02 ޑިސެމްބަރ 2021 - 23:19
ކޮވިޑް-19 ބަލިން ދިފާއުވުމަށް އިނގިރޭސި ވިލާތުގެ ގްލެކްސޯސްމިތުކްލައިން (ޖީއެސްކޭ) ކުންފުނިން އުފެއްދި ބޭސް، ސޮޓްރޯވިމެބް އިނގިރޭސި ވިލާތުގައި ބޭނުންކުރުމުގެ ހުއްދަ އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން މިއަދު ދީފި އެވެ.
އިނގިރޭސި ވިލާތުގައި ސޮޓްރޯވިމެބް ބޭނުންކުރަން ހުއްދަ ދިނީ، ކޮވިޑް ބަލި ޖެހުމުން ހާލު ބޮޑުވުމުގެ ނުރައްކާ އޮތް މީހުންނަށެވެ. މި ބޭސް އުފެއްދި ޖީއެސްކޭ ކުންފުނިން ބުނި ގޮތުގައި މި ބޭހަކީ، ކޮވިޑް ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ފަހުން ފެނިފައިވާ އޮމިކްރޯން ކިޔާ ބާވަތުގެ ވައިރަހުން ވެސް ދިފާއުވުމުގެ ގާބިލްކަން ލިބިގެންވާ ބޭހެކެވެ.
ކޮވިޑް ބޭހަކަށް އިނގިރޭސި ވިލާތުގައި ހުއްދަ ދިން އިރު، ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުން އަންނާތީ ގައުމުތަކުން މިހާރު އަންނަނީ، އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެ ގޮތުން ދެކުނު ކޮރެއާގައި އާދަޔާ ހިލާފަށް ކޮވިޑް ފެތުރުން އިތުރުވާން ފެށުމާއެކު، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކުރިން ދެމުން އައި ކަރަންޓީނު ނުވުމުގެ ލުއިފަސޭހަކަން މިހާރު ވަނީ އުވާލައިފަ އެވެ.
އޮމިކްރޯން ބާވަތުގެ ވައިރަހުގެ ސަބަބުން ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ދެކުނު ކޮރެއާ ސަރުކާރުން މިހާރު ނިންމާފައިވަނީ، އެގައުމަށް އެތެރެވާ ކޮންމެ މީހަކު ވެސް ދެ ހަފުތާގެ މުއްދަތަށް ކަރަންޓީނުވުމަށް ފަހު، ކޮވިޑަށް ޓެސްޓުކޮށް ބަލިޖެހިފައި ނެތްކަން ކަށަވަރުކުރުމަށް ފަހުގައި ނޫނީ އެ ގައުމަށް އެތެރެ ނުވެވޭނެ ކަމަށެވެ.
އެމެރިކާގައި ވެސް މިހާރު އޮމިކްރޯން ބާވަތުގެ ވައިރަހުން ކޮވިޑް ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން، އެ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ. ދެކުނު ކޮރެއާގައި އުޅުމަށް ފަހު މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ކެލިފޯނިއާ އަށް ދިޔަ މީހަކު، އޭގެ އެއް ހަފުތާ ފަހުން މިހާރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ކެލިފޯނިއާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، ދެކުނު އެފްރިކާ އިން ދިޔަ އެ މީހަކީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަކޮށްގެން ހުރި މީހެކެވެ. އަދި އޭނާގެ ހަށިގަނޑުން ފެނިފައިވަނީ، ކޮވިޑް ޖައްސާ އޮމިކްރޯން ބާވަތުގެ ވައިރަސް ކަމަށް ވެސް އެމެރިކާ އިން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy