ޕީއެސްޖީގެ ފޯވާޑް އެމްބާޕޭ. --ފޮޓޯ:އޭއެފްޕީ
08 ޑިސެމްބަރ 2021 - 10:29
ޕެރިސް (ޑިސެމްބަރު 8) - ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެލްޖިއަމްގެ ކްލަބް ބުރޫޖް ކޮޅަށް ޖެހި ދެ ލަނޑާ އެކު، ޗެމްޕިއަންސް ލީގުގައި 30 ލަނޑު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ ކިލިއަން އެމްބާޕޭ ހޯދައިފި އެވެ.
އެމްބާޕޭގެ ކުރިން މި މަގާމް އޮތީ، މި ސީޒަނުގައި އޭނާއާ އެއް ޓީމަކަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ އަތުގަ އެވެ. ޗެމްޕިއަންސް ލީގުގައި މެސީ 30 ގޯލު ހަމަކުރިއިރު އޭނާގެ އުމުރަކީ 23 އަހަރާއި 131 ދުވަހެވެ. އެމްބާޕޭ ވަނީ އުމުރުން 22 އަހަަރާއި 352 ދުވަސް ތެރޭ ޗެމްޕިއަންސް ލީގުގައި 31 ގޯލު ޖަހައިފަ އެވެ. މެސީ ވަނީ މިހާތަނަށް ޗެމްޕިއަންސް ލީގުގައި 125 ލަނޑު ޖަހައިފަ އެވެ.
ގުރޫޕް އޭގެ ފަހު މެޗަށް ޕީއެސްޖީ ނުކުތުމުގެ ކުރިން ވެސް އެ ޓީމު އޮތީ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ޗެމްޕިއަންސް ލީގު ދެވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ފަހު މެޗުގައި ޕީއެސްޖީން ރޭ ވަނީ ކްލަބް ބުރޫޖާ ވާދަކޮށް 4-1 އިން މޮޅުވެފަ އެވެ.
ސިޓީ އާއި ލިޕްޒިގް ވާދަކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
ރޭގެ މެޗުގައި އެމްބާޕޭ ފުރަތަމަ ލަނޑު ޖެހީ މެޗުގެ ދެވަނަ މިނިޓުގަ އެވެ. އޭގެ ފަސް މިނިޓު ފަހުން މެޗުގެ ދެވަނަ ގޯލު އެމްބާޕޭ ޖެހިއިރު، ޕީއެސްޖީގެ އަނެއް ދެ ލަނޑު ވެސް ޖެހީ މެސީ އެވެ.
މެސީގެ ދެވަނަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. މިއީ ޗެމްޕިއަންސް ލީގުގައި މެސީ ޕީއެސްޖީ އަށް ޖަހައިދިން ފަސްވަނަ ލަނޑެވެ.
މި ނަތީޖާއާ އެކު ބުރޫޖަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގު ނިންމާލަން ޖެހުނީ ގުރޫޕް އޭގެ ފުލުގައި އޮވެގެންނެވެ. ގުރޫޕްގެ ތިންވަނައިގައި ނިންމައި، ޔޫރޮޕާ ލީގުން ޖާގަ ހޯދީ، ފަހު މެޗުގައި ރޭ މެންޗެސްޓާ ސިޓީއާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކުރި ޖަރުމަންގެ އާރުބީ ލިޕްޒިގެވެ.
ސިޓީ މި މެޗުން ބަލިވި ނަމަވެސް އެ ޓީމަށް ވަނީ ބާކީ އެއް މެޗު އޮއްވައި ގުރޫޕުގެ އެއްވަނަ ޔަގީންވެފަ އެވެ. ސިޓީން ސުން ކަނޑުވާލީ ލިޕްޒިގުން ދެ ލަނޑު ޖަހައިފައި ވަނިކޮށެވެ.
ލިޕްޒިގުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ޑޮމިނިކް ސޮބޮޒްލާއީ ޖެހިއިރު، ފަހު ހާފުގައި ދެވަނަ ލަނޑު ޖެހީ އަންޑްރޭ ސިލްވާ އެވެ. ސިޓީގެ ހަމައެކަނި ލަނޑު ޖެހީ ރިޔާދް މާރޭޒް އެވެ. މެޗުގެ 82 ވަނަ މިނިޓުގައި ސިޓީގެ ފުލްބެކް ކައިލް ވޯކާ އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.
މި ނަތީޖާތަކާ އެކު ގުރޫޕުގެ އެއްވަނައިގައި ސިޓީ ނިންމާލީ 12 ޕޮއިންޓް ހޯދައިގެންނެވެ. ޕީއެސްޖީ ދެވަނައިގައި ނިންމީ، ސިޓީ އަށް ވުރެ އެއް މަދުން 11 ޕޮއިންޓާ އެކު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy