ޚިޔާލު

އޮޅުންބޮޅުން: ދެން ހަދާނީ ކިހިނެއްތޯ؟

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންތަކެއް: ރާއްޖޭގެ ވަޒީފާތަކަށް ބޭރުން މީހުން ގެންނަނީ ދިވެހިން ނުލިބިގެން

އަހުމަދު އަބްދުﷲ

12 ޑިސެމްބަރ 2016 - 06:29

16 comments

ބިދޭސިން ރާއްޖެ އައުމާ ބެހޭ ގޮތުން ދާދި ފަހުން ބަސްދީގަތުމެއް ދެއްވި ކަމާ ބެހޭ އޮފީހެއްގެ ވެރިޔަކު ވިދާޅުވި ގޮތުގައި ގަވައިދާ ޚިލާފަށް އެއްވެސް ބިދޭސީއަކަށް ރާއްޖޭގެ އެއްވެސް ބަނދަރަކުން އެތެރެވުމުގެ ކުޑަ ވެސް ފުރުޞަތެއް ނުއޮންނާނެ އެވެ. އެމަނިކުފާނު ވާހަކަދެއްކެވީ ވަރަށް ޔަޤީންކަމާ އެކުގަ އެވެ. އެދެއްކެވީ ރަނގަޅު ވާހަކައަކަށް ވާ ނަމަ ރާއްޖެ އަށް އެތެރެވާ ހުރިހާ ބިދޭސިންނެއް ވެސް ރާއްޖެ އަށް އެތެރެވަނީ ޤަވައިދުންނެވެ. ހުށައަޅަން ޖެހޭ ލިއުންތައް ހުށައެޅުމަށް ފަހުގައެވެ. ކަމާ ބެހޭ ތަފާތު އޮފީސްތަކުން ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހު، ހުށައަޅަން ޖެހޭ ލިއެކިއުންތައް ފުރިހަމަވުމުން ރާއްޖޭގައި ހުރުމުގެ މުއްދަތުގެ ވިސާ ހަމަޖެހިގެންނެވެ. އެއީ ބަންގާޅީއަކަށް ވިޔަސް، ލަންކާ މީހަކަށް ވިޔަސް، އިންޑިއާގެ މީހަކަށް ވިޔަސް، ނުވަތަ ފަރަންސޭސިއަކަށް ވިޔަސް ރާއްޖެއަށް އެތެރެވުމާއި ހުރުމުގެ ހުއްދައަށް އޮންނަނީ އެއް ގަވައިދެކެވެ. މިގޮތަށް މިކަން އޮންނަ ކަމަށްވާ ނަމަ ގަވައިދާ ޚިލާފަށް ބިދޭސިން ރާއްޖޭގައި އުޅުމުގައި ކޮންމެވެސް ފަރާތެއްގެ އިހުމާލެއްވެ އެވެ. އެއީ އިމިގްރޭޝަނުގެ އިހުމާލަކަށް ނުވާނެ އެވެ. ސަބަބަކީ ބައިވަރު ކަރުދާސްތައް ހުށައެޅުމަށް ފަހު، އެތަކެއް ފަހަރު ގެ އާއި އޮފީހާ ދޭތެރޭ ހިންގެވުމަށް ފަހު، ބޮޑު އަދަދެއްގެ ފައިސާ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓުމަށް ފަހު އެބޭފުޅުން ހުއްދަ ދޫކުރައްވާތީވެ އެވެ. ވީމާ ބިދޭސީ މަސައްކަތު މީހުން ރާއްޖޭގައި ގިނަވެގެން އެމީހުންނަށް އެއްޗެތި ގޮވާ، އެމީހުންނާ މެދު އިހާނާތްތެރިކޮށް ކަންތައް ނުކުރުމާތޯ އެވެ؟ ސަބަބަކީ އެމީހުން ރާއްޖެ ގެންނަނީ އަޅުގަނޑުމެން އަމިއްލައަށް، އަމިއްލަ މަސައްކަތްތައް ކޮށްދޭނެ ދިވެހިން ނުލިބިގެން އެހެން ބަޔެއްގެ އެހީއަށް ބޭނުންވެގެން ކަމަށް ވާތީވެ އެވެ.

މިހާރު ނުކުންނަ މައްސަލައަކީ ރާއްޖޭގައި ތިބުމަށް ބައެއް ބިދޭސިންނަށް ދޫކުރާ ވިސާގެ މުއްދަތު ހަމަވުމުން، ވިސާ އާނުކޮށް އެތަކެއް އަހަރު ވާންދެން "ގެއްލިގެން" ރާއްޖޭގައި ދިރިއުޅޭ ބިދޭސިންގެ މައްސަލަ އެވެ. މިހެން ދިމާވަނީ އިމިގްރޭޝަނުން ބަލަހައްޓަވަން ޖެހޭ ވަރަށް ވިސާ ދޫކުރެވޭ މީހުންގެ ރެކޯޑް ނުބެލިހެއްޓިގެން ކަމަކަށް ނުވާނެ އެވެ. އަދި ފުލުހުންނަށް ގަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސިން ބަލަހައްޓަން ޖެހޭ ވަރަށް ނުބެލެހެއްޓިގެން ކަމަށް ވެސް ނުވާނެ އެވެ. މަގުމަތީގެ ކަންތައްތައް ބަލަހައްޓަވަމުން ގަވައިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދުމަކީ ފުލުހުންނަށް ކުޅަދާނަ ކަމަކަށް ނުވާނެ އެވެ.

އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މިކަމުގައި ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ ބިދޭސީން ރާއްޖެ ގެންނަން ހުއްދަ ނަގާ ފަރާތުންނެވެ. "ގެއްލޭ" މީހުން ހޯދަން ޖެހޭނީ ވެސް އެފަރާތުންނެވެ. އެފަރާތަށް އެކަންތައް ނުކުރެވޭ ކަމަށްވާ ނަމަ، އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމަކީ ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސިންނާ ބެހޭ ގޮތުން އެކަކު އަނެކަކު ބަދުނާމުކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށްވާ ނަމަ، އަމިއްލަ ކުންފުންޏާއި ގޭގައި ބައިވަރު ބިދޭސީ މަސައްކަތްތެރިން ގެންގުޅެމުން ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި އުޅޭތީވެ ފާޑުކިއުމުގެ ފުރުޞަތު އޮންނާނެ އެވެ. މި ފުރުޞަތު ބައެއް މެންބަރުންނަށް ދާދި ފަހުން ލިބިވަޑައިގެންނެވި ދެތިން މިނިޓުގެ ފުރުޞަތުގެ ތެރޭގައި ބޭނުންކުރެއްވި ތަން ވެސް ފެނުނެވެ. މަޖިލީހުގެ މެންބަރުންނަކީ އަޅުގަނޑުމެންގެ ޤައުމަށްޓަކައި "މަރުދޭން" ހޮވާފައި ތިއްބެވި، އެއްވެސް އަމިއްލަ އެދުމެއް ނެތި، ގައުމަށް ވަރަށް އިޚްލާޞްތެރިކަމާ އެކު މަސައްކަތްކުރައްވާ ބޭފުޅުންކޮޅެކެވެ.

ގާނޫނުތައް ހަދާ ރައްޔިތުންގެ މަޖިލިސް: ގާނޫނަކުން އެހެން މީހުންނަށް އުފުލަން ޖެހޭ ބުރަތަކާ މެދު މެމްބަރުން ނުވިސްނަވާ

ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން މިހާރު ނުކުންނަނީ އެމީހުންނަށް މުސާރައެއްގެ ގޮތުގައި ލިބޭ ފައިސާ ޑޮލަރަށް ހެދުމަށް ފަހު އެމީހުންގެ ރަށަށް ފޮނުވުމުގެ މައްސަލަ އެވެ. ރާއްޖޭގައި ޑޮލަރު ހަރުލެއްވުމަށް މަރުކަޒީ ބޭންކުން ކުރައްވާ މަސައްކަތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން އެމީހުންގެ ގައުމަށް ފޮނުވާ ފައިސާ އިން ޓެކްސް ނެގުން ހިމެނެ އެވެ. ބިދޭސީ މަސައްކަތްތެރިންގެ ނަމުގައި ތިން މަސްދުވަހުގެ ތެރޭގައި އެކައުންޓް ނުހުޅުވައިފި ނަމަ، އެމީހުން ގެންގުޅޭ ފަރާތްތައް ވަރަށް ބޮޑު އަދަދަކުން ޖޫރިމަނާކުރެވިދާނެ އެވެ.

ރާއްޖޭގެ ބޭންކެއްގައި ބިދޭސީ މަސައްކަތްތެރިއެއްގެ އެކައުންޓް ހުޅުވުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެންމެ ފުރުތަމަ ކުރިމަތިލާން ޖެހޭ ގޮންޖެހުމަކީ އެކައުންޓު ހުޅުވަން އެޕޮއިންޓުމެންޓެއް ހޯދުމެވެ. އަޅުގަނޑުގެ ރައްޓެހި ސުލެއިމާނުގެ ވަޒީފާއަކަށް ޕޮޑިމަނިކެ ރާއްޖެ ގެނައީ މިދިޔަ އޮކްޓޫބަރު މަހު އެވެ. މަސައްކަތްކުރުމުގެ ހުއްދަ ލިބުމާ އެކު އޭނާ ބޭންކް އެކައުންޓެއް ހުޅުވަން އެޕޮއިންޓުމެންޓަކަށް އެދުނެވެ. އެސްއެމްއެސް އަކުން އެޕޮއިންޓުމެންޓް ހަމަޖެހުނީ އަންނަ އަހަރުގެ މާރިޗް މަހަށެވެ. މި ހަފްތާގެ ތެރޭގައި ޖަނަވަރީ މަހަށް އެޕޮއިންޓުމަންޓް އަވަސް ވެއްޖެ އެވެ. އެޕޮއިންޓުމެންޓް ލިބޭއިރު ސުލެއިމާނަށް ހުންނާނީ ޤާނޫނާ ޚިލާފްވެވިފަ އެވެ. ޕޮޑިމަނިކެއަށް މުސާރަ ނުދީފި ނަމަ މަސައްކަތްތެރިންގެ ބައިނަލްއަޤްވާމީ ޤާނޫނާ ވެސް ޚިލާފްވެވުނީ އެވެ. މުސާރަ ދީފި ނަމަ ޕޮޑިމަނިކެއަށް ރަށަށް ފައިސާ ފޮނުވިދާނެ އެވެ. އަދި ސަރުކާރުން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ކެނޑިގެން ފައިސާ ފޮނުވިދާނެ އެވެ. ސުލެއިމާނުގެ މައްސަލަ މީރާއަށް ފޮނުވައިފި ނަމަ އޭނާ މަދުވެގެން 10،000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ އެވެ. މީރާއިން އޮންނާނީ ކަމާ ބެހޭ އޮފީހުން އެންގެވި ގޮތަށް ކަންތައް ކުރުމެވެ. އެތަނުން އަންގާ ގޮތަށް ފައިސާ ނުދައްކައިފި ނަަމަ އެތަނުން ފޮނުއްވާ އިންޒާރުގެ ސިޓީއަށް ފަހު ދެން އޮންނާނީ "ބުލެކްމެއިލް ބަހުރުވައިން" ފިޔަވަޅު އެޅުމެވެ. އެއީ ފައިސާ ނުދައްކައިފި ނަމަ އެމީހެއްގެ އެކައުންޓް ބަންދުކުރުމެވެ. ނަން ޢާއްމުކުރުމެވެ. ސަރުކާރުގެ ކުންފުންޏެއްގެ ކުރީގެ ސީއީއޯއަކު ވިދާޅުވީ އެނޫން ގޮތަކަށް ފައިސާ ނުލިބޭނެ ކަމަށެވެ.

ޤާނޫނުތައް ހައްދަވާ ފަރާތްތަކުންނާއި ޤަވައިދުތައް ހައްދަވާ ފަރާތްތަކުން އެބޭފުޅުންގެ ނިންމެވުންތަކުން ނުކުންނާނެ މައްސަލަތަކާ މެދު އެކަށީގެންވާ ވަރަށް ދިރާސާކުރައްވާ ކަމަކަށް ނުފެނެ އެވެ. އެންގެވުމުން ފެހި ފިތަށް ފިތާލުމުން ފާސްވާ އެއްޗެއްގެ ސަބަބުން އެކަން ތަންފީޒުކުރަން ތިބޭ ބަޔަކަށް ތަންފީޒުކުރުމުގެ ޤާބިލްކަމެއް ވެސް ނުލިބެ އެވެ.

މިދެންނެވީ ސަރުކާރު ފަޅިން މައްސަލަ އޮންނަ ގޮތެވެ. ސުލައިމާނުގެ ފަޅިއަށް ބަލާލަމާތޯ އެވެ؟ ބިދޭސީން އެކައުންޓް ހުޅުވުމުގެ ޤަވައިދު ނުކުތުމާ އެކު ސުލައިމާނު އޭނާގެ މުވައްޒަފު ގުއްދޫސަށް އެކައުންޓެއް ހުޅުވައިދިނެވެ. ޤުއްދޫސުގެ މައްސަލައަކީ ލިޔަންކިޔަން ނޭނގުމެވެ. ސޮއިކަމަށް ބުނެ އޭނާ ދަމާލާ ރޮނގުތައް އެކި ފަހަރު ހުންނަނީ އެކި ގޮތަށެވެ. މިހެންވުމާ އެކު ސުލައިމާނު އިންޓަނެޓްގެ ޒަރީއާއިން ޤުއްދޫސް އަށް ދަސްކޮށްދެމުން ގެންދަނީ ކާޑުން ފައިސާ ނެގޭނެ ގޮތެވެ. އަކުރުތަކާއި ނިޝާންތައް ދައްކައިގެންނެވެ. އެކަމަކު ޤުއްދޫސްގެ ކާޑު އަދިވެސް ނުލިބެ އެވެ. އެކައުންޓު ހުޅުވުނު ފަހުން އޭނާއަށް އެއް މުސާރަ ލިބިއްޖެ އެވެ. މީގެ އިތުރަށް ކޮންމެ މަހަކު ޤުއްދޫސްގެ އެކައުންޓުން ކެނޑޭ ފަސް ޑޮލަރަކީ ކީއްވެގެން ކެނޑެން ޖެހޭ އެއްޗެއްކަން ޤުއްދޫސަށް އެއްގޮތަކަށް ވެސް ވިސްނައިދެވުނު ކަމަކަށް ނުވި އެވެ. ޤުއްދޫސް ޤަބޫލުކުރާ ގޮތުގައި އެއީ ސުލައިމާނު ދޭން ޖެހޭނެ ފައިސާއެކެވެ.

ޤާނޫނުތައް ހައްދަވާ ފަރާތްތަކުންނާއި ޤަވައިދުތައް ހައްދަވާ ފަރާތްތަކުން އެބޭފުޅުންގެ ނިންމެވުންތަކުން ނުކުންނާނެ މައްސަލަތަކާ މެދު އެކަށީގެންވާ ވަރަށް ދިރާސާކުރައްވާ ކަމަކަށް ނުފެނެ އެވެ. އެންގެވުމުން ފެހި ފިތަށް ފިތާލުމުން ފާސްވާ އެއްޗެއްގެ ސަބަބުން އެކަން ތަންފީޒުކުރަން ތިބޭ ބަޔަކަށް ތަންފީޒުކުރުމުގެ ޤާބިލްކަމެއް ވެސް ނުލިބެ އެވެ. ވަކި މުއްދަތެއްގެ ތެރޭގައި ކުރަން ހަވާލުކުރެވޭ ބޮޑު މަސައްކަތަށް ގިނަ ވަގުތާއި މީހުން ބޭނުން ވާތީވެ އެވެ. އެފަދަ ޤާބިލްކަން ކުއްލިއަކަށް ލިބިގަންނަން އެ މުއައްސަސާތައް ނުކުޅެދެނީ އެވެ.

ރައްޔިތުންގެ މަންދޫބުންނަށް ތިއްބަވާ "ޢިއްޒަތްތެރިން" ޤާނޫނު ބޭނުންކުރައްވައިގެން ރައްޔިތުން ލައްވާ އެކިއެކި ކަންތައް ކުރައްވާއިރު އެކަމަކަށް އޮންނަ އެންމެ ލުއި ގޮތަކަށް ކަންތައް ކުރުވުމުގެ މައްސަލައެއް އޮންނަނީ ބާވަ އެވެ؟ ރާއްޖޭގެ ބައެއް އޮފީސްތަކުން ކަންތައް ކުރާ ގޮތުން ލަފާކުރެވެނީ އެތަނުގެ ހައިބަތާއި އެތަނެއްގައި މަސައްކަތްކުރާ ބައެއްގެ ބޮޑުކަން ހާމަވެގެން ދާނީ އެތަނަށް ޚިދުމަތެއް ހޯދަން ދާ މީހަކަށް އެ ޚިދުމަތެއް ދިނުމަށް ދަތިކުރިވަރަކުން ކަމަށެވެ. މިކަމުގެ ލާމަސީލު މިސާލަކީ ރާއްޖޭގައި ޚިދުމަތު ދޭ ބައެއް ބޭންކްތަކެވެ. ބިދޭސިން ރަށަށް ފޮނުވާ ފައިސާއިން ސަރުކާރަށް ނަގާ ޓެކްސް އެފައިސާ ފޮނުވާ ތަނަކުން ނަގާ ގޮތަކަށް ހަމަނުޖެހެންވީ ކީއްވެ ބާވަ އެވެ؟ އެއާޕޯޓް ޓެކްސާއި މިހާރު ނަގަން އުޅޭ އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް ވެސް ނަގައިދޭނީ ޓިކެޓް ވިއްކާ އޭޖެންޓުންނެވެ. މިހުންނަނީ ކިތަންމެ ހިތްހަމަނުޖެހުނަސް އަލުން ވިސްނާލުން ރަނގަޅު ކަންތައްތަކެވެ.

16 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 8%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޫސާ އަބުދުﷲ

17 December 2016

ބިދޭސިންގެ މައްސަލަ ހައްލުކުރަން ބޭނުންފޫޅުނަމަ ގަވައިދާޚިލާފަށް ފިލައިގެން މިގައުމުގައި އުޅޭ ބިދޭސިން ލައްވާމަސައްކަތްކުރުވާ އެމީހުންނަށް ނިދާންދީ ކާންދީ މުސާރަރަދީ ހަދާދިވެހީން ކުއްވެރި ވާނޭގޮތެއް އަވަހާހައްދަވާށެވެ..

The name is already taken The name is available. Register?

ޢެކޮއި

14 December 2016

ސަރުކާރުން ކަންތައް ކުރަންވާގޮ ނޭގި ، ގާނޫނުތައް ފަހުމް ނުވީމަ ބަހަނާތައް ދައްކާ ޒިންމާއިން ރެކެން އުޅުމުގެ ބޭނުމެއް ނެއް ! ރައްޔިތުންނައް ވާނުވާ އެބަ އެނގޭ !

The name is already taken The name is available. Register?

ޢެކޮއި

14 December 2016

ތިޔަހެން ތިކަން ވާނަމަ މިނިވަން ދައުލަތެއްގެ ސިފަ ވަނީ ގެއްލިފާ... ޒިންމާ އަދާނުކޮއް ހަގީގަތް އޮޅުވާލަން އުޅޭނަމަ ސަރުކާރެއް އޮތުމުގެ ބޭނުމެއްނެއް! ޢިހްމާލު ވެއްޖެކަމައް އެއްބަސް ތިވަނީ ފާޅުގާ !

The name is already taken The name is available. Register?

އަބްދުއްލާ އަލީ

12 December 2016

ރާއްޖެ އަށް ބިދޭސީން ގަވާއިދުން އެތެރެވެ މަގުމަތިވެގެން އުޅޭ ކަމަށް ބެލެވި އެމްޑީޕީ ސަރުކާރުން ތަހުގީގެއްފެއްޓިތަ ؟ އެކަން ގޮސް ނިމުނީ ކިހާހިސާބަކަށް ؟ އަދިވެސް އޭރު މަގުމަތިވި މީހުން ހުސްނުވަނީތަ ؟

The name is already taken The name is available. Register?

ދިވެއްސެއް

12 December 2016

ބިދޭސީންގެ މަސްއަލަ ހައްލުކުރުމަށް ސަރުކާރުވެސް އަދި ބޮޑެތި ވިޔަފާރިވެރިނެތް ބޭނުމެއްނުވޭ. ހައްލުކުރަން ބޭނުންނަމަ ހައްލުކުރެވޭނެ މި ފާއިތުވި ތިންއަހަރުތެރޭގައިވެސް.

The name is already taken The name is available. Register?

ޕަރްދޭސީ

12 December 2016

އަހްމަދު އަބްދުﷲ އަށް ވެދުން. މިލިޔުއްވުމަކީ ދުވަހަކުވެސް އަޅުގަނޑު ކިޔާފައި ނުވާ ވަރުގެ ފުރިހަމަ ލިޔުމެއް. ވާނުވާ ބަޔާން ކޮއްދެވިފައި ހުރިލެއް ވަރައް ފުރިހަމަ. މިލިޔުއްވުމަގައިވާ ކަންކަމުގެ އިތުރުން އަދި ވަރައް ބައިވަރު މައްސަލަ އެބަހުރި. މިރާއްޖޭގެ ކޮންމެ ކަމެއްގައިވެސް އިންތިހާޔައް މައްސަލަ ގިނަވެފައި އެކަމުގެ އަސްލައް ރުޖޫއަ ނުވުމާއި އަސްލު ނޭގުމަކީ އެއްމެ ބޮޑު މައްސަލަ. ބިދޭސީ މައްސަލަތަކާއި އެކު ދެން ނިކުންނަ މައްސަލަ ތަކުގެ ވާހަކަ ދައްކާ މީހާ ގޯސް ވަނީ. އެންމެން ގުއިކައިގެން ގުއި ނުކާކަމުގައި ހެދިގެން އުޅުމުން ދިމާވާ މައްސަލަ މިއީ.

The name is already taken The name is available. Register?

ވަހީދު

12 December 2016

މިހާރު މިމީހުންގެ ކަންތައް އިންތިހާ އަށް ގޯސް ކޮށް އުޅެނީ،. ނުކުރާކަށް ކުށެއް ނެތް. އަނެއްކާ މަސްވެރިކަން ކުރާ ބޮޑެތި ދޯނިތަކުގައި ހުސް މި މީހުން. ފިހާރަތަށް އަދި ކޮންސްޓަރކްޝަން ހުރިހާ ތަނެއްގައި ވަކި ހިއްޕާލައިގެން.

The name is already taken The name is available. Register?

އަރޮޅި

12 December 2016

ޤައުމަށްޓަކައި "މަރުދޭން" ހޮވާފައި ތިއްބެވި، އެއްވެސް އަމިއްލަ އެދުމެއް ނެތި، ގައުމަށް ވަރަށް އިޚްލާޞްތެރިކަމާ އެކު މަސައްކަތްކުރައްވާ ބޭފުޅުންކޮޅެކެވެ..... ވަރައްވެސް ފުރިހަމަ ޖުމްލައެއް...

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

12 December 2016

ތިޔަ ޖުމްލަ ކިޔާފަ މަގާތަށްވެސް އައި ހިންޏެއްގެ ވާހަކަ ހެޔޮވާނީ ނުދެއްކިއްޔާ، ހަމަ ފިސާރި ތެދެއް....

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

12 December 2016

އެއް ދުވަސް ވަރެއްގައި ބިދޭންސީން ބެލެހެއްޓެވި ވަޒީރު މިއަދު ރައީސް ކަމުގަ. * : އޭރުވެސް އޮޅުން ބޮޅުން ވެފައި އޮތް ބަރަންޔެއް ފަދ. ( ނަމަވެސް އޭރު ހިދުމަތް އަވަސް ) * : މިދުވެސް ހަމަ ފަދައިން އޮޅުން ބޮޅުން ވެފަ. ދޭސީ ބޯހިޔާވަހި ކަން ނެތިފަ. ބިދޭސީން ބޯހިޔާވެ ހަމަ މަގުން ނެއްޓިފަ. ( ގަވައިދުން )

The name is already taken The name is available. Register?

ދެފަރާތް

12 December 2016

ދިވެހިރާއްޖޭގެ ޤާނޫނުތައް އޮތްގޮތުން ގަވައިދާ ހޮލާފައް ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތަކަކީ ފުލުހުންނަށް އެއްވެސް ބާރެއް ފޯރުވޭ މައްސަލަތަކެއް ނޫނެވެ. ބިދޭސީންނާއި ބެހޭ ހުރިހާ ކަމެއް ކުރުމަށް ހަވާލުކޮށްފައިވަނީ އިމިގްރޭޝަނާއިއެވެ. މިއަދު އިމިގްރޭޝަން ތެރޭގައިވެސް ބަންގުލަދޭޝް މީހުންގެ ބާރު ގަދައެވެ. ޤާނުނުގައި މަނާކަމެއް ނަމަވެސް ބިދޭސީން ރެކުރޫޓުކުރުމުގެ މަސައްކަތުގައި އެންމެ ގަދައަށް އުޅެނީ ބިދޭސީންނެވެ. މިކަންކަމުގެ ފަހަތުގައި ތިބީ ސަރުކާރާއި ވުޒާރާތަކުގެ އިސްވަރީންނާއި ބޮޑުންނެވެ. މިބޭފުޅުންނަށް ލިބޭ ފައިދާއަކަށް މުޅިޤައުމު ހަލާކުގެތެރެއަށް އެއްލާލަނީއެވެ. ކުރިއަށް އޮތްތަނުގައި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި އިޖްތިމާޢީގޮތުން ކުރިމަތިވެދާނެ އެއްވެސްކަމަށް ބެލުމެއް ނެތެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454