އައިޖީއެމްއެޗުން ހިދުމަތް ހޯދުމަށް ބަޔަކު މަޑުކޮށްލައިގެން: ކިޑްނީ ޓްރާންސްޕްލާންޓްގެ ހިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
12 ޖެނުއަރީ 2022 - 15:32
އިންސާނުންގެ ގުނަވަން ބަދަލުކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ގާނޫނު ޑްރާފްޓްކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވާ އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗުން "މިހާރު" އަށް މިދިޔަ ހޯމަ ދުވަހު ލިޔުމުން ފޮނުވި ޖަވާބުގައި ބުނީ ގުނަވަން ބަދަލުކުރުމުގެ ހިދުމަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އެ ހޮސްޕިޓަލާއި ސަރުކާރުން ބޭނުން ވަނީ ހިދުމަތް ފެށުމުގެ ކުރިން އެކަމާ ގުޅޭ ގާނޫނެއް ހަދާށެވެ.
އެ ގާނޫނުގެ ފުރަތަމަ ޑްރާފްޓް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާއި ހެލްތު މިނިސްޓްރީ އަށް ފޮނުވިތާ ދުވަސްތަކެއް ވީ ނަމަވެސް ތަންފީޒުކުރުމުގެ މަސައްކަތް ދަނީ މަޑުދުވެއްޔެއްގައި ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ގުނަވަން ބަދަލުކުރުމުގެ ގާނޫނުގެ ޑްރާފްޓެއް ހެދިއިރު، ސަރުކާރުގެ މައި ހޮސްޕިޓަލުން އަންނަނީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ތައްޔާރުވަމުންނެވެ. މި އަހަރުގެ ތެރޭގައި އެ ހިދުމަތް ފެށުމަށް ކުރިން ނިންމި ނަމަވެސް، ކޮވިޑުގެ ސަބަބުން އެކަން ލަސްވެގެން ދިޔައީ އެވެ.
ހޮސްޕިޓަލުން ބުނީ ކޮވިޑާ ގުޅުންހުރި އެކި ކަންކަމުގައި އެ ހޮސްޕިޓަލްގެ ނަރުހުންނާއި ޑޮކްޓަރުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާތީ އެންމެ އެދެވޭ އަވަސްމިނެއްގައި ޓްރާންސްޕްލާންޓްގެ މަސައްކަތް ކުރިއަށްގެންދެވޭ ގޮތް ނުވާ ކަމަށެވެ.
އެކަމަކު، އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗުން ތައްޔާރުވަމުން އަންނަނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށެވެ.
"މި ވަގުތު ވެސް ހޮސްޕިޓަލުން މި ހިދުމަތް ފެއްޓުމުގައި އިންޓާނަލްކޮށް މިކަމާ ގުޅޭ ޕްރޮޓޮކޯލްތައް އެކުލަވާލުމާއި ޓްރާންސްޕްލާންޓް ވޯޑްގެ މަސައްކަތް ފަރުމާކުރުމަށް ވާންޖެހޭ ތައްޔާރީތައް ކުރުމާއި މުވައްޒަފުން ތަމްރީންކުރުމަށްޓައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުންނެވެ،" އައިޖީއެމްއެޗުން ބުންޏެވެ.
އެހެން ގައުމުތަކުގައި ވެސް އިންސާނުންގެ ގުނަވަން ބަދަލުކުރަނީ ގާނޫނެއްގެ ދަށުންނެވެ.
ކިޑްނީގެ ބަލިތަކަށް ގިނަ އަދަދެއްގެ ދިވެހިން ފަރުވާ ހޯދަމުން އަންނަ އިރު، ދެ ކިޑްނީ ފެއިލްވެ އޮޕަރޭޝަނެއް ކުރަން ވެއްޖެ ނަމަ، ދާން ޖެހެނީ ރާއްޖޭން ބޭރަށެވެ. އެންމެ އާއްމުކޮށް، ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންތައް ދިވެހިން ކުރަނީ، ސްރީ ލަންކާ އާއި އިންޑިއާ އިންނެވެ.
އެ ފަރުވާ އާސަންދައިން ކަވަރުކުރި ނަމަވެސް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްވަންދެން ތިބުމަށް ބޮޑު ހަރަދެއް ހިނގަ އެވެ. އެހެންވެ، ރާއްޖޭގައި މި ހިދުމަތް ފެށުމަކީ އެތައް ބަޔަކަށް ލިބިގެންދާނެ ފަސޭހައެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނާ
15 January 2022
މަހިތުން ބޭރުގެ ޑރ.އިން ގެނެސްގެން ޓްރާންސް ޕްލާންޓް ހަދާނީ އޮޕަރޭޝަނަށް ފަހު ކުރަން ޖެހޭ ކަންތައް އެމީހުންގެ މަޝްވަރާގ މަތިން ކުރަމުންދާނީ މިތާގެ ޑރ. ހެން ހީވަނީ
މައްކު
13 January 2022
ގުނަވަން ބަދަލުކުރާ ޤާނޫނެއްނޫން ޑްރާފްޓް ކުރަންވީ. ތިޔަތާ ތިބި ކޮރަޕްޓް ވެރިން ބަދަލުކުރެވޭނެ ޤާނޫނެއް ޑްރާފްޓް ކުރަންވީ. ދުވާލަކު 5 ބަލި މީހުން ނުބެލޭ ބައެއް ކިހިނެތް މީހެއްގެ ގުނަވަން ބަދަލުކުރާނީ. އަވަސް އަރުވާލާފަ ކްލިނިކަށް ދާންވެގެން ގޮސްދާނެ ކިޑްނީ ނަގާފަ އެތަނަށް އެޕެންޑިކްސް ގުޅާފަ ވެސް.
އަލީ1
13 January 2022
އާސަންދަ އުވާލާބަލަ! IGMH ޕްރަވަޓައިޒް ކޮއްބަލަ!!
ކިޑްނީ
12 January 2022
މިސަރުކާރުން ތިކަހަލަ ކަމަކަށް ޝައުގުވެރިވެދާނެ ކަމަށް ނުބެލެވޭ. އައިޖީއެމްއެޗް އިން ކުރާ އެއްވެސް ކަމަކަށް މިސަރުކާރުން ހިތްވަރުދީ އެކަން ކުރުމަށް މަގުފަހިކޮށްދީފާނެ ކަމަށް ނުބެލެވޭ. އޭޑީކޭ، ކުޅުދުއްފުށި، އައްޑޫ ނުވަތަ ލާމުއަތޮޅުގައި ކުރަންޏާ ފަހަރެއްގަ ވެދާނެ. ރައީސް މީހާ ނުލާހިކު ރުޅިއަންނަ ހޮހަޅައެއް ތީ. ތިކަން ވަގުތުން ހުއްޓާލާ.
ލުބްލާ2022
12 January 2022
މިކަހަލަ މުހިއްމު ކަމެއް ވިއްޔާ ދާނީ ފިނިހަކަ ސްޕީޑުގަ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ބޭނުންވީމަ އެއް ހަފްތާތެރޭ ރަށެއް ހިއްކައި ބްޖިޖަކުން ގުޅާލެވޭ. އަދި ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އެއް ހަފްތާތެރޭ ދެފަހަރު ކެމްޕޭނަށް އެރަށަކަށް ދެވޭ.
ސުމާ
12 January 2022
ޓްރީ ޓޮޕްގައި ހުންނާނެ ޑރ ނޯޓެކް ކިޔާ މީހެެއް. ކިޑުނީއަށް ހާއްސަ، އޭނަގެ ވެސް ވަރަށް ބޮޑު އުއްމީދެެއްތީ، ވަރަށް ރަނގަޅުވާނެ އޭނަވެސް ތިކަމުގައި ބައިވެރިކުރަން. އެޑޮކް އާއި ވާހަކަ ދައްކާލިން ވ ފަހުން
ނާފިޒު ޢަބްދުﷲ
12 January 2022
ވަރަށް ބޭނުންތެރި ޤާނޫނެއް، ފުރިހަމައަށް ދިރާސާކުރެވި އަވަހަށް ފާސްވެގެން ދާނެކަމަށް އުންމީދުކުރަން. މިޤާނޫނާއެކު ކޮންމެ މީހަކުވެސް ގުނަވަން ހަދިޔާކުރަން ރަޖިސްޓަރީ ކުރުން ވަރަށް މުޙިއްމު. މަރުވުމަށްފަހުވެސް ތިމާގެ ގުނަވަނެއް ނުވަތަ ގުނަވަންތަކަކުން އެހެން މީހަކަށް ނުވަތަ ބަޔަކަށް ފަރުވާކުރެވި ފުރާނަ ސަލާމަތްކުރެވޭނަމަ އެއީވެސް ކުރެވޭ ވަރަށްބޮޑު ޞަދަޤާތެއް.