މާލެ: 02 އޮކްޓޯބަރ 2020: ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވާލާފައިވާ ސަރަހައްދު--. ފޮޓޯ:ނިޝާން އަލީ/މިހާރު
30 ޑިސެމްބަރ 2021 - 13:35
ހުޅުމާލޭގެ ދެވަނަ ފޭސް އިން ގޯތި ވިއްކާ އަގުތައް ބޮޑުވެގެން ސަރުކާރަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެ ނިންމުން ދިފާއުކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު އެޗްޑީސީން ވަނީ ފޭސް ދެއަކުން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
ބިމުގެ އަގު ފެށޭ އަގަކީ އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން އަކަފޫޓަކަށް 3500ރ. އެވެ. އެހެންވެ ކޮންމެ ބިމަކަށް އެންމެ މަދުވެގެން ވެސް 5.6 މިލިއަން ރުފިޔާ އަރާނެ އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު"ން ކުރި ސުވާލުތަކަށް އެޗްޑީސީން ބުނީ އެންމެ ފަހުން ހުޅުމާލޭގައި އެންމެ ފަހުން ބިން ވިއްކީ 2017 ވަނަ އަހަރު ކަމަށާއި އެ އަހަރު ކަނޑައެޅި ރޭޓަކީ އަކަފޫޓަކަށް 3000ރ. އަށް ކަމަށެވެ. ދެވަނަ ފޭސް އިން ބިންތައް އެވަރޭޖްކޮށް ވިއްކާފައި ވަނީ އަކަފޫޓަކަށް 4800ރ. އަށެވެ.
އޭގެ ފަހުން ފޭސް ދޭއްގައި އުމްރާނީ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ފެނާއި ނަރުދަމާ އަދި ކަރަންޓާއި ޓޭލެކޮމް ވިއުގަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން މިހާރު ބިން ވިއްކާ އާ އަގުތައް ކަނޑައަޅާފައި ވަނީ އެ މަސައްކަތްތަކަށް ބަލާފައި ކުރީގެ އަގަށް މާޖިންއެއް ލުމަށް ފަހުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ގޮތަށް ވިއްކާ ބިންތަކުގެ އަގު ކުޑަ ކުރުމުގެ ވިސްނުމެއް ނެތް،" އެޗްޑީސީން ލިޔުމުން ފޮނުވި ޖަވާބުގައި ބުންޏެވެ.
ފޭސް ދެއަކުން ބޮޑު އަގުގައި ގޯތި ވިއްކާތީ އެކަމަށް ފާޑު ކިޔުން އަމާޒުވުމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ އެއީ އެޗްޑީސީން ވިޔަފާރި އުސޫލުން ކުރަން ނިންމާފައިވާ މާ ކުރީގެ ޕްލޭނެއް ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް މާލެ ރައްޔިތުންނަށް ފޭސް އަކުންނާއި ގުޅިފަޅުން 4000-3000 ދެމެދުގެ އަދަދަކަށް 1000 އަކަފޫޓުގެ ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަމްޒަމް
30 December 2021
ހިއްކާފަ ހުންނަ ބިން ގަންނަންޖެހުމަކީ އެހެން ރަށްރަށުގައި އުޅޭ މީހުން ދަންނަ ކަމެއްނޫން. އެހެނީ ސަރުކާރުން ބޮޑު އަގު ދީފަ ރަށްރަށުން އެހެރަ ހިއްކާދޭ ބޮޑެތި ބިންތައް ހަމަ އެ ބަހާލަނީ ގުރު ނަގައިގެން ހިލޭ. ޗުއްޕުވެސް ނުބުނޭ އެކަމާ މީހަކު. ފާހަގަޔެއްވެސް ނުކުރާނެ އެކަހަލަ ކަމެއް، ކޮންމެ ސަރުކާރަކުން ކޮށްދިނަސް. އެވެސް ހަމަ ވިއްކަންވާނެ ބިންބިން ނޫންތަ، ކިތަންމެ ކުޑަ އަގެއްގަ ވިޔަސް؟
އުދުހޭ
30 December 2021
ވީހާވެސް ބޮޑު އަގުގަ ވިއްކައިގެން އެތަން ހިއްކަން ނަގާފަ އޮތް ލޯނު އަވަހަށް ދެއްކޭނީ. އޭރުންތާ އަނެއްކާވެސް އަނެއް ރަށް ހިއްކަން ފެށޭނީ. އާދައިގެ މީހުންނަށް ފްލެޓާ ޕަބްލިބް ފެސިލީޓީތަށް އެބަލިބޭ. ހުރިހާ މޮޅެއް ނުވާނެކަން ދަންނަންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
30 December 2021
ހުޅުމާލެއިން ހިލޭ އަދި "ނުއަގުގައި" ބިން ދިނުމުގެބަދަލުގައި ކ.އަތޮޅުމާލެ ސަރަޙައްދުގައި ފްލެޓްއަޅާން ދޫކޮށްލާފައި "ގޯތިބޭނުންކަމަށް އަޑުއުފުލާ މާލޭމީހާއަށްވެސް ގޯތިލިބޭގޮތަށް" ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ.ގުޅިފައިވާ ހުރިހާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، ފަރެސްމާތޮޑާ އަދި އައްޑޫގެ ބިންހިއްކާ 30 އަހަރު ދުވަހުންމެނުވީ ރެޖިސްޓްރީއަށް ބަދަލު ނުގެނެވޭގޮތަށް ބިންދޫކުރައްވާ.
ނަޝީދު.
30 December 2021
އުހޫ. ތިހެން ނެހެދޭނެ. ހުޅުމާލޭގެ ހުރިހާ ބިމަކާއި ވިލިމާލެ ހުރިހާ ބިން އަދި ގުޅިފަޅުވެސް އެއްކޮށް ދޭން ވާނީ މާލޭ މީހުނަށް. އަދި އެމީހުންގެ ތެރެއިން ބޮޑުންނަށް އައްޑޫ ލާމް އަދި ހަނިމާދޫންވެސް އެތައް އޭކަރުގެ ބޮޑެތި ބިންތައް ހޮލިޑޭ ހޯމް ހަދަން ދޭންޖެހޭނެ. އެއީ ނޫންތޯ ބަޔަކީ.
ހަސަން.
30 December 2021
ތިވީ ގޮތުން ތިތަނުގެ ވެރިން ވަޒީފައިން ބޭރު ކުރާނެ. ވެރިކަމަކީ އަދި ވެރިކަމުގެ ސިޔާސަތު ކަޑައަޅާ މީހުންނަކީ މާލޭ މީހުންކަން އިގެންޖެހޭނެ.
ސަސިސސ
30 December 2021
ކުޑަ ކުރާކަށް ނުޖެހޭނެތާ އާއްމުކޮށް ތިޒާތުގެ ކަންކަން ނިންމާނީވެސް ގަންނަން ބޭނުންވާ ބަޔަކު ބޭނުން ވާ ގޮތަަށް އެމީހުން ބުނާ އަގުގަ. އިއުލާން ކުރަނީ ގަވައިދުގަ އެހެން އޮންނާތީ
ގުދުގުދުލީބެއްޔާގެ ތެދުބަސް
30 December 2021
ބިންވިއްކާނެކަމެއްނެތް. ތީ ރައްޔިތުންގެ ބިމެއް.
ގުދެއްނެތް މީހާ.
30 December 2021
އެހެން ވީއްޔާ ބެންކް އޮފް މޯލްޑިވްސް ގައި ހުރި ފައިސާ އާއި އެސްޓީއޯ ފިހާރަ ތަކުގައި ހުރި މުދަލާއި މިފްކޯ މަސް ގުދަން ތަކުގައި ހުރި މަހަށް ކިހިނެއް ހަދާނީ ؟ އެއީ ރައްޔިތުންގެ އެއްޗެއް ނޫންތަ ؟ ކޮސް ވާހަކަ ނުދައްކަބަލަ.