ރިޕޯޓް / ރިޔާސީ ބަޔާން

ރައީސް ދެއްކެވި ހެޔޮ ބަދަލުތަކާއި ބާކީ ދެ އަހަރުގެ މިސްރާބު

ކޮވިޑާ އެކު ނެގި އިގްތިސާދީ ދަތި ރާޅާއެކު ވެސް އިސްކަންދެއްވީ ރައްޔިތުންގެ ހާލަތު ބަދަލުކުރުމަށާއި ތަފާތު ކުރުމެއް ނެތް ފަސޭހަ ހިދުމަތްތަކެއް ދިނުމަށް ކަމަށް ވިދާޅުވި. އަދި ބޭސްފަރުވާ އާއި ދަތުރުފަތުރުގައި ވެސް ތަކުލީފުތައް ނިމުމަކަށް ގެނައުމަށް ކަމަށް ވިދާޅުވި.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހއ. ދިއްދޫ، އަހުމަދު ރަޝީދު ގެއަށް ގެންދާ މުސާރަ މިދިޔަ މަހުން ފެށިގެން އެތައް ގުނައެއް ބޮޑުވެއްޖެ އެވެ. މި ހެޔޮ ބަދަލު އޭނާގެ ދިރިއުޅުމަށް އައީ މިނިމަމްވޭޖާ އެކުގަ އެވެ. އަމިއްލަ ވިޔަފާރިއަކުން މި ތަނަވަސްކަމަށް މަސައްކަތްކުރި ޒުވާން ދެމަފިރިން ކަމަށްވާ އައިޝަތު ދީނާ އާއި ހުސެއިން ނިމާލްގެ ހުވަފެން ހަގީގަތަކަށް ވީ އެސްއެމްއީ ބޭންކުންނެވެ. މި ހިތްވަރު ދައްކައިފި ނަމަ ވިޔަފާރި ފެށުމުގައި އެހީގެ ދޮރުތައް ހުޅުވަން ސަރުކާރު އޮތީ ތައްޔާރަށެވެ.

ބ. ފެހެންދޫ އާސިފާގެ ދިރިއުޅުން ވެސް ފަސޭހަ ވެއްޖެ އެވެ. އޭނާއަށް ފަހިވީ ދަރިންނަށް ތައުލީމު ހޯދަން އަހަރުތަކެއްވީ ބުރަ ދަތުރު ނިންމައި ރަށުގައި ހަމެޖެހިލުމުގެ ނޭވާއެއް ލުމުގެ ފުރުސަތެވެ. ދަރިންގެ މަތީ ތައުލީމްގެ ހާސްކަމަށް ވެސް އޭނާއަށް ހައްލެއް އެބައޮތެވެ. ހިލޭ ޑިގްރީ ޕްރޮގްރާމެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން މި ތިން މިސާލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސައްވުރުކޮށްދެއްވީ އެމަނިކުފާނުގެ ވެރިކަމުގެ މިސްރާބެވެ. ހެޔޮ ބަދަލުތައް ފެށީ ރައްޔިތުންގެ ދިރިއުޅުމާ ހަމައިންނެވެ.

ކޮވިޑާ އެކު ނެގި އިގްތިސާދީ ދަތި ރާޅާއެކު ވެސް އިސްކަންދެއްވީ އެމަނިކުފާނު ސިފަކުރެއްވި ގޮތުން ނަމަ ރައްޔިތުންގެ ހާލަތު ބަދަލުކުރުމަށެވެ. ތަފާތު ކުރުމެއް ނެތް ފަސޭހަ ހިދުމަތްތަކަކަށެވެ. ބޭސްފަރުވާ އާއި ދަތުރުފަތުރުގައި ވެސް ތަކުލީފުތައް ނިމުމަކަށް ގެނައުމަށެވެ. ނަތީޖާއާ މެދު އެމަނިކުފާނު ހުންނެވީ ހިތްހަމަޖެހިވަޑައިގެންނެވެ.

ގައުމަށްޓަކައި ބިނާކުރެވޭ އެންމެ ވަރުގަދަ އުސް ބިނާއަކީ, ބިނާކުރެވޭ ހެދިހުރި ދިވެހި އިންސާނާ. -- ރައީސް

މަޖިލީހުގައި މިއަދު ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި މި ހިނގާ އަހަރަށް ވެސް އެމަނިކުފާނު ރާއްޖެ ތަސައްވުރު ކުރެއްވީ އިންގިލާބީ ބަދަލުތަކަކަށެވެ. މާލެ ސަރަހައްދު ގުޅާލާ ތިލަމާލެ ބްރިޖާއި އިގްތިސާދަށް ގެންނަ ބަދަލުތަކާ އެކު ބޯހިޔާވަހި ކަމުގެ ހައްލުތަކެއް ދެއްކެވި އެވެ. ބަނދަރުތަކާއި އެއާޕޯޓާއި ހައި ސްޕީޑު ފެރީން ރާއްޖެ ގުޅުވާލުމާއި ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓާ އެކު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ފަސޭހަވެ މިއަށް ވުރެން ކުރިއަރައި ހިދުމަތްތަކުގެ ދުވެލި ރަނގަޅުކުރަން ގެންގުޅުއްވާ އަމާޒުތައް ވިދާޅުވެދެއްވި އެވެ.

ރިޔާސީ ބަޔާން އިއްވެވުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ރިޔާސަތު ކައިރީގައި-- ފޮޓޯ: މަޖިލިސް

ރިޔާސީ ބަޔާނުން މި އަހަރުގެ އަމާޒުތައް

ތައުލީމީ ދާއިރާގެ މުސާރަ މެއި މަހުން ފެށިގެން 56 ޕަސެންޓަށް ބޮޑުވާނެ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް މި އަހަރު ފަހުކޮޅު ބޮޑުވާނެ

މަތީ ތައުލީމަށް ލޯންގެ 720 ފުރުސަތު އަންނަ ހޯމަ ދުވަހު ހުޅުވާލާނެ

މާލޭގެ ރަށްވެހިންނަށް 5,000 ގޯތި މި އަހަރު ޖޫންގައި ދޫކުރަން ފަށާނެ

2,000 ގޯތި ދޫކުރަން ނިންމާފައި އޮތީ ގިރާވަރު ފަޅު ހިއްކައިގެން

އަންނަ މާޗް މަހުން ފެށިގެން މިފްކޯއަށް މަސް ގަންނަ އަގު ބޮޑުވާނެ

މަސްވެރިންނަށް 59 މިލިއަންގެ ލުއި ލޯނު ދޫކުރަން ފަށާނެ

ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމް އަލުން ފެށުމަށް ވަނީ ތައްޔާރުވެފައި

ހަރުކަށި ފިކުރާ ދެކޮޅަށް ނޭޝަނަލް މޮޑެރޭޝަން ކެމްޕޭން ކުރިއަށް ގެންދާނެ

ޒަމާނީ މިސްކިތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިނާކުރާނެ

މަސްތުވާތަކެތީގެ ވަބާގެ ތެރޭގައި މަގުމަތިވެފައި ތިބި މީހުންގެ މައްސަލަތަކަށް މި އަހަރު ލުއި ލިބެން ފަށާނެ

"މިނިވަންކަމަށް ގުޑުމެއް ނާރާނެ"

މި އަހަރުގެ ރިޔާސީ ބަޔާނުގައި އެންމެ ފުރަތަމަ ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ ފަދަ އެއްވެސް ކަމަކަށް ޖާގައެއް ނުދެއްވާނެ ކަމެވެ. އިންޑިއާގެ ނުފޫޒު ދިވެހިންގެ މައްޗަށް ގަދަކޮށް ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރައިފި ކަމުގެ ކަންބޮޑުވުންތަކާ އެކު މުޅި ރާއްޖޭގައި އިދިކޮޅުން ވަނީ "އިންޑިއާ އައުޓް" ކެމްޕޭނެއް ފުޅާކޮށްފަ އެވެ.

މި ކެމްޕޭންގައި ސަރުކާރަށް ކުރާ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމުގެ ނުސީދާ ރައްދުގައި ރައީސް ވިދާޅުވީ ގައުމިއްޔަތު ދެމިއޮންނަން ޖެހޭ ކަންތައްތަކުގެ މައްޗަށް ސަރުކާރު އޮތީ ސަމާލުވެ ކަމަށެވެ.

"ދިވެހިންގެ އަމާން ސުލްހަވެރި ދިރިއުޅުމުގެ މައްޗަށް ނާމާންކަމާއި ހަތުރުވެރިކަމާއި އަދާވާތްތެރި ކަމަކަށް ވެރިއެއް ނުގަނެވޭނެ," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ ދެމިއޮންނާނީ އިސްލާމީ ސައްހަ އަގީދާގެ ބިންގަލުގެ މަތީގަ އެވެ. އެ މަގުން ކައްސާނުލައި ދީނުގެ ރީތި އުސޫލްތައް ކުރިއަރުވާ އިރު އެކި ފިކުރުތަކުގެ ވަބާގައި ޖެހި ފަތުރައި ފުޅާކުރާ ހަރުކަށި އަމަލުތައް ވެސް ހުއްޓުވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އުފެއްދުންތެރި ޖީލު: އެންމެ ބޮޑު މަޝްރޫއު

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ އުފެއްދުންތެރި ޖީލެއް ބިނާކުރުމެވެ. ތައުލީމާއި ތަރުބިއްޔަތުގެ ފުރުސަތު އިމެއް ނެތި ފަހިވެފައި އޮތުމެވެ.

"ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގެ ނަތީޖާ އިންތިހާ އަށް ފޮނި. ކޮލެޖް ނުވަތަ ޔުނިވާސިޓީގެ ޑިގްރީ ޕްރޮގްރާމްތަކުން މިހާތަނަށް 12,370 އަށް ވުރެން ގިނަ ދަރިވަރުންނަށް ފުރުސަތު ހޯދައި ދެވިއްޖެ. މި ޕްރޮގްރާމްގެ ތެރެއިން 2,127 ދަރިވަރުން މިހާރު ވެސް ވަނީ ޑިގްރީ ފުރިހަމަކޮށްފައި," ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ 2023 ގެ ނިޔަލަށް 5000 އަށް ވުރެން ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން ގައުމު ބިނާކުރަން ނުކުންނާނެ ކަމަށެވެ. އޭގެ ފަހުން އަހަރަކު މަދުވެގެން 2,000 ދަރިވަރުން ޑިގްރީ ފުރިހަމަކޮށް ގައުމީ ހިދުމަތަށް ނުކުންނާނެ ކަމަށް ވެސް އެމަނިކުފާނު ލަފާކުރެއްވި އެވެ.

މި ބަދަލާ އެކު ގްރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12,628ރ. އިން 19,740ރ. އަށްބޮޑުވެގެން ދާނެ. މިއީ 56 ޕަސެންޓުގެ ކުރިއެރުމެއް. -- ރައީސް

މަތީ ތައުލީމް ބޭނުންވާ ދަރިވަރުންނަށް ރާއްޖެ އިން ބޭރުން އެ ފުރުސަތު ފަހިކޮށްދެމުން އަންނަ ގޮތުގެ ހިސާބުތައް ވެސް ރައީސް ވިދާޅުވެ ދެއްވި އެވެ. މިދިޔަ އަހަރުގެ ނިޔަލަށް 1,500 ދަރިވަރުންނަށް ސްޓޫޑަންޓް ލޯން ދޫކޮށްފައިވާ އިރު އިތުރު 720 ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

"ގައުމަށްޓަކައި ބިނާކުރެވޭ އެންމެ ވަރުގަދަ އުސް ބިނާއަކީ, ބިނާކުރެވޭ ހެދިހުރި ދިވެހި އިންސާނާ," ރައީސް ވިދާޅުވި އެވެ.

ޓީޗަރުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އުފަލެއް

އެކި ދާއިރާތަކުގައި ކުރާ މަސައްކަތާ އަޅާބަލާއިރު މުސާރަ ކުޑަ ކަމުގެ ޝަކުވާ ބޮޑެވެ. އޭގެތެރެއިން ރައީސް މިއަދު ވަނީ ޓީޗަރުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މާޔޫސްކަމަށް އުފާވެރި އިހްސާސެއް ގެނެސްދެއްވައިފަ އެވެ. މި ދެ ދާއިރާ އަށް ވެސް ސަރުކާރުން ދެމުން އަންނަ އިނާޔަތް ބޮޑުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކުރަން ނިންމާފައި ވަނީ އަންނަ މެއި މަހުން ފެށިގެންނެވެ.

"މި ބަދަލާ އެކު ގްރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12,628ރ. އިން 19,740ރ. އަށްބޮޑުވެގެން ދާނެ. މިއީ 56 ޕަސެންޓުގެ ކުރިއެރުމެއް," ރައީސް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން މިހާރު ދެމުން އަންނަނީ 2,000ރ. ގެ އެލަވަންސެކެވެ. އެކަމަކު މި އަހަރުގެ ފަހުކޮޅު އެ އިނާޔަތް ބޮޑުވާނެ ކަމަށް ވިދާޅުވިޔަސް ތަފްސީލެއް ނުދެއްވަ އެވެ. އެ ދާއިރާ އިން ހުށަހަޅަނީ އިނާޔަތް 5,000ރ. އަށް ބޮޑުކޮށްދިނުމަށެވެ.

މުސާރައިގެ ހެޔޮ ބަދަލު މިހާތަނަށް މިނިމަމްވޭޖާ އެކު ގިނަ މަސައްކަތްތެރިންނަށް ލިބެމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައި، ރިޔާސީ ބަޔާން އިއްވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވަނީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޓޫރިޒަމްގައި އުޅޭ 13,000 މުވައްޒަފުންގެ މުސާރަ ބޮޑުވެފައިވާ އިރު ސަރުކާރުގެ 15,400 މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 5,100 މުވައްޒަފުންގެ ދިރިއުޅުން އެ ބަދަލުގެ މަތީގައި ތަރުތީބުކުރަން މަގުފަހިވެފައިވާ ކަމަށް ވިދާޅުވި އެވެ.

ބޯހިޔާވަހިކަން: މާލޭ ރައްޔިތުންނަށް ގޯތީގެ ހިތްހަމަޖެހުން

ރާއްޖޭގެ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަން މިއަދު ވެސް ރައީސް ތަކުރާރު ކުރެއްވި އެވެ. އެމަނިކުފާނުގެ ތިން އަހަރުގެ ތެރޭގައި ވެސް އެންމެ ގިނަ ވާހަކަ މިކަމާ ގުޅުވިފައިވާ އިރު ނަތީޖާ އެދެވޭ މިންވަރަކަށް ނުނެރެވޭ ކަމަށް އެއްބަސްވެވަޑައިގަތެވެ.

"މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ކުރެވުނު ކަންތައްތަކަށް ވުރެން ގިނަ ވާހަކަ ދެއްކޭ ކަމުގެ އިހްސާސް އަޅުގަނޑަށް އަބަދު ވެސް ވޭ,"-- ރައީސް

"މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ކުރެވުނު ކަންތައްތަކަށް ވުރެން ގިނަ ވާހަކަ ދެއްކޭ ކަމުގެ އިހްސާސް އަޅުގަނޑަށް އަބަދުވެސް ވޭ," ރައީސް ވިދާޅުވި އެވެ.

ދެން ދެއްވީ މާލޭގެ ރައްޔިތުންނަށް ހިތްހަމަޖެހުމެކެވެ.

ރައީސް ވިދާޅުވީ މާލޭ ރަށްވެހިންނަށް 5,000 ގޯތި ދޫކުރުމުގެ ޕްލޭނެއް ސަރުކާރުގެ އެބައޮތެވެ. އެއީ ހުޅުމާލެ އިން 1000 ގޯއްޗާއި ގުޅީފަޅުން މަދުވެގެން 2,000 ގޯއްޗާއި ގިރާވަރު ފަޅު ހިއްކައި އެ ބިމުން މަދުވެގެން 2,000 ގޯއްޗެވެ.

ރައީސް ވިދާޅުވީ ގިރާވަރު ފަޅުން ގޯތިދޫކުރާއިރު އެތަން އޮންނާނީ ތިލަމާލެ ބްރިޖުން މާލެއާ ގުޅުވާލެވިފަ އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް ރޯނު ދަމާ ބިންކަނޑާ ގޯތީގެ ފަތް ދިނުމަށް ފަހު." ރައީސް ވިދާޅުވި އެވެ.

މި ދައުރުގެ ތެރޭގައި ގިނަ ފްލެޓްތަކެއް އަޅަން ވައުދުވެވަޑައިގެންފައި އޮތަސް އެމަނިކުފާނު އާއްމުކުރެއްވި ހިސާބުގައިވާ ގޮތުން އަދި ފަށާފައި ވަނީ 5,000 ފްލެޓުގެ މަސައްކަތެވެ. އެކަމަކު އިތުރު 2,000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ: މަޖިލިސް

އިގްތިސާދަށް ބާރު ދުވެލީގައި ކުރިއެރުން

ކޮވިޑުގެ ބިޔަ، ނުރައްކާތެރި ރާޅާއެކު ރާއްޖޭގެ އިގްތިސާދު އަޑި އަޅާލާފައިވާ ކަމަށާއި އެ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 33 ޕަސެންޓަށް ދަށަށް ދިޔަކަން ރައީސް ވިދާޅުވި އެވެ.

އަވަސް ފިޔަވަޅުތަކެއް ނޭޅި ނަމަ ހާލަތު ވަރަށް ގޯސްވީސް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަހަރެއްހާ ދުވަސް ވި އިރު އިގްތިސާދީ ހެޔޮ ބަދަލުތައް ވަނީ ފެންނަން ފަށައިފަ އެވެ.

ޓޫރިޒަމްގައި އަމާޒު ހިފި ވަރަށް ވުރެން މާ ބޮޑު ތަނުން ކުރިއެރުން ލިބުނުކަން ފާހަގަކުރެއްވި އެވެ. "2021 ވަނަ އަހަރުގެ އުފެއްދުންތެރިކަން ހުންނާނީ 31.6 ޕަސެންޓާއި 38.5 ޕަސެންޓާ ދމެދުގައި ކަމަށް ބެލެވޭ. މިއީ ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއާ މެދު ލަފާކުރި މިންވަރަށް ވުރެން އެތައް ތަނެއް މަތީ މިންވަރެއް," ރައީސް ވިދާޅުވި އެވެ.

"އައިއެމްއެފް އިން ލަފާކުރާ ގޮތުގައި މި ހިނގާ 2022 ވަނަ އަހަރު ވެސް އެންމެ ބާރަށް ކުރިއަރާނެ ކަމަށް ބެލެވޭ މުޅި ދުނިޔޭގެ ފަސް އިގްތިސާދުގެ ތެރޭގައި ވެސް ދިވެހިރާއްޖެ ހިމެނޭ."

"އައިއެމްއެފް އިން ލަފާކުރާ ގޮތުގައި މި ހިނގާ 2022 ވަނަ އަހަރު ވެސް އެންމެ ބާރަށް ކުރިއަރާނެ ކަމަށް ބެލެވޭ މުޅި ދުނިޔޭގެ ފަސް އިގްތިސާދުގެ ތެރޭގައި ވެސް ދިވެހިރާއްޖެ ހިމެނޭ."

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަންދާޒަ އަކީ މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 ޕަސެންޓުގެ ކުރިއެރުމެއް ހޯދުމެވެ.

"އަންދާޒާ ކުރެވިފައިވާ އިގްތިސާދީ އަމާޒު ހިފެހެއްޓުމަކީ ސަރުކާރުގެ އަޒުމް. ކޮވިޑ-19 ގެ ކުރިން އޮތް ހިސާބަށް އިގްތިސާދު އަނބުރާ ގެންދެވޭނެ ކަމުގެ ފާހަގަ ސަރުކާރުން ޖަހާ އަހަރަކީ އިރާދަކުރެއްވިއްޔާ 2023."

"މަރުތަކުގެ އިންސާފު ލަސްވެއްޖެ"

މަރުތަކަށް އިންސާފު ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ މުހިއްމު އެ ވައުދެވެ. ކޮންމެ ރިޔާސީ ބަޔާނެއްގައި އެކަން ތަކުރާރުކުރައްވަ އެވެ. ތިން ވަނަ ރިޔާސީ ބަޔާން މިއަދު ހުށަހެޅުއްވި އިރު އެ އިންސާފަށް ވާސިލްނުވެވޭ ކަމުގެ ކަންބޮޑުވުން އެމަނިކުފާނުގެ އޮތް ކަން ހާމަކުރެއްވި އެވެ.

މަރު ކޮމިޝަނުން އެންމެ އިސްކަންދީގެން ބަލަމުން އަންނަނީ ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލަ އެވެ. މި ތަހުގީގުގައި ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށް ކުރިއެރުން ހޯދިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި އަހަރުގެ މެދުތެރޭގައި ތަހުގީގު އެއްކޮށް ނިންމައި ކޮމިޝަނުގެ ހޯދުންތައް އަޅުގަނޑަށް ހުށަހަޅާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައި."

އެމްއެމްޕީއާރުސީގެ ހިޔާނާތް ބަލައި ފިޔަވަޅު އެޅުމުގެ ވައުދު ނުފުދި މިސްރާބު ގެއްލިފައި އޮތް ކަން ރައީސް ވިދާޅުވި މައުލޫމާތުން އެނގެ އެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މިހާތަނަށް ހޯދި ކަންކަން އޭސީސީއާ ހަވާލުކޮށް ކޮމިޝަނުގެ މަސައްކަތްތައް ނިންމާލުމުގެ ވިސްނުން ގެންގުޅުއްވާ ކަން ހާމަކުރެއްވި އެވެ. އޭސީސީގެ ހުރިހާ މެމްބަރުންގެ އިތުބާރު ނެތް ކަމަށް ނަގަން ފާސްކުރުމުގެ މަސައްކަތާ އެކު ކޮމިޝަން ހުސްވެ އާ މެމްބަރުން ހޯދަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

"އެ ހިސާބުން ދެން އޮތް ބައި ކުރިއަށް ގެންދާނީ އަލަށް އެކުލަވާލެވޭ އޭސީސީން," ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރިޔާސީ ބަޔާން އިއްވަވަނީ-- ފޮޓޯ: މަޖިލިސް

މިސްރާބު ހުރީ ހެޔޮވެރިކަމަކަށް

ރައީސް ވިދާޅުވީ މިހާތަނަށް ހޯދުނު ކާމިޔާބީގެ ފަހަތުގައި އަދި މާދަމާ ލިބެން އޮތް ކާމިޔާބީގެ ވެސް ސިއްރަކަށް ވާނީ ހެޔޮވެރިކަން ކަމަށެވެ. އެމަނިކުފާނު މާނަކުރައްވާ އެ ހެޔޮވެރިކަމަކީ އެ ވެރިކަމުގެ ހިޔާވަހިކަން އިންސާފާއި ހަމަހަމަކަމާ އެކު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ. ތަފާތު ވިސްނުމަށް ޖާގަ ދީ އިހްތިރާމް ކުރުމެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާތަނަށް އެމަނިކުފާނުގެ ތިން އަހަރު ހޭދަކުރެއްވީ އެ މަގަށެވެ.

"ރައްޔިތުން އަޅުގަނޑާ ވެރިކަމުގެ މަސްއޫލިއްޔަތު ހަވާލުކުރީ މި ދެންނެވި މިސްރާބުގާ ކުރިއަށް ދިއުމަށް. އިރާދަކުރެއްވިޔާ އަޅުގަނޑު ދެމިހުންނާނީ އެ ގޮތުގައި," ރައީސް ވިދާޅުވި އެވެ.

3 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވައްކަމޭކުރަނީ

03 February 2022

ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އެއްވެސް ކަމެއް މިސަރުކާރަށް ނުކުރެވެއޭ މިސަރުކާރުން ބުންނޭ 2 އަހަރު ދުވަސް ތެރޭގައި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ހައްލު ކޮށް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ އެންމެ ބިދޭސީ އެއްވެސް ނުބަހައްޓާނެ ކަމަށް އެވަނީ ގިނައޭ ދެން ބަންގްލާދޭޝް އިން މީހުން ގެނައުން މަނާ ކުރުމަށް ފަހު އިންޑިއާ އިން އެކަނި މީހުން ގެނެވޭ ގޮތް ހެދުން އެއީ އިންޑިއާގެ މޮދީ އަށް ކަޓްދޭން ވެގެން ކުރަ ކަމެކޭ މުޅިން

The name is already taken The name is available. Register?

މަށޭކިޔާތައް

03 February 2022

މުޅިން ފޮނިބައިސާ 3 އަހަރުން ނުވީކަމެއް ދެނެއް ނުވާނެ އަދި ހަމަ އާރު ލާއެއްވެސް ކަމެއް ކުރެވިފައިކައިނެތް މިއީ ދިވެހި ރައްޔިތުން ދެކޭގޮތް

The name is already taken The name is available. Register?

ރުފިޔާއަށޭ

03 February 2022

ކޮބާތޭ ރައީސް އިބޫގެ ވެރިކަމުގައި އައި ހެޔޮ ބަދަލެއް ގައުމެއްގައި ހެޔޮ ބަދަލެއް އައި ކަން ގައުމުގެ ރައްޔިތުންނަށް އިހްސާސް ކުރެވޭނީ އެއީ އަދުލު އިންސާފު ގާއިމް ކޮށްގެންނޭ ޖުޑިޝަލް ސާރވިސް ކަމިޝަން އަކީ އެއީ އެމްޑީޕީގެ ހަރުގެއެކޭ ނަތީޖާ އަކީ އެއީ މިރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމް އޮޅާލާ ކޯޓުން ބޭރުގައި ވަގުންނާއި މަޝްވަރާ ކޮށްގެން ދައުލަތުގެ ޚަޒާނާ އިން ބަދަލުދީ އެވަނީ ގައުމު ބަނގުރޫޓް އަރުވާލާފައޭ ހޮޓަލުން ކަޅުސައިތައްޓެއް މިއަދު ލިބެނީ 10

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454