ޔުކްރޭންގައި ބޭއްވި ރަޝިއާއާ ދެކޮޅު އެއްވުމުމެއްގެ ތެރެއިން.
20 ޖެނުއަރީ 2022 - 05:49
ޔުކްރޭންގައި ވަކި ސަރުކާރެއް އޮންނަން ނުޖެހޭ ކަމަށާއި އެ ގައުމާއި ބެލާރުސް ވެސް އޮންނަން ޖެހެނީ ރަޝިއާގެ ބައެއްގެ ގޮތުގައި ކަމަށް ބުނެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި އާންމުކޮށްފައިވާ ފޮޓޯއަކަށް ލައިކެއް ދިން މީހަކު ޔުކްރޭންގެ ކޯޓަކުން ޖޫރިމަނާކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގައި މަނާކޮށްފައިވާ ރަޝިއާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އޮޑްނޯކްލަސްނިކީގައި މެއި، 2020 ގައި ޕޯސްޓްކުރި ފޮޓޯއަކަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ލައިކެއް ދިން މައްސަލައިގައި، ޔޫރީ ކޭ ކިޔާ ޔުކްރޭންގެ މީހަކު 350 ޑޮލަރުން ޖޫރިމަނާކުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް ކުރި ކަމަށް ބުނެ ދައުލަތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ.
އޭނާ ލައިކް ދިން ފޮޓޯގައި ރަޝިއާ އާއި ޔުކްރޭނާއި ބެލާރުސްގެ ދިދައިގެ ފޮޓޯ ހިމަނައި އޭގެ ކެޕްޝަނަކަށް "އެއް ބައެއް" އަދި "ޔުކްރޭންގައި މިހާރު އޮތް ސަރުކާރު ވައްޓާލަން ޖެހޭ" ކަމަށް ލިޔެފައިވެ އެވެ.
އެ ޕޯސްޓަށް ލައިކް ދިނުމުން ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި ޔޫރީ 350 ޑޮލަރުން ޖޫރިމަނާކުރި އިރު، އޭގެ ތެރެއިން 200 ޑޮލަރަކީ އެ މައްސަލައިގައި ގާނޫނީ ގޮތުން ދައުލަތަށް ކުރަން ޖެހުނު ކަން ކަމަށް ހޭދަވި ފައިސާ އެވެ.
ޔުކްރޭނުން މަނާކޮށްފައިވާ ރަޝިއާގެ އެޕް.
މިފަދަ ޖޫރިމަނާއެއް އައީ، އޭނާ ކުރީ ކުށެއް ކަމަށް އެއްބަސްވުމުންނެވެ. އެހެން ނޫން ނަމަ، އޭނަގެ މައްޗަށް ޖަލު ހުކުމެއް ނުވަތަ އޭނާ އަށް ލިބިދޭ ފަރުދީ ހައްގުތަކެއް ތިން އަހަރަށް ނިގުޅައިގަނެވޭނެ އެވެ.
ޔޫކްރޭންގެ ޖަސްޓިސް މިނިސްޓްރީން ބުނި ގޮތުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކިތަންމެ ކުޑަ އަމަލެއް ވިޔަސް އެކަން ލުއިކޮށެއް ނުނަގާނެ އެވެ. އަދި ސަރުކާރު ވައްޓާލައި ގައުމު އެހެން ބައެއްގެ އަޅުވެތިކަމުގެ ދަށުގައި އޮންނަން ޖެހޭ ކަމަށް ބުނެ ފާޅުކުރާ ހިޔާލުތަކަކީ ވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy