ދުނިޔެ / ފިލިޕީންސް

ރައި ތޫފާނުގައި މަރުވި އަދަދު 200ން މައްޗަށް

ފިލިިޕިންސްއަށް އެރި ތޫފާނުގައި ޕައިލެޓްކަން ކިޔަވާ ދަރިވަރުން ބޭނުންކުރާ އެއާކްރާފްޓަކަށް ގެއްލުންވެފައި

20 ޑިސެމްބަރ 2021 - 12:33

މިމަހުގެ 16 ވަނަ ދުވަހު ފިލިޕީންސަށް އެރި ރައި ތޫފާނުގައި ލިބުނު ގެއްލުންތަކުގައި މަރުވި މީހުންގެ އަދަދު 200 އަށް ވުރެ އިތުރުވެފައިވާ ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.

ބޮހޯލް ޕްރޮވިންސްގެ ގަވަރުނަރު އާތާ ޔާޕް ވިދާޅުވި ގޮތުގައި މި ހާދިސާގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވެސް 50 އަށް ވުރެ މަތިވެފައިވާ އިރު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ރައި ތޫފާން އެރުމުގެ ސަބަބުން ކުރިމަތިވި ހާދިސާތަކުގައި އެންމެ ގިނަ މީހުން މަރުވީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާއި ފެންބޮޑުވުމުގެ ހާދިސާތަކުގަ އެވެ.

ތޫފާން އެރި ގިނަ ސަރަހައްދުތަކުން ކަރަންޓާއި ބޯފެނުގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ. ކަރަންޓު ކެނޑިފައި ހުރުމުގެ ސަބަބުން ފެން ދޫކުރާ އިސްކުރުބަރިތަކުން ވެސް ފެން ނުލިބޭ ކަމަށް، އެ ސަރަހައްދުތަކުގެ މީހުން ބުނެ އެވެ.

ބޮހޯލް ޕްރޮވިންސްގައި އެކަނިވެސް 1.2 މިލިއަން މީހުން ދިރިއުޅޭއިރު، މިހާރު ގޭގޭގައި ހުރި ބޯފެނުން ފުއްދުމަށް ޕްރޮވިންސްގެ ގަވަރުނަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ. އަދި ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް އަލުން ފަށައި ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތޫފާން އެރި ސަރަހައްދުތަކުން ގާތްގަނޑަކަށް 780000 މީހުންނަށް ގެއްލުން ވެފައިވާ ކަމަށް ފިލިޕީންސް ސަރުކާރުން ބުނެ އެވެ. އޭގެ ތެރެއިން 300000 އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ތަންތަނަށް ދަތުރުކޮށްފަ އެވެ. ގެދޮރު ދޫކޮށް ދިޔަ ގިނަ މީހުންގެ ގެތައް މިހާރު ހުރީ ބޮޑު މަރާމާތަކަށް ފަހުގައި ނޫނީ ދިރިނޫޅެވޭ ވަރަށް ހަލާކުވެފައި ކަމަށް، ސަރުކާރުން ބުނެ އެވެ.

ފިލިޕީންސްގެ ޓޫރިޒަމްގައި ބޮޑު މަގުބޫލުކަމެއް އޮންނަ ސިއަރްގާއޯ ޖަޒީރާއަށް، މިދިޔަ ބުރާސްފަތި ދުވަހު ތޫފާން ރައި އެރި އިރު، ވައިގެ ބާރުމިން ހުރީ ގަޑިއަކު 195 ކިލޯމީޓަރުގައި ކަމަށް، އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ. އަދި މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި އެ ގައުމަށް އެރި އެންމެ ބާރު ގަދަ ތޫފާން ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.

ސަރުކާރުގެ އިދާރާތަކުން ބުނާ ގޮތުގައި، ތޫފާނުގައި ޖެހުނު ބާރު ވައިގައި ވެއްޓުނު ގަސްތަކުގެ ދަށުވެގެން ވެސް ބައެއް މީހުން މަރުވި އެވެ. އަދި ބައެއް ގޭގެއިން ވެއްޓުނު ފާރުތަކުގެ ދަށުވެގެން ވެސް ބައެއް މީހުން މަރުވި އެވެ.

މި ތޫފާނުގައި ލިބުނު ގެއްލުންތައް ބައްލަވައިލެއްވުމަށް، އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓެރްޓޭ، މިދިޔަ ހޮނިހިރު ދުވަހު އެ ސަރަހައްދަށް ވަޑައިގެންނެވި އެވެ. ރައީސް ރޮޑްރިގޯ ވިދާޅުވި ގޮތުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް 40 މިލިއަން ޑޮލަރު މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454