ޚިޔާލު / ކޮލަމް ކޯދު

ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 3

.

ޑރ. އަބްދުލް ޣަފޫރު އަބްދުއްރަހީމް

27 އޮކްޓޯބަރ 2016 - 05:41

3 comments

(އޮކްޓޫބަރު 20، 2016ގެ އަދަދާ ގުޅޭ)

އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައި އެކުލެވިގެންވަނީ 1 ވަނަ އާޔަތުން ފެށިގެން 28 ވަނަ އާޔަތުގެ ނިޔަލަށެވެ. މިބައިގައި، އެންމެ ފުރަތަމަ ކީރިތި ޤުރްއާނުގެ މައިގަނޑު މައުޟޫއު ކަނޑައަޅާލެވިފައި ވެއެވެ. ކީރިތި ޤުރްއާންއަކީ އިލާހީ ހިދާޔަތުގެ ވާހަކަތައް ބަޔާން ކުރެވޭ ފޮތެއް ކަމުގަ އެވެ. އެއަށް ފަހު، މި ހިދާޔަތު، އާންމު ގޮތެއްގައި، އިންސާނުން ގަބޫލުކޮށް ބަލައިގަންނަ ގޮތުގެ މައްޗަށް ބެލެވި، މީސްތަކުން ތިން ބަޔަކަށް ބަހާލެވިފައި ވެއެވެ.

އެއްބަޔަކީ އިލާހީ ހިދާޔަތު ގަބޫލުކޮށް އެކަން ބަލައިގަންނަ މީހުންނެވެ. އަނެއްބަޔަކީ އެ ހިދާޔަތާ ދެކޮޅުހަދައި އެކަމަށް ފުރަގަސްދީ އިންކާރު ކުރާ މީހުންނެވެ. ތިން ވަނަ ބަޔަކީ މިދެބައިމީހުންގެ ދެމެދުގައި ހިމެނޭ ބަޔެކެވެ. ދެފުށް ދެގޮތް މުނާފިގުންނެވެ. ބައެއް ފަހަރު، އެމީހުންގެ ބޭރު ފުށުން، އިލާހީ ހިދާޔަތު ގަބޫލުކޮށް، ބަލައި ގަންނަ، މީހުންގެ ގޮތް ފެނެ އެވެ. އެހެން ނަމަވެސް އެމީހުންގެ ހިތުގެ އަޑީން އިލާހީ ހިދާޔަތުގެ މަގު ބަލައެއް ނުގަނެ އެވެ.

މި ތިން ބައި މީހުންގެ ވާހަކަ ބަޔާން ކުރުމަށް ފަހު، ކީރިތި ޤުރްއާނުގައި ހުށަހަޅާ ލެވޭ އިލާހީ ހިދާޔަތުގެ މަގަށް، މިބައިގައި، ދައުވަތު ދެވިފައިވެ އެވެ. އަދި ކީރިތި ޤުރްއާނުގައި އެކުލެވޭ ހިދާޔަތާ ބެހޭ ގޮތުން ޝައްކުކޮށް، އަރަބި މުޝްރިކުން ކުރިމަތި ކުރި ބައެއް ފާޑުކިޔުންތަކަށް ޖަވާބު ދެވިފައި ވެސް ވެ އެވެ. މީގެ އިތުރުން، ކީރިތި ޤުރުއާނުގެ ދައުވަތު ގަބޫލު ކުރާ މީހުންނަށް ހުރި ބާއްޖަވެރިކަމުގެ ވާހަކަ އާއި އަދި އެ ދައުވަތަށް ފުރަގަސްދީ އިންކާރު ކުރާ މީހުންނަށް ހުރި އަބާއްޖަވެރިކަމުގެ މައްޗަށް ވެސް، އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގައި، އިޝާރަތް ކުރެވިފައިވެ އެވެ.

.

އަލްބަޤަރާ ސޫރަތުގެ ދެވަނަ ބައި އެކުލެވިގެންވަނީ 29 ވަނަ އާޔަތުން ފެށިގެން 39 ވަނަ އާޔަތުގެ ނިޔަލަށެވެ. މިބައިގައި ބަޔާން ކުރެވިފައިވަނީ ކައުނާއި އަދި ކާއިނާތުތައް ޚަލްގު ކުރައްވައި ހެއްދުވުމުގެ ވާހަކަ އެވެ. އަދި އެއަށް ފަހު، އިންސާނުން ޚަލްޤުކޮށް ވުޖޫދަށް ގެންނެވުމުގެ ވާހަކަ އެވެ. ބުއްދި އާއި ވިސްނުމުގެ ބާރުގެ އަލީގައި ހެޔޮ ގޮތް ކަނޑައެޅުމުގެ އެކަށޭނަކަން ދެއްވައި، އާދަމްގެފާނާއި ހައްވާގެފާނުގެ ޚަލްގު ކުރައްވައި، އިންސާނުން ދުނިޔޭގައި ލެއްވުނު ގޮތުގެ ވާހަކަ އެވެ. މިބައިގައި އިޝާރަތް ކުރެވެނީ އިލާހީ ހިދާޔަތުގެ އަލީގެ ފެށުމަށެވެ. އިންސާނުން ދުނިޔޭގައި ދިރިއުޅެން ފެށުނީއްސުރެން، އެމީހުންނަށް ތެދުމަގުގެ ވާހަކަ ބަޔާންކޮށް ދެވިފައިވާ ކަމެވެ.

ތިން ވަނަ ބައި އެކުލެވިގެންވަނީ 40 ވަނ އާޔަތުން ފެށިގެން 141 ވަނަ އާޔަތަގެ ނިޔަލަށެވެ. މިބައިގައި ހުށަހަޅާލެވިފައި ވަނީ ތާރީޚީ ވާހަކަތަކެކެވެ. ބަނޫ އިސްރާއީލު ބާގައިގެ ތާރީޚުގެ ބައެއް ވާހަކަތަކެވެ. މާތްﷲ އެމީހުންނަށް ދެއްވި ނިއުމަތްތަކުގެ ވާހަކަ އެވެ. އިލާހީ ހިދާޔަތް އެމީހުންނަށް ދެވުނު ކަމާއި އަދި އެހިދާޔަތުގެ އަލީގެ ދަށުގައި އެމީހުންގެ ހަޔާތް ވޭތުކޮށް، އެހެން މީސްތަކުންނަށް އޮތް ނަމޫނާއަކަށްވުމުގެ ޝަރަފު ދެވި، މިމަތިވެރި ވާޖިބު، އެމީހުންނާ ހަވާލު ކުރެވުނު ކަމުގެ ވާހަކަ އެވެ. އަދި އެ ވާޖިބު އަދާ ކުރުމުގައި އެމީހުން އަމަލު ކުރި ގޮތާއި އޭގެ ނަތީޖާގެ މައްޗަށް ވެސް މިބައިގައި އަލިއަޅުވާލެވިފައި ވެ އެވެ.

މި ވާހަކަތައް ހުށަހަޅާލެވިފައިވަނީ ކީރިތި ރަސޫލާ މަދީނާ އަށް ހިޖުރަ ކުރައްވައި މަދީނާގައި އިސްލާމީ ދައުލަތެއް ބިނާކުރައްވައި، މަދީނާގައި ދިރިއުޅެމުން އައި ޔަހޫދީ ގަބީލާތަކާއި މުސްލިމުންނާ ދެމެދު ހަމަނުޖެހުމާއި ދެކޮޅުވެރިކަން އުފެދިގެން އައި ދުވަސްވަރެއްގަ އެވެ. އެގޮތުން، މިބައިގައި، މަދީނާގެ ބައެއް ޔަހޫދީންގެ އަމަލުތައް ހުރިގޮތުގެ މައްޗަށް ވެސް ބަލައިލެވިފައި ވެ އެވެ.

މިބައިން އިޝާރަތް ކުރެވެނީ އިލާހީ ހިދާޔަތުގެ ސިލްސިލާގެ ވަރަށް މުހިއްމު ބޮޅެއްގެ ވާހަކައެވެ. އިލާހީ ހިދާޔަތު، އިހުގައި އެބަޔަކަށް ދެވި، އެވާހަކައި ތަފްސީލީ ތާރީޚެއް މިއަދު އަޅުގަނޑުމެންގެ އަތްމަތީއޮތް، އެންމެ އިހުގެ މީހުންގެ ވާހަކަ އެވެ.

.

މި ވާހަކަތައް ހުށަހަޅާލުމުގައި މައިގަނޑު ދެބޭނުމެއް ވެ އެވެ. ފުރަތަމަ ބޭނުމަކީ، ދެންމެ އިޝާރާތްކޮށްލި ފަދައިން، މަދީނާގެ ޔަހޫދީ ގަބީލާތަކާއި މުސްލިމުންނާ ދެމެދު މައްސަލަ ޖެހި، ދެކޮޅުވެރިކަން އުފެދި، ހަނގުރާމަ ކުރުމާ ހިސާބަށް ގޮސްފައިވުމުން، މިކަމަށް ހައްލެއް ހޯދުމެވެ. ޔަހޫދީންގެ ދީނީ ތާރީޚަށް ނަޒަރު ހިންގާލައި، އެ މީހުންނަށް، މާތްﷲ ދެއްވި ނިއުމަތްތަކުގެ މަތީން ހަނދާންކޮށްދީ، އެމީހުންގެ ހިތްތައް މަޑުމޮޅިކޮށް، އިސްލާމީ ދައުވަތު ގަބޫލުކޮށް، މިދެންނެވި ދެކޮޅުވެރިކަމަށް ހައްލު ހޯދުމެވެ.

ދެ ވަނަ މަގުސަދަކީ، މުސްލިމުން، އެމީހުންގެ ތާރީޚުން ފިލާވަޅު ލިބިގަނެ، އިބުރަތް ހާސިލު ކުރުމެވެ. އިހުގެ އުއްމަތްތަކުގެ މީހުންނަށް އިލާހީ ހިދާޔަތް ދެވި، އެމީހުންނަށް ކުރެވި ދިޔަފަދަ ކުށްތަކުން އެއްކިބާވެ، ރަގަޅު ގޮތުގައި ހިފަހައްޓައިގެން ތިބުމަށް ބާރުއަޅައި ހިތްވަރު ދިނުމެވެ. އަދި ހަމަ އެހެންމެ، އިލާހީ ތެދުމަގު ބަޔަކަށް ދެވުމުގެ މާނައަކީ، އެބަޔަކީ މާތްﷲގެ ހަޟްރަތުގައި ޚާއްސަ ބަޔަކަށްވެ، އެމީހުންގެ އަމަލުތަކަށް ބެލުމެއްނެތި، އެމީހުންނަށް އިލާހީ ރުހުން ލިބިމުގެ އިޝާރަތެއްނޫން ކަމުގެ ފިލާވަޅުވެސް ލިބިގަތުމެވެ.

އަލްބަޤަރާ ސޫރަތުގެ ތިންވަނަ ބައި ހިމެނެނީ 142 އާޔަތުން ފެށިގެން 283 ގެ ނިޔަލަށެވެ. މިބައިގައި ވަނީ މުސްލިމުންނަށް ދެވިފައިވާ ހިދާޔަތުގެ ބައެއް ވާހަކަ ހުށަހަޅާލެވިފަ އެވެ. އަޅުކަމާ ބެހޭ ބައެއް ވާހަކަތަކާއި އަދި ބައެއް ދުނިޔަވީ ކަންކަމާ ބެހޭ ވާހަކަތައް ވެސް މެއެވެ. އިސްލާމީ ގިބުލައަކީ މައްކާގެ ކައުބަތުﷲ ކަން ކަނޑަ އެޅުމާއި، ނަމާދާއި، ރޯދައާއި، ޒަކާތާއި، ހައްޖާއި، އަދި ޖިހާދާއި ބެހޭ ބައެއް ވާހަކަތަކެވެ.

މީގެ އިތުރުން، ކައިވަންޏާއި ވަރި އާއި ތަރިކަ މުދަލާ ބެހޭ ބައެއް ވާހަކަތައް ވެސް މެއެވެ. އަދި ދަރަނީގެ މައްޗަށް ބިނާކޮށް ކުރެވޭ ވިޔާފާރީގެ މުއާމަލާތް ތަކާއި އަދި މިފަދަ މުއާމަލާތައް ކުރެވޭ ހިނދު ހެކިން ބޭތިއްބުމާއި ބެހޭ ބައެއް ވާހަކަތަކެވެ. އަދި ރިބާއާއި ގަނެވިއްކުމާއި ސަދަގާތުގެ ގޮތުގައި ހޭދަކުރުމާއި ބެހޭ ބައެއް ވާހަކަތައް ވެސް މެއެވެ.

.

މިހިސާބުން، މިހާތަނަށް ހުށަހަޅާލެވުނު، އަލްބަޤަރާ ސޫރަތުގެ ބައިތަށް ޚުލާސާކޮށްލައި، އޭގެ މައްޗަށް އަލުން ބަލައިލަމާތޯ އެވެ. އެންމެ ފުރަތަމަ 1 ވަނަ އާޔަތުން ފެށިގެން 28ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރެވިފައި އޮތީ ކީރިތި ޤުރްއާނަކީ ހިދާޔަތުގެ ފޮތެއް ކަމާއި އިލާހީ ހިދާޔަތު ބަލައިގަތުމުގައި މީހުން ބަހާލެވިފައިވާ ގޮތެވެ. ދެން 29 ވަނަ އާޔަތުން ފެށިގެން 39 ވަނަ އާޔަތުގެ ނިޔަލަށް އޮތީ ކާއިނާތުތައް ހެއްދެވުމުގެ ވާހަކައާއި، އެންމެ ފުރަތަމަ އިންސާނާ، އާދެ، އާދަމުގެފާނުންސުރެ ފެށިގެންވެސް، އިންސާނުންނަށް، އިލާހީ ހިދާޔަތު ދެވުނުކަމުގެ ވާހަކަ އެވެ.

ތިން ވަނައަށް، 40 ވަނަ އާޔަތުން ފެށިގެން 141 ވަނަ އާޔަތުގެ ނިޔަލަށް، އޮތީ އިލާހީ ހިދާޔަތު ވަރަށް މުހިއްމު މަރުހަލާއެއްގެ ވާހަކައެވެ. ބަނޫ އިސްރާއީލުގެ މީހުންނަށް ދެވުނު ހިދާޔަތު ވާހަކަ އާއި އެމީހުންނާ ބެހޭ ބައެއް ތާރީޚީ ވާހަކަތަކެވެ. ދެން 142ވަނަ އާޔަތުން ފެށިގެން 283 އޮތީ މުސްލިމުންނަށް ދެވިފައިވާ ހިދާޔަތުގެ ވާހަކައެވެ. އަޅުކަމާއި އަދި ބައެއް ދުނިޔަވީ ކަންކަމާ ބެހޭ ތައުލީމަތުގެ ވާހަކަ އެވެ.

ދެން އަލްބަޤަރާ ސޫރަތުގެ އެންމެ ފަހު ތިން އާޔަތް، 284 ވަނަ އާޔަތާއި 285 ވަނަ އާޔަތާއި އަދި 286 ވަނަ އާޔަތް ހިމެނެނީ ސޫރަތުގެ ޚާތިމާ އެވެ. އާދެ، ސޫރަތް ނިންމާލާ ނިންމާލުން ކަމުގަ އެވެ. މިޚާތިމާގެ ފުރަތަމަ ދެ އާޔަތުގައި އޮތީ، އިލާހީ ތެދުމަގުގެ ކުރިމަތީގައި، މުއުމިނުންގެ ގޮތަކީ ކޮބައިކަން ބަޔާން ކޮށްދެވިފަ އެވެ. އިލާހީ ތެދުމަގު އެ މީހުންގެ ކުރިމައްޗަށް ހުށަހަޅާލެވުމުން، އެމީހުންނަކީ އެކަން ގަބޫލުކޮށް ބަލައިގަންނަ ބައެވެ. އަދި އެއީ ހެޔޮގޮތްކަން އެނގި ވިސްނުމުން، އެގޮތުގައި ހިފަހައްޓައިގެން ތިބޭ ބައެއް ވެސް މެއެވެ.

ކީރިތި ޤުރްއާންގެ ޞަފްހާއެއް.

ދެން، އެންމެ ފަހު އާޔަތް، އާދެ، 286ވަނަ އާޔަތުގައި، އޮތީ މި ގޮތުގައި، އިލާހީ ތެދުމަގުގައި، ފައިތިލަ ސާބިތުކޮށް ތިބުމުގެ އެޔޮ ތައުފީގު ދެއްވުމަށް އެދި، މާތްﷲގެ ޙަޟްރަތުގައި ދެންނެވޭ ދުއާއެކެވެ. رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ،

'ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެނަށް، ހަނދާން ނެތިގެން ނުވަތަ ނޭނގިގެން، ކުރެވޭ ކުށްފާފަތަކަށް އަޅަމެނަށް އަދަބު ނުދެއްވާނދޭވެ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިސްވެ ދިޔަ (ބައެއް) އުއްމަތްތަކުގެ މީސްތަކުން އުފުލުމަށް ޖެއްސެވި ފަދަ ދަތި އުނދަގޫ ކަންތައްތައް، އަޅަމެން އުފުލުމަށް ނުޖައްސަވާފާނދޭވެ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެން އުފުލުމަށް ކުޅަދާނަވެގެން ނުވާވަރުގެ ކަންކަން އުފުލުމަށް، އަޅަމެނަށް، ނުޖައްސަވާނދޭވެ! އަދި އަޅަމެންގެ (ކުށްފާފަތައް) ފޮހެލައްވައިފާނދޭވެ! އަދި (އެފަދަ ކަންކަން ކުރެވިދިޔަ ކަމަށްޓަކައި) އަޅަމެނަށް މާފުދެއްވާފާނދޭވެ! އަދި އަޅަމެނަށް ރަހުމަތް ލައްވާނދޭވެ! އިނބަ ރަސްކަލާނގެއީ އަޅަމެންގެ ކަންތައް ބައްލަވާވޮޑިގެންވާ އަޅަމެންގެ ވެރިރަސްކަލާނގެއެވެ! ފަހެ، ހައްގުގޮތް އިންކާރުކުރާ މީހުންގެ މައްޗަށް، އަޅަމެނަށް، ނަސްރުދެއްވާފާނދޭވެ!'. އާދެ، އަލްބަޤަރާ ސޫރަތް ނިންމާލެވިފައިވަނީ މާނައިން ފުރިގެންވާ މިއަސަރުގަދަ ދުއާއިންނެވެ.

ދެން އަންނަ ހަލަގާއަކުން ފެށިގެން، އަލްބަޤަރާ ސޫރަތުގެ ވަށަރޮނގުގައި އެކުލެވޭ މިނަންގަތް ބައިތަކުގެ މައްޗަށް ތަފްސީލީ ގޮތެއްގައި ބަލައި ލެވޭތޯ މަސައްކަތް ކުރާނަމެވެ. މާތްﷲގެ ކިބަފުޅުން އެކަމަށް ތައުފީގު ދެއްވުމަށްއެދި ދުއާ ކުރަމެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.

3 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝިފާނާ

27 October 2016

ﷲ އަށް ޙަމްދުކުރަން. ލިޔުންތެރިޔާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

The name is already taken The name is available. Register?

މަލެ

27 October 2016

ވަރަށް ރަނގަޅު ގުރުއާނާއި ދިީނީ ހޭލުންތެރިކަމަށް ކުރެވޭ މަސަައްކަތެއް. ހެޔޮ މަންފާ ދެއްވާށި

The name is already taken The name is available. Register?

އިބުނި ޢަލީ!

27 October 2016

ޝުކުރިއްޔާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454