ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
15 މާޗް 2022 - 16:55
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލް ސްކޭލް އިމަޖެންސީ ހަރަކާތެއް މާދަމާ ބާއްވަން ނިންމައިފި އެވެ.
ރާއްޖޭގެ މައި އެއާޕޯޓް އޮޕަރޭޓްކުރާ ކުންފުނި، އެމްއޭސީއެލުން މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި، އެކްޓިން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ، މިފަދަ ހަރަކާތެއް ބޭއްވުމުގެ ބޭނުމަކީ އެއާޕޯޓަށް ޖައްސަން ދާ މަތިންދާބޯޓެއް ވެއްޓި ނުވަތަ ނުރައްކާތެރި ހާދިސާއެއް ހިނގާ ވަގުތެއްގައި އެއާޕޯޓުގެ އިމަޖެންސީ ޓީމުތައް ތައްޔާރުވެފައިވާ ވަރު ދެނެގަތުން ކަމަށެވެ.
މާދަމާގެ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް އޮންނަ މި ހަރަކާތް ބާއްވަނީ އާ ރަންވޭގަ އެވެ. ބޯޓެއްގައި އަލިފާން ރޯވެ، އެ ހާލަތުގައި ކަންކަން ކުރާނެ ގޮތަށް އެއާޕޯޓުގެ މުވައްޒަފުން ހަރަކާތްތެރިވާނެ އެވެ.
އެމްއޭސީއެލާއެކު މި އޮޕަރޭޝަންގައި އެންމެ އިސްކޮށް ބައިވެރިވާ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، މި ހަރަކާތް ރޭވީ މީގެ ހަތަރު މަސް ކުރިން ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ މީހުންނަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި މިފަދަ އިތުރު ހަރަކާތްތައް ޑިޒާސްޓާ މެނޭޖްމެންޓާ އެކު ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލް ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް ތޯހާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:ފަޔާޒް މޫސާ/މިހާރު
"އަޅުގަނޑުމެން ވިލަރެސް ކޮށްގެން ހިންގާ މި ހަރަކާތަކީ ކޮވިޑަށް ފަހު ހިންގާ މިފަދަ އެންމެ ބޮޑު އެކްސަސައިޒް،" އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެމްގެ ޖެނެރަލް މެނޭޖަރު އާޒިނާ އަބްދުލް މަތީން ވިދާޅުވި ގޮތުގައި މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ އިމަޖެންސީ އެންމެ ބޮޑު އެކްސަސައިޒެވެ. ހަތަރު ގަޑި އިރަށް ކުރިއަށް ގެންދާ މި ހަރަކާތުގައި 28 މުއްސަސާއަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ފުލުހުންނާއި އެމްއެންޑީއެފާއި ގާލްގައިޑާއި ސްކައުޓާއި އެމްޓީސީސީ ބައިވެރިވާނެ އެވެ.
"މި ހަރަކާތުގައި 325 ވޮލެންޓިއަރުން ބައިވެރިވާނެ. އޭގެ ތެރޭގައި ވިކްޓިމްސް އާއި ކޯ-ރެސްޕޮންޑާސް ވެސް ހިމެނޭ،" އާޒިނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެބީ
15 March 2022
ކަމެއް ދިމާވީމަ ތިބޭނެ އައްޕަޗެއްހެން އަނގަ ހަދައިގެން ދެންހަދަންވީ ކިހިނެއްކަމެއް ނޭނގިފަ.
ކަންހިނގާގޮތް
15 March 2022
ތިގޮތަށް ދުރާލައި ރޭވިގެން ދެއްކުމަށްހިނގޭ ކިތަންމެ ތިކަހަލަ ޙަރަކާތެއް ފެނިއްޖެ. ތިކަން ނިމިދާނީ ފިސާރި ރަނގަޅަށް ފަލަސުރުޚީތަކެއް އަޅާލެވިގެން. އެކަމަކު ޙަޤީޤީ އިމަރޖެންސީއެއްދިމާވާދުވަހު ތިހުރިހައިބަޔަކުތިބޭނީ ޢާފިލްވެ، ހިލަވެފަ. ކަންއޮންނަގޮތް ހަނަދާންހުންނާނީ މަދުބައެއްގެ. އިމަރޖެންސީ ނިމިދާނީ ޗޮކުންގޮސް އެތައްބަޔަކަށާއި ތަކެއްޗަށް ގެއްލުންވެގެން. ދެންނެރޭނީ ބޮލުންނައްޓާލާފަ ބަޔާނެއް.
މުއަށްޒަފް
15 March 2022
ބޯނަސް ކޮޅު ރޯދައިގެ ކުރިން ލިބޭގޮތެއް ނެތްތަ