މި އަހަރުގެ ފިތުރު އީދު ނަމާދު އިސްލާމީ މަރުކަޒުގައި ކުރަނީ: މުސްލިމުންގެ އަޚްލާގީ މިންގަނޑު ހަރުދަނާ ކުރުމުގައި ނަމާދުތައް ވަރަށް މުހިންމު ދައުރެއް އަދާކުރޭ. .-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 އޮކްޓޯބަރ 2016 - 06:36
ބައެއް މީހުން ދެކޭ ގޮތުގައި އަޚްލާގަކީ ސާބިތު މިންގަނޑެއް އޮންނަ އެއްޗެއް ނޫނެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އަޚްލާޤީ މިންގަނޑުތައް ބިނާ ވެފައި ވާނީ އަޚްލާޤީ ހުކުމްތައް އަބަދުވެސް އެއްގޮތަކަށް އޮތުމުގެ މައްޗަށެވެ. އެހެންކަމުން އަޚްލާޤީ މިންގަނޑު ތަކާ މެދު އިސްލާމް ދީން ދެކޭ ގޮތަށް ބަލައިލުމަކީ މުހިންމު ކަމެކެވެ. އެއީ އިސްލާމީ އަޚްލާޤުގެ ތެރޭ ހިމެނޭ ކަންކަން އެއިން ބޭރު ނުކޮށް ހިފެހެއްޓުމަށާއި އޭގައި ނުހިމެނޭ ކަންކަން އެއަށް ނުވެއްދުމަށްޓަކަ އެވެ.
އިސްލާމީ ނަޒަރުން ބަލާއިރު އަޚްލާޤުގެ މިންގަނޑުތައް ބިނާވެފައި ވަނީ މައިގަނޑު ތިން އަސްލެއްގެ މައްޗަށެވެ. އޭގެ ތެރެއިން ފުރަތަމަ އަސްލަކީ ޝަރުޢީ އަސްލެވެ. އެބަހީ ޤުރުއާނުގައި ނުވަތަ ސުންނަތުގައިވާ ނައްޞަކުން ނުވަތަ ދަލީލަކުން، ކުރުމަށް ނުވަތަ ނުކުރުމަށް ތަކުލީފު ކުރެވިގެންވާ ކަންކަމެވެ. މި އަސްލަށް ބަލާއިރު އަޚްލާޤު ފަސް ބަޔަކަށް ބެހެއެވެ. ފުރަތަމަ ބަޔަކީ ޙަރާމް އަޚްލާޤު ތަކެވެ. އެއީ ޝަރީޢަތުގައި ޙަރާމް ކުރުމުގެ ގޮތުން ނަހީ ކޮށްފައިވާ އަޚްލާޤީ ކަންކަމެވެ. މިސާލަކަށް މައިންބަފައިންނަށް ނުކިޔަމަންތެރިވުން، ދޮގުހެދުން، އަނިޔާވެރިވުން ފަދަ ކަންކަމެވެ.
ދެ ވަނަ ބަޔަކީ މަކްރޫހަ އަޚުލާޤު ތަކެވެ. އެއީ ޝަރީޢަތުގައި މަކްރޫހަ ކުރުމުގެ ގޮތުން ނަހީ ކޮށްފައިވާ އަޚްލާޤީ ކަންކަމެވެ. މިބާވަތުގެ ކަންކަން ކުރުމުން އޭގެ މައްޗަށް ޢުޤޫބާތެއް ތަރުތީބު ވެފައި ނެތަސް މިކަންކަން ކުރުމަށް ވުރެ ނުކޮށް ދޫކޮށްލުން ހެޔޮ ވެގެންވާނެ އެވެ. މިސާލަކަށް މީހަކަށް އެއްޗެއް ދޭ އިރު ނުވަތަ އެއްޗެއް ލިބިގަންނަ އިރު ކަނާއަތް އިސް ކުރުމުގެ ބަދަލުގައި ވައަތް އިސް ކުރުމެވެ. ޝަރުޢީ އަސްލަށް ބަލާއިރު އަޚްލާޤުގެ ތިންވަނަ ބަޔަކީ ވާޖިބު އަޚްލާޤު ތަކެވެ. އެއީ ޝަރީޢަތުގައި ވާޖިބު ކުރުމުގެ ގޮތުން ކުރުމަށް އަމުރު ކޮށްފައިވާ އަޚްލާޤީ ކަންކަމެވެ. މިސާލަކަށް އަމާނާތްތެރިވުން، ވާޖިބުތައް އަދާ ކުރުމުގައި ކެތްތެރިވުން، ރަޙިމުގެ ގުޅުން ވާސިލު ކުރުން ފަދަ ކަންކަމެވެ.
ހަތަރު ވަނަ ބަޔަކީ މުސްތަޙައްބު އަޚްލާޤުތަކެވެ. އެއީ ޝަރީޢަތުގައި މުސްތަޙައްބު ކުރުމުގެ ގޮތުން ކުރުމަށް އަމުރު ކޮށްފައިވާ އަޚްލާޤީ ކަންކަމެވެ. މިބާވަތުގެ ކަންކަން ކުރުމުން އެއަށް ސަވާބު ލިބުނަސް މިކަންކަން ނުކޮށް ދޫކޮށްލުމުން އޭގެ މައްޗަށް ތަރުތީބުވާ ޢުޤޫބާތެއް ނޯންނާނެ އެވެ. މިސާލަކަށް ކާއިރު މޭޒުމަތީ ގައި ތިމާ އާ ގާތުގައި ހުންނަ ތަކެތިން ކެއުމާއި ކެއުމުގައި ކަނައަތް އިސްކުރުން ފަދަ ކަންކަމެވެ. ފަސްވަނަ ބަޔަކީ ހުއްދަ އަޚްލާޤުތަކެވެ.
އެއީ ޝަރީޢަތުގައި ކުރުމަށް އަމުރެއް އަދި ނުކުރުމަށް ނަހީއެއްވެސް އައިސްފައި ނުވާ އަޚްލާޤީ ކަންކަމެވެ. މިބާވަތުގެ ކަންކަމުގެ ތެރެއަށް ޙަރާމް ކަމެއް ނުވަތަ މަކްރޫހަ ކަމެއް ނުވަންނަ ނަމަ އެއީ އިސްލާމީ ނަޒަރުން ބަލާއިރު ހުއްދަ ކަންކަމެވެ. މިސާލަކަށް މެހުމާންދާރި އަދާ ކުރުން ނުވަތަ ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުން ފަދަ ކަންކަމުގައި ޝަރުޢީ ގޮތުން އަމުރެއް ނުވަތަ ނަހީ އެއް އައިސްފައި ނުވާ ކަންކަމުގެ ތެރެއިން ބައެއް ކަންކަން ރަނގަޅު ކަމަށް އަނެއްބައި ކަންކަން ނުރަނގަޅު ކަމަށް ބެލުމެވެ.
އަޚްލާޤީ މިންގަނޑުތައް ބިނާވެފައިވާ ދެވަނަ އަސްލަކީ ޢުރުފު (އާދަކާދަ) އެވެ. އެއީ ޝަރުއީ މިންގަނޑު ތަކުގެ ތެރެއިން ހުއްދަ އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން މީސްތަކުން ވަކި ގޮތަކަށް އެކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް އާދަވެ އަދި އެއީ ރިވެތި އަދަބެއް ކަމަށް ނުވަތަ ބޭ އަދަބީ ކަމެއް ކަމަށް ބަލައިގަތުމެވެ. މި އަސްލު ބިނާވެފައި ވަނީ ޝަރުއީ ދަލީލެއްގެ މައްޗަށެވެ. އެއީ (އީމާންތެރި ތެދުވެރި) މުސްލިމުން ރަނގަޅު ކަންކަމުގެ ގޮތުގައި ބަލައިގަންނަ ކަންކަން ﷲ ގެ ހަޒްރަތުގައި އެއީ ރަނގަޅު ކަންކަން ކަމަށާއި، އެމީހުން ނުރަނގަޅު ކަންކަމުގެ ގޮތުގައި ބަލައިގަންނަ ކަންކަން ﷲ ގެ ހަޒްރަތުގައި އެއީ ނުރަނގަޅު ކަންކަން ކަމަށް އިމާމް އަޙްމަދުގެ ކިބައިން ރިވާ ވެގެންވާ ހަދީސެވެ.
މި ބާވަތުގެ ކަންކަމަކީ ޝަރުއީ މިންގަނޑުން ބަލާއިރު ހުއްދަ ބައިގައި ހިމެނޭ ކަންކަން ކަމުގައި ވާނަމަ ޢުރުފުގައި އެކަން ބަލައިގަންނަ ގޮތް އެއީ އިސްލާމީ މިންގަނޑެވެ. މިސާލަކަށް ރައްޓެހިން ނުވަތަ ދަންނަ މީހުންނާ ބައްދަލުވުމުން ސަލާމް ކުރުމަށް ފަހު ސިއްހީ ހާލަތާ ބެހޭ ގޮތުން ނުވަތަ ކައިބޮއެ ހަދައިފިންތޯ ސުވާލު ކުރުމެވެ. ނުވަތަ އަވައްޓެރި އެއްގެ މެހުމާނަކަށް ހެޔޮކޮށް ހިތުމުގެ ނިޔަތުގައި އެ މެހުމާނަށް ދައުވަތު ދިނުމެވެ. ނަމަވެސް ހަމަ މިކަންކަން އެހެން ބައެއްގެ ޢުރުފު ގައި ތަފާތު އުޒުރުތައް ދައްކައި އެއީ ރަނގަޅު ނޫން ކަންކަން ކަމުގައި ވެދާނެ އެވެ. އިސްލާމީ ނަޒަރުން ބަލާއިރު މި ދެގޮތް ވެސް މައްސަލައެއް ނެތެވެ.
ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުން ބަޔަކު ނުކުންނަނީ: މުސްލިމުންނަކީ ކޮންމެ ހާލަތެއްގައި ވެސް އަޚުލާގީ ވަކި މިންގަނޑެއް ހިފަހައްޓަންޖެހޭ ބައެއް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނަމަވެސް ޢުރުފުގެ މިންގަނޑުން ކަނޑައަޅާ ރަނގަޅު އަޚުލާޤަށް ތަބާވުމާއި ނުރަނގަޅު އަޚްލާޤު ދޫކޮށްލުން އެއީ ލާޒިމު ކަމެއް ނޫންކަމެވެ. އަދި ޢުރުފީ އަޚްލާޤަށް ތަބާވުމުގައި ގައިދުތަކެއް ވެސް އޮންނަން ޖެހެއެވެ. އެއީ ޢުރުފުގެ ނަމުގައި އިސްލާމީ އަޚްލާޤުގެ ތެރެއަށް ވަދެގެން ނުވާނެ ކަންކަން ވަދެގެން ގޮސްދާނެތީ އެވެ. މިގޮތުން ޢުރުފުގެ މިންގަނޑުން ކަނޑައަޅާ އަޚްލާޤަކީ އީމާންތެރި ތެދުވެރި ގިނަ މުސްލިމުން ތަބާވާ ކަމަކަށް ވުމާއި، މާޒީވެ ގޮސްފައިވާ އާދައަކަށް ނުވުމާއި، ޝަރުއީ އެއްވެސް ނައްސަކާ ތައާރުޒު ވުމެއް ނެތް ކަމެއް ކަމުގައި ވުމާއި، އެ ޢުރުފާ އިދިކޮޅަށް ދެއްކޭނެ ހުއްޖަތެއް ނެތް ކަމެއް ކަމުގައި ވާން ޖެހޭނެ އެވެ.
އަޚްލާޤީ މިންގަނޑުތައް ބިނާވެފައިވާ ތިންވަނަ އަސްލަކީ އިންސާނީ ފިޠުރަތެވެ. އެބަހީ ތެދުވެރި މުސްލިމެއްގެ ނަފްސުގެ އިހުސާސް ތަކެވެ. މި އަސްލަކީ ވެސް ޝަރުއީ ދަލީލެއްގެ މައްޗަށް ބިނާވެފައިވާ އަސްލެކެވެ. ހަދީސެއްގެ މާނައިގައި ވެއެވެ. "ހެޔޮކަމަކީ ރިވެތި ޚުލުޤެވެ. ފާފަ އަކީ ނަފްސު އެކަމަށް ޖެހިލުންވެ މީސްތަކުންނަށް އެކަން ފެނުމަށް ނުރުހޭ ކަންކަމެވެ." (މުސްލިމް). މި މާނަ ދޭހަވާ އެހެން ހަދީސެއްގައި އަޞްޙާބު ބޭކަލަކު ހެޔޮކަންތަކާއި ފާފަ އާ ބެހޭ ގޮތުން ސުވާލު ކުރެއްވުމުން ހަދީސް ކުރެއްވީ "ތިބާގެ ހިތާ ސުވާލު ކޮށްގެން ފަތުވާ ހޯދާށޭ" އެވެ. (އަޙުމަދު)
މި ދެ ހަދީސަށް ބަލާއިރު އެނގިގެންދާ ކަމަކީ ޝަރުޢީ ނައްސެއް ނެތް ކަމެއްގައި ނުވަތަ ޝަރުޢީ ޙުކުމް ދެނެގަނެވޭނެ މަގެއް ނެތް ހާލަތެއްގައި އަމިއްލަ ނަފްސަށް ނިންމާ ގޮތް އެއީ އިސްލާމީ ނަޒަރުން ބަލާއިރު ރަނގަޅު ގޮތް ކަމެވެ.
ނަމަވެސް މިތަނުގައި ވެސް ހަނދާން ކޮށްލަން ޖެހެނީ ހަވާ ނަފްސަށް ތަބާވެ އަމިއްލަ އަށް މި ގޮތް ރަނގަޅޭ މިގޮތް ގޯހޭ ބުނެގެން ނުވާނެ ކަމެވެ. ޝަރުޢީ ހުކުމްތަކަށް ބޯލަނބާ މީހަކަށް ތިމާ ވުމާ އެކު ހަދީސުން އެ ސާބިތުވާ ދެ ޝަރުތު އޭގައި ހިފަހައްޓަން ޖެހޭނެ ކަމެވެ. އެއީ ރަނގަޅު ނަމަ ހިތަށް ހަމަޖެހުން ލިބުމެވެ. ނުރަނގަޅު ނަމަ އެކަމަކަށް ޖެހިލުން ވުމާއި މީސްތަކުންނަށް އެކަމެއް ނުފެނުމަށް އެދުމެވެ. މި ދެމިންގަނޑުގައި ހިފަހައްޓައިގެން ތެދުވެރި މުސްލިމަކު ނިންމާ ނިންމުން އެއީ އިސްލާމީ ނަޒަރުން ބަލާއިރު ރަނގަޅު ނުވަތަ ނުރަނގަޅު އަޚުލާޤެވެ.
ވީމާ އިސްލާމީ ނަޒަރުން ބަލާއިރު ރަނގަޅު އަޚްލާޤާއި ނުރަނގަޅު އަޚްލާޤު ކަނޑައެޅުމުގައި ގިނަ ކަންކަމަކީ ސާބިތުކަމާ އެކު އަބަދުވެސް އެއް ގޮތެއްގެ މަތީ ދެމިއޮންނަ ކަންކަމެވެ. އެއީ ޝަރުޢީ މިންގަނޑުގެ ތެރެއިން ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދުމެއް ނެތި އެނގެން ހުރި އަޚްލާޤީ ކަންކަމެވެ. ނަމަވެސް ހަމަ މިއާ އެކު ޢިލްމުވެރިންގެ ދޭހަވުން ތަފާތު ވުމާއި މީސްތަކުންގެ ޢުރުފު ތަފާތު ވުމާއި ވަކިވަކި ފަރުދުންގެ އިޙުސާސްތައް ތަފާތު ވުމުން ތަފާތުވާ އަޚްލާޤި ކަންކަން ވެސް އިސްލާމް ދީނުގައި ވެއެވެ. ރަނގަޅު ނުރަނގަޅު ކަނޑައެޅުމުގައި މި މިންގަނޑު ތަކަށް މުސްލިމުން ސަމާލުވުން މުހިންމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy