21 ޑިސެމްބަރ 2021 - 06:03
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ނަރުސިމްހާ ރާއޯގެ ވާހަކަ ކިޔައިދޭ ވެބް ސީރީޒެއް ހަދަން ނިންމައިފި އެވެ.
އެ ސީރީޒް އިއުލާންކޮށްފައި ވަނީ އިންޑިއާގެ ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ ފިލްމު "ޕުޝްޕާ: ޕާޓް 1" ގެ މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުންގެ ބައްޕަ ޕްރޮޑިއުސަރު އައްލޫ އާރުވިންދު އެވެ. ނަރުސިމްހާގެ ވާހަކަ ކިޔައިދޭ ސީރީޒްއާ ބެހޭ ގޮތުން އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި އާރުވިންދު ބުނީ އެ ސީރީޒް ޑައިރެކްޓްކުރާބީ "ރާޖްނީތީ" އާއި "ދިލް ކިޔާ ކަރޭ" ފަދަ ފިލްމުތައް ހެދި ޕްރަޖާޝް ޖާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި އިންޑިއާގެ 9 ވަނަ ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވި ނަރުސިމްހާގެ ވާހަކަ ސީރީޒެއްގެ ގޮތުގައި ހަދަން ނިންމީ އޭނާ އަކީ އިންޑިއާގެ ދެކުނު ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން އެ ގައުމުގެ އެންމެ ނުފޫޒު ގަދަ ސިޔާސީ މަގާމު ފުރުއްވި ހަމައެކަނި މީހާ ކަމަށްވާތީ އެވެ.
"އެހެންވެ ނަރުސިމްހާ ހޯއްދެވި ޝަފަރު ދެކުނު އިންޑިއާގެ މީހުންނަށް އަބަދުވެސް ވަރަށް ހާއްސަ. އަދި އޭނަގެ ވާހަކަ ސީރީޒެއްގެ ގޮތުގައި ކިޔައި ދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް." އާރްވިންދު ބުންޏެވެ.
އާރްވިންދުގެ ހާ ސްޓޫޑިއޯ އާއި އެޕްލޯޒް އެންޓަޓައިންމަންޓް ގުޅިގެން ހަދަން ނިންމާފައިވާ ސީރީޒާ ބެހޭ ގޮތުން އާރްވިންދު ބުނީ ނަރުސިމްހާގެ ވާހަކަ ކިޔައިދޭނީ މައިގަނޑު ހަތަރެއް ނުވަތަ ފަސް ވަރަކަށް ވާހަކަ އަށް ބިނާކޮށް ކަމަށެެވެ. އެގޮތުން އޭނާގެ ކެރިއަރުގެ އުސްއަލިތައް މުޅި ސީރީޒްގައި އަލިއަޅުވާނެ ކަމަށް ބުންޏެވެ. އަދި އޭގެ މައިގަނޑު ވާހަކަ ބިނާކުރާނީ ތާރީހީ ލިޔުންތެރިޔާ ވިނޭ ސިތަޕާތީގެ "ހާފް ލަޔަން" އަށެވެ.
"އެ ހަދާނީ ތެލެގޫ، ތަމަޅަ އަދި ހިންދީ ބަހުން. ހަމަ ޔަގީނުން ވެސް މިއީ ވަރަށް ޝައުގުވެރި އެއްޗަކަށް ވާނެ." އާރްވިންދު ބުންޏެވެ.
ނަމަވެސް އޭގައި ނަރްސިމްހާގެ ރޯލު ކުޅޭނެ އެކްޓަރަކު އަދި ނުނިންމަ އެވެ.
ދެހާސް ހަތަރެއްގައި 83 ގައި އަހަރުގައި އަވަހާރަވި ނަރްސިމްހާ ބޮޑުވަޒީރުކަން ކުރެއްވީ 1991-1996 އަށެވެ.
އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދިން ފިލްމެއް "ޕީއެމް ނަރެންދުރަ މޯދީ" ގެ ނަމުގައި ވިވެކް އޮބެރޯއީއާ އެކު 2019 ގައި ގެނެސްދީފައިވާ އިރު، ހަމަ އެ އަހަރު އަނޫޕަމް ކޭރާ އެކު، ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ބައޮގްރަފިކަލް ޑްރާމާއެއް "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރު" ގެ ނަމުގައި ގެނެސްދީފައިވެ އެވެ.
އިންޑިއާގެ ދެކުނު ސިޔާސީ ޝަހުސިއްޔަތުންގެ ތެރެއިން އެންމެ ފަހުން ގެނެސްދިން ކާމިޔާބު ފިލްމަކީ ސެޕްޓެމްބަރުގައި ރިލީޒްކުރި ކަންގަނާ ރަނާވަތުގެ "ތަލައިވީ" އެވެ. އެއީ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދިން އެއްޗެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy