މިއީ ހުޅުމާލޭގެ އެންމެ ހިޔާ ބޮޑު އަދި ހިތްގައިމު ފެހި ސަރަހައްދު
26 އޯގަސްޓް 2020 - 09:33
މުޅި ތަން ހިޔާވެ، ފެހިކަމުގެ ތެރޭގައި އޮންނަ އެ ސަރަހައްދު އެންމެންނަށް ވެސް ތަފާތެވެ. ކައިވެނީގެ ފޮޓޯތަކާއި އުފަންދުވަހުގެ ފޮޓޯތަކާއި އާއިލާ އާއި ލޯބިވެރިންގެ ފޮޓޯތަކުގައި އެ ހިތްގައިމުކަން ރައްކާކޮށްފި އެވެ. ހުޅުމާލެއަށް އިރުއޮއްސޭ ވަގުތު، ބައެއް ދުވަސްދުވަހު، ނަލަވެގެން ތިބޭ ދެ ޖިންސުގެ އެކި އުމުރުގެ މީހުން، ގަސްތަކުގެ ތެރޭގައި، ފޮޓޯ ސެޝަންތައް ބާއްވަ އެވެ. ދުވާލުގެ އެކި ވަގުތު އެ ގަސްތަކުގެ ތެރޭގައި އުފައްދައިދެނީ ތަފާތު ވައްތަރުގެ އަލިކަމެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އެންމެ އުތުރުން، އެސްޓީއޯގެ ނުނިމި ހުރި "ބިރުވެރި ކިއްލާ"އާ ޖެހިގެން، އެ އޮތީ ހުޅުމާލޭގެ އެންމެ ރީތި ފެހިކަމެވެ. ހީވަނީ ޖައްގައްޔެއްހެންނެވެ. ދިގު ފިތުރޯނު ގަސްތަކުން މުޅި ތަން އޮންނަނީ ހިޔާވެފަ އެވެ. ތަން ސާފުކުރާނެ ބަޔަކު ނެތި، މުޅި ހިސާބުގަނޑުގެ ބިންމަތި ކުނިބުނިން ފުރިފައި އޮތަސް، ފޮޓޯތަކަށް އެ ފެހިކަމުން ގެނެސްދޭ ހިތްގައިމު މަންޒަރު އެންމެންނަށް ވެސް ރީއްޗެވެ. އެތަނަށް ބަލައިލުމުން ލިބޭ ހިތްހަމަޖެހުން ބޮޑުކަމުން، ބައެއް މީހުން މަގުމަތީގައި މަޑުކޮށްލައިގެން ވެސް ތިބެ އެވެ.
މިއީ ބައިބޯ، އިމާރާތްތައް ގިނަ، މާލެ ސަރަހައްދުން ފެންނަން އޮތް ގުދުރަތީ މަދު ރީތިކަމުގެ ތެރެއިން އެއް ތަނެވެ. ނަމަވެސް މި ރީތިކަމާއި ފެހިކަން ދެމިގެންދާނީ ކިހާ ދުވަހަކަށް ހެއްޔެވެ؟ އެތަން ކޮށާލައި، އުސް އިމާރާތެއް ހަދަން އެޗުޑީސީގެ ވެރިންގެ ބޮލަށް، ފައިސާ ހުރި ނުވަތަ ނުފޫޒު ގަދަ ބަޔަކު ވަންނަން ކިހާ ދުވަހެއް ނަގާފާނެ ހެއްޔެވެ؟ މިއީ އެ ހިސާބުން ދެވޭ ކޮންމެ ފަހަރަކު ހިތަށްއަރާ ދެ ސުވާލެވެ.
ފިތުރޯނު ގަސްތަކުން ފުރިފައި އޮންނަ ޕާކް: މިއީ ވަރަށް ގިނަ ބައެއްގެ ހިތްހަމަޖެހުމެއް
"ފިތުރޯނު ބަގީޗާ" ތެރޭގައި ފޮޓޯ ނަގާ އަދި ފިނިކޮށްލަން މަޑުކޮށްލައިގެން ތިބޭ އެއްވެސް މީހަކު، އެތަން ކޮށާލައިފައި، ކޮންކްރީޓްގަނޑަކަށް ހަދާކަށް ނޭދޭނެ އެވެ. އެ ބޮޑު ހިޔާ، އެ ފެހިކަމުގެ ތެރެއިން ފޮޓޯތަކަށް ގެނެސްދޭ ހިތްގައިމު ކުލަތަކަކީ، ހުޅުމާލޭގެ ވަރަށް ހާއްސަ ސިފައެކެވެ.
އެކަމަކު މި ވަލާ ޖެހިގެން ދެކުނަށް އޮތް ބިމަށް ވީ ގޮތް ބަލައިލުން ރަނގަޅެވެ. ފިތުރޯނުމަގު ފުރިފައި ވަނީ ވެސް ފިތުރޯނު ގަސްތަކުންނެވެ. އެ ވަލުގައި ވެސް މައިގަނޑު ގަހަނީ ފިތުރޯނެވެ. މަގުގެ އިރުމަތީ ފަރާތުގެ ބިންތައް ހާއްސަކޮށްފައި ވަނީ މަތީ ފެންވަރުގެ އެޕާޓްމަންޓް ބިލްޑިންތަކަށެވެ. ބައެއް ތަންތަން ނިމި މީހުން ދިރިއުޅެން ވެސް ފަށައިފި އެވެ. އޭގެ ތެރެއިން ރެއިންބޯގެ އޯޝަން ފްރޮންޓްގެ ކުރިމަތީގައި ވެސް ކުރިން އޮތީ ފެހި ސަރަހައްދެކެވެ. އޭރު އެޗުޑީސީން ޕްލޭންކޮށްފައި އޮތީ، އެނގިފައިވާ ގޮތުގައި، ފިތުރޯނު މަގުގެ ހުޅަނގު ފަރާތުގައި އިމާރާތްތަކެއް ނުހަދައި، "ފެހި ޒޯނެއް"ގެ ގޮތުގައި ބާއްވާށެވެ. އެކަމަކު އެޗުޑީސީގެ ފަހުގެ މާޒީއަށް ބަލައިލާ އިރު ކުއްލި ކުއްލިއަށް ސިޔާސަތު ބަދަލުވެ އެވެ. އެހެންކަމުން އޯޝަން ފްރޮންޓް އިމާރާތުގެ ކުރިމަތީގައި އޮތް ބިން ވެސް، ފެހިކަމަށް ދޫކޮށްލުމުގެ ބަދަލުގައި، ވިޔަފާރިވެރިޔަކަށް ކުއްޔަށް ދިނީ ރެސްޓޯރެންޓްތައް ފަދަ ކެއިންބުއިމުގެ ހިދުމަތަށް ތަނެއް ތަރައްގީކުރާށެވެ.
ދެ ޒުވާނެއްގެ ފޮޓޯ ނަގަން ތިބެން ޖެހޭ ގޮތް، ފޮޓޯގްރާފަރަކު ކިޔައިދެނީ
މަތީ ފެންވަރުގެ އެޕާޓްމަންޓްތައް ހިމެނޭ އިމާރާތަކަށް އިންވެސްޓްކުރި ވިޔަފާރިވެރިޔަކު އަޅުގަނޑު ގާތު އޭރު ބުނީ، ފެހިކަން ބޮޑު އެ ސަރަހައްދު އޮންނާނީ އެގޮތަށް ކަމަށެވެ. "ތި ޔަގީންކަމެއް ނޯންނާނެއޭ، އެޗުޑީސީގެ ސިޔާސަތު ބަދަލުވާނީ ކުއްލި ކުއްލިއަށޭ" ބުނެ އަޅުގަނޑު އޭނާއަށް ރައްދުދިނީމެވެ.
"އަހަރެމެން ދައްކާ ވާހަކަ ވެސް އެޗުޑީސީން ގަބޫލުކުރާނެ. އަހަރެމެންގެ ވެސް ނުޒޫފު އޮންނާނެތާ"އޭ، އޭނާ ބުންޏެވެ.
އެކަމަކު ކަން ވީ އެހެންނެއް ނޫނެވެ. އެ ބްލޮކްގެ ގަސްތައް ކޮށާލައި، އިމާރާތް ހަދައިފި އެވެ. އެހެންކަމުން ގުދުރަތީ ރީތިކަމަށް ލޯބިކުރާ އެތައް ދިވެހިންނެއްގެ ހިތް އަތުލައިފައިވާ، "ފިތުރޯނު ބަގީޗާ" އޮތް ބިން ވެސް، ވިޔަފާރިވެރިޔަކަށް ކުއްޔަށް ދޫކޮށްލާނީ ކޮން އިރަކުން ކަމެއް، ހަގީގަތުގައި ނޭނގެ އެވެ. މި ކޮލަމް ލިޔަމުންދާ އިރު ވެސް އެކަމާ ބެހޭ މަޝްވަރާތައް ކޮންމެވެސް ބަޔަކާ އެކު އެޗުޑީސީން ކުރަމުން ދިއުން އެކަށީގެންވެ އެވެ.
މި "ފިތުރޯނު ބަގީޗާ"ގެ ހިތްގައިމުކަން އެތައް ބައެއްގެ ހަނދާންތަކާ ވަނީ ގުޅިފައި
ޒަމާނީ ތަރައްގީއަކީ ހަމައެކަނި އުސް އިމާރާތްތަކެއް ނޫނެވެ. ރެސްޓޯރެންޓްތަކާއި ކެފޭތަކެއް ނޫނެވެ. ސިޓީއެއްގެ ގޮތުގައި ތަރައްގީކުރާ ހުޅުމާލޭގައި ފެހިކަން ގަދަ ސަރަހައްދުތައް މިހާރަށް ވުރެ ގިނަކުރަން ޖެހެނީ އެހެންވެ އެވެ. ގުދުރަތީ ރީތިކަން އިތުރުކޮށް، އެކި ހިސާބުތަކުގައި ޕާކްތައް ހެދުމަކީ، ބިޒީ ސިޓީއެއްގެ ބިޒީ ރައްޔިތުންގެ ހިތްހަމަޖެހުށް ކޮންހެން ވެސް މުހިންމު ބައެކެވެ. ސިކުނޑީގެ ތާޒާކަން ބޮޑުކޮށްލަން، އިށީނދެލާނެ ތަނަކަށް، މި "ފިތުރޯނު ޕާކް" ހެދިދާނެ އެވެ. ކުނިބުނި ސާފުކޮށް، އެކި ހިސާބުތަކުގައި ގޮނޑިތައް ޖެހިދާނެ އެވެ. އިތުރު ގަސްތައް އިންދައި، ބަގީޗާ މުއްސަނދިކޮށްލެވިދާނެ އެވެ.
އެޗުޑީސީގެ ވިސްނުމަކަށް ވާން ޖެހޭނީ އަބަދު މުއްސަނދިންގެ ޖީބު ތެރެއަށް ވަދެ، ވަކި ބައެއްގެ މާލީ ތަނަވަސްކަން ބޮޑުކޮށްދިނުމެއް ނޫނެވެ. މުޅި ސިޓީގެ ސިއްހީ ފައިދާ އާއި ނަފުސާނީ ދުޅަހެޔޮކަން ވެސް، ޕްލޭންތަކުގެ ކުރީ ބަޔަށް ގެންނަން ޖެހޭނެ އެވެ.
"ފިތުރޯނު ބަގީޗާ" ހިމާޔަތްކުރަން ޖެހެނީ އެހެންވެ އެވެ. އެތަން އެގޮތުގައި އޮތަދޭށެވެ. ނުވަތަ އެއަށް ވުރެ ވެސް ފެހިކަން ގަދަ ޕާކަކަށް ހަދައިދޭށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭޑީއޭ3
30 August 2020
ސ. ގަމުގައި 1940- 1976 އާއި ތޭރޭގައި އިނގިރޭސިން ޖަހާފައި ހުރި ގަސްތައް އަދިވެސް އެހެރި، ގަން އެހެން ރަށްރަށާ ތަފާތު އެގަސްތަކުގެ ފެހިކަމާއި ބިޔަކަމުން. އެގަސްތަކުން ވެރޭފަތައި އެޅޭކުނި ކަހަނީ ހަމަ ދިވެހިން.
އިތިޔޯޕިއާ
30 August 2020
ހުޅުމާލެގެ މަގުތައް ޑިޒައިންކުރީ ބޭރުމީހެއް، ތަރައްގީ ވިސްނުންހުރި މޮޅުމީހެއް، ފުޅާމަގުތަކާއި ބައިސްކަލް ދުއްވާނެ ލޭންތައް ހިމަނައިގެން، އެކަމަކު،.... އެޗްޑީސީގެ ދަހިކަމާއި ކޮރަޕްޝަނާއިހެދި އެ ބައިސިކަލް ލޭންވެސް ވިއްކާލީ ވިޔަފާރިވެރިއަކަށް ވިއްކާބިން އިތުރަށް ފުޅާކޮށްލުމަށް، އޭރުވެސް މިހާރުވެސް ކޮރަޕްޝަން،
ކާސިމު
26 August 2020
މައުމޫނުގެ މިލިއަން ގަސް ޕްރޮގްރާމަށް ތައުރީފު މިހާރު ހައްޤު ދޯ...އެއްބަސްވަމާ
ނީތާ
26 August 2020
އަޅާ އިމާރާތްތަކުގެ ޕާކިންގްވެސް އަދިވެސް ހަމަ މަގުތަކަށް.... ބުނާތީ އަހަން ވަރަށް ޕްލޭންޑް ކޮށްގެން ހަދާ ސިޓީއެކޭ ހުޅުމާލެއަކީ.... ފެންވަރު
ލަވް ޔޯ އެންވަރަމަންޓް
26 August 2020
އިމާރާތް ކުރާއިރު އިމާރާތުގެ ވަކި އިންސައްތައެއްގައި ގަސްއިންދުން އެއީ ގާނޫނީ ގޮތުން ލާޒިމްކަމެއް ގޮތުގައި ހެދުން ކީއްތޯ ވާނީ. ސިންގަޕޫރުގައިވެސް މިފަދަ އިމާރާތްތައް ބައިވަރު ހުރޭ. އިމާރާތެއް ހުރެގެން ތިމާވެއްޓަށްވާ ގެއްލުމުގެ ބަޔަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުމުގެ އިތުރުން މާހައުލު ހިތްފަސޭހަވެ، މާހައުލުވެސް ފިނިވާނެ.
ނަޖުމާ
26 August 2020
ތިޔަ ބުނާ ފިތުރޯނުމަގުގެ ދެފަރާތުން ހިޔާވާހާ ބޮޑަށް ހުރި ފިތުރޯނުގަސްތައް މުއްސަނދިންގެ ބޭނުމަށް ކަނޑާ ބިމާ ތިރިކޮށް މުޅި މަގުގެ ރީތިކަން ގެއްލުވާލައިފި..... އެމީހުންނަށް އިމާރާތްކުރަން ދިންް ބިމަށް ހަދާ އެއްޗެއް ހެދިޔަސް މުޅި މަގުގަ ހުރި ގަސް ކެނޑިގެން ނުވާނެ
ތީތިމީތި
26 August 2020
މީ ކޮށަންޖެހޭ ގަސްތަކެއް. މަގުތައް ހަލާކުވަނީ. މަދިރި ނުހަނު ގިނަ މިގަސްތަކުގެތެރޭ. އަވަހަށް ކޮށުން އެދެން
ނިކަ
26 August 2020
ހުޅުމާލެ ގޮޑުވެއްޖެ ހުޅުމާލެ ސާފެއްނުކުރޭ މަގުތަކުގެ ކުރެހުންތަށްވެސް ފިލައިގެންހިގެއްޖެ ގަސްތަކެއްނުކޮށާ އެއީއުމަރުޒާހިރު ކިހާރޭތިކޮށް ބެލެހެއްޓި ރަށެއް.
ހިމާޔަތް
26 August 2020
ފިތުރޯނުމަގުގެ ބިޔަ ފިތުރޯނު ގަސްތައް ހިމާޔަތްކުރަންޖެހޭ. އެއީ ހުޅުމާލޭގެ އުމުރަށް ބަލާއިރު ދުވަސްވީ ގަސްތަކެއް ނޫންތަ؟
މުސީބާތެއް
26 August 2020
ވަރަށް ރަނގަޅު އާރޓިކަލް އެއް. ފްލެޓު ވިޔަފާރި ހުއްޓުވާ. ޙުޅުމާލެ މާލެ އަކަށް ނުހަދާ ފެހިކޮށް ބާއްވައިދީ.