އެއާޕޯޓުގައި އާ ޓާމިނަލް އެޅުމުގެ މަޝްރޫއު ރައީސް އަބްދުﷲ ޔާމީން (ކ) ފައްޓަވައި ދެއްވަނީ.-- ފައިލް ފޮޓޯ: ރައީސް އޮފީސް
15 ޑިސެމްބަރ 2016 - 11:44
ރާއްޖޭގެ މައި އެއާޕޯޓުގައި ހަދާ އާ ޓާމިނަލްގެ ޑިޒައިންގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
އަަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށް މިދިޔަ މޭ މަހުގެ ފަހުކޮޅު ހަވާލު ކޮށްފައި ވަނީ ސައޫދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ. ޓާމިނަލް ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ކުރަނީ ބިން ލާދިން ގްރޫޕުންނެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ސައުދީގެ ކުންފުންޏާއި އެމްއޭސީއެލްގެ ފަންނީ މުވައްޒަފުން ހިމެނޭ ޓީމަކުން އެއާޕޯޓުގައި މިހާރު ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ ޓީމުން ޓާމިނަލް ޑިޒައިން ކުރަމުން އަންނަ އިރު، އެ މަސައްކަތުގެ ވަރަށް ބޮޑު ބައެއް ނިމިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ސީދާ ވަކި ދުވަހެއް ނުދެންނެވިޔަސް، މާ ގިނަ ދުވަސްތަކެއް ނުވެ ޑިޒައިންގެ މަސައްކަތް ނިންމާލެވޭނެ،" އާދިލް ވިދާޅުވި އެވެ.
ޓާމިނަލްގެ ޑިޒައިންގެ މަސައްކަތް ކުރަމުން އަންނަ އިރު، ޓާމިނަލް ހަދާ ސަރަހައްދުގައި ތަފާތު ޓެސްޓުތައް ވެސް އަންނަނީ ހަދަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، އާދިލް ވިދާޅުވި ގޮތުގައި، ޓާމިނަލް އަޅާ ސަރަހައްދުގެ ފަސްގަނޑުގެ ޓެސްޓުތަކާއި އެ ނޫން ވެސް ފަންނީ ގޮތުން ޓާމިނަލެއް އެޅުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންކަމަށް ބޭނުންވާ ޓެސްޓުތަކެވެ.
"އެހެންވީމަ، ހަމައެކަނި ޑިޒައިނެއް ހެދުމުގެ މަސައްކަތެއް ނޫން މި ކުރަނީ. އަމަލީ މަސައްކަތަށް ބޭނުންވާ ތައްޔާރީތައް ވެސް ވަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.
އާ ޓާމިނަލް އަޅަން ނިންމާފައި ވަނީ މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލާ ޖެހިގެން ދެކުނަށް އޮތް ސަރަހައްދުގަ އެވެ. މި ޓާމިނަލް އެއްކޮށް ނިންމައި 2019 ގައި ބޭނުން ކުރަން ފެށުމުން، މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބޭނުންކުރަން ހަމަޖައްސާފައި ވަނީ ޑޮމެސްޓިކް ޓާމިނަލެއްގެ ގޮތުގަ އެވެ.
އެމްއޭސީއެލް އިން ކުރިން ބުނެފައިވާ ގޮތުގައި މިހާރު ހުރި އިންޓަނޭޝަނަލް ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު އާ އިމާރާތުގައި ޒަމާނީ ފެންވަރުގެ ވަސީލަތްތައް ހުންނާނެ އެވެ. އެ ގޮތުން، ހަ އެއިރޯ ބްރިޖާއި އެންމެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ގާއިމްކުރާނެ އެވެ. އަދި ޑިއުޓީ ފްރީ ފިހާރަ އެތައް ގުނައެއް ބޮޑުކުރާނެ އެވެ.
އާ ޓާމިނަލް ހިމެނެނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރަން ސަރުކާރުން ހިންގާ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއުގެ ތެރޭގަ އެވެ. ޓާމިނަލްގެ އިތުރުން، އާ ރަންވޭއެއް ވެސް އެއާޕޯޓުގައި އަޅަން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަހާމް އިބްރާހިމް
15 December 2016
މިއީ މިސަރުކާރުގެ ހީވާގި ކަމުން ކުރެވޭ ކަންތައްތައް. ނަތީޖާ ނެރޭ ސަރުކާރެއްކަން މިދަނީ ފެންނަމުން. އިދިކޮޅު ބައެއް ބޭފުޅުން ހައްޔަރީންގެ ގޮތުގައި ތިބިނަމަވެސް، ޤައުމު ނުހުއްޓި ތަރައްގީ ވަމުން ދާކަމީ "ޢާންމު އާދަމީ" އިން ވަރަށް އުފާ ކުރާކަމެއް.