ކުޅިވަރު / ބުންޑެސްލިގާ

ބެޔާން މިއުނިކުން ވިދިވިދިގެން 10 ވަނަ ފަހަރަށް ބުންޑެސްލިގާ ކާމިޔާބު ކޮށްފި

އަމިއްލަ ދަނޑުގައި ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް ބަލިކުރުމަށް ފަހު ލީގު ޗެމްޕިއަންކަން ޔަގީން ކޮށް، ބެޔާންގެ ކުޅުންތެރިން އުފާފާޅުކުރާއިރު މުލާ އެންމެ ކުރީގައި. މިއީ މުލާ ބުންޑެސްލިގާ ކާމިޔާބުކުރި 11 ވަނަ ފަހަރު.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (23 އޭޕްރީލް) – އަމިއްލަ ދަނޑުގައި ބޮރޫޝިއާ ޑޯޓްމަންޑާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބު ކޮށްގެން ބެޔާން މިއުނިކުން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ޖަރުމަން ބުންޑެސްލިގާ ކާމިޔާބު ކޮށްފި އެވެ.

ބެޔާނުން މިސީޒަނުގެ ލީގު ކާމިޔާބުކުރީ ބާކީ ތިން މެޗު އޮއްވައި، މިހާތަނަށް ކުޅުނު 31 މެޗުން 75 ޕޮއިންޓް ހޯދައިގެންނެވެ. ބެޔާން ލީގުގައި މިހާތަނަށް ހަތަރު މެޗުން ބަލި ވެފައި ވާއިރު ތިން މެޗު ވަނީ އެއްވަރު ވެފަ އެވެ. އެޓީމާ އެންމެ ގާތުން ވާދަކުރީ ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑެވެ. ޑޯޓްމަންޑް މިހާތަނަށް ކުޅުނު 31 މެޗުން ހޯދިފައި ވަނީ 63 ޕޮއިންޓެވެ.

ލީގު ކާމިޔާބު ކުރުމާ އެކު ބެޔާން މިއުނިކް ވެފައި ވަނީ ޔޫރަޕުގެ އެންމެ މަތީ ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން 10 ފަހަރަށް ލީގު ކާމިޔާބުކުރި ފުރަތަމަ ކުލަބަށެވެ. މި ރެކޯޑާ އެންމެ ގާތަށް ދިޔައީ ޖެހިޖެހިގެން ނުވަ ފަހަރު އިޓާލިއަން ސެރީ އޭ ކާމިޔާބުކުރި ޔުވެންޓަސް އެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ޔުވެންޓަސް އިން 10 ވަނަ ފަހަރަށް ލީގު ކާމިޔާބުކުރަން ހުރަހަކަށް ވީ އިންޓަ މިލާނެވެ.

ބެޔާންގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު ކުޅުންތެރިން އުފާފާޅޫކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެލިއެންޒް އެރީނާ ގައި ކުޅުނު މެޗުގައި ބެޔާންގެ ފުރަތަމަ ލަނޑު 15 ވަނަ މިނިޓުގައި ޖެޖީ ސާޖް ގްނަބްރީ އެވެ. އޭނާ މި ލަނޑު ޖެހީ ޔޯޝުއާ ކިމިކް ނެގި ކޯނަރެއް ލިއޯން ގޮރެޓްޒްކާ ބޮލުގައި ޖެހިފައި ލިބުނު ބޯޅައަކުންނެވެ. އޭގެ 15 މިނިޓު ފަހުން ގްނަބްރީ ދެވަނަ ގޯލެއް ޖެހި ނަމަވެސް ވީއޭއާރު ބަލައި ނިންމީ އޭނާ އޮފްސައިޑު ކަމަށެވެ. ނަމަވެސް 34 ވަނަ މިނިޓުގައި ރޮބާޓް ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހައި ބެޔާން އަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.

ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ލަނޑެއް ޖަހައި ޑޯޓްމަންޑުން ފަރަގު ކުޑަ ކުރި އެވެ. މެޗުގެ 52 ވަނަ މިނިޓުގައި ޑޯޓްމަންޑަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އެމްރޭ ކޭން އެވެ. މި ޕެނަލްޓީއަކީ ޑޯޓްމަންޑުގެ މާކޯ ރޮއިސް އަށް އޭރިއާ ތެރެއިން ކިމިކް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

މެޗުގެ 60 ވަނަ މިނިޓުގައި ބެންޖަމިން ޕަވާޑް ޑޯޓްމަންޑުގެ ޖޫޑް ބެލިންގްހަމް އަށް ހުރަސް އަޅަން އުޅުމުގެ ތެރޭގައި ފައުލްކުރި ކަމަށް ބުނެ ޑޯޓްމަންޑުން އެޕީލް ކުރި އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އެއީ ޕެނަލްޓީ ދޭ ވަރުގެ ފައުލެއް ނޫން ކަމަށް ނިންމައިފަ އެވެ.

މިރޭގެ މެޗުގައި ބެޔާންގެ ދެވަނަ ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްލީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބެޔާންގެ ތިންވަނަ ލަނޑު 83 ވަނަ މިނިޓުގައި ޖެހީ ގްނަބްރީގެ ބަދަލުގައި ދެވަނަ ހާފުގައި ކުޅެން އެރި ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއަލާ އެވެ. މުސިއާ ފުރަތަމަ ފޮނުވާލި ހަމަލާ ޑޯޓްމަންޑުގެ ގޯލްކީޕަރު މާވިން ހިޓްޒް ދިފާއު ކުރި އެވެ. އޭނާ މި ލަނޑު ޖެހީ ހިޓްޒްގެ އަތުގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ބޯޅަ ޑޯޓްމަންޑުގެ ރަފައެލް ގުރޭރޯ އަށް ސާފްކޮށް ނުލެވި އުޅެނީސް މާސެލް ސަބިޓްޒާ ހޯދާފައި ދިން ބޯޅައިންނެވެ.

މި މޮޅާއެކު ބެޔާން މިއުނިކުން ވަނީ ލީގުގައި ޑޯޓްމަންޑާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ހަތް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. މިސީޒަނުގެ ލީގުގައި މި ދެޓީމު ކުޅުނު ފުރަތަމަ މެޗު ބެޔާން ކާމިޔާބުކުރީ 3-2 އިންނެވެ.

މިއީ ބެޔާން މިއުނިކުން ބުންޑެސްލިގާ ކާމިޔާބުކުރި 31 ވަނަ ފަހަރެވެ. އެންމެ ގިނައިން ބުންޑެސްލިގާ ކާމިޔާބު ކޮށްފައި ވަނީ ވެސް ބެޔާން މިއުނިކުންނެވެ. ދެވަނައަށް އެންމެ ގިނަ ފަހަރަށް ބުންޑެސްލިގާ ނެގީ ޑޯޓްމަންޑާއި ބޮރޫޝިއާ މޮންޗެންގްލަޑްބާޝް އެވެ. ދެ ޓީމު ވެސް ވަނީ ފަސް ފަހަރު ލީގު ކާމިޔާބު ކޮށްފަ އެވެ.

މުސިއަލާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޖަރުމަން ފުޓުބޯޅައިގައި ވެސް އެންމެ ގިނައިން ވާދަ ކޮށްފައި ވަނީ ބެޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑެވެ. މިރޭގެ މެޗަކީ މި ދެޓީމުގެ 133 ވަނަ ކުރިމަތިލުމެވެ. ލީގުގައި މި ދެޓީމު 108 މެޗު ކުޅެފައި ވާއިރު އޭގެ ތެރޭން ބެޔާން ވަނީ 53 މެޗު ކާމިޔާބު ކޮށްފަ އެވެ. ޑީޓްމަންޑަށް ކުރި ހޯދުނީ 26 މެޗުންނެވެ.

މީގެ އިތުރުން މިއީ މި ސީޒަނުގައި ބެޔާންއާ ހަވާލުވި 34 އަހަރުގެ ކޯޗު ހޫލިއަން ނާގަލްސްމަންގެ ފުރަތަމަ ލީގު ތަށްޓެވެ. އަދި މިއާއެކު އޭނާ ވެފައި ވަނީ ޖަރުމަން ތާރީހުގައި ވެސް ލީގު ކާމިޔާބުކުރި ދެވަނައަށް އެންމެ ޒުވާން ކޯޗަށެވެ.

ބެޔާން ވަނީ މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލާ ހަމައިން ކަޓައިފަ އެވެ. އަދި ޖަރުމަން ކަޕުގެ ދެވަނަ ބުރުން ކެޓި ނަމަވެސް ޖަރުމަން ސުޕަ ކަޕް ކާމިޔާބު ކުރި އެވެ. ބެޔާނުން ސުޕަ ކަޕް ކާމިޔާބު ކުރީ ވެސް ޑޯޓްމަންޑް ބަލިކޮށްފަ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ އަލީ އ

24 April 2022

ކަލޯ ތިލީގުގަ ކުޅެނީވެސް އެއްމެ ޓީމެއް! ތިޔައީ ފާމާ ލީގެއްނު! މަމެން ގޭދޮށު ކަޕްގަ ވިދިވިދިގެން 132 ފަހަރު މަ ނެގިން! ކަމެއްހެން ހީވޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454