެރިކާގެ މިނިއާޕޮލިސްގައި ފުލުހުން ހައްޔަރުކުރުމުގެ ތެރޭގައި އެފްރިކަން-އެމެރިކަން ނަސްލުގެ ޖޯޖް ފްލޮއިޑްގެ ކަރަށް ފައިން އަރާ ނޭވާ ހާސްކޮށްލައިގެން މަރާލުމާ ގުޅިގެން ފުލުހުންގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ކަމަށް ބުނެ މުޅި ދުނިޔޭގައި އަންނަނީ މުޒާހަރާތައް ކުރަމުންނެވެ. މި ވަގުތު އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ ފުލުހުންގެ އިދާރާ އިސްލާހު ކުރާނީތޯ ނުވަތަ އެކީ އެކައްޗަކަށް އުވާލައި ކުށް މަދުކުރަން އާ ނިޒާމެއް ގެނައުމުގެ ބަހުސެވެ.


މިއީ ރާއްޖޭގެ ގިނަ ބަޔަކަށް ވަރަށް އައު ކަމަކަށް ވެދާނެ އެވެ. މި މުއައްސަސާތައް ނުލައި ރައްޔިތުންގެ ހަމަޖެހުމާއި ރައްކާތެރިކަން ދެމެހެއްޓިދާނެ ކަމަށް ގަބޫލުކުރަން އުނދަގޫ ވެސް ވެދާނެ އެވެ. މިއީ އެއްގޮތަކަށް ވެސް މި މުއައްސަސާތަކުގައި މަސައްކަތްކުރާ އާއްމު ފަރާތްތަކަށް ބުނާ ދެރަ ބަހެއް ވެސް ނޫނެވެ. ރާއްޖޭގައި ސިފައިންގެ މުއައްސަސާ އުފެދުނުތާ މިވީ އެންމެ 128 އަހަރެވެ. ދާދި މިދާކާ ދުވަހާ ޖެހެންދެން ރާއްޖޭގެ ސިފައިންނާއި ފުލުހުންނަކީ އެއް މުއައްސަސާއެކެވެ. ސިފައިންގެ މުއައްސަސާއިން ފުލުހުން ވަކިކުރީ ސެޕްޓެމްބަރު 1، 2004ގަ އެވެ. މި ލިޔުމުގައި އަލިއަޅުވާލާނީ ޖަލުތަކާއި އަމަން ބަލަހައްޓާ މުއައްސަސާތަކުގެ ހަގީގީ ބޭނުމަކީ ކޮބައިތޯ އާއި މިހާރު އޮތް ގޮތް ނޫން ގޮތަކަށް މިކަން ބަދަލުކުރެވިދާނެ ގޮތްތަކުގެ މައްޗަށެވެ.

ޖަލުތަކާއި އަަމަން ބަލަހައްޓާ މުއައްސަސާތަކުގެ ބޭނުމެއް ކަމަށް، މިކަމަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ، ގައުމުތަކުގެ ދާޚިލީ ހަމަޖެހުމާއި، އަދުލު އިންސާފު ގާއިމުކުރުމާއި، ރައްކާތެރި މުޖުތަމައެއް ރައްޔިތުންނަށް ކަށަވަރު ކުރުން ކަމަށެވެ. މި މުއައްސަސާތަކުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކަމަށް ވެސް ބުނެ އެވެ. މި ހިޔާލުތަކަށް ތާއީދުކުރާ ފަރާތްތަކުގެ ފަލްސަފާއެއް ކަމަށް ވަނީ ކުށްކުރާ ފާރަތްތަކަށް ހަރުކަށި އަދަބު ދީގެން އެ ފަރާތްތައް ރަނގަޅު ކުރެވޭނެ ކަމުގެ ވިސްނުމެވެ. މީގެ މައިގަނޑު އަސާސަކީ ކުށް މަދުކުރެވޭނީ އަދި ކުށްކުރާ ފަރާތްތައް އިސްލާހު ކުރެވޭނީ އަދަބު ދީގެން ކަމަށް ވިސްނައިދިނުމެވެ.

ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ފެންނަ މަންޒަރަކީ އަމަން ބަލަހައްޓާ ބާރުތައް ފުޅާކޮށް، ބަޖެޓު އިތުރުކޮށް އަދި ޖަލަށް ލާ އަދަދު އިތުރުކުރުމަކުން މުޖުތަމައުގައި އަމަންއަމާންކަމާއި އިންސާފު ގާއިމް ނުވާކަމެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ކުށްކުރާ ވަރު ރިޕޯޓްކުރާ މިންވަރު އަހަރުން އަހަރަށް ދަނީ ގިނަވަމުންނެވެ. އެގޮތުން 2001 އިން 2019 އަށް ރާއްޖޭގައި ރަހުމު ކުޑަ ގޮތްގޮތަށް 67 މީހަކު/ކުދިން މަރާލައިފައިވެ އެވެ. މިކަންކަމުގައި ފުލުހުންނާއި ޖިނާއީ އަދުލު އިންސާފުގެ ދާއިރާތަކުގެ އިހުމާލު ކިތަންމެ ވަރަކަށް ވެސް އެބަ އޮތެވެ. ހިތާމަ ލިބުނު އާއިލާތަކަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދެއް ނެތެވެ. އަދި މިކަންކަން އިތުރަށް ތަކުރާރު ނުވާނެ ކަން ކަށަވަރު ވެސް ނުކުރެވެ އެވެ. ދުނިޔޭގެ އެންމެ ގައިދީން ގިނަ އެމެރިކާ (2.5 މިލިއަން)އަކީ މީގެ ފުރިހަމަ މިސާލެކެވެ. ކުށް މަދުނުކުރެވޭ އިރު އެ މުއައްސަސާތަކުން އާންމު ރައްޔިތުންނަށް އެތައް އަނިޔާއެއް ކުރިމަތި ކުރުވަ އެވެ. އަދުލު އިންސާފު ގާއިމުކުރާ މުއައްސަސާތަކަށް ރައްޔިތުން އިތުބާރު ނުކުރަނީ މި ސަބަބުތަކަށްޓަކަ އެވެ.

އެހެންކަމުން ފުލުހުންގެ މުއައްސަސާގެ ހަގީގީ ބޭނުމަކީ ކޮބާތޯ ބަލައިލުން މުހިންމެވެ. ނިއޯލިބަރަލް ސިޔާސަތު ގެންގުޅޭ ދައުލަތްތަކުން ހުރިހާ މުއައްސަސާއެއް ވެސް ބައްޓަން ކުރަނީ މަތީ ފަންތީގެ މަދު ބައެއްގެ މުށުތެރޭގައި ބާރު ހިފަހައްޓައި މަސައްކަތު ފަންތީގެ ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ހޯދުމަށް ކުރާ ކަންކަން ކޮންޓްރޯލް ކުރުމަށެވެ. ވޭތުވެ ދިޔަ ހުރިހާ ސަރުކާރަކުން ވެސް ޖަލުތަކާއި އަމަން ބަލަހައްޓާ މުއައްސަސާތައް ބޭނުންކުރަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގަ އެވެ. ރައްޔިތުންނަށް ބިރުދައްކައި، ހަންމަތަކޮށް "ވެރިން" ހިމާޔަތް ކުރުމަށެވެ. އަދި ޖަލުތަކާއި މުއައްސަސާތައް ބޭނުންކޮށްގެން ބޮޑެތި ވިޔަފާރިވެރިންނަށް ފަހިވާނޭ ކަންކަން ކުރުމަށެވެ. އަދުލު އިންސާފު ލިބުމުގައި އާންމުންނާއި ބޮޑެތި ފައިސާވެރިންގެ މެދުގައި އޮންނަ ތަފާތުކުރުމަށް ބަލައިލުމުން މީގެ ހެކި ފެނެ އެވެ.

ރިސޯޓުތަކާއި ބޮޑެތި ކުންފުނިތަކުގެ މަސައްކަތްތެރިންގެ ހައްގު ހޯދަން އަޑުއުފުލައި، ހަޅުތާލުކުރާ ކޮންމެ ފަހަރަކު ފުލުހުންނާއި ކޯޓުތަކާއި ފުންނާ ބުއުސް ގާނޫނީ ވަކީލުން ބޭނުންކޮށްގެން މަސައްކަތްތެރިންނަށް އަދަބުދީ ބާރު ކަނޑުވާލަ އެވެ. ފުލުހުންގެ "ޕްރޮޓެކްޓް އެންޑް ސާވް"ގެ މާނައަކަށް ބައެއް ފަހަރު ވެފައި ވަނީ ބޮޑެތި ފައިސާވެރިންގެ މުދަލާއި ބާރު ހިމާޔަތްކޮށް ރައްކާތެރިކުރުމެވެ. ޖަލުތަކުގައި ޒަމާނުންސުރެ ލާއިންސާނީ ބޮޑެތި އަނިޔާތައް ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ސިޔާސީ ބާރު ހޯދަން، ވޭތުވެދިޔަ ކޮންމެ ސަރުކާރަކުން ވެސް، މަސައްކަތް ކުރެ އެވެ. އަދި ކުށެއް ނުކުރާ އެތައް ބަޔަކު ބަންދުކޮށް، ޖަލުތަކުގެ ތެރޭގައި އަނިޔާކޮށް، އެއްވެސް ޝަރީއަތަކާ ނުލައި، ބިރު ދައްކައިގެން އެތައް ޒަމާނެއް ވަންދެން ގެންގުޅެފައިވެ އެވެ. ފުލުހުން ލައްވާ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ދޮގު ހެއްކާއި ބަޔާންތައް ދިނުމަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި އާއްމު ކަމެކެވެ. މިކަންކަމުގައި ފުލުހުންނާއި، ދައުލަތުގެ ޕްރޮސެކިއުޓަރުން، ކޯޓުތަކުގެ ފަޑިޔާރުން އަދި ގާނޫނީ ވަކީލުންގެ ދައުރު އަދި މިފަރާތްތަކާއި ކޮރަޕްޝަންގެ ވިއުގަތަކާ އޮންނަ ގުޅުން އެންމެންނަށް ވެސް އެނގެ އެވެ.

މިހެން މިކަން އޮތްއިރު ކުށްމަދު އަމާން ވެއްޓެއް ގާއިމުކުރެވޭނީ މި ނޫން ގޮަތަކަށް ވިސްނުން ބަދަލުކޮށްގެންނެވެ. ކުށް ކުރާ ސަބަބު ދެނެގަތުމާއި، ކުށެއް ކުރުމުގެ ކުރިން އެކަން ހުއްޓުވަން ކުރެވެނީ ކޮން ކަމެއްތޯ ބެލުމަކީ އަމާން މުޖުތަމައެއް ގާއިމްކުރުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމެވެ. ދިރާސާތަކުން ދައްކަނީ ހަރުކަށި އަދަބު ދީގެން މުޖުތަމައުގައި ކުށް މަދު ނުކުރެވޭކަމެވެ. ކުށް މަދުކުރެވޭނީ ކުށުގެ މާހައުލަށް މީހުން ހުށަހެޅޭ ސަބަބުތައް ނައްތާލައި، ކޮމިއުނިޓީ ރިހެބިލިޓޭޝަން އަށް އިސްކަންދީގެންނެވެ. ކުށް ކުރާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނެސް، އާއްމުގެ އިޖްތިމާއި އިގްތިސާދި ކަންކަމަށް ވެސް އިސްކަންދީގެނެވެ. ނަމަވެސް ދިވެހިރާއްޖޭގައި އަބަދުވެސް އޮތް ނިޒާމަކީ ކުށް ކުރާ ފަރާތްތައް އިތުރަށް މުޖުތަމައުން ބަކީކޮށް އެކަހެރި ކުރުވާ، ކުށުގެ ވެށީގައި ދާއިމަށް ބޭތިއްބުމަށް ބާރު އަޅާ ސިޔާސަތުތަކެކެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ގިނަ ފަހަރަށް އަދަބު ލިބެނީ ކުދި ކުށް ކުރާ ފަރާތްތަކަށް ވުމެވެ. ކުށް ކުރުން އިތުރުވާ އެންމެ ބޮޑު އެއް ސަބަބަކީ ގިނަ ރައްޔިތުންނަކީ އަސާސީ ހިދުމަތްތަކުން މަހުރޫމުވެ ބިކަ ހާލުގައި މުޅި އުމުރު ހޭދަކުރަން ޖެހިފައިވާ ބަޔަކަށް ވުމެވެ. ރައްޔިތުންގެ މެދުގައި ތަފާތު ކުރުމާއި، އާމްދަނީގެ ފަރަގު ބޮޑުވެ، ފަގީރުން ގިނަވުމާއި އެކި ސަރަހައްދުތަކުގައި ބޭނުންވާ މިންވަރަށް ތައުލީމާއި، ސިއްހީ ފަރުވާ ލިބޭނެ ގޮތެއް ނެތުމުގެ އިތުރުން ވަޒީފާގެ ފުރުސަތު ވެސް ނުލިބުމެވެ. ބައެއް ދިވެހިން ވަންނާނެ ޖިފުޓިއެއްހާ ހިސާބު ވެސް ދައުލަތަށް ފޯރުކޮށެއް ނުދެވެ އެވެ. އެހެންކަމުން އަސާސީ ހިދްމަތް ހޯދަން ރަށްރަށުން މާލެ ހިޖުރަކުރަން މަޖުބޫރުވި އާއިލާތަކާއި މާލެ ތޮއްޖެއްސުމުގެ ސިޔާސަތުގެ ސަބަބުން އިންސާނުން އުޅެން ނުވާވަރުގެ ތަންތަނުގައި އުޅެން ޖެހި، އެތައް ކުޑަކުދިންނާއި ޒުވާނުން ކުށުގެ ވެއްޓަށް ވައްދާފައިވެ އެވެ.

ނުވަދިހައިގެ ކުރީކޮޅު މާލޭގައި މަސްތުވާތަކެތި އާންމުވެ ޒުވާނުން މި ވަބާގައި ޖެއްސުވީ ގަސްތުގަ އެވެ. މީގެ ސަބަބުން ގޭންގުތައް އިތުރުވެ ކުށުގެ މާހައުލަށް ފުރުސަތުތައް ހުޅުވުނެވެ. ގޭންގުތަކާއި، ޑްރަގް ވިޔަފާރި ގުޅިފައި ވަނީ ބޮޑެތި ބައެއް ސިޔާސީ ފަރާތްތަކާއި ބޮޑެތި ބައެއް ވިޔަފާރިވެރިނާ ކަމަށް 2012ގައި އޭޝިއާ ފައުންޑެޝަނުން އެކުލަވާލި ރިޕޯޓްގައިވެ އެވެ. އެތައް ޒުވާނުން ޖަލުތަކުގެ ތޭރިތަކުގައި ތާށިވެ ދިރިއުޅުން ބަރުބާދުވެ އަލުން އަނބުރާ މުޖުތަމައަށް އާދެވޭނެ ގޮތެއް ނެތި ހުރިހާ ދޮރެއް ބަންދުވެފައިވާއިރު މީގެ އަޑީގައި ހިމެނޭ ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތައް ތިބީ އަދިވެސް މި ވިޔަފާރި ފުޅާކޮށް ފައިދާ އިތުރު ކުރުމުގަ އެވެ.

ރާއްޖޭގައި އެކި ގޮތް ގޮތަށް މީހުން ބަންދުކުރެވޭ 10 ތަނެއް އެބަ ހުއްޓެވެ. މި ތަންތަނުގެ ޖާގައަކީ 1،300 ކަމަށް ބުނާއިރު، އެކި ދުވަސްވަރު 2،000 އަށް ވުރެ ގިނަ މީހުން ބަންދުކޮށްގެން ގެންގުޅެފައިވެ އެވެ. ބޮޑެތި އެތައް ތަފާތުކުރުމެއް މި ތަންތަނުގައި ގެންގުޅެ އެވެ.

މުޅި ދުނިޔެއަށް ބަލައިލާއިރު ކުށް އިތުރުވާން ދިމާވީ ބާރުގަދަ ގައުމުތަކުގެ އިސްތިއުމާރީ ބާރާއި ނުފޫޒު، "ޖަސްޓް ވޯ" ތިއަރީތަކާއި ސެޕްޓެމްބަރު 11، 2001 (ނައިން އިލަވަން) ގެ ފަހުން އެމެރިކާއިން އިއުލާނު ކުރި "ވޯ އޮން ޓެރާ"ގެ ފަލްސަފާތަކާއި، ހަނގުރާމަކުރުން ދިފާއުކޮށް އެކަން ކުރިއަރުވާ ނިއޯލިބަރަލް ސިޔާސަތުތަކުގެ ސަބަބުންނެވެ. ކައުންޓަ ޓެރަރިޒަމް، ވޯ އޮން ޑްރަގްސް އަދި ގޭންގް ވަޔަލަންސް ހުއްޓުވުމުގެ ނަމުގައި ހިންގަނީ ބޮޑު ވިޔަފާރިއެކެވެ. ދިވެހިރާއްޖޭގައި މި ސިޔާސަތުތަކަށް ރޭވުންތެރިކަމާ އެކު މަގުތައް ކޮށަ އެވެ. ޕްރައިވެޓް ޖަލުތަކާއި، ކަރެކްޝަނަލް ފެސިލިޓީތަކާއި، ހަތިޔާރު ގަތުމާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އާންމު ރައްޔިތުންނަށް ފާރަލުން އިތުރުކުރުން ކަހަލަ ނުރައްކާތެރި އެތައް ކަމެއް ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރަން ދަނީ ރާވަމުންނެވެ.

ރަށެއްގެ ޒުވާނުންތަކެއް ފިނިކޮށްލަނީ: ތައުލީމާއި ވަޒީފާގެ ފުރުސަތު ޒުވާނުންނަށް ވަރަށް މުހިންމު

މި ހާލަތުގައި ވެސް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވަނީ ފުލުހުންނަށް އިތުރުބާރު ލިބެން ޖެހޭ ކަމަށެވެ. މިހާރު ތައާރަފުކުރަން އުޅޭ އެއް ކަމަކީ ޝޮކް ދޭ ބަޑި ބޭނުންކުރުމެވެ. އެއީ ފުލުހުންނަށް މިހާރު މުހިންމު ކަމެއް ކަމަށް، ކޮމިޝަނަރު ގަބޫލުކުރައްވަ އެވެ. އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު ފައިރޫޝް ވަނީ ޝޮކް ދޭ ބަޑި ބޭނުންކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދައްކަވަން ވީޑިއޯއެއް އާއްމުކުރައްވައިފަ އެވެ. އަދި އެއީ ފުރާނައަށް ނުރައްކާތެރި ނޫން ހަތިޔާރެއްކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުން އެ ހަތިޔާރު ބޭނުންކުރަނީ ރަނގަޅަށްތޯ ބެލުމަށް ބޮޑީ ކެމެރާ ހަރުކުރާނެ ކަމަށް ވެސް ބުނެ އެވެ. ނަމަވެސް ޝޮކް ދޭ ބަޑި ބޭނުންކުރުމުގެ ނުރައްކަލާ ގުޅޭ ގޮތުން ރޮއިޓާސްގެ ހާއްސަ ރިޕޯޓަކުން ދައްކާ ގޮތުގައި އެމެރިކާގައި އެ ބަޑި ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް 1،081 މީހުން މަރުވެފައިވެ އެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެމެރިކާގައި ބޮޑީ ކެމެރާ ބޭނުން ކުރާ ފުލުހުންގެ އިދާރާތަކުގައި ބަޑި ޖަހައިގެން އާއްމުން ކޮންޓްރޯލް ކުރުން ގިނަ ކަމަށް ވެސް ދިރާސަތަކުން ދައްކަ އެވެ. ގިނަ ފަހަރަށް ބޮޑީ ކެމެރާ ނުޖައްސާ ހުރުމުން ފިޔަވަޅު ނޭޅޭ ކަމަށް ދި އިންޑް އޮފް ޕޮލީސިން ފޮތުގައި އެލެކްސް އެސް ވިޓަލް ފާހަގަކުރި އެވެ.

ފުލުހުންގެ އައު ސްޓްރެޓަޖިކް ޕްލޭން 2019-2024 އޮތީ ޑިމޮކްރެޓިކް ބަސްތައް ބޭނުންކޮށް ރިފޯމްކުރުމުގެ ރާގެއްގަ އެވެ. ނަމަވެސް އިސްލާހުކުރުމަށް ވުރެ ބޮޑަށް ފެންނަނީ ޖަލުތައް ގިނަކޮށް، ފުލުހުންގެ ފައުޖު ބޮޑުކުރަމުންދާ ތަނެވެ. ހދ. ނޭކުރަންދޫގައި އިތުރު ޖަލެއް އެޅުމަށާއި އައްޑޫގައި 18 މިލިއަން ޑޮލަރު ހަރަދުކޮށްގެން ފުލުހުންގެ އެކަޑަމީއެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފުލުހުންނާއި އަދުލް އިންސާފުގެ ނިޒާމު އިސްލާހުކުރުމުގެ ނަމުގައި މީގެ ކުރިން ވެސް އެތައް ހަރަދެއް ދައުލަތުންނާއި ދޭދޭ ގައުމުތަކުން އަބަދުމެ ކުރެ އެވެ. މިގޮތުން 2003 ގައި ހިއުމަން ރައިޓްސް ކޮމިޝަން، 2009 ގައި ޕޮލިސް އިންޓަގްރިޓި ކޮމިޝަން އަދި 2015 ގައި ނެޝަނަލް އިންޓަގްރިޓި ކޮމިޝަން އާއި އެތައް ތަމްރީނު ޕްރޮގްރާމަކަށް ރައްޔިތުންގެ ފައިސާއިން ކޮންމެ އަހަރަކު ވެސް ހަރަދުކުރެ އެވެ. މީގެ އެއްވެސް ކަމަކުން ފުލުހުން އިސްލާހުވީ ތަނެއް އަދި ކުށް މަދުވީ ތަނެއް ވެސް ފެންނާކަށް ނެތެވެ. އަލަށް ޑްރާފްޓް ކޮށްފައިވާ ފުލުހުންގެ ގާނޫނަށް ބަލައިލުމުން ވެސް ފެންނަނީ ބޮޑެތި ބާރުތަކެއް ޕޮލިސް ކަމިޝަނަރާއި ފުލުހުންނަށް ދީފައިވާތަނެވެ. ފުލުހުންގެ އެކަޑަމީ ހެދުމާއި ފުލުހުންގެ މުއައްސަސާ އިތުރަށް ފުޅާކޮށް ރައްޔިތުން ކޮންޓްރޯލު ކުރަން އެތައް މާއްދާއެއް އެކުލަވާލާފައި އެބަ އޮތެވެ.

މަތީގައި ބުނި ކަންކަމަށް ބަލާއިރު ހާމަވަނީ އަމާން މުޖުތަމައެއް ބިނާކުރެވޭނީ އާއްމު ރައްޔިތުންގެ އިގްތިސާދީ އަދި އިޖުތިމާއި ކަންކަން ރަނގަޅު ކޮށްގެން ކަމެވެ. އިންތިގާލީ އިންސާފު ގާއިމުކޮށް ރައްޔިތުންނަށް ލިބިދޭން ޖެހޭ ބަދަލު ދީ އިންސާފުގެ މަގު ކޮށައިގެނެވެ. ރައްކާތެރި، އަމާން މުޖުތަމައެއް ބިނާކުރެވޭނީ އަމަން ބެލެހެއްޓުމުގެ ނަމުގައި ކުރަމުން އަންނަ ބޮޑެތި ހަރަދުތައް އާއްމު ރައްޔިތުންގެ ތައުލީމާއި، ސިއްހީ ކަންކަމާއި، ހިޔާވަހިކަމާއި ވަޒީފާގެ އިތުރު ފުރުސަތުތައް ތަނަވަސް ކުރަން އިސްކަން ދީގެންނެވެ. ފުލުހުންގެ މުއައްސަސާގެ ބާރު އިތުރުކުރުމުގެ ބަދަލުގައި މުޖްތަމައުގައި ދިރިއުޅޭ ރައްޔިތުންގެ ބަސްބުނުމާއި ބައިވެރިވުން އެކުލެވޭނޭހެން ކޮމިއުނިޓީ ރީހެބިލިޓޭޝަން އަށް އިސްކަންދީގެނެވެ. ރައްޔިތުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްގެނެވެ.

މި ސަރުކާރުން ޖަލުތައް އިތުރުކުރަން ނިންމާފައިވާ ނިންމުން ބަދަލުކުރަން ޖެހެ އެވެ. އަހަރެން ދެކޭ ގޮތުގައި އަމާން ވެއްޓެއް ހޯދަން މުހިންމީ އިތުރު ބާރުތަކެއް ނޫނެވެ. ނުވަތަ އިތުރު ހަތިޔާރުތަކެއް ވެސް ނޫނެވެ. އެކަކު އަނެކަކަށް ރަހުމްކުރުމާއި ލޯތްބަކީ ދަނޑިމާރު އަޅައިގެން، ގަދަކަމުން އަނިޔާކޮށްގެން ހޯދޭ އެއްޗެއް ނޫނެވެ. އިތުބާރު ހޯދޭނީ އަނިޔާ ކުރުން ހުއްޓާލައި، ބާރުތައް މަދު ބަޔަކަ ކޮންޓްރޯލު ކުރުމުގެ ބަދަލުގައި، އާއްމުންގެ ކަންކަން ނިންމުމުގެ ބާރު އާއްމުންނަށް ލިބިގެނެވެ. މަސައްކަތްތެރިންނަށް ސިނާއަތްތަކުގެ ކޮންޓްރޯލު ލިބިގެންނެވެ.

އެޑިޓަރުގެ ނޯޓް:

އަހްމަދު މުހައްމަދު (ފޯމީ) އަކީ އިންސާނީ ހައްގުތައް ރައްކާތެރިކޮށް، އަދި ރައްޔިތުންނަށް އެކަންކަން ކަށަވަރުކޮށްދޭން ވަކާލާތުކުރައްވާ ފަރުދެކެވެ. އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން އިންސާނީ ހައްގުތަކުގެ ދާއިރާއިން މާސްޓާޒް ޑިގްރީ ނަންގަވާފައިވާ ފޯމީ ގެންދަވަނީ އެ ދާއިރާތަކުން އޭނާގެ ހިޔާލު މި ނޫހުގައި ލިއުއްވަމުންނެވެ.