އެ މީހުން މޫދަށް އެރި، ކޮފީތަކަށް ގޮސް، ކެއުންތަކަށް ގޮސް، ބައިސްކަލު ދުއްވާ ވަރަށް މަޖާކުރި. އެ މީހުން ކުރި ހުރިހާ ކަމެއް ހަފްސީގެ 23 މިނެޓުގެ ޑޮކިއުމެންޓްރީގައި ވަރަށް ތަފުސީލުކޮށް ގެނެސްދީފައިވޭ.
ލޯފަން ފަސް ޒުވާނުންނާ އެކު ހަފްސީ އަބްދުﷲ އދ. އަތޮޅުގެ ހަތަރު ރަށަކަށް ކުރި ދަތުރުގެ ތެރެއިން ކުނބުރުދޫ ފާލަން މަތީގައި ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ހަފްސީ
15 ޑިސެމްބަރ 2021 - 07:51
ލޯފަން ދެ ޒުވާނުން ކަމަށްވާ އަބްދުﷲ ޒިޔާއު އާއި މުހައްމަދު މާޒިން އަކީ ވަރަށް ކުރިންސުރެ ވެސް ހަފްސީ އަބްދުﷲގެ ވަރަށް ގާތް ދެ އެކުވެރިންނެވެ. ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްގައި 13 އަހަރު މަސައްކަތް ކުރި ހަފްސީ، ލޯފަން ޒުވާނުންތަކަކާ އެކު ރަށްރަށަށް ދަތުރެއް ދާން ރޭވީ، އޭނާގެ މި ދެ އެކުވެރިންނާ ދިމާވެ، ކޮފީއެއްގައި ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. ޒިޔާއު އާއި މާޒިންއާ އެކު، އެ މީހުން ގޮތަށް ލޯފަން އިތުރު ތިން އެކުވެރިޔަކު މި ދަތުރުގައި ބައިވެރިވި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 22-27 އަށް، އދ. އަތޮޅުގެ ހަތަރު ރަށަކަށް ކުރި މި ދަތުރަކީ ހަފްސީ އަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާއެކެވެ.
މި ދަތުރު ރޭވިއިރު ވެސް، ޑޮކިއުމެންޓް ކުރާނަމޭ ހަފްސީ ހިތަކަށް ނާރުވަ އެވެ. އެކަމަކު ދަތުރު ދިއުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، އެ ހިޔާލު ބޮލަށް ވަދެ، އެކަން ކުރަން އޭނާ ބޭނުންވި އެވެ. މުހައްމަދު އާސިފް (މޮންދު) އަތުން ކެމެރާއަކާއި ޕިން މައިކެއް ހޯދައި، ދަތުރަށް ތައްޔާރުވި އެވެ. އަމިއްލަ އޮން-ކެމްތައް ފިޔަވާ ހުރިހާ ވީޑިއޯތަކާއި އިންޓަވިއުތައް ނެގީ އޭނާ އަމިއްލަ އަށެވެ. އަދި ދިޔަ ރަށްރަށުގެ މީހުންގެ ފަރާތުން ވެސް އެހީތެރިކަން ލިބުނެވެ.
ލޯފަން ފަސް ޒުވާނުންނާ އެކު ހަފްސީ އަބްދުﷲ އދ. އަތޮޅުގެ ހަތަރު ރަށަކަށް ކުރި ދަތުރު.-- ފޮޓޯ: ހަފްސީ
މި ދަތުރުގައި ދެން ބައިވެރިވި ލޯފަން ޒުވާނުންނަކީ މުހައްމަދު މުސްލިމު އާއި އަބްދުލް ރައްޒާގު އަދި އިމާދު އަބްދުލް ސަމަދު އެވެ. މި ފަސް ޒުވާނުންގެ ވާހަކަ ހަފުސީ ވަނީ ވަކިވަކިން ވެސް ޑޮކިއުމެންޓް ކޮށްފަ އެވެ.
އެ މީހުން އެންމެ ފުރަތަމަ ދިޔައީ އދ. ހަންޏާމީދު އަށެވެ. މި ދަތުރުގައި އެ މީހުން ތިބެން ހަމަޖެއްސި އެ ރަށަކީ މުސްލިމްގެ އުފަން ރަށެވެ. އެ މީހުން ތިބީ އޭނާގެ ގޭގަ އެވެ.
"އެހެން ދަތުރުތަކުގައި ދަނީ އަމިއްލަ އަށް ހިތްހަމަޖައްސާލަން އާއިލާ ގޮވައިގެން. އޮފީސް ދަތުރެއް ދިޔަސް އިނދޭތާ އަހަރެމެންގެ އަމިއްލަ މަޖާކުރުމާއި ތަންތަން ބަލަން ދިއުން. އެކަމަކު މި ދަތުރުވީ އެހެން ބަޔަކު ހިތްހަމަޖައްސައިދޭން ދެވުނު ދަތުރަކަށް،" ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރާ ހަފްސީ ކިޔައިދިނެވެ.
ލޯފަން ފަސް ޒުވާނުންނާ އެކު ހަފްސީ އދ. އަތޮޅުގެ ހަތަރު ރަށަކަށް ކުރި ދަތުރުގެ ތެރެއިން.-- ފޮޓޯ: ހަފްސީ
ހަފުސީ ބުނި ގޮތުގައި، މި ދަތުރަކީ ލޯފަން މީހުން އަސްލު ދިރިއުޅޭ ގޮތް ބަލައިލަން އޭނާ އަށް ލިބުނު ފުރުސަތެކެވެ. އެއީ އޭނާ އަށް ވެސް މުޅިން އާ ތަޖުރިބާއެކެވެ.
"ފުރަތަމަ މީހަކު ހިތަށް އަރާފާނެ ދޯ، ކީއްކުރަންހޭ މި މީހުން ރަށްރަށް ދަނީ. އެ މީހުންނަކަށް ނުފެންނާއޭ، ރީތި ތަނަކަށް ދިޔަސް. އެކަމަކު އެ މީހުންނާ އެކު އުޅެލީމަ، އެ މީހުން ދައްކާ ވާހަކައިން އެނގޭ އެ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭކަން،" އޭނާ ބުންޏެވެ.
"ގުދުރަތީ ތަނެއް ނަމަ، އެތަނުގެ ވަށައިގެންވާ މާހައުލުގެ އިހުސާސްތައް އެ މީހުންނަށް ކުރެވޭ. ލޮލަށް ފެނިގެން ރީއްޗޭ ނުބުންޏަސް، އެ މީހުންނަށް ހިތްހަމަޖެހުން ލިބޭ، ރީތިކަން ވެސް އެނގޭ."
ލޯފަން ފަސް ޒުވާނުންނާ އެކު ހަފްސީ އދ. އަތޮޅުގެ ހަތަރު ރަށަކަށް ކުރި ދަތުރުގެ ތެރެއިން.-- ފޮޓޯ: ހަފްސީ
ބީޗަށް ދިއުމާއި މޫދަށް އެރުމާއި މަގުތަކުގައި ހިނގާލުން ފަދަ، އަހަރެމެން ވެސް ރަށަކަށް ގޮސް ކުރަން ބޭނުންވާ ހުރިހާ ކަމެއް އެ މީހުން ވެސް ކުރަން ބޭނުންވެ އެވެ. ހަމައެކަނި ތަފާތަކީ، އެ މީހުންގެ ލޮލަށް ނުފެންނަ ކަމެވެ. އެކަމަކު އެ މީހުންގެ ލޮލަށް ނުފެނުނަސް، ހަފުސީ ބުނީ އެ މީހުންނަށް އެ މީހުންގެ ސިކުނޑީގައި އެ ހުރިހާ ކަމެއްގެ ސިފަކުރެވޭ ކަމަށެވެ. އެ މީހުންނަށް ކުރެވޭ އުފާވެރި އިހުސާސްތައް އެ މީހުންގެ ވާހަކަތަކުން އެނގުނު ކަމަށެވެ.
މި ދަތުރުގައި އެ މީހުން ދެން ދިޔައީ ހަންޏާމީދޫއާ ކައިރީގައި އޮންނަ ކުނބުރުދޫ އާއި އޮމަދޫ އާއި މަހިބަދޫ އަށެވެ. މި ރަށްރަށުގެ އެކި ތަންތަނަށް އެ މީހުން ދިޔަ އެވެ. މޫދަށް އެރި، ކޮފީތަކަށް ގޮސް، ކެއުންތަކަށް ގޮސް، ބައިސްކަލު ދުއްވާ ވަރަށް މަޖާކުރި އެވެ. އެ މީހުން ކުރި ހުރިހާ ކަމެއް ހަފްސީގެ 23 މިނެޓުގެ ޑޮކިއުމެންޓްރީގައި ވަރަށް ތަފުސީލުކޮށް ގެނެސްދީފައިވެ އެވެ.
ލޯފަން ފަސް ޒުވާނުންނާ އެކު ހަފްސީ އަބްދުﷲ އދ. އަތޮޅުގެ ހަތަރު ރަށަކަށް ކުރި ދަތުރުގެ ތެރެއިން.-- ފޮޓޯ: ހަފްސީ
އާންމުކޮށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ ލޯފަން މީހުން ގޮވައިގެން ތަންތަނަށް ދިއުމަކީ ވަރަށް އުނދަގޫ ކަމެކޭ އެވެ. އެކަމަކު އާންމުންގެ މި ވިސްނުން ހަފްސީ ދޮގުކުރި އެވެ.
"މިސާލަކަށް އެ މީހުން އެއްޗެއްގައި ޖެހިދާނެތީ، އެފަޅި އަށް ޖެހޭ، މިފަޅި އަށް ޖެހޭ، އެވަރަށް ބުނެދެން ޖެހޭނެހެން އަހަރެމެންނަށް ހީވަނީ. އެކަމަކު އަސްލު އެހެން ބުނީމަ އެ މީހުންނަށް ވަނީ އުނދަގޫ،" ހަފްސީ ބުންޏެވެ.
"އެ މީހުންނަށް އަސްލު ނުޖެހޭ ކިޔައިދޭކަށް. ކޮނޑުގައި އަތްޖައްސާލައިގެން ސިޑިން ތިރިއަށް ފައިބަނީއޭ، ހުރަސްކުރާށޭ ނުބުންޏަސް، އެ މީހުންނަށް އެނގޭ އަހަރެމެންގެ ހަރަކާތްތަކުން ވާންވީ ކިހިނެއްކަން. އަހަރެން ފައި ހިތްލާލީމަ އެ މީހުންނަށް އެބަ އެނގޭ ފައި ހިއްލަންވީ ކަން، ފައި ހިއްލައިގެން ކަން ކުރިއަށް ދެވޭނީ. އެމީހުން ގާތު ބުނާކަށް ނުޖެހޭ."
ލޯފަން ފަސް ޒުވާނުންނާ އެކު ހަފްސީ ކުރި ދަތުރުގެ ޑޮކިއުމެންޓްރީ.
މި ދަތުރު މަތީގައި އެ މީހުން އެހެން ރަށްރަށް ދާން ވެސް ރޭވި އެވެ. އެހެންވެ، ހަފުސީ ބުނީ މި ކަހަލަ ކުދިކުދި ކަންކަމަކީ އެފަދަ މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭ ކަމެއްކަން އެނގޭއިރު، އެ މީހުންނަށް އެ ފުރުސަތު ހޯދައިނުދީ ތިބެންވީ ސަބަބެއް ނެތް ކަމަށެވެ. އިންސާނާގެ މުހިންމު އެއް ހިއްސު ގުދުރަތުން އެ މީހުންނަށް ދެއްވައިފައި ނުވިޔަސް، އަހަރެމެން ހިތްހަމަޖައްސަން ކުރާ ހުރިހާ ކަމެއް ވެސް ކުރަން، އެ މީހުން ބޭނުންވެ އެވެ.
"ރަށްރަށުގައި ވެސް އެބަ ތިބި ލޯފަން ކުދިން، ގެއިން ބޭރަށް ގޮސް އެ ދިރިއުޅޭ ރަށުގެ ތަންތަނުގެ މާހައުލުތަކުން ހިތްހަމަޖައްސާލުން ހޯދުމުގެ ފުރުސަތު ނުލިބޭ. ކީއްވެ އަހަރެމެން އެ ފުރުސަތު އެކުދިންނަށް ފަހިނުކޮށްދޭންވީ؟،" ހަފްސީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިޔޯ
15 December 2021
ހަފްސީއަށް ދަރުމަހުރި! ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވަނީ ތިފަދަ ހެޔޮއެދޭ ފަރުދުންތަކެއް. ޔަގީން ހަފްސީގެ މި މަސައްކަތުގެ ސަބަބުން ގިނަ ބަޔަކަށް ރަނގަޅު މެސެޖުތަކެއް ލިބިގެންދާނެ. އަދި ގިނަ ބަޔަކަށް ފިލާވަޅުތަކެއް ދަސްވާނެކަމަށް އުންމީދުކުރަން. ނުކުޅެދުންތެރިކަން ހުންން ފަރާތެއްގެ ބެލެނިވެރިއެއްގެ އަދި ހަފްސީއަށް ހެޔޮ އެދޭ ފަރާތެއްގެ ހައިސިއްޔަތުން ހަފްސީއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!
ހާމިދު ޝާހިދު
15 December 2021
ހާފްސީ އަކީ ވަރަށް އެ ކުރާކަމެއް ހިތްވަރާއެކު ރަނގަޅަށް ކުރާ ނޫސްވެރިއެއްކަން ފާހަގަ ކުރަން. މިކުރެވުނު މަސައްކަތަށް ފައްފަށުން ސާބަހާއި ހިތްވަރު ދެން. އަހަރުމެން ކުޅެދޭމީހުން އެބަޖެހޭ ނުކުޅެދޭ މީހުންނަށް މިފަދަ ފުރުޞަތުތައް ތަނަވަސް ކޮށްދޭން.
ޏަޢީ
15 December 2021
ހަފްސީއަށް ﷲ ހެޔޮ ރަޙްމަތް ލައްވާށި. ހުރިހާ ހިއްސެއް ސަލާމަތުން ހުރެެ ނުލިބޭ އެެކުވެރިކަމެއް ތިކުދިންގެ ތެރޭގައި އޮތްތައް ފެނުމުން ވަރަށް ފުން އަސަރެއް ކުރުވީ. ހަފްސި އެކުދިންނަށްޓަކައި ތިކޮށްދިނީ ވަރށް އަގުުހުރި މަސައްކަތެއް. ޝުކުރިއްޔާ ހަފްސީ. ?
ސައިޚް
15 December 2021
ހާދަ ރަނގަޅުކަމެކެ ތިކޮއްދިނީ، ވަރަށް އުފާވޭ،