ނައުފަލް މިހާރު އަންނަނީ ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސް ބޯޓު ސެޓިފައި ކުރަން ފަށާފައި. އެކަން ކުރަމުން އަންނަނީ ވެސް މޯލްޑިވިއަން އިން ކަސްޓަމާ އެއާލައިނަށް ދޭ ހިދުމަތެއްގެ ގޮތުގައި.
01 ޖެނުއަރީ 2022 - 13:00
ސްކޫލުގައި ކިޔަވަން އުޅުނުއިރު ވެސް އިސްމާއިލް ނައުފަލްގެ ހިތް އޮތީ ސައިންސްގެ ދާއިރާ އަށް ހުއްޓިފަ އެވެ. އެކަމަކު ކުރިއަށްދާނެ ވަކި ދާއިރާއެއް އޭރު ކަނޑައެޅިފައި ނެތުމުން ތަފާތު އެކި ގޮތްގޮތުން މައުލޫމާތު ހޯދަމުން ދަނިކޮށް، އޭވިއޭޝަން އިންޑަސްޓްރީ އަށް އޭނާގެ ލޯ އަމާޒުވި އެވެ.
ހަލުއި ސްޕީޑެއްގައި އެ ދާއިރާ ކުރިއަރަމުން ދިއުމުން ނައުފަލް، 31، ބޭނުންވީ އޭނާގެ ހިޔާލުތަކާއެކު އިންޖީނިއަރިންގެ ދާއިރާ ކުރިއަރުވާށެވެ. ސީއެޗްއެސްއީ އިން އޭ ލެވެލް ނިންމުމަށް ފަހު އެ އަޒުމުގައި އެ ޒުވާނާ މީގެ 12 އަހަރު ކުރިން އައިލެންޑް އޭވިއޭޝަނަށް އެންމެ ފުރަތަމަ ގުޅުނީ ވެސް އެއާކްރާފްޓް މެއިންޓަނަންސް ޓްރެއިނީއަކަަށެވެ.
ނައުފަލް، މޯލްޑިވިއަންގެ ބޯޓުގެ ސަލާމަތީ ކަންކަން ބެލުމަށް ބޯޓަށް އަރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭގެ ތިން އަހަރު ފަހުން ސްރީ ލަންކާއިން އެއާކްރާފްޓް މެއިންޓަނަންސްގެ ދެ އަހަރުގެ ކޯސް ނިންމައި 2015 ވަނަ އަހަރު ވަޒީފާއާ ގުޅުނުތާ މާ ގިނަ ދުވަހެއް ނުވެ އަނެއްކާ ވެސް އިތުރު ފުރުސަތެއް ލިބުނެވެ. އަބޫދާބީގެ އިއްތިހާދު އޭވިއޭޝަން ޓްރެއިނިން އިން ހެދި ބޮއިން 787 ޓައިޕާއެކު ނައުފަލް ވެފައިވަނީ ރާއްޖެ އަންނަ ބޮއިންގެ އެންމެ ބޮޑެތި ބޯޓުތަކުގެ ސަލާމަތީ ހުރިހާ ކަމެއް ބަލަހައްޓާ ފުރަތަމަ ދިވެހި އިންޖީނިއަރަށެވެ.
އެ ބޯޓުތަކުގައި ފަސިންޖަރުން ރައްކާތެރިކަމާއެކު ދަތުރުކުރުމުގައި އެންމެ މުހިއްމު އެއް ދައުރު އަދާކުރަނީ ނައުފަލެވެ.
ނައުފަލް: އޭނާއަކީ ބޮއިން 787 ގެ ރާއްޖޭގެ ފުރަތަމަ އިންޖީނިއަރު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެ ޝަރަފު ލިބުނަސް ބޮއިންގެ ބޯޓުތައް ސިވިލް އޭވިއޭޝަނުން ސެޓިފައި ނުކުރާތީ އޭނާއަށް މަސައްކަތް ކުރަން ފެށުނީ އިޔާސާގެ ލައިސަންސް ނަގައިގެން، އަހަރުތަކެއް ފަހުންނެވެ.
"ޝެޑިއުލް ދަތުރުތަކުގައި ޓްރާންސިޓް ޓެސްޓުތައް ހަދާފައި، ޑިލޭ ނުކޮށް ވީހާ ވެސް އަވަހަކަށް ފޮނުވާލަން މަސައްކަތްކުރާނީ."
ނަމަވެސް އޭވިއޭޝަން ދާއިރާ ކުރިއަރަމުންދާ ވަރަކަށް، ބޮއިންގެ ބޯޓުތައް ސެޓިފައި ކުރުމުގައި ފަސޭހަ ގޮތެއް ހަމަޖައްސާފައި ހުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ދެކެ އެވެ.
"މިހާރުގެ ގޮތަށް ބަލާނަމަ ގާތްގަނޑަކަށް 90 ޕަސެންޓް، މި ތަނަށް މި ޖައްސާ ކަސްޓަމާ އެއާލައިންސްއަށް އިންޖީނިއަރިން ސަޕޯޓު މި ދެނީ އައިލެންޑު އޭވިއޭޝަންގެ ފަރާތުން... ކުރިއަށް އޮތް ތަނުގައި އަސްލު ފުރުސަތުތައް އެބަހުރި ހުރިހާ ދިވެހިންނަށް ވެސް މި ކަމުން ކުރިއަރަން،" ނައުފަލް ބުންޏެވެ.
ނައުފަލް، އެއާ ފްރާންސްގެ ބޯޓެއްގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ.--
"ކުރިއަށް އޮތް ތަނުގައި އޮޕޮޗިއުނިޓީ ވެސް އެބަހުރި ދިވެހިންނަށް ކުރިއަރަން. މިސާލަކަށް ބުނާނަމަ ފަސް އަހަރު ތެރޭގައި މި ތަން ހަމަ އެއްކޮށް ދިވެހިން މި ތަނަށް ޖައްސާ ހުރިހާ އެއާކްރާފްޓެއް ސެޓިފައިކުރެވޭނެ."
ނައުފަލް މިހާރު އަންނަނީ ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސް ބޯޓު ސެޓިފައި ކުރަން ފަށައިފަ އެވެ. އެކަން ކުރަމުން އަންނަނީ ވެސް މޯލްޑިވިއަން އިން ކަސްޓަމާ އެއާލައިނަށް ދޭ ހިދުމަތެއްގެ ގޮތުގަ އެވެ.
ރާއްޖޭގައި ބޮއިން 787 ގެ އިންޖީނިއަރެއް ނެތުމުން މީގެ ކުރިން އެ ދަތުރުތަކުގައި އެ ޓައިޕްގެ އިންޖީނިއަރެއް ބައިވެރިވެ އެވެ. ނަމަވެސް ރާއްޖޭގައި އެ ފެންވަރުގެ ހިދުމަތް ލިބުމަކީ އެ ތަންތަނަށް ލިބޭނެ ފަސޭހައެކެވެ.
ނައުފަލް، މޯލްޑިވިއަންގެ ބޯޓެއްގެ ސަލާމަތީ ކަންކަން ބަލަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ކުރިއަށް އޮތް ތަނުގައި ސައުދީގެ ގައުމީ އެއާލައިނާއި އިއްތިހާދު އެއާވޭސް ބޯޓުގެ ސަލާމަތާއި ރައްކާތެރިކަމުގެ ކަންކަން ސެޓިފައި ކުރަން ނައުފަލް ފަށާނެ އެވެ.
"ކުރިއާ ބަލާފައި ވަރަށް ބޮޑު ކުރިއެރުމެއް އައިލެންޑު އޭވިއޭޝަނަށް ލިބިފައި މި އޮތީ. ކުރިން ހަމައެކަނި ޑޮމެސްޓިކް އޮޕަރޭޝަން ހިންގަމުން އިންޓަނޭޝަނަލް ދަތުރުތައް ވެސް ފަށަންވެގެން އެއާބަސްއާ އެއްޗެހި ފަށަން، ކަސްޓަމާ އެއާލައިންސްއަށް އިންޖީނިއަރިން ސަޕޯޓު ދޭން ފެށުމުން ވަރަށް ބޮޑަށް ކުރިއަރައިފި އަސްލު މި ފަސް އަހަރުގެ ތެރޭގައި،" ނައުފަލް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓައީ
02 January 2022
ތިމީހުންގެ މުސާރަތައް އުޅެނީ ޕައިލެޓުންނަށް ވުރެއް މަތީގަ
ވާނަބޭ
02 January 2022
ދެން މައްސަލައަކީ ކޮބާ؟
ށަވިޔަނި
01 January 2022
ދިވެއްސަކަށްވީތީ ނުކުރެވެންވީ ސަބަބެއް ނެތް. އިންސާނުންނަކީ އުނގެނުމުގެ ގާބިލުކަން ލިބިފައިވާ ބައެއް. ނައުފަލު ގަދައަޅާ މަސައްކަތްކުރީމަ ތިހިސާބަށްދެވުނީ. މަރުހަބާ ނައުފަލު. އަދި އިތުރު ހިތްވަރުކުރޭ. ކާމިޔާބީއަކީ ހިތްވަރާ އަޒުމުން ހާސިލުވާ އެއްޗެއް.
ޖަލީލު
01 January 2022
ދިވެހި ދަރިން ކުރިއެރުން ހުރަސް އާޅާ ތަނަކަށް ސީއޭޭއޭ ވުން މީވަރަށް ހިތާމަ ކުރަން ޖެހޭކަމެއް !! #މެޑަމް ނަހުލާ
ނައުޝަން
01 January 2022
ހުސް ހަށި ބައިތޯ؟ ހާދަހާ ޗާލޭ!
އައިސްތު
01 January 2022
ހިތް ކިޔައިފި
ނޯރޭ
02 January 2022
ގޯލްޑުޑިގާރ އެއްދޯ ތީ!
ާހަހަ
01 January 2022
މައުލޫމާތު ނުބައި. ފުރަތަމަ ބޯއިންގް ބޮޑު ބޯޓުގެ އިންޖިނިއަރަކީ އެމިރޭޓްސްގައި އުޅޭ ދިވެހި އިނޖިނިއަރެއް.
ޙުދުހުދު
01 January 2022
ނިކަން އެމީހާގެ ޑީޓެއިލްސް ށެއާ ކޮލަބަ، ކިޔަވައިގެނ ގޮސް އެހެން ތަންތަނުގަ އުޅުނަކސް ނުވާނެ، އައިސް ގައުމަށް ހިދުމަތް ކޮހބަލަ!!
ނަހުލާ މެމް
01 January 2022
ސީއެއޭ އިން ނުކޮށްދީގެން ޔޫރޯޕް ލައިސެންސް އެއްގަ ޖަހަން ޖެހުނީއޭ؟؟ ތިޔައީ ހާދަ ހިތާމަވެރި ވާހަކައެއް!! އަބުޅޯމެން، އިއްބެމެން، ހުސްޓޭމެން، ޔޫޝައުމެން، ޝައްމާނުމެން، މާއިލްމެން ކީއްތަ މިކުރަނީ؟؟؟
ޖަލީލު
01 January 2022
ބޮޑުހަރަދުކޮށް ޓައިޕް ހަދާފަ ސީއޭޢެ އިން ލައިސަންސް ގަ ޖާހާނުދީގެން ޓްރެއިނިން އެކްސްޕަޔާ ވެފަ ތިބިމީހުން ވެސް އެބަތިބި !!! ތިބުނާ ސީއޭޢޭ ގެ އެކަކުވެސް ޒިންމާއެއް ނުނަގަ !! ނަހުލާ މެޑަމް މިކަންކަމަށް ހަލެއް ހޯދަދެއްވާ!!!!
ބިންބި
02 January 2022
ނަހޫ ބުނީ ކޮބާހޭ މައްސަލައަކީ. ކަލޭމެނަށް މައްސަލަ އަދިވެސް ބުނެ ނުދެވެއޭ.
ހެހެހެ...
01 January 2022
އެކަމަކު ކީއްކުރާނީ.... ހެލިކޮޕްޓަރުގަނޑެއް ދުއްވަންއެނގޭ ދިވެއްސަކު މިގައުމަކުނޫޅެޔޭ...
ކޮރަލް
01 January 2022
މިފަދަ ޒުވާނުންނަނށް ކުރިއަށް ނުދެވެނީ އެތާ އޮންނަ ސިޔާސީ ބޯޑެއްގެ ސަބަބުންނެވެ.
މާ ޝާ ﷲ
01 January 2022
ނައުފަލް އަށާއި މޯލްޑިވިއަން އަށާއި، ތިދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރު ހުނަރާއި، ކުރިއެރުމާއި، ރައްކާތެރިކަން އެދި ﷲގެ ޙަޟްރަތަށް ދުޢާ ދަންނަވަމެވެ! މިދުޢާގައި ރާއްޖެއާއި، ރާއްޖޭން ބޭރުގައި ތިދާއިރާގެ ވަޒީފާގައި އުޅޭ ދިވެހި އެންމެހައި އަޚުންނާއި އުޚްތުން ޝާމިލް ކުރަމެވެ! އާމީން