ޚަބަރު / ރައްޔިތުންގެ މަޖިލިސް

ޗެއާޕާސަން ހޮވުމުގެ އަރައިރުން މަޖިލީހުގައި ހޫނުވެއްޖެ!

މެމްބަރު ހަސަން ލަތީފާއި އީވާ: ނުފޫޒު ފޯރުވާކަމުގެ ތުހުމަތާއެކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި--ފޮޓޯ: މަޖިލިސް

"ރައިސުލްޖުމްހޫރިއްޔާ އަށް ވެރިކަން ކުރުމަށް ލިބޭ ހަނި ފުރުސަތު ނިގުޅައިގަނެ އަތް ފައި ބުރިކޮށްލައި، މި މަޖިލީހުގައި އިދިކޮޅު ޕާޓީއެއްގެ ދައުރު ވެރިކަން ކުރާ ޕާޓީން އަދާ ކުރާ ކަމީ ކަންބޮޑުވާން ޖެހޭ ކަމެއް،" އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތަކާ ގުޅިގެން، ސަރުކާރު ދިފާއު ކުރައްވައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.

ޝަރީފްގެ އެ ވާހަކަ އަށް ވަރަށް ހައިރާންކަމާއި ހިތްހަމަނުޖެހުމާއެކު ރައްދު ދެއްވީ އެމްޑީޕީގެ އެންމެ ސީނިއާ އެއް މެމްބަރު ކަމަށްވާ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

"އިމްތިޔާޒް ފަހުމީގެ ކެމްޕެއިނަށް ނިކުމެގެން އުޅޭ މީހުންނަކީ އިދިކޮޅު މީހުންނޭ ކިޔައިގެން މަރަދޫ ދާއިރާގެ މެމްބަރު ވާހަކަ ދައްކާއިރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އަނިޔާވެރިކަމުގެ ތެރޭގައި އިމްތިޔާޒް ފަހުމީ މެން ނިކުމެވަޑައިގެން އެ ކުރި ހިތްވަރު ނުކުރި ނަމަ މިއަދު ކޮން ސަރުކާރެއްތޯ އޮންނާނީ!" އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނީ އޭޕްރިލް 16 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ދިމާކޮށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް އަށް ލިބޭ ބާރުގެ ބޭނުން ކޮށްގެން އެމަނިކުފާނު މީހުން މަގާމުން ވަކި ކުރާ މައްސަލާގައި ހުށަހެޅި ކުއްލި މައްސަލަ އަކާއެކު އެވެ.

ކުއްލި މައްސަލަ ހުށަހެޅީ އެ އިންތިހާބުގައި ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ.

އެ މައްސަލަ އަށް ބަހުސް ކުރަން ފާސްވުމާއެކު މަޖިލީހުގައި މިއަދު އޮތީ އިންތި އަށް ތާއީދު ކުރައްވާ މެމްބަރުންނާއި އެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަށް ތާއީދު ކުރައްވާ މެމްބަރުން ދެމެދު ހޫނު ޒުވާބެވެ.

ސަރުކާރަށް ކޮރަޕްޝަނާއި ނާއިންސާފުގެ ތުހުމަތު!

ވައްޑޭ ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އިންތި ވިދާޅުވީ މާފަންނު އުތުރު ދާއިރާ އިން ކޮންމެ މަޖިލިސް އިންތިހާބެއްގައި ބޮޑު ޕަސެންޓެއް އެމްޑީޕީ އަށް ދޭއިރު މި ސަރުކާރުން އެ ދާއިރާގެ އެންމެ މީހަކަށް ވެސް ވަޒީފާއެއް ދީފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެމްޑީޕީގެ ވަކި ބަޔަކަށް ވަޒީފާތައް ހާއްސަ ކުރަމުން އަންނަ ކަމަށާއި ޕާޓީގެ އާންމު މެމްބަރުން ވެސް އެ ޝަކުވާ ކުރަމުން އަންނަ ކަމަށް އިންތި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ--

"މިއީ އަޅުގަނޑު މަޖިލީހުގެ ތިންވަނަ ދައުރު. އަޅުގަނޑުގެ ރިކުއެސްޓަކަށް ސިޔާސީ މަގާމެއް ބޭފުޅަކަށް ދޭން ހުށަހެޅުމުން މާ ފަހުން ފުރަތަމަ ދައުރަށް ހޮވުނު މެމްބަރުންނަށް އިސްކޮށް އެބަ ވަޒީފާ ދޭ. ހެކިތަކާ އެކީ ދައްކާނަން. މިއީކީ ނޫން ގާއިމް ކުރަން ބޭނުންވާ ހެޔޮވެރިކަމުގެ ނިޒާމަކީ،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ ރ. ދުވާފަރުން އެމްޑީޕީގެ މެމްބަރަކު ވަޒީފާ އިން ވަކި ކުރުމުގެ އިތުރުން ދާދި ފަހުން މޯލްޑިވްސް ރޯޑް ކޯޕަރޭޝަން އިން ވެސް އެމްޑީޕީގެ ގިނަ ދުވަސްވީ މެމްބަރަކު ވަކިކޮށްފައިވާ ކަމަށެވެ. އެ ހުރިހާ ކަމެއް ވެސް ގުޅެނީ ކޮރަޕްޝަނާ ކަމަށް އިންތި ތުހުމަތު ކުރެއްވި އެވެ.

"މި ހުރިހާ ކަމެއް ވެސް ގުޅިފައި މިވަނީ ކޮރަޕްޝަނާ. ކޮރަޕްޝަނަށް މަގުފަހިކުރުމަށްޓަކައި ހޯދާ ޖާގަތައް މިއީ އަޅުގަނޑު ކުށްވެރިން ކުރަން،" އިންތި ވިދާޅުވި އެވެ.

އީވާ ވިދާޅުވީ އެމްޑީޕީ އަށް އެތައް ގުރުބާނީއެއް ވީ މީހުންނާ ދޭތެރޭ ބޭއިންސާފުން ކަންކަން ކުރަން ފެށުމުން އެކަމާ ވަކާލާތު ކުރަން ޖެހިލުން ނުވާނެ ކަމަށެވެ.

"އަޅުގަނޑަކަށް ވުރެ، އިމްތިޔާޒް ފަހުމީއަކަށް ވުރެ، [ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު] ހަސަން ލަތީފަކަށް ވުރެ، އުނގޫފާރުގެ މުހައްމަދު ވަހީދަކަށް ވުރެ އިހުލާސްތެރި މީހުންނެއް މި ސަރުކާރަކަށް ނުލިބޭނެ. އެމްޑީޕީ އަށް މިއަށް ވުރެ ދިވެހި ރައްޔިތުންނަށް ވަކާލާތު ކުރާ އިހުލާސްތެރި މީހުންނެއް ނުލިބޭނެ،" އީވާ ވިދާޅުވި އެވެ.

މުޅި މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރު އީވާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

ސަރުކާރުގެ ހުރިހާ ކުންފުނިތަކުން މެނޭޖިން ޑިރެކްޓަރުންތައް ރަށްރަށަށް ނިކުންނަނީ "ދެކިހިލިފަތަށް ވަޒީފާތައް ޖަހާލައިގެން" ކަމަށް އީވާ ވިދާޅުވި އެވެ. އެތެރޭގެ އިންތިހާބެއްގައި ވަޒީފާ ބެހުމުގެ އިތުރުން ވަޒީފާ އިން މީހުން ވަކި ކުރުމުގެ ކަންކަން ވެސް ކުރަމުން އަންނަ ކަމަށް އީވާ ވިދާޅުވި އެވެ.

"ނުކުރެވޭނެ ވަތްކެއް. ތަންތަނުގައި ތިބި އެމްޑީޕީގެ މީހުން އިމްތިޔާޒް ފަހުމީ އަށް ތާއީދު ކުރަނީއޭ ކިޔައިފަ މިއަދު 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަޒީފާ އިން ވަކި ކޮށްފިއްޔާ 2023 އަޅުގަނޑުމެން އަތުލަނީ ކިހިނެއް އިއްޒަތްތެރި ރައީސް. ނުކުރެވޭނެ އެހެން ވަޒީފާ އިން ވަތްކެއް،" އީވާ ވިދާޅުވި އެވެ.

އެ މައްސަލާގައި ސީދާ ރައީސް އާއި ސަރުކާރަށް ދެން އެންމެ ބޮޑަށް ފާޑު ވިދާޅުވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

އަފީފް ވިދާޅުވީ އެފަދަ މައްސަލަތައް މިހާރު ދިމާވަނީ އެމްޑީޕީގެ ފިކުރާ ބީރައްޓެހި ބަޔަކު ޕާޓީގެ ކޮންޓްރޯލް ނަގަން މަސައްކަތް ކުރާތީ ކަމަށެވެ. ޕާޓީ އުފައްދައި އެތައް ބަޔަކު ޖަލަށް ގޮސްގެން މިކަންކަން ގެނައި މިގޮތަށް މައްސަލަތައް ދޫކޮށްލަން ނޫން ކަމަށާއި އެއީ އަމިއްލަ ޕާޓީގެ މެމްބަރުންތަކެއް ވިޔަސް އެކަން ކުށްވެރި ކުރާ ކަމަށް އަފީފް ވިދާޅުވި އެވެ.

ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ދެ ފަރާތުގައި ވެސް ތިބީ ޕާޓީގެ މެމްބަރުން ކަމަށާއި ނަމަވެސް ސަރުކާރުގެ މަތީ މަގާމެއްގައި ހުރެގެން ހުރިހާ ތަނަކަށް ނުފޫޒު ފަތުރަން ވެއްޖެ ނަމަ އެ ވާހަކަ ދައްކަން ޖެހޭ ކަމަށާއި އެފަދަ މީހުން ޕާޓީން ބޭރު ކުރަން ޖެހޭ ކަމަށް އަަފީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްް ވާހަކަދައްކަވަނީ--ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

"މި ޕާޓީގެ ފިކުރު ހަލާކު ކުރަން މަސައްކަތް ކުރާ މީހުން މި ޕާޓީގައި ބައިތިއްބައިގެނެއް ނުވާނެ، ރައީސް އަށް އިލްތިމާސް ކުރަން ވަގުތުން ވަގުތަށް މިކަންކަން އިސްލާހު ކުރަން ފިޔަވަޅު އެޅުމަށް،" އަފީފް ވިދާޅުވި އެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް އޮތީ ހަމައެކަނި ވަޒީފާގެ ބިރު އެކަނި ނޫން ކަމަށެވެ. ލޯނެއް ވަޒީފާގެ ކުރިއެރުން ދެނީ ވަކި މީހަކަށް ތާއީދު ކުރާތީ ކަމަށާއި އެއީ އެމްޑީޕީގެ ވިސްނުމެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.

ވެރިކަަމަށް އަންނަން ދެއްކީ ނާޖާއިޒްކޮށް މީހުން ވަަޒީފާ އިން ވަކި ކުރުމާއި އަނިޔާވެރިކަމާއި ބިރު ދެއްކުމުގެ ވާހަކަ ކަމަށާއި އެކަންކަން މިއަދު ވެރިކަމަށް އައިސް ތަކުރާރު ކޮށް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ގާނޫނުއަސާސީގެ 115 ވަނަ މާއްދާ ނާޖާއިޒް ގޮތުގައި ބޭނުން ކުރެވިގެން ނުވާނެ،" އާޒިމް ވިދާޅުވި އެވެ.

"މަސްއޫލިއްޔަތު އަދާ ނުކުރެވޭނަމަ ވަކި ކުރަން ޖެހޭ"

މިއަދު ކުރިޔަށް ދިޔަ ބަހުސްގައި ސަރުކާރު ދިފާއުކޮށް ވާހަކަ ދެއްކެވި މެމްބަރުން ވަނީ ރ. ދުވާފަރު ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު އަރީފް ވަކި ކުރި މައްސަލާގައި ކަންތައް ވި ގޮތް ވިދާޅުވެފަ އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ ރައީސް އޮފީހުން މައުލޫމާތު ސާފު ކުރިއިރު އޭނާ ވަކި ކުރަން އެދިފައި ވަނީ އެމްޑީޕީގެ އެ ދާއިރާ ހިންގާ ކޮމިޓީން ކަމަށެވެ. އަދި އޭނާގެ ހިންގުމުގެ ފެންވަރު ދަށްވުމާ ކައުންސިލް އިންތިޙާބުގައި އެމްޑީޕީ އާ އިދިކޮޅަށް އަރީފް މަސައްކަތް ކުރި މައްސަލަތަކެއް ވެސް ހުރި ކަމަށް އިކްރާމް ވިދާޅުވި އެވެ.

މެމްބަރު އިކްރާމް: ސާމްޕަލް ނަގާ މީހަކަށް ހަމަލާދިން ކަމަށް ކުރާ ތުހުމަތު އޭނާ ދޮގު ކުރައްވާ -- ފޮޓޯ/މަޖިލިސް

އޭގެ އިތުރުން އޭނާ އޭނާގެ މައްސަލަތަކާ ގުޅޭ ގޮތުން 158 މީހުންގެ ސޮޔާއެކު ޕެޓިޝަނެއް ވެސް ހުށަހަޅާފައިވާ ކަމަށް އިކްރާމް ވިދާޅުވި އެވެ.

"އެ ރަށެއްގަ ތިއްބަވާ ބޭފުޅުން އެ ރަށެއްގެ ކަންކަން ނިންމެވުމަކީ އެންމެ ރަނގަޅު ގޮތް، ހަގީގަތުގައި މި އިންތިހާބާ ދިމާކޮށް މިހާވަރަށް ވާދަވެރިވެގެން ދިޔުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް. މީގަ އަޅުގަނޑުމެންގެ މެޖޯރިޓީ ސަރުކާރެއް އޮވެ ސަރުކާރަށް އެއްބާރުލުން ދޭން މަޖިލީހުގައި ތިއްބެވި ބޭފުޅުން އަޅުގަނޑުމެންނަކީ،" އިކްރާމް ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވީ ސަރުކާރުގެ މަގާމެއްގައި ހުރެ އެކަށީގެންވާ ވަރަށް މަސްއޫލިއްޔަތު އަދާނުކުރެވޭ ނަމަ ވަޒީފާ އިން ވަކިކުރުމަކީ ރައީސްް ކުރައްވަން ޖެހޭނެ ކަމެކެވެ. ޕާޓީގެ އެތެރެ އާއި ބޭރުގެ އިންތިހާބެއް އޮތަސް މަސައްކަތް ނުކުރެވޭ އަދި މަސްއޫލިއްޔަތުތައް އަދާނުކުރެވޭ މީހުން ވަޒީފާ އިން ވަކި ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަީ. އޭނާ ވިދާޅުވީ 100 ބިލިޔަނުގެ ދަރަންޏަކީ ރާއްޖެއަށް އުފުލޭވަރުގެ ބުރައެއް ނޫން ކަމަށް. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

"އަޅުގަނޑުގެ ޕާޓީ މީހަކަށް ވިޔަސް ދަރިއަކަށް ވިޔަސް ހަވާލު ކުރެވޭ މަސްއޫލިއްޔަތު ބަރާބަރަށް އަދާނުކުރާ ކަމަށް ވަންޏާ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް ނުދޭ ކަމަށް ވިއްޔާ ވަޒީފާ އިން ވަކި ކުރަން ޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ.

ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ އެތެރޭ އިންތިހާބެއްގެ ކެމްޕެއިން ހަރުގެއަކަށް މަޖިލިސް ހަދައިގެން މި ވާހަކަ ދެއްކުމަކީ އެންމެ ބޭއިންސާފު ކަންތައް ކަމަށާއި ފައްޔާޒްގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވީތީ އެމްޑީޕީގެ އިސް ބޭފުޅުންގެ މަލާމާތާއި ފުރައްސާރައިން ސަލާމަތް ނުވެވޭ ހިސާބުގައި ހުރި ކަމަށެވެ.

"އަޅުގަނޑުމެން މިއީ ވަގުން ކަމާއި ހިޔާނާތްތެރިވި މީހުން ކަމަށް ބުނާ އިރު އަޅުގަނޑުމެން ދެނަތިބީމޭ މިތާނގަ ކޮރަޕްޝަންގެ ވާހަކަ ވަކި މީހަކަށް ނިސްބަތްކޮށް ދެއްކީމަ އޭނަ މޫނު ބަލައިލިޔަސް އެނގޭ ކޮރަޕްޓް ވާނެ މީހެއް ނޫންކަން ވިދާޅުވި މީހުން ވެސް އެބަތިބި. އެހާ ބޭއިންސާފު ބޭފުޅުން އިންސާފޭ ވިދާޅުވަނީ،" ޝާހިދު ވިދާޅުވި އެވެ.

މެމްބަރަކު އަމިއްލައަށް ކެނޑިޑޭޓެއް ގޮތުގައި އިންނަވައިގެން މަޖިލީހުގައި ނާއިންސާފުގެ ވާހަކަ ދެއްކެވުމަކީ ހުތުރު ކަމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އިމްތިޔާޒް ފަހުމީ އަކަށް ވުރެ ފައްޔާޒް އިސްމާއިލްގެ އިހުލާސްތެރިކަމެއް ވަކި ކުޑައެއް ނުވާނެ. އެއީ ވެސް މި ސަރުކާރު ގެންނަންވެގެން މަސައްކަތް ކުރި ބޭފުޅެއް،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި މި މައްސަލަ ހޫނުވީ ރ. ދުވާފަރު ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އެމްޑީޕީގެ މެމްބަރެއް ކަމަށްވާ އަހުމަދު އާމިރު ވަކިކުރުމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާ އިން ރައިސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ރައީސް ނިންމެވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެމްޑީޕީގެ އިންތިހާބާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ނާޖާއިޒް ގޮތުގައި ބޭނުންކުރައްވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް މެސެޖެއް ވެސް ފޮނުއްވައިފަ އެވެ. އެ މެސެޖުގައި ނަޝީދު ވަނީ އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ.

27 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާއިބްރީ

02 March 2022

ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ކުރި ކޮންމެ މުޒާހަރާއެއްގަ ބައިވެރިވިން. އީވާ ތިބުނާ މަސައްކަތް އިންތި ކުރި ގޮތް ވަރަށް ގާތުން ދެކުނިން. ކޮންމެ ރެއަކުވެސް މުޒާހަރާގެ ކުރީ ސަފުން ފޮޓޯއެއް ޓުވީޓުކޮށްފަ ފުލުހުން އަންނަންވާއިރަށް ފިލާނެ. އީވާމެންވެސް އެހާމެ ފިނޑި. ޕެޕާ ސުޕްރޭއާ ކަރުނަ ގޭހުގާ އަވަދިވީ އާންމު މެމްބަރުން. #އިންތިއައުޓް

The name is already taken The name is available. Register?

ބޮޅު

01 March 2022

އަންނިގެ ކަށީގަ ހިފާފަ ހުރިކަމެއް ވީމަ ތިކަމެއް ނުހުއްޓޭނެ. އަބަދުވެސް ކޮންމެވެސް އަރާރުމެއްގެ ތެރޭގައި އުޅުމަކީ ތަބީއަތުގަ ހިފާފަ ހުރިކަމެއް.

The name is already taken The name is available. Register?

ހުވާ

01 March 2022

ހަރުގޭގައި ބާއްވަންޖެހޭ ޖަލްސާއެއް އޮޅިވަޑައިގެން މަޖިލިސްކުރާގޭގައި ބޭއްވުނީތޯ؟ ރައްޔިތުންގެ ޓެކްސްފައިސާއިން މުސާރަޔާ ތަނުގެ ކަރަންޓާ ފެނާއި ކެއުމާއި ސައި ނަގައިގެންތިބެ މަޖިލިސްޖަލްސާގެ ނަމުގައި ޕާޓީގެ ޖަލްސާއެއް ބޭއްވިގެންނުވާނެ. ތިވެސްވާނީ ކޮރަޕްޝަނަށް.

The name is already taken The name is available. Register?

ކުޑަހަނބު

01 March 2022

ޕާޓީއެއްގެ އެތެރޭގެ ކޯޅުން ރައްޔިތުންގެ މަޖިލީހުގައި؟ ހައިރާން ވެއްޖެ

The name is already taken The name is available. Register?

ޙަބީބު.

01 March 2022

ޢަންނިޔަކީ މިހުރިހާ ބޭކަރު އަނގަތަޅާމިހާ އަންނި ހުންނަތަނެއް ރަނގަޅެއްނުވާނެ

The name is already taken The name is available. Register?

އީވައްޓޭ

01 March 2022

އެމްޑީޕީ ވެރިކަމަށް ގެނައީ އިންތިޔާޒް ފަހުމީއާ ހަސަން ލަތީފާ ފައިނު ވައްޑެގެ މަސައްކަތުން އެކަނި. އެހެން މީހަކު އެހެން އެއްކަމެއްވެސް ނުކުރޭ.

The name is already taken The name is available. Register?

ވައްތޭ

01 March 2022

ފަޙުރުވެރިކަމާއެކު މަޖްލީހުގައި 3 ދައުރު އިންވާހަކަ ދައްކަވާ އިރު އަމިއްލަމީހާގެ ގާނޫނީގޮތުން ލިބިފައިވާހައްގު ހޯދާނުދެވޭ އިރު ދެންކޮންރައްޔިތެއްގެ ހައްގެއްތޯ ހޯދާދެބޭނީ މިފަހަރު ގިނަ މާލޭގެ މެމްބަރުންހޮވުނީ ރައްޔިތުންނައް ރައްރަށުގަ ލިބޭ ހެން ގޯތިހޯދާދޭނަމޭކިޔައިގެން ވައުދުވެގެން ދެންކޮން އިޙުލާސް ތެރިކަމެއްތޯ ހުންނާނީ

The name is already taken The name is available. Register?

ޕަބްޖީ މުކަރުޖީ

01 March 2022

ރނ ކުރާކަޑަކަމެށް މީ. ހިއްހަމަ ނުޖެހޭއިރަތް ޕާޓީ ބައިބައިކުރަނީ. ކުރިން އުޅުނު އެށްފަހަރަކު އިންޑިއާ ސިފައިން ރާށްޖެ ހިފާށޯކިޔައިންވެސް. ކަޑަ މީހެށް ރނ އަކީ

The name is already taken The name is available. Register?

ޙަބީބު

01 March 2022

65 ގޮނޑި އެމްޑީޕީޔައް ދީގެން އަހުރެންގެ ރައް ކުޅުދުއްފުށި ސިޓީން ވެސް ހުރިހާ ގޮނޑިޔެއް ދީގެން އިނގިލިބޯން މިތިބީ ކޮބާ ޔާސިރު ޖަ މްސީދު ހޮވޭތާ 2 ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ދެ މަސްތެރޭ ސޯސަންގޯޅިޔައް ވެލިލައިދީ 6 މަސްތެރޭ ރިންގްރޯޑު ސާފުކޮއް ތާރު އަޅަންބުނި ނަ މަވެސް ކޮން މެދުވަހަކު މިމީހުން މިތިބެނީ ޒުވާބު ކުރަން ނޫނީ ޔާ މިން މަސްކާން ކިހާބޮޑުކަ މެއް ތީތަ ބޮޑު މުސާރަ ނަގައިގެން ކުރަން އޮތްކަ މަކީ މަސަތްކަތް ނުވާ ސަބަބު ހޯދަ

The name is already taken The name is available. Register?

އުދުހޭ

01 March 2022

އަންނި ބުނެފަ އޮތް އެއްޗަކަށް އީވާ، ހަސަން ލަތީފް، އިންތި، ދޮންބިލެތް، އާޒިމު މީގެން އެއްވެސް މެންބަރަކު ދުވަހަކުވެސް ދެކޮޅަށް ބަހެއް ބުނިތޯ؟ އަޅުގަނޑުގެ ނަޒަރުގައި ދެމީހަކު ހުރިހާ ކަމަކަށް އެއްވިސްނުން އައުން އެއީ ވަރަށް ނާދިރުކަމެއް. އެހެންނަމަވެސް މިއެންމެން ވަކި ގޮތަކަށް ތަބާވުން އަޅުގަނޑަށް ސިފަކުރެވެނީ އަޅުދާސްވުމާ. އަމިއްލަ މިނިވަން ވިސްނުމެއް ނެތް ބަޔަކު މަޖިލީހުގައި ތިބުމަކީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454