ދުނިޔެ / ސޫދާން

ސޫދާންގެ މުޒާހަރާތަކުން ފަސް މީހަކު މަރާލައިފި

14 ނޮވެމްބަރ 2021 - 12:47

1 comments

ސޫދާނުގައި މިހާރު އޮތް އަސްކަރީ ވެރިކަމާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެ ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، އިއްޔެ ބޭއްވި މުޒާހަރާ ރޫޅައިލުމަށް ސިފައިންނާއި ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން، މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފަސް މީހަކު މަރުވެއްޖެ އެވެ.

ސޫދާނު ޑޮކްޓަރުންގެ މަރުކަޒީ ކޮމިޓީން ބުނި ގޮތުގައި ވެރިރަށް ޚުރުތޫމްގައި ކުރި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ހަތަރު މީހަކު މަރުވީ، މުޒާހަރާގެ ތެރެއަށް، ސިފައިން އަސްލު ވަޒަން ބޭނުންކޮށްގެން ބަޑި ޖެހުމުންނެވެ. އަދި އެކަކު މަރުވީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ސިފައިން އެއްލި ކަރުނަ ގޭސް ދަޅެއް ގޮވުމުގެ ސަބަބުންނެވެ.

ވެރިރަށް ޚުރުތޫމްގަ އާއި އުއްމު ދަރްމާން ކިޔާ ސަހަރުގައި އިއްޔެ ކުރި މުޒާހަރާތައް ރޫޅައިލުމަށް، ސިފައިންނާއި ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ކަމަށް ޑޮކްޓަރުންގެ ކޮމިޓީން ބުންޏެވެ. މަރުވެ މީހުންގެ އިތުރުން އެތައް ސަތޭކަ ބަޔަކު ޒަހަމްވެ އެތައް އަނިޔާތަކެއް ލިބުނު ކަމަށް ވެސް ޑޮކްޓަރުން ބުނެ އެވެ.

ސޫދާންގެ މިހާރުގެ އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލް ބުރުހާން --އޭއެފްޕީ

މަރުވި މީހުންގެ ތެރޭގައި 18 އަހަރުގެ ޒުވާނަކާއި 35 އަހަރުގެ މިހަކު މަރުވި ކަމަށް އެ ކޮމިޓީން ބުނެ އެވެ. އުންމު ދުރްމާންގައި ކުރި މުޒާހަރާ ރޫޅައިލުމަށް ސިފައިންނާއި ފުލުހުން ބާރުގެ ބޭނުންކުރުމުގެ ޒަހަމްވި ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އެ ހޮސްޕިޓަލުގެ ތެރެއަށް ސިފައިން ވަދެ ބައެއް މީހުން ހައްޔަރުކޮށްގެން ގެންދިޔަ ކަމަށް ވެސް ޑޮކްޓަރުންގެ ޓީމުން ބުނެ އެވެ.

ސޫދާން ފުލުހުން ބުނި ގޮތުގައި ވެރިރަށުގައި އިއްޔެ ކުރި މުޒާހަރާ ފެށިގެން ކުރިއަށް ދިޔައީ ވަރަށް ސުލްހަވެރި ގޮތެއްގަ އެވެ. ނަމަވެސް މުޒާހަރާގެ ވަކި ހިސާބަކުން މުޒާހަރާގެ ބައިވެރިން ހަރުކަށިކަން ދައްކައި މުޒާހަރާގެ ސުލްހަވެރިކަން ނަގާލައި، ސަލާމަތީ ބާރުތަކަށް ހަމަލާ ދިނެވެ. އޭގެ ސަބަބުން ފުލުހުންގެ ތެރެއިން 39 މީހަކަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.

ސޫދާނުގައި އޮތް އިންތިގާލީ މަދަނީ ސަރުކާރު އުވާލައި، ސިފައިން ނުކުމެ ބޮޑުވަޒީރު މަހްމޫދު ހަމްދޫކު މިދިޔަ އޮކްޓޫބަރު 25 ވަނަ ދުވަހު ހައްޔަރުކޮށް، ވެރިކަމުގެ ހުރިހާ ބާރުތަކެއް ސިފައިންގެ ބެލުމުގެ ދަށަށް ގެނަ އެވެ. އެ ދުވަހުން ފެށިގެން، އާންމު ރައްޔިތުން ދަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ.

ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ވެސް އިއްޔެ ބޭއްވި މުޒާހަރާގައި އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ކަމަށް ސޫދާންގެ މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.

ވެރިކަން ކުރާ ސިޔާދަތީ ކައުންސިލްގެ އިސް ވެރިޔާގެ ނައިބު އަދި ސިފައިންގެ ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސްގެ ކޮމާންޑަރު، ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯ

ސޫދާންގެ މިހާރުގެ އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލް ބުރުހާން، މިދިޔަ ބުރާސްފަތި ދުވަހު ވަނީ، ވެރިކަން ހިންގާ ސިޔާދަތީ ކައުންސިލްގެ އިސް ވެރިޔާގެ މަގާމަށް އޭނާ އަލުން އައްޔަން ކުރައްވައިފަ އެވެ. އޭނާގެ ނައިބަކަށް އައްޔަން ކުރެއްވީ، ސިފައިންގެ ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސްގެ ކޮމާންޑަރު، ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯ އެވެ.

ސިފައިން ވެރިކަމުގެ ބާރުތައް އަތުލުމާ ގުޅިގެން، ރައްޔިތުން މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައި، މަދަނީ ސަރުކާރަކާ ވެރިކަން ހަވާލު ކުރުމުގެ ބަދަލުގައި، އަސްކަރިއްޔާގެ ބާރު އޮންނަ ގޮތަށް، ވެރިކަން ކުރާ ސިޔާދަތީ މަޖިލިސް އަލުން އެކުލަވައިލުމާ ގުޅިގެން، ބައިނަލްއަގުވާމީ މުޖްތަމައުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަސްކަރީ ވެރިކަމުގެ ފަރާތުން ބުނެފައިވާ ގޮތުގައި، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ސޫދާންގެ ވެރިކަން މަދަނީ ސަރުކާރަކާ ހަވާލު ކުރާނެ އެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފު ބިން ރަފައިދާ

14 November 2021

މުޒާހަރާކުރިޔަސް މީހުން މަރައިގެންނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454