ވިޔަފާރި / ރިޕޯޓް

އިތުރަށް ފައިސާ ޗާޕުކުރުން: އިގްތިސާދީ އެންމެ ނުރައްކާތެރި ނިންމުމަށް ވެދާނެ

"އިގްތިސާދުގައި ދައުރުވާ އެކްސަސް ރުފިޔާގެ ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާ އަށް އޮންނަ ޑިމާންޑް ބޮޑުވެ، އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވޭ."

1،000 ނޫޓު ބޮނޑިއެއް. ފައިސާ ޗާޕުކުރުމަކީ ގޯސް ނިންމުމެއް ކަމަށް އިގްތިސާދީ މާހިރު ދެކިލައްވާ--ފޮޓޯ:މިހާރު

"ރާއްޖެއިން 10 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ސުކޫކު ނަގައިގެން ކުރާ ކަމަކީ މުވައްޒަފުންނަށް މުސާރަ ދިނުމާއި ރަށްރަށުގައި ބަށިކޯޓު އެޅުމާއި ވޮލީ ކޯޓުތައް އެޅުމާއި 200 މީހުން ހަމަނުވާ ރަށްރަށުގައި ބަނދަރު އެޅުން،" ފައިސާ ޗާޕުކުރުމާ ގުޅޭ ގޮތުން އިގްތިސާދީ މާހިރަކު ވިދާޅުވި އެވެ.

"ފައިސާ ޗާޕުކޮށްގެން ދެން ވެސް ކުރާނީ ހަމަ މިކަހަލަ ކަންކަން."

ފައިސާ ޗާޕު ކުރުމާ ގުޅޭ ގޮތުން އެކި ފަރާތްތަކުގެ ހިޔާލު ތަފާތުވިޔަސް އިގްތިސާދީ ބޭފުޅުން ވިދާޅުވަނީ މިއީ ކުރަން ހެޔޮވާ ވަރު ކަމެއް ނޫން ކަމަށެވެ. މީގެ ނުރައްކާ ރައްޔިތުންނަށް ކޮންމެވެސް ހިސާބަކުން ފެންނާނެ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކޮށް، އޯވަޑްރޯގެ ލިމިޓް 2.5 ބިލިއަން ރުފިޔާ އަށް ލިމިޓް ކުރަން މިދިޔަ ހަފްތާގައި މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. މިގޮތަށް އޯވަޑްރޯ ކުރަނީ 0.1 ޕަސެންޓް އިންޓްރެސްޓް ރޭޓުގަ އެެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އޮފީސް ބިލްޑިންގު: ފައިސާ ޗާޕުކުރުމަކީ މި ވަގުތަށް ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް އެމްއެމްއޭ އިން ވަނީ މަޖިލީހަށް ލަފާ ދީފައި -- ފައިލް ފޮޓޯ: މިހާރު

ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން ހައްދެއް ނެތި އޯވާޑްރޯކުރުމަކީ، 2013 ގެ ކުރިން ސަރުކާރުތަކުގެ އާންމު ކަމެކެވެ. އެކަމަކު ސަރުކާރު ހިންގަން ބޭނުންވާ ފައިސާ ނެގުން 2014 ގައި ހުއްޓާލި އެވެ. އޭގެ ބަދަލުގައި ޕީބީއޭ ބޭނުންކުރީ ހަމައެކަނި ސަރުކާރުގެ ދަރަނި އަދާކުރާށެވެ. އެހެން ނަމަވެސް މިދިޔަ އަހަރު ކޮވިޑާ ގުޅިގެން ހަރަދުތައް މެނޭޖް ކުރާނެ އިތުރުގޮތެއް ނެތުމުން ސަރުކާރުން އަނެއްކާ ވެސް ފައިސާ ޗާޕުކުރަން ނިންމި އެވެ. މިދިޔަ އަހަރުން ފެށިގެން ސަރުކާރުން އަންނަނީ 4.4 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ ޗާޕުކުރެވޭނެ ލިމިޓެއް ކަނޑަައަޅައިފަ އެވެ.

މަރުކަޒީ ބޭންކުން ގައުމެއްގެ ފައިސާ ޗާޕުކުރުން ލިމިޓްކޮށް ކޮންޓްރޯލް ކުރަނީ މުހިއްމު ގިނަ ސަބަބުތަކަކަށް ޓަކަ އެވެ. އެއް ސަބަބަކީ އެކްސްޗޭންޖް ރޭޓް ހިފަހައްޓައި، އެ ގައުމެއްގެ އަމިއްލަ ފައިސާ އަށް އޮންނަ ޑިމާންޑް ދަމަހައްޓައި އިންފްލޭޝަން ކޮންޓްރޯލް ކުރުމެވެ. އަނެއް ސަބަބަކީ ހަރަދުތައް މެނޭޖް ކުރުމުގައި ސަރުކާރު ޒިންމާދުކުރުމެވެ.

ތަކެތީގެ އަގުތަކަށް ނެދެވޭ އަސަރު ކުރާނެ

ފައިސާ އިތުރަށް ޗާޕް ކުރުމަކީ ތަކެތީގެ އަގުތަކަށް އަސަރު ކުރާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވިޔަސް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހިޔާލު ތަފާތެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ފައިސާ ޗާޕުކޮށްގެން ރާއްޖޭގެ އިިންފްލޭޝަނަށް ކުރި މާބޮޑު އަސަރެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އަންނަ އަހަރު އިތުރަށް ފައިސާ ޗާޕުކޮށްގެން އަގުތައް އުފުލޭނެ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

އެހެން ނަމަވެސް ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ، ފައިސާ ޗާޕު ކުރުމުން އިގްތިސާދުގައި ދައުރުވާ ފައިސާ އެތައް ގުނައެއް އިތުރުވެ، ތަކެތީގެ އަގުތަކަށް ބޮޑު ބަދަލެއް ފެންނާނެ ކަމަށެވެ. ތަކެތީގެ އަގުތައް އުފުލުމުން އިތުރަށް ހޭދަކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާމްދަނީ އެންމެ މަދުން ލިބޭ މީހުންނަށް މިކަމުން އެންމެ ބޮޑު އަސަރެއް ކުރަނީ. އަނެއްކާ ވެސް ފަގީރުން އިތުރަށް ފަގީރު ވާނީ،" އޭނާ ވިދާޅުވި އެވެ.

"މިހާރު 5،000ރ. އަށް ކުރާ ހޭދަ އަންނަ އަހަރު 7،000ރ. އިން ކުރެވެން ފެށީމަ މިނިމަމް ވޭޖުން ރައްޔިތުންނަށް ވާނެ ފައިދާއަކީ ކޮބާ؟"

"މިހާރު" އާ ވާހަކަދެއްކެވި އިގްތިސާދީ މާހިރަކު ވިދާޅުވީ، ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކަށް އެންމެ ބޮޑަށް އަސަރު ކުރަނީ ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެން ބައެއް ތަކެއްޗަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށެވެ. މި ވަގުތު އެމެރިކާ ފަދަ ގައުމުތަކުގައި އިންފްލޭޝަން ރޭޓު ހަ ޕަސެންޓަށް އުފުލިފައިވާ އިރު އޭގެ އަސަރު ރާއްޖެ އަށް އަންނާނެ ކަން ވަރަށް ބޮޑަށް ޔަގީންވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތް ދެތިން މަސް ތެރޭ ތަކެތީގެ އަގުތަކުން އެކަން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލުމާއި ފައިސާ ޗާޕުކުރުމާ ގުޅިގެން ދިއުމުން ތަކެތީގެ އަގުތަކުން އެކަން ވަރަށް ބޮޑަށް ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަންނަ އަހަރު މިނިމަމް ވޭޖް ގެންނަ އިރު މިގޮތަށް ފައިސާ ޗާޕުކޮށް ތަކެތީގެ އަގު އުފުލުން މިނިމަމް ވޭޖުން ފެންނާނެ ފައިދާ ވެސް އިގްތިސާދުން ނުފެންނާނެ ކަމަށެވެ.

ބާޒާރުގައި ބަޔަކު ތަކެތި ގަންނަނީ. ފައިސާ ޗާޕުކުރުމުން އަގުތައް އުފުލިދާނެ.-- ފޮޓޯ:އަހުމަދު އަވްޝަން/މިހާރު

"މިހާރު 5،000ރ. އަށް ކުރާ ހޭދަ އަންނަ އަހަރު 7،000ރ. އިން ކުރެވެން ފެށީމަ މިނިމަމް ވޭޖުން ރައްޔިތުންނަށް ވާނެ ފައިދާއަކީ ކޮބާ؟" އޭނާ ސުވާލުކުރެއްވި އެވެ.

ބަޖެޓާ ގުޅިގެން އެމްއެމްއޭ އިން ދިން ލަފާގައި ވެސް ފާހަގަކުރި އެއް ކަމަކީ މިގޮތަށް ޕަބްލިކް އެކައުންޓުން ފައިސާ ނެގުމުން ކާބޯތަކެތީގެ އަގު ބޮޑުވުމެވެ. މިކަން 2020 ވަނަ އަހަރު ވެސް އަދި 2021 ވަނަ އަހަރު ވެސް ފާހަގަކުރެވިފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ. އެހެންވެ މިއީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށް އެތަނުން ލަފާދިނެވެ.

ގަވަރުނަރު ހާޝިމް ކޮމިޓީއަށް ހާޒިރުވަނީ

ޑޮލަރުގެ އަގަށް ބޮޑު ބަދަލެއް

ނަސީރު ވިދާޅުވީ، މި ބަދަލާ އެކު ޑޮލަރުގެ އަގު ކޮންޓްރޯލް ކުރަން އަނެއްކާ ވެސް އިތުރު ޕްރެޝަރުތައް އެމްއެމްއޭ އަށް ކުރިމަތިވީ ކަމަށެވެ.

މިހާރު ވެސް މިވަނީ ޑޮލަރުގެ އަގު ބޮޑުވާން ފަށައިފަ އެވެ. މިދިޔަ ހަފްތާގައި ދެކެވެން ފެށުނު ފައިސާ ޗާޕުކުރާ ވާހަކަތަކާ އެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 17.40ރ. އިން މިވަނީ 17.80ރ. އަށް އުފުލިފަ އެވެ. ޑޮލަރުގެ ވިޔަފާރި ކުރާ މީހަކު ބުނީ، ކުރިއަށް އޮތްތަނުގައި އަނެއްކާ ވެސް ޑޮލަރުގެ އަގު އިތުރަށް އުފުލޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ބަޖެޓާ ގުޅިގެން އެމްއެމްއޭ އިން ދިން ލަފާގައި ވެސް ފައިސާ ޗާޕުކުރުމުން އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ޑޮލަރުތަކެއް މީހަކު ހިފައިގެން ހުއްޓާ. ޑޮލަރުގެ އަގު އަނެއްކާ ވެސް ދަނީ އުފުލެމުން--ފޮޓޯ:މިހާރު

"އިގްތިސާދުގައި ދައުރުވާ އެކްސަސް ރުފިޔާގެ ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާ އަށް އޮންނަ ޑިމާންޑް ބޮޑުވެ، އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރުން އެކަށީގެންވޭ،" އެމްއެމްއޭގެ ލަފާގައިވެ އެވެ.

އިގްތިސާދީ ތަޖުރިބާކާރަކު ވިދާޅުވީ، ރާއްޖޭގެ އެކްސްޗޭންޖް ރޭޓަކީ "އާޓިފިޝަލް ރޭޓެއް" ކަމަށެވެ. އެއަށް އަންނާނެ ބަދަލުތައް ރަސްމީކޮށް ނުފެނުނު ނަމަވެސް މިހާރު ވެސް ޕެރެލަލް މާކެޓްތަކުން ޑޮލަރުގެ އަގުތަކަށް އަންނަ ބަދަލުތައް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މި ހާލަތުގައި ޓޫރިޒަމް ދާއިރާ ކުރިއަރަމުން ދިއުމަކީ މުޅި ގައުމުގެ ނަސީބު ކަމަށެވެ.

"ޑިމާންޑަށް ދޫކޮށްލައިފި މި ވަގުތު ނަމަ ޑޮލަރުގެ އަގު އުޅޭނީ 19ރ.، 20ރ. އަށް ވުރެ ވެސް މަތީގައި. ޓޫރިޒަމް ދާއިރާ ރަނގަޅުވެ ޑޮލަރު ނުވަންނަ ނަމަ މިއަށް ވުރެ ވެސް ބޮޑުވުން އެކަށީގެންވޭ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ޒިންމާދާރު ކަމެއް ނެތް، ފައިސާ ޗާފުކުރުން އާދައަކަށް ހަދައިިފި

ފައިސާ ޗާޕުކުރުން އިތުރު އެއް އަހަރު ދުވަހަށް އިތުރުކުރަން މަޖިލީހަށް ވަޑައިގެން މިދިޔަ އޭޕްރީލް މަހު އަމީރު ވިދާޅުވީ، އިގްތިސާދަށް ހެޔޮ ބަދަލުތައް ފެންނަމުންދާ އިރު މި އަހަރު ނިމޭއިރު އޯވަޑްރޯ ސުމެއްގައި ބަހައްޓާނެ ކަމަށެވެ.

"އުންމީދަކީ މި އަހަރު ނިމޭ އިރު އޯވަޑްރޯ ކުރި ވަރު އަނބުރާ ދައްކާ ސެޓްލް ކޮށްފައި ބެހެއްޓުން،" އޭނާ އެ ދުވަހު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ފައިސާ ޗާފުނުކޮށްފި ނަމަ ބަޖެޓު ކުޑަކުރަން ޖެހޭނެ ކަމަށް---

އެ ދުވަހު މާލިއްޔަތު ކޮމިޓީގައި އޯވާޑްރޯ ފެސިލިޓީ ފަހުން ބޮންޑަކަށް ބަދަލުވެދާނެތޯ މެންބަރަކު އެއްސެވުމުން މިނިސްޓަރު ވިދާޅުވީ، ނޯމަލް ހާލަތަށް ދާ އިރު އޯވާޑްރޯ އަށް ފައިސާ ނުދެއްކި ސެކިއުރިޓައިޒް ނުވަތަ ބޮންޑަކަށް ބަދަލުކުރަން ޕަބްލިކް އެކައުންޓުގައި ފައިސާ ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ސަބަބަކީ ކޮންމެ ދުވަހަކު ވެސް ދައުލަތަށް ވަންނަ ފައިސާ އިން ޕަބްލިކް އެކައުންޓް ސެޓުލްވުމެވެ. އެކަމަކު އޭގެ ހަތް މަސް ފަހުން، ކަންތައްވީ އެ ވިދާޅުވި ބަސްތަކާ ހިލާފަށެވެ.

ވޭތުވެދިޔަ އަހަރެއްހާ ދުވަހު ޗާޕުކުރި ފައިސާ ބޮންޑަކަށް ބަދަލުކޮށް 50 އަހަރުން އަނބުރާ ދައްކާ ގޮތަށް ނިންމީ އެވެ. އަނބުރާ ދައްކަނީ 2.5 ޕަސެންޓް އިންޓްރެސްޓް ރޭޓާ އެކު އެވެ.

އަމީރު ވިދާޅުވީ، މި އަހަރަށް ކަނޑައެޅި 37 ބިލިއަން ރުފިޔާގެ ބަޖެޓު ވެސް ކަނޑައެޅީ މިކަން މިގޮތަށް ކުރާނެ ކަމަށް ބަލައިގެންނެވެ. އެހެން ނަމަވެސް އަންނަ އަހަރަށް ކަނޑައެޅި ބަޖެޓު ފޮތުގައި ވެސް މިކަމުގެ މާ ބޮޑު ތަފްސީލެއް ނެތެވެ.

"މިނިސްޓަރު ބަނޑުތެރޭގައެއް ނޫން މިފަދަ ކަންކަން އޮންނަން ޖެހޭނީ. ބަޖެޓުގައި މިފަދަ މުހިއްމު ކަންކަމުގެ ތަފްސީލު އޮންނަން ޖެހޭނެ. އަނެއްކޮޅުން ފައިސާ ޗާޕުކުރުން މިއޮތީ މިހާރު އާންމު ކަމަކަށް ހަދައިފަ. ލިބޭ ފައިސާއިން ހަރަދުތައް މެނޭޖްކުރުމުގައި ސަރުކާރުގެ ޒިންމާދާރުކަން ވަރަށް ކުޑަ،" ރާއްޖޭގެ އިގްތިސޯދު ދިރާސާކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

ސިޔާސީ މީހުންނަށާއި ކުޅިވަރަށް ކުރާ ހޭދަ ކުޑަ ކުރަންވީ

ސަރުކާރުން ބުނާ އެއް ވާހަކައަކީ ކޮވިޑްގެ ހާލަތުން ބާރުމިނުގައި އަރައިގަނެވޭ ވާހަކަ އެވެ. އެ ވާހަކަ އާ އެކު އެއްވާނެއްގައި ދައްކާ އަނެއް ވާހަކައަކީ ފައިސާ ޗާޕުނުކޮށްފި ނަމަ ސިވިލް ސާވެންޓުންގެ އަދަދު މަދުކޮށް، ބަޖެޓު ވެސް އެތައް ގުނައަކަށް ކުޑަކުރަން ޖެހޭނެ ވާހަކަ އެވެ.

އޯވަޑްރޯ ކުރުމާ ގުޅިގެން މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެންމެ "ބޮޑު" އެއް ވާހަކައަކީ ފައިސާ ޗާޕުނުކޮށްފި ނަމަ، ޕީއެސްއައިޕީ ޕްރޮޖެކްޓްތަކެއް ނުހިންގޭނެ ވާހަކަ އެވެ. އަދި ބަޖެޓު ބޮޑުތަނުން ކުޑަ ކުރަން ޖެހޭނެ ވާހަކަ އެވެ. މިހެން ވިދާޅުވުމާ އެކު ވަރަށް ގިނަ މެންބަރުން ވެސް ވަނީ ޕީއެސްއައިޕީ ހުރިހާ މަޝްރޫއުތަކަކީ ރަށްރަށުގައި މި ވަގުތު ހިންގަން "މަޖުބޫރު" ކަމެއް ކަމަކަށް ވިދާޅުވެ ހިތްވަރު ދެއްވައިފަ އެވެ.

މި ވަގުތު އުފެއްދުންތެރި ކަމަށް ކޮންޓްރިބިއުޓް ކުރާ ކަންކަން ކުރަންވީ. ނިކަމެތިންނަށް އަޅާލުން އިތުރުކުރަންވީ. މި ހާލަތުގައި ސިޔާސީ ހަރަދުތައް ކުޑަ ކުރަންވީ -- އާތިފް

އިގްތިސާދީ ބޮޑު ކާރިސާއަކުން އަރައިގަންނަ މި ދަނޑިވަޅުގައި ކުރާ ހޭދައަކީ އުފެއްދުންތެރި ކަމަށް އެއިން ފައިދާވާނެ ކަންކަމަށް ހެދުން ވަރަށް މުހިއްމު ކަމަށް އިގްތިސާދީ ހޭލުންތެރިކަން އުފެއްދެވުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވި އެވެ.

"މި ވަގުތު އުފެއްދުންތެރި ކަމަށް ކޮންޓްރިބިއުޓް ކުރާ ކަންކަން ކުރަންވީ. ނިކަމެތިންނަށް އަޅާލުން އިތުރުކުރަންވީ. މި ހާލަތުގައި ސިޔާސީ ހަރަދުތައް ކުޑަ ކުރަންވީ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގައި މިހާރު ވެސް 600 އަށް ވުރެ ގިނަ މީހުން ސިޔާސީ މަގާމުތަކުގައި އެބަތިއްބެވެ. އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި ވެސް ގާތްގަނޑަކަށް ވިއްސަކަށް ފުޓްސަލް ދަނޑު އަޅަން އެބައޮތެވެ. އަނެއްކޮޅުން ދަރަނި ދެއްކުމަށް ކޮންމެ އަހަރަކުހެން އެތައް ބިލިއަނެއް އެބަ ހޭދަކުރެ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހަ ބިލިއަނެއްހާ ރުފިޔާ ހޭދަކުރަނީ ދަރަނި އަދާކުރުމަށެވެ. ސަރުކާރުން މިހާރަށް ވުރެ ޒިންމާދާރު ކަމާ އެކު ހަރަދުތައް މެނޭޖްކުރާ ނަމަ މިފަދަ ބައެއް ހަރަދު ކުޑަކޮށްގެން ތަރައްގީގެ މަޝްރޫއުތައް ހިންގިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު މާލިއްުޔަތު ކޮމިޓީގައި: މިނިސްޓަރު ވިދާޅުވަނީ ފައިސާ ޗާޕުކުރަނީ އިގްތިސާދީ ކާރިސާއެއްގައި ތިބުމުން ކަމަށް -- ފައިލް ފޮޓޯ/ މަޖިލިސް

"މި ބުނަނީ އެމެރިކާގައި ވެސް މިހާރު ޕަބްލިކް އިންވެސްޓްމެންޓްތައް ބޮޑު ކުރަނީއޭ. މަގުތަކާއި އެއާޕޯޓަށް ހަދަން ކުރާ ހޭދަ ބޮޑުކުރަނީއޭ. އެކަމަކު އެ ގައުމުން މިކުރާ ހޭދައިގެ 90 ޕަސެންޓް ހުންނާނީ އެ ގައުމުގައި. ބޭރަކަށް ނުދާނެ. އެ ގައުމުގެ ކުންފުނިތައް ބޭނުން ކުރަނީ. އެ ގައުމުގައި އުފައްދާ ޓެކްނޮލޮޖީތައް ބޭނުން ކުރާނީ. މިކަހަލަ ހާލަތެއްގައި ރާއްޖެއިން މިގޮތަށް ކަންކަން ކޮށްގެން ލިބެނީ ލަނޑު،" ފިނޭންސް މިނިސްޓްރީގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިގްތިސާދީ ގޮތުން ފައިދާ ލިބޭ ކަންކަމަށް ހަރަދުކުރުން މައްސަލައެއް ނެތް ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ނެންގެވީ ވެލާނާ އެއާޕޯޓްގެ ތަރައްގީ އެވެ. އެކަމަކު އައުޓްޑޯ ޖިމްތަކާއި ފުޓްސަލް ދަނޑުތަކުން ގައުމުގެ އިގްތިސާދަށް ވާނެ މާބޮޑު ފައިދާއެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސާ ޗާޕުކޮށްގެން ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް އިގްތިސާދީ މާހިރުން އެއްބަސްވެ ވަޑައިގަންނަވަ އެވެ. އަދި ލިބޭ އާމްދަނީއާ އެއްވަރަށް ހަރަދުތައް ހަމަޖައްސައި، ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވައި، އެހެން ހަރަދުތައް ކުޑަކުރުމަށް އެމްއެމްއޭ އާއި އިގްތިސާދު ދިރާސާ ކުރައްވާ ބޭފުޅުން ވެސް ވިދާޅުވެ އެވެ. މި ވަގުތު ގައުމުގެ ހާލަތު ރަނގަޅު މަގަށް ގެންދިއުމަށް، އެމްއެމްއޭ އިން ދޭ އިރުޝާދުތަަކަށް ބޯލެނބުން ވެސް މުހިންމެވެ.

50 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 4%
icon angry icon angry 96%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙުނި

23 November 2021

ސުމެއްގެ ސަރްކާރެއް. ޓުއަރިޒަމް އިން ޑޮލަރ އޮހޭއިރު ޑޮލަރ 18ރ ރޭޓުންވެސް ނުލިބޭ. ޔާމީނު މިޤައުމު ސަލާމަތް ކުރޭ

The name is already taken The name is available. Register?

ޑީވެލިޔުޑް ރުފިޔާ

23 November 2021

ކޮންމެ މީހަކުވެސް މުސާރަ ބޮޑުކުރަން ހިފަނީ. ރުފިޔާގެ އަގުވައްތާލަނީ ކޮންމެ ފަހަރަކު! ޖެހުނީ ހަމަ ފެށިތާގަ!

The name is already taken The name is available. Register?

ކިޔަވާ ކުއްޖާ

22 November 2021

ދިވެހިރާއްޖޭގެ ސާރވިސް އެކްސްޕޯޓަކީ 3.3 ބިލިއަން ޑޮލަރު ކަމުގައިވާ އިރު ޓްރޭޑް ޑެފިސްޓް ވަނީ ކީއްވެބާ؟ 2020 ވަނަ އަހަރު ރާއްޖެ އެތެރެކުރި މުދަލުގެ އަގު އުޅެނީ 1.8 ބިލިއަން ޑޮލަރުގައި. ޓްރޭޑް ޑެފިސިޓް ދައްކަނީ 1.55 ބިލިއަން ޑޮލަރުގައި. މިހާރު ނޫސް މަރުކަޒީ ބޭންކުން މިކަން ސާފުކޮށްދެއްވާ އާރޓިކަލް އެއް ލިއުވާދެއްވުން ވަރަށް އެދެން.

The name is already taken The name is available. Register?

ހީލަތްތެރި ޓޫރިޒަމް

22 November 2021

ޕޮލެންޑް އަދި ހަންގެރީން ވެސް ކޮވިޑްގެ ސަބަބުން ދިމާވާނެ އިގްތިސޯދީ ހާލަތުން އަރައިގަތުމަށް ގަތީ ރަން. 95 ޓަނުގެ ރަން ޚަޒާނާ އަށް އިތުރުކުރި. ގަމާރު އަނގަގަދަ މާހިރުން ދެންވެސް އަންނަން އޮތް ޖީލުތަކުގެ ސަލާމަތަށް ޚަޒާނާ އަށް މަޑުމަޑުން ރަން އިތުރުކުރޭ. އޭރުން ފައިސާ ޗާޕުވެސް ކުރެވޭނެ. ދަރަނީގެ ގެރެންޓީވެސް އޮންނާނެ. ގެއްލުމަށްވުރެ ރާއްޖެއަށް ފައިދާ ބޮޑުވާނެ. ޑޮލަރަކީ ރައްޖެއަށް ތިޔާގި އެއްޗެއް ނަމަވެސް ބައެއްގެ ހީލަތުން ރާއްޖޭގެ ބޭންކަށް ނުވަދޭ.

The name is already taken The name is available. Register?

ލަދުކުޑޭ

22 November 2021

ޓެކްސް އިިތުރު ނުކޮށް ބަޖެޓް ގެޕް ކިހިނެއްތޯ ފޫބައްދަނީ؟ ބަޖެޓުގައި ހުންނަނީ މީހުން އިންތިހާއަށް ޑިމާންޑްކޮށްގެން ކުރުވަން ބޭނުން ކަންކަން. ފްލެޓް ސަބްސިޑީ، ކަރަންޓު ސަބްސިޑީ، ބޭސް ހިލޭ، ކިޔެވުން ހިލޭ، ދެންވެސް ހުރި ހުރިހާ އެއްޗެއް ހިލޭ. މިއީ މިގައުމުގެ މީހުން ބޭނުންވާގޮތް. ސިޔާސީ މީހުން ރައްޔިތުންގެ ތާއީދު ބޭނުންވާނެ. އެހެންވީމާ އެކަންކަން ކޮށްދޭނެ. ނެތްވަރުން ކަންކަން ކުރެވޭނީ ދަރަނި ނަގާ އަދި ފައިސާ ޗާޕުކޮށްގެން. މިއީ ރޮކެޓްސައިންސެއް ނޫން.

The name is already taken The name is available. Register?

މަޑަވެލީ

22 November 2021

މިހާތަނައް ރައްޖެ ވެރިކަމައް އައި ފީކަޅާ ވެރިކަމެއްމީ

The name is already taken The name is available. Register?

ގާދިރު

22 November 2021

އަޅޭ ފޮތުގެ އެއްބައި ނުބަލާ މުޅިފޮއި ބަލާނަމަދޯ ތި ނަސީރު ތިތަނުގަ ހުރިއިރުގަ ކަންކުރި ގޮތުން މިއަދު މިއަނދަވަޅަށް ވެއްޓިފަ މިއޮތީ

The name is already taken The name is available. Register?

އެކްނޮމިސްޓް މ.ސ

22 November 2021

ޓެކްޓް ފޮތުގައި ލިޔެފަ ހުންނަ ހުރިހާ ކަމެއް އެއްގޮތަކަށް ދިމާ ނުވާނެ. ގުދްރަތީ ވަސީލަތްތަކުން ޕްރޮޑަކްޝަނަށް ނުވިސްނާ، ހަމައެކަނި ޚިދުމަތުގެ ސިނާއަތަކަށް ބަރޯސާވާ ގައުމެއްގައި ކަން ހިނގާގޮތް ތަފާތު ވާނެ. ފައިސާ އިތުރަށް ނެގުމަކީ ކުރިއަށް އަންނަން ހުރި އަހަރުތަކުގެ އާމްދަނީ ނެގުން. ސަރުކާރުން އެއަރޕޯޓް އާމްދަނީގެ އަހަރަކު 1 ކުއާޓަރ ގެ ފައިސާ އިން ރަނުގެ އަގު ދަށްވުމުން ޚަޒާނާ އަށް ރަން އިތުރު ކުރެވޭނަމަ އިތުރަށް ފައިސާ ޗާޕް ކުރެވުދާނެ.

The name is already taken The name is available. Register?

ޗައިންނާ ދިވެހިން

22 November 2021

ޤައުމު ތަރައްގީ ނުވެ ދަރަނި ނެގުމަކީ ވަރައް ދެރަކަމެއް ޤައުމު ހިންގަން ނޭގެންޏާ ރައިސް ޔާމިން ވެރިކަމައް ގެންނަން ޖެހޭ

The name is already taken The name is available. Register?

އެމްސް

22 November 2021

ފައިސާ ޗާޕްކުރަންވާނީ އެންމެ ފަހަށް! ދައުލަތުގެ ޚަރަދު ކުޑަކޮށް، މަޖިލިސް މެމްބަރުންގެ ޚަރަދު ތިރިކޮށް ހަދާފަ!

The name is already taken The name is available. Register?

މެމްބަރު

22 November 2021

މެމްބަރުންވެސް މަދުކުރަންޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454