ރަށެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޓޫރިސްޓަކު ދިވެހިންތަކަކާ އެކު ފޮޓޯ ނަގަނީ -- ފައިލް ފޮޓޯ: މިހާރު
14 ޖެނުއަރީ 2021 - 10:56
ރާއްޖޭގައި "ހޯމްސްޓޭ" ތައާރަފްކުރަން އުޅޭ އަޑުތައް މި ދުވަސްވަރު ވަރަށް ބާރަށް އިވެމުން އެބަ ދެ އެވެ. ޓޫރިޒަމްގެ އެކަމޮޑޭޝަން ކޮންސެޕްޓެއް ކަމަށްވާ "ހޯމްސްޓޭ' އަކީ މިހާރު އެކި ގައުމުތަކުގައި ކާމިޔާބުކަމާ އެކު ތައާރަފުކޮށް، ނަފާ ހޯދަމުން އަންނަ ކޮންސެޕްޓެއް ވެސް މެ އެވެ. ހުޅަނގުގެ ގައުމުތަކާއި އިރުމަތީގެ ގައުމުތަކުގައި ވެސް މެއެވެ.
'ހޯމްސްޓޭ' އަކީ މީހުން ދިރިއުޅޭ ގެއެއްގައި ޓޫރިސްޓަކު އަގުދީގެން ހުންނަ ހުރުމެވެ. އެ ހުންނަ ހުރުމުގައި ގޭތެރޭގެ ވަސީލަތްތަކާއި ގޯތިތެރޭގެ ވަސީލަތްތައް ވެސް އެ ގެއެއްގެ ރައްވެހީންނާ އެކު ޓޫރިސްޓް މީހާ ވެސް ހިއްސާކޮށް އުޅެއެވެ.
ހޯމްސްޓޭ ތައާރަފް ކުރުމުގެ ކުރިން އެކަމުގެ ސަބަބުން ދިމާވެދާނެ އެކިކަހަލަ ގޮންޖެހުންތައް ދެނެގަތުމަށް އެތައް ގައުމެއްގައި އެތަކެއް ދިރާސާތަކެއް ވަނީ ހަދައިފަ އެވެ. އާބާދީގެ ނިސްބަތުން މުސްލިމުން މަދު (މައިނޯރިޓީ މުސްލިން ކޮމިއުނިޓީ- ތައިލެންޑާއި ސިންގަޕޫރު ފަދަ) ގައުމުތަކުގަ އާއި، އާބާދީގެ ނިސްބަތުން މުސްލިމުން ގިނަ (މެޖޯރިޓީ މުސްލިމް ކޮމިއުނިޓީ- މެލޭޝިޔާ، އިންޑޮނީޝިޔާ، މޮރޮކޯ ފަދަ) ގައުމުތަކުގައި އެތަކެއް ދިރާސާތަކެއް ހަދާފައި އެބަހުއްޓެވެ. މއެ ދިރާސާތަކުން ދައްކާގޮތުގައި ހޯމްސްޓޭގެ ސަބަބުން އެ ކޮމިއުނިޓީތަކަށް މާލީ ފައިދާތަކެއްވެ، އިގްތިސާދީ، އުމްރާނީ، ސިއްހީ އަދި ތައުލީމީ ދާއިރާތަކުން ކުރިއެރުންތަކެއް އަންނަނީ ލިބެމުންނެވެ.
އެހެންކަމުން، އެކި ގައުމުތަކުގައި ތައާރަފްކޮށް، ނަފާ ހޯދަމުން އަންނަނީ އެ ގައުމުތަކާ ގުޅޭ 'ހޯމްސްޓޭ'ގެ ތަފާތު ވައްތަރުތަކުންނެވެ. ނުވަތަ އެ ގައުމަކަށް ދަތުރުކުރާ ޓޫރިސްޓުންގެ ތަފާތު ސެގްމެންޓްތަކަށް ހާއްސަ ވެގެންނެވެ.
ހޯމްސްޓޭ އަކީ ރާއްޖެ އަށް މުޅިން އާ ކޮންސެޕްޓެއް ނޫނެވެ. ހަގީގަތަކީ މާލޭގައި ހޯމްސްޓޭ ނޯންނަ ހަނދާނެއް، އަދި ހޯމްސްޓޭއިން މާލޭގެ ގެދޮރުވެރިން ފައިދާ ނުހޯދާ އޮތް ހަނދާނެއް ނެތް ކަމެވެ.
ހޯމްސްޓޭގެ ސަބަބުން މާލެ އަށް ލިބުނު ކުރިއެރުން، ވިސްނާލި ކޮންމެ ދާއިރާއަކުން ސާބިތުކަން ބޮޑުކޮށް ފެންނާންހުރިކަމީ މިއަދު ދެބަސްވެވެން ނެތް ހަގީގަތެކެވެ. މާލޭގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ހޯމްސްޓޭ ވެސް އަންނަނީ ޕްރެކްޓިސް ކުރަމުންނެވެ. އެހެންކަމުން މިއީ ރާއްޖެ އަށް އާ ކޮންސެޕްޓެކޭ ދެންނެވޭކަށް ނެތެވެ.
މާލޭގައި ތައާރަފް ވެފައިމިވާ ހޯމްސްޓޭގެ މޮޑެލުން ކައިރި އެހެން ގައުމުތަކުން ފައިދާ ނަގާފައި ވުމީ ވެސް ނުވާނެ ކަމެއް ނޫނެވެ. ހަގީގަތަކީ، މާލޭގައި މި ހިންގާ ހޯމްސްޓޭގެ ވިޔަފާރީގައި މައްސަލަތަކެއް ނެތެކޭ ވެސް ނޫނެވެ. އިޖްތިމާއީ، އިގްތިދާދީ އަދި ގާނޫނީ އެތަކެއް މައްސަލަތަކާ އެކު ވެސް، މާލޭގައި ހޯމްސްޓޭ ކުރިއަރަމުންދަނީ ސަބަބުތަކެއް ނެތި ވެސް ނޫނެވެ. މި ވަގުތަށް ހަދާފައިވާ ގަވާއިދުތަކާއި، އެ ގަވާއިދުތައް ތަންފީޒުކުރެވޭ މިންވަރާއި، އެފަދަ ކަންކަމަށް ހެދިފައިހުންނަ ޕޮލިސީތަކާއި، އެ ޕޮލިސީތަކަށް އިސްކަންދޭ މިންވަރު ބިނާވަނީ އެއިރެއްގައި ސަރުކާރުގެ މަތިފަޑީގައި ތިއްބަވާ ބަޔަކު އިސްކަންދޭ އިސްތިރާޖީ ވިސްނުމުގެ މައްޗަށެވެ.
އެހެނަސް މި ވަގުތު މި ދެކެވޭ ވާހަކައަކީ ރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށުގައި ހޯމްސްޓޭ ތައާރަފްކޮށް އެކަމަށް ހުޅުވާލުން ކަމަށްވާ ނަމަ، ބައެއް ހައްސާސް ސުވާލުތަކަށް ކަމާބެހޭ ފަރާތްތަކުން ޖަވާބުދާރީ ވާންޖެހެ އެވެ. މިސާލަކަށް، މާލޭގެ ގެ ރަޖިސްޓްރީ ކުރަންނުޖެހި، ރަށުގެ ގެ ހޯމްސްޓޭ އަށް ކައުންސިލްގައި ރަޖިސްޓްރީ ކުރަންޖެހޭ ނަމަ އެއީ ކީއްވެގެން ހެއްޔެވެ؟ މާލޭގެ ގޭގައި ހުންނަ ކޮޓަރިތަކުގެ އަދަދު ރަޖިސްޓްރީ ކުރަންނުޖެހި، ރަށުގެ ގެއިން ހޯމްސްޓޭ އަށް ދޫކުރަން ކަނޑައަޅާ ކޮޓަރީގެ އަދަދު ކައުންސިލްގައި ރަޖިސްޓްރީ ކުރަންޖެހޭ ނަމަ އެއީ ކީއްވެގެން ކުރަން ޖެހޭ ކަމެއް ބާ އެވެ؟ މާލޭގެ ގެއިން އެއްވެސް ޓެކްސްއެއް ސަރުކާރަށް ނުނަގާއިރު، ރަށުގެ ގެ ހޯމްސްޓޭ އަށް ބަދަލުކުރުމުން ޓެކްސް ނަގާ ނަމަ އެއީ ކީއްވެގެން އޮންނަ އުސޫލެއް ހެއްޔެވެ؟ މާލޭގެ ގެ ކުއްޔަށް ދޭއިރު އެއްވެސް މިންގަނޑަކަށް ބެލުމެއް ނެތްއިރު ރަށުގެ ގެ ކުއްޔަށްދޭއިރު ވަކި މިންގަނޑުތަކަކަށް ފެތެންޖެހެނީ ކީއްވެ ހެއްޔެވެ؟
ރަށެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޓޫރިސްޓަކު ފެރީއަކުން ފައިބަނީ -- ފައިލް ފޮޓޯ: މިހާރު
މި ސުވާލުތަކުގެ ޖަވާބު ކޮންމެ ގޮތަކަށް ލިބުނަސް، 21 ވަނަ ގަރުނުގެ މިހާތަނުން ރާއްޖޭގެ ރަށްރަށުގައި ހޯމްސްޓޭ ތައާރަފް ކުރާނަމަ ހަމަޖެހިފައިވާ ހަރުދަނާ އުސޫލަކުން ކަންކަން ރޭވި ތަރުތީބުން ހިންގޭނެ ފަދަ ރެގިއުލޭޓަރީ ފްރޭމްވޯކެއްގެ ތެރެއިން ކަންކަން ހިންގުން މުހިންމެވެ. ސަބަބަކީ ފަހަރުގައި މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށާއި އެކިގޮތްގޮތުން ތަފާތުތަކެއް ހުރެދާނެތީ އެވެ. ރާއްޖޭގައި މި ވަގުތު ލިބެންހުރި ހުރިހާ ޒަރޫރީ ހިދުމަތެއް އެންމެ ފުރިހަމަކޮށް ލިބެންހުރި ހަމައެކަނި ތަނަކީ މާލެ ކަމަށް ވުމީ އާދަޔާޚިލާފު ޑިމާންޑެއް އުފެދެން މެދުވެރިވި ސަބަބު ކަމަށް ވެސް ވެދާނެ އެވެ.
ކޮންމެ ސަބަބަކާހުރެ ނަމަވެސް މާލޭގައި މި ވަގުތު ތޮއްޖެހިފައިވާ މިންވަރަށް ބަލާއިރު، ރަށްރަށުގައި މިފަދަ ކަންކަން ތަރައްގީ ކުރާއިރު ރަށުން ލިބެންހުންނަ ޚިދުމަތާއި ރަށުގެ ވަސީލަތްތަކާއި ރަށުގައި ޚިދުމަތް ދޭން ތިބޭ މީހުންނާ އެކަށޭނަ މިންވަރަކަށް، އެއް ވަގުތަކު އެ ރަށަކަށް އެރޭނެ މީހުންގެ މިންވަރު ދެނެގަނެވި 'ކެޕޭސިޓީ ކޮންޓްރޯލް' ކުރަންޖެހޭނެ އެވެ. މާލޭގައި ދިރިއުޅޭ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން މާލޭގެ ވަށައިގެންވާ މާހައުލު ތަޣައްޔަރު ވެފައިވާ މިންވަރަށް ރަށްރަށުގެ މާހައުލު ދިޔަނުދިނުމަށެވެ. ރަށްރަށަށް ގުދުރަތީ ގޮތުން ލިބިފައިވާ ފުރިހަމަކަން ޙިމާޔަތްކޮށް ދެމެހެއްޓުމަށް ޓަކައި ވެސް މެއެވެ.
ރާއްޖޭގެ ގިނަ ރަށްރަށަކީ ކުދި އާބާދީތަކަކަށް ނިސްބަތްވާ ރަށްރަށަށްވުމުން އެންމެންނަކީ އާއިލީގޮތުން ތިމާގެ ވުމުގެ އިތުރަށް ދަންނަ، އެކުވެރި، ރައްޓެހި، ރަހުމަތްތެރިންނަށް ވުމަކީ ރަށްފުށުގެ ދިރިއުޅުން ސާދާވެފައި ހިތްގައިމުވާ ސަބަބަކަށް ވެދާނެ އެވެ. އެންމެންނަކީ އެއްދީނެއް ގަބޫލުކުރާ އެއް މަޒުހަބަކަށް ނިސްބަތްވާ ބަޔަކަށްވުމީ މި ރަށްރަށުގައި ސުލްހަ މަސަލަސްކަން ހިފެހެއްޓިފައިވާ އެންމެ އިސް ބަހާ ކަމުގައިވުމީ އެކަށީގެންވާ ކަމެކެވެ. މާލޭގައި ލިބެންހުންނަ ހުރިހާ ވަސީލަތެއް ފުރިހަމަ އަށް ނުލިބުނަސް އަމިއްލަ ވަޒަނުގައި އަމިއްލަ މިނިވަންކަމުގައި އުޅެވޭކަމުގެ ފޮނި އިހުސާސް މި ރަށްރަށުގެ މީހުންނަށް ކުރެ އެވެ.
އެހެންކަމުން ރަށްރަށުގައި ޓޫރިސްޓުންނަށް އަމާޒުކޮށްގެން ހޯމްސްޓޭ ތައާރަފްކުރާ ނަމަ، ދިމާވެދާނެ ފިކުރީ، ދީނީ، އިޖްތިމާއީ އަދި ޖަޒްބާތީ މައްސަލަތަކާ މެދު ވިސްނާލަން ޖެހެ އެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާއިރު މިހާތަނަށް ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ހޯމްސްޓޭ ތައާރަފް ކުރުމުން ދިމާވެދާނެ މައްސަލަތައް ދެނެގަތުމަށް ހެދިފައިވާ އިލްމީ ދިރާސާތަކަށް ބުރަވެ ގޮތެއް ނިންމޭ ވަރަށްވުރެ މަދެވެ.
ރާއްޖެއާ ހިލާފަށް، ދުނިޔޭގައި މި ވަގުތު ހޯމްސްޓޭ ތައާރަފް ކޮށްފައިވާ ކޮންމެ ގައުމެއްގައި ވެސް (ނިސްބަތުން މުސްލިމުން މަދަސް ނުވަތަ ގިނަޔަސް) މުސްލިމުން އެނޫން ދީންތަކުގެ މީހުންނާ އެކު ދިރިއުޅެން ޖެހިފައިވުމުން އެއްބަޔަކު އަނެއްބައެއްގެ ދިރިއުޅުމުގެ އާދަކާދަޔާ، ވައްޓަފާޅިއާ، އުސޫލުތަކަށް ވާނީ އަހުލުވެރި ވެފަ އެވެ. އެހެންކަމުން 100 ޕަސެންޓް މުސްލިމް ގައުމެއްގައި އެހެން ދީންތަކާ މެދު 'ޓޮލެރަންސް' ލެވެލް ހުރިމިންވަރެއް ދެނެގަންނަން ޖެހޭނެ އެވެ. ނުވަތަ ނޮންމުސްލިމް ޓޫރިސްޓުން ސައްތައިން ސައްތަ މުސްލިމް އާއިލާތަކާއެކު އެ މީހުންގެ ގޭގައި، އެއްވެސް ނުތަނަވަސް ކަމެއްނެތި، ނިދާ، ކައިބޮއި އުޅެން ތައްޔާރުވެފައި އޮތީ ކިހާވަރަކަށްތޯ ބަލަން ޖެހެ އެވެ.
މާލެ އައި ޓޫރިސްޓުންތަކެއް ރިސޯޓަކަށް ދިއުމަށް ލޯންޗަށް އަރަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
މިހާރު ދުނިޔޭގެ ގައުމުތަކުގައި މަޝްހޫރުވެ އަލަށް ތައާރަފްކޮށް ނަފާ ހޯދަމުންދާ ޓޫރިޒަމްގެ އެއް ވައްތަރަކީ "އިސްލާމިކް ޓޫރިޒަމް" އެވެ. މި ކޮންސެޕްޓަށް 'މުސްލިމް ފްރެންޑްލީ ޓޫރިޒަމް' އޭވެސް ކިޔަ އެވެ. އަދި "ހަލާލް ޓޫރިޒަމް"އޭ ވެސް ކިޔަ އެވެ. މިއީ މިހާރު ސައުތުކޮރެއާ އާއި ތައިލެންޑް ފަދަ ގައުމުތަކުން ނަފާ ނަގަމުން އަންނަ ކޮންސެޕްޓެކެވެ. ކުރިން ލަފާކުރިގޮތަށް ކަންކަން ރަނގަޅަށް ދިޔަމަނަ، 2020 ވަނަ އަހަރު އިސްލާމިކް ޓޫރިޒަމް ސެގްމެންޓްގެ ތިން މިލިޔަން ޓޫރިސްޓުން ތައިލެންޑައް ޒިޔާރަތް ކުރާނެކަމަށް އެ ގައުމުން ލަފާކުރި އެވެ. މެލޭޝިޔާ އާއި އަދިވެސް އެހެން އިސްލާމީ ގައުތަކުގައި މި ކޮންސެޕްޓް ތައާރަފްކޮށް ނަފާހޯދާތާ އަހަރުތަކެއް ވެއްޖެ އެވެ.
އިސްލާމިކް ޓޫރިޒަމް ކޮންސެޕްޓަކީ ފަސޭހައިން އިމްޕްލިމެންޓް ކުރެވިދާނެ އާ ކޮންސެޕްޓެކެވެ. ޓޫރިޒަމްގެ އެހެން ކޮންސެޕްޓްތަކާ ޚިލާފަށް މި ކޮންސެޕްޓްގެ ތެރެއިން ދަތުރުކުރާ މީހުންނަށް ދިވެހި މުޖުތަމައުން ލިބެން ހުންނަ ކަންކަން ފަސޭހައިން އެޑަޕްޓް ކުރެވޭނެ އެވެ. ހޮސްޓްކުރާ ފަރާތްތަކާއި ޓޫރިސްޓުންގެ އެކްސްޕެކްޓޭޝަނަލް ގެޕް ކުޑަކުރެވޭނެ އެވެ. ކަންކަން ރޭވި ހަމަޖެހިފައި ހުންނާނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށެވެ. ދިރިއުޅުމުގެ ކަންކަމާއި އާދަކާދަ ވެސް މެއެވެ. އިޖްތިމާއީ ކަންކަމާއި މުނިފޫހިފިލުވުމުގެ ކަންކަން ވެސް މެއެވެ. ކެއިންބުއިމުގެ ހުރިހާ ތަކެއްޗަކީ ވެސް ހަލާލު ތަކެތިކަން ޓޫރިސްޓުން އައުމުގެކުރިން އެނގިފައިވާނެތީ އެވެ.
މި ކޮންސެޕްޓުގައި ދަތުރުކުރަނީ ހަމައެކަނި މުސްލިމުންނަށް ނުވިޔަސް، ދުނިޔޭގެ އާބާދީގެ 26 ޕަސެންޓަކީ މުސްލިމުންނަށް ވާއިރު އެއީ ގާތްގަނޑަކަށް ދެ ބިލިޔަން މީހުންނެވެ. އާއްމު ގޮތެއްގައި 'ހޯމްސްޓޭ' ބޭނުންކުރަނީ ނިސްބަތުން މަދުން އާމްދަނީ ލިބޭ މީހުން ކަމަށްވިޔަސް، އިސްލާމިކް ޓޫރިޒަމްގައި އެކަން ތަފާތެވެ. އިސްލާމިކް ޓޫރިޒަމް ތައާރަފް ކުރެވިއްޖެ ނަމަ، އިސްލާމީ ގައުމުތަކުގެ ޓޫރިސްޓުން ރާއްޖެ އަންނަލެއް އިތުރުވާނެ އެވެ.
ކޮންމެއަކަސް، މި ވަގުތު ފެންނަންހުރި އިލްމީ ހޯދުންތަކަގެ އަލީގައި، ބަދަލުވަމުންދާ ދިވެހީންގެ އާދަތަކަށް ރިއާޔަތްކޮށް، ދުނިޔޭގެ ބާޒާރުގައި މަގުބޫލު ވަމުންދާ މާކެޓިން ޓްރެންޑްތަކަށް ބުރަވެ، ރާއްޖޭގައި އެންމެ ފަސޭހައިން ތައާރަފް ކުރެވޭނީ 'ހޯމްސްޓޭ'ގެ އެކަމަޑޭޝަން ކެޓަގަރީ އަށް ނިސްބަތްވާ 'ހަލާލް' ޓޫރިޒަމް ސެގްމެންޓްގެ "ހައިބްރިޑް" ވައްތަރެކެވެ.
އެހެނަސް، ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަނުވެ ކާމިޔާބީއާ ހަމަޔަށް ނުދެވި ހިނގައިދާނެ އެވެ. ހަރުދަނާ ރަނގަޅު އުސޫލްތަކެއްގެ ތެރެއިން "ކަނެކްޓިވީޓީ"ގެ ކަންކަން ފުރިހަމަނުވެ، ވަށައިގެންވާ ކަންކަން "މެނޭޖް" ނުކުރެވި މައްސަލަތައް ހައްލެއް ނުވާނެ އެވެ. މައްސަލަތަކަށް އެކަށޭނަ ހައްލުނުހޯދި ރަށްރަށުގެ "ސުލްހަ މަސަލަސްކަން" ދެމިއެއް ނޯންނާނެ އެވެ. ޓޫރިސްޓުންގެ 'ސެޓިސްފެކްޝަން' ބިނާވާނީ އެ ރަށެއްގެ އަހުލުވެރީންގެ އުފާވެރިކަމާއި ސުލްހަ މަސަލަސް ކަމުގެ މައްޗަށް ކަމަށް ވާނެތީ އެވެ.
އެޑިޓަރުގެ ނޯޓް: ޑރ. ހާރިސް މުހަންމަދަކީ މާކެޓިން ދާއިރާއިން ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖެ ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި މާކެޓް ކުރުމުގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު އެންމެ އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ. މިހާރު މާކެޓިން ދާއިރާ އިން ޑޮކްކަރޭޓް ޑިގްރީ ހާސިލް ކުރެއްވުމުގެ އިތުރުން އޭނާ އަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް މާކެޓިން (ޔޫކޭ)ގެ ފެލޯއެކެވެ. އަދި ޗާޓަޑް މެނޭޖްމަންޓް އިންސްޓިޓިއުޓް (ޔޫކޭ)ގެ ފެލޯއެއް ވެސް މެއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރ
27 April 2021
ސާބަސް މިއުޅެނީ އަދި ގެސްޓްހައުސް ޕޮލީސީތައްވެސް ރަނގަޅު ނުކުރެވިގެން... ތަން ފުނޑާލަނީ ހަމަ
ގައުމުގެ އުޅަނބޮށި
20 January 2021
ޓޫރިސްޓުން ނުވައްދާނެ ހަމަ އެއްތަނެއް ވެސް ނެތީތަ؟ ކިހާ ބޮޑު އުނދަގުލެއް. އަމިއްލަ ފައިމައްޗަށް ތެދުވަން އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރަން ދިވެހިން އުޅޭނީ ކޮން ދުވަހަކުންތަ. ވެން ވިލް ވީ ޝެޑް ދީސް ނިއޯ ކޮލޯނިއަލް މައިންޑްސެޓްސް. ވެން ވިލް ވީ ސްޓޮޕް ބީންގ އިންޓާނަލީ ކޮލޮނައިޒްޑް ޔާ ﷲ
ސަލިކުރ
18 January 2021
ރަނގަޅު ލިއުމެއް! މާލޭމީހުނައް ކުޑަދޮރު ނުހުނަ ގުދަންފަދަ ފާނަނަތަށީ މަތިގަނޑު ނުހުނަ ކުދި ކޮޓަރި ދުވާލަކައް ފައްސަތޭކައަށް ދީގެން ފައިދާ ނެގިޔަސް އެފަދަ ފުރުސަތެއް ރާއްޖެތެރެ މީހުނައް ލިބުނަ ދީގެއްނުވާނެ
ޖީބައް ޑޮލަރު
15 January 2021
ދިވެހިރާއްޖޭގެ ޓުއަރިޒަމްއާއި ގުޅޭ ހުރިހާކަމެއް މިހާރުހުރީ ރީސެޓް ކުރަން ޖެހިފައި! އަލުން ތިހުރިހާއެއްޗެއްލައިގެން ލިޔެބަލަ! ގެސްޓްހައުސް ވެސް ހެދީ ރަށަށް ޑޮލަރު ވައްދަން، އާހިރުގަ ނިމުންއިރު ރަށަށް ވަންނަނީ އެކެއްގެ މުސާރަ އެވެސް 3500 ރުފިޔާ! ވަރަށް ތާހިރެއްނު
ވިސްނާލަށް އެދެމޭ
14 January 2021
ފުރަތަމަ މިކަމުގެ ހިޔާލުހޯދައިގެންވެސް ނުވާނެ މީޑިޔާތަކުން. ރާއްޖޭގެ ރައްޔިތުންނަކީ ސައްތައިންސަތަ މުސްލިމުގައުމެ.ބަޔަކު މުރާހުރިހާކަމެ ރާއްޖޭގަކުރާކަށްނުޖެހޭ.ރިސޯޓުހިންގަން ރައްތަދީފައެހުރީ..ލޯކަލް ޓުއަރިޒަމް މީހުންއުޅޭ ރައްތަކުގަކުރަން ފެށިފަހުން މުޖުތަމައަށްއައި ބަދަލު ރައްތަކުންފެންނާނެ.ދެން ގޭގަ ނިންދަވަން ގެސްޓްމީހާ ބޭއްވީމަވާނެގޮތް ބަލާކަށްނުޖެހޭ.ދުނިޔޭގެ ހުރިހާއެއްޗަކީ ފައިސާއެއްނޫން.މުސްތަގުބަލުގަ މުޅިގައުމު ރަލާ ފައްޅިތަކުގެ ރަގަބީލުނ
ޑޮލަރު ދޮންބޮންބެ
14 January 2021
ރަނގަޅުވާނެ، ބޯލާކޮޅުގައި ގެސްޓުމީހާ، އަނބިމީހާ، ބިންމަތީގައި. ތިޔަކަން ޕުރޮމޯޓުކުރަން، 2008ގަވެސް، އުޅުނު. ތީގެ ފައިދާއަށްވުރެ، އަންނަންއޮތްޖީލަށް އޭގެ ގެއްލުން އިންތިހާއަށް ބޮޑުވާނެ.
އާރީ
14 January 2021
ރާއްތެރެއަށް އާމްދަނީ ލިބޭ ކަމެއް ވެއްޖެޔާ ނިކަން ހަދާ ގަވާއިދުތައް ބޮނޑެތިވެފަ ތަކުލީފްވެސް ބޮނޑްވާނެ
ފޫހު
14 January 2021
ޓުއަރިޒަމް ނޫންކަމެއް ދުނިޔޭގައި ލައްވާފައިނެތީތަ?
ގޯސް
14 January 2021
ހޯމް ސްޓޭ އޭގެ ރަނގަޅުގޮތުގައި ހިންގައިފިއްޔާ ރަނގަޅުވެދާނެ. ޢެކަމަކު ބައެއްމީހުން ލޯކަލް ގެސްޓް ހައުސް ހިންގާ އުސޫލުން ހިންގަން ބޭނުންވެދާނެ. ލޯކަލް ގެސްޓުހައުސް މިހާރު ހިންގަނީ ރިސޯޓް ސްޓައިލަށް. ޢެތަންތަން ހިންގާ ވިޔަފާރިވެރިޔާ ބޭނުންވޭ ރަލާ އޫރުމަހާ މަސާޖްޕާލާއާ ޕްރައިވެޓް ބިކިނީ ބީޗް. ޙަމަ ހޯމް ސްޓޭ މީހާވެސް ބޭނުންވެދާނެ މިހިދުމަތްތައްދޭން. އެހިސާބުން ގޯސްވަނީ. މިހާރުވެސް ލޯކަލް ޓުއަރިޒަމް ކަމަކު ނުދޭ.
އަލްމާސް
14 January 2021
ހޯމް ސްޓޭ އަކީ ރައްޔިތުންނަށް ވަރަށް ފައިދާހުރި ކަމެކެވެ. އެހެނީ ރިސޯޓް ތަކަށް ލިބޭ އާމްދަނީގެ ބޮޑުބައި ދަނީ އެ އިންވެސްޓްކުރާ ބޭރު މީހުންނަށްކަމަށް ވާތީއެވެ.