.
08 ޑިސެމްބަރ 2016 - 06:42
(ޑިސެމްބަރު 1، 2016ގެ އަދަދާ ގުޅޭ)
މިފަދަ މީހުން، އެއްވެސް ކަމަކާ ނުލައި މީހުން މެރި އެވެ. ތަފާތު އުމުރުގެ މީހުންނެވެ. މިފަދަ ބައެއް މީހުންނަކީ އެމީހުން ކުރި ކުށްތަކާ އެއްވަރުގެ އަދަބު ދުނިޔެމަތީގައި ލިބުނު ބައެކޭ ނުބުނެވޭނެ އެވެ. އެތައް ސަތޭކަ މީހުން މެރި މީހަކު، ވިއްސަކަށް އަހަރު ޖަލުގައި ހޭދަކޮށްލުން އެއީ އަދުލު އިންސާފު ކަމުގައި ބެލެވިދާނެތޯ އެވެ؟ އަދި، މީގެ އިތުރުން، އެފަދަ މީސްމީހުންގެ އަތުން މަރުވެ ދިޔަ މީހުންގެ ހައްގު ކޮބައިތޯ އެވެ؟ އެމީހުންގެ މައިންބަފައިންނާއި އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންނާއި ވަކިވާން ޖެހުމާއި، އެމީހުންނަށް ދުނިޔޭގައި ލިބެން އޮތް ހައްގުތައް ކޮބައިތޯ އެވެ؟
އާޚިރަތް ދުވަސް ނެތް ނަމަ، ރިޗާރޑް ކުކްކިލިންސްކީ ފަދަ ގާތިލުން އެމީހުންގެ ޖަރީމާތަކަށް މަސްއޫލުވާން ޖެހި، އެ ޖަރީމާތަކުގެ ހަގީގީ ޒިންމާ އުފުލާކަށް ނުޖެހޭނެ އެވެ. އަދި، އެމީހުންގެ އަނިޔާ ލިބުނު މީހުންގެ ހައްގުތައް ހޯދޭނޭ ގޮތެއްވެސް ނޯންނާނެއެވެ. އެހެން ވެއްޖެނަމަ، ދުނިޔެވީ ހަޔާތް ވެގެން ދާނީ އެމީހަކު ހިތުހުރި ގޮތަކަށް ކަންތައްތައް ކުރަން އޮތް ތަނަކަށެވެ. ތިމާގެ އަމިއްލަ ފައިދާ އަށްޓަކައި، ދުނިޔަވީ ގާނޫނަށް ފިލެން އޮތް ހިނދެއްގައި، ކޮންމެ ފަދަ ޖަރީމާއެއް ވެސް ކުރަން ޖެހެލުންވާންވީ ސަބަބެއް ނެތެވެ. މިއީ ކީރިތި ޤުރްއާން ދެކޭ ގޮތުގައި ބުއްދި ގަބޫލު ކުރާ ކަމެއް ނޫނެވެ.
ތިން ވަނަ ސަބަބަކީ ދުނިޔޭގައި އެކަންކަމުގެ ހަގީގަތް ދެނެގަންނަށް ބޭނުންވާ އެތައް އެތައް ކަމެއް ވެ އެވެ. ކީރިތި ޤުރްއާނުގައި ގެނެސް ދެވިފައިވާ އެއް މިސާލު ލިޔެލާނަމެވެ. މީސްތަކުން، ސަލާމް ލެއްވި އީސާގެފާނުގެ ހަގީގަތާ ބެހޭ ގޮތުން ތަފާތު ވާހަކަ ދައްކަ އެވެ. އެއް ބަޔަކު ދެކެނީ އީސާގެފާނަކީ އިލާހެއް ކަމެވެ. އެމީހުންގެ އިލާހީ ތަސައްވުރުގައި މާތްﷲއީ ތިންކައުވަންތަ ކަލެކެވެ. އެމީހުން ދެކޭ ގޮތުގައި އެކަލާނގެ ޒާތުފުޅުގައި ތިން ބައި ހިމެނެ އެވެ.
މީގެ ތެރެއިން އެއްބައަކީ އީސާގެފާނެވެ. އެމީހުން ދެކޭ ގޮތުގައި މިބައި މާތްﷲގެ ޒާތުފުޅުން ވަކިވެ، މަރިޔަމްގެފާނު މެދުވެރިކޮށް، އިންސާނީ ސިފަ ލިބިގެން ދުނިޔެ އަށް އުފަންވީ އެވެ. އަނެއް ބަޔަކު ދެކެނީ އެއީ މަރިޔަމްގެފާނާއި ކޮންމެވެސް މީހަކަށް، ކައިވެނީގެ ބޭރުން ލިބިވަޑައިގެން އާދަމީ ދަރިކަލެއްގެ ގޮތުގަ އެވެ. ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވަނީ އީސާގެފާނުގެ މިސާލަކީ އާދަމްގެފާނުގެ މިސާލު ކަމުގަ އެވެ. މައިކަނބަލަކާއި ބަފައިކަލަކާއި ނުލައި އާދަމްގެފާނު ހެއްދެވުނު ފަދައިން، ބަފައިކަލަކާއި ނުލައި އީސާގެފާނު ހެއްދެވުނީ އެވެ. މިއީ ކަމުގެ ހަގީގަތްކަން، އާޚިރަތް ދުވަހުން އެނގޭނޭކަން، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވެ އެވެ.
އަދި މީގެ އިތުރުން ވެސް، އަޅުގަނޑުމެން އެކަންކަމުގެ ޖަވާބު ލިބިގަންނަން ބޭނުންވާ އެތައްކަމެއް ވެ އެވެ. އަޅުގަނޑުމެންގެ ތެރެއިން ގެއްލޭ މީހުންނާއި މަރާލެވި، އެމީހުންގެ ގާތިލަކީ ނުވަތަ ގާތިލުންނަކީ ކޮބައިކަން ނޭނގޭ މީހުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި ބައެއް ކަހަލަ ކަންތައްތައް ހިނގާ ގޮތުގެ ސިއްރެވެ. މިސާލަކަށް، އެއް ބަޔަކު ދުނިޔެ އަށް އުފަންވަނީ ސަމައްތަރު ހެޔޮ ހާލު ފުރިހަމަ ގޮތުގަ އެވެ. އަނެއް ބަޔަކު، ނުކުޅެދޭ ހާލުގަ އެވެ. އެއްބަޔަކަށް ފުރިހަމަ ސިއްހަތަކާއި ދުޅަހެޔޮކަން ލިބިފައި ވެ އެވެ. އަނެއް ބަޔަކު ދުނިޔޭގައި އުޅެން ޖެހެނީ ބަލި ހާލުގަ އެވެ.
އެއް ބަޔަކު ދުނިޔޭގައި ތަނަވަސްކަންމަތީ އުޅެ އެވެ. އަނެއް ބަޔަކު އުޅެން ޖެހެނީ ފަގީރުކަންމަތީ ދަތި ހާލުގަ އެވެ. އެއް ބަޔަކު ދުނިޔޭގައި ދިގު އުމުރެއް ވޭތު ކުރެ އެވެ. އަނެއް ބަޔަކު ދުނިޔޭގައި އުޅެނީ ކުޑަ ދުވަސްކޮޅަކު ނުވަތަ މަދު އަހަރުކޮޅަކު އެވެ. މިހެން ކަންތައްތައް ވުމަކީ ތަބީއީ ކަމެކޭ ބުނެ ނިންމާލެވިދާނެ ބާވަ އެވެ؟
އެންމެ އިހުގެ މުސްޙަފު، ހަތިމު، ލިޔެވިފައިވާ "މާއިލީ ޚައްޠު"ގެ އަތުލިޔުމެއް. އަކުރުތައް ކަތިކޮށް ލިޔެވިފައިވާ މި ބާވަތުގެ ލިޔުމުގައި ފިއްޔެއް ނުޖަހާ. އެއްއަކުރު އަނެއްކުރާ ތަފާތު ކުރުމަށް އަކުރުގެ މައްޗާއި ތިރީގައި ތިކި ޖަހާފައިވޭ. މި ލިޔުމަކީ ހިޖުރައިން ފުރަތަމަ ގަރުނަށް ނިސްބަތްވާ މުޞްޙަފުގެ އަތުލިޔުމެއް.
މިކަމުގައި ވެސް ސިއްރެއް ވާނޭ ކަމާއި މިކަމުގެ ހަގީގަތް އެނގޭނޭ ދުވަހެއް އޮންނަން ޖެހޭނޭ ކަމަށް ފެނެ އެވެ. ކަހްފު ސޫރަތުގައި މިފަދަ ކަންކަމުގެ ސިއްރެއް ވާނޭ ކަމާއި، އަދި ފަހުން އެކަންކަން އެނގޭނޭ ކަމަށް އިޝާރަތް ކުރެވިފައި ވެ އެވެ. މީގެ ތަފްސީލު މި ވާހަކަތަކާ ގުޅޭ އާޔަތްތަކާ އެކު، އިރާދަ ކުރެއްވިއްޔާ ގެނެސް ދެވޭނެ އެވެ. މިކަންކަމަށް އިޝާރަތް ކުރެވި، ޙައްޖު ސޫރަތުގެ 17 ވަނަ އާޔަތުގައި ބަޔާން ކުރެވިފައި ވެ އެވެ. "ހަމަ ކަށަވަރުން، އީމާންވި މީހުންނާއި (އެބަހީ، މުސްލިމުންނާއި) ޔަހޫދީންނާއި ސާބިއީންނާއި ނަސާރާއިންނާއި މަޖޫސީންނާއި މުޝްރިކުން، މިއެންމެންގެ މެދުގައި، ޤިޔާމަތް ދުވަހުން، ފައިސަލާ ކުރައްވައި، (އެމީހުންގެ މެދުގައި ޚިޔާލު ތަފާތުވީ މައްސަލަތަކާ ބެހޭ ގޮތުން ރަނގަޅު ގޮތަކީ ކޮބައިކަން) މާތްﷲ ނިޔާ ކަނޑައަޅުއްވާ ނެތެވެ. ހަމަކަށަވަރުން، ހުރިހާ ކަމަކަށް، މާތްﷲ ހެކިވެ ވޮޑިގެން ވެ އެވެ."
އާދެ، މިދެންނެވި ސަބަބުތަކަށްޓަކައި، އާޚިރަތް ދުވަހަކީ ކޮންމެހެން ވެސް އަންނަން ޖެހޭނޭ ދުވަހެއްކަން، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައި ވެ އެވެ. މީސްތަކުން ހެޔޮ މަގަށް އެޅުވުމަށް ބާރު އެޅުވުމުގެ ގޮތުންނެވެ. އަޅުގަނޑުމެންގެ ވުޖޫދު ގުޅިފައިވަނީ ހަމައެކަނި ދުނިޔެއާއި ދުނިޔަވީ ހަޔާތާ ނޫންކަމާއި އާޚިރަތް ދުވަހަކާއި އުޚްރަވީ ހަޔާތެއް ވާކަމާއި އިންސާނާގެ ދުނިޔެވީ އަމަލުތަކާ މެދު އެދުވަހުން މަސްއޫލުވާން ޖެހޭނޭކަން ހިތުގެ އަޑިން ގަބޫލު ކުރެވިއްޖެ ނަމަ، އޭނާގެ އުޅުން އިސްލާހު ކުރުމަށް ބާރު އަޅައި އެހީވެދޭނެތީ އެވެ.
މިސަބަބަށްޓަކައި، ކީރިތި ޤުރްއާނުގެ ސޫރަތްތަކުގައި އާޚިރަތުގެ ވާހަކަތައް ގެނެސް، އެދުވަސް ލޮލަށް ފެންނަ ކަހަލަ ގޮތަކަށް ސިފަކޮށްދީ ބަޔާން ކުރެވިފައިވެ އެވެ. ތަޤުވާވެރި މުއުމިނުންނަކީ މިކަން، އާޚިރަތް ދުވަސް އަންނާނޭ ކަން، ހިތުގެ އަޑިން ގަބޫލުކޮށް ކަށަވަރު ކުރާ ބައެއް ކަމުގައި، އަޅުގަނޑުމެން އަލްބަޤަރާ ސޫރަތުގެ އެއާޔަތުގެ މާނައާ މެދު ވިސްނަމުން ދާ މި އާޔަތުގައި ބަޔާން ކުރެވިފައި ވެއެވެ. އާދެ، وبالآخرة هم يوقنون، އާޚިރަތް ދުވަސް (އަންނާނޭކަމާއި މެދު) ތަޤުވާވެރި މުއުމިނުން ކަށަވަރުކޮށް ޔަޤީން ކުރެއެވެ.
ތަޤުވާވެރި މުއުމިނުންގެ މުހިއްމު ބައެއް ސިފަތައް ބަޔާން ކޮށްދިނުމަށް ފަހު، މިބައި ނިންމާލެވިފައިވަނީ އެމީހުންނަށް އިލާހީ ހިތްވަރާއި ބިޝާރާ ދެމުންނެވެ. ދުނިޔަވީ ހަޔާތް އެ މީހުން ވޭތު ކުރަމުން ގެންދަނީ ރަނގަޅު ގޮތުގައި ކަމާއި އަދި އާޚިރަތް ދުވަހުން އެމީހުންނަށް ކާމިޔާބު ލިބޭނޭކަން ބަޔާން ކުރަމުންނެވެ. أولئك على هدى من ربهم وألئك هم المفلحون، 'އެމީހުންގެ ސާހިބުވަންތަ ރަސްކަލާނގެ ދެއްކެވި ތެދު މަގުގައި ތިބި ބަޔަކީ އެ މީހުންނެވެ. އަދި ކާމިޔާބީ ލިބޭނޭ މީހުންނަކީ ވެސް ހަމަ އެމީހުންނެވެ'. މިއާޔަތުގެ ހިޔަލުގައި ހިނދުކޮޅެއް ހޭދަކޮށްލަމާތޯ އެވެ.
أولئك 'އެއީ' މިލަފްޒަކީ އަރަބި ބަހުގައި ގިނަ ބަޔަކަށް އިޝާރަތް ކުރުމަށް ބޭނުންކުރެވޭ ނަމެކެވެ. މި އާޔަތުގައި މިލަފްޒުން އިޝާރަތް ކުރަނީ ދެ ވަނަ އާޔަތުގައި ނަންގަނެވިފައިވާ، އަދި ދެން އޮތް ދެ އާޔަތުގައި އެމީހުންގެ ސިފަތައް ބަޔާންކޮށް ދެވިފައިވާ ތަޤުވާވެރި މުއުމިނުންނަށެވެ. މި އާޔަތުގައި ބަޔާން ކުރެވިފައި ވަނީ އެމީހުން ތިބީ މާތްﷲގެ ހިދާޔަތުގެ މަގުގައި ކަމެވެ. އާދެ، އެމީހުން ތިބީ އެކަލާނގެ ދެއްކެވި ތެދުމަގުގައި ފައިތަލަ ސާބިތުކޮށްގެން ކަމެވެ. އެހެނީ، ވަކިކަހަލަ ސިފަތަކެއް ލިބިފައި ވުމެވެ.
ދެވަނަ އާޔަތާއި ތިން ވަނަ އާޔަތުގައި ބަޔާން ކުރެވިފައިވާ ސިފަތަކެވެ. ޣައިބަށް އީމާންވުމާއި ނަމާދު ޤާއިމު ކުރުމާއި ލިބިފައިވާ ރިޒްގަކުން އެހެން މީހުންނަށް ހޭދަކުރުމާއި ކީރިތި ޤުރްއާނަށާއި އަދި އެފޮތުގެ ކުރީން ވެސް ބާވާލެއްވުނު ފޮތްތަކަށް އީމާންވުމާއި އާޚިރަތް ދުވަހަށް އީމާންވުން މި ސިފަތަކެވެ. މިކަމުން، އާދެ، އެމީހުން އެތިބީ ތެދުމަގުގައިކަން ކަނޑައަޅާލެވި ފާހަގަ ކޮށްދެވިފައި ވުމުން، ޝައްކެއް ނެތް ގޮތުގައި، އެމަގުގައި ތިބުމަށް ހިތްވަރާއި ބާރު ލިބިގެން ދެއެވެ.
މި އާޔަތުގައި މި ނަންގެނުވުނު އިލާހީ ހިތްވަރު ދިނުމުގެ އިތުރުން، ތަޤުވާވެރި މުއުމިނުންނަށް ބިޝާރާއެއް ވެސް ދެވިފައިވެ އެވެ. އާދެ، އެ މީހުންނަކީ 'ފަލާހު'، ކާމިޔާބު، ލިބިގެންވާ މީހުންނެވެ. ދުނިޔަވީ ހަޔާތުގެ ވަރުގަދަ އިމްތިހާނުން ފާސްވެ، އާޚިރަތް ދުވަހުން، އިނާމު ލިބޭނޭ މީހުންނަކީ އެމީހުންނެވެ. އާޚިރަތް ދުވަހު، ދިންނެވުން ލިބުމުގެ އެވެ. ނަރަކައިގެ ވޭނާއި އަޒާބުން މިންޖުވެ، ސަވާބައި ދަރުމަ ލިބޭނޭ މީހުންނަކީ އެމީހުންނަށް ވީތީ އެވެ. އެމީހުންގެ ދުނިޔަވީ ހަޔާތް ހެޔޮ ގޮތުގައި ވޭތުކޮށްލުމުގެ ނަތީޖާ އެވެ. އެހެންވެ، އާޚިރަތް ދުވަހު، އެމީހުން، ބިރުގަނެ، ޖެހިލުންވާންވީ ކަމެއް ނެތެވެ. މާތްﷲގެ ރުހުމާއި އަދި، އެކަލާނގެ ސަވާބާއި ނިއުމަތް، އައްތީނު ސޫރަތުގައި ބަޔާން ކުރެވިފައިވާ ފަދައިން (فلهم أجر غير ممنون) މެދުކެނޑުމެއް ނެތި އެމީހުންނަށް ލިބޭނޭ ތީއެވެ.
އާދެ، މިހިސާބުން އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގައި ހިމެނޭ ފަސް އާޔަތުގެ ތަފްސީރު ނިމުނީ އެވެ. ނިންމާލުމުގެ ގޮތުން، މިބައިގެ ކުރު ޚުލާސާއެއްގެ މައްޗަށް އަދި އެއް ފަހަރު ބަލައިލަމާތޯ އެވެ. މިބައި ފެށުނީ ވަކިކުރެވިފައިވާ އަކުރަތަކުގެ ތެރެއިން ތިން އަކުރަކުންނެވެ. އަލިފް ލާމް މީމް، މިތިން އަކުރުންނެވެ. އެއަށް ފަހު، ކީރިތި ޤުރްއާނުގެ މައުޟޫއަކީ އިލާހީ ހިދާޔަތުގެ މަގު ބަޔާން ކޮށް ދިނުންކަން ކަނޑައަޅާ ލެވުނެވެ. އަދި، މިކަމުން ފައިދާ ކުރާނީ ތަޤުވާވެރި މުއިނުންނަށް ކަމުގައި ބަޔާން ކުރެވުނެވެ. ދެން، މިފަދަ މުއުމިނުންގެ ބައެއް ސިފަތައް ބަޔާންކޮށް ދީފައި ވެއެވެ. އޭގެ ތެރޭގައި، ޣައިބަށް އީމާންވުމާއި ނަމާދު ގާއިމު ކުރުމާއި އެހެން މީހުންނަށް ވީވަރަކުން، އެހީތެރިވުމާއި ކީރިތި ޤުރްއާނަށާއި އަދި އެހެން އިލާހީ ފޮތްތައް ވެސް މާތްﷲ ބާވާލެއްވި ކަމަށް އީމާންވުމާއި އާޚިރަތް ދުވަހަށް އީމާންވުން ހިމެނެ އެވެ.
މިބައިގައި، އިސްލާމް ދީނުގެ އަގީދާއާ ބެހޭ ބައެއް މުހިއްމު އަސާސްތައް ބަޔާން ކުރެވި ނުވަތަ އެކަމަށް އިޝާރަތް ކުރެވިފައި ވެ އެވެ. އެއްމެ ފުރަތަމަ މާތް ﷲއަށާއި މަލާއިކަތް ބޭކަލުންނަށް އީމާންވުމެވެ. މިކަން، ޣައިބަށް އީމާންވުމުގެ ތެރޭގައި ހިމެނެ އެވެ. ދެން ފޮތްތަކަށް އީމާން ވުމެވެ. މިކަމުގެ ތެރޭގައި ރަސޫލު ބޭކަލުންނަށް އީމާންވުން ހިމެނެ އެވެ. ތިން ވަނަ އަށް އާޚިރަތް ދުވަހަށް އީމާންވުމެވެ. އީމާން ކަމުގެ ބައެއް އަސާސީ ކަންތައްތަކުގެ އިތުރުން، މިބައިގައި އިސްލާމް ދީނުގެ ދީނީ ބައެއް ރުކުންތައް ވެސް ބަޔާން ކުރެވިފައި ވެއެވެ. ނަމާދު ކުރުމާއި ޒަކާތް ދިނުމެވެ.
(ނުނިމޭ)
އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
08 December 2016
މިހާރު މިވާ ކަންތަކައް ބަލާލަބަލަ. ކީއްވެތަ މިލިއަނުން ކުށެއްނެތް މީހުން އެމަރުވަނީ؟ ވިސްނަބަލަ ! އޮޅުވާލަން ނޫޅެބަލަ!
ލިޔެފައި އޮތް އެއްޗެއް ވިސްނޭތޯ މަސައްކަތް ކުރާމީހާ
09 December 2016
މިތަނުގައި ފާހަގަކޮށްދޭން މަސައްކަތް ކުރެވިފައިވަނީ ތިލިޔުއްވި ފަދަ ކަންތައްތައް، އާޚިރަތް ދުވަހެއް އޮތުން ލާޒިމު ކުރާވާހަކައެވެ. އެއްވެސް ކުށެއްނެތި މީހުން މެރުމާއި މީހުންނަށް އަނިޔާކުރުމާއި މިފަދަ ކަންތައްތަކަކީ ދުނިޔޭގައި، ވަރަށް ގިނަފަހަރު، އަޅައި ނުލެވި ހުންނަކަންތައްތަކެވެ. އަދި، އެހެންވެ، މިފަދަ ކަންތައްތައް ބެލެވޭނޭ ގޮތެއް އޮންނަން ޖެހޭނޭކަމާއި އެކަންކަން ބެލެވިދިޔުމަށްޓަކައި އާޚިރަތް ދުވަހެއް އޮންނަން ޖެހޭނޭކަން ބުއްދީގެ ހަމަތައް ލާޒުމު ކުރާކަން ލިޔުމުގައި ބަޔާންކުރެވިފައިވާހެން ހީވެއެވެ.