ބަޔަކު ހިދުމަތް ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީގައި: މިއަދު ތަސްދީގުކުރި ގާނޫނަކުން އެ އޮތޯރިޓީ ވަނީ އުވާލާފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 ޑިސެމްބަރ 2021 - 13:22
ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމަށް ޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއުކުރި ގާނޫނުގައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ޓްރާންސްޕޯޓް އޮތޯރިޓީ އުވުނީ އެވެ. އަދި އެ އޮތޯރިޓީ އުވުމާ އެކު މުވައްޒަފުން ބަދަލުވާނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށެވެ.
މިއަދު ތަސްދީގުކުރި ގާނޫނުގައިވާ ގޮތުން، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުން، އެ އޮތޯރިޓީގެ ދަށުގައި ކުރިން ހުރި އެންމެހައި މުދަލާއި ފައިސާ އާއި ވަސީލަތްތައް ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށަށް ބަދަލުވީ އެވެ. ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީ އަށް އޮތް ހައްގުތަކާއި މަންފާތަށްް ވެސް އެފަދަ އެވެ. ގާނޫނީ ގޮތުންނާއި އެއްބަސްްވުންތަކުގެ ދަށުން އެ އޮތޯރިޓީން އަދާކުރަން ޖެހޭ ޒިންމާތައް ވެސް، މިއަދު ތަސްދީގުކުރި ގާނޫނުގައިވާ ގޮތުން މިހާރު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ބަދަލުވެފަ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމުގެ ބިލު ރައްްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. އެ ބިލު ފާސްކުރީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ ގުޅިގެން ދިރާސާކޮށް ނިންމި ގޮތަށެެވެ.
ޖޮއިންޓް ކޮމިޓީން އެ ބިލު ދިރާާސާކުރި އިރު ކަމާ ބެހޭ އިދާރާތަކުގެ ވެރިންނާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރި އެވެ. އެ ބިލާ ބެހޭ ގޮތުން ޖޮއިންޓް ކޮމިޓީން މަޝްވަރާކުރި ފަރާތްތަކުގެ ތެރޭފައި އެޓާނީ ޖެނެރަލްގެ އޮފީހާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީއާއި ސިފައިންނާއި ފުލުހުން އަދި ކަސްޓަމްސް ހިމެނެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޒިިންމާގެ ތެރޭގައި މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުފަހަރު ރެގިއުލޭޭޓްކުރުން ހިމެނޭތީ ފިޝަރީޒް މިނިސްޓްރީގެ ވެރިންނާ ވެސް ކޮމިޓީން މަޝްވަރާކޮށް ހިޔާލު ހޯދި އެވެ. އެ ބިލާ މެދު ގޮތެއް ނިންމުމުގައި އާއްމުންގެ ހިޔާލުވެސް ފުޅާ ދާއިރާއެއްގައި ހިޔާލު ހޯދައި، އެ ހިޔާލުތަކަށް ވެސް ރިއާޔަތްކޮށްފައިވާނެ ކަަމަށް ކޮމިޓީގެ ރިޕޯޓްގައި ވެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމުގެ ބިލު ފާސްކުރި ދުވަހު، ވެސް، މިނިސްޓަރު އައިޝަތު ނަހުލާ އެ އޮތޯރިޓީގެ މަސައްކަތް ލަސްކަމަށް ގަބޫލުނުކުރައްވައި، އެ އޮތޯރިޓީ ދިފާއުކުރެއްވި އެވެ.
އެ ދުވަހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީއާ ބެހޭ ގޮތުން ޝަކުވާ ލިބޭ ކަމަށް ރައްޔިތުންގެ އެކިއެކި މެމްބަރުންގެ ފަރާތްޕުޅުން އިވިވަޑައިގެންފައިވާ ކަމަށެވެ. އާއްމުންގެ ޝަކުވާ ލިބޭ ކަމަށް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން އެންގުމުން ވެސް، އެ ޝަކުވާއަކީ ކޮބައިކަން ސާފުކޮށްދެއްވަން އެދިވަޑައިގެންފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
120687
14 December 2021
ސަރުކާރުގެ މި ކަހަލަ ގިނަ ނިންމުމަކީ ކަންކަން ފޮރުވައި މަތިޖަހަން ކުރާ ކަންކަން. ތަނެއްގެ 4 ފާރު ކުށެއް ނުކުރާނެ. ކުށް ކުރަނީ ތަނުގައި ތިބޭ މީހުން. އެމީހުންނާ މެދުގައި ފިޔަވަޅު ނާޅައި ތަނުގެ އާބާތުރަ ފިލުވައި، ނަން ބަދަލުކޮށް ނަންބޯޑު އާކޮށް، ނުވަތަ ތަން ތަޅައި ސުންނާފަތި ކޮށްލިޔަކަސް ހަމަ ހިލައި އެއް ކަމެއް ވެސް ރަނގަޅެއް ނުވާނެ. އެހެނަސް ކަން ނުބައިވީމާ ތަން ނުބައިވާ އުސޫލު މި އޮންނަނީ. މިސާލުތައް ބައިވަރު. މިފްކޯ. މިހެން ގޮސް ނަން ހުސްކޮށް.
އޮރެންޖް
13 December 2021
ތިޔަ ގޮތަށް ކިތަށް އެޗް.ޑީ.ސީ އުވާލައިފި؟ އެކަމަކު އެޗް ކިޔާފަ ކޮންމެ ނަމެއް ކިޔަސް އަދިވެސް އެޗް.ޑީ.ސީ އަކީ އެއް ކުންފުންޏެއް ކަމަށް އެމީހުން ދައުވާކުރަނީ.
ގުދުގުދާބެއްޔާ
14 December 2021
އެޗްޑީސީއޭ!؟؟ ކުރިން ތިޔަ ތަނަށް ކިއީ ހުޅުމާޅެ ޑިވެލެޕްމަންޓް ކޯޕޮރޭޝަން. މިހާރު ކިއަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން! ދެން ކިޔަން އެންމެ ރަގަޅީ މާލޭ ސަރަހައްދުގެ ބިންކާ ކޯޕޮރޭޝަން!
ސިއްރު ފެންފުއްޓަރު
13 December 2021
މާދަމާ އިދާރާއަށް ދާއިރު ހަމައެކަނި ބަދަލުވާނީ ނަންބޯޑު އެކަނި!!
6343535
13 December 2021
އައިޝްކޮ ހައްތަހާ ބާރުގަދަވާގޮތްވީ.
އިބުރާ
13 December 2021
އުފާވެރި ދުވަހެއް. ތިއަށްވުރެ ވަކީން ރުންކުރު، ހުދުމުހުތާރު، ކޮރަޕްޓް މުއައްޒިފުން ތިބި ތަނެއް މިއުޑު ބަޅުކުރެއްވި ހިސާބުގަވެސް މަދުވާނެ. ހިދުމަތަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުއްމީދުކުރަން
އަލީހަސަނު
13 December 2021
ދެން ހުޅުމާލެ ފޮލެޓުތަކަށް ކާރު ރަޖިސްޓަރީ ކުރެވޭގޮތް ހަދައިދީބަލަ.
ގުދުގުދާބެއްޔާ
14 December 2021
ހެހެހެ! ހަމަހޭގަތޯ ބޭފުޅާ ތިޔަހުރީ! ފެލެޓައް ކާރު ޕާކް ކުރެވޭގޮތައް ތަ އެތަންތަން ހަދާފައި ހުރީ؟
120687
14 December 2021
ގުދުގުދާބެއްޔާ އެންމެ ރަނގަޅު ތާ ވިސްނާލި ނަމަ، އެއް ބޮޑު ހުޅުމާލެ ހެދި އިރު، ޒަމާނީ ސަހަރުތަކުގައި ހުން ސަވާރީ އަޅާފައި ބާއްވާނެ އިމާރާތްތައް ބޭނުންވާނޭ ކަމާ މެދު ސަރުކާރުން ދުރު ވިސްނުން ހިންގާފައި ނެތީމާ. މިދާ ކެއި އުނބެއްތަ އެވެރިންގެ ހުރީ. ބައިލައްކައަށް ވުރެ ބޮޑު އާބާދީއެއް އެތަނަށް ޖަމާކުރި އިރު މިއިން ކަމަކާ ވިސްނާލާނޭ މީދާ ކެއި އުނބުގަނޑެއްހާ ހިސާބު މި ކަން ހިންގި ސަރުކާރުތަކުގައި ހަމަ ނެތީ ތޯ އޭ މަގޭ ހިތަށް އަރާ ފައިބާ. ވަ.ގި.ސަ.ވެ.
ަމަހެދީ
13 December 2021
އަލްޙަމްދުލިﷲ ރައްޔިތުންނަށް ކެކުޅުމާއި ވޭނާ ތުރަތައް ޖައްސަމުންބދިޔަ ބައެއްގެ އުނދަގުލުން ސަލާމަތް ވީ އެވެ