ދުނިޔެ / މުމްބާއީ

މުމްބާއީގެ އިމާރާތުގައި ރޯވި މައްސަލަ ތަހުގީގު ކުރަނީ

24 ޖެނުއަރީ 2022 - 11:54

އިންޑިއާގެ މުމްބާއީގެ ދެކުނު ސަރަހައްދެއްގައި ހުރި އުސް އިމާރާތެއްގައި ހޮނިހިރު ދުވަހު ހެނދުނު އަލިފާން ރޯވުމުގެ ސަބަބުން، މަދުވެގެން ހަ މީހަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވެފައިވާތީ، ހަތަރު މެމްބަރުންގެ ކޮމިޓީއަކުން އެމައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ސަޗިނާމްގެ އުސް ބިންތަކުގައި 20 ބުރިއަށް ހަދާފައި ހުރި، އެޕާޓްމަންޓް އިމާރާތުގައި ރޯވީ ހޮނިހިރު ދުވަހު ހެދުނު 7 ޖަހާއިރު ކަމަށް، އެ އިމާރާތުގައި ދިރިއުޅޭ މީހުން ބުންޏެވެ. މީގެ ހަ އަހަރު ކުރިން މީހުން ދިރިއުޅެން ފެށި އިމާރާތުގައި އަލިފާން ރޯވި ސީދާ ސަބަބެއް އަދި ޔަގީން ނުވިޔަސް، އަލިފާން ނިއްވާ މީހުން ލަފާކުރާ ގޮތުގައި އެ އިމާރާތުގައި ރޯވީ، ތިރިން މައްޗަށް ކަރަންޓު ނަރުތައް ގެންގޮސްފައި އޮތް ވައިރު ގޮޅި ތެރޭގައި ކަރަންޓު ޝޯޓެއް ވެގެންނެވެ.

މި އިމާރާތުގައި ރޯވުމުގެ ސަބަބުން އިމާރާތުގެ ތެރެއަށް ފެތުރުނު އޮލަ ދުންގަނޑުގެ ތެރޭގައި ނޭވާ ހާސްވެގެންނާއި ފުރާނަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އެކި އަނިޔާތައް ވެގެން މިހާރު ވެސް ހޮސްޕިޓަލުގައި ބައެއް މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 11 މީހެއްގެ ހާލު މިހާރުވެސް ވަރަށް ސީރިއަސް ކަމަށް ސަރުކާރުން ބުނެ އެވެ.

އެ ސަރަހައްދުގެ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ސައުރާބް ޓްރިޕާތީ ވިދާޅުވި ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އެންމެ ފުރަތަމަ އަލިފާން ރޯވި ކަމަށް ބެލެވެނީ އިމާރާތުގެ 15 ވަނަ ބުރީގަ އެވެ.

ފަނަރަ ވަނަ ބުރީގެ ވައިރު ގޮޅި ތެރެއިން، ކަރަންޓު ޝޯޓުވެގެން އަލިފާން ރޯވުމާ އެކު، އެ ގޮޅި ތެރެއިން ދުންގަނޑު މައްޗަށް އަރައި އިމާރާތުގެ އެހެން ބުރިތަކަށް ދުންގަނޑު ފެތުރިގެން ދިޔަ އެވެ. އެންމެ އޮލަކޮށް ދުންގަނޑު ވަދެފައި އޮތީ އިމާރާތުގެ އެންމެ މަތީ ތިން ބުރިއަށް ކަމަށް އަލިފާން ނިއްވާ އިދާރާގެ މީހުން ބުނެ އެވެ.

ރަނގަޅު ފެންވަރަކަށް އިމާރާތް ހަދާފައި ހުއްޓަސް، އަލިފާން ރޯވި އިރު އިމާރާތުގައި ހުރި އަލިފާނުގެ އިންޒާރު ދޭ ނިޒާމު މަސައްކަތް ނުކުރާ ކަމަށް، އަލިފާން ނިއްވާ އިދާރާ އިން ބުންޏެވެ. އިމާރާތުގައި ދިރިއުޅޭ މީހުން ވެސް ބުނި ގޮތުގައި، އިމާރާތުގެ އެކި ބުރިތަކަށް ދުންގަނޑު ފެތުރި، ނޭވާލާން ދަތިވާ ވަރުވެގެން ދިޔައިރު ވެސް، އަލިފާނުގެ އިންޒާރު ދޭ ބަރުގޮނުގެ އަޑެއް ނީވެ އެވެ.

އިމާރާތުގައި އަލިފާން ރޯވި ވަގުތު ގިނަ އެޕާޓްމަންޓްތަކުން އަދި މީހުން ނިދައި ނުހޭލަ އެވެ. ނަމަވެސް ހޭލައި އުޅުނު ބައެއް މީހުންނަށް އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން އެނގުމުން، އަޑުގަދަކޮށް ހަޅޭއްލަވަން ފެށުމުން، ނިދާފައި ތިބި މީހުން ވެސް ހޭލައިގެން އަމިއްލައަށް އިމާރާތުން ނުކުމެ ފުރާނަ ސަލާމަތް ކުރީ އެވެ.

އަލިފާން ނިއްވާ 15 ލޮރީން ފެން ޖަހައިގެން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އަލިފާން ރޯވިތާ ހަ ގަޑިއިރު ވަނިކޮށް، މެންދުރު 12:30 ވާން އުޅެނިކޮށެވެ. އަލިފާން ނިއްވާ މީހުން އިމާރާތުގެ ތެރެއަށް ވަދެ، މީހުން ސަލާމަތް ކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި ކަމަށްވެ އެވެ. މި ހާދިސާގައި މަރުވި ހަ މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ތިން މީހަކު ހިމެނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454