ދުނިޔެ / ހޫތީ

ހޫތީ ހަނގުރާމަވެރިން ތަމްރީން ކޮށްދެނީ ހިޒްބުﷲ

27 ޑިސެމްބަރ 2021 - 14:06

3 comments

ޔަމަން ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހޫތީ ހަނގުރާމަވެރިންނަށް ބޭނުންވާ އަސްކަރީ އަދި ފަންނީ ތަމްރީންތައް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނީ، ލެބަނާންގައި އޮންނަ ހިޒްބުﷲ ޖަމާއަތުން ކަމަށް، ޔަމަން ސަރުކާރަށް ވާގިވެރިވާ ގުޅިފައިވާ ލަޝްކަރުން ބުނެފި އެވެ.

ގުޅިފައިވާ ލަޝްކަރުގެ ކޮމާންޑަރު، ސައޫދީ އަރަބިއްޔާގެ ބްރިގޭޑިއާ ޖެނެރަލް ތުރުކީ އަލް މާލިކީ ވިދާޅުވި ގޮތުގައި ޔަމަންގެ ހޫތީ ހަނގުރާމަވެރިން ތަމްރީންކުރަން އެ ގައުމަށް ފޮނުވަނީ ހިޒްބުﷲގެ ތަޖުރިބާކާރުންނެވެ. ޔަމަނުގައި މިހާރު ތިބި ހިޒްބުﷲގެ ފަންނީ ތަޖުރިބާކާރުންގެ މަސްއޫލިއްޔަތަކީ، ބެލެސްޓިކް މިސައިލް ރާވާނެ ގޮތާއި އުދުއްސާލާނެ ގޮތުގެ ތަމްރީނުތައް، ހޫތީ ހަނގުރާމަވެރިންނަށް ދިނުމެވެ.

އޭގެ އިތުރުން ސައޫދީ އަރަބިއްޔާ އަށް ހަމަލާ ދިނުމަށް، ޔަމަންގެ ސަންއާގެ ވައިގެ ބަނދަރުން ޑްރޯންތައް އުދުއްސާނެ ގޮތާއި އެ ޑްރޯންތައް ކޮންޓްރޯލް ކުރާނެ ގޮތުގެ ތަމްރީންތައް ދެނީ ވެސް ހިޒްބުﷲ ޖަމާއަތުގެ ތަޖުރިބާކާރުން ކަމަށް ޖެނެރަލް ތުރުކީ ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ޖެނެރަލް ތުރުކީ ވަނީ ހިޒްބުﷲގެ ހަނގުރާމަވެރިން ޔަމަންގައި ހަރަކާތްތެރިވާ ގޮތުގެ ވީޑިއޯ އާއި ފޮޓޯތައް ނޫސްވެރިންނާ ހިއްސާ ކުރައްވައިފަ އެވެ. މި ވީޑިއޯތަކުގެ ތެރޭގައި، ގޮވާތަކެތި ހަރުކޮށްފައި ހުންނަ ޑްރޯން އުދުއްސާނެ ގޮތާއި، އެފަދަ ޑްރޯންތައް އޭގެ އަމާޒަށް ވާސިލުވުމުން ގޮއްވާލާނެ ގޮތުގެ ފަންނީ ތަމްރީނުތައް، ހޫތީންނަށް ދިނުމުގައި ހިޒްބުﷲގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯތައް ހިމެނެ އެވެ.

"ހިޒްބުﷲއޭ މިކިޔާ ޓެރަރިސްޓް ޖަމާއަތުން، މުޅި މިސަރަހައްދުގަޔާއި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހަމަނުޖެހުމާއި ފަނާކުރުން ފަތުރައިފި. ސައޫދީ އަރަބިއްޔާ އާއި ޔަމަންގައި އާންމުންނަށް ދޭ ހަމަލާތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ވެސް އެއީ،" ގުޅިފައިވާ އަރަބި ލަޝްކަރުގެ ތަރުޖަމާނު ޖެނެރަލް ތުރުކީ ވިދާޅުވި އެވެ.

އޭނާ ދެއްކެވި ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯއެއްގައި ފެންނަނީ، ހިޒްބުﷲގެ ކޮމާންޑަރެއް ކަމަށް ބުނާ މީހަކު، ހޫތީންގެ ޖާސޫސީ އިދާރާގެ ވެރިޔާ އަބޫ އަލީ އަލްހާކިމްއާ ބައްދަލުވެ ތައާރަފްވާ މަންޒަރެވެ. އަބޫ އަލީއަކީ ގުޅިފައިވާ އަރަބި ލަޝްކަރުން އިއުލާންކޮށްފައިވާ، ހޯދައި ހައްޔަރުކުރަން ބޭނުންވާ މީހުންގެ ލިސްޓުގެ ފަސް ވަނައިގައި އޮތް މީހާ އެވެ.

އެ ދެ މީހުންގެ ދެމެދުގައި ކުރާ މަޝްވަރާތަކުގައި، ޔަމަންގެ ބަނދަރު ރަށެއް ކަމަށްވާ ހުދައިދާ އަލުން ހިފުމަށް ހަމަލާ ދޭނެ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާ އަޑު އިވެ އެވެ. ހުދައިދާއަކީ ޔަމަންގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ފޮނުވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެ ގައުމަށް އެތެރެކުރުމަށް ބޭނުންކުރާ މައި ބަނދަރެވެ.

ޔަމަން ސަރުކާރު ސިފައިން 2018 ވަނަ އަހަރު ހުދައިދާ ހިފުމާ ގުޅިގެން، އދ. މެދުވެރިވެގެން ދެ ފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގައި ހޫތީން ވަނީ، ހުދައިދާ އަށް ހަމަލާ ނުދިނުމަށާއި ހުދައިދާ ހިފަން މަސައްކަތް ނުކުރުމަށް އެއްބަސްވެފަ އެވެ. ނަމަވެސް ހޫތީން މި އެއްބަސްވުމަށް އިހްތިރާމެއް ނުކުރެ އެވެ.

ގުޅިފައިވާ އަރަބި ލަޝްކަރުން ނޫސްވެރިންނާ ހިއްސާކުރި ވީޑިއޯގައި، ހިޒްބުﷲގެ ތަރުޖަމާނު ބުނެފައިވާ ގޮތުގައި އެ ޖަމާއަތުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ޔަމަންގެ ހަނގުރާމައަށެވެ.

"މި ތަފާތުތަކަށް ވުރެ އަހަރެމެންގެ މަޝްރޫއު މާ ބޮޑު. އަހަރެމެން ހުރިހާ ކަމެއް ދޫކޮށްލާފައި އައިސް މިތިބީ ކަލޭމެންނަށް އެހީވުމަށް. ސީރިޔާ ހަނގުރާމަވެސް މިހާރު އެ ނިމެނީ. ގާތްގަނޑަކަށް ހުރިހާ މުޖާހިދުން ދެން އަންނާނީ ޔަމަނަށް. އަހަރެމެންނަށް ކަނޑު ކޮންޓްރޯލް ގެއްލިއްޖެއްޔާ، އަހަރެމެންނަށް އެއްވެސް މަދަދެއް ނުލިބޭނެ. އަދި މުޖާހިދުންނަށް ވެސް މަދަދެއް ނުލިބޭނެ. ވަރަށް ގިނަ އަދަދެއްގެ މުޖާހިދުން އަހަރެމެން ބޭނުން. ހުދައިދާ އަހަރެމެންގެ އަތުން ބީވެގެން ނުދިއުމަށްޓަކައި، އަހަރެމެންގެ ސަފުތައް އަލުން އިންތިޒާމުކުރުން ވަރަށް މުހިންމު،" ހިޒްބުﷲގެ ކޮމާންޑަރު، އަބޫ އަލީ އަލް ހާކިމް އަށް ބުންޏެވެ.

ހޫތިންނާއި ހިޒްބުﷲ ޖަމާއަތަކީ ވެސް އީރާންގެ މަދަދާ އެކު ހަނގުރާމަކުރާ ދެ ޓެރަރިސްޓް ޖަމާއަތެވެ. ސައޫދީ އާއި ޔަމަން ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ހޫތީން ހަނގުރާމަ ކުރަނީ އީރާންގެ ފުރިހަމަ މަދަދު ލިބިގެންނެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މައިރާ

27 December 2021

ހިޒްބުﷲ އަކީ ޓެރަރިސްޓުންނައް ވާނަމަ ސައޫދީ އަށް ދޭނެ ނަމަކީ ކޮބާ؟؟

The name is already taken The name is available. Register?

އަފްރާސިޔާބު

27 December 2021

އަމިއްލައަށް ހަދައިގެން އުޅޭ އެއްޗަކާ ބޮޑަށް ވައްތަރީ. ޔަމަނުގެ ރައްޔިތުންގެ ބޮލަށް ކޮންމެ ދުވަހެއްގައި ސައޫދީންގެ ގުޅިފައިވާ ލަޝްކަރުން އަޅާ ބޮމުން މަރުވާ މީހުންގެ މައްސަލަ އެހެންމީހުންގެ ބޮލަށް ކަނޑާފައި ފިލަންކަމަށް ތިޔަވިސްނަނީ. ކަލޭމެން ތިހިންގާ ގަތުލު އާންމުތަކުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނެ ކައިރި ކުރިމަގެއްގައި. އެއިރުން ސައްދާމަށްވީ ވަރުވެސް ނުވާނެ.

The name is already taken The name is available. Register?

އަބޫބަކުރުބެ

27 December 2021

އިޒްބު ﷲ އަކީ ނަންބަރ ވަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454