ގދ. ތިނަދޫ ހޮސްޕިޓަލް
28 މާޗް 2022 - 11:51
ގދ. ތިނަދޫގައި ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި އޭނާ އަށް މިހާރު ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 5 ޖަހާކަންހާއިރު ހިނގި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވީ އުމުރުން 18 އަހަރުގެ ފިރިހެނަކަށެވެ. އޭނާ އެކްސިޑެންޓުވީ ތިނަދޫ ފްލެޓްތައް ހިމެނޭ ސަރަހައްދު ތާރުއެޅި މަގުން އެހެން ސައިކަލެއްގައި ޖެހިގެން ކަމަށްވެ އެވެ.
"ގަވާއިދު ފަޅިން އޭނާ ދުއްވާފައި ދަނިކޮށް ސިގްނަލް ނުދީ ސައިކަލެއް އަނެއް މަގުން ނުކުތީމާ އެ މީހުން ގައިގައި ނުޖެހޭ ގޮތަކަށް ހަދަން އުޅެގެން އަޅުގަނޑުގެ ދަރިފުޅަށް ބޮޑުވަރުވީ. އަނެއް ސައިކަލުގައި އިނީ މާބަނޑު މީހަކާއި ކުޑަ ކުއްޖެއް،" އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާގެ މަންމަ، ފާތިމަތު ޝަނީޒާ "މިހާރު" އަށް ކިޔައިދިނެވެ.
އޭނާ ބުނީ ސައިކަލު ކަހާލައިގެން ވެއްޓި ތާރުގަނޑުގައި ކޭތި އޭނާގެ ދަރިފުޅުގެ ކަންފަތް ކައިރި ވަރަށް ބޮޑަށް ގޭނިފައިވާ ކަމަށެވެ. އަދި ލޯ ވެސް މިހާރު ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށާއި އެންމެ ބޮޑަށް އަނިޔާވީ ބޮލަށް ކަމަށެވެ.
"އެކްސިޑެންޓުގައި އޭނާގެ ސިކުނޑި އަށް ވަރަށް ބޮޑަށް ލޭއެޅިފައި އޮތީ،" ޝަނީޒާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެކްސިޑެންޓުވެގެން ދަރިފުޅު ގެންދިއުމުން ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާދޭން ވަރަށް ބޮޑަށް ލަސްވި އެވެ.
ޝަނީޒާ ބުނިގޮތުގައި، ކުއްޖާގެ ޓެސްޓްތަކެއް ހެދިޔަސް މާލެ ފޮނުވިއިރު އާއިލާ އަށް އެއިން އެއްވެސް ލިޔުމެއް ހަވާލެއް ނުކުރެ އެވެ.
"އެކްސްރޭއެއް ނެގި. އެކަމަކު އޭތިދީފައި ފަހުން ޑޮކްޓަރު އެ ހިފައިގެން ދިޔަ ގޮތަށް އެ ވެސް ނުދޭ. ޓެސްޓްތަކެއް ހެދިޔަސް އެ ކުއްޖާ އޮތީ އޮކްސިޖަން އެކަނި ދީފައި ބާއްވާފައި. އާސަންދަ ހަމަޖެހުނަސް އެތަނުން (ހޮސްޕިޓަލުން) ބުނީ ކުއްޖާ ކޮވިޑަށް ފޮޒިޓިވްއޭ. އެހެންވެ ފްލައިޓެއްގައި މާލެ ނުފޮނުވުނީ. އޭރު ވެސް އާއިލާ ގާތު ޑޮކްޓަރު ބުނީ ވީއެންމެ އަވަހަށް މާލެއަށް ފޮނުވަންޖެހެޔޭ،" އޭނާ ބުންޏެެވެ.
އޭނާ ބުނީ އެންމެ ފަހުން ކުއްޖާ މާލެ ގެނައީ އާއިލާގެ މީހުންނާއި ދާއިރާގެ މެމްބަރުން އެކި ގޮތްގޮތަށް މަސައްކަތްކޮށްގެން އެ ރޭ ދަންވަރު 3 ޖަހަނިކޮށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި ކަމަށެވެ.
ޝަނީޒާ ބުނީ އޭނާގެ ދަރިފުޅު ކޮވިޑަށް ޕޮޒިޓިވް ކަމަށް ބުނެ މާލެ ފޮނުވުން ލަސްކުރިޔަސް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުން ޓެސްޓްކުރިއިރު ބައްޔަށް ނެގެޓިވް ކަމަށެވެ.
"އެ މީހުން ޕޮޒިޓިވްއޭ ކިޔައިގެން ކުއްޖާ މާލެ ފޮނުވުން ލަސްކުރީ ހަމަ. އެކަމަކު މިކޮޅުން [އޭޑީކޭ] އިން ޓެސްޓްކުރިއިރު ނެގެޓިވްއޭ. އެހެންވެ 11 ގަޑިއިރު ލަސްވި އެކަށީގެންވާ ފަރުވާ ނުދެވި،" އެއްވެސް ލިޔެކިޔުމެއް ނެތުމުން އަލުން ހުރިހާ ޓެސްޓެއް ހަދައި ފަރުވާ ފަށަން ޖެހުނު ގޮތް އޭނާ ކިޔައިދިނެވެ.
A medical evacuation of a 18-year-old male in critical condition has been carried out from Dr. Abdul Samad Memorial Hospital to Male' City by MNDF Southern Area Command via MNDF Helicopter last night at 2:55hrs pic.twitter.com/bNnTwu2rQR
— Maldives National Defence Force (@MNDF_Official) March 27, 2022
އޭޑީކޭ އިން އޭނާ ބެލި ޑޮކްޓަރާ ހަވާލަދީ ޝަނީޒާ ބުނީ ތިނަދޫ ހޮސްޕިޓަލުން ކުއްޖާގެ ލޮލަށް ވެސް އެއްވެސް ފަރުވާއެއް ދީފައި ނުވާ ކަމަށެވެ.
"ޑޮކްޓަރުން ބުނީ ލޮލަށް އެހާ ބޮޑުވަރުވީ ފަރުވާ ލަސްވީމައޭ. އެކީ ދުޅަވެފައި އޮތީ،"
އޭނާ ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވާއިރު ކަނާއަތުގެ ކުޑަ އިނގިލި ވެސް ބިނދިފައިވާ ކަމަށް ބުންޏެވެ. އަދި ސިކުނޑީގައި ލޭހެދިފައިވާތީ ސާޖަރީއެއް ހަދާފައިވާ ކަމަށާއި ދުވަސްކޮޅެއް ވަންދެން އައިސީޔޫގައި ބާއްވަން ޖެހިދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ މަންމަ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންނާނު
28 March 2022
ނިކަމެޗެއްގެ ކުއްޖެއްނަމަ ތިވަރުވެސް ނުވީސް ތިވާނީ ކަމުވޮށިގެންވާ ބޭފުޅެއްގެ ކުއްޖަކައް
ލުތުފީ
28 March 2022
އަނިޔާވި ޒުވާނާއަށް އަވަސް ޝިފާއަކަށް އެދެން. ޒުވާ ބާރަށް ދުއްވުމުގެ ސަބަބުން ދިމާވިކަމެއްކަމަށް. އެހެންވީމަ، އަނެކާ ކުއްވެރިކުރުމުގެ މާނައެއްނެތް. މިކަހަލަ ކަންކަމުން އެންމެންވެސް ޢިބުރަތް ލިބިގަނެ، ސްޕީޑް މަޑުކުރަންވީ.
ރަދީފްއޮފިޝަލް
28 March 2022
ތަހްގީގްނުކޮށް ކަލޭމެން އަނިޔާ ލިބުނު ފަރާތަށް ހެޔޮ ދުއާކޮއްބަލަ.ކިހިނެއްވެގެންތަ ތިޔާ އުޅެނީ!! ސޮރީ ބްރޯސް.ހެހެހެހެހެހެ.ވވ.ވެދުން
ޢަޖައިބު
28 March 2022
މި ލިޔުމުގަ ގިނައިީ ދޮގު ވަހަކަ. ކަމެއް ވާއިރަށް ތަންތަން ނުވަތަ މީހުން ކުށްވެރި ކުރުމުގެ އާދަ ދިވެހިންގެ ކިބައިން ފިލާނީ ކޮން ދުވަހަކުން ބާއޭ ހިތަށް އަރާ. ޚަބަރު ލިޔާމީހުންވެސް ކަމުގެ ދެކޮޅު ބަލާލާނަމަ ދޯ. މިހާތަނަށް ހޮސްޕިޓަލުން އިމަޖެންސީގައި މާލެ ފޮނުވާލެވުނު އެންމެ އަވަސް އެއް ކޭސް އަށް މި ކޭސްވާނެ. މަ ހަމައަޖައިބު ވެއްޖެ މީހުން ދޮގު ހަދާވަރުން. އެހެން މީހުންގެ ސަމާލުކަން ހޯދަން ވެގެންތޯ ދޮގު ހަދަނީ.
އަޖައިބެއް !
28 March 2022
އަޖައިބެއް! އަވަސް ކަމުން 11 ގަޑި އިރު ތެރޭ ފޮނުވާލެވުނީ... 12 ގަޑި އިރު ހަމަ ނުކޮށް ކުރަންޖެހޭ ސާރޖަރީ ލަސްވެ ފަރުވާ ލަސްވެ ވެންޓިލޭޓަރުގަ އޮތީ ހަމަ ފޮނުވާލެވުނު އަވަސް ކަމުން.. ތީވެސް ސަމާލުކަން ގެންނަންވީ ކަމެއް ދޮގު ހެދޭ ވަރުން...
ހޮސްޕިޓަލް
28 March 2022
ތިނަދޫ ހޮސްޕިޓަލުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ. ތިނަދޫގައި ކިރިޔާވެސް ސެޓްފިކެޓް ގަނޑެއް އޮތް މީހެއްނަމަ، ސިޔާސީ ގޮތުން ބާރެއް އޮތް މީހެއް ނަމަ އުޅެނީ ހޮސްޕިޓަލުން ކޮންމެވެސް މަތީ މަޤާމެއް ހޯދަން. ހޮސްޕިޓަލުގައި ތިބި މީހުން އެ އުޅެނީ ހިންގާނެ ގޮތެއް ހަމަ ނޭނގިގެން. އެކަމެއް ޤަބޫލެއް ވެސް ނުކުރޭ. ޑޮކްޓަރުން ހަމަވަނީކީއެއް ނޫން. ޑޮކްޓަރެކޭ ބުނެ ކޮންމެ ސެޓްފިކެޓެއް ދެއްކިޔަސް ވަގުތުން ވަޒީފާވެސް ދެނީ. ބެލުމެއް، ރަނގަޅު ކުރުމެއް އަމުދުން ނެތް.
މުލޭ
28 March 2022
އެކްސިޑެންޓް ވުމުގައި ދަރިފުޅުގެ އެއްވެސްް މައްސަލައެއް ނެތްދޯ. ލައިސަންސް އޮތްތަ؟ އަބަދުުވެސް އަނެކާ ގޯސް ކުރުމުގެ ސަގާފަތެއް ދެމެހެއްޓުމުގައި އަހަރެމެންނަށް މިއުޅެވެނީ. އަވަސް ޝިފާއަކަށް އެދެން.
ހހހހ
28 March 2022
ކުއްޖާ އަކީ ލައިސަންސް އޮތް ކުއްޖެއް ކަމަށް ވަނީ. އަންހެންމިހާގެ ގޮތެއް ނޭނގޭ. އެކަކުވެސް ކުއްވެރި ނުކޮށް ، މީ މައްސަލަ ބަލާ ތަނަކަށް ނަހަދާ ހެޔޮ ދުޢާ ކުރަމާ.
ސުމޮން
28 March 2022
މަޑުން ދުއްވާ ނަމަ ފަސޭހައިން ކޮންޓްރޯލް ކުރެވޭނެ. ތިއޮތީ ދަރިފުޅަށްވެސް ބާރަށް ދެވިފަ.
ބޮޑުމީހާ
28 March 2022
ރާއްޖޭގެ ކޮންމެ ރަށެއްގައި ހެލްތު ސެންޓަރެއް ހަދައިގެން އެއްވެސްތާކުން ލިބެންޖެހޭ އަކަށީގެންވާ ފަރުވާއެއް ނުލިބޭ. ކޮންމެ އަތޮޅެއްގައި ޓާޝިއަރީ ހޮސްޕިޓަލެއް ހަދާ އެއްފަސްކުރަންވީ. މިރާއްޖެ ތަރައްގީ މިކުރަނީ ދެމެހެއްޓެނިވި ގޮތަކަށް ނޫން
ނައީމާ ޗައުހާން
28 March 2022
ކޮވިޑޭ ކިޔައިގެން އިމަޖެންސީ ފަރުވާ ލަސްކުރުމަކީ ބޮޑު ޖަރީމާއެއް. ކޮވިޑަކީ މިހާރު އެއްވެސް ހުއްޖަތެއްނޫން. ތިމައްސަލަ ބަލަންޖެހޭ!
ސަދަން
28 March 2022
ބައެއް ފަހަރު ކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަނީ