މާލޭގައި ބަޔަކު މާސްކު އަޅައިގެން: ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން އެންމެން މާސްކު އެޅުމުގެ މުހިއްމުކަން ގިނަ ދިރާސާތަކަކުން ކަށަވަރުވާ އިރު މާލެ ފަދަ ބައިބޯ ކުޑަ ތަނެއްގައި އަބަދުވެސް ރަނގަޅަށް މާސްކު އަޅައިގެން އުޅުން ބޭނުންތެރި. ފޮޓޯ: ނިޝާން އަލީ/ މިހާރު
29 ޖުލައި 2020 - 12:17
ކޮވިޑް-19 އިން ރައްކާތެރިވުމުގެ މައިގަނޑު ފިޔަވަޅެއްގެ ގޮތުން މާސްކު އަޅަން ކިތަންމެ ގިނަ އިރުޝާދުތަކެއް ދިނަސް މާސްކާ މެދު ދިވެހިންގެ މާ ބޮޑު ސީރިއަސް ކަމެއް އޮތް ތަނެއް ނުފެނެ އެވެ. ފަހަރުގައި މަދުވަނީ މަޖުބޫރުކަމެވެ.
މާސްކަށް ރާއްޖޭގައި މިހާރު ކަނޑައަޅާފައި އޮތީ ހަމަޖެހޭ އުސޫލެއް ކަމަށް ގަބޫލުކުރެވެ އެވެ. އެއީ، އެކަކު ގައިން އަނެކަކު ގަޔަށް ބަލި އެރުމުގެ ނުރައްކާ ބޮޑު ތަންތަނާއި ހާލަތްތަކަށް އިސްކަންދީގެން، ބައެއް ތަންތަނުގައި މާސްކު އެޅުން މަޖުބޫރުކުރުމާއި ބާކީ ވަގުތުތަކުގައި ވެސް މާސްކު އަޅަން އިރުޝާދުދީ އެކަމަކު އެއީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ބޭއްވުމެވެ. މާސްކު އަޅައިގެން އުޅުމުގެ އުނދަގުލާއި ރައްކާތެރިކަން ހޯދުމުގެ މުހިއްމުކަން އާއްމުންނަށް ބެލެންސްކޮށްދޭން ބޭނުންވާ، ދުނިޔޭގެ އެހެން ބައެއް ސަރުކާރުތަކުން ވެސް މި އުސޫލު ގެންގުޅެ އެވެ. އެކަމަކު މާސްކު އެޅުމުގެ ބޭނުންތެރިކަން ބޮޑަށް ކަށަވަރުވަމުންދާ އިރު، އެފަދަ ބައެއް ގައުމުތަކުގައި ވެސް ބައެއް މާހިރުންނާއި އާއްމުން ދަނީ މާސްކު މަޖުބޫރުކުރަން ގޮވާލަމުންނެވެ. ގިނަ އަދަދެއްގެ ގައުމުތަކުން މިހާރު ވެސް ވަނީ ގެއިން ބޭރަށް ނުކުންނަ ނަމަ ހުރިހާ އިރަކު މާސްކު އަޅައިގެން އުޅުން މަޖުބޫރުކޮށްފަ އެވެ.
މާލޭގައި ކޮވިޑް ކޮންޓްރޯލްވެފައި އޮވެފައި ލޮކްޑައުން ދޫކޮށްލުމުން އަނެއްކާވެސް މި އޮތީ ބާރަށް ބަލި ފެތުރެން ފަށައިފަ އެވެ. މުޅި ބަލިމަޑުކަމުގެ ތެރޭގައި ދެވަނަ އަށް އެންމެ ގިނައިން އާ ކޭސް ފެނުނު ދުވަސް އިއްޔެ މި އައީ ނުހަނު ބޮޑަށް ބަލައިގެން އުޅެން ޖެހޭ އާ ހާލަތުގަ އެވެ.
މި ވަގުތު ސަރުކާރުގެ އަމާޒު ހުރީ ލޮކްޑައުންއެއްގެ އުނދަގޫތަކަށް އެނބުރި ދާން ނުޖެހޭނެ ގޮތް ހޯދާށެވެ. އެކަން ބިނާވެގެން ވަނީ ރައްކާތެރިކަމަށް އާއްމުން ސަމާލުކަން ދޭ މިންވަރެއްގެ މައްޗަށެވެ. މާސްކަކީ އޭގެ ވަރަށް މުހިއްމު ބައެކެވެ. އެކަމަކު މާސްކު އަޅަން އިރުޝާދު ދީ، ހޭލުންތެރިކުރުމުގެ މެސެޖުތައް އަބަދު ދޭ އިރު ވެސް، މާސްކާ މެދު ފަރުވާކުޑަކުރުން އޮތީ އާއްމުވެފަ އެވެ. އެކަން ބަދަލުވާން އެބަ ޖެހެ އެވެ.
ލޮކްޑައުން އުވާލުމުން ކޮވިޑް ކޭސްތައް އަނެއްކާވެސް ދަނީ އިތުރުވަމުންނެވެ. ލޮކްޑައުންގެ ހިފެހެއްޓުންތައް ބޮޑަށް ދޫކޮށްލިތާ ދެ ހަފްތާ ފަހުން، ދުވާލަކު ފެންނަ އާ ކޭސްތައް އިތުރުވާން ފެށި އެވެ. މިހާރު ދުވާލެއްގެ ކޭސްތައް އިންތިހާ އަށް ގިނަވުމުގެ އިތުރުން ހަތް ދުވަހުގެ ރޯލިން އެވްރެޖު ވެސް ދަނީ މައްޗަށެވެ. ފިކުރު ބޮޑުވާން ޖެހޭ މިންވަރަށް ކޭސްތައް އިތުރުވަމުންދާ ކަމަށް އާދީއްތަދުވަހު އެޗްޕީއޭ އިން ވެސް ބުނެފައިވެ އެވެ.
COVID-19: Case thah 3,000 ah eri iru Dhivehin dhanee ithuruvamun, maruvaa rate machchah
The most trusted news source in the Maldives
Mihaaru
ރާއްޖޭގެ ކޭސްތައް 3،000 އަށް އެރި އިރު ކޮވިޑްގެ ހާލަތު
ހާލު ދެރަވާ މީހުން ގިނަވެ، ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެގެން ގޮސް ފަރުވާ ނުދެވިދާނެތީ ވެސް މި ދަނޑިވަޅުގައި ހާސްވާން އެބަ ޖެހެ އެވެ. ޒުވާން ބިދޭސީ އާބާދީ އަށް ވުރެ ބޮޑަށް މި ވަގުތު ބަލި ފެތުރެމުންދަނީ، އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކުގެ މީހުން ވެސް ހިމެނޭ، ދިވެހި އާބާދީގެ ތެރޭގަ އެވެ. މާނައަކީ ބަލީގެ ނުރައްކާ ބޮޑު މީހުން ބައްޔަށް ހުށަހެޅުން އިތުރުވެފައިވުމެވެ. ބައްޔަށް ނާޒުކު މީހުން ހާލު ބޮޑު ނޫނަސް އެޑްމިޓްކުރާތީ، ހޮސްޕިޓަލުގައި އެޑްމިޓްކުރާ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
މިފަދަ ދަނޑިވަޅެއްގައި މާސްކުގެ ބޭނުންތެރިކަން ވަކިން ބޮޑެވެ. ވީހާ ވެސް ގިނަ ބަޔަކު މާސްކު އެޅުމުން (އެއީ އާދައިގެ ފޮތި މާސްކު ކަމަށް ވިޔަސް) ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްދޭ ކަމުގެ ހެކި ބޭރުގެ ގިނަ ދިރާސާތަކަކުން ވަނީ ލިބިފަ އެވެ.
އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި މާސްކު އެޅުން މަޖުބޫރުކުރި ފަހުން، ދުވާލަކު ޕޮޒިޓިވްވާ ކޭސްތައް އިތުރުވާ ރޭޓު ދަށަށް ދިޔަކަން ދިރާސާއަކުން އެނގިފައިވެ އެވެ. "ހެލްތު އެފެއާޒް" ޖާނަލްގައި ޖޫން 16ގައި ޝާއިއުކޮށްފައިވާ އެ ދިރާސާ އިން އެނގުނު ގޮތުގައި މަޖުބޫރުކުރިތާ ފަސް ދުވަސް ތެރޭ، އެ ރޭޓަށް، އޭގެ ކުރީ ފަސް ދުވަހާ އަޅާބަލާ އިރު، 0.9 ޕަސެންޓުގެ ލަސްވުމެއް އަ އެވެ. އަދި މާސްކު މަޖުބޫރުކުރިތާ ތިން ހަފްތާ ފަހުން އެ ލަސްވުން ދެ ޕަސެންޓަށް ބަދަލުވި އެވެ.
އެކި ގައުމުތަކުގެ ގިނަ ދިރާސާތަކަކަށް ބިނާކޮށް ދަ ލެންސެޓް ޖާނަލްގައި މިދިޔަ މަހު ޝާއިއުކުރި ބައިނަލްއަގުވާމީ ރިޕޯޓެއްގައިވާ ގޮތުން މާސްކު އެޅުމުން ކޮވިޑްގެ ނުރައްކާ ތިން ފަސެންޓަށް ކުޑަވެ އެވެ.
ބޭރު ތެރޭގައި އުޅޭ އިރު އެންމެން މާސްކު އަޅަން ފަށައިފި ނަމަ އެމެރިކާގައި ކޮވިޑްގެ ވައިރަސް، ހަތަރު ހަފްތާ އާއި އަށް ހަފްތާއާ ދެމެދުގެ ތެރޭ ކޮންޓްރޯލްވާނެ ކަމަށް ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ޑިރެކްޓަރު ރޮބަޓް ރެޑްފީލްޑް މިފަހުން ވިދާޅުވެފައިވެ އެވެ.
ކެމްބްރިޖް ޔުނިވަސިޓީގެ ދިރާސާއެއް ބުނާ ގޮތުން، ގައި ދުރުކުރުމާއި ހިފެހެއްޓުންތަކާ އެކު އާބާދީގެ އެންމެން މާސްކު އަޅައިފި ނަމަ ކޮވިޑްގެ ދެވަނަ ރާޅެއް އައުން ވެސް ހުއްޓުވިދާނެ އެވެ. ގޭގައި ތައްޔާރުކުރާ އާދައިގެ މާސްކުން ވެސް، ބޮޑު ބަދަލެއް ގެނެސްދޭނެ ކަމަށް އެ ދިރާސާ ހެދި ކެމްބްރިޖްގެ މާހިރުން ބުނެ އެވެ.
އެމެރިކާގެ ސެލޫނެއްގައި، ކޮވިޑް ޖެހި ބަލީގެ އަލާމާތްތައް ވެސް ހުރި ދެ ސްޓައިލިސްޓަކު 139 މީހަކަށް ހިދުމަތްދިން އިރު ވެސް އެހެން މީހެއްގެ ގަޔަށް ބަލި ނޭރީ އެންމެން ވެސް މާސްކު އަޅައިގެން ތިބީމާކަން ވަނީ ފާހަގަކުރެވިފަ އެވެ. އޭގެ ތެރޭގައި ފޮތި މާސްކު ބޭނުންކުރި މީހުން ވެސް ހިމެނެ އެވެ.
ކޮވިޑް ފެނުނުތާ ކުރީކޮޅު ބަލި ޖެހި، ހިކި ކެއްސުމެއް ހުއްޓާ މާސްކު އަޅައިގެން ޗައިނާ އިން ކެނެޑާގެ ޓޮރޮންޓޯ އަށް ދަތުރުކުރި މީހެއްގެ ކޭސް ވެސް ޖާނަލްއެއްގައި ޝާއިއުކޮށްފައިވެ އެވެ. މަތިންދާބޯޓުގައި އޭނާއާ އެންމެ ގާތުގައި ތިބި 25 މީހުން ޓެސްޓުކުރި އިރު ވަނީ ކޮވިޑަށް ނެގެޓިވް ވެފަ އެވެ.
ކޮވިޑްގެ ވައިރަސް ގައިން ގަޔަށް އެރުމުގައި، މާސްކު އެޅުމާއި ނޭޅުން ތަފާތުވާނެ ގޮތް ރަމްޒުކޮށްދޭ ބެކްޓީރިއާ އެކްސްޕެރިމެންޓެއް މައިކްރޮބަޔޮލޮޖިސްޓަކު އާއްމުކޮށްފައިވެ އެވެ. މާސްކު ނާޅާ ވާހަކަދައްކައި ކެއްސާ، ކިނބިހިއަޅައި ލަވަކިޔައި ހެދި އިރު ތިކިތައް ހުރީ ވަރަށް ބޮޑަށް ބުރައިގެން ގޮސްފަ އެވެ. އެކަމަކު މާސްކު އަޅައިގެން އެ ހުރިހާ ކަމެއް ކުރި އިރު ގާތްގަނޑަކަށް ހުރިހާ ތިކިތަކެއްހެން ހުރީ ހިފެހެއްޓިފަ އެވެ.
What does a mask do? Blocks respiratory droplets coming from your mouth and throat.
— Rich Davis, PhD, D(ABMM), MLS 🦠🔬🧫 (@richdavisphd) June 26, 2020
Two simple demos:
First, I sneezed, sang, talked & coughed toward an agar culture plate with or without a mask. Bacteria colonies show where droplets landed. A mask blocks virtually all of them. pic.twitter.com/ETUD9DFmgU
ތިކިތައް ބުރައިގެން ދިޔުން ހުއްޓުވުމުގައި މާސްކު އަދާކުރާ ދައުރު ރަމްޒުކޮށްދޭ އެކްސްޕެރިމެންޓެއް
ޑަބްލިޔުއެޗްއޯ އިން މިހާތަނަށް ކަނޑައަޅާފައި ވަނީ ކޮވިޑް-19ގެ ވައިރަސް މައިގަނޑު ގޮތެއްގައި ފެތުރެނީ ވާހަކަދައްކާ އިރު އާއި ކެއްސާ ކިނބިހި އަޅާ އިރު ނޭފަތާއި އަނގައިން ބުރައިގެންދާ ތިކިތަކުން ނުވަތަ ވައިރަސް ހުރި އެއްޗެއް ނުވަތަ ތަނެއްގައި އަތްލެވުމަށް ފަހު މޫނުގައި އަތްލުމުން ކަމެވެ. އެހެންކަމަށްވާ ނަމަ، މި ވައިރަހުން ރައްކާތެރިކޮށްދިނުމުގައި މާސްކުގެ ދައުރަކީ ބުރައިގެންދާ ތިކިތައް ހިފަހައްޓައިދިނުމެވެ. އެގޮތުން ބަލާ އިރު މާސްކު އެޅުމުގެ ފައިދާ ބޮޑަށް އޮތީ އަނެއް މީހާއަށެވެ. މާނައަކީ، މާސްކު ވާނީ ބަލި ޖެހިފައި ހުންނަ މީހާގެ ފަރާތުން ދެން ތިބޭ މީހުންނަށް ލިބޭ ރައްކާތެރިކަމަކަށެވެ.
އެކަމަކު ބައެއް މާހިރުން ބުނަމުންދާ ގޮތަށް، ވައިގެ ތެރޭގައި ވެސް މި ވައިރަސް އެކަށީގެންވާ މިންވަރަކަށް ހުރެ އޭގެ ސަބަބުން ބަލި ފެތުރޭ ނަމަ، އަމިއްލަ ރައްކާތެރިކަމުގެ ނަޒަރުން ވެސް މާސްކުގެ މުހިއްމުކަން ބޮޑުވާނެ އެވެ. ވައިގެ ތެރެއިން ވެސް ބަލި ފެތުރޭ ކަމުގެ ހެކި ހުރުމުން ޑަބްލިޔުއެޗްއޯގެ ވިސްނުން ބަދަލުކުރަން ގޮވާލައި 32 ގައުމެއްގެ 239 ސައިންސްވެރިޔަކު ޑަބްލިޔުއެޗްއޯ އަށް ސިޓީއެއް ވަނީ ފޮނުވައިފަ އެވެ.
މާސްކު އެޅުމުގެ އެކި ސިނާރިއޯތަކުގެ ތެރެއިން، ދެ މީހެއްގެ ދެމެދުގައި ބަލި ފެތުރުމުގެ ނުރައްކާ އެންމެ ކުޑަވަނީ ދެ މީހުން ވެސް މާސްކު އަޅައިގެން ތިބީމަ އެވެ. އެހެންކަމުން ބަލި ކޮންޓްރޯލްކުރުމުގައި މާސްކުން ބޮޑު ނަތީޖާއެއް ނެރެން، ވީހާ ވެސް ގިނަ ބަޔަކު މާސްކު އަޅަން ޖެހެ އެވެ. އެއީ ގޭގައި ތައްޔާރުކުރާ ފޮތި މާސްކު ކަމަށް ވިޔަސް ފުދޭނެ އެވެ.
މާސްކު ނާޅަން ހިތްވަރުދީ ޑަބްލިޔުއެޗްއޯ ފަދަ މުއައްސަސާތަކާއި މާހިރުން ކުރިން ދެއްކި ވާހަކަ ބަދަލުކުރި މައިގަނޑު އެއް ސަބަބަކީ، ބަލީގެ އަލާމާތެއް ނެތް މީހުންގެ ފުށުން ވެސް ކޮވިޑް ފެތުރޭކަން ޔަގީންވުމެވެ. އަލާމާތެއް ނުފެންނަންޏާ އެކަހެރިވުމާއި ކަަރަންޓީނުވުމުގެ ފުރުސަތު ކުޑަވާނެ އެވެ. މާނައަކީ ބަލި ޖެހިފައި ހުއްޓަސް، އެކަން ނޭނގި، މީހުންގެ ތެރެއަށް ނުކުމެ އުޅުމާއި ތިމާގެ ފަރާތުން ބަލި ފެތުރިދާނެތީ އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން އެތައް ބަޔަކަށް ބަލި ޖެހުމުގެ ނުރައްކާ ބޮޑުވުމެވެ. މާސްކު އެޅުމުން އެ ނުރައްކާ ކުޑަވެ އެވެ.
ކޮވިޑް ޖެހުނަސް އަލާމާތެއް ތަޖުރިބާ ނުކުރާ މީހުން ގިނަ އެވެ. އެޗްޕީއޭ އިން އާދީއްތަދުވަހުގެ ނިއުސް ކޮންފަރެންސްގައި ބުނިގޮތުގައި ރާއްޖޭގެ ކޮވިޑް ކޭސްތަކުގެ 46 ޕަސެންޓަކީ އަލާމާތެއް ނެތް މީހުންނެވެ. މިއީ، ބަލި ޖެހިފައި ހުރިކަން ނޭނގޭ އެތައް ބަޔަކު މުޖުތަމައު ތެރޭގައި އުޅޭނެ ކަމުގެ ހެއްކެކެވެ.
މާސްކު އެޅުން މަޖުބޫރުކުރަންވާނީ ހުރިހާ ވަގުތަކު އަނގަ އާއި ނޭފަތް ނިވާކޮށްފައި ބަހައްޓަން ޖެހޭ ގޮތަށެވެ.
މާލޭގައި މާސްކު އެއްގޮތަކަށް ވެސް ނޭޅުމަށް ވުރެ ބޮޑު މައްސަލައަކީ އެ އަޅަން ޖެހޭ ގޮތާ ހިލާފުވުމެވެ. އާއްމުކޮށް މީހުން އުޅޭ ތަން ފެންނަނީ މާސްކުގެ ބޭނުން ކެނޑިގެންދާ ގޮތްގޮތަށެވެ؛ ނޭފަތާއި އަނގަ ނިވާކުރަން އަޅަން ޖެހޭ މާސްކު ގިނަ ވަގުތު ދަތްދޮޅީގައި ހުރެދާނެ އެވެ. ވާހަކަ ދައްކަންވީމާ މާސްކު ތިރިކޮށްލަފާނެ އެވެ.
ލޮކްޑައުން ދޫކޮށްލައި އާ ހާލަތަށް ނުކުތް ފަހުން އާއްމުކޮށް ފެންނަމުންދާ މިފަދަ މަންޒަރުތަކާ ދޭތެރޭ އެޗްޕީއޭގެ ކަންބޮޑުވުން ހުރި މިންވަރު ނިއުސް ކޮންފަރެންސްތަކުން ތަކުރާރުކޮށް އިވެ އެވެ. މާސްކު އެޅުމަކީ ގައި ދުރުކުރުމާއި އަތް ދޮވުންހާ މުހިއްމު ކަމެއްގެ ގޮތުގައި މާހިރުން އެބަ ފާހަގަކުރެ އެވެ. އެކަމަކު ވެސް މަގުމައްޗާއި ރަސްމީ ބައްދަލުވުންތަކާއި އޮފިޝަލުން ނޫސްވެރިންނާ ވާހަކަދެއްކުމާއި ގިނަ ބަޔަކު އެއްވެ ތިބޭ ބައެއް މުޒާހަރާތަކުގެ ފޮޓޯތަކުން ވެސް ފެންނަނީ ފަރުވާކުޑަ ކަމެވެ. ހޭލުންތެރިކުރުމުގެ މެސެޖުތަކުން ނަތީޖާއެއް ނުފެންނަކަން އެބަ އެނގެ އެވެ.
މާސްކު މަޖުބޫރުކޮށްގެން މި މައްސަލަ ހައްލުވާނެ ހެއްޔެވެ؟ މުޅިއަކުން ނުވާނެ އެވެ. އަމުދުން، އެ ގަވާއިދު ތަންފީޒުކުރަން ކަމެއް ނުކުރާ ނަމަ، (ތަންފީޒުކުރަން ވަރަށް އުނދަގޫ ވެސް ވާނެ) މަޖުބޫރުކުރުން ފަނުފުލުން ދިޔުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަމަކު މަޖުބޫރުކުރީމާ ދެވޭ މެސެޖު ތަފާތެވެ. ކަމުގެ ސީރިއަސްކަން ބޮޑުވެ އެވެ. އެ ވާނީ ބޯލަނބަން އެޅޭ ވަރަށް ބޮޑު ބާރަކަށެވެ.
އަނެއް ކަމަކީ، ވަކި ކަމެއްގައި އުޅޭ އިރު ނުވަތަ ވަކި ތަނެއްގައި މާސްކު އެޅުން މަޖުބޫރުވެފައި އާއްމުކޮށް މަގުމަތީގައި އުޅޭ އިރު މާސްކު އަޅަން ކޮންމެހެން ނުޖެހުމަކީ، އެއްގޮތަކުން ބަލާ އިރު، މާސްކުގެ މުހިއްމުކަމާ މެދު ލިބޭ ތަފާތު ދެ މެސެޖެކެވެ. ހުރިހާ އިރަކު ވެސް އެއްގޮތަކަށް އުޅެން މަޖުބޫރުކުރީމާ މެސެޖު އެ ދަނީ އެއްގޮތްވެގެންނެވެ. އޭރުން މާސްކުގެ މުހިއްމުކަން ނަގައިގަނެ އަމަލުކުރަން ފަހަރުގައި މިހާރަށް ވުރެ ފަސޭހަ ވާނެ އެވެ.
Are you going out?
— Health Protection Agency (@HPA_MV) June 19, 2020
Remember to wear a Mask!#StayHome #SaveLives pic.twitter.com/JNV9G83b8R
އެޗްޕީއޭގެ އިރުޝާދު: މާސްކު އަޅާ އިރު ނުކުރަންވީ ކަންކަން
މާސްކު އެޅުން އާއްމުކޮށް މަޖުބޫރުކުރުމުގެ ވިސްނުމެއް ހެލްތު މިނިސްޓްރީގެ އަދި ނެތް އެއް ސަބަބަކީ ހުރިހާ އިރަކު އެންމެން އުޅެނީ މާސްކު އަޅައިގެންތޯ ބަލައި ގަވާއިދާ ހިލާފުވާ އެންމެން ހޯދައި ފިޔަވަޅު އެޅުން އުނދަގޫވާނެތީ އެވެ. އެއީ ގަބޫލުކުރެވޭ އުޒުރެކެވެ. އެކަމަކު މިހާރު މާސްކު މަޖުބޫރުކޮށްފައި ހުރި ތަންތަނުގައި އެކަން ތަންފީޒުކުރަނީ ވެސް، މިސާލަކަށް ފުލުހުންނެއް ނޫނެވެ. ތަންފީޒުކުރުން އޮތީ އެ ތަނެއްގެ ޒިންމާ އޮތް ފަރާތްތަކަށް ދޫކޮށްލައިފަ އެވެ. މިސާލަކަށް، ފިހާރަތަކާއި ސެލޫން ފަދަ ތަންތަނަށް ވަންނަނީ މާސްކު އަޅައިގެންތޯ ބަލާނީ އެ ވިޔަފާރިތައް ހިންގާ ފަރާތްތަކުންނެވެ. ސްކޫލުތަކުގައި މާސްކުގެ ގަވާއިދަށް އަމަލުކުރޭތޯ ބަލާނީ ސްކޫލުގެ މެނޭޖްމެންޓާއި ޓީޗަރުންނެވެ.
މަގުމައްޗާއި ބޭރުތެރެއަކީ ވިޔަފާރިތަކެކޭ އެއްގޮތަށް ޒިންމާ އުފުލާނެ ބަޔަކު ތިބޭ ނުވަތަ ސަރުކާރަށް ބަޔަކު ޒިންމާދާރުކުރެވޭނެ ހާލަތަކަށް ނުވެދާނެ އެވެ. އެކަމަކު މަޖުބޫރުކުރީމާ މާސްކު އެޅުން ވެގެންދާނީ، އުޅެން ޖެހޭ ގޮތް ކަމަށް އެންމެންނަށް ވެސް އެނގިފައި އޮންނަ އާއްމު އިޖުތިމާއީ މިންގަނޑަކަށެވެ. އެއީ މަޖުބޫރުކަމެއް ކަން އެންމެންނަށް ވެސް އެނގޭ އިރު މާސްކު ނާޅަން ނުވަތަ ދަތްދޮޅީގައި މާސްކު އެލުވާލައިގެން އުޅެން ފަސްޖެހޭ މީހުން ގިނަވާނެ އެވެ. އެ ގޮތަށް އުޅެން ބައެއް މީހުން ލަދު ވެސް ގަންނާނެ އެވެ.
ހިފެހެއްޓުތަންތަކެއް ހުއްޓަސް، އާ އާއްމު ހާލަތުގައި ކަންކަން މި އޮތީ ވަރަށް ބޮޑަށް ހުޅުވާލައިފަ އެވެ. ބައިބޯކަމުންނާއި ޖާގަ ކުޑަކަމުން މާލޭގައި ގައި ދުރުކުރުން ވާނީ ވެސް ގޮންޖެހުމަކަށެވެ. ކޭސްތައް މައްޗަށް އަރައިގެން ގޮސް ދެވަނަ ރާޅެއް ނެގުން ހުއްޓުވަން މި ދަނޑިވަޅުގައި މާސްކުގެ އުސޫލު ހަރުކަށިކުރުން ކޮންމެހެން މުހިއްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުދައްރިސެއް
29 July 2020
ސްކޫލްތައް ބަންދުކޮށް، ސްކޫލްކުދިންނަށް 5ގީބީގެ ބަދަލުގަ ރަނގަޅަށް ކިޔެވޭވަރަށް އިންޓަނެޓް ފޯރުކޮށްދޭން ޖެހޭ. ސްކޫލްތައް ރައްކާތެރިއެއް ނޫން. ކުއްޖަކު ޕޮޒިޓިވް ވިޔަސް އެކުލާހެއްގެ ޓީޗަރުންނާއި އެހެން ކުދިންގެ ބެލެނިވެރިންނަށް އެންގުން މަނާކޮށްފަ އޮތީ. ލޮކްޑައުން އަކަށް ނުގޮސް، އެޑިއުކޭޝަން މިނިސްޓަރު ވަކިކޮށް، ޒިންމާދާރު މީހަކަށް އެ މަގާމު ހަވާލުކޮށްދީ
ޙާލަތު
29 July 2020
ެއެއްވެސް ޕާކަކަށް ބަންގާޅީން ވަނުން މަނާކުރަންވީ އެއީމިޤއުމަށް ހުރިބިރެއް.
މަސްކް
29 July 2020
މަސްކުވެސް އަޅާބަލަ އަޅަނވާގޮތަށް.
ނައީމާ
29 July 2020
ތި އުސޫލަކަށް އެކަކުވެސް ނުބަލާ ވިޔާ. އޮފީހުގަވެސް. އެންވައިރަމަންޓް މިނިސްޓްރީގެ އިސްވެރިން މާސްކް އޮންނަނީ ދަތްދޮޅީގަ. މީޓިންނަށް އަންނަ މީހުންވެސް ވާހަކަ ދައްކަން ވީމަ، މާސްކް ދަތް ދޮޅީގަ. އެހެން މީހަކާ މެދު ނުވިސްނާ. އެތަނުގެ 200 މުއައްޒަފުން އެެއްކޮށް ނެރެނީވެސް. ޤައިމު ޤައިޑްލައިންގަ އޮންނަނީ ޝިފްޓު ހަދަން.
ރާއްޖެތެރޭމީހާ
29 July 2020
މިހާރުވެސް މާލަސްވެއްޖެ ލޮކުޑަައުން އުވާލުމާއެކީ މާލޭ އުޅޭމީހުން ހީވަނީ ހިނިހޮރަކުން ނިކުމެއުޅޭ ހިނިތަކެއްހެން
Happy
29 July 2020
މާސްކުއެޅުން މަޖުބޫރުކުރަންވީ
ލުގުމާން
29 July 2020
ވެކްސީން އެއް ނުވަތަ ބޭހެން ލިބެން ނެތި މިބައްޔާދެޅަށް އެޅޭން އޮތް އެއްމެ ވަރުގަދަ ފިޔަވަޅަކީ ލޮކްޑައުން ކުރުން. އަޅުގަނޑުމެން 3 މަސް ވަންދެން އެކަންވެސް ކޮށްފީމު. އަދި ދުނިޔޭގެއެހެން ގައުމުތަކުން ވެސް އެކަން ތަޖްރިބާކޮށްފި އެއްވެސް ހައްލެއް ނުލިބޭ. ދެން އޮތީ ދަތުރުފަތުރު ހުއްޓާލާ ލޮކްޑައުން ކުރުމުން އިގްތިސާދަށް ވަނީ ކިހާބޮޑު ގެއްލުމެއްތޯ؟ މިކަމަށް އޮތް އެއްމެ މޮޅު ގޮތަކީ ބައްޔާއެކު ދިރިއުޅެން ފެށުން. އާއްމު ހާލަތުގައި ދިރިއުޅުން.
ނުފެނޭދޯ
29 July 2020
މާސްކް މުޅި މޫނުގައި އެޅި ނަމަވެސް އެއީ ކޮވިޑް ބަލިން ސަލާމަތް ވީ ކަމަށް އަދި އެއް ނެތް ދުނިޔޭގެ މެޑިކަލް ކޮމިއުނިޓީ އަށް އެކަން ކަަށަވަރު ކުރެވިފައި މާަސްކް އެޅުމުން ވަނީ ނުބައި ކަމަށް ވުމަކީ ވެސް ގާތް ކަމެކޭ ސަަބަބަކީ އެންމެން މާސްކް އަޅައިގެން އުޅޭ އިރު ވެސް ކޮވިޑް ބަލި ފެތުރުމަށް ކުޑަވެސް މަޑު ޖެހުމެއް ނާދޭދޯ...
ބަރޯ
29 July 2020
މާސްކު އެޅުން މަޖުބޫރު ކުރުން މާ ލަސްވެސް ވެއްޖެ އެއްވެ އުޅުން ވެސް މުޅިންހެން މަނާކުރަން ވެއްޖެ
ނުވާނެއޭ
29 July 2020
މާސްކް އެޅުން މަޖްބޫރު ކޮށްގެން ނުވާނެ އެއީ އަދި ކޮވިޑް ބައްޔަށް އޮތް ހައްލެއް ނޫނޭ...